بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى رسوله الأمين، وعلى آلـه وأصحـابه أجمعـين.

އާދެ! ދިވެހިންގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް ދައްކައިދޭ ދާއިމީ މަރުކަޒެއް ހުޅުވޭ މި އުފާވެރި މުނާސަބަތުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙަންމަދު ޖަލީލަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، މި މަރުކަޒުގެ ހިންގުންތެރިންނަށާއި، އަދި ރާއްޖޭގައި އަތުމަސައްކަތާއި އަތްތެރިމަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކަށް ތަހުނިޔާ އާއި މުބާރަކްބާދީ ދަންނަވަން.

އާދެ! އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ ރޮނގުން އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ވާރުތަކޮށްދެއްވާފައިވާ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ތަރިކައަކީ، އަޅުގަނޑުމެން ވަރަށް ފަޚުރުވެރިކަމާއެކު ބަލައިގަނެ ދަމަހައްޓަންޖެހޭނެ ތަރިކައެއް. ޒަމާނަށް ދެމިގެންގޮސް މިއަދު އަޅުގަނޑުމެންނާ ހަމައަށް ވާޞިލުވެފައިވާ އިހުގެ ކޮންމެ ދިވެހި އުފެއްދުމަކީ، އެ އުފެއްދުމެއްގައި ޚާއްޞަ ދިވެހިވަންތަކަމެއް އެކުލެވިގެންވާ އުފެއްދުމެއް. މި އުފެއްދުންތައް ދެމެހެއްޓެވުމަށް ރާއްޖޭގެ މަސައްކަތްތެރިންވަނީ މިންނަތް މަސައްކަތްތަކެއް ކޮށްދެއްވާފައި. އަދި މިހާރުވެސް ގެންދަވަނީ ކޮށްދެއްވަމުން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކުން އަޅުގަނޑުމެންގެ ދިވެހި އުފެއްދުން ރަނގަޅު ފެންވަރެއްގައި ހިފެހެއްޓެވުމަށް އެކޮށްދެއްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރަމުން، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިއަދު މި އިފްތިތާޙު ކުރެވޭ ދިވެހިންގެ މަސައްކަތްތެރިކަން ދައްކައިދޭ މަރުކަޒަކީ، ވަރަށް ކުރިއްސުރެ އަޅުގަނޑުމެން ދެކެމުން އަންނަ ހުވަފެނެއް. އާދެ! ރާއްޖޭގައި އަތުމަސައްކަތާއި އަތްތެރިމަސައްކަތް ކުރިއަރުވާ ތަރައްޤީކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، މިފަދަ ތަނެއް ނެތުން ކަމުގައި ވަރަށް ކުރިއްސުރެ ވަރަށް ގިނަ ބަޔަކު އަންނަނީ ދެކެމުން. އެހެންކަމުން ދެންމެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އެވިދާޅުވިފަދައިން ދިވެހިރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ 32 ވަނަ މަޢުރަޒު ހުޅުވައިދެމުން އަޅުގަނޑު ދެއްކި ވާހަކައިގައި އެޚިޔާލު ވާނީ ހުށަހަޅާފައި. ރާއްޖޭގައި މިފަދަ ދާއިމީ މަރުކަޒެއް ހުރުމުގެ ބޭނުންތެރިކަން ބޮޑުކަމުން ސަރުކާރުން އެފަދަ މަރުކަޒެއް ހުޅުވަން ގަސްދުކުރާ ވާހަކަ އެދުވަހު އަޅުގަނޑުވާނީ ދަންނަވާފައި. އެހެންވީމާ، މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެއް ނޫން. ރާއްޖޭގެ އުފެއްދުންތެރި މަސައްކަތްތެރިންގެވެސް ޚިޔާލު. ރާއްޖޭގެ ކަމާބެހޭ މިނިސްޓްރީ ހިންގަވާ ވެރިންގެވެސް ޚިޔާލު. އެ ޚިޔާލު މިއަދު ޙަޤީޤަތަކަށްވެގެން އައިކަމީ އަޅުގަނޑުމެން އެންމެން އުފާކުރުން ޙައްޤުވެގެންވާކަމެއް.

އާދެ! މިފަދަ މަރުކަޒެއް ހުރުމުން މިހާރަށްވުރެ ތަނަވަސް ފުރުސަތުތަކެއް ރާއްޖޭގެ މަސައްކަތްތެރިންނަށް ލިބިގެންދާނެ، ހުޅުވިގެންދާނެ. އަދި މިއީ، މިރޮނގުން މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް އިތުރު ވަޒީފާތަކެއް ލިބުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެފަދަ މަސައްކަތްކުރާ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާފަދަ މަސައްކަތެއްގެ ފެށުން ކަމުގައި މިއަދު މި ހުޅުވޭ މަރުކަޒު ވެގެންދާނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން.

އެހެންނަމަވެސް، މިކަން މިހެން ވެގެންދާނީ އަޅުގަނޑުމެން މި އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުކޮށް ފެންވަރު ހިފެހެއްޓުމަށް މަސައްކަތްތަކެއް ކޮށްގެން. މިއީ، މިތަކެތި އުފައްދަވާ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. ހަމައެއާއެކު، މަސައްކަތްތެރިކަމުގެ ތަފާތު އުފެއްދުންތައް އިތުރުކުރުމަކީވެސް ވަރަށް މުހިންމުކަމެއް. މަސައްކަތްތެރިކަމަކީވެސް ތަރައްޤީވަމުން ބަދަލުވަމުން އަންނަ ކަމެއް. އަދި އަންނާނެވެސް ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އުފައްދާ ތަކެއްޗަށްވެސް އެ ބަދަލު އަންނަށް އެބަޖެހޭ. ކުރިން އުފައްދަމުން އައި ތަކެތި ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމުގެ އިތުރުން، ތަކެތި އިތުރަށް އުފެއްދުމަށް ޚިޔާލުކޮށް، ވިސްނާ، އެތަކެތި ފަރުމާކޮށް، އެކަން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުމަކީވެސް، އަޅުގަނޑު ދެކޭގޮތުގައި މިފަދަ މަސައްކަތްތައް ތަރައްޤީ ކުރުމަށް ވަރަށް މުހިންމު ކަމެއް.

އެހެންވީމާ، ރާއްޖޭގައި އިތުރު އުފެއްދުންތައް އުފައްދައި އެ އުފެއްދުންތަކަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޤްބޫލުކަން ލިބޭ ތަކެތި ކަމުގައި ހެދުމަކީ، ބޭރު ދުނިޔޭގައި ރާއްޖޭގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓިގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކޭ ވާހަކަ މިފުރުޞަތުގައި ދަންނަވާލަން.

މީގެއިތުރުން، ތަކެތި އުފައްދާ މީހުންނަށް ރަނގަޅު އަގެއް ލިބުމަކީވެސް، ވަރަށް މުހިންމު ކަމެއް. އާދެ! ތަކެތި އުފައްދާ މީހުންނަށް ރަނގަޅު އަގެއް ލިބިގެންނޫނީ އެމީހުންނަކަށް އެމަސައްކަތުގައި ކުރިއަކަށް ނުދެވޭނެ. މަސައްކަތް ތަރައްޤީއެއް ނުކުރެވޭނެ. އާދެ! ބޭނުންވާ ފެންވަރަށް ތަކެއްޗެއް ނުއުފެއްދޭނެ. އެހެންވީމާ، މިފަދަ މަރުކަޒެއް ހުރުމުގެ ސަބަބުން އެމީހުންނަށް އެކަށީގެންވާ އަގެއްނަމަވެސް ލިބޭގޮތްވުމަކީ، އަޅުގަނޑު ހިތުން މި މަސައްކަތް ދަމަހައްޓައި، ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމަކަށްވާނެ.

އާދެ! ދެން ދަންނަވާލަން އޮތީވެސް ވަރަށް މުހިންމު ވާހަކައެއް. އެއީ، ރާއްޖޭގެ ހުނަރުވެރި މަސައްކަތްތެރިން އުފައްދާ އުފެއްދުންތައް ސަރުކާރުންވެސް ވަރަށް ގިނައިން ބޭނުންކުރަންޖެހޭ ވާހަކަ. އާދެ! މިހާރު ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދުގައި އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެއް. މިގޮތުން ރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ ބޭރުގެ ޢިއްޒަތްތެރިން ޒިޔާރަތް ކުރައްވަމުން ގެންދަވާ. އަދި ރާއްޖޭގެ އެކި ފެންވަރުގެ ވެރިންވެސް ރާއްޖެއިން ބޭރު ޤައުމުތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ. މިފަދަ ޒިޔާރަތްތަކުގައި ދޭދޭޤައުމުގެ ވެރިން ނުވަތަ ޢިއްޒަތްތެރިން ހަދިޔާ ބަދަލު ކުރެއްވުމަކީ ވަރަށް ރީތި ބައިނަލްއަޤްވާމީ އާދައަކަށް އޮންނަނީ ވެފައި. އެހެންވީމާ، ރާއްޖެއަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިންނަށްވެސް ރާއްޖޭގެ ކޮންމެވެސް އުފެއްދުމެއް އަޅުގަނޑުމެން ހަދިޔާކުރަން އެބަޖެހޭ. އަދި އަޅުގަނޑު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އަޅުގަނޑުވެސް އެފަދަ ހަދިޔާ ގެންދަންޖެހޭ. އަދި އަޅުގަނޑު ނޫނަސް ސަރުކާރުގެ އެކި ފެންވަރުގެ ވެރިން ރާއްޖެއިން ބޭރަށް ކުރައްވާ ޒިޔާރަތްތަކުގައި މިފަދަ ހަދިޔާ ގެންދަވަންޖެހޭ.

އެހެންވީމާ، މިއީ މިއަދު އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް. ރަނގަޅު ފެންވަރެއްގެ، މޮޅު ފެންވަރެއްގެ ދިވެހި އުފެއްދުން، ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރިންނަށް ހަދިޔާ ކުރުމަކީ، ޝައްކެއްނެތްގޮތުގައި ދިވެހިރާއްޖޭގެ ޤަދަރު އެބޭފުޅުންގެ ހިތްތަކުގައިވެސް އުފެދިގެންދާނެ ކަމެއް. އަދި އަޅުގަނޑުމެންގެ އުފެއްދުންތަކަށް ބޭރު ދުނިޔޭގެ ތަރުޙީބުވެސް އިތުރުވެގެންދާނެ ކަމެއް. އެހެންވީމާ، މިކަމަށްޓަކައިވެސް ރާއްޖޭގެ މަސައްކަތްތެރި ފަންނާނުން އިތުރަށް ވިސްނާވަޑައިގަތުން އަޅުގަނޑު އެދެން. ސަރުކާރަށް ބޭނުންވާ މޮޅު ފެންވަރުގެ ގިނަދުވަހު ދެމިހުންނަކަހަލަ ރަނގަޅު އުފެއްދުންތައް އުފެއްދުމަކީ، އެމީހުންނަށްވެސް ލިބޭނެ ކުރިއެރުމެއް. އަދި ރާއްޖޭގެ ސަރުކާރަށްވެސް ލިބޭނެ ފައިދާއެއް.

އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ އަތްތެރިމަސައްކަތުގެ އެކިއެކި އުފެއްދުންތަކަކީ، މިހާރުވެސް ހަމަ ދުނިޔޭގައި މަޝްހޫރު އުފެއްދުންތަކެއް. ރާއްޖޭގެ ޚާއްޞަ ގޮތެއް ހުންނަ ވަރަށް ފަންނާނީ މަސައްކަތްތަކެއް އެއީ. ޚާއްޞަކޮށް އަޅުގަނޑުމެން މި އުފައްދާ ލިޔެލާޖެހި އެއްޗެއްސާއި، ތުނޑުކުނާފަދަ އެއްޗެއްސާއި، މުތްތޮށިން ހަދާފައި ހުންނަ އެއްޗެއްސާއި، ރުކުގެ ބާވަތްތަކުން ހަދާފައި ހުންނަ އެއްޗެއްސާ، މިއެއްޗެއްސަކީ ރަނގަޅު ފެންވަރެއްގައި ހުރުމުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން ދައްކައިދޭ އަދި ރާއްޖެއަށް ރީތި ނަމާއި ތަޢުރީފު ލިބެނިވި ގޮތަކަށް އުފެއްދެމުންދާ ތަކެތި.

އެހެންވީމާ، މިފަދަ ތަކެތި ރަނގަޅު ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ގިނައިން އުފެއްދުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. ރާއްޖެއަށް އެކަމުން އިތުރު ރީތި ނަންވެސް ލިބިގެންދާނެ. އަދި ރާއްޖޭގައި އެފަދަ ތަކެތި އުފައްދާ ފަރާތްތަކަށް އިތުރު އާމްދަނީ ލިބޭނެ މަގުވެސް ތަނަވަސްވެގެންދާނެ.

އާދެ! މިވާހަކަތައް މިހެން ދަންނަވާލުމަށްފަހުގައި، އަދި މިދާއިރާ ކުރިއެރުއްވުމަށްޓަކައި މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދެންނެވުމަށްފަހުގައި އާދެ! އޭގެތެރޭގައި މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙަންމަދު ޖަލީލު ކުރައްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަން. ހަމައެއާއެކީގައި، އޭނާގެ ކުރިން ޓްރޭޑް މިނިސްޓަރ ކަމުގެ މަގާމު ފުރުއްވި އަލްފާޟިލް އިލްޔާސް އިބްރާހީމާއި، އަލްފާޟިލް ޢަބްދުﷲ ޔާމީނުވެސް މިރޮނގުން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށްޓަކައި އެދެބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދެންނެވުމަށްފަހުގައި، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ނޭޝަނަލް ހޭންޑި ކްރާފްޓް ސެންޓަރު ނުވަތަ ދިވެހިންގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް ދައްކައިދޭ ދާއިމީ މަރުކަޒު ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

والسّـلام عليـكم ورحمـة اللّـه وبركاتـه