بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިރޭގެ މި ހިތާމަވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، ފަޟީލަތުލް އުސްތާޛުއްޝައިޚު އަލްމަރްޙޫމް މޫސާ ފަތުޙީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ފުން ހިތާމައިގައި ބައިވެރިވެ، މަރްޙޫމް މޫސާ ފަތުޙީގެ މަޞޫނު ހުވަފަތް އަނބިކަނބަލުން އަލްފާޟިލާ އާމިނަތު މުޙަންމަދުދީދީއަށާއި، އެމަނިކުފާނުގެ ލޮބުވެތި އަޚު އަލްފާޟިލް އިސްމާޢީލް ފަތުޙީއަށާއި، ޢާއިލާގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދެންނެވުން. މި ތަޢުޒިޔާގައި އެ މާތް މަރްޙޫމްގެ ޢިއްޒަތްތެރި ޒަމީލުން، އާދެ! އެކުގައި އުޅުއްވި ބޭފުޅުން، އަދި އެ މާތް މަރްޙޫމްގެ ދަރިވަރުން، އެ މާތް މަރްޙޫމްގެ އެކުވެރި ރަޙްމަތްތެރިން އަޅުގަނޑު ހިމަނަން. މާތްﷲ، އަލްމަރްޙޫމް މޫސާ ފަތުޙީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި! އަދި އެމަނިކުފާނު ދިވެހި ޤައުމަށްޓަކައި ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް ހެޔޮ ޖަޒާ ދެއްވާށި!

ފަޟީލަތު އަލްއުސްތާޛުއްޝައިޚު އަލްމަރްޙޫމް މޫސާ ފަތުޙީއަކީ، ވަރަށްގިނަ ގޮތްގޮތުން އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑު ޤަދަރެއް ދެވިފައިވާ ބޭފުޅެއް. އާދެ! ދެންމެ ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގެންނެވި ވީޑިއޯއިންވެސް ފެނިވަޑައިގެންނެވިގޮތުގައި އަޅުގަނޑާއި މޫސާ ފަތުޙީއާ ދެމީހުން ވަރަށްގިނަ ތަންތާނގައިވަނީ އެކުގައި އުޅެފައި. އަޅުގަނޑުމެން ދެމީހުންގެ ފޮޓޯ ވަރަށް ގިނައިން އެ ވީޑިއޯއިން ފެނިގެން ހިނގައްޖެ.

އާދެ! އެންމެ ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑާއި މޫސާ ފަތުޙީއާ ދެމީހުން އެއްތަނެއްގައި ދިރިއުޅެ، އެއްތަނެއްގައި ކިޔަވަން އުޅުމުގެ ކުރިން މޫސާ ފަތުޙީއަކީ، އަޅުގަނޑުގެ އުސްތާޛެކޭ. އާދެ! އެންމެ ފުރަތަމަ އަޅުގަނޑު އޭރުގެ މަދަރުސަތުއް ސަނިއްޔާ، ފަހުން މަދަރުސަތުލް މަޖީދިއްޔާގައި ތަޢްލީމު ޙާޞިލު ކުރަމުން ގެންދިޔައިރު، އަޅުގަނޑަށް ހިސާބު ދަސްކޮށްދެއްވި މުދައްރިސަކީ އަލްމަރްޙޫމް މޫސާ ފަތުޙީ. އެހެންވީމާ، އަޅުގަނޑަކީ މޫސާ ފަތުޙީގެ ދަރިވަރެއް. އޭގެފަހުން، މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީއަށް، އަދި ޔުނިވަރސިޓީގެ އެންމެ ކުރީގެ ބައިތަކުގައި އުޅުނުއިރު، އާދެ! އެތާނގެ ފުރަތަމަ ޕްރައިމަރީ އިންސްޓިޓިއުޓާއި، އަދި ސެކަންޑަރީ އިންސްޓިޓިއުޓާ ދެތާނގައި އުޅުނުއިރުވެސް އަދި ޖާމިޢާގެ ކުއްލިއްޔާތަކުގައި، އާދެ! ފެކަލްޓީގައި އުޅުނުއިރުވެސް މޫސާ ފަތުޙީއާއި އަޅުގަނޑާ ދެމީހުން އުޅުނީ އެއްކުލާހެއްގައި. 16 އަހަރުގެ ދިގު މުއްދަތުގައި އަޅުގަނޑުމެން ދެމީހުންނަކީ ކްލާސްމޭޓުން. އެއް ކުލާހެއްގައި ތަޢްލީމު ޙާޞިލު ކުރަމުންދިޔަ ދެ ދަރިވަރުން. އަދި އޭގެއިތުރުން އަޅުގަނޑާ އެކީގައި އެއް ގެއެއްގައި މިޞުރުގައި 16 އަހަރު މޫސާ ފަތުޙީ ހޭދަކުރެއްވި. އެހެންވީމާ، މިހުރިހާ ގޮތަކުން މޫސާ ފަތުޙީއާއި އަޅުގަނޑާ ދޭތެރޭގައި އޮތް ގުޅުން އަޅުގަނޑަށް ހީވަނީ ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެހެން.

އަޅުގަނޑު މިމަގާމާ ހަވާލުވިފަހުން، މޫސާ ފަތުޙީ، ސަރުކާރުގެ ވަރަށްގިނަ އިސް މަގާމުތަކެއް ފުރުއްވި. އެވާހަކަވެސް މީގެކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުތަކުންނާއި، އަދި ތިޔަ ދެކެވަޑައިގެންނެވި ވީޑިއޯއިންވާނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އެއިން ކޮންމެ މަގާމެއްގައި ހުންނެވި ނަމަވެސް، މޫސާ ފަތުޙީ އަޅުގަނޑަށް ވަރަށް ފުރިހަމަ އެހީތެރިކަމެއް ދެއްވިއޭ. ވަރަށް ރަނގަޅު މަޝްވަރާތަކެއް ދެއްވިއޭ. އަބަދުވެސް ކަންތައް ކުރަންވީގޮތުގެ ރަނގަޅު މަގު ދެއްކެވުމަށް މަސައްކަތް ކުރެއްވި. އާދެ! އެހެންވީމާ، ފަޟީލަތު އަލްއުސްތާޛު އައްޝައިޚު މޫސާ ފަތުޙީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ، ދިވެހި ޤައުމަށް ލިބުނު ވަރަށްބޮޑު ހިތާމައެއް. އަދި އަޅުގަނޑަށްވެސް ވަރަށް ފުން އަސަރުތަކެއް ކުރުވި ކަމެއް.

އާދެ! ދެންމެ ތިޔަބޭފުޅުންނަށް އެ އިވިވަޑައިގެންނެވި ފަދައިން، އެމަނިކުފާނަކީ 60 އަހަރުގެ ދިގު މުއްދަތުގައި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި ސަރުކާރަށް ޚިދްމަތް ކޮށްދެއްވި ބޭފުޅެއް. އެމަނިކުފާނު އެ އަދާކުރެއްވި މުހިންމު މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޒަމްގެ ނާއިބުކަން ހިމެނޭ. މިނިސްޓަރ އޮފް ޖަސްޓިސްކަން ހިމެނޭ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ހިމެނޭ. އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސްކަމާއި، އެ މަޖިލީހުގެ މުސްތަޝާރުކަން ހިމެނޭ.

ފަޟީލަތު އަލްއުސްތާޛުއްޝައިޚު އަލްމަރްޙޫމް މޫސާ ފަތުޙީއަކީ، ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް. ވަރަށްގިނަ ޚިދްމަތްތަކެއް ދިވެހި ޤައުމަށް ހަދިޔާ ކުރެއްވި ޢިލްމުވެރިއެއް. އާދެ! އޭނާގެ އެކިއެކި ދީނީ ތަޤްރީރުތަކާއި، އެކިއެކި މަޒުމޫނުތަކާއި، ހެއްދެވި ހުކުރު ޚުޠުބާތަކާއި، އަދި ދީނުގެ މަގަށް ލިޔުއްވަމުން ގެންދެވި ލިޔުންތަކުން މިކަން ވަރަށް ރަނގަޅަށް ފެނިގެންދޭ. މިދެންނެވި އެއްޗިއްސަކީ، އެމަނިކުފާނު ދީނީގޮތުން ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދްމަތްތަކުގެ ވަރަށް ކުލަގަދަ ހެކިތަކެއް ކަމުގައި އަޅުގަނޑު ދެކެން. އަދި އެމަނިކުފާނަކީ ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. މިވާހަކަ އަޅުގަނޑު މާ ތަފްޞީލުކޮށް ދައްކާކަށް ނުޖެހޭ. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބައެއް ބޭފުޅުން އެކަމަށް ވަނީ އިޝާރާތް ކުރައްވައި، އޭގެ ތަފްޞީލުތައް ދެއްވާފައި.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޝަރުޢީ ދާއިރާގެ އެންމެ މުހިންމު ބަޔަކީ ނުވަތަ އެންމެ މުހިންމު ޚިދްމަތްތަކެއް އަދާކުރާ ބަޔަކީ، ޤާޟީންނޭ. އެހެންވީމާ، ޤާޟީން ދިވެހިރާއްޖޭގައި ތަމްރީނު ކުރުމުގައި މޫސާ ފަތުޙީ އެ އަދާކުރެއްވި ޚިދްމަތަކީ ލާމަސީލު ޚިދްމަތެކޭ. އެކަން އެންމެ ފުރަތަމަ ރާއްޖޭގައި ފަށްޓަވައިގެން ވަރަށް ރަނގަޅު ފެންވަރަކަށް ގެންދެވި ބޭފުޅަކީ އަލްއުސްތާޛު މޫސާ ފަތުޙީ.

އާދެ! އެމަނިކުފާނުގެ ދަރިވަރުން މިއަދުވެސް ރާއްޖޭގައި ވަރަށް ގިނަ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާގައި ޚިދުމަތް ކުރައްވަމުންވެސް އެބަގެންދަވާ. އަދި އެނޫން ދާއިރާތަކުގައިވެސް އެބަޚިދުމަތް ކުރައްވާ. އަލްއުސްތާޛު މޫސާ ފަތުޙީގެ ޢިލްމުވެރިކަމާއި ތޫނުފިލިކަން މި ހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ފެނިވަޑައިގެންފައިވާނެ. ޝަރުޢީ ދާއިރާގެ ކަންތައްތަކާބެހޭގޮތުން ވަރަށް ގިނަ ފޮތްތަކެއްވެސް އެމަނިކުފާނު ވަނީ ހައްދަވާފައި. ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔަގޮތުގައި "މުޢާމަލާތަށް މަގެއް"، "ޤާނޫނަށް މަގެއް" އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން "އީމާންކަމާއި އިސްލާމްކަން" މި ނަމުގައިވެސް ވަނީ ފޮތެއް ޝާއިޢު ކުރައްވާފައި.

އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ޢިއްޒަތްތެރި ދެބޭފުޅަކު އެ ވިދާޅުވިގޮތުގައި، އަލްއުސްތާޛު މޫސާ ފަތުޙީއަކީ، އަޚްލާޤީ ގޮތުން ވަރަށް ރީތި ނަމޫނާއެއް ދެއްކެވި ބޭފުޅެއް. ޢިލްމު ލިބިވަޑައިގެން ހުންނެވި އަދި ޢިލްމުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރެއްވި ބޭފުޅެއް. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށްވާ ގޮތަކީ ޢިލްމު އުނގެނުނު ކަމުގައިވިޔަސް ނުވަތަ ފިލާވަޅުތަކެއް ލިބުނު ކަމުގައިވިޔަސް އެ ފިލާވަޅުތައް އެ ދަސްކޮށްދޭ ޢިބްރަތްތައް އަޅުގަނޑުމެންގެ ހަނދާނުން ކެހިގެންދަނީ. ދިރިއުޅުމުގައި ދިމާވާ އެކިކަންކަމުން އެނޫން ގޮތްގޮތަށް އަޅުގަނޑުމެންނަށް ޢަމަލުކުރެވެނީ.

އެހެންނަމަވެސް، އަލްއުސްތާޛު މޫސާ ފަތުޙީ އެހެނެއް ނަހައްދަވާ. އޭނާއަށް ލިބިވަޑައިގެންނެވި ޢިލްމުގައި ހިފެހެއްޓެވި. ދަސްފުޅުކުރެއްވި އުޞޫލުތަކުގެ މަތިން ހަނދާންނައްތައެއް ނުލައްވާ. މީގެ ހެއްކަކީ، ދެންމެ އެހެންބޭފުޅުންގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވިފަދައިން މޫސާ ފަތުޙީއަކީ ދުވަހަކުވެސް ހިތްޕުޅު ހަމަނުޖެހިގެން މީހަކާ ދިމާއަށް އެއްޗެއް ވިދާޅުވި ބޭފުޅެއްނޫން ކަމަށްވާތީ.

އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު ހިތްހަމަނުޖެހޭ ކިތަންމެ ކަމެއް ދިމާވާނެ. ހިތަށް ނުތަނަވަސްކަން ގެނެސްދޭ ބައިވަރު ކަންތައްތައް ދިމާވާނެ. ރުޅިއަންނަ ކަންތައްތައްވެސް ދިމާވާނެ. ރުޅިއަންނާނެވެސްމެ. އެކަމަކު އެ ރުޅި އަންނަ ވަގުތު، ރުޅި މަތަކޮށް ހިފެހެއްޓުމަކީ ވަރަށް މަދު މީހަކަށް ނޫނީ ލިބޭނެ ކުޅަދާނަކަމެއް ނޫން. ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ފަދައިން "وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ" ރުޅިއަންނަ ހިނދު އެމީހާގެ ރުޅި މަތަކުރާ މީހުންނާ އަދި މީސްތަކުންނަށް ޢަފޫކުރާ މީހުން އެ މީހުންނަށް ހުރި ސަވާބުގެ ވާހަކަ، ދަރުމައިގެ ވާހަކަ، ކީރިތި ޤުރުއާނުގައި އަންގަވާފައިމިވަނީ.

އެހެންވީމާ، އަޅުގަނޑުމެން އެބަ ދަސްކުރަމު އިސްލާމީ ރީތި އަޚްލާޤް. އެކަމަކު ގިނަ ފަހަރަށް ވާގޮތަކީ އެ އަޚްލާޤުގެ މަތިން ހަނދާން ނެތެނީ. އަޅުގަނޑުމެން ރުޅި އަންނަ ވަގުތު ނުވަތަ ހިތްހަމަނުޖެހޭ ވަގުތު، ބޭނުންކުރަން ނުޖެހޭ ކަހަލަ ލަފުޒުތައް، ޢިބާރާތްތައް އެހެންމީހުންނާ ދިމާއަށް ބޭނުން ކުރެވެނީ. މިއީ، އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ނުރަނގަޅު ކަމެއް. ވަރަށް ގޯސްކަމެއް. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއް މޫސާ ފަތުޙީ ކުރައްވާފައެއް ނެތް. 16 އަހަރުގެ ދިގު ރާސްތާ، އަޅުގަނޑާއި މޫސާ ފަތުޙީ އެއްގެއެއްގައި ހޭދަކުރިން. އެއްގެއެއްގައި ނިދާ ކައިބޮއި، އެއްމޭޒެއްގެ ދޮށުން ކައިބޮއި، އެކުގައި ފިލާވަޅު ދަސްކޮށް، އެކުގައި އިމްތިޙާނު ހަދައި، މި ހުރިހާ ކަމެއް ކުރިއިރުވެސް ދުވަހަކުވެސް ހިތްޕުޅު ހަމަނުޖެހިގެން އެއްޗެއް ވިދާޅުވެފައެއްނެތް. އެނގިވަޑައިގަންނަވާނެ، ކިޔަވާކުދިން އެކުގައި އުޅޭއިރު އެކެއްގެ ފަރާތުން އަނެކަކު ހިތްހަމަނުޖެހޭ ކަންތައްތައް ދިމާވާނެ. ރުޅި އަންނަ ކަންތައްތައް ދިމާވާނެ. އަޅުގަނޑުގެ ފަރާތުންވެސް އެކަހަލަ ބައިވަރު ކަންތައްތައް ފެނިވަޑައިގެންފައި ހުންނާނެ. އެހެންނަމަވެސް، ދުވަހަކުވެސް ރުހިވަޑައިނުގަންނަވައިގެން އަޅުގަނޑަކަށް އެއްޗެއް ވިދާޅުވެފައެއްނެތް. އަޅުގަނޑުމެން ދެމީހުންނަކީ އެކުގައި ތަޢުލީމު ޙާޞިލުކުރި ދެމީހުން ކަމުގައި ވިޔަސް، ކުރިންވެސް ދެންނެވިފަދައިން މޫސާ ފަތުޙީއަކީ އަޅުގަނޑުގެ އުސްތާޛެއް. އަދި އަޅުގަނޑަށްވުރެ ޢުމުރުން ދޮށި ބޭފުޅެއް. އެހެންވީމާ، އަޅުގަނޑަށް ނުރަނގަޅުކަމެއް ކުރެވިއްޖިއްޔާ އެގޮތުންވެސް އެއްޗެއް ވިދާޅުވުމުގެ ޙައްޤު ކިތަންމެ ރަނގަޅަކަށްވެސް މޫސާ ފަތުޙީއަށް ލިބިވަޑައިގެން ހުންނެވި. އެހެންނަމަވެސް އެ ޙައްޤުގެ ބޭނުމެއް ދުވަހަކުވެސް ނުކުރައްވާ. މިއީ އަޅުގަނޑު ހިތުން މޫސާ ފަތުޙީގެ ޙަޔާތުން އަޅުގަނޑުމެން ދަސްކުރަންވީ ކަމެއް. މީހުންނަށް އިޙްތިރާމް ކުރުން، ކަމޭހިތުން، އެހެންމީހުން ހިތްހަމަނުޖެހޭ ކަހަލަ އެއްޗެއް ނުބުނުން.

އާދެ! ކީރިތި ރަސޫލާގެ ޙަދީސްފުޅެއްގައި ވަނީ "مَنْ كَانَ يؤمِنُ بِاللَّهِ وَالْيوْمِ اْلآخِرِ فَلْيَقلْ خَيْراً أَوْ لِيَسْكُتْ" މާނައަކީ "މާތްﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވުމުގެ މަތީގައި ދެމިހުރި މީހާ އެއްޗެއް ބުނާނަމަ ހެޔޮ ބަހެއް ބުނާށެވެ. ހެޔޮ ބަހެއް ބުނެވެން ނެތްނަމަ ހަނު ހުންނާށެވެ."

އަޅުގަނޑުމެންގެ ދުލުން އެއްޗެއް ބުނާނަމަ ބުނަންވީ ހެޔޮ އެއްޗެއް. ހެޔޮ އެއްޗެއް ބުނެވެން ނެތް ހިނދެއްގައި ދެން އެއްޗެއް ބުނަންވީކީ ނޫން. ދެން ތިބެންވީ ހަމަހިމޭނުން، މަޑުމަޑުން އެއްޗެއް ނުބުނެ. މިއީ، އިސްލާމީ އަޚްލާޤަކީ. މިއީ ރަސޫލާގެ އިރުޝާދަކީ. މިއީ، އަޅުގަނޑުމެންނަށް ދީން ދަސްކޮށްދޭ ފިލާވަޅަކީ. އަޅުގަނޑުމެންގެ ހިތްމައްޗަށް މިފަދަ މުނާސަބަތެއްގައި މިކަންކަން ގެނެސް ފަޟީލަތުލް އުސްތާޛުއްޝައިޚް މޫސާ ފަތުޙީގެ ޙަޔާތުން އަޅުގަނޑުމެން ޢިބްރަތް ލިބުމަކީ އަޅުގަނޑު ހިތުން މުހިންމު ކަމެއް.

އާދެ! އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން މޫސާ ފަތުޙީއަކީ ބަސްމަދު ބޭފުޅެއް. ބަސްމަދު ކުރުމަކީ އަޅުގަނޑު ހިތުން ހަމަ ވަރަށް މުހިންމު ކަމެއް. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ނުރަނގަޅު އެއްޗެތި ބުނެވެނީ މާގިނައިން ވާހަކަ ދައްކާތީ. ބޭނުން ނެތް ވާހަކަ ދައްކާތީ.

މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވައި ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވަނީ "وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ" "އެބައިމީހުންނަކީ ބޭނުމެއްނެތް ވާހަކަދެއްކުމުން ދުރުހެލިވެގެން ތިބޭ އެކަމަށް ފުރަގަސްދޭ މީހުންނެވެ." އެއްޗެއް ބުނާނަމަ ބުނަންވީ ހެޔޮބަހެއް. އެހެންނޫނީ އެއްޗެއް ނުބުނަންވީ. އަދި އަމުދުން ބޭނުމެއްނެތް ބޭކާރު ވާހަކަދެއްކުން އެއީ، އަޅުގަނޑުމެންގެ ދީނުގެ އަޚްލާޤުގެ ތެރެއިންވާ ކަމެއްނޫން. މިކަން ކުރެވޭނީ ބަސްމަދުކޮށްގެން. މިއީވެސް، އަލްއުސްތާޛު މޫސާ ފަތުޙީގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ ވަރަށް ރަނގަޅު ޢިބްރަތެކޭ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

އާދެ! އަޅުގަނޑުގެ ވާހަކަ ދެން މާދިގު ކުރާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން އަލްމަރްޙޫމް މޫސާ ފަތުޙީ އަވަހާރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާ ފޮތުގައި، ތަޢުޒިޔާގެ އެކިއެކި އިޚްލާޞްތެރި ޢިބާރާތްތައް ލިޔުއްވައިދެއްވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމައެހެންމެ، މިރޭގެ މިޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވި ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ތިޔަހާ ގިނަ ބޭފުޅުން މިތަނަށް ވަޑައިގެން ތިއްބެވުމުން، އެއިން އަޅުގަނޑުމެންނަށް ފެންނަ ކަމަކީ، ފަޟީލަތު އަލްއުސްތާޛު އައްޝައިޚް އަލްމަރްޙޫމް މޫސާ ފަތުޙީގެ ހަނދާންތަކަކީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކެކޭ. އަދި އެމަނިކުފާނުގެ ޚިދުމަތްތައް ތިޔަ ހުރިހާ ބޭފުޅުން ހިތްޕުޅު ހެޔޮކަމާއެކު ޤަބޫލުކުރައްވާކަން. އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް ތިޔަ ހުރިހާ ޢިއްޒަތްތެރި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އަދިވެސް އެއްފަހަރު މާތްﷲ، އަލްމަރްޙޫމް މޫސާ ފަތުޙީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމުން. އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާގެ މެންބަރުންނަށާއި، ޒަމީލުންނަށާއި، އަޚުންނަށާއި، އެކުވެރިންނަށް ކެތްތެރިކަން ދެއްވައި، ސަވާބު އިތުރުކުރެއްވުން އެދި ދުޢާ ކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه