ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ސްރީލަންކާގެ އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރަސްމީ ޖާފަތެއް ބާއްވަވައިފިއެވެ. މި ޖާފަތް ބާއްވާފައިވަނީ މިއަދު މެންދުރު ކުރުނބާ މޯލްޑިވްސްގައެވެ.
މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ދެޤައުމުގެ ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ރާއްޖެއާއި ސްރީލަންކާގެ ގުޅުމަކީ އެތަކެއް ޖީލުތަކަށް ޚާއްޞަކޮށް ވިޔަފާރިއާއި، ދަތުރުފަތުރުގެ ދާއިރާއިން ދެމިގެންގޮސްފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި، މިގުޅުން މިއަދު ވަނީ ޒަމާނީ އޮއިވަރަށް އައި ބަދަލުތަށް ކަޑައްތުކޮށް ބޭރު ދުނިޔޭގައި އަދި ދެޤައުމުގެ ދޭދޭ ގުޅުމަށް ބަލާއިރު އިތުރަށް ބަދަހިވެފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ، ސްރީލަންކާގެ ބޮޑުވަޒީރު އިސްވެ ހުންނަވައިގެން މާދަމާ ކުރިޔަށް ގެންދިޔުމަށް ހަމަޖެފައިވާ އޮތް 4 ވަނަ އިންޑިއަން އޯޝަން ކޮންފަރަންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން، މި ކޮންފަރެންސްގައި މަޝްވަރާކުރާ މައިގަނޑު މަޤްޞަދު ކަމުގައިވާ އިންޑިއާ ކަނޑުގެ ސަރަޙައްދަށް ދިމާވާ ނުރައްކާތަކުން ރައްކާތެރިވުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުން ވެގެންދާނީ ރާއްޖޭއާއި ސްރީލަންކާ އާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާވ ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން އެދިލައްވާކަމުގައި ވިދާޅުވެފައެވެ.