بسـم اللَّـه الرّحمـٰن الرّحيـم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى رسوله الأمين، وَعلـى آلـه وأصـحَابِه أجمـعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

الســّلام عليـكم ورحـمـة اللّـه وبـركاتـه،

މިރޭ އަޅުގަނޑު ފަށާނީ، މިމަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވުނު ޢާންމު ވޯޓުގެ ވާހަކައިން.

އާދެ! ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގައި، ދިވެހި ދައުލަތުގެ ވެރިކަން ބައްޓަން ކުރައްވަން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ބޭނުންފުޅުވަނީ ކޮން ނިޒާމަކަށްތޯ ބެއްލެވުމަށްޓަކައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނަންގަވަން ބޭނުންފުޅުވި ޢާންމު ވޯޓު، އެދުވަހު ވަނީ ނަންގަވާފައި.

އެވޯޓުން ދައުލަތުގެ ވެރިކަން ބައްޓަން ކުރުމަށް ރައްޔިތުން އެދިވަޑައިގަންނަވަނީ، ރިޔާސީ ނިޒާމެއްގެ މައްޗަށް ކަމުގައި ވަރަށްބޮޑު އަޣްލަބިއްޔަތަކުން ދިވެހި ރައްޔިތުންވަނީ ކަނޑައަޅުއްވާފައި. 18 އަހަރުންމަތީގެ ވަރަށްގިނަ ޢަދަދެއްގެ ދިވެހިންގެ ވޯޓުން އެކަނޑައެޅުއްވި ރައްޔިތުންގެ ހުކުމަކީ، އަޅުގަނޑުމެން އެންމެން އެއަށް އިޙްތިރާމްކޮށް، ތަބާވާންޖެހޭ ހުކުމެއް.

އެ ހުކުމާ ހަމަޔަށް ވާސިލުވުމަށްޓަކައި، ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކުރި މަސައްކަތްތަކެއް ކުރީ، އެބަޔަކު ގަބޫލުކުރާ ގޮތުގައި، އެދެނިޒާމުން ރާއްޖެއަށް ފައިދާ ބޮޑު ނިޒާމަކަށް ތާއީދު ހޯދުމަށްޓަކައި. ދިގު، އުނދަގޫ އެތައް ދުވަހެއް، އެތައް ހަފްތާއެއް، އެތައް މަހެއް، އެ މަސައްކަތުގައި ކަޑައްތުކުރި. ކޮންމެއަކަސް، މާތްﷲގެ ވާގިފުޅާއެކު، އެކަން މިހާރު މިވަނީ ނިމިފައި. އެމަރުޙަލާވަނީ ކަޑައްތުކުރެވިފައި. ރައްޔިތުންގެ އަޑުވަނީ، ރައްޔިތުން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އިއްވަވާފައި.

އެހެން ނަމަވެސް، ހިތާމައަކީ، ބައެއް ފަރާތްތަކުން ރައްޔިތުންގެ ހުކުމް ގަބޫލު ނުކުރާކަން. އަދި މިވޯޓުގައި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ބަޔަކު ބުނަމުން ގެންދާކަން. އަދި ޤައުމަށާއި ރައްޔިތުންނަށާއި އެކިއެކި އަމިއްލަ ފަރުދުންނަށް ގެއްލުންދެނިވި ޢަމަލުތަކެއް، ޤައުމަށް ހެޔޮ ނޭދޭ ބަޔަކު ހިންގަމުން ގެންދާކަން.

ކެމްޕޭނުގެ ޚިޔާލުތަފާތުވުންތަކުގެ މައްޗަށް އަޅުގަނޑުމެން އިސްކުރަންވާނީ، ޤައުމު ދެކެވާ ލޯތްބާއި، އެއް ރައްޔިތެއްގެ ގޮތުގައި ތިބެވޭތީ ލިބޭ ފަޚުރު. މިއީ، އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ. ކެމްޕޭނު ނިމުމުން، އަޅުގަނޑުމެން އެކަން ފަހަތަށް ދޫކޮށްލަން ވެއްޖެ. މިހާރު އަޅުގަނޑުމެން އިސްކަންދޭންވީ، އަޅުގަނޑުމެންގެ ގުޅުންތައް ވަރުގަދަކޮށް، އަޅުގަނޑުމެންގެ ސަފުތައް ބަދަހިކޮށް، މުޅި ޤައުމުގެ އެންމެން އެއްބައިވެ އެކަތިގަނޑަކަށްވުމަށް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

އިޞްލާޙު ކުރެވޭ ޤާނޫނުއަސާސީއާއެކު ކޮށާލެވޭ، ޒަމާނީ ޑިމޮކްރަސީގެ އާ މަގަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާދާރުވުމާއި، ކަންކަން ބަލައި ހޯދާ ވިސްނުމުގެ އުސޫލާއި، ފިކުރުގެ މީޒާނުން ކަންކަން ވަޒަންކުރުމުގެ ހަމަތައް އިތުރަށް ވަރުގަދަ ވެގެންދާނެ މަގެއްކަމުގައި އަޅުގަނޑު ދެކެން.

އިޞްލާޙުކުރެވެމުން އެދާ ޤާނޫނުއަސާސީ ވެގެންދާނީ، މިޒަމާނުގެ ދިވެހި ތާރީޚުގައި، ދިވެހިން ދެކޭ ޑިމޮކްރަސީގެ އުސޫލުތަކާއި މިންތަކާއި ހަމަތަކުގެ ވަރުގަދަ އަސާސް ކަމުގައި.

އެހެންކަމުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން މިހާރު ނިންމަވާފައިވާ ގޮތުގެމަތިން، މިއަހަރުގެ ނޮވެމްބަރުމަހުގެ 30 ގެ ނިޔަލަށް ޤާނޫނުއަސާސީ އިޞްލާޙުވެ ނިމުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ވާހަކަ، މިފުރުޞަތުގައިވެސް ތަކުރާރުކޮށްލަން. އަދި އެމަސައްކަތް ހަލުވިކުރުމަށްޓަކައި، އަޅުގަނޑަށް ވެދެވެން އޮތް ހުރިހާ މަދަދެއް، މާތްﷲގެ ވާގިފުޅާއެކު ވެދިނުމަށް ތައްޔާރަށް ހުރި ވާހަކަ ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި، މި ނިމެމުންދާ އޯގަސްޓު މަހުގެ ތެރޭގައި ހިނގައިދިޔަ ކަމެއްގެ ވާހަކަ.

ދައުލަތުގެ ބަންޑާރަނާއިބު ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޙަސަން ސަޢީދާއި، މިނިސްޓަރ އޮފް ޖަސްޓިސް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙަންމަދު ޖަމީލު، މިމަހުގެ 5 ވަނަ ދުވަހު، މަގާމުން އިސްތިޢުފާ ދެއްވި. ހަމައެހެންމެ، މިނިސްޓަރ އޮފް ފޮރިން އެފެއާޒްކަމުގެ މަގާމުގައި ހުންނެވި ޑޮކްޓަރ އަޙްމަދު ޝަހީދުވެސް، މިމަހުގެ 21 ވަނަ ދުވަހު އިސްތިޢުފާ ދެއްވި.

އެ ތިންބޭފުޅުންގެ އިސްތިޢުފާ އަޅުގަނޑު ގަބޫލުކުރީ، ވަރަށް ފުން ހިތާމަޔަކާއެކު. ދިވެހި ޤައުމަށްޓަކައި، އެ ތިންބޭފުޅުން ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގު ފުރިހަމައަށް ވަޒަންކުރަމުން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އެބޭފުޅުންނަށް މާތްﷲ ހެޔޮ ޞިއްޙަތާއި އުފާވެރި ދުވަސްތަކެއް ދެއްކެވުން.

އެ ތިންބޭފުޅުން، ވަޒީރުންގެ މަޖިލީހުން ވަކިވެވަޑައިގެން ކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ޤައުމުގެ ހިންގުމަކަށް އިރާދަކުރެއްވިއްޔާ ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ފަށާފައި މިވާ ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމަކަށް، އަދި ޤައުމުގެ ތަރައްޤީގެ ދުވެއްޔަކަށް ހުއްޓުމެއް ނާންނާނެ. ވަރުގަދަ ޤައުމީ ޢަޒުމަކާއެކު އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތަކަށް ހީނަރުކަމެއް ނާންނާނެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ތިންވަނަ ވާހަކައަކަށް، މިރޭ އަޅުގަނޑު ދަންނަވާލަން ގަސްދު ކުރަނީ، ރާއްޖޭގެ ކުރިމަގުގެ ފޮނި އުންމީދުތައް ކަމަށްވާ އަޅުގަނޑުމެންގެ ލޮބުވެތި ކުޑަކުދިންނާބެހޭ ވާހަކައެއް.

އާދެ! ކުޑަކުދިންނަކީ، މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ނިޢުމަތެއް. އަޅުގަނޑުމެންނާ ހަވާލު ކުރައްވާފައިވާ ވަރަށް މުހިންމު އަމާނާތެއް. ނުހަނުބޮޑު ޒިންމާއެއް.

ކަންމިހެން އޮތްއިރުވެސް، މި ދިވެހި މުޖުތަމަޢުގައި، ކުޑަކުދިންގެ އަބުރަށާއި، ޢިއްފަތަށާއި، ޤަދަރަށާއި ކަރާމާތަށް އުނިކަން އަންނަ ޒާތްޒާތުގެ ގޯނާތައް، އެކިމަޤްޞަދުތަކުގައި އެކުދިންނަށް ކުރެވެމުންދާކަމީ، އަޅުގަނޑުމެން ލަދުގަންނަންޖެހޭ، ހިތާމަކުރަންޖެހޭ ކަމެއް.

މިއީ، އަޅުގަނޑުމެންގެ ވިސްނުމުގެ ސަމާލުކަން އެކަމަށް ހުއްޓުވައި، ޤައުމީ ފެންވަރެއްގައި، ޙައްލެއް ހޯދަން އުޅެން ޖެހިފައިވާ މައްސަލައެއް. މިކަމަށްޓަކައި، ސަރުކާރުން އެޅެންހުރި ފިޔަވަޅުތައް، މިހާރު މިދަނީ ބަލަމުން. ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، އެފަދަ ކުށްކުރާ މީހުންނާމެދު އެޅިދާނެ ފިޔަވަޅުތައްވެސް، މިދަނީ ދިރާސާ ކުރަމުން.

ކުޑަކުދިންނާމެދު ރަޙްމެއްނެތް، އިހާނެތި އަދި ދަށް ފެންވަރުގެ ޢަމަލުތައް ހިންގާ މީހުން، ކުށުގެ ތަޙްޤީޤުގެ މަރުޙަލާގަޔާއި، ޝަރީޢަތުގެ މަރުޙަލާގަޔާއި، އަދަބު ތަންފީޒުކުރުމުގެ މަރުޙަލާގައި، މުޖުތަމަޢުން އެކަހެރިކޮށް، އެމީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ވިސްނުމެއް މިހާރުވަނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ މެދުގައި އުފެދިފައި.

ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް، ދާދިއަވަހަށް ގެނެސް، މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތްކުރާނަން.

ހަމައެހެންމެ، ގަދަ ބާރުގެ ބޭނުންކޮށްގެން ކުރާ ކުށްކުށާއި، ފުރާނައަށް ނުރައްކާވާފަދަ ކުށްކުށާއި، ޒަޚަމާއި ހާނީއްކަ ލިބެނިވި ކުށްކުށްވެސް، އަޅުގަނޑުމެންގެ ތެރޭގައި ގިނަވަމުންދާ ކަމުގައި ދަންނަވަން މިޖެހެނީ، ހިތާމައާ އެކުގައި. މިކަމުގައި ތަފާތު ސަބަބުތައް ހުރުމަކީ އެކަށީގެންވާ ކަމެއް.

އެހެންނަމަވެސް، ދިވެހިންގެ މަޑުމައިތިރި ޞުލްޙަވެރި ސަގާފަތުގައި، މިފަދަ ކުށްކުށަށް ޖާގަދެވިގެން، ފުރުޞަތު ދެވިގެން ނުވާނެކަމަށް، އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހަކުމެ ގަބޫލުކުރާނެ.

އެފަދަ ކުށްތައް މިމުޖުތަމަޢުގައި މަދުކުރެވޭނެ ގޮތްތައް، ސަރުކާރާ ރައްޔިތުންނާ ގުޅިގެން ހޯދައި، ސަރުކާރުގެ ހުރިހާ ދާއިރާތަކަކުން އެއް ވިސްނުމެއްގައި، މިކަމަށް އަވަސް ޙައްލެއް ހޯދުމަކީ، ޖިނާއީ ޢަދުލުގެ ނިޒާމާއި އިޖްތިމާޢީ މައްސަލަތަކާގުޅޭ ސަރުކާރުގެ ދާއިރާތަކަށް މިއަދު އަޅުގަނޑުކުރާ އިލްތިމާސެއް.

މިކަމުގައި މުޖުތަމަޢުގެ ހަމަކޮންމެ ފަރުދެއްގެ ދައުރެއްވެސް އޮތްކަމަށް ދެކެވަޑައިގެން، ހަމަކޮންމެ ފަރުދެއްގެ ފަރާތުންވެސް، ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ދެން މިރޭ އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނާ ހިއްސާކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ އެހެން ވަރަށްބޮޑު ކަމެއްގެ ވާހަކަ.

މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުން ބޭރު، މުޖުތަމަޢުގެ ހަމަޖެހުން ނަގާލެވޭ، މުޖުތަމަޢުގެ އަފުރާދުންނަށް ބިރާއި ހާސްކަން ކުރިމަތިވެދާފަދަ ޢަމަލުތައް، ބަޔަކު ހިންގަމުން ގެންދާކަން އެއީވެސް، ވަރަށް ހިތާމަހުރި ކަމެއް.

އަޅުގަނޑުމެން މިކަންތައްތައް ހުއްޓުވަން އެބަޖެހޭ. ދިވެހި މުޖްތަމަޢަކީ، އަމާން، ރައްކާތެރި މުޖްތަމަޢަކަށް ހަދަން އެބަޖެހޭ. ހިތްހަމަޖެހުމާއެކު، ބިރެއްނެތި، ގޭތެރޭގަޔާއި މަގުމަތީގައި ހިނގާބިނގާވެ އުޅެވޭ މާހައުލެއް ޤާއިމް ކުރަން އެބަޖެހޭ.

އެހެންކަމުން، އަޅުގަނޑުމެންގެ ގެދޮރާއި މަގުތަކާއި އާންމު ތަންތާނގައި، ބިރުވެރި އެކިއެކި އަމަލުތައް ހިންގާ މީސްމީހުންނާމެދުވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށާއި، އަޅުގަނޑުމެންގެ މަގުތަކާއި މުޖުތަމަޢަކީ، ބިރާއި ހާސްކަމާއި ނުތަނަވަސްކަމުން އެއްކިބާވެގެންވާ ތަންތަންކަމުގައި ހެދުމަށް ބޭނުންވާ، ޤާނޫނީ އޮނިގަނޑުތަކާއި އިޖްތިމާޢީ އޮނިގަނޑުތައް ރޭވުމުގެ މަސައްކަތްވެސް، ސަރުކާރުން ފަށައިފި ވާހަކަ، މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ރާއްޖޭގެ އަގު، ބޭރު ދުނިޔޭގެ ކުރިމަތީގައި ވައްޓާލުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށްވެސް، އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. މިގޮތުން ރާއްޖެއަކީ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދޭ ޤައުމެއް ކަމަށް ބުނެ، ބޭރުގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން މިދޭތެރެއިން ފެތުރި ޚަބަރަކީވެސް، ކަނޑައެޅިގެން ދޮގު ޚަބަރެއް. މިފަދަ ކަންތައްތައް އެބަޔަކު އެކުރަނީ، ރާއްޖޭގެ ރީތި ނަން ކިލަނބުކޮށްލުމަށް.

ރާއްޖެއަކީ މުޅި ދުނިޔޭގައި ފަތުރުވެރިކަމުގެ އެންމެ މަޤްބޫލު އެއް މަންޒިލް ކަމަށް މިއަދު ވެފައި އޮތްއިރު، ރާއްޖެއާބެހޭ މިފަދަ ދޮގު ޚަބަރުތައް ފެތުރިގެން ދިޔުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އަދި ރާއްޖޭގެ އިޤްތިޞާދަށް، އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމެއް. އެހެންވުމާއެކު، މިފަދަ ކަންކަން ހުއްޓުވުމަށްވެސް، އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެބަޖެހޭ.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ދިވެހިންގެ މިލޮބުވެތި ވަޠަން އަބަދުވެސް، އަމާންކަމާއި ހިތްފަސޭހަ ކަމުގައި ލެއްވުން. ކޮންމެ ދިވެއްސަކީވެސް، އެމީހަކަށް ލިބިގެންވާ ޙައްޤުގެ އިޙްސާސް އާކުރާ ފަދައިން، އެމީހެއްގެ ޒިންމާގެ މަތިންވެސް، ހަނދާންކުރާ މީހަކު ކަމުގައި ލެއްވުން. މިލޮބުވެތި ޤައުމު، އަބަދުމެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި އުފާ ފާގަތިކަންމަތީ ލެހެއްޓެވުން. އާމީން.

والسـّلام عليـكم ورحمـة اللّـه وبـركاتـه.