ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ސްރީލަންކާގެ ބޮޑުވަޒީރު މިއަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ދެ ބޭފުޅުން މި ބަޔާން ދެއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ބަޔާނުގައި ދެބޭފުޅުން ވަނީ ލަންކާއާ ރާއްޖެއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާއަކީ ރާއްޖެއާ އެންމެ ކައިރީގައި އޮތް އަވައްޓެރި ޤައުމުގެ އިތުރުން ތާރީޚީ ގޮތުންނާއި އާދަކާދައާ ސަޤާފަތަށް ބަލާއިރުވެސް މި ދެ ޤައުމަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ. މިގުޅުމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުންތަކާއިބެހޭގޮތުން ލިޔެވިފައިވާ ތާރީޚަށްވުރެވެސް އިހުގެ ގުޅުމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ލަންކާއިން އެކިރޮނގުތަކުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ޞިއްޙީދާއިރާއާ ތަޢުލީމީ ދާއިރާއާ ދިފާޢީ ދާއިރާގެ އިތުރުން ޒުވާނުން ތަރައްޤީކުރުމާ ގުޅޭ ދާއިރާއާއި ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި ވަޞީލަތްތައް ތަރައްޤީކުރުމަށް ލަންކާއިން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ދެ ލީޑަރުން މީޑިޔާއާއި ހިއްޞާކުރެއްވި ބަޔާނުގައި މިއަދު ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައި ވެއެވެ. އެގޮތުން ވިސާގެ ކަންކަން ފަސޭހަކުރުމަށް މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ލަންކާއަށް ކިޔަވަންދާ ކުދިންގެ ބެލެނިވެރިންނަށް ވިސާ ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޞިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ލަންކާއަށް ޞިއްޙީ ޚިދުމަތް ހޯދަން ދަތުރުކުރާ ފަރާތްތަކަށް ލަންކާއިން ދޭ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަގޮތެއްގައި ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް ކުރުމަށް ލަންކާގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ލަންކާ ސަރުކާރުން ނިންމަވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމުގެ ދާއިރާއަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވައި މިއަދު އެ ދާއިރާއިން ލަންކާއާއެކު ބަދަލުކުރެއްވި 2 އެއްބަސްވުމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މަތީ ތަޢުލީމުގެ ދާއިރާއިންނާއި ޒުވާނުން ތަރައްޤީކުރުމާއި މީހުން ބިނާކޮށް ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ލަންކާއާއިއެކު ބަދަލުކުރެވުނު އެއްބަސްވުންތަކުގައި ހިމެނޭ މުހިންމު ކަންކަން ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދެޤައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ މައްސަލަތަކާމެދުވެސް ދެލީޑަރުންގެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޓެރަރިޒަމްގެ ނުރައްކާ ތަކުން ސަލާމަތްވުމާއި ބެހޭގޮތުން ވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވިކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ޓެރަރިޒަމްގެ ނުރައްކާތަކާއި ޙައްދުފަހަނައަޅާދިއުން ހުއްޓުވުމަށް ސަރަހައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ލަންކާގެ ބޮޑު ވަޒީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅާއި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުންތަކަކީ މާކުރިއްސުރެ ދެޤައުމުގެ ރައްޔިތުންގެ މެދުގައި ކުރިއަރަމުން ތަރައްޤީވަމުން އައިސްފައިވާ ގުޅުންތަކެއްކަން ފާހަގަކުރެއްވިއެވެ. މިހާރު ދެސަރުކާރުގެ މެދުގައި ގުޅުންތައް ޤާއިމުކުރެވިފައިވާ ދާއިރާތަކާއި އިތުރު އައު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިވެހީންނަށް ލިބިދޭ ޞިއްޙީ ޚިދުމަތްތަކުގެ އިތުރުން ލަންކާގެ ތަޖުރިބާއާއެކު ރައްޖޭގައި ޞިއްޙީ ޚިދުމަތް ފުޅާކޮށް މީހުން ބިނާކުރުންފަދަ ކަންކަމުގައި އެހީތެރިކަން އިތުރުކުރަން ޤަސްތުކުރައްވާކަން ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ކިޔަވާކުދިންނަށް ވިސާގެ ކަންކަން ފަސޭހަކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މަތީ ތައުލީމުގެ ދާއިރާއިން ރާއްޖޭގެ ދަރިވަރުންނަށް ލަންކާއިން ލިބޭ ފުރުޞަތު ތަކުގެ އިތުރުން ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އިޤްތިޞާދީ ދާއިރާއާއި އިޖުތިމާޢީ ދާއިރާއިން ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
ބޮޑު ވަޒީރުގެ ވާހަކަފުޅުގައި ލަންކާއަށް މިއަހަރު ހިންގި ބޮންގޮއްވުމުގެ ހާދިސާގެ ދަތި ވަގުތުގައި ރާއްޖެއިން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ޓެރަރިޒަމްފަދަ ނުރައްކާތަކަކީ ހުރިހާ ޤައުމަކަށް ވެސް އޮތް ބިރެއްކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ލަންކާގެ ބޮޑުވަޒީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއާއި ލަންކާއަށްވެސް އޭގެ ނުރައްކާ އޮތް ކަމެއްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރާނެކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސަރަޙައްދުގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.