ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކޮޅުމަޑުލު އަތޮޅު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ކޮޅުމަޑުލުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮދުވުން ތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ އަތޮޅުގެ 13 ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމެވެ. އަދި ހުރިހާ ރަށަކުންވެސް 24 ގަޑިއިރު ބޭސް ލިބޭނެ އިންތިޒާމް ފަހިކޮށްދެއްވުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުން އެދިވަޑައިގެންފައިވެއެވެ. ސީ އެމްބިއުލާންސްގެ ޚިދުމަތުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި އެޚިދުމަތާއިމެދު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ. މީގެއިތުރުން އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކަށް ބާރުވެރިކަން ހޯދަދިނުމާބެހޭގޮތުން ވެސް މިބައްދަލުވުމުގައި ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ. އަތޮޅުގެ ފެރީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަތޮޅުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.