ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ސްލޮވޭކިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ އެލެގްޒޭންޑަރ އިލާސްޗިކް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްލޮވޭކިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ސްލޮވޭކިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ސްލޮވާކް ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި، ސްލޮވޭކިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، އޭނާއަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައީސް ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ތަރައްޤީއާއި ކުރިއެރުން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.