بســم اللَّـه الرّحمـن الرّحيــم

الحمـد لِلَّـه ربّ العـالمـين، والصّـلاة والسّـلام على خاتم الأنبياء وسيّد المرسلين، وعلى آله وأصحـابه أجمعـين.

އާދެ، މިއަދަކީ މިއަހަރުގެ ބަރަކާތްތެރި رمضان މަހުގެ ފުރަތަމަ ދުވަސް. އެހެންކަމުން ބަރަކާތްތެރި رمضان މަސް އަޅުގަނޑުމެންނާ استقبال ކުރިކުރުމުގެ އުފާވެރި މުނާސަބަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި إخلاصތެރި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. ހަމައެހެންމެ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސަށާއި، އެ މަޖިލީހުގެ ނާއިބު ރައީސަށާއި، އެ މަޖިލީހުގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށް، މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ، އަޅުގަނޑު ދަންނަވަން. ހަމައެއާއެކު، މިތަނަށް ވަޑައިގެން ތިޔަ ތިއްބެވި އަޅުގަނޑުމެންގެ ލޮބުވެތި أخ ންނާއި أخت ންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އޭގެ އިތުރުން، މިޕްރޮގްރާމުގެ އަޑު އައްސަވާ ނުވަތަ ބައްލަވާ ހުރިހާ ބޭފުޅުންނަށް އަދި ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް رمضان މަހުގެ إخلاص ތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. ހަމައެއާއެކު މިތަނަށް ވަޑައިގެން ތިއްބެވި عزّة ތެރި قارى ންނާއި واعظ ންނަށްވެސް މިމުނާސަބަތުގައި މުބާރަކްބާދީ ދަންނަވަން. އަދި އެބޭފުޅުން ފޮނުއްވި قوم ތަކުގެ ވެރިންނަށާއި އާންމުކޮށް ދަންނަވަންޏާ އިސްލާމީ އުންމަތުގެ އެންމެންނަށް މިބަރަކާތްތެރި އަދި އުފާވެރި މުނާސަބަތުގެ إخلاص ތެރި ހެޔޮއެދުމާއި ތަހުނިޔާ އަޅުގަނޑު ފޮނުވަން.

އާދެ، رمضان މަހުގެ ރޭތަކާ ދުވަސްތައް إخياء ކުރުމުގެ ޕްރޮގްރާމަކީ، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ ޕްރޮގްރާމެއް. އެ ޕްރޮގްރާމުގެ އެންމެ މުހިންމު ކަމަކަށް އޮންނަނީ ކޮންމެ ހަފްތާއަކު ދެރޭ އިސްލާމީ މަރްކަޒުގެ މި ޖަލްސާކުރާ މާލަމުގައި ކަމާބެހޭ ޖަލްސާއެއް ބޭއްވުން. އެ ޖަލްސާގައި މިއޮންނަނީ ކީރިތި قرآن ކިޔެވުމާއި އަދި قرآن ކިޔަވާ އަޑު އަޅުގަނޑުމެން އަހަން ތިބުމާއި އަދި އިސްލާމީ ކޮންމެވެސް مؤضوع އަކާ ބެހޭގޮތުން ކޮންމެވެސް ބޭފުޅަކު މިތާނގައި ވާހަކަފުޅު ދެއްކެވުން.

މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބާ އެކީގައި ވަރަށް ފުރިހަމަ ގޮތެއްގައި ވަރަށްގިނަ އަހަރުތަކެއް ވަންދެން އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން ހިންގަވާފައިވާ އަދި މިހާރުވެސް ހިންގަވަމުން ގެންދަވާ ޕްރޮގްރާމެއް. އެހެންކަމުން، މިޕްރޮގްރާމް މިހާ ފުރިހަމަ ގޮތެއްގައި އަދި އޭގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބެނިވި ގޮތެއްގައި ހިންގަވާދެއްވާ ކަމަށްޓަކައި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ عزّة ތެރި ރައީސް فضيلة الأستاذ الشّيخ محمّد رشيد إبراهيم އަށާއި، އަދި އެމަޖިލީހުގެ ނާއިބު ރައީސް فضيلة الأستاذ الشّيخ أحمد فاروق محمّد އަށާއި، އަދި އެ މަޖިލީހުގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު شكر ދަންނަވަން.

އާދެ، މި ޕްރޮގްރާމުގައި ކީރިތި قرآن ކިޔެވުމާއި ކީރިތި قرآن ކިޔަވާ އަޑުއެހުމާއި އޭގެފަހުން މިއޮންނަނީ ދީނީގޮތުން މުހިންމުކަން ދެވޭ مؤضوع އެއްގެ މައްޗަށް ވާހަކަދެއްކުން. މި ޕްރޮގްރާމުގައި އަޅުގަނޑަށްވެސް އެ ފުރުޞަތު ލިބެމުންދާތީ އެކަމަށްޓަކައި اللّـه سبحانه وتعالى ގެ حضرة އަށް حمد އާއި شكر ދަންނަވަން. އަދި އަޅުގަނޑު ދައްކާ ވާހަކަ ތިޔަބޭފުޅުން އައްސަވަމުން ގެންދަވާތީ، އަދި ރާއްޖޭގެ ލޮބުވެތި އެހެން ރައްޔިތުންވެސް އައްސަވަމުން ގެންދަވާތީ، ތިޔަބޭފުޅުންނަށާއި އެބޭފުޅުންނަށް އަޅުގަނޑު ވަރަށް إخلاص ތެރިކަމާއެކު شكر ދަންނަވަން.

އާދެ، މިރޭ އަޅުގަނޑުގެ ވާހަކަ ބިނާކުރަން ގަސްތުކުރާ مؤضوع އަކީ، އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދޭންޖެހިފައިވާ مؤضوع އެއް. އާދެ، މިޒަމާނަކީ معلومات ގެ ޒަމާން. معلومات ލިބިގަތުމާއި معلومات ހޯދުމާއި معلومات ފެތުރުމުގެ ޒަމާން. މިހެން ދެންނެވީމާ އެއީ ދެން ވަރަށް ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ. އެހެންނަމަވެސް، ދުނިޔޭގެ އެއްވެސް ކަމަކީ އެންމެ ފުރިހަމަ ގޮތުގައި ހިނގާކަމެއްނޫން. ކިތަންމެ ރަނގަޅު مقصد އެއްގައި ކިތަންމެ ރަނގަޅަށް ހިންގޭތޯ ބެލިނަމަވެސް ކޮންމެކަމެއްގައިވެސް ރަނގަޅު ކަންތައްތަކާ ނުރަނގަޅު ކަންތައްތައް ހުރޭ. އެކަން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވޭ.

އާދެ، معلومات ގެ ޒަމާނުގައިވެސް އެކަން އޮތީ އެހެންކަން ވަރަށް ރަނގަޅަށް ވިސްނާލީމާ އަޅުގަނޑުމެންނަށް އެނގޭ. އާދެ، معلومات ފެތުރުމުގެ ވަސީލަތްތައް ވަރަށްގިނަ. އޭގެތެރޭގައި އެންމެފުރަތަމަ މަދަރުސާތަކާއި ސްކޫލުތަކާއި جامعة ތަކާއި ޔުނިވަރސިޓީތައް ހިމެނޭ. އަދި އޭގެއިތުރުން، ރޭޑިޔޯއިންނާއި ޓެލެވިޜަންގެ ޒަރީޢާއިންނާއި އަދި އެކިއެކި ޗެނެލްތަކުން އަޅުގަނޑުމެންނަށް މި ލިބޭ معلومات އާއި އެކިކަންކަމުގެ حقيقة ތައް ހިމެނޭ. ހަމައެއާއެކީގައި، މިޒަމާނުގައި އިލެކްޓްރޯނިކް ވަސީލަތުން ބޭނުންކުރާ ތަފާތު ކަންތައްތައްވެސް އެބަހުރި. ވަރަށްގިނަ معلومات އާބެހޭ ވެބްސައިޓުތައް ހުރޭ. އެހެންވީމާ، معلومات ފެތުރުން މިއޮތީ ވަރަށްބޮޑަށް އާންމުވެފައި. ވަރަށްބޮޑަށް ހުޅުވިފައި. މިކަން މިހެން އޮތުމާއެކީގައި މިހުރިހާ ވަސީލަތަކުން އަޅުގަނޑުމެންނަށް މިލިބޭ معلومات އަކީ އެންމެ ތެދު، އެންމެ ރަނގަޅު، އެންމެ صحّ معلومات ތޯ ނޫންތޯ ބެލުން މިއަދު މިވަނީ މައްސަލައަކަށްވެފައި. އެހެން މިދެންނެވީ ވަރަށްގިނަ ނޫސްތަކާއި މަޖައްލާތަކާއި ޓެލެވިޜަން ޗެނެލްތަކާއި އަދި އެކިއެކި ވެބްސައިޓުތައް މިހިންގަނީ އަމިއްލަ ފަރާތްތަކުން. އެބަޔަކު ބޭނުންވާ ވާހަކައެއް އެބަޔަކު ބޭނުންވާ ގޮތަކަށް މިދެންނެވި ވަސީލަތްތަކުން މީހުންނާ ހަމައަށް ގެނެސްދެމުން އެބަގެންދޭ.

އިންސާނުންނަކީ އިންސާނުން. އެހެންވީމާ، އިންސާނުންކުރާ ކަންތައްތަކުގައި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައްވެސް ހުންނާނެ. معلومات ފެތުރުމުގެ ވަސީލަތްތަކުގެ ތެރޭގައި ވަރަށް ހަރުދަނާ ގޮތެއްގައި ވަރަށް ރަނގަޅު صحّ معلومات ގެނެސްދޭ ވަރަށްގިނަ ފަރާތްތައް އެބަހުރި. ހަމައެއާއެކީގައި ދަންނަވަންޖެހެނީ އޭގެތެރޭގައި، އެންމެރަނގަޅު معلومات ގެނެސްނުދޭ ނުވަތަ އެކިއެކި ސަބަބުތަކަށްޓަކައި ދޮގު معلومات ގެނެސްދޭ މިފަދަ ވަސީލަތްތައްވެސް އެބަހުއްޓޭ. މިދެންނެވި ވަސީލަތްތަކަކީ އެއްވެސް ފަރާތެއްގެ ބާރުހިނގާ ވަސީލަތްތަކެއްނޫން. މިސާލަކަށް ދަންނަވަންޏާ އަމިއްލަ ފަރާތްތަކުން ހިންގާ އެކިއެކި ވެބްސައިޓުތައް، އެއަކީ އޭގެމައްޗަށް އެއްވެސް ފަރާތެއްގެ ބާރުހިނގާ އެއްޗެއްނޫން. އެ ވެބްސައިޓު ހިންގާ މީހަކު ނުވަތަ ފަރާތަކުން ލިޔަން ބޭނުންވާ އެއްޗެއް އޭގައި ލިޔަމުން އެބަގެންދޭ. އަޅުގަނޑުމެންގެ މި މަތިވެރި މާތް އިސްލާމްދީނާ ބެހޭގޮތުންވެސް މިކަން ހިނގަނީ މިހެން. އިސްލާމްދީނާބެހޭ ވަރަށް ރަނގަޅު ނޫސް މަޖައްލާތައް އެބަހުރި. ވަރަށް ރަނގަޅު ޗެނެލްތައް އެބަހުރި. ވަރަށް ރަނގަޅު ވެބްސައިޓުތައް އެބަހުރި. ދީނާބެހޭ حقيقى معلومات އޭގެ خدمة ބަލައިގަންނަ މީހުންނަށް ވަރަށް ރަނގަޅަށް ދޭ މިފަދަ ވަސީލަތްތައް އެބަހުރި. އެހެންނަމަވެސް ހިތާމައަކީ، މީގެއިތުރުން، އިސްލާމްދީނާ ބެހޭގޮތުން ދޮގުވާހަކަ ފަތުރާ، އިސްލާމްދީނުގެ ބޮލުގައި حقيقة އެއްނެތް ބަދުނާމުތަކެއް އަޅުވަން މިކަންކުރާ އެތައް ބަޔަކުވެސް އެބަތިއްބޭ.

އެހެންވީމާ، معلومات ފެތުރުމުގެ ޒަމާނުގައި ހުރިހާ ކަމެއް ހިނގަނީކީ އެންމެ ރަނގަޅަކަށޭ ދެންނެވޭކަށް ނެތް. އަދި އެއްވެސް މީހަކު އެކިޔާ ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އެބަލާ ވެބްސައިޓެއްގައި އެހުންނަ معلومات އަކީ ތެދު ނުވަތަ صحّ معلومات ކަމުގެ ޔަގީންކަން އެމީހަކަށް ލިބޭނެގޮތެއްނެތް. މިއީ، އަޅުގަނޑުމެން މިއަދު ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް. ބައެއް ފަރާތްތަކުން އެކިއެކި ބޭނުމުގައި، ސިޔާސީ ބޭނުމުގައި ނުވަތަ ދީނީ ބޭނުމުގައި، ނުވަތަ އެނޫންވެސް ބޭނުމެއްގައި އެބަޔަކު ބޭނުންވާގޮތަށް އެކިއެކި ވާހަކަތަކާ معلومات ބައްޓަން ކޮށްގެން އަޅުގަނޑުމެންނާ ހަމައަށް އެބަގެނެސްދޭ. އޭގެ حقيقة އަޅުގަނޑުމެންނަކަށް ނޭނގޭ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކު އެކިޔާ ނޫހެއް ނުވަތަ މަޖައްލާއެއް ނުވަތަ އެ އަޑުއަހާ ރޭޑިޔޯ ސްޓޭޝަނެއް ނުވަތަ ބަލާ ޓީވީ ޕްރޮގްރާމެއް ނުވަތަ އެބަލާ ވެބްސައިޓެއް މިތަންތަނުން އެދޭ معلومات އަކީ ރަނގަޅު معلومات ތޯ ބަލަން އެބަޖެހޭ. އެބެލޭނެ ގޮތްވެސް އެބަހުރި. އެއީ ދީނާބެހޭ معلومات ކަމަށްވަންޏާ ދީނުގެ حقيقى علم ވެރިންގެ އަރިހުން އެކަން އޮޅުން ފިލުވިދާނެ. އެހެންކަމަކާބެހޭ معلومات ކަމަށްވާނަމަވެސް އެފަންނެއްގެ މާހިރުންގެ އަރިހުން އޭގެ حقيقة އޮޅުންފިލުވިދާނެ. އެހެންނަމަވެސް، އެމަސައްކަތަކީ ކުރަން މާފަސޭހަ މަސައްކަތެއްނޫން. އަދި ވަރަށްގިނަ ބަޔަކަށް އެ މަސައްކަތް ކުރުން އޮންނާނީ ދަތިކަމަކަށް ވެފައި.

އޭގެއިތުރުން، ދަންނަވާލަންޖެހޭ ވާހަކައަކީ ބައެއް މީހުންނަށް އެމީހުންގެ ވިސްނުން ހުންނަގޮތުން އިވޭ ކޮންމެ އަޑަކީ ތެދެއްކަމުގައި އެބަ ގަބޫލުކުރޭ. ނޫހެއްގައި ލިޔެފައި އޮންނަ ފެންނަ ކޮންމެ خبر އަކީ ތެދު خبر އެއްކަމުގައި އެބަހިތަށްއަރާ. އެހެން ބައެއް މީހުންނަށްވޭ. އެކަމަކު މިކަހަލަ ޒަމާނެއްގައި އެއީ ވަރަށްބޮޑަށް ވިސްނަންވެއްޖެކަމެއް. ކުރިންވެސް މިދެންނެވި ސަބަބުތަކަށްޓަކައި އާދެ، ސިޔާސީ ބޭނުމެއްގައި ނުވަތަ ދީނީ ބޭނުމެއްގައި ހަމަ ކަނޑައެޅިގެން ދޮގުވާހަކައެއް މީހަކު ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ލިޔެފާނެ. ރޭޑިޔޯގެ ޒަރީޢާއިން އެވާހަކަ ފޮނުވަފާނެ. ވެބްސައިޓެއްގައި އެހެން ލިޔެފާނެ. އެހެންވީމާ، އެއީ އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއްކަމުގައި އަޅުގަނޑު ދަންނަވާލަން.

އާދެ، މިގޮތުން މިޒަމާނުގެ ބައެއް އާންމު އުސޫލުތަކާއި އަދި ބައެއް މަފްހޫމްތަކަކީ ހަމައެކަނި މިޒަމާނުގެ އުފެއްދުންތަކެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުން ގެންދޭ ނުވަތަ ގެންދާނެ. އެކަން އަޅުގަނޑުމެންނަށް ގަބޫލުވެސް ކުރެވޭ. އެހެންނަމަވެސް، حقيقة އަށް ބަލާއިރު ބައެއް އިންސާނުން މިޒަމާނުގައި ގަބޫލުކުރާ މިދެންނެވިކަހަލަ އާންމު އުސޫލުތަކާއި އާންމު މަފްހޫމްތަކަކީ حقيقة އަށް ބަލާއިރު މާކުރިން އިންސާނުން ހޯދާފައިވާ ނުވަތަ ގަބޫލުކޮށްފައިވާ އުސޫލުތަކަކާއި މަފްހޫމުތަކަކަށް ވެދާނެ.

އާދެ، އެގޮތުން ދަންނަވާލަން މިރޭ އަޅުގަނޑު ބޭނުންވެގެން މިއުޅެނީ މިހާރު އަޅުގަނޑުމެން ބޭނުންކުރާ މަފްހޫމެއްގެ ވާހަކަ. އާދެ، "ނޮލެޖް ބޭސްޑް ސޮސައިޓީ" "علم ގެ މައްޗަށް ބިނާވެފައިވާ مجتمع." އެހެންބުނީމާ އަޅުގަނޑުމެންނަށް މިހީވަނީ علم ގެ މައްޗަށް ބިނާވެފައިވާ مجتمع އަކީ މިޒަމާނުގެ އުފެއްދުމެކޭ. އިންސާނުން ترقّى ވަމުން އައިސް މިހާރު އެމީހުންނަށް ގަބޫލުކުރެވިފައިވާ حقيقة އެކޭ. ނުވަތަ މަފްހޫމެކޭ. އެހެންނަމަވެސް، حقيقة އަކީ އެއެއްނޫން. حقيقة އަކީ، ނޮލެޖް ބޭސްޑް ސޮސައިޓީ ނުވަތަ علم ގެ މައްޗަށް ބިނާވެފައިވާ مجتمع އަކީ، މާތްވެގެންވާ އިސްލާމްދީނުގައި ގެނެސް ދެއްވާފައިވާ މަފްހޫމެކޭ.

އާދެ، ބަރަކާތްތެރި رمضان މަހަކީ ކީރިތި قرآن ގެ މަސް. ކީރިތި قرآن ން އެންމެ ފުރަތަމަ ބާވާލެއްވި آية ތައް އަޅުގަނޑުމެން ދަންނަމު. "ﭐقْرَأْ بِٱسْمِ رَبِّكَ ٱلَّذِي خَلَقَ  خَلَقَ ٱلإِِنسَـٰنَ مِنْ عَلَقٍ  ٱقْرَأْ وَرَبُّكَ ٱلإَكْرَمُ  ٱلَّذِي عَلَّمَ بِٱلْقَلَمِ  عَلَّمَ ٱلإِنسَانَ مَالَمْ يَعْلَمْ"

އާދެ، އެންމެފުރަތަމަ މިފަދަ ބަރަކާތްތެރި رمضان މަހެއްގައި މާތްﷲ ކީރިތި ރަސޫލާއަށް ބާވާލެއްވި آية ތަކުގެ މާނަވެސް އަޅުގަނޑުމެންނަށް އޮންނާނީ ވަރަށްގިނަފަހަރު އިވިފައި. އެހެންނަމަވެސް ވާހަކަ ފުރިހަމަކޮށްލުމަށްޓަކައި ދަންނަވާލަންކަމަށް. އާދެ، މި آيـة ތަކުގެ މާނައަކީ، "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ."

އާދެ، ޒަމާނަކީ ކޮން ޒަމާނެއްތޯ! ޒަމާނަކީ علم ގެ މާބޮޑު އަލިކަމެއް ފެތުރިފައިވާ ޒަމާނެއްނޫން. އެހެންވީމާ، އެޒަމާނަށް އަޅުގަނޑުމެން ކިޔައި މިއުޅެނީ ޖާހިލީ ޒަމާނޭ. ޖާހިލުން އުޅުނު ޒަމާނޭ. އެ ޒަމާނުގައި ރަސޫލާގެ މައްޗަށް ﷲ ބާވާލެއްވި އެންމެފުރަތަމަ آيـة ގައި މި އަންގަވަނީ، "ﭐقْرَأْ" "ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ." އެހެން އެ އަންގަވަނީ މި آيـة ގައި އެކަންޏެއްނޫން. މިދެންނެވި ފަސް آيـة ގައި ދެފަހަރު އެބައާދޭ، ކިޔަވާ ވިދާޅުވާށޭ މި އަމުރު. ފެށޭތާނގައި "ﭐقْرَأْ بِٱسْمِ رَبِّكَ ٱلَّذِي خَلَقَ" "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ!" އެހެން އަންގަވާފައި އޭގެ އެއް آيـة ފަހުން "ٱقْرَأْ وَرَبُّكَ ٱلإَكْرَمُ" "ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ." މި ފަސް آيـة ގައި ދެފަހަރު ތަކުރާރުކޮށް ރަސޫލާއަށް ﷲ އަންގަވާފައި މިއޮންނަނީ ކިޔަވާވިދާޅުވާށޭ.

އާދެ، ކިޔެވުމާއި އުނގަންނައި ދިނުމާ މިއީ އެއް ފައިސާފޮއްޗެއްގެ ދެފަރާތް. ކިޔަވައި ދެނީކާކުތޯ! ކިޔަވައި ދެއްވަނީ ކޮންފަރާތަކުންތޯ! އެއީ اللّـه سبحانه وتعالى. اللّـه سبحانه وتعالى އިންސާނާއަށް ކިޔަވައި ދެއްވާކަން، އިންސާނާއަށް އެމީހާ ނުދަންނަ އެއްޗެތި އަންގަވައި ދެއްވާކަން މި ފަސް آيـة ގައި ދެފަހަރު އަންގަވާފައި އެބައޮތް. "ٱلَّذِي عَلَّمَ بِٱلْقَلَمِ" އެކަލާނގެއީ، قلم ން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ." "عَلَّمَ ٱلإِنسَانَ مَالَمْ يَعْلَمْ" "އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." އެހެންވީމާ މި ފަސް آية ގައި ރަސޫލާ ކިޔަވާ ވިދާޅުވާށޭ. މާތްﷲ ދެފަހަރު އަންގަވާފައި އެބައޮތް. އަދި علم އުނގެނުމަކީ އަދި އުނގަންނައި ދިނުމަކީ އެއީ ﷲ މެދުވެރިކުރައްވާ ކަމެއްކަން ހަމަދެފަހަރު އަންގަވާފައި އެބައޮތް. އިސްލާމްދީނުގެ ފެށުމަކީ މިއީ. އިސްލާމްދީނުގެ ފެށުމަކީ ކިޔެވުމާއި ކިޔަވައިދިނުމާއި علم އާއި تعليم. އެހެންވީމާ، حقيقة ގައި އިސްލާމީ مجتمع އަކީ علم ގެ މައްޗަށް ބިނާވެފައިވާ مجتمع އެއްކަން ނުވަތަ އެއީކަން ނޮލެޖް ބޭސްޑް ސޮސައިޓީއަކީ މި آية ތަކުން އެކަނިވެސް ވަރަށް ރަނގަޅަށް އެބަ ސާބިތުވޭ.

އާދެ، މާތްވެގެންވާ އިސްލާމްދީން ދެކޭގޮތުގައި އިންސާނީ ތަރައްޤީ ބިނާވެފައިވަނީ علم ގެ މައްޗަށްކަން ކީރިތި قرآن ގެ މިނޫންވެސް ކިތަންމެ آية ތަކަކުން ވަރަށް ޞަރީޙަކޮށް އަޅުގަނޑުމެންނަށް އެބަ އަންގަވައިދެއްވާ. އަދި މާތް ރަސޫލާގެ ސުންނަތުންވެސް އެކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެބަ ދޭހަވޭ. މިސާލެއް ދަންނަވަންޏާ ކީރިތި قرآن ގައި علم މި ލަފްޒު ކިތައްފަހަރު އައިސްފައިވޭތޯ ހިތްޕުޅަށް ގެންނަވަބައްލަވާ. علم މިލަފްޒު ކީރިތި قرآن ގައި 105 ފަހަރު އައިސްފައި އެބައޮތް. ދެން علم އެލަފްޒުން ނެގޭ عرب އެހެން ލަފްޒުތައް އެކިސިފަސިފާގައި އައިސްފައިހުރި އަދަދަށް ބަލާއިރު އެބައޮތް، علم އެ ލަފްޒާއި އެއިން ނެގޭ ތަފާތު، އެއާގުޅުންހުރި ހަމަ އެމާއްދާއިން ع، ل، م علم އެއިން ނެގިފައިހުރި ލަފްޒުތަކަށް ބަލާއިރު 778 ފަހަރު ކީރިތި قرآن ގައި އައިސްފައި އެބައޮތް. އެހެންވީމާ، މިއިންވެސް ކީރިތި قرآن ގައި علم އަށް، معلومات އަށް ކިޔެވުމަށް، ކިޔަވައިދިނުމަށް، އުނގެނުމަށް، އުނގަންނައި ދިނުމަށް ދެއްވާފައިވާ އަހަންމިއްޔަތު ވަރަށް ރަނގަޅަށް އެބައެނގޭ.

އިސްލާމްދީނުގައިވަނީ علم އުނގެނުމަށާއި ސިކުނޑީގެ ބޭނުންކުރުމަށާއި އެކިއެކި معلومات ހޯދުމަށާއި ތަޖްރިބާއިން ކަންތައްތައް ދަސްކުރުމަށާއި މިހުރިހާ ކަމަކަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައި. حقيقة ގައި علم އަކީ އީމާންކަން ހޯދުމަށްވެސް ވަރަށް ބޭނުންވާކަމެއް. علم އެއްނެތި އީމާންކަމެއްވެސް ނޯންނާނެ. އެހެންވީމަތާ ކީރިތި قرآن ގެ އެންމެ ފުރަތަމަ آية ގައި ކިޔަވާ ވިދާޅުވާށޭ މިއަންގަވަނީ. ރަސޫލާއަށް އީމާންކަން ލިބިވަޑައިގަންނަވާނީވެސް ކިޔަވާ ވިދާޅުވެގެން. އަޅުގަނޑުމެންނަށް އީމާންކަން ލިބޭނީވެސް ކިޔަވައިގެން.

ދީނުގެ އެންމެ މުހިންމު ކަމަކީ އީމާންކަން. މާތްﷲ އަށް އީމާންވުން އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވުން. އެކަލާނގެ މިންވަރުފުޅަށް އީމާންވުން. މަލާއިކަތުންނަށް އީމާންވުން. قيامة ދުވަހަށް އީމާންވުން. މިހުރިހާ ކަމަކަށް އީމާންވުން މިއީ ދީނުގެ ފެށުން. އީމާންވެވެނީ علم އުނގެނިގެން. އެއްޗެއް ދަސްކޮށްގެން. އެހެންވީމާ، ދީނުގެ އެންމެ ފުރަތަމަ އަސްލުވެސް އަޅުގަނޑުމެންނަށް ހާސިލުކުރެވެން މިއޮތީ ކިޔަވައިގެން. އެއްޗެހި ދަސްކޮށްގެން. حقيقةގައި މާތްﷲ ގެ ކުޅަދުންވަންތަކަން އެނގޭނީ ކިޔަވައިގެންތިބި މީހުންނަށް. މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް މިދުނިޔޭގައި އަޅުގަނޑުމެން ބަލައިލި ކޮންމެދިމާއަކަށް ލައްވާފައިވޭ. އިންސާނުންނަށް ބެލިނަމަވެސް، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަށް ބެލިނަމަވެސް، ޖަނަވާރުންނަށް ބެލިނަމަވެސް، ގަސްގަހާގެއްސަށް ބެލިނަމަވެސް، ކަނޑުތަކަށް ބެލިނަމަވެސް، ކޯރުތަކަށް، ފަރުބަދަތަކަށް، އުޑުމައްޗަށް އުޑާދިމާއަށް އަޅުގަނޑުމެން ނަޒަރު ހިންގިޔަސް އިރާއި ހަނދާ ތަރިތަކަށް ބެލިނަމަވެސް މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް، އެއިން ކޮންމެތަނަކުން ވަރަށް ސާފުކޮށް ފެންނަން އެބަހުރި. އެހެންނަމަވެސް، މިކަންކަންވެސް އެނގޭނީ އެކަމުގެ علم ހޯދާފައިވާ ބަޔަކަށް. އަޅުގަނޑުމެން އިރު ބަލާލިއަކަސް އެއީކީ އެހާބޮޑު އެއްޗެއްކަމަކަށް ހިތަކަށް ނާރާ ހިނގައިދާނެ. އެކަމަކު އިރު އުފެދިފައިވާގޮތާ، އެއިން އެ ލިބޭ ހަކަތަޔާއި އޭގެހޫނުކަމާއި އެ ދައުރުކުރާގޮތާ މިކަންތައްތައް އެނގޭނީ އެކަންވެސް ދަސްކޮށްގެން. ހަނދުވެސް އަޅުގަނޑުމެންގެ ބިމުގެ ވަށައިގެން މިދަތުރުކުރަނީ. އެ ދަތުރުކުރަނީ ކިހިނެއްކަން އެނގޭނީ އެކަންވެސް ދަސްކޮށްގެން.

އާދެ، رمضان މަސް މިފެށެނީ ހަނދުފެނުނީމާ ނުވަތަ ހަނދު ސާބިތުވީމާ. رمضان މަސް ހުސްވެ، ޢީދަށް އަޅުގަނޑުމެން ކުރިމަތިލަނީ ހަނދުފެނުނީމާ ނުވަތަ ހަނދު ސާބިތުވީމާ. އެކަންވެސް އަޅުގަނޑުމެންނަށް އެނގޭނީ ދަސްކޮށްގެން. އެކަމާބެހޭ علم، އެކަމާބެހޭ معلومات ހޯދައިގެން. ބިމުގެ ވަށައިގެން ހަނދު ދައުރުކުރާގޮތާއި، ދައުރުކުރާ މުއްދަތާއި، އޭގެ ކައިރިމިނާއި ދުރުމިނާއި، ހަނދުތަންކޮޅެއް ކައިރިއަށް އަތުވެއްޖިއްޔާ ތަންކޮޅެއް ބާރަށް ހަނދު ދަތުރުކުރާނީ. ތަންކޮޅެއް ދުރަށް ހިނގައްޖިއްޔާ ތަންކޮޅެއް ލަހުން ދަތުރުކުރާނީ. އެއީ ޖާޒުބިއްޔަތުގެ ސަބަބުންވާކަމެއް. މިކަން ދެނެވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހަނދުމަހުގެ ހުރިހާ ރެއެއް އެއްވަރެއް ނުވާނެކަން. ހަނދު ދައުރުކުރާ ބާރުމިން އެއްރެއިން އަނެއްރެއަށް ތަފާތުވާނެ. މަހުގެ ތެރޭގައި އަންނާނެ ހަނދުކައިރީގައި ހުންނަވަގުތެއް. އެއަށް މިކިޔަނީ ޕެރިޖީ. ހަނދު ދުރުގައި ހުންނަ ވަގުތެއް. އެއަށް މިކިޔަނީ އެޕޮޖީ. ކައިރީގައި ހުންނައިރު ބާރަށް ދަތުރުކުރާނެ. ހަމަލޮލަށް ނުފެނުނަސް ހިސާބުން ބަލާއިރު ތަންކޮޅެއް އަވަހަށްދާނެ. ދުރުގައި ހުންނައިރު ދަތުރުކުރާނީ ތަންކޮޅެއް ލަހުން. އެހެންނަމަވެސް، މަސް ނިމިގެން އަންނައިރު އޮންނާނީ ހަމައަކަށް އެޅިފައި. އެއީ ދެކޮޅު އައިމާ އެވްރެޖް ވެގެންގޮސް ނިމޭއިރު އޮންނާނީ ގާތްގަނޑަކަށް 29 ދުވަހާ ކޮންމެވެސް ވަގުތުކޮޅެއް ފާއިތުވެގެން ގޮސްފައި.

މިކަންވެސް އެނގޭނީ ދަސްކޮށްގެން އޭގެ ހިސާބުވެސް އުނގެނިގެން. ހަނދު ފެންނާނެތޯ ނުފެންނާނެތޯ ބަލަން އެނގޭނީވެސް އެކަމުގެ علم ވެރިންނަށް. މިނޫންވެސް ކޮންމެކަމެއް، މިސާލަކަށް މޫސުމާބެހޭ ކަންތައްތައް. ކޮންމެރެޔަކު ޚަބަރުގައި އަންނާނެ، މާދަމާ މޫސުން ވާނީ މިވެނިގޮތަކަށޭ. އޭގެ އަނެއްދުވަހުންވާނީ މިވެނިގޮތަކަށޭ. ބައެއްފަހަރަށް ދިމާނުވެވެސް ހިނގައިދާނެ. އެކަމަކު ވަރަށް ގިނަފަހަރު ދިމާވާނެ. ދިމާވަނީ ކީއްވެގެންތޯ. އެކަމާބެހޭ علم ބަޔަކު ހޯދާފައި އޮތީމާ. ވިއްސާރަވުމަށް މެދުވެރިވާ ސަބަބުތައް ދެނެގެންފައިވާތީ. އަދި އެކަމާބެހޭ އެކިއެކި ހެކިތައް ޖައްވުގެ ތެރެއިން ފެންނާތީ. އެއީ ފިނިހޫނުމިނާއި ވައިގެ ޕްރެޝަރާއި ދެން ވައިގެ ހުންނަ ތެތްކަމާ މިހެންގޮސް ބައިވަރު ކަންތައްތައްތައް، ވައިޖެހޭދިމާއާއި އަންނަބާރުމިނާއި މިހުރިހާ އެއްޗެއް ބަލައިގެން އެއިން މިނަގަނީ ކުރިޔަށް މޫސުން ލަފާކުރާގޮތް. އެކަންވެސް ދަސްކުރިއްޔާނޫނިއްޔަކާ ނޭނގޭނެ. އެކަން ދަސްކުރީމާ އެކަމުގައި ހިމެނިފައިވާ ﷲ ގެ ކުޅަދުންވަންތަކަމުގެ ދަލީލުތައް އަޅުގަނޑުމެންނަށް އެނގޭނީ. އޭރުން އަޅުގަނޑުމެންގެ އީމާންކަން ފުރިހަމަވަނީ. މިދެންނެވީ ހަމައެކި މިސާލުތަކެއް. މިނޫން ކޮންމެކަމެއް ބައްލަވައިލެއްވިއަސް ކޮންމެ ދިމާއެއް ބައްލަވައިލެއްވިއަސް އެނގިވަޑައިގަންނަވާނެ ﷲ ގެ ކުޅަދުންވަންތަކަން ފެންނަ ބައިވެރި ހެކިތައް ބައިވަރު ދަލީލުތައް އެބަހުރިކަން. އެހެންނަމަވެސް، އޭގެ حقيقة ކިހިނެއްތޯ އަޅުގަނޑުމެންނަށް އެނގެނީ. ހަމައެކަނި ބަލާލުމަކުން ނޭނގޭނެ. އޭގެ علم އުނގެނިގެން، އޭގެ حقيقى ސިއްރުތަކާ ހަމައަށް ވާސިލުވެވިގެންނޫނީ އޭގައި ހިމެނިފައިވާ މަތިވެރި ޙިކުމަތާއި ﷲ ކުޅަދުންވަންތަކަމުގެ ބޮޑުކަން އެއްގޮތަކަށްވެސް ހިތަކަށް ނުގެނެވޭނެ.

އެހެންވީމާ، މާތްﷲ ކީރިތި قرآن ގައި وحى ކުރައްވަނީ "إِنَّمَايَخْشَى ﭐللَّـهَ مِنْ عِبَادِهِ ﭐلْعُلَمَـٰؤُاْ" (فاطر: 28) މާނައަކީ، "ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެ ތެރެއިން علمވެރިންނެވެ." މާނައަކީ ﷲ އަށް حقّ ގޮތުގައި ބިރުވެތިވެވޭނީ علم ވެރިންނަށް. ﷲ ކުޅަދުންވަންތަކަން ރަނގަޅަށް ތަޞައްވުރު ކުރެވޭނީ علم ވެރިންނަށް. މިދެންނެވީ ހަމައެކަނި ދީނީ علم ވެރިންގެ ވާހަކައެއްނޫން. މިދެންނެވީ، މިދެންނެވި ހުރިހާ ކަންތައްތަކެއް ބަލައި ހޯދައި އޭގެ ސިއްރުތަކާހަމައަށް ވާސިލުވާ އޭގެ معلومات ހޯދާ ބައެއްގެ ވާހަކަ. މާތްﷲ އަށް ބިރުވެތިވާން حقّ ގޮތުގައި ބިރުވެތިވެވޭނީ އެމީހުންނަށް.

މިދެންނެވި ހަމައިގެމަތިން علم ވެރިންނަކީ މާތްﷲ ގެ حضرة ގައި ދަރަޖަ އުފުލިގެންވާ ބައެއްކަން، علم ވެރިންގެ ދަރަޖައަކީ ވަރަށް މަތިވެރި ދަރަޖައެއްކަން ކީރިތި قرآن ން ވަރަށް ރަނގަޅަށް އެނގޭ. މިދެންނެވި علم ވެރިންނަކީވެސް ހަމައެކަނި ދީނީ علم ހާސިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންނެއްނޫން. އެބޭފުޅުންވެސް މީގެތެރޭގައި ހިމެނޭ. މީގެތެރޭގައި ވަރަށް މުހިންމު ބައެއް އެއީ. އެކަމަކު އޭގެއިތުރުން އެކިއެކި ފަންނުތަކުގެ علم މަތީފެންވަރަކަށް ހާސިލުކޮށްފައިތިބޭ މީހުން، އޭގެ معلومات އާއި އޭގެ ތަޖުރިބާ ހާސިލުކޮށްފައިތިބޭ ހުރިހާ އެންމެންވެސް މީގެތެރޭގައި ހިމެނޭނެ.

މާތްﷲ ކީރިތި قرآن ގައި وحى ކުރައްވާފައިވޭ، "يَأَيُّهَا ٱلَّذِينَ ءَامَنُوۤا إِذَاقِيلَ لَكُمْ تَفَسَّحُواْ فِي ٱلْمَجَـٰلِسِ فَٱفْسَحُواْ يَفْسَحِ ٱللَّهُ لَكُمْ وَإِذَاقِيلَ ٱنشُزُواْ فَٱنشُزُواْ يَرْفَعِ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمْ وَٱلَّذِينَ أُوتُواْ ٱلْعِلْمَ دَرَجَـٰتٍ وَٱللَّهُ بِمَاتَعْمَلُونَ خَبِيرٌ" (المجادلة: 11) މާނައަކީ، "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! مجلس ތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން ﷲ ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން (مجلس ން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނާއި، علم ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އާދެ، މި آيـة ގައި ތަފާތު މަތިވެރި إلهٰى إرشاد ތައް ދެއްވާފައި އެބައޮތް. ވަރަށް ރީތި إجتماعى އާދަތަކެއްގެ ވާހަކަ ނުވަތަ ކަންތައް ކުރަންވީ ގޮތުގެ ވާހަކަ މި آيـة ގައި އަންގަވާފައި އެބައޮތް. ތިޔަބައިމީހުން މަޖިލީހަކަށް ހިނގައްޖެނަމަ ކޮންމެ މީހަކުވެސް އަނެއް މީހަކަށް ތަންދޭންޖެހޭނެއޭ. އެކަކު އަނެކަކަށް ތަންދޭށޭ. އެކަކު އަނެކަކަށް احترام ކުރާށޭ. ތިޔަބައިމީހުންގެ ގާތުގައި މަޖިލީހުން ތަންދޭށޭ ބުނެވިއްޖެނަމަ ތިޔަބައިމީހުން ތަންދޭށޭ. އަދި ތިޔަބައިމީހުން ތެދުވާށޭ ބުނެވިއްޖެނަމަ ތިޔަބައިމީހުން ތެދުވާށޭ. އެއީ އެ މަޖިލީހެއް ހަމަޖެހިފައިވާގޮތް އެނގޭނީ އެ މަޖިލިހެއް އިންތިޒާމުކުރާ ބަޔަކަށް. އެބަޔަކު އެކަމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަން ހިނގާނެގޮތް އޮންނާނީ ރާވާފައި. އެހެންވީމާ، އެމީހުން ބުނާގޮތަކަށް ތިޔަބައިމީހުން އިށީންނާށޭ، ތިޔަބައިމީހުން ތެދުވާށޭ، ކަންތައްކުރާށޭ. މިއީ މަޖިލިސްތަކުގެ ރީތި ހަމަތައް، އުސޫލުތައް، ގަވާއިދު.

އެއާވިދިގެން މިއަންނަނީ، ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީހުންނާއި علم ލިބިގެންވާމީހުން ﷲ ދަރަޒަތަކަކަށް އުފުއްލަވާނެއޭ. އާދެ، އީމާންކަން ލިބިގެންވާ މީހުންނަކީ މުއުމިނުން. ކުރިންވެސް ދެންނެވިފަދައިން އީމާންކަން ލިބޭނީވެސް علم އުނގެނިގެން. އެނޫންގޮތަކަށް އީމާންކަމެއް ފުރިހަމައެއް ނުވާނެ. ދެން علم ލިބިގެންވާމީހުން، އެއީ علم ހޯދައި علم ހާސިލުކޮށް އުނގެނިގަނެގެން ތިބޭމީހުން. މި މީހުންނަކީ މާތްﷲ މަތިވެރި ދަރަޖަތަކަކަށް އުފުއްލަވާނެ ބައެއް ކަމުގައި މިއޮތީ މި آية ގައި އަންގަވާފައި.

ހަމައެހެން މާތްﷲ އެހެން آية އެއްގައި އަންގަވާފައި އެބައޮވޭ. علم ވެރިންނާއި علم ވެރިން ނޫން މީހުންނާ އާދެ، ކަންތައްތައް ދަންނަ މީހުންނާ ނުދަންނަ މީހުންނާ ހަމަހަމަ ނުވާނެކަން ބަޔާންކުރައްވައި اللّـه وحى ކުރައްވާފައިވޭ "قُلْ هَلْ يَسْتَوِي ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لاَيَعْلَمُونَ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلأَبَـٰب" (الزّمر: 9) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ."

ބުއްދީގެ އަހުލުވެރިން މިކަހަލަ ކަންތައްތައް، މިކަހަލަ إلهٰى إرشاد ތައް އަޑުއަހައި އެކަން ގަބޫލުކޮށް އެގޮތަށް عمل ކުރާނެއޭ. އަދި علم އުނގެނުމަކީ އާދައިގެ ކަމެއް ނޫންކަން އެއީ ކޮންމެ މުސްލިމަކަށް ވާޖިބުވެގެންވާ ކަމެއްކަން މާތްރަސޫލާ ބަޔާންކުރައްވާފައި އެބައޮތް. އެއީކީ އަޅުގަނޑުމެންގެ إختيار ގައި އޮތްކަމެއްނޫނޭ. ބޭނުންވެއްޖިއްޔާ އެއްޗެއް ދަސްކޮށް ބޭނުންވިއްޔާ ދަސްނުކޮށް ދޫކޮށްލާކަށް ނެތޭ إختيار އެއް ދެއްވާފައެއް. މުސްލިމަކަށް ވެއްޖިއްޔާ علم އުނގެނެން މަޖުބޫރު، ވާޖިބު. އެމީހެއްގެ ފެންވަރުން އެމީހަކަށް ފުރުޞަތު ލިބިފައިވާ މިންވަރަކުން އެމީހަކު علم އުނގެނެންޖެހޭ.

މާތް رسول އާ صلّى اللّـه عليه وسلّم حديث ކުރައްވާފައިވަނީ، "طلب العلم فريضة على كلّ مسلم" މާނައަކީ: "علم އުނގެނުމަކީ ނުވަތަ علم ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްއޮތް فرض އެކެވެ. ވާޖިބެކެވެ."

އެހެންވީމާ، އެއީކީ ހަމައެކަނި އެދެވިގެންވާ ކަމެއްނޫން. އެއީ ކޮންމެ މުސްލިމެއްގެ މައްޗަށްއޮތް ވާޖިބެއް. އޮތް فرض އެއް. މިކަމުންވެސް އެބައެނގޭ އިސްލާމްދީން ބިނާވެފައި މިއޮތީ علم ގެ މައްޗަށްކަން. އަދި اسلامى مجتمع އަކީ علم ގެ މައްޗަށް قائم ވެފައިވާ مجتمع އެއްކަން.

އެހެންވީމާ، މިހާރު މިދެކެވޭ ވާހަކަތަކުގައިވެސް ނޮލެޖްބޭސްޑް ސޮސައިޓީއެއްގެ ވާހަކަ ދައްކާއިރު އެއީކީ މިހާރުގެ ކަމެއްނޫންކަން އަޅުގަނޑަށް އެބައެނގޭ. އެއީ ރަނގަޅު މަފްހޫމެއް. އަޅުގަނޑުމެން ގަބޫލުކުރާ މަފްހޫމެއް. ގަބޫލުކުރަންޖެހޭނެ މަފްހޫމެއް. އެހެންނަމަވެސް، އޭގެ އަސްލު އައިސްފައި މިއޮތީކީ މިހާރުގެ މި އެކިއެކި ސިޔާސީ ލީޑަރުންނާއި ނުވަތަ އެކިއެކި ޔުނިވަރސިޓީތަކުގެ استاذ ންނާއި އެކިއެކި ފަންނީ މާހިރުން ވިދާޅުވާ ވިދާޅުވުމެއްގެ މައްޗަކަށްނޫން. މިކަން އަޅުގަނޑުމެންނަށް ހަމަގައިމުވެސް އައިސްފައި މިއޮތީ އިސްލާމްދީނުގެ ތެރެއިން. އިސްލާމްދީނަކީ علم އަށް އެހާބޮޑު އަހަންމިއްޔަތެއް ދެއްވާ، علم އުނގެނުމަކީ فرض އެއްކަމުގައި ކަނޑައަޅުއްވާފައިވާ، އަދި علم އުނގެނުމަކީ އެންމެފުރަތަމަ ރަސޫލާ ކުރައްވަންވީ ކަންތައް ކަމުގައިވެސް قرآن ގައި ކަނޑައަޅުއްވާފައިވާ ދީން. އެހެންވީމާ، إسلامى مجتمع އަކީ علم ގެ މައްޗަށް ބިނާވެފައިވާ مجتمع އެއްކަން ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑުމެންނަށް މިކަންކަމުން އެބައެނގޭ.

އާދެ! ދެން އަޅުގަނޑު މިރޭ އިތުރަށް އެއްޗެއް ދަންނަވާކަށް ކޮންމެހެން ނެތިން. އަޅުގަނޑު އެދެނީ اللّـه سبحانه وتعالى އަޅުގަނޑުމެންނަށް ހަމަވިސްނުން ދެއްވުން. އަޅުގަނޑުމެންނަށް އިވޭ އަޑުތަކާއި ފެންނަ ފެނުންތައް ރަނގަޅަށް ދިރާސާކޮށް އޭގެ حقيقة ދެނެގަންނަ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންނަކީ އަބަދުވެސް علم އަށް ލޯބިކުރާ، علم އުނގެނިގަތުމަށާއި އުނގެނުމަށާއި ފެތުރުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. اللّه سبحانه وتعالى ކީރިތި قرآن ގަޔާއި އަދި މާތް ރަސޫލާ އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންކުރައްވާފައިވާ އުސޫލުތަކާއި ކަންތައްތަކާ އެއްގޮތަށް ކަންތައްކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުން.

والسّلام عليكم ورحمة اللَّه وبركاته