بسـم اللَّـه الرّحمٰـن الرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މި ބަރަކާތްތެރި އިޙްތިފާލުގައި، ދެންމެ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން އެ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން މާދަމާ، އާދެ! މި ސެޕްޓެމްބަރު މަހުގެ 12ވާ ބުދަ ދުވަހަކީ، މިއަހަރުގެ އާދެ! 1428 ވަނަ އަހަރުގެ ޝަޢްބާން މަހުގެ 30 ވަނަ ދުވަސް. މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭ ދުވަހަކީ، އޭގެ އަނެއް ދުވަސް. އާދެ! ސެޕްޓެމްބަރު މަހުގެ 13ވާ ބުރާސްފަތި ދުވަސް.

މިއުފާވެރި މުނާސަބަތުގައި، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި އަޚުންނަށާއި އުޚުތުންނަށް، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން. ބަރަކާތްތެރި ރަމަޟާން މަސް އައުމަކީ، އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށްބޮޑު އުފާވެރިކަމެއް ގެނެސްދޭ ކަމެއް. އަޅުގަނޑުމެންނަށް ވަރަށްގިނަ ހެޔޮގޮތްތައް، މާތްﷲ މިންވަރު ކުރައްވާ މަހެއް ކަމުގައި ރަމަޟާންމަސްވާތީ، އެކަމުގެ ހިތްހަމަޖެހުމާއި އުފާ، އަޅުގަނޑުމެން އެންމެންވެސް މިގެންދަނީ އިޙްސާސް ކުރަމުން. އެހެންކަމުން، މިފަދަ މަތިވެރި ދުވަސްވަރެއް އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވި ކަމަށްޓަކައި، اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ތަކުރާރު ކުރަން. އަދި މިމުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށާއި، މިޖަލްސާއަށް ވަޑައިގެން ތިޔަ ތިއްބެވި ޢިއްޒަތްތެރި އަޚުންނަށާއި އުޚުތުންނަށާއި، އަދި އިސްލާމީ އުންމަތުގެ އެންމެހާ އަފްރާދުންނަށް އަޅުގަނޑު ދަންނަވަން.

އާދެ! މިރޭ އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، އެހެން ވާހަކައެއްވެސް ދަންނަވާލަން ބޭނުންވޭ. އާދެ! އެއީ އަޅުގަނޑުމެން ކުރާ އެކިއެކި ދީނީ ޖަލްސާތަކުގައި ނުވަތަ އިސްލާމީ އެކިއެކި މުނާސަބަތުތަކުގައި އަޅުގަނޑުމެން ބާއްވާ ޖަލްސާތަކުގައި، އަޅުގަނޑުމެން ވަރަށް ޤަދަރުކުރާ ޢިއްޒަތްތެރިއަކު އެ ޖަލްސާތައް ފަޅުފިލުވާލައްވަމުން ގެންގޮސްދެއްވާފައިވާތީ، އަދި އެމަނިކުފާނު މިއަދު މިވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައި ކަމަށްވާތީ، އެވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ.

އާދެ! އަޅުގަނޑު މިދަންނަވަނީ، ފަޟީލަތު އަލްއުސްތާޛުއްޝައިޚު މޫސާ ފަތުޙީގެ ވާހަކަ. އާދެ! މޫސާ ފަތުޙީއަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ގިނަގުނަ ޚިދްމަތްތަކެއް ވަރަށްދިގު މުއްދަތެއްގެ ތެރޭގައި ކޮށްދެއްވާފައިވާ ވަރަށް އަގުހުރި ޢިލްމުވެރިއެއް. އެމަނިކުފާނަކީ، ރާއްޖޭގައި ދީނީ ހޭލުންތެރިކަން އުފެއްދުމަށް ކުރެވޭ މަސައްކަތުގަޔާއި، ދީނީ ތަޢްލީމު ފެތުރުމަށް ކުރެވޭ މަސައްކަތުގައި އެތައް އަހަރެއް ވަންދެން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއްވި ބޭފުޅެއް. އެމަނިކުފާނު ވަނީ އަޅުގަނޑުމެންނާ މީގެ ދެމަހެއްހާ ދުވަސް ކުރިން ވަކިވެވަޑައިގެންފައި. އެކަމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ހިތާމައެއް. އެމަނިކުފާނު މިދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުން، ޚާއްޞަކޮށް، ރާއްޖޭގެ މިދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނަށާއި، މުޅި ދާއިރާއަށް، އާދެ! ރާއްޖޭގެ ޢިލްމީ އަދި ދީނީ ޚިދްމަތުގެ ދާއިރާއަށް، އެލިބުނީ ވަރަށްބޮޑު ފަޅުކަމެއް. ވަރަށްބޮޑު އުނިކަމެއް.

މި މުނާސަބަތުގައި ފަޟީލަތު އަލްއުސްތާޛުއްޝައިޚު އަލްމަރްޙޫމް މޫސާ ފަތުޙީގެ ލޮބުވެތި ޢާއިލާގެ ބޭފުޅުންނަށާއި، އަދި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށާއި، އެމަނިކުފާނުގެ ދަރިވަރުންނަށާއި އަދި ދިވެހި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަޢުޒިޔާ ދަންނަވަން. އަދި މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަން.

އާދެ! މިކަމާ ގުޅިގެން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ދިވެހިރާއްޖެއަށް މިފަދަ މަތިވެރި ޚިދްމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުން، އެބޭފުޅުންނާބެހޭ ތައުބީނުގެ ޖަލްސާތަކެއް އަޅުގަނޑުމެން ބާއްވަމުން ގެންދަމޭ. އެގޮތުގެ މަތިން، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ފަޟީލަތު އަލްއުސްތާޛުއްޝައިޚު އަލްމަރްޙޫމް މޫސާ ފަތުޙީގެ ހަނދާނުގައި ބާއްވާ ތައުބީނުގެ ޖަލްސާއެއް ސަރުކާރުން ބާއްވާނެ.

އާދެ! ދެން މިރޭގެ މައުޟޫޢަށް އަޅުގަނޑު އެނބުރިލާނަން. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ފަދައިން، ބަރަކާތްތެރި ރަމަޟާންމަހަކީ، ފަރުޟު ރޯދަ ހިފުމަށް މާތްﷲ ކަނޑައަޅުއްވާފައިވާ މާތް މައްސަރު. އާދެ! އެކަން އަޅުގަނޑުމެންނަށް ދެންމެ މި ބަރަކާތްތެރި އަދި އުފާވެރި އިޙްތިފާލު ފެށިގެން ދިޔައިރު އިވުނު ކީރިތި ޤުރްއާނުގެ އާޔަތްތަކުންވެސް އެބައެނގޭ.

މާތްﷲ ވަޙީ ކުރެއްވި. "شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ" (البقرة: 185) މާނައަކީ: "رمضان މަހަކީ،އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حقّއާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެމައްސަރުގައި حاضرވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!"

މިއާޔަތުން އޮޅުމެއްނެތި އެނގޭގޮތުގައި، ބަރަކާތްތެރި ރަމަޟާން މަހަކީ، އެމަހުގައި ޙާޒިރުވެ ހުރި ކޮންމެ މީހަކު، އާދެ! ރޯދަ ހިފުމުގެ، ރޯދަ ވާޖިބުވުމުގެ ޝަރުޠު ހަމަވާ ހަމަ ކޮންމެ މީހަކު ރޯދަ ހިފަންޖެހޭ މަހެއް. މިމަހުގައި އެ އަޅުކަން އަދާކުރުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް، މިދެންނެވީ ޝަރުޠު ހަމަވާ، އެއީ ރޯދަ ހިފުން، ރޯދަ ވާޖިބުވުމުގެ ޝަރުޠު ހަމަވާ ކޮންމެ މުސްލިމަކު ހިފަންޖެހޭ ރޯދައެއް.

ރޯދަ ހިފުމަކީ، އެކަންކުރާ ބަޔަކަށް، އާދެ! މުއުމިނުންނަށް ވަރަށް ހެޔޮކަންބޮޑު ކަމެއް ކަމުގައި ކީރިތި ޤުރްއާނުގައި މާތްﷲ ވަނީ އަންގަވާފައި. އަޅުގަނޑު މިދެންނެވި އާޔަތުގެ ކުރިން އޮންނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ، "يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ" (البقرة: 183) މާނައަކީ: "އޭ ايمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ." ވިދިގެން އަންނަ އާޔަތުގައި އަޅުގަނޑު މިދަންނަވާ ބައި އެބައާދޭ. އާދެ! "أَيَّاماً مَّعْدُودَ ٰتٍ فَمَن كَانَ مِنكُم مَّرِيضاً أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَن تَطَوَّعَ خَيْراً فَهُوَ خَيْرٌ لَّهُ وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ" (البقرة: 184) މާނައަކީ: "(ރޯދަހިފަންވީ) عدد ކަނޑައަޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެމަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެނަމައެވެ." އާދެ! މިއާޔަތުގައި މާތްﷲ ވަރަށް ޞަރީޙަކޮށް އަންގަވާފައި އެވަނީ، ރޯދަ ހިފުން އެއީ، ރޯދަ ހިފާ ބަޔަކަށް ހެޔޮކަންބޮޑު ކަމެކޭ.

އިސްލާމްދީނުގައި ކޮންމެ އަޅުކަމެއްވެސް ޝަރުޢު ކުރައްވާފައިވަނީ، އެ އަޅުކަމެއް އަދާކުރާ ބަޔަކަށް ލިބޭ މަންފާތަކެއް ހުރެގެން. އެބަޔެއްގެ އީމާންކަން ގަދަވުމާއި، އެބަޔެއްގެ ނަފްސު ޠާހިރުވުމާއި، އެބަޔެއްގެ އަޚްލާޤީ ފެންވަރު މައްޗަށް ދިޔުމާއި، އެބަޔެއްގެ ފަރާތުން އެބަޔެއްގެ ޖަމާޢަތަށާއި ޤައުމަށް ލިބޭ ފައިދާތަކެއް ކުރުމަށް، އެ އަޅުކަން މަގުފަހިކޮށްދޭތީ. އެގޮތުން، ރޯދަ ހިފުމަކީވެސް އެ ރޯދަ ހިފާ މީހާއަށާއި، ރޯދަ ހިފާ މީހާގެ ޢާއިލާއަށާއި މުޖްތަމަޢަށް، ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެއްކަމާމެދަކު ޝައްކެއްނެތް.

ރޯދަ ހިފުމަކީ ކިތަންމެ ގޮތަކުން ހެޔޮކަންބޮޑު ކަމެއްކަން އަޅުގަނޑުމެންނަށް އެބަ ސާބިތުވޭ. އެއްކަމަކީ، ރޯދަ ހިފުމަކީ، ތަޤުވާވެރިވުމަށް މަގުފަހިކޮށްދޭ ކަމަކަށްވާކަން. އާދެ! ކުރިން ދެންނެވި އާޔަތުގައި ރޯދަ ފަރުޟު ކުރައްވާފައި، މާތްﷲ އަންގަވަނީ، އޭގެ ޙިކުމަތެއްގެ ގޮތުގައި، "لَعَلَّكُمْ تَتَّقُونَ" އެއީ ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. ރޯދަ ހިފުމަކީ ތިޔަބައިމީހުންނަށް ތަޤުވާވެރިވުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތަކަށްވާތީއޭ. ރޯދަ ހިފުމުގެ ސަބަބުން ތިޔަބައިމީހުންގެ ތަޤުވާވެރިކަން އިތުރުވެގެންދާތީއޭ. ޝައްކެއްނެތް. ތަޤުވާވެރިވުމަކީ ހުރިހާ މާތް ސިފަތަކެއްގެ އަޞްލު. ދީނުގެ އެންމެ މަތިވެރި އަސާސް. މިގޮތުންވެސް ރޯދަ ހިފުމުން ލިބޭ ފައިދާ، އެއްވެސް އޮޅުމެއްނެތި އަޅުގަނޑުމެންނަށް މާތްﷲ ބަޔާންކޮށްދެއްވާފައި އެބަވޭ.

އާދެ! ދެވަނަ ކަމަކީ ރޯދަ ހިފުމަކީ، އިންސާނާގެ ޖިސްމާނީ ބާރުތަކުގެ މައްޗަށް ރޫޙާނީ ބާރުތައް ގަދަކުރުވާ ކަމެއްކަމަށްވާކަން. އާދެ! މިއީ އެންމެންނަށްވެސް އެނގޭނެ ކަމެއް. އިންސާނުންގައި ދެބާރެއްވޭ. ޖިސްމާނީ ބާރާއި ރޫޙާނީ ބާރާ. ޖިސްމާނީ ބާރުތަކަށް އިސްކަން ދިނުމުން ވާގޮތަކީ، ރޫޙާނީ ބާރުތަކުގެ މަތިން ހަނދާން ނެތެނީ. ނުވަތަ އެބާރުތައް ބަލިވެގެންދަނީ. އެޔާ ޚިލާފަށް ޖިސްމާނީ ބާރުތަކުގެ މައްޗަށް ރޫޙާނީ ބާރުތައް އިސްކުރެވިއްޖެނަމަ، އެމީހާގެ އަޚްލާޤު ރަނގަޅުވެ، އެމީހާގެ ޤަދަރު، މީހުންގެ ކުރިމަތީގައި އުފުލި، އޭނާ ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެކަމާމެދަކު ޝައްކެއްނެތް.

އެހެންވީމާ، ރޯދަ ހިފުމަކީ އަޅުގަނޑުމެންގެ ޖިސްމާނީ ބާރުތައް ބަލިކޮށްދޭ ކަމެއް. ކެއިންބުއިމާއި މިބާވަތުގެ ކަންތައްތައް ކުރުމުން، ހަށިގަނޑުގެ ޖިސްމާނީ ބާރުތައް ހުންނަނީ ވަރަށް ވަރުގަދަކޮށް. އެކަންކަމުން މަޙްރޫމުވީމާ، އެއީ އަޅުގަނޑުމެންގެ ރޫޙާނިއްޔަތަށް ލިބޭ ކުރިއެރުމަކަށް ވެގެންދޭ. މިއީ، އިންސާނީ ތަޖުރިބާއިން އެނގި ސާބިތުވެފައިވާ ކަމެއް. އެހެން މިދެންނެވީ، މާތްﷲ އަންގަވާފައިވާ ގޮތުގައި، ރޯދައަކީ އަޅުގަނޑުމެންގެ މިއުންމަތުގެ ކުރިން އިސްވެ ދެންނެވި އުންމަތްތަކުގެ މައްޗަށްވެސް ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށްވާތީ.

ޝައްކެއްނެތް. ސަމާވީ ދީންތަކުގައި ރޯދަ ހިމަނުއްވާފައި އެވަނީ، އޭގައިވާ ރޫޙާނީ ފައިދާތަކަކަށްޓަކައި. ކުރިންވެސް ދެންނެވި ފައިދާތައް. އެޔާ ޚިލާފަށް ސަމާވީ ނޫން ދީންތަކުގެ އަހުލުވެރިންވެސް، އެކި ޒަމާންތަކުގައި ރޯދަ ހިފަމުން ގޮސްފައިވާކަން ތާރީޚުން އެބައެނގޭ. އޭގެތެރޭގައި، މުޝްރިކުންގެ އެތައް ޖަމާޢަތެއް ރޯދަ ހިފާކަން ޢިލްމުވެރިންގެ ފޮތްތަކުން ނުވަތަ އެބޭފުޅުންގެ ލިޔުއްވުންތަކުން އަޅުގަނޑުމެންނަށް އެނގޭ. އޭގެތެރޭގައި، މާނަވީއިންނޭ ކިޔުނު ބަޔަކާއި ޞާބިއާއިންނޭ ކިޔުނު ބައެއް ހިމެނޭ. އެމީހުންވެސް އަހަރަކު ހިފާ ރޯދަތަކެއް ހުރިކަން އެނގޭ. އޭގެތެރެއިން އެއްރޯދައަކީ، އެމީހުން ބުނާގޮތުގައިވިއްޔާ، 30 ދުވަހުގެ ރޯދަ. އެއީ، ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ ތެރޭގައި އެމީހުން ހިފަމުން ގެންދިޔަ ރޯދައެއް. އަދި ޑިސެމްބަރު މަހުގައި ހިފާ 9 ދުވަހުގެ ރޯދައެއްވެސް އޮވޭ. ފެބްރުއަރީ މަހުގައި ހިފާ 7 ދުވަހުގެ ރޯދައެއްވެސް އޮވޭ. މިއީ، ސަމާވީ ދީން ނޫން ދީނެއްގެ ބަޔެއް. އެމީހުން އެކަން ކުރަނީ އެމީހުންގެ ނަޒަރުގައިވެސް ރޯދަ ހިފުމުގައި ފައިދާތަކެއްވާތީކަން އެނގޭ.

އޭގެއިތުރުން، ބައެއް ވައްތަރުގެ ކާބޯތަކެތިން އެކަނި ދުރުހެލިވުމުން ހިފާ ރޯދައެއްވެސް ކުރިންދިޔަ ޒަމާންތަކުގައި އޮތްކަމަށްވޭ. އެއީ، ނަޞާރާއިން ނުވަތަ ކްރިސްޓިއަނުންވެސް ހިފާ ބައެއް ރޯދަ މިހުންނަނީ މިދެންނެވިފަދަ ގޮތަކަށް. އެމީހުން ހުރިހާ ކާބޯތަކެތިން އެއްކިބާވުމުގެ ބަދަލުގައި ބައެއްކަހަލަ ކާބޯތަކެތިން އެއްކިބާވުމުން މިރޯދަ މިހިފަނީ.

ދެން ޔަހޫދީން. އެއީ ދެން ސަމާވީ ދީނެއް. އެހެން ނަމަވެސް ނަޞާރާ ދީނާއި ސަމާވީ ދީނާ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މާތްﷲ ބާވާލެއްވި ގޮތަކަށް ނޫން، ފަހުން އެބައިމީހުން ޢަމަލު ކުރަމުން އައިސްފައިވަނީކީ. އެދީންތަކަށް އެމީހުންވަނީ އެމީހުން ބޭނުންހާ ބަދަލުތަކެއް ގެނެސްފައި. އެހެންނަމަވެސް، އެގެނައި ބަދަލުތަކުގެ ތެރޭގައިވެސް ރޯދަ ހިފުން އެބައޮވޭ. ޔަހޫދީން ކޮންމެ އަހަރަކު އެއްފަހަރު ހިފާ ވަރަށް މުހިންމު ރޯދައެއް އޮވޭ. އެއީ އެމީހުން ގެންގުޅޭ ޢިބްރީ ތަޤްވީމުގެ 7 ވަނަ މަހުގެ 10 ވަނަ ދުވަހު ހިފާ ރޯދައެއް. އެދުވަހަށް އެމީހުން މިކިޔަނީ ކައްފާރާގެ ދުވަސް. މާނައަކީ، އެމީހުން ކޮށްފައިވާ ފާފަތަކުން އެމީހުން ސަލާމަތްވުމަށް، އޭގެ ކައްފާރާއެއްގެ ގޮތުގައި އެމީހުން ފާހަގަކުރާ ދުވަހެކޭ. އެދުވަހު ރޯދަ ހިފަމުންދިޔަ ކަމަށް އަޅުގަނޑުމެންނަށް ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގެން އެބަހުރި.

އަދި ސަމާވީ ނޫން ދީންތަކަށް ބަލައިލާއިރު، ހިންދީ ދީނުގައި، ބުދު ދީނުގައިވެސް މިކަން ކޮންމެވެސް ސިފައެއްގައި އޮންނަކަމަށްވޭ. އެއީ މިސާލަކަށް، ހިންދީ ދީނުގެ އަޙްބާރުން، ނުވަތަ އެދީނުގެ ބޮޑެތި މީހުން، ރަބީޢު މޫސުމް ފެށޭ ދުވަހު ހިފާ ރޯދައަކާއި ޚަރީފް މޫސުމް ފެށޭ ދުވަހު ހިފާ ރޯދައެއް އޮވޭ. އަދި އޭގެއިތުރުން ކޮންމެ ހަނދު މަހެއްގެ 1 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހިފާ ރޯދައެއްވެސް އޮވޭ.

ބުދު ދީނުގައިވެސް މިކަހަލަ ދުވަސްތަކެއް އެބަހުރި. އެއީ ކުރީ ޒަމާނުގެ ބުދު ދީނުގެ މީހުން، ކޮންމެ ހަނދު މަހެއްގެ 4 ދުވަހެއްގައި ރޯދަ ހިފަމުންދިޔަ ކަމަށް، މިދެންނެވި ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ. އެއީ ކޮންމެ ހަނދުމަހެއްގެ 1 ވަނަ ދުވަހާއި 9 ވަނަ ދުވަހާއި 15 ވަނަ ދުވަހާއި، 22 ވަނަ ދުވަހު.

އެހެންވީމާ، މިއިން އެނގޭ އެއްޗަކީ، ކޮންމެ މަދަނިއްޔަތެއްގެ ބަޔަކު ނަމަވެސް، އެބަޔަކީ ސަމާވީ ދީނެއްގެ އަހުލުވެރިން ކަމުގައިވިޔަސް، ނުވަތަ ސަމާވީ ނޫން ދީނެއްގެ އަހުލުވެރިން ކަމުގައިވިޔަސް، ރޯދަ ހިފުމަކީ، އެމީހުން ކުރަމުން އައިސްފައި އޮތް ކަމެއްކަން. އެކަން ކުރާނީ ކީއްވެގެންތޯ؟ މިސުވާލު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާކޮށްލާއިރު، އޭގެ ޖަވާބު އެބަ އެނގޭ. ކޮންމެ ބަޔަކުވެސް ކަމެއް ކުރާނީ، އެބަޔަކަށް އެއިން ފައިދާއެއް ލިބޭތީ. އެހެންވީމާ، އެމީހުންނަށް އަދި އެމީހުންނަކީ ސަމާވީ ދީނެއްގެ ހިދާޔަތު ލިބިފައި ނެތް ބަޔެއް ކަމަށްވިޔަސް، އެމީހުންގެ ތަޖުރިބާއިން އެމީހުންނަށް އެނގެނީ، ރޯދަ ހިފުމަކީ އިންސާނާގެ ނަފްސު މަތިވެރިކޮށްދޭ ކަމެއްކަން. އިންސާނާގެ ނަފްސު ޠާހިރުކޮށްދޭ ކަމެއްކަން. އެއިން ރޫޙާނީ ފައިދާތަކެއް އިންސާނާއަށްވާ ކަމެއްކަން.

އެހެންވީމާ، މިހުރިހާ ގޮތަކުން ބަލާއިރުވެސް މާތްﷲގެ ބަސްފުޅުގައި ވަޙީ ކުރައްވާފައިވާ ފަދައިން، "وَأَن تَصُومُواْ خَيْرٌ لَّكُمْ" "ތިޔަބައިމީހުން ރޯދަ ހިފުމަކީ ތިޔަބައިމީހުންނަށް ހެޔޮކަންބޮޑުވެގެންވާ ކަމެކޭ." މިކަން އެބަ ސާބިތުވޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަން އެބަޖެހޭ. މިފަދަ މާތް ރޫޙާނީ މޫސުމެއް އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވާތީ.

އާދެ! ކޮންމެ އަހަރަކު މާތްﷲގެ ވާގިފުޅާއެކު، ބަރަކާތްތެރި ރަމަޟާން މަހުގައި އަޅުގަނޑުމެން މިގެންދަނީ ރޯދަ ހިފަމުން. އަދި އެމަހުގައި އެކަލާނގެ ޝަރުޢު ކުރައްވާފައިވާ އެހެން އަޅުކަންތަކާއި ހެޔޮކަންތައްވެސް މިގެންދަނީ އަޅުގަނޑުމެންނަށް ކުރެވުނު މިންވަރަކުން ކުރަމުން. އެކަމަކު އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ، މާތްﷲ އަޅުގަނޑުމެން ދުނިޔޭގައި ލަހައްޓަވާފައިމިވާ މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންނާ ބައްދަލުކުރަނީ ކިތައް ރޯދަމަސްތޯ؟ ޢުމުރުން 40 އަހަރު، 50 އަހަރު، 60 އަހަރު، 70 އަހަރު ވެފައިވާ މީހުންނަށް، ވަރަށްގިނަ އަހަރުތަކެއްގެ ރޯދަމަސް އޮންނާނީ ބައްދަލުވެފައި. ކޮންމެ އަހަރަކު އެމީހުންނާ ރޯދަމަހެއް އެބަ ބައްދަލުކުރޭ. ކޮންމެ އަހަރަކު ރޯދަމަސް ނިމުނީމާ، އެމަސް އެމީހުންނަށް އަލްވަދާޢު ކިޔާފައި އެބަދޭ. އެއިން ކުރަނީ ކޮން ފައިދާއެއްތޯ؟ އެއީ އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ.

ރޯދަމަހަކީ ހަމައެކަނި އެމަހުގެ ތެރޭގައި އަޅުގަނޑުމެން ދީނަށް ޙުރްމަތްތެރިކޮށް ހިތާ، ހެޔޮކޮށް އުޅެންވީ މަހެއް ނޫން. އެމަހުގައި އަޅުގަނޑުމެން އަދާކުރަންވީ އަޅުކަން ފުރިހަމައަށް އަދާކުރަންޖެހޭނެ. އެމަހުގެ ދުވަސްތަކުގައި ރޯދަ ހިފަން ޖެހޭނެ. ރޭއަޅުކަން ކުރަންޖެހޭނެ. އެމަހުގައި ކެތްތެރިވާންޖެހޭނެ. މީހުންނަށް އެހީތެރިވާންޖެހޭނެ. އިޙްސާންތެރިވާންޖެހޭނެ. މީހުންނަށް ޞަދަޤާތް ދޭންޖެހޭނެ. އެމީހަކަށް ކުރެވުނު ހުރިހާ ހެޔޮކަމެއް ކުރަންޖެހޭނެ. އެހެންނަމަވެސް، އެމަސް ނިމުމުން މިދެންނެވި ކަންތައްތައް ދޫކޮށްލަންވީކީ ނޫން. އެއީކަންނޭނގެ އަޅުގަނޑުމެންނަށް މިހެދޭ ގޯހަކީ. ކޮންމެ އަހަރަކުވެސް ރަމަޟާން މަސް އައިމާ، ވަރަށް އުފަލާއެކު ރަމަޟާންމަހާ އިސްތިޤުބާލުކޮށް، އެމަހުގައި ރޯދަހިފާ، އަދި އިތުރު ހެޔޮކަންތައްތައް ކުރަމުން އެބަގެންދަމު. އެހެންނަމަވެސް، ރަމަޟާންމަސް ދިޔައީމާ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެކަންތައްތައް އަޅުގަނޑުމެން އެބަ ހަނދާންނެތޭ. އަޅުގަނޑުމެންގެ އުޅުން، ކުރިން އުޅުނު ގޮތަށް ބަދަލުވެގެންއެބަދޭ. މިއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ނުރަނގަޅު ޢަމަލެއް.

އަޅުގަނޑުމެންނާ މިބައްދަލުކުރާ ކޮންމެ ރޯދަމަހެއްގެ ފައިދާ އަޅުގަނޑުމެން ޙާޞިލުކުރަންޖެހޭ. އަދި އެފައިދާ އަޅުގަނޑުމެންގެ ހިތްތަކުގައި ބަހައްޓަންޖެހޭ. އެފައިދާ އަޅުގަނޑުމެންގެ ޢަމަލުތަކުން ފެންނަންޖެހޭނެ. އަޅުގަނޑުމެންނަކީ ތަޤުވާވެރި ބަޔަކަށްވާންޖެހޭ. ތެދުވެރި އަމާނާތްތެރި ބަޔަކަށްވާންޖެހޭ. އަޚުލާޤު ރަނގަޅު ބަޔަކަށްވާންޖެހޭ. މީހުންނަށް ކަމޭހިތާ އިޙްތިރާމްކުރާ، މީހުންނަށް ހެޔޮކޮށްހިތާ، މީހުންނަށް އިޙްސާންތެރިވާ، މީހުންނަށް އެހީތެރިވާ ބަޔަކަށްވާންޖެހޭ. މިކަންތައްތައް އަޅުގަނޑުމެންނަށް ނުކުރެވޭ ކަމަށްވަންޏާ، ބަރަކާތްތެރި ރޯދަމަސް، ރަމަޟާން މަސް އައިސްފައި، އެމަސް ވަކިވެގެން ދިޔުމުން، އަޅުގަނޑުމެންނަށް ކުރި މާބޮޑު ފައިދާއެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ މިއީ.

އަޅުގަނޑުގެ ވާހަކަ މިރޭ ދެން މާދިގުކުރާކަށް ނެތިން. ދަންނަވާލަން ބޭނުންވަނީ، މިމަތިވެރި މާތް މައްސަރު، މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ކަމަށްޓަކައި، އަޅުގަނޑުމެން އެކަލާނގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން ޖެހޭނެޔޭ. އަދި އެމަހުގައި އެކަލާނގެ އަންގަވާފައިވާ ގޮތުގެ މަތިން، ރޯދަހިފާ، އެމަހުގެ ރޭއަޅުކަންކޮށް، އެމަހުގައި ޞަދަޤާތްދީ، އެމަހުގައި އިސްތިޣުފާރުކޮށް، ހެޔޮކަންތައް ކުރުމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެޔޭ. ހަމައެޔާއެކީގައި، ރޯދަމަސް އަޅުގަނޑުމެންނާ އަލްވަދާޢުކީ ނަމަވެސް، އަޅުގަނޑުމެންނަށް ރޯދަމަހުން ލިބުނު ރޫޙާނީ އިޝްރާޤާއި، ލިބުނު ރޫޙާނީ ދިރުން އެގޮތުގައި ދަމަހައްޓަންޖެހޭނެއޭ. ރޯދަމަހުން އަޅުގަނޑުމެން ޙާޞިލުކުރި ޢިބްރަތްތައް، އެގޮތުގައި ހިފަހައްޓައި، ރޯދަމަހުން އަޅުގަނޑުމެންނަށް ލިބުނު ހިދާޔަތާއި އިތުރު ރޫޙާނީ ކުރިއެރުން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެޔޭ. އެގޮތަށް އަޅުގަނޑުމެން އެކަންކަން ކުރަމުން ގެންދަނީ ކަމަށްވަންޏާ، މާތްﷲ އިރާދަކުރައްވަވާފައިވާ ގޮތުގެ މަތިން، އަޅުގަނޑުމެންގެ އުންމަތަކީ، ވަރަށް އެކުވެރި ހަރުދަނާ އަދި މާތް އުންމަތަކަށް ވެގެންދާނެކަމާމެދަކު ޝައްކެއްނެތް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަދިވެސް އެއްފަހަރު ބަރަކާތްތެރި ރަމަޟާން މަސް އައުމުގެ މުނާސަބަތުގައި، ތިޔަ ހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ދަންނަވަން. އަދި މި މާތް މައްސަރުގެ ދަރުމައާއި ބަރަކާތާއި ޘަވާބު، އަޅުގަނޑުމެން އެންމެންނަށް މިންވަރު ކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.