މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 129 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެ ވަޑައިގެންފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަސްޓަމްސްއިން ކުރަމުން އަންނަނީ މުހިންމު އަދި ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރައްވައި އެ މަސައްކަތްތަކުގައި ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ދެމި ތިއްބެވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޚިދުމަތްދިނުމުގައި ހަމަހަމަ ކަމާއެކު އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ވީހާވެސް ހަލުވިމިނެއްގައި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ.

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކަސްޓަމްސް އޮފިސަރުންގެ ތެރެއިން ޑަބްލިއު.ސީ.އޯ މެރިޓް ސެޓްފިކެޓް ހާޞިލުކުރި އޮފިސަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. އަދި ކަސްޓަމްސްގެ 130 ވަނަ އަހަރީ ދުވަހަށް ތައްޔާރުކޮށްފައިވާ ލޯގޯ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިޙަފްލާގައި ދެއްކެވި ވާހަކަފުޅުގައި މިއަދު ހދ. ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަނޑުންޖަހާލި ހާދިސާގައި ނިޔާވި 5 ބޭފުޅުންގެ އާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.