މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރުއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަޙްޤީޤާބެހޭ ގޮތުން ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވައި މިކަމާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އެކުލަވާލައި، މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެ ކޮމިޝަނަށް ޤާނޫނީ ބާރުތަކެއް ދީފައިވަނީ ވަރަށް މުހިންމު އަދި މާތް މަޤްޞަދެއްގައި ކަމުގައެވެ. އަދި، އޭގެ ތެރެއިން އެއްކަމަކީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިޟުވާނަށް ވީގޮތެއް ހޯދައި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް އަދި އެފަދަ ކަންތައްތައް ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާތަނަށް ކޮމިޝަނުން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައި ރިޟުވާންގެ މައްސަލަޔާ ގުޅޭގޮތުން 2 ޑްރާފްޓް ރިޕޯޓެއް އެކުލަވާލައްވައި އެމަނިކުފާނަށް ހުށަހަޅުއްވާފައިކަމުގައެވެ. އަދި، އެ ކޮމިޝަނުން އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ހާމަކުރެއްވި މަޢުލޫމާތުތަކާ ގުޅިގެން ރިޟުވާންގެ ޢާއިލާއާއި ގާތް ރައްޓެހިންނާ ބައެއް އާންމުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާޅުކުރަމުން ގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި، މި މައްސަލައާއި ގުޅިގެން މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން އެފަދަ ފަރާތްތަކުން ފާހަގަކުރައްވާކަމަށާއި، އަދި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަންތައްތަކެއް ހުރިކަން ވެސް އެފަދަ ފަރާތްތަކުން ފާހަގަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން މިކަމާގުޅޭގޮތުން މިހާރުން މިހާރަށް ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބެއްލެވުމައްޓަކައި އެމަނިކުފާނު އިއްޔެ ކަމާބެހޭ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވަވާފައިވާކަމުގައި ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލާއި، ޕްރޮސެކިއުޓަރ ޖެނެރަލާއި، ފުލުހުންނާއި، ސިފައިންގެ އިތުރުން މަރުތައް ބަލާ ކޮމިޝަނުގެ ބޭފުޅުން ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން ތަހްޤީގަށް ހާޒިރުކުރަންޖެހޭ ފަރާތްތައް އެބަތިބި، ފުރުން މަނާކުރަންޖެހޭ ފަރާތްތައް އެބަތިބި. އަދި ހައްޔަރުކުރަން ޖެހިއްޖެއްޔާ ހައްޔަރުކުރަންޖެހޭ ފަރާތްތައް އެބަތިބި. މިކަންތައްތައް ކުރެވެން އަންނަނީ މިހުރިހާ މުއައްސަސާއެއް ގުޅިގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިއްޔެ ބޭއްވެވި އެ ބައްދަލުވުމުގައި ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގެން ނިންމެވި ކަންތައްތަކަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައްތައް ހަލުވިކަމާއެކު ކުރުމަށާއި، ކަންބޮޑުވުންތައްހުރި ކަންތައްތައް ދެނެގަނެ ބަންދުކުރަންޖެހޭ މީހަކު ހުރިނަމަ އެމީހަކު ބަންދުކޮށްގެންވެސް ތަޙުޤީގު އިތުރަށް ކުރިއަށް ގެންދިއުމާއި މި މައްސަލައިގެ ރިޕޯޓް ވީހާވެސް އަވަހަކަށް ނިންމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިސަރުކާރެއް، އަޅުގަނޑެއް ފަހަތަކަށް މިކަމުގައެއް ނުޖެހޭނަން. އަޅުގަނޑުމެން މިތިބީ ކުރަންޖެހޭ ކޮންމެކަމެއް މިކަމުގައި ކުރަން. ކުރިޔަށް މިކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން. މި މައްސަލަ ކުރިޔަށް ގެންދާއިރުގައި ބައެއް ޤާނޫނުތަކަށް ބަދަލުގެންނަން ޖެހޭކަން ފާހަގަކުރެވޭ. ޚާއްޞަކޮށް ޓެރަރިޒަމްގެ ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި މިހާރުން މިހާރަށް ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށްވެސް ބަދަލުތައް ގެންނަންޖެހޭކަމަށެވެ. މިގޮތުން ޓެރަރިޒަމުގެކުށާ އަދި ދަޢުލަތުގެ މަޞްލަހަތާގުޅޭ ކަމެއްގައި ހައްޔަރުކުރެވޭ މީހަކު ތަހްޤީގުކޮށް ނިމެންދެން ހައްޔަރުކޮށްފައި ބަހައްޓަން ޖެހިދާނެ ހާލަތެއް އަތުވެދާނެކަމަށް ވިސްނައިގެން އެޖާގަ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުން ލިބެންވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމުގެ މަސައްކަތް ކުރިޔަށްދާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި، މި މައްސަލައިގެ ތަޙްޤީޤު ނިންމައި ފުރިހަމަ ރިޕޯޓެއް ތައްޔާރުކުރުމުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި، އެމަނިކުފާނު އެކަން ކަށަވަރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.