ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެއަތޮޅު ދިޔަމިގިލީ ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ދިޔަމިގިލީ ކައުންސިލު އިދާރާގައި ވަކިވަކިން ކުރިޔަށްގެންދެވި މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ މިފަދަ ބައްދަލުވުންތައް ބޭއްވެވުމުގެ ބޭނުމަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އެ ބޭފުޅުންގެ ފަރާތުން ހޯއްދެވުންކަމަށެވެ. އަދި ކުރިޔަށްއޮތް އަހަރަށް ބަޖެޓް ތައްޔާރުކުރުމުގައި ރަށްރަށަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވުމާއި ލާމަރުކަޒީ ޤާނޫނަށް ގެންނަވާ އިޞްލާހުތަކާ ގުޅިގެން އަންނަ ބަދަލުތަކާބެހޭ މައުލޫމާތު ޙިއްޞާކުރެއްވުންވެސް މި ބައްދަލުވުންތަކުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދިޔަމިގިލީ ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދިޔަމިގިއްޔާ މަޑިފުއްޓާ ކޯޒްވޭއަކުން ގުޅާލުމަށް ބޭނުންވާކަމާއި އެކަން ކުރުމަށް ބޭނުންވާގޮތް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވުން ހިމެނެއެވެ. އެގޮތުން ކޯޒްވޭއަކުން އެ ދެރަށް ގުޅާލާއިރު އެދެމެދުގައި ހުރި ފަޅުރަށްތައްވެސް ހިމެނޭގޮތަށް އެކަންކުރުމަށް ކައުންސިލުން އެދޭގޮތް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ވަނީ މި ކޯޒްވޭ އެޅުމަށް ކައުންސިލުން ބޭނުންވާ ގޮތުގެ ނަމޫނާއެއްވެސް ރައީސުލްޖުމްހޫރިއްޔާއަށް ދައްކާލާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި އެރަށުގެ އިރުމަތީފަރާތުން ގިރާ ސަރަހައްދުގެ މައްސަލައާއި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުންހިމެނެއެވެ. މީގެއިތުރުން ރަށުގެ ފެން ތަޣައްޔަރުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމާ އަދި ރަށުގައި ހުންނަ ތާރީޚީ ބިނާއެއްކަމުގައިވާ ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުންފަދަ ކަންކަން ހިމެނެއެވެ. އަދި ހުއްޓިފައިހުރި މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުގެ މަޝްރޫޢުގެ މަސައްކަތާއި ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާ ކުރެއްވިއެވެ.
ދިޔަމިގިލީގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ ފަރާތުންވެސް ބައެއް ކަންކަން ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ މި ބައްދަލުވުމުގައި ރައީސްއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ވެސް މުއައްސަސާ ތަކުން ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ބައްދަލުވުން ތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިޔަމިގިލީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކާބެހޭ ފަހުގެ މަޢުލޫމާތުތައް ޙިއްޞާ ކުރައްވާފައެވެ. މިގޮތުން ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ކައުންސިލު ތަކުގެ ޒިންމާތަކާއި މަސައްކަތްތައް އިތުރުވެ ކައުންސިލުތަކުން ބޭނުންވާ ގިނަކަންކަމަށް ހައްލުލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކައުންސިލަރުންނާއި މުއައްސަސާ ތަކުން ފާހަގަ ކުރެއްވި ކަންކަމަށް ޙައްލު ހޯއްދެވުމަށް ކަމާބެހޭ ސަރުކާރުގެ މުއައްސަސާ ތަކާއެކު މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.