"މިދަތުރަކީ، ޖޯޑްންގެ ވެރިރަށް ޢައްމާންގައި ބޭއްވެވި އިސްލާމީ ޝަރީޢަތާބެހޭ ފުރަތަމަ ބައިނަލްއަޤްވާމީ ޖަލްސާގައި ބައިވެރިވުމަށް ޖޯޑްންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ އަޅުގަނޑަށް ދެއްވި ދަޢުވަތަކަށް އަޅުގަނޑު ކުރި ދަތުރެއް. އެއީ ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ގޮތުން ބޭއްވި މިފަދަ ޖަލްސާ. ޖަލްސާ އޮތީ މިމަހުގެ ތިނަކުން ފަހަކަށް. ޖަލްސާގެ ފުރަތަމަ އިފްތިތާޙީ ބައްދަލުވުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އަޅުގަނޑު ވާހަކަ ދައްކަން އެބޭފުޅުން އޮތީ ދަޢުވަތު ދެއްވާފައި.

އަޅުގަނޑުގެ ވާހަކައިގައި އިސްލާމީ ޝަރީޢަތުގެ ވާހަކައާއި، ފެށުނީއްސުރެ ޖަސްޓިސް ސިސްޓަމް އޮންނަ ގޮތުގެ ވާހަކައާއި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މާތް ނަބިއްޔާގެ ޒަމާނުން ފެށިގެން ޚުލަފާއުއްރާޝިދޫނާއި، ދެން އަނެއްކާ އުމަވީ ޚިލާފަތާއި، ޢައްބާސީ ޚިލާފަތާއި، ދެން މިހާތަނާ ޖެހެންދެން އެކަންތައްތައް އައިގޮތުގެ މައްޗަށް ކުޑަކޮށް ބަލައިލިން.

އަޅުގަނޑުގެ ވާހަކައިގައި ފާހަގަކުރިން، މިހާރު ޑިމޮކްރަސީގެ އުސޫލުތަކޭ މި ކިޔާ އާންމު ގިނަ ކަންތައްތަކަކީ ހަމަ އިސްލާމީ ޝަރީޢަތުގައި ހުރި ކަންތައްތައް ކަމަށް. މިސާލަކަށް، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، މީސްތަކުންގެ ހަމަހަމަކަމާއި، އެންމެންގެ ޙައްޤު ރައްކާތެރިކުރުމާ، މިހެންގޮސް މިހެން ހުރި ވަރަށް ގިނަ ކަންތައްތައް މިއީ ހަމަ އިސްލާމްދީނުގައިވެސް ހުރި ކަންތައްތައް ކަމުގައި އަޅުގަނޑު ބުނިން. ދެން އެކަމަށް ޖަލްސާގެ ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބުނު.

މި ޖަލްސާގެ އިތުރުން، އަޅުގަނޑު މި ފުރުޞަތުގެ ބޭނުން ކުރީ، އެއީ ޖޯޑްންގެ ރަސްގެފާނު ޢަބްދުﷲ އައްޘާނީ، ޢަބްދުﷲ ދެވަނައާ ބައްދަލުކުރުމަށް. ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވި. އެރަސްގެފާނަކީ ރާއްޖެއާ ދޭތެރޭ ވަރަށް ގާތްގޮތެއް ބަހައްޓަވާ، ރާއްޖެއަށް އެތައް ފަހަރަކު ޒިޔާރަތް ކުރައްވާފައިވާ ބޭފުޅެއް. މީގެކުރިން އަޅުގަނޑާވެސް އެތައް ފަހަރަކު ބައްދަލުވެފައިވަނީ. ދެން ވަރަށް އެކުވެރި ގޮތެއްގައި، ވަރަށް ރަނގަޅަށް، ގާތް ގޮތެއްގައި ވާހަކަފުޅު ދައްކަވައި ހެއްދެވި. ދެން ރާއްޖެއަށް އެކި ރޮނގުރޮނގުން ބޭނުންވާ ފުރުޞަތުތައް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވި. މިސާލަކަށް، ތަޢުލީމީ ރޮނގުން، ޞިއްޙީ ރޮނގުން، ވިޔަފާރީގެ ރޮނގުން އަދި ފަތުރުވެރިކަމުގެ ރޮނގުން. އެއީ ޖޯޑްންގައި ހުރޭ ވަރަށް މަތީ ފެންވަރުގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކާ. ދިވެހި ކުދިންނަށް އެތަނުން ތަޢުލީމު ޙާސިލު ކުރުމުގެ ފުރުޞަތު ދެއްވާނެ ކަމަށް ވިދާޅުވި. ހަމައެފަދައިން، އިސްލާމްދީނާބެހޭ ވަރަށް މުހިންމު ޔުނިވަރސިޓީއެއް، ޖާމިޢަތު ޢާލިމުލްބައިތު. އެތަނުންވެސް އަޅުގަނޑުމެންގެ ކުދިންނަށް ސްކޮލަރޝިޕް ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރަސްގެފާނު ވިދާޅުވި. މި ދެންނެވި އެހެން ދާއިރާތަކުގައިވެސް ހަމަ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަ ދެކެވުނު.

އޭގެފަހުން އަޅުގަނޑު ބައްދަލުކުރިން، ޖޯޑްންގެ ބޮޑުވަޒީރު މަޢުރޫފުލް ބަޚީޠާ. އޭނާވެސް ވަރަށް ރަނގަޅަށް ވާހަކަފުޅު ދެއްކެވި. ވަރަށް އެކުވެރި ޖައްވެއްގައި. ރާއްޖެއަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވަން އެބޭފުޅުން ތައްޔާރަށް ތިއްބެވިކަމާއި، ދެ ޤައުމުގެ ގުޅުން ބަދަހި ކުރައްވަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް. ރާއްޖޭގެ ވާހަކަ އެބޭފުޅުން ވަރަށް ބޮޑަށް އައްސަވާ. އެއީ، ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވީތީ. އެކަމާ އެބޭފުޅުން ވަރަށް ބޮޑަށް އުފާކުރައްވާ. އަދި ރާއްޖޭގެ ރީތިކަމާއި ހަމަޖެހުމާ، މިކަންތައްތަކަކީ އެބޭފުޅުންވެސް އެކަންކަމާ ވަރަށް އުފާކުރައްވާ ކަމެއް ކަމުގައި ވިދާޅުވި.

ދެން މި ދަތުރަކީ އެގޮތުން ބަލާއިރު އަޅުގަނޑު ދެކޭގޮތުގައި ވަރަށް ކާމިޔާބު، ވަރަށް ރަނގަޅު ދަތުރެއް."