بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى سيد الأنبياء وخاتم المرسـلين، وعلى آلـه وأصحـابه أجمعـين.

އާދެ! މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސުން އިންތިޒާމް ކުރައްވައިގެން މިއަދު މި ހުޅުވޭ "ކިއްސަރު 2007 މަސައްކަތްތެރިންގެ މައިޒާން" ހުޅުވައިދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި، މިނިސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށާއި، މިނިސްޓަރގެ ނާއިބު ޑޮކްޓަރ ޢާއިޝަތު ޝިހާމަށާއި، އަދި އެމިނިސްޓްރީގެ ޑިރެކްޓަރ އަލްފާޟިލް ޢަލީ ޒަކީއަށާއި، މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މި ކިއްސަރު އިންތިޒާމު ކުރެއްވުމަށް ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާގެ ފަރާތުންވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި. މިތަނަށް އައުމުން އެ މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަދި ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އެ މިނިސްޓްރީގެ ވަރަށްގިނަ ވެރިންނާއި މުވައްޒަފުން، ރޭ ހަތަރުދަމުހެން ހޭލާ ތިއްބަވައިގެން މިތަން ތައްޔާރުކުރެއްވުމުގެ މަސައްކަތް ވަރަށް ފަތިހާ ޖެހެންދެންވަނީ ކޮށްދެއްވާފައި. އެހެންވީމާ، މިނިސްޓަރަށާއި، މިނިސްޓްރީގެ ހުރިހާ ވެރިންނަށާއި، މުވައްޒަފުންނަށާއި، އަދި މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކު، މި ކިއްސަރުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ދަންނަވަން.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ކިއްސަރު 2007 މަސައްކަތްތެރިންގެ މައިޒާނަކީ ޒުވާނުން، މަސައްކަތްތެރިކަމަށް އަހުލުވެރިކުރުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށާއި، އަދި ޒުވާނުންނާއި ވަޒީފާ ދޭ ފަރާތްތަކާ އެއްތަނެއްގައި ގުޅުވާލަ ދިނުމަށް ބޭއްވޭ ވަރަށް މުހިންމު ކަމެއް. މި ކިއްސަރުގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ. ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރަށް ހުޅުވިގެންދާނެ. ބައެއް ޒުވާނުންނަށް، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި ހަމަ ގިނަ ޢަދަދެއްގެ ޒުވާނުންނަށް ވަޒީފާ ލިބޭގޮތްވެސް ވަގުތުން ހަމަޖެހިގެންދާނެ. ހަމައެއާއެކީގައި ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުމުގެ ގޮތުންވެސް އެމީހުންނަށް ފުރުޞަތުތަކެއް ލިބިގެންދާނެ.

އާދެ! މިވާހަކަ ދައްކާއިރު، ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކަށް އަދި ޚާއްޞަކޮށް ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައަކީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މައްސަލައެއްކަން ހަނދާންކުރަންޖެހޭ. އާދެ! ރާއްޖެ ތަރައްޤީވަމުން ކުރިއަރަމުންދާއިރު، ރާއްޖޭގައި ވަރަށް ގިނަ ޒުވާނުން، އަދި ރާއްޖޭގެ މީހުން ވަޒީފާއަށް މިތިބީ އެދިއެދި. އެމީހުންނަށް ވަޒީފާގެ ފުރުޞަތު ލިބުމަކީ، ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް ރާއްޖޭގެ ތަޢުލީމު ތަރައްޤީވަމުން ދިޔުމާއެކީގައި ވަރަށްގިނަ ކަންކަމަށް ލޯ ހުޅުވި، އަހުލުވެރިވެފައިވާ ޒުވާނުންތަކެއް ކޮންމެ އަހަރަކު ވަޒީފާގެ ބާޒާރަށް އިތުރުވަމުން އެބަދޭ. އެ އެންމެންނަށް ވަޒީފާ ހޯދައިދިނުމަކީ، އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް.

އާދެ! ވަޒީފާއެއް އަދާނުކޮށް މީހަކު ނުވަތަ ޒުވާނަކު ހުރުމަކީ ވަރަށް ދެރަކަމެއް. އޭގެސަބަބުން އެމީހަކަށް ލިބެން އޮންނާނެ އާމްދަނީއެއް ލިބުމުގެ މަގު ބަންދުވެގެން ދިޔުމާއި، އަދި އެގޮތަށް ހަނުހުރުމުން ގިނަ އަދަދެއްގެ ބަޔަކު މަސައްކަތެއް ނުކޮށް އަތް އުރާލައިގެން ތިބުމުން، މުޖްތަމަޢަށް ދިމާވާ ތަފާތު މައްސަލަތައް ހުރޭ. އެހެންވީމާ، މިކަން ޙައްލުކުރުމަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިއަދު އަޅުގަނޑުމެންވަނީ ކުރަންޖެހިފައި.

އާދެ! ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު ބަޔަކީ ޒުވާނުން. އެހެންވީމާ، ޒުވާނުންގެ ކަންތައްތަކަށް ވަރަށް ބޮޑުއިސްކަމެއް ދޭން އެބަޖެހޭ. އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ ވަރަށް ކުރީކޮޅު ޒުވާނުންގެ މަޖިލީހެއް އުފެއްދި ވާހަކައާއި، އޭގެފަހުން ޒުވާނުންގެ މިނިސްޓްރީއެއް އުފެއްދި ވާހަކަ ދެންމެ މިނިސްޓަރ ވަޙީދުއްދީނުގެ ވާހަކަފުޅުގައި ވިދާޅުވި. އާދެ! އެއީ ތެދުފުޅެއް. އެއީ، ޒުވާނުންނަކީ، އޭރުވެސް މިހާރުވެސް، އަދި ކުރިމަގުގައިވެސް ރާއްޖެއަށް ވަރަށް މުހިންމު ވަރަށް ފައިދާކުރާނެ ބަޔަކަށްވާތީ. ޒުވާނުންނަށް ކުރިއެރުމާއި ތަރައްޤީއާއި އަދި ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ ވަރަށް ކުރިއްސުރެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެމުން އަންނަ ކަމެއް. އެގޮތުން، ޒުވާނުންގެ މަޖިލީހެއް އުފައްދައި، އަދި ޒުވާނުންގެ ވުޒާރާއެއް އުފައްދައި އަދި ޒުވާނުންގެ ވުޒާރާއާއި މަޖިލީހުގެ ދަށުން ޒުވާނުންނާބެހޭ ތަފާތު ހަރަކާތްތައް ސަރުކާރުން ހިންގަމުން މިގެންދަނީ.

އާދެ! އަޅުގަނޑުމެން ވަޒީފާ އަދާކުރާއިރު، ވަރަށް ބޮޑު ސަމާލުކަމެއްދޭންޖެހޭ ކަންތައްތަކެއްހުރޭ. ހަމައެކަނި ވަޒީފާ އަދާކުރުމުގެ ނަން ހޯދުމެއްނޫން. އެމީހަކާ އެ ހަވާލުކުރެވޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ހީވާގިކަމާއި މުރާލިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރުން އެއީ، ވަޒީފާގެ އެންމެ މުހިންމު ބަޔަކީ. ކޮންމެ ވަޒީފާއަކީވެސް ޚިދުމަތްތަކެއް އެކުލެވިގެންވާ ވަޒީފާއެއް. އެހެންވީމާ، އެމީހަކާ އެ ހަވާލުކުރެވޭ ވަޒީފާގެ ޚިދުމަތް އެމީހަކު ފުރިހަމައަށް އަދާކުރެވޭތޯ ބަލަންވާނެ. އޭރުން އެމީހަކަށް އެ ލިބޭ ތަނަވަސްކަމުގެ އިތުރުން، އެމީހާގެ ފަރާތުން ޤައުމަށް މުޖްތަމަޢަށްވެސް ފައިދާއެއް ކުރާނީ. ހަމައެހެންމެ، ވަޒީފާގައި އިޚްލާޞްތެރިކަމާއި ހީވާގިކަމާއި މުރާލިކަމާއެކު ކުރިއަށް ދިޔުމަކީ އަބަދުވެސް ކުރިއެރުމުގެ ފުރުޞަތުތައް އެމީހެއްގެ ކުރިމަތީގައި ހުޅުވިގެންދާނެކަމެއް. މިކަންވެސް ވަޒީފާ އަދާކުރާ އެންމެން ވަރަށް ބޮޑަށް ހަނދާންކުރަންވާނެ.

އާދެ! ވަޒީފާގެ ވާހަކަދައްކާއިރު، ކޮންމެ ޒުވާނަކުވެސް އަދި ކޮންމެ މީހަކުވެސް، އާމްދަނީ ލިބޭނެ މަސައްކަތެއް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދަންނަވަންޖެހޭ. ވަޒީފާއެއް އަދާކުރެވޭނީ އެކަމަށް އަހުލުވެރިވެގެން. އެ ވަޒީފާއަކާބެހޭ މަޢުލޫމާތު ލިބިގެން. އެވަޒީފާއެއް ފުރިހަމަގޮތެއްގައި އަދާކުރުމަށް ބޭނުންވާ ހުނަރުވެރިކަމާއި ޤާބިލުކަން ހޯދައިގެން. އެކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިގަނެގެން. އެހެންވީމާ، މަސައްކަތްތެރިކަން ދަސްކުރުން، ވަޒީފާގެ ވާޖިބުތައް އަދާކުރާނެ ހުނަރުތައް ހާސިލުކުރުން، މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހިފައިވާކަމެއް. ސަރުކާރުގެ ފަރާތުންނާއި އަދި އަމިއްލަ ފަރާތްތަކުންވެސް، މިކަމަށް އަހަންމިއްޔަތު ދެއްވާ، އެކަން އެގޮތަށް ކުރިއަށް ގެންދެވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ.

އާދެ! ކިއްސަރު 2007 އަދި މިދިޔަ އަހަރު އޮތް ކިއްސަރު 2006ގެ ބޭނުމަކީ ކުރިންވެސް ދެންނެވިފަދައިން، ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދިނުން. އެހެންކަމަށްވާއިރު، ޒުވާނުން އަދާކުރަންޖެހޭ ވަރަށްގިނަ މަސްއޫލިއްޔަތުތަކެއް، ވާޖިބުތަކެއް ހުރިކަން އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ.

އާދެ! ޒުވާނުންނަކީ، ވަޒީފާ އަދާކުރުމުގެ އިތުރުން ތަރައްޤީގެ ހުރިހާ ކަމެއްގައި ބައިވެރިވާންޖެހޭ ބައެއް. ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މިހާރުވެސް ރާއްޖޭގެ ޒުވާނުން ކުޅެމުންދާ ދައުރު ވަރަށް ބޮޑު. އަދި ކުރިއަށް އޮތް ތާނގައި އެދައުރު ދާނީ އިތުރަށް ފުޅާވެގެން، އިތުރަށް ތަނަވަސްވެގެން.

ހަމައެއާއެކީގައި ޒުވާނުންނަކީ، ޤައުމުގެ ހުންގާނުގައި ތިބެން ތައްޔާރުވަމުންދާ ބަޔަކަށްވާތީ، ސިޔާސީގޮތުންވެސް ޒުވާނުންނަކީ، ހޭލުންތެރި ބަޔަކަށް ވާންޖެހޭ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން ޒުވާނުން ވާންޖެހޭނީ، ޤައުމުދެކެ ލޯބިވާ، ޤައުމަށް އިޚްލާޞްތެރި، ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދޭ ބަޔަކަށް.

އާދެ! އަޅުގަނޑުމެންގެ ރާއްޖެ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީގޮތުން ކުރިއަށްދާއިރު، ސިޔާސީގޮތުންވެސް މިހާރު މިވަނީ އާ މަރުޙަލާއަކަށް ކުރިމަތިލާފައި. ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް މިގެންދަނީ ހިންގަމުން. އޭގެތެރޭގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑު. އާދެ! އޭގެތެރެއިން އެއްކަމަކީ، އެކިއެކި އިންތިޚާބުތަކުގައި ވޯޓުދޭ ޢުމުރު 21 އަހަރުން 18 އަހަރަށް ތިރިވެފައިވާކަން. އާދެ! އަޅުގަނޑު ހުށަހަޅާފައިވާ އިޞްލާޙީ ޕްރޮގްރާމްގައި އޮންނާނީ ވޯޓުދޭ ޢުމުރަކީ 21 އަހަރުން 18 އަހަރަށް ތިރިކުރުމަށް ހުށަހަޅާފައި. އެއީ 2004 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމްގައި ހިމެނިފައިވާ ކަމެއް.

އެންމެފަހުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި އެއްކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމަވާފައިވަނީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު އެއީ ކޮން ނިޒާމެއްތޯ ބެލުމަށްޓަކައި ބޭއްވޭ ޢާންމު ވޯޓުގައިވެސް 18 އަހަރުން މަތީގެ އެންމެން ބައިވެރިވާގޮތަށް. އެ ނިންމެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔަން. ޝައްކެއްނެތް. އެއީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި، ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް. އެ ނިންމެވުމުގައިވާގޮތުގެ މަތިން، މީގެ 9 ދުވަސް ފަހުން އާދެ! މިމަހުގެ 18 ވަނަ ދުވަހު މާލެއާއި ހުރިހާ އަތޮޅުތަކެއްގައި ޚިޔާލު ހޯދުމުގެ ވަރަށް މުހިންމު ވޯޓެއް އެއްފަހަރާ ބޭއްވޭނެ. އެ ވޯޓުގައި 18 އަހަރުންމަތީގެ ހުރިހާ ދިވެހިން، އާދެ! ޤާނޫނުގައި ބުނާ ޝަރުޠު ހަމަވާ 18 އަހަރުން މަތީގެ ހުރިހާ ދިވެހިން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް.

މިއީ ހަމައެކަނި ސިޔާސީ ޕާޓީތަކުން އަހަންމިއްޔަތު ދޭންވީ ކަމެއްނޫން. ދިވެހި ހުރިހާ ރައްޔިތުން މިކަމަށް ސަމާލުކަންދޭން އެބަޖެހޭ. އެހެން މިދެންނެވީ، އަޅުގަނޑުމެން މިބައްޓަން ކުރާ ނިޒާމަކީ، އޭގެ ހިޔާވަހިކަމުގެ ދަށުގައި ހުރިހާ ދިވެހި ރައްޔިތުން އުޅޭނެ ނިޒާމެއް. އެ ނިޒާމެއްގެ ފައިދާއާއި މަންފާ ހުރިހާ ރައްޔިތުން ޙިއްޞާކުރާނެ ނިޒާމެއް. އެހެންވީމާ، އެ ނިޒާމު ކަނޑައެޅުމުގައި އެންމެންގެ ބައިވެރިވުން ވަރަށް މުހިންމު. ޤާނޫނުގައި ބުނާ ޝަރުޠު ހަމަވާ 18 އަހަރުން މަތީގެ އެންމެން މިމަހުގެ 18 ވަނަ ދުވަހު އޮންނަ ވޯޓުގައި ބައިވެރިވުމަކީ، ރާއްޖޭގެ ކުރިމަގަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމުގައި މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލީ.

އާދެ! މިވާހަކަ ދަންނަވާލުމަށްފަހު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން "ކިއްސަރު 2007 މަސައްކަތްތެރިންގެ މައިޒާން" ހުޅުވައިދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނަން. އަޅުގަނޑު އުންމީދުކުރަނީ، މި މައިޒާނުގެ ސަބަބުން ރާއްޖޭގެ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ޒުވާނުންނަކަށް ވަޒީފާގެ އެތައް ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެކަމަށް. އަދި ޒުވާނުންނަށް ވަޒީފާ ލިބުމުގެ ސަބަބުން އެމީހުންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބި، އެމީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށް އިތުރު ތަނަވަސްކަން ލިބި، މުޖްތަމަޢަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ލިބިގެންދާނެކަމަށް.

والســّلام عليــكم ورحـمــة اللّـه وبـركاتـه