ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރާއި މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި މިހާރު ކުރިޔަށްދާ 4 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި އިންޑިޔާގެ ޒަމާންވީ ގާތް ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރަށް އެކްސްޓަރނަލް އެފެއާޒް މިނިސްޓަރގެ މަގާމު ލިބިވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ކުރިން އަދާކުރެއްވި ފޮރިން ސެކްރެޓަރީގެ މަޤާމުގައި ހުންނަވައިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާ ކުރެއްވިއެވެ. މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުކަމުގައި ހުންނެވި ސުޝްމާ ސްވަރާޖް އަވަހާރަވުމަކީ އިންޑިއާއަށް ލިބުނު ފޫ ނުބެއްދޭވަރުގެ ގެއްލުމެއްކަން ފާހަގަކުރައްވައި ތަޢުޒިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރާއްޖެ ތަރައްޤީކުރުމާއި، ވިޔަފާރިއާއި، ސަރަޙައްދީ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، މިކަންކަމުގެ ނަތީޖާއަށް ވާޞިލުވުމަށްޓަކައި ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައި ވެވުނު އެއްބަސްވުންތަކާއި، މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގެ ސަބަބުން ވެސް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ އިންޑިޔާގެ ރައީސަށާއި ބޮޑުވަޒީރަށް އުފާ ފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ.