ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލުގެ ދެރަށަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތ. ވިލުފުށީ ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި އެރަށުގެ ބައެއް މަސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ބުރުނީ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވަހަކަފުޅުގައި ލާމަރުކަޒީ ޤާނޫނު އިޞްލާހުވެގެން އަންނައިރު ރަށްރަށުގައި ހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި ޤާނޫނަށް ގެންނަ އިޞްލާހުތަކާ ގުޅިގެން ޙައްލު ލިބި ފަސޭހަވެގެންދާނެ ބައެއްކަންކަމުގެ މައުލޫމާތު މި ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރެއްވިއެވެ.
މިބައްދަލުވުމުގައި ވިލުފުށީ ކައުންސިލަރުން ވަނީ ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ބޯހިޔާކަން ހޯދައިދިނުމަށް އިމާރާތް ކުރި ގެތަކުގެ ރެޖިސްޓްރީގެ މައްސަލަ ޙައްލު ނުވާކަން ފާހަގަކޮށްފައެވެ. އަދި އެ ސަރަހައްދުގައި ރިޒޯޓެއް ތަރައްޤީކުރަން ބޭނުންވާކަމާއި ރަށުގެ ބޮޑު މިސްކިތް މަރާމާތު ކުރަންޖެހިފައި ވުމާއި ބޭންކުގެ ޚިދުމަތް ރަށުގައި ލިބެންނެތުމުގެ މައްސަލައާ ޞިއްޙީ ޚިދުމަތާއި ތަޢުލީމީ ދާއިރާއިން ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ޕަބްލިކް ވޯކްސްގެ ޚިދުމަތް ހަރުދަނާކުރުމާއި ނަރުދަމާ ނިޒާމުގެ މަރާމާތު ކުރަންޖެހޭ ކަންކަން ކައުންސިލާއި މުއައްސަސާތަކުގެ ވެރިން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވިލުފުށީ މަސްވެރިންގެ ފަރާތުން ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަނެއް ރައީސްއަށް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މަސްވެރިންގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އެސަރަހައްދުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި ކަނޑައިގެން ގޮސްފައިވާތީ ދިމާވާ މައްސަލަތަކާއި ރަށާ ކައިރިން އައިސް ލިބެންނެތުމާއި މަސްކިރަން ދިގު ދަތުރެއް ކުރަންޖެހުންފަދަ ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މަސްވެރިންގެ ފަރާތުން ފާޅުކުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޚާއްޞަކޮށް މަސްގަންނަން އިތުރު ފަރާތްކަށް ފުރުޞަތު ހުޅުވާލުމުން މަސްކިރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.