ރާއްޖެ ލާމަރުކަޒީ ވެގެންދާއިރު އަންހެންބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑަށް އިތުރުކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންގެ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑާސް ތަމްރީން ކޭމްޕު ނިންމުމުގެ ގޮތުން ކ. މާފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.


"އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތޭ، ޚާއްޞަކޮށް ތިޔަ އެންމެހާ ކުދީންނަށް މި ލިބިގެންދިޔަ ތަމްރީނުތަކަކީ، ލިބިގެންދިޔަ ފިލާވަޅުތައް ދަސްކުރެވި، ކޮންމެ ކަމަކީ މުސްތަޤްބަލުގައި ބޭނުން ކުރާނެ ކަންތައްތަކެއްކަން" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.


އަންހެން ބޭފުޅުންނަކީ މުޅި ޤައުމު ތަރައްޤީވެގެންދާއިރު އެމަސައްކަތުގައި ދެބައިކުޅައެއްބައި ޙިއްޞާކުރަންޖެހޭ ބައެއް ކަމަށާ އެހެންވީމާ ދިވެހިރާއްޖެ ލާމަރުކަޒީ ނިޒާމަކަށް ދަތުރުކުރަމުންދާއިރު އަންހެންބޭފުޅުންގެ ޙިއްޞާ ވަރަށްބޮޑަށް އިތުރުކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.


ކޭމްޕު ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މުސްތަޤުބަލުގައި ދިރިއުޅުމަކާ ކުރިމަތިލާއިރުވެސް އަމިއްލައަށް ކަންތައްތައް ކުރަންދަންނަ، ހުނަރުވެރި ބަޔަކަށް ކުދިން ވާންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި އެހެން މީހުންނާއެކު މަސައްކަތްކުރާއިރު އަބަދުވެސް އޯގާތެރިކަން އިސްކުރުމާ، އެހެން މީހުންނަށް އަބަދުވެސް ހެޔޮއެދިގެން ކުލުނާއެކު މަސައްކަތްކުރެވޭނެ ފަދަގޮތަކަށް ވިސްނުން ބަހައްޓަން ދަސްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.