ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރނަރ ކަމުގެ މަޤާމަށް މައްޗަންގޮޅި ޑާޗާ، ޢަލީ ޙާޝިމް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަޤާމަށް ހައްދުންމަތި ކަލައިދޫ، އީރާފް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރައްވައިފިއެވެ.

މި ބޭފުޅުން މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ވަކިވަކީން ބޭއްވެވި ދެ ރަސްމިއްޔާތުގައެވެ.

އެމްއެމްއޭގެ ގަވަރނަރ ކަމުގެ މަޤާމަށް ޢަލީ ޙާޝިމް ޢައްޔަން ކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ޢަލީ ޙާޝިމް އެމަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، ވަނީ ޙަވާލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ޝަރީފް، ޖޭއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛު ޢަލީ ޝަރީފް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛު ޢަލީ ޝަރީފް، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛު ޢަލީ ޝަރީފަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ޝަރީފާ ވަނީ ޙަވާލުކުރައްވައިފައެވެ.