ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ. އާރ. ޑަބްލިޔު. އާރ. އޭ. ބީ. ތޮރަޑެނިޔަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ސަފީރުގެ، ސަފީރުކަމުގެ ދައުރުގައި އެކިއެކި ދާއިރާއިން ރާއްޖެއާ ސްރީލަންކާއާ ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ލަންކާ ސަރުކާރުގެ ސަފީރެއްގެ ހައިޞިއްޔަތުން ރާއްޖޭގައި ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީތީ އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވައިފައެވެ.