بسـم اللّه الرّحـمٰـن الـرّحيـم

الحمـد للَّـه ربّ العـالمـين، والصّـلاة والسّـلام على رسوله الأمين، وعلى آلـه وأصحـابه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

الســّلام عليــكم ورحـمــة اللّـه وبـركاتـه،

ދިވެހިރާއްޖެއަށް ޤައުމީ މިނިވަންކަން ލިބުނުތާ 42 އަހަރު ފުރޭ މިއުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިފުރުޞަތުގައި، ދިވެހިރާއްޖެއަށް ޤައުމީ މިނިވަންކަން ހޯއްދަވައިދެއްވި، އަދި އެމިނިވަންކަން ދަމަހައްޓަވާ ރައްކާތެރިކޮށްދެއްވި ހުރިހާ އަބްޠާލުންގެ ޒިކުރާ އާކުރަމުން، އަދި އެބޭފުޅުން މިލޮބުވެތި ޤައުމަށްޓަކައި ކުރައްވާފައިވާ އަގުހުރި ޖިހާދާއި، ވެވަޑައިގެންފައިވާ މަތިވެރި ޤުރްބާނީގެ ހަނދާން އާކުރަމުން، އެބޭބޭފުޅުންގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެ ވަކިވެ، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުން، މިވޭތުވެދިޔަ 40 އަހަރަށްވުރެ ދިގުމުއްދަތުގައި ދިޔައީ، ތަފާތު އެތައް ދާއިރާތަކެއްގައި ވަރަށް ބޮޑަށް ތަރައްޤީވަމުން.

އަޅުގަނޑު މިދިޔަ ހަފްތާގައި، އިނގިރޭސިވިލާތަށް ކުރި ރަސްމީ ދަތުރަކީވެސް، މިގުޅުން އިތުރަށް ބަދަހިވެގެންދިޔަ ވަރަށް ކާމިޔާބު ދަތުރެއް. މިދަތުރުގައި، އިނގިރޭސިވިލާތުގެ ޢިއްޒަތްތެރި ރާނީގެ އަރިހަށް ޒިޔާރަތް ކުރުމުގެ އުފާ އަޅުގަނޑަށް ލިބުނު. ރާއްޖޭގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި ތަރައްޤީއަށް، އެކަމަނާ ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބަހައްޓަވާ ކަމަށް ވިދާޅުވި. އެކަމަނާ 1972ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ހަނދާންތައްވެސް، ވަރަށް ބޮޑު އުފާފުޅަކާއެކު އާކުރެއްވި.

އަޅުގަނޑުގެ މިދަތުރުގައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކުން އުފައްދާފައިވާ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދުގެ ރަޙްމަތްތެރިކަން ބަދަހިކުރާ ޖަމާޢަތުގެ ދަޢްވަތަކަށް އަޅުގަނޑު ހައުސް އޮފް ލޯޑްސްއަށް ޒިޔާރަތް ކުރިން. އަދި އެތާނގައި، ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުންނާއި، އަދި ރާއްޖޭގައި ހިންގަމުން މިގެންދާ ސިޔާސީ އިޞްލާޙީ އެޖެންޑާއާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރްޞަތުވެސް އަޅުގަނޑަށް ލިބުނު.

ރާއްޖެއަށް ދިމާވެފައިވާ ތަރައްޤީގެ މައްސަލަތަކާއި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގަޔާއި، ރާއްޖޭގެ އިޞްލާޙީ އެޖެންޑާ ކުރިޔަށް ގެންދިޔުމުގައިވެސް، އިނގިރޭސިވިލާތުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ދެމިއޮންނާނެ ކަމަށް، މިދެންނެވި ޖަމާޢަތުގެ ބޭފުޅުން ވިދާޅުވި.

މިދެންނެވި ބައްދަލުވުމުގައި، ޔޫރަޕިއަން ޕާލަމެންޓުގެ ދެކުނު އޭޝިޔާއާބެހޭ ޖަމާޢަތުގެ އިސްވެރިޔާވެސް، ވާހަކަފުޅު ދެއްކެވި. އިޞްލާޙީ އެޖެންޑާއަށާއި، ރާއްޖޭގެ ތަރައްޤީއަށް ޔޫރަޕިއަން ޕާލަމެންޓުގެ ފުރިހަމަ ތާއީދު އޮތްކަން، އޭނާވެސް ހާމަކުރެއްވި.

މިޒަމާނަކީ، ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތައް ގުޅިގެން މަސައްކަތް ކުރާ ޒަމާނެއް. އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުން ހޯދައިގެން ތަރައްޤީގެ އުސްމިންތައް ހާސިލު ކުރަމުންދާ ޒަމާނެއް. މިގޮތުން، ރާއްޖެ މިގެންދަނީ، އިނގިރޭސިވިލާތް ނޫނަސް، އެހެން ހުރިހާ ޤައުމުތަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކާއެކުވެސް ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކުރަމުން. ވަކިން ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކާއި، އަވަށްޓެރި ޤައުމުތަކާއި، ކުރިއަރާފައިވާ އެހެން ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ފުޅާކުރަމުން، މަތީ ހަރުފަތްތަކަކަށް ގެންދަމުން.

މިކަމުގެ ނަތީޖާއެއްގެ ގޮތުން، ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމުގަޔާއި، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި، އެފަރާތްތަކުގެ ވަރަށް ދީލަތި އެހީތަކަކާއި އެއްބާރުލުމެއް ލިބެމުންދޭ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ސިޔާސީ ގޮތުން މުހިންމު ބަދަލުތަކެއް ރާއްޖެއަށް ގެނެވެމުންދާ ދުވަސްވަރެއްގައި، އަޅުގަނޑުމެންގެ ވިސްނުން، އެހެން ކަމަކަށްވެސް ހުއްޓާލަން އެބަޖެހޭ.

އާދެ! ދުނިޔެ މިދަނީ ގްލޯބަލައިޒޭޝަންގެ ނުވަތަ ބަވަނަ ކުރުމުގެ މޫސުމެއްގައި ކުޑަވަމުން، ދުނިޔޭގެ އާ ޗާޓެއް ކުރަހަމުން. ކުޑަވަމުން އެއްގޮތްވަމުން މިދާ ދުނިޔޭގެ ވިސްނުމުގެ އަސަރު އަޅުގަނޑުމެންގެ ފިކުރަށްވެސް ކުރާނެކަން ކަށަވަރު.

މިފަދަ ނާޒުކު މަރްޙަލާއެއްގައި އަޅުގަނޑުމެންގެ ދީނީ ވަޙުދަތާއި، ޤައުމީ ޝަޚްޞިއްޔަތާއި، ދިވެހިންގެ ސިފަތައް ދޫވެގެންދިޔަ ނުދިނުމަށް، އާ ޢަޒުމަކާއެކު މަސައްކަތް ކުރުން ވަރަށް މުހިންމު. ހުޅުވާލެވިފައިވާ ޒަމާނީ ޑިމޮކްރަސީއަކަށް ޤައުމު ބައްޓަންވަމުންދާއިރު، އަލަށް މަރްޙަބާ ކިޔަންވީ ކަންކަމާއި، ދޫނުކޮށް ހިފަހައްޓަންޖެހޭ ކަންކަމުގެ ތަފާތު ވަޒަންކޮށް ދެނެގަންނަން އެބަޖެހޭ. ޚިޔާލާއި ވިސްނުމުގެ ތަފާތަކީ، ޤައުމުގެ އެންމެމަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އަޅުގަނޑުމެން އެކަތިގަނޑަކަށް ހަދައިދޭ ބާރުތަކަކަށް ހެދުމުގެ ފުރްޞަތުވެސް، އަޅުގަނޑުމެންނަށް އެބައޮތް.

އަޅުގަނޑުމެންގެ ޤައުމުން ކޮށްފައިވާ އެކިއެކި ތަޖުރިބާތަކުން ޢިބްރަތް ލިބިގެން، އާރާސްތުކުރާ އާ ނިޒާމުތަކަކީ، އަޅުގަނޑުމެންގެ ޤައުމު ފަޚުރުވެރިވާނޭ ނިޝާންތަކަކަށް، ބަދަލުކުރުމުގެ ޤާބިލުކަން މާތްﷲ އަޅުގަނޑުމެންނަށްވަނީ، ދެއްވާފައި. ހަމައެކަނި ބޭނުންވަނީ، އިޚްލާޞްތެރި ޢަޒުމަކައިގެން، ޤައުމީ ވިސްނުމެއްގައި ކުރިމަތިލަމުން ދިޔުން.


ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ރާއްޖެއަށް ފުރިހަމަ ދީމުޤްރާޠީ ނިޒާމެއް ގެނައުމަށް، މީގެ ތިންއަހަރު ކުރިއްސުރެ އަޅުގަނޑުމެން ފަށާފައިވާ އިސްލާޙީ މަސައްކަތުގެ ވަރަށް މުހިންމު މަރްޙަލާއަކަށް، މިހާރު މިވަނީ އާދެވިފައި.

އާދެ! އިޞްލާޙީ އެޖެންޑާގެ ތެރެއިން ކުރެވޭ އެންމެ ބޮޑު އެއްމަސައްކަތަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް. އެ މުހިންމު މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް ނިންމެވުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކަނޑައަޅުއްވާފައިވާކަން އެއީ، ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު އުންމީދުތަކެއް ގެނެސްދިން ނިންމެވުމެއް.

ޤާނޫނުއަސާސީ އިޞްލާޙުވެ ނިމުމުގެ ކުރިން، ޤައުމީ ވަރަށް މުހިންމު ނިންމުމެއް ނިންމުމުގެ ފުރްޞަތު މިއޮތީ އައިސް ޖެހިފައި. އާދެ! އަންނަ އޯގަސްޓް މަހުގެ 18 ވާ ހޮނިހިރު ދުވަހަކީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާބެހޭގޮތުން ރައްޔިތުންގެ ޢާންމު ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދުވަސް.

އެހެންކަމުން، އެދުވަހު ނެގޭ ޢާންމު ވޯޓުގައި، ވޯޓު ދިނުމުގެ ޝަރުޠު ހަމަވާ، 18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. އަދި ޤައުމުގެ ކުރިމަގަށް ވިސްނާވަޑައިގެން، ރާއްޖެއަށް އެންމެ ފައިދާ ކުރާނެ ނިޒާމެއް ޚިޔާރު ކުރެއްވުމުގައި ކޮންމެ ރައްޔިތަކު ނިންމަވާ ނިންމެވުމަކީވެސް، ޒިންމާދާރު ނިންމެވުމަކަށް ހައްދަވައި ދެއްވުމަކީ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމެއް.

ރާއްޖޭގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންގެ ދައުރުގެ މުހިންމުކަމުން، މިފަދަ ޤައުމީ ކަންކަމަށް ޒުވާނުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަކީވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ، ފުރިހަމަ ރިޔާސީ ނިޒާމެއް ކަމަށް، ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމަށް ތިޔަ ލޮބުވެތި ރައްޔިތުން ނިންމެވިޔަސް، އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ ކޮންކަމެއްކަން ދަންނަވާލާނަން.

އާދެ! އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވަނީ، ރާއްޖޭގެ ޤައުމީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށްދޭ، ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރައްކާތެރިކޮށްދޭ، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓައިދޭ، ދިވެހި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފު ޤާއިމުކޮށްދޭ، ހުރިހާ ކަމެއްގައިވެސް މުޅި ޤައުމުގެ މަޞްލަޙަތު އިސްކުރާ، ރާއްޖެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ އެންމެ މަތީ އުސްމިންތަކަށް ގެންގޮސްދޭން މަސައްކަތްކުރާ، ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ ޒިންމާދާރު ސަރުކާރެއް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން

މިއަދު ދިވެހިރާއްޖެ މިދަނީ، ހުޅުވާލެވިފައިވާ މިނިވަން އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން، ގިނަގުނަ އިޤްތިޞާދީ ކުރިއެރުންތަކެއް ޙާޞިލު ކުރަމުން. މިރޮނގުން މިހާތަނަށް ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމުގެ އިތުރު މަސައްކަތްތައް މިގެންދަނީ ކުރަމުން.

އެގޮތުން މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު މުޅި ރާއްޖެއަށް ފުޅާކުރަމުންދާ ވަގުތެއް. ދިވެހިންނަށް އިތުރު ތަނަވަސްކަމާއި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އިތުރު ރިޒޯޓުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ހިނގަމުންދާ މުހިންމު ދުވަސްވަރެއް.

މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި، ބޮޑެތި ބިޔަ މަޝްރޫޢުތަކެއް ރޭވެމުންދާ ދަނޑިވަޅެއްވެސްމެ. ހަމައެއާއެކު، ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކަށްވެސް، މިކަމުގެ ފައިދާ ލިބޭނެ ނިޒާމެއް ރޭވުމުގެ މަސައްކަތް ދަނީ ކުރެވެމުން.

މިހުރިހާ ބޮޑެތި މަޝްރޫޢުތަކާއި މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދިޔުމަށްޓަކައި ޤައުމީ ރޫޙުގައި ވަރުގަދަ ޢަޒުމަކާއެކު މަސައްކަތް ކޮށްދެއްވުމަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

މިހާރަކަށް އައިސް ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން ކުޑަވުމާއި، ޒަމާނުއްސުރެ ދިވެހިން ބަލައިގެންފައިވާ މުޖްތަމަޢުގެ އަޚްލާޤީ މިންގަނޑުތަކަށް ދޭންވާ ސަމާލުކަން ދިނުން ކުޑަވަމުންދާތަން ފެންނަމުންދާކަމީ، މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް.

މިކަމުގައި އެދެވޭ ނަތީޖާއެއް ފެންނާނީ، ޤާނޫނާއި ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތުމަކީ، އިޖުތިމާޢީ ވާޖިބެއް ކަމުގައި ހަމަ ކޮންމެ ދިވެހި ރައްޔިތަކުވެސް، ހެޔޮހިތުން ގަބޫލުކޮށްގެން. އަދި އެމީހެއްގެ ޢަމަލުތަކާއި އަޚްލާޤު އެގޮތަށް ބައްޓަން ކޮށްގެން. ހަމައެއާއެކު، ޤާނޫނާއި ގަވާއިދަށް ފުރިހަމައަށް ބޯލަނބާ ބަޔެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޅަދަރިން ތަރުބިޔަތު ކޮށްގެން.

ޤާނޫނުގެ ޙުކުމަށް ކަމޭހިތުމަކީ، ދީމުޤްރާޠީ ނިޒާމުގެ އެންމެ މުހިންމު އެއްތަނބު. ފުރިހަމަ ދީމުޤްރާޠީ ނިޒާމަކަށް ދިވެހިރާއްޖެ މިއަދު ބައްޓަންވަމުންދާއިރު، މިއީ، އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭނެ ވަރަށް މުހިންމު އަސާސެއް.

އަޅުގަނޑުމެންނަށް ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީވެސް، އަދި އަޅުގަނޑުމެންނަށް ލިބޭ ތަނަވަސްކަމާއި ތިޔާގިކަންމަތީގައި ހިތްހަމަޖެހުމާއެކު އުޅެވޭނީވެސް، އަޅުގަނޑުމެންގެ މުޖްތަމަޢަކީ، ޤާނޫނުގެ ޙުކުމް ހިނގާ ތަނަކަށްވެގެން. ޤާނޫނުގެ ޙުކުމަށް ހަމަ އެންމެން ކިޔަމަންވާ ތަނަކަށްވެގެން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން:

ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމަކީ، އަޅުގަނޑުމެންގެ ފަޚުރާއި ޝަރަފު. އަޅުގަނޑުމެންގެ ކާބަފައިން ދިވެހި ޤައުމަށްޓަކައި، ވެވަޑައިގެންފައިވާ ޤުރްބާނީތަކުގެ ފޮނި މޭވާ. އެމިނިވަންކަން ޙިމާޔަތްކޮށް ދަމަހައްޓާ، އަންނަން އޮތް ޖީލުތަކަށް އެ މިނިވަންކަން ރައްދުކޮށްދިނުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް މަސްއޫލިއްޔަތު. އަދި އެންމެ މަތިވެރި ޤައުމީ ވާޖިބުވެސްމެ.

މާތްﷲ، މިލޮބުވެތި ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޤާބިލިއްޔަތު، އަޅުގަނޑުމެންނަށް ދެއްވާށި!

ދިވެހިންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ބޯލަނބާ، އިސްލާމީ އަޚުވަންތަކަމުގެ ގުޅުންތައް ދަމަހައްޓާ، ޤާނޫނާއި ގަވާއިދަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާށި!

ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް، އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމާއި، އިތުރު ކުރިއެރުމާއި، އުފާފާގަތިކަން މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.