ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެއަތޮޅު މާފުށީ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ މާފުށީގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންނަށް ދިވާމާ ދަތިތަކުގެ މަޢުލޫމާތާއި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމެވެ. މީގެ އިތުރުން ސްކޫލުގެ ޖާގައިގެ ދަތިކަމާއި، އަދި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާހެދި ކުރިމަތިވާ މައްސަލަތަކާއި ކުނި މެނޭޖްކުރުމުގައި ހުރި ކަންބޮޑުވުންތައް ކައުސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ. އަދި، ރަށުގައި މިހާރު ކުރިޔަށްގެންދާ ބައެއް ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމުތައް ހުއްޓާނުލާ ކުރިޔަށްގެންދެވޭނެ ގޮތްތަކާބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މާފުށީ ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލާ ޙިއްޞާކުރެއްވިއެވެ.