بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى رسوله اَمين، وعلى آلـه وأصحـابه أجمعـين.

އާދެ! މިރޭ އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ، ވަރަށް މުހިންމު ބޭނުމެއްގައި. ވަރަށް މާތް މަޤްޞަދެއްގައި. އެއީ رســول اللّـه صـلّى الله علـيـه وسـلّم މީގެ 1429 އަހަރު ކުރިން ކުރެއްވި ވަރަށް މާތް ރޫޙާނީ ދަތުރުފުޅެއްގެ ހަނދާން އާ ކުރުމަށްޓަކައި. އާދެ! އެ އިލާހީ ދަތުރުފުޅަކީ، އިސްރާއާއި މިޢުރާޖު. އެކަލޭގެފާނު މިދަތުރުފުޅު ކުރެއްވީ، ހިޖްރައަށް ވަޑައިގަތުމުގެ އެއްއަހަރު ކުރިންކަމަށް ޢިލްމުވެރިން ވިދާޅުވޭ. އަޅުގަނޑުމެން މިހާރު މިވޭތުކުރަނީ ހިޖްރީގޮތުން 1428 ވަނަ އަހަރު. އެހެންވީމާ، މި ހާދިސާ ހިނގާފައި މިވަނީ މީގެ ބަރާބަރު 1429 އަހަރު ކުރިންކަމަށް ބުނެވިދާނެ.

އާދެ! ކޮންމެއަކަސް، މި އުފާވެރި ހަފްލާ މިގޮތަށް އިންތިޒާމު ކުރައްވައި އަދި މި ހަފްލާގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުލްއުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމަށާއި، އެ މަޖިލީހުގެ ނާއިބު ރައީސް ފަޟީލަތުލްއުސްތާޛުއްޝައިޚް އަޙްމަދު ފާރޫޤް މުޙަންމަދަށާއި، އެ މަޖިލީހުގެ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިއުފާވެރި ހަފްލާގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވަން.

މިމުނާސަބަތަކީ، މުޅި އިސްލާމީ އުންމަތް ވަރަށް ޚާއްޞަގޮތެއްގައި، ފާހަގަކުރާ މުނާސަބަތަކަށްވާތީ، މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން. ހަމައެއާއެކު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް މިމުނާސަބަތުގެ ހެޔޮ އެދުމާއި ވެދުން އަޅުގަނޑު ފޮނުވަން.

އާދެ! رســول اللّـه صـلّى الله علـيـه وسـلّمގެ އިސްރާ އާއި މިޢުރާޖަކީ، މުޅި އިންސާނީ ތާރީޚުގައިވެސް ހިނގި ވަރަށް އާދަޔާ ޚިލާފު، ވަރަށް މާތް ހާދިސާއެއް. ޙަޤީޤަތުގައި އެއީ އިލާހީ މުޢުޖިޒާއެއް.

އާދެ! މުޢުޖިޒާތަކީ، އާދަވެގެން ނުވާ ކަންތައްތައް. ވެދާނެކަމަށް އިންސާނީ ބުއްދި ޤަބޫލުނުކުރާ ކަންތައްތައް. އެފަދަކަމެއް މެދުވެރިވާނީ ހަމައެކަނި اللّـه سبحـانـه وتعـالىގެ ކުޅަދުންވަންތަކަމުން އެކަމެއް ހާސިލުވާގޮތް މިންވަރު ކުރެއްވީމާ. މިގޮތުން رســول اللّـه صـلّى الله علـيـه وسـلّم އެއްރެއެއްގެ ވަގުތެއްގައި މައްކާއިން އަލްމަސްޖިދުލް އަޤްޞާއަށް ވަޑައިގަތް ވަޑައިގަތުމާއި، އަދި ހަމަ އެރޭ މިޢުރާޖު އަރާވަޑައިގަތުމާ، މިކަންކަމަކީ، އާދައިގެ އިންސާނަކަށްވާނެ ކަމެއްނޫން. އެއްވެސް މީހަކަށް މިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރާނެ. އެހެންނަމަވެސް، މިކަން މިވީ ﷲ އެކަލާނގެ ރަސޫލާއަށް ދެއްވި މަތިވެރި މުޢުޖިޒާއެއްގެ ގޮތުގައި.

އާދެ! މި މުޢުޖިޒާ، ކީރިތި ރަސޫލާއަށް ﷲ ދެއްވި ސަބަބު، އެކަން ވީގޮތް، ދެންމެ ފަޟީލަތުލްއުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމްގެ ވާހަކަފުޅުގައި ވިދާޅުވެދެއްވައިފި. އެއީ، އެކަލޭގެފާނުގެ ހިތްޕުޅަށް އިތުރު ސާބިތުކަމެއް ގެނެސްދެއްވުމަށްޓަކައި. މައްކާގެ މުޝްރިކުން އެކަލޭގެފާނާމެދު ޢަމަލުކުރިގޮތާއި، އެކަލޭގެފާނުގެ ޒާތުފުޅަށްވެސް ގެއްލުން ދިނުމާއި، އަދި ހުރިހާގޮތަކުން ދަތިކުރުމަށް މިކަންކަން ކުރުމާއި، އަދި އެކަލޭގެފާނުގެ ގާތް ތިމާގެ ބޭފުޅުންނާއި، އެކަލޭގެފާނަށް ދުނިޔެމަތީގައި ނަޞްރު ދެއްވަން ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ޚާއްޞަ ދެބޭފުޅަކު ދުނިޔެ ދޫކުރައްވައި ވަޑައިގަތުމާ، މިކަންކަމުން އެކަލޭގެފާނުގެ ހިތްޕުޅަށް ލިބިވަޑައިގަތް ނުތަނަވަސްކަން ފިލުއްވައިދެއްވާ، އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައި މާތްﷲ އެކަލޭގެފާނަށް މިމަތިވެރި މުޢުޖިޒާ މިންވަރު ކޮށްދެއްވީ.

އާދެ! އެ މުޢުޖިޒާ ހިނގި ރެއަކީ، ޝައްކެއްނެތް، ވަރަށް މާތް ރެއެއް. އެރޭގެ ވަގުތެއްގައި މިދެންނެވި މުޢުޖިޒާތުގެ ތެރޭގައި މާތްﷲ މިއުންމަތަށް ވަރަށް މަތިވެރި ހަދިޔާއެއް ދެއްވި. ވަރަށް މަތިވެރި ނިޢުމަތެއް މިންވަރުކޮށްދެއްވި. އެއީ ފަރުޟު ފަސްނަމާދުގެ ހަދިޔާ. ފަރުޟު ފަސްނަމާދުގެ މަތިވެރި ނިޢުމަތް. ނަމާދުގެ ވާހަކަ ވަރަށް ތަފްޞީލުކޮށް އަޅުގަނޑުމެންގެ ޢިލްމުވެރި ފަޟީލަތުލްއުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް ވިދާޅުވެދެއްވައިފި. އެހެންވީމާ، އެކަމުގެ މައްޗަކަށް އަޅުގަނޑު އިތުރު އެއްޗެއް ދަންނަވާކަށް ނުޖެހޭ. އޭނާގެ ވާހަކަފުޅުން ނަމާދުގެ މުހިންމުކަމާއި، ނަމާދަށް ރައްކާތެރިވުމާއި، އަދި ނަމާދުކުރުމުން ލިބޭ މަންފާއާއި، ނަމާދު ދޫކޮށްލުމުން ނުވަތަ ނަމާދަށް ފަރުވާކުޑަ ކުރުމުން ލިބޭ ގެއްލުމާއި، މިހުރިހާ ވާހަކައެއް ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވައިފި.

އާދެ! އަޅުގަނޑުމެން، އެ ޒިކްރާއެއްގެ ހަނދާން އާ ކުރުމަށްޓަކައި މިރޭ މިތަނަށް ހާޟިރުވެ މިތިބަ ޒިކްރާ އާދެ! އިސްރާއާއި މިޢުރާޖު އަޅުގަނޑުމެންނަށް އެބަ ދަސްކޮށްދޭ ވަރަށް ގިނަ ފިލާވަޅުތަކެއް. އޭގެތެރެއިން އެއްފިލާވަޅަކީ ތެދުވެރިކަން. ތެދުވެރިކަމުގެ މުހިންމުކަން. رســول اللّـه صـلّى الله علـيـه وسـلّم ރަސޫލުކަމާއިގެން ފޮނުއްވުމުން، އެކަލޭގެފާނުގެ ރިސާލަތު ހާމަކުރެއްވުމުން ބައެއް މީހުން އެކަލޭގެފާނުގެ ބަސްފުޅު ގަބޫލުކުރި. ތެދުކުރި. އީމާންވި. އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު، ޚަދީޖާ ރަޟިޔަﷲ ޢަންހާ، އަދި އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި އަޞްޙާބު ބޭކަލުން އީމާންވެ ވަޑައިގެންނެވި. އެހެންނަމަވެސް، މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރި. ގަބޫލެއްނުކުރި.

އެހެންނަމަވެސް، ކީރިތި ރަސޫލާއަކީ، އެންމެ ތުއްޕުޅު އިރުއްސުރެ ފެށިގެން، އަބަދުވެސް ތެދު ވިދާޅުވާ، ތެދުވެރި އަމާނާތްތެރި، ބޭފުޅެއް ކަމުގައި އޮތީ މަޝްހޫރުވެފައި. އެހެންކަމުން، އެ ދުވަސްވަރު ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިންވެސް އެކަލޭގެފާނަށް މީހުން ކިޔައި އުޅުނީ އައްޞާދިޤުލް އަމީން. ތެދުބުނާ އަމާނާތްތެރިޔާ. ތެދުވިދާޅުވާ އަމާނާތްތެރި ބޭކަލެކޭ. މި މަތިވެރި ލަޤަބު އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ އެކަލޭގެފާނަކީ، ދުވަހަކުވެސް އިތުރުފުޅެއް ވިދާޅުނުވާ، ދުވަހަކުވެސް މީހަކަށް މަކަރެއް ނުހައްދަވާ، އޮޅުވައި ނުލައްވާ ބޭކަލަކަށްވާތީ.

އާދެ! ބައެއް ޢިލްމުވެރިން ވިދާޅުވޭ ކޮންމެ ޝަޚްޞިއްޔަތެއްގެވެސް ތަޅުދަނޑިއެއް ވާނެއޭ. އެއީ، ކޮންމެ މީހެއްގެ ޝަޚްޞިއްޔަތަކީވެސް އެމީހާގެ ވިސްނުމާއި ޚިޔާލާއި އެމީހާގެ ހިތުގައިވާ ޝުޢޫރުތަކާ، މިހުރިހާ އެއްޗެއް އެކުލެވޭ ޚަޒާނާއަކަށްވާތީ. އަޅުގަނޑުމެން މުހިންމު އެކިއެކި އަގުހުރި އެއްޗެހި ޚަޒާނާތަކުގައި ރައްކާކުރާ ފަދައިން އިންސާނާގެ ހަށިގަނޑުގައި މިދެންނެވި ކަންތައްތައް ހުންނަނީ ރައްކާކުރެވިފައި. އަޅުގަނޑުމެން މިގެންގުޅޭ މާއްދީ ތަކެތި ރައްކާކުރާ ޚަޒާނާ ވަކި ތަޅުދަނޑިއަކުން ހުޅުވާލާ ގޮތަށް، ބައެއް ޢިލްމުވެރިން ވިދާޅުވަނީ އިންސާނާގެ ޝަޚްޞިއްޔަތުގެ ނަފްސުވެސް ހުޅުވައިލެވޭ ތަޅުދަނޑިއެއް ވާނެއޭ.

އެގޮތުން ބަލާއިރު، ކީރިތި ރަސޫލާގެ ޝަޚްޞިއްޔަތު ނުވަތަ އެކަލޭގެފާނުގެ މާތް ނަފްސުފުޅުގައިވާ އީމާންކަމާއި، ތެދުވެރިކަމާއި، ހުރިހާ މާތް ސިފަތަކެއް އެކަލޭގެފާނުގެ މަތިވެރި ވިސްނުންފުޅާއި، ޚުލުޤުފުޅާއި، ޙިކްމަތްތެރިކަމާއި، މި ހުރިހާ ކަމެއްގެ ތަޅުދަނޑިއަކީ، ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، އެކަލޭގެފާނުގެ ތެދުވިދާޅުވުން. އެކަލޭގެފާނުގެ އަމާނާތްތެރިކަން. އެހެން އެކަން އޮތްކަމަށްވަންޏާ، އަޅުގަނޑުމެން މިފަދަ މުނާސަބަތެއްގައި، މި ހާދިސާގެ މަތިން ހަނދާންކޮށް އެކަމުން ޢިބްރަތް ހާސިލުކުރާ ކަމުގައިވަނީނަމަ، އަޅުގަނޑުމެން އެބަޖެހޭ ކީރީތި ރަސޫލާގެ މިދެންނެވި މާތް ސިފަފުޅުން ޢިބްރަތް ޙާޞިލްކުރަން. އެ ސިފަފުޅުން އަޅުގަނޑުމެން ސިފަ ލިބިގަންނަން.

އާދެ! ތެދުބުނުމަށާއި ތެދުވެރިވުމަށް، އިސްލާމްދީނުގައި ދެއްވާފައިވާ އަހަންމިއްޔަތު ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުން އަޅުގަނޑުމެންނަށް ހާމަވެގެންދޭ. އޭގެތެރެއިން އެއް އާޔަތެއްގައި މާތްﷲ ވަޙީކުރެއްވި:
"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُواْ قَوْلاً سَدِيداً" އެއާ ވިދިގެން އަންނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: "يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَن يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً " ( الأحزاب: 70 ،71)
މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙުކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ."

އާދެ! މި އާޔަތުގައި ވަރަށް ޞަރީޙަކޮށް އެބަ އަންގަވާ ތަޤްވާވެރިވީ މީހުން ސީދާވެގެންވާ ބަހުން ބަސްބުނަންޖެހޭނެކަމަށް. "يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُواْ قَوْلاً سَدِيداً" "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ސީދާވެގެންވާ ބަހަކުން ތިޔަބައިމީހުން ބަސްބުނާށެވެ!"

ސީދާވެގެންވާ ބަހަކީ ކޮބައިތޯ؟ އެއީ ތެދުބަސް. ހެޔޮގޮތުގައި ބުނެވޭ ބަސް. އެ ބަހުގައި ހިމެނޭނީ ހައްތަހާވެސް މީސްތަކުންނަށް ހުރި މަންފާ. ޢިލްމީ މަޢުލޫމާތު. އިލާހީ ހިދާޔަތު. ހެޔޮ ނަސޭހަތް. މިކަންކަމަކީ، ސީދާވެގެންވާ ބަސްކަމުގައި ބެލެވޭ ބަސްތައް. އޭގެތެރެއިން އެންމެ މުހިންމު ކަމަކީ، ޝައްކެއްނެތްގޮތުގައި، އެމީހަކަށް ދިމާވާ ކޮންމެ ކަމެއްގައި ތެދުބުނުން. އެއީ އެމީހަކަށް ރަނގަޅު ކަމެއް ދިމާވާނެ ކަމެއްކަމަށްވިޔަސް، އޭގެ ސަބަބުން އެމީހަކަށް ނުރަނގަޅު ގޮތެއް ދިމާވާނެ ކަމެއްކަމަށްވިޔަސް، ބުނަންޖެހޭނީ ތެދުބަސް. ޙަޤީޤަތް އޮތްގޮތް ހާމަކުރަންޖެހޭނީ. އެނޫން ގޮތަކަށް ޢަމަލުކުރުމަކީ، ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއްނޫން.

އާދެ! ތެދުބުނުމުން ލިބޭނެ ފައިދާތަކާ ދޭތެރޭގައި މި ދެ އާޔަތުގައި މާތްﷲ ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެންނަން އެބަ އަންގަވާދެއްވާ. އެއްކަމަކީ، ތިޔަބައިމީހުން ސީދާބަހުން ބަސްބުނާކަމުގައިވަނީނަމަ، ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙުކޮށްދެއްވާނެތެވެ! ތެދުބުނުމަކީ، އޭގެ ޒާތުގައިވެސް އެހެން ޢަމަލުތައް އިޞްލާޙުވެގެންދާނެކަމެއްކަމަށް، އަދި އޭގެސަބަބުން މާތްﷲ އަޅުގަނޑުމެން ކުރާ އެހެން ޢަމަލުތައް އިޞްލާޙުކޮށްދެއްވާނެ ކަމެއްކަމަށް މިއާޔަތުގައި މިވަނީ އަންގަވާފައި. މިއަށްވުރެ ވަކި ބޮޑު ހެޔޮކަމެއް ނޯންނާނެކަން ކަށަވަރު. ހަމައެހެންމެ، ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާދެއްވާނެއޭވެސް މިއާޔަތުގައި އެބަ އަންގަވާ. އެހެންވީމާ، ތެދުބުނުމުން އެމީހާގެ އެހެން ޢަމަލުތައް އިޞްލާޙުވުމާއި، އެމީހާއަށް ކުރެވިފައިވާނަމަ ކުރެވިފައިވާ ފާފަތަކެއް ފުހެވިގެންދިޔުމާ، މިއީ ލިބޭނެ ވަރަށް ބޮޑެތި ފައިދާތައް.

އާދެ! ތެދުބުނުމަކީ، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވުން ކަމަށްވާތީ، އޭގެފަހުން މާތްﷲ އަންގަވަނީ، "މާތްﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ." އާދެ! ދުނިޔޭގައިވެސް އެމީހަކަށް ލިބޭނީ ހެޔޮކަން، އަދި އާޚިރަތުގައިވެސް މާތްﷲ އެމީހަކަށް ދެއްވާނީ ހެޔޮ ޖަޒާ.

ހަމައެހެންމެ، ތެދުބުނުމުގެ އިތުރުން ތެދުބުނާ މީހުންނާއެކީގައިވުމަށް މާތްﷲ ތަކުރާރުކޮށް ކީރިތި ޤުރުއާނުގައި އަންގަވާފައިވޭ. އެކަލާނގެ އައްތައުބާ ސޫރަތުގެ 119 ވަނަ އާޔަތުގައި ވަޙީކުރައްވާ: "يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَكُونُواْ مَعَ الصَّادِقِينَ" މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތެދުވެރިންނާއެކުގައި ތިޔަބައިމީހުންވާށެވެ!"

އާދެ! ތެދުބުނުމުގެ ފައިދާ އޮތީ ހަމައެކަނި މިދުނިޔެ މައްޗަކުނޫން. ތެދުބުނުމުގެ ފައިދާ، އެބުނާ މީހާއަށާއި، އެމީހާ އުޅޭ ޖަމާޢަތަށާއި، މުޅި މުޖްތަމަޢަށް މިދުނިޔެމަތީގައިވެސް ލިބޭނެ. ހަމައެހެންމެ، ތެދުބުނުމުގެ ފައިދާ އެންމެ ބޮޑަށް ލިބޭ ތަނަކީ އާޚިރަތްދުވަސް ކަމާމެދަކު ޝައްކެއްނެތް. މިކަން ބަޔާންކުރައްވާ މާތްﷲ، އަލްމާއިދާ ސޫރަތުގެ 119ވަނަ އާޔަތުގައި ވަޙީކުރައްވާ:
"قَالَ اللّهُ هَذَا يَوْمُ يَنفَعُ الصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً رَّضِيَ اللّهُ عَنْهُمْ وَرَضُواْ عَنْهُ ذَلِكَ الْفَوْزُ الْعَظِيمُ." މާނައީ: "ﷲ ވަޙީ ކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނެ ދުވަހެވެ. އެތާނގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް އެއުރެންނަށް ހުށްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭގޮތުގައެވެ. ﷲ އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ."

އާދެ! މިކަމުން އެނގެނީ، ތެދުބުނުމާއި ތެދުވެރިވުމުން ލިބޭނެ އެންމެ ބޮޑު މަންފާއަކީ، ޤިޔާމަތް ދުވަހުން މާތްﷲ އެމީހެއްގެ ޢަމަލުތައް ޤަބޫލުކުރައްވާ، އެމީހަކަށް ސަވާބުދެއްވާ، އެމީހަކަށް ސުވަރުގޭގޭ މަތިވެރި ނިޢުމަތް ދެއްވުންކަން.

އާދެ! ދެންމެ ފަޟީލަތުލްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، މިނިވަންކަމުގެ ނަމުގައި ބައެއް މީހުން އެކި ގޮތްގޮތަށް ވާހަކަދައްކަމުން އެބަގެންދޭ. އެހެންނަމަވެސް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ނުވަތަ މަޢުލޫމާތު ދިނުމުގެ މިނިވަންކަމަކީވެސް އިސްލާމީ ހުދޫދުގެ ތެރޭގައި އޮންނަންވާނެކަމެއް. މާތްވެގެންވާ އިސްލާމްދީނުގައި ދޮގުހެދުން ހުއްދަކުރައްވާފައެއްނުވޭ. ޙަޤީޤަތްނެތް ވާހަކަ ދެއްކުމެއް ނުވަތަ ފެތުރުމެއް އެއީ ދުލުން ކުރާކަމެއް ކަމުގައިވިޔަސް، ގަލަމުން ކުރާކަމެއްކަމުގައިވިޔަސް ނުވަތަ އެހެން ވަސީލަތަކުން ކުރާކަމެއްކަމުގައިވިޔަސް، ދޮގުބުނުމަކީ ނުވަތަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފެތުރުމަކީ، އެއްގޮތަކަށްވެސް ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއްނޫން.

އެހެންވީމާ، މިނިވަންކަންވެސް އޮންނަންޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައި. މިނިވަންކަމަކީ ޙައްޤަކަށްވާފަދައިން އެއީ މަސްއޫލިއްޔަތެއްވެސްމެ. އެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އެއްވެސް މިނިވަންކަމަކީ ދޫވެފައި އޮންނަ، ވަކި ހުދޫދެއްނެތި އޮންނަ މިނިވަންކަމެއްނޫން. އޭގެ މުޤާބިލުގައި މަސްއޫލިއްޔަތެއް، ޒިންމާތަކެއް އޮންނަ މިނިވަންކަމެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަމަކީވެސް އެފަދަ ކަންކަން. އެހެންވީމާ، ނޫސްތަކުގައި އަޅުގަނޑުމެން މަޒުމޫނު ލިޔާއިރު، އެކި ވާހަކަ ލިޔާއިރު، ނުވަތަ ޚަބަރު ލިޔާއިރު އެލިޔެވެނީ ޙަޤީޤަތެއް ކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެ. ޙަޤީޤަތާ ޚިލާފު ވާހަކައެއް ލިޔެވިގެނެއް ނުވާނެ. ވާހަކައެއް ދެކެވިގެންނެއްވެސް ނުވާނެ. މީހުންގެ ތެރޭގައި ފެތުރިގެނެއްވެސް ނުވާނެ.

އާދެ! ދުލަކީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް. ދުލުގެ ސަބަބުން އަޅުގަނޑުމެންނަށް ހިދާޔަތު އެބަ ލިބޭ. އެއީ. އަޅުގަނޑުމެންނަށް ހިދާޔަތު މިލިބެނީ އެހެންމީހަކު ބުނާ އެއްޗަކުން. އެމީހާ އެއެއްޗެއް ބުނަނީ އެމީހާގެ ދުލުގެ ބޭނުންކޮށްގެން. "އީމާންވާށޭ!" ﷲ އެންގެވި އެންގެވުންވެސް އަޅުގަނޑުމެންގެ ކަންފަތަށް މިއިވެނީ މީހަކު ބުނާ ބުނުމަކުން. އެއީ އެމީހާގެ ދުލުން ބުނާ އެއްޗެއް އަޅުގަނޑުމެންނަށް މި އިވެނީ. އެހެންވީމާ، ތެދުމަގު ލިބުން އޮތީވެސް ދުލުގެ މައްޗަށް ބިނާވެފައި.

ހަމައެހެންމެ، ޢިލްމު އުނގެނުން އޮތީވެސް އޭގެ މައްޗަށް ބިނާވެފައި. އަޅުގަނޑުމެންނަށް ޢިލްމު މިލިބެނީ، މަޢުލޫމާތު މިލިބެނީ މީހަކު ބުނާ އެއްޗަކުން. މަޢުލޫމާތު ފެތުރުމަކީވެސް، ދުލުގެ ޒަރީޢާއިން ކުރެވޭ ކަމެއް. އޭގެއިތުރުން، ގަލަމުގެ ޒަރީޢާއިންވެސް ފެތުރިދާނެ. އެހެންނަމަވެސް، އޭގެ އަޞްލަކީ ދޫ.

އެހެންވީމާ، ދުލަކީ ޝައްކެއްނެތްގޮތުގައި ވަރަށް ބޮޑު ނިޢުމަތެއް. ވާހަކަދެއްކުމުގެ ނިޢުމަތް އެއީ ވަރަށް ބޮޑު ނިޢުމަތެއް. މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާ "الرَّحْمَنُ، عَلَّمَ الْقُرْآنَ، خَلَقَ اْلإِنسَانَ، عَلَّمَهُ الْبَيَانَ" (الرحمن: 1-4) "ރަޙްމާންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ޤުރްއާން އުނގަންނަވައިދެއްވިއެވެ. އެކަލާނގެ އިންސާނާ ހެއްދެވިއެވެ. އެކަލާނގެ އެ އިންސާނާއަށް ބަސްމޮށުންތެރިކަން އުނގަންނަވައިދެއްވިއެވެ."

އާދެ! ބަސްމޮށުންތެރިކަމަކީ، ދުލުގެ ޒަރީޢާއިން ކުރެވޭ ކަމެއް. އެއީ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި މާތްﷲ މިވަނީ އަޅުގަނޑުމެންނަށް އަންގަވާފައި. ދުލަކީ މިހާ މުހިންމު ގުނަވަނަކަށް ވާއިރު، އެއީ ވަރަށް ނުރައްކާތެރި ގުނަވަނަކަށްވެސްވެދާނެ. އެވާހަކަވެސް ދެންމެ ފަޟީލަތުލްއުސްތާޛުއްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް ވިދާޅުވެދެއްވައިފި. ދުލުންބުނާ އެއްޗަކުން މީހަކަށް ލިބޭ ގެއްލުން މިދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް އެމީހަކު ބުނާ އެއްޗެއްގެ ސަބަބުން އެމީހަކީ މޫނުވަތަށް ނަރަކައަށް ވެއްޓިގެން ހިނގައިދާނެ މީހެއްކަމުގައިވެސް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ވާހަކަ އެމަނިކުފާނު އެ ވިދާޅުވީ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. ޞައްޙަ ޙަދީޘެއްގައި އެވާހަކަ ވަނީ އެގޮތަށް އައިސްފައި.

އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ އަޅުގަނޑުމެންނަށް މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތަކުގެ ބޭނުން ކުރަންޖެހޭނީ ކޮން ގޮތަކަށްކަން. އެ ނިޢުމަތްތަކުގެ ބޭނުން ކުރަންޖެހޭނީ ހެޔޮގޮތުގައި. އެއީ ދޫ ކަމުގައިވިޔަސް، ލޮލުގެ ފެނުންކަމުގައިވިޔަސް، ކަންފަތުގެ އިވުންކަމުގައިވިޔަސް، ސިކުނޑީގެ ވިސްނުންކަމުގައިވިޔަސް، މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑުމެން ބޭނުންކުރަންޖެހޭނީ ހެޔޮގޮތުގައި. އޭގެ އެންމެ ފައިދާހުރި ގޮތުގައި. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށާއި، އަޅުގަނޑުމެންގެ ޢާއިލާއަށާއި، މުޖްތަމަޢަށް ފައިދާ ލިބޭގޮތެއްގައި. އެ ނިޢުމަތެއް ބޭނުންކުރުމުން އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭކަހަލަ ގޮތަކަށް. އެހެންވީމާ، މިކަންކަމަށް މިފަދަ މުނާސަބަތުތަކުގައި އަޅުގަނޑުމެން ސަމާލުކަން ދިނުމަކީ ވަރަން މުހިންމު ކަމެއް.

އާދެ! އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. މިމަތިވެރި މުނާސަބަތުގައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވަން. ހަމައެއާއެކީގައި، މިފަދަ މަތިވެރި މުނާސަބަތަކުން އަޅުގަނޑުމެން ލިބިގަންނަންވީ ޢިބްރަތްތަކާއި، އެކަމުގެ ފިލާވަޅުތައް ލިބިގަތުމަށް ހުރިހާ ބޭފުޅުންނަށް ނަސޭހަތްތެރިވަން. އަޅުގަނޑުމެންކުރެ ކޮންމެ މީހަކީވެސް، މިފަދަ ކޮންމެ މުނާސަބަތަކުން އެކަށީގެންވާ އިލްހާމަކާއި އެކަށީގެންވާ ޢިބްރަތެއް ޙާސިލުކުރާމީހަކު ކަމުގައި ވެއްޖެނަމަ އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތައްވެސް ރަނގަޅުވެގެންދާނެ. ބުނެވޭ ބަސްތައްވެސް ސީދާވެގެންދާނެ. އަދި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާތައް އަޅުގަނޑުމެންނަށް ފެނިގެންދާނެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، އެކަލާނގެ މި އިންސާނިއްޔަތަށް ހަދިޔާކުރެއްވި މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުމެ ފައިތިލަ ސާބިތުކޮށްގެން ތިބޭ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެން ކުރާ ކަންތަކާއި ބުނާބުނުންތަކަކީ، އޭގެސަބަބުން، އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ މުޖްތަމަޢަށް ފައިދާވާނެ ކަންތައްތަކާއި ބުނުންތަކެއްކަމުގައި ލެއްވުން. އަދި އަބަދުވެސް އަޅުގަނޑުމެންނަކީ، ނުގުޑާފަދަ ޢަޒުމެއްގައި، އިސްލާމީ ދައުލަތެއްގެ ގޮތުގައި، އިސްލާމީ އުންމަތެއްގެ ގޮތުގައި، ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމިތިބޭ ބަޔަކު ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه