بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، سيّدنا محمّد وَعلى آلـه وأصـحَابِه أجمـعـين

އާދެ! ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް ނައިފަރަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއަދު މިރަށަށް އައުމުން މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް އަޙްމަދު މޫސާއާއި، އަތޮޅުއޮފީހުގެ ވެރިންނާއި، ނައިފަރުގެ ވެރިންނާއި، ނައިފަރުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނާއި، ނައިފަރުގެ ކޮމިޓީތަކުގެ މެންބަރުންނާއި، ނައިފަރުގެ ސުކޫލް މަދަރުސާތަކުގެ ދަރިވަރުންނާއި، އެދަރިވަރުންގެ ބެލެނިވެރިންނާއި، މައިންބަފައިންނާއި، އަދި ޢާންމުކޮށް ނައިފަރުގެ ލޮބުވެތި އެންމެހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަދުގެ މިއުފާވެރި ތާރީޚީ ޖަލްސާގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެއީ، މިއީ ވަރަށް މަދުންނޫނީ އަޅުގަނޑުމެންނަށް ނުފެންނާނެ ކަމަކަށްވާތީ. އާދެ! ރާއްޖޭގެ ސްކޫލަކަށް ނުވަތަ މަދަރުސާއަކަށް 75 އަހަރުވުމަކީ، ވަރަށް މަދުން ދިމާވާނެކަމެއް. އެހެންވީމާ، މިއީ ވަރަށް ތާރީޚީ މުނާސަބަތަކަށްވޭ. މިކަމަށްޓަކައި މިސްކޫލް މިހާ ބޮޑަށް ތައްޔާރުކުރައްވައި، ނައިފަރުގެ ރައްޔިތުންވެސް މިކަމަށް ދެއްވި އަހަންމިއްޔަތާއި، އަދި މިކަމަށްޓަކައި ރަށް ތައްޔާރުކުރައްވާފައިވާ ތައްޔާރުކުރެއްވުމާއި، ސްކޫލް ތައްޔާރުކުރައްވާފައިވާ ތައްޔާރުކުރެއްވުމާ، މިހުރިހާ ކަމަކުން ދައްކައިދެނީ ނައިފަރުގެ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި މިމަދަރުސާއާ ދޭތެރޭގައި އުފެދިފައިވާ ލޯތްބާއި އުފެދިފައިވާ ޤަދަރާއި ޝަރަފު. އަދި ހަމައެހެންމެ މިސްކޫލް ހިންގަވާ ބޭފުޅުންނާއި، ސްކޫލްގެ ދަރިވަރުންނާއި، އެދަރިވަރުންގެ ބެލެނިވެރިންނާއި މައިންބަފައިންވެސް މިކަމަށް ދެއްވާ އަހަންމިއްޔަތު. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ގޮތުން ކުޑަކުޑަ ދެވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއްވާހަކައަކީ، ދާދި އަވަހަށް، ދެތިން މިނެޓްގެ ތެރޭގައި މިއަދުގެ މެންދުރު ނަމާދުގެ ވަގުތު ޖެހޭނެ ވާހަކަ. އެހެންވީމާ، ބަންގީގެ އަޑު އިވުމުން ބަންގީގެ ޙުރުމަތަށްޓަކައި އަޅުގަނޑު ތިން މިނެޓަށް މެދުކަނޑާލާނެ ވާހަކަ ދަންނަވަން. ދެވަނަ ވާހަކައަކީ، މިއަދު އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެދާނެ ވާހަކަ. އާދެ! ސްކޫލަކަށް 75 އަހަރު ފުރޭ މުނާސަބަތުގައި ކޮންމެ އަހަރަކަށް މިނެޓެއް ހޭދަކޮށްލިޔަސް އެވަނީ 75 މިނެޓް. އެއްގަޑި ފަނަރަ މިނެޓް. އެކަމަކު އަޅުގަނޑު ހިތުން އެއީ ތިޔަބޭފުޅުން އެދިވަޑައިގަންނަވާނެ ގޮތެއްނޫން. އެހެންވީމާ، ކަންބޮޑުވެ ވަޑައިނުގަންނަވާ. އިރާދަކުރެއްވިއްޔާ އެއަށްވުރެ އަޅުގަނޑުގެ ވާހަކަކޮޅު މާ ކުރުކުރެވޭތޯ ބަލާނަން.

މިއުފާވެރި މުނާސަބަތުގައި، އާދެ! މަދްރަސަތުލް އިފްތިތާޙަށް 75 އަހަރުފުރޭ އަލިމަސް ޔޫބީލުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، މަދަރުސާގެ އެސިސްޓެންޓް ޕްރިންސިޕަލް ޑރ. ސަތިޔާ ސުބްރަމާނިޔަމަށާއި، މަދަރުސާގެ ވެރިންނަށާއި، ސްޕަވައިޒަރުންނަށާއި، މުދައްރިސުންނަށާއި، މަދަރުސާގެ ލޮބުވެތި ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، އަދި ޕީ.ޓީ.އޭގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކުބާދީ އަދާކުރަން.

ހަމައެފަދައިން މިމަދަރުސާއަށް އެކިރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނަށާއި، ނައިފަރުގެ ލޮބުވެތި ރައްޔިތުންނަށާއި، ޢާންމުކޮށް މުޅި އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށްވެސް މިމުނާސަބަތުގެ ތަހުނިޔާއާއި މުބާރަކުބާދީ އަޅުގަނޑު ދަންނަވަން.

އާދެ! ދެންމެ މިމުނާސަބަތާ ގުޅޭގޮތުން މިމަދަރުސާގެ ފަރާތުން އަޅުގަނޑަށް ހަނދާނީ ހަދިޔާއެއް ދެއްވައިފި. އެކަމަށްޓަކައި މަދަރުސާގެ މުރުޝިދު އަލްފާޟިލް ޢަބްދުﷲ ޢަލީއަށާއި އަދި މަދަރުސާގެ ހިންގުންތެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަޅުގަނޑާބެހޭގޮތުން ވަރަށްވެސް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މި ފުރުޞަތުގައި މިމަދަރުސާ އުފެއްދެވި މުރައްބީންގެ ޒިކުރާ އަޅުގަނޑު އާ ކުރަން. އަދި ތިޔަބޭފުޅުންވެސް އެޒިކުރާ އާ ކުރައްވާނެކަން އަޅުގަނޑަށް ކަށަވަރު. އަދި އެބޭފުޅުން މިއަދު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވާތީ، އެބޭފުޅުންގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާ ކުރަން. އަދި އެބޭފުޅުން އެކޮށްދެއްވި އަގުބޮޑު ޚިދުމަތުގެ ހެޔޮ ޖަޒާ، އެބޭފުޅުންނަށް ދެއްވުން އެދިވެސް އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަން.

އާދެ! އޭގެތެރެއިން އެއްބޭފުޅަކީ، މަދަރުސާގެ ބާނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢަބްދުﷲ ފަހުމީ ދީދީ. އެމަނިކުފާނުގެ ފޮޓޯފުޅެއް އަޅުގަނޑުމެންނަށް މިތަނުން ފެންނަން އެބަހުރި. (މެންދުރު ނަމާދަށް 3 މިނެޓަށް މެދުކަނޑުއްވާލެއްވީ މިހިސާބުން)

ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢަބްދުﷲ ފަހުމީ ދީދީއަކީ ނުވަތަ ފަހުން ޢަބްދުﷲ ޖަލާލުއްދީން އުއްތަމަފަނޑިޔާރު މަނިކުފާނަކީ، ދިވެހިރާއްޖެ އުފެއްދި އެންމެ މަތިވެރި ޢިލްމުވެރިންގެ ތެރެއިން ބޭފުޅެއް. ވަރަށް މަތީ ދަރަޖައަކަށް ޢިލްމީ ތަޢްލީމް ހާސިލުކުރައްވާފައި ހުންނެވި ބޭފުޅެއް. އަދީބެއް، ޝާޢިރެއް. ރާއްޖޭގެ އަގުހުރި ދަރިއެއް. އަދި އަޅުގަނޑު ކުޑައިރު އަޅުގަނޑަށް ފިޤުހު ޢިލްމު އެންމެ ފުރަތަމަ ކިޔަވައިދެއްވި ލޮބުވެތި އުސްތާޛު. އެހެންކަމުން، އެމަނިކުފާނަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައިވާ ލޯތްބާ އެކީގައި، މާތްﷲ، އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

މިމަދަރުސާގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަނެއް ބޭފުޅަކީ، އަލްމަރްޙޫމް ޢަބްދުލްޙަކީމް ކާންނާކަލޭގެފާނު. މަދަރުސާ އުފެއްދެވުމުގައި ވަރަށް ބޮޑު ޙިއްސާއެއް ވެދެއްވި ނައިފަރުގެ އަދި މިއަތޮޅުގެ އަދި ދިވެހިރާއްޖޭގެ ވަރަށް އަގުހުރި ދަރިއެއް. އެހެންވީމާ، އެމަނިކުފާނަށްވެސް ހެޔޮދުޢާކޮށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި އިބްތިހާލުވަން.

އާދެ! މިފުރުޞަތުގައި، މިމަދަރުސާއާ ވަރަށް ގާތް ގުޅުމެއް ބަހައްޓަވާ، އަދި މިއަތޮޅުގެ އަތޮޅުވެރިކަމާއި، މިމަދަރުސާގެ ނާޒިރުކަން ކުރެއްވި ބޭފުޅެއްގެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މިއަދުގެ މިޖަލްސާގައި އެބޭފުޅަކު އަޅުގަނޑުމެންނާ އެކީގައި ވަޑައިގެން އެބަ އިންނެވި. އެބޭފުޅަކީ، އަލްއުސްތާޛު އަބްދުﷲ ޙަމީދު. އާދެ! މިމަދަރުސާގައި އޭނާ ކިޔަވައިދެއްވި. އަދި މިއަތޮޅުގެ އަތޮޅުވެރިކަން ތަންކޮޅެއް ކުރިން ކުރެއްވި. އަދި އޭގެފަހުންވެސް، އެމަނިކުފާނަކީ، މިމަދަރުސާއާ ވަރަށް ގާތް ގުޅުމެއް ބަހައްޓަވަމުން ގެންދަވާ ބޭފުޅެއް. ވީމާ، އެމަނިކުފާނު މިމަދަރުސާއަށްޓަކައި އެކޮށްދެއްވި އަގުބޮޑު ޚިދުމަތަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނަށް ޝުކުރު ދަންނަވަން.

މަދްރަސަތުލް އިފްތިތާޙް، މިހާ ގިނަ ދުވަހު މެދުނުކެނޑި ހިނގަމުން ދިޔުމުގެ ސިއްރަކީ ކޮބައިތޯ! ޝައްކެއްނެތް. އެއީ، ތަޢުލީމަށް ލޯބިކުރެއްވި ބޭފުޅުންކޮޅެއްގެ މިންނެތް މަސައްކަތްޕުޅު. އެބޭފުޅުންގެ ހިތްޕުޅުގައި ތަޢުލީމަށްޓަކައި އުފެދިފައިވާ ބޮޑު އަހަންމިއްޔަތު. ތަޢުލީމަށް ދެއްވާފައިވާ ޝައުޤުވެރިކަން. ހަމައެހެންމެ، ނައިފަރުގެ ލޮބުވެތި ރައްޔިތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން. މިވޭތުވެދިޔަ 75 އަހަރު ދުވަހުގެ ތެރޭގައި މަދްރަސަތުލް އިފްތިތާޙު ވަނީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދީފައި. އެޚިދުމަތްތަކުގެ ވާހަކަ ތަފްޞީލުކޮށް ދަންނަވާކަށް އަޅުގަނޑު ނެތިން. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް، އޭގެތެރެއިން ވަރަށްގިނަ ވާހަކަ ވިދާޅުވެދެއްވައިފި.

ކޮންމެއަކަސް މިމަދަރުސާއިންވަނީ ވަރަށް އަގުހުރި ދަރިންތަކެއް ދިވެހި ވުޖޫދަށް ނެރުއްވައި ދެއްވާފައި. އެތަޢުލީމީ ދަރިންގެ ޚިދުމަތް އެއިރުއްސުރެ ފެށިގެން ދިވެހި ޤައުމަށް މިދަނީ ލިބެމުން. އަދި މިހާރުވެސް މިދަނީ ލިބެމުން. މިމަދަރުސާއިން ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް މިކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން އެގެންދަވާ ޚިދުމަތްތަކަކަކީ، ދިވެހި ޤައުމު އެޚިދުމަތްތަކަށްޓަކައި ފަޚުރުވެރިވާ ޚިދުމަތްތަކެއް. އަދި އެޚިދުމަތްތަކުގެ އަގު، ދިވެހި ސަރުކާރުން ވަޒަންކުރާ ޚިދުމަތްތަކެއް.

މިއަދު މިމަދަރުސާއަކީ، ސަރުކާރުގެ މަދަރުސާއެއް. އާދެ! ފުރަތަމަ ފެށިގެން މިމަދަރުސާގެ އުމުރުން 50 އަހަރުވަންދެން، ހިނގަމުން އައީ އަމިއްލަ މަދަރުސާއެއްގެ ގޮތުގައި. އެހެންނަމަވެސް، މިމަދަރުސާއަށް 50 އަހަރު ފުރުމާ ގުޅިގެން، މިމަދަރުސާއަކީ ސަރުކާރުގެ މަދަރުސާއެއް ކަމުގައި ހަދައިދިނުމަށް މަދަރުސާގެ ވެރިން އެދިވަޑައިގެންނެވި އެދިވަޑައިގަތުމުގެ މަތިން ސަރުކާރުންވަނީ އެކަން ހަމަޖައްސައިދީފައި. އާދެ! މީގެ 25 އަހަރު ކުރިން. މިމަދަރުސާއަށް 50 އަހަރު ފުރުމުގެ ގޮތުން 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު، މިމަދަރުސާގައި ބޭއްވި ޖަލްސާގައި އެކަން ވަނީ އަޅުގަނޑު އިޢުލާނު ކޮށްފައި. ސަރުކާރުގެ މަދަރުސާއަކަށް މަދްރަސަތުލް އިފްތިތާޙު ބަދަލުކުރީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި މިމަދަރުސާ ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން. އެހެންކަމުން، މިމުނާސަބަތުގައިވެސް އެޚިދުމަތްތަކަށްޓަކައި ދިވެއްސެއްގެ ހައިސިއްޔަތުންނާއި، މިމަގާމުގައި ހުރި މީހެއްގެ ހައިސިއްޔަތުން މަދަރުސާއަށް ޝުކުރުވެރިވާ ވާހަކަ ދަންނަވާލަން.

އާދެ! މިމަދަރުސާއިން ހޯދަމުން ގެންދާ ކާމިޔާބީތަކުގެ ތެރޭގައި އެންމެފަހުން މިބޭއްވުނު ކޭމްބްރިޖް އިމްތިހާނުގައި މިމަދަރުސާގެ ދަރިވަރުން ހޯދި ކާމިޔާބީ ދެންމެ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އަދި އެކިއެކި ޤައުމީ މުބާރާތްތަކުގައި މަދަރުސާގެ ދަރިވަރުން ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލު ގެންދާކަންވެސް އަޅުގަނޑުމެން އެންމެންނަށް އެނގޭ. އާދެ! ކޭމްބްރިޖް އޯލެވެލް އިމްތިޙާނުގައި އެންމެ މޮޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނިގެން މިޖަލްސާގައި އިނާމު ލިބުނު 3 ދަރިވަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ކިޔާ މުބާރަކުބާދީ އަދާކުރަން. އަދި އެފަދަ ބޮޑު ކާމިޔާބީއެއް، އެފަދަ ރީތި ނަމެއް، ދިވެހި ޤައުމަށް ހޯދައިދިންކަމަށްޓަކައި އެކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުވެރިވަން. އެކުދިން މިމަތިވެރި ކާމިޔާބީ ހާސިލުކުރުމުގައި އެކުދިންނަށް އެހީތެރިވެވަޑައިގެންދެއްވި ހުރިހާ ބޭފުޅުންނަށް، އާދެ! އެކުދިންގެ ޓީޗަރުންނާއި މުދައްރިސުންނާއި އަދި މައިންބަފައިންނާއި ބެލެނިވެރިން، ޢާއިލާގެ މީހުން އަދި ރަޙްމަތްތެރިން އެ ވެދެއްވި އެހީތެރިކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރުދަންނަވަން.

އާދެ! ރާއްޖޭގެ ތަޢުލީމީ ސިޔާސަތު ކުރިއަށް ގެންދިޔުމުގައި ސަރުކާރުން ބަލާ އުސޫލަކީ، ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުން. އަދި ރާއްޖޭގައި ދެވޭ ތަޢުލީމުގެ ދާއިރާ ފުޅާކުރުން. ވީހާވެސް ގިނަ ބަޔަކަށް، ވީހާވެސް ރަނގަޅު، އެކަށީގެންވާ ފެންވަރެއްގެ ތަޢުލީމެއް ލިބުމުގެ ފުރުޞަތު ހޯދައިދެވޭތޯ ބެލުން. ހަމައެހެންމެ، އެކިއެކި ފަންނީ ހުނަރުތައް ކުރިއެރުވުން.

އާދެ! އަޅުގަނޑު މިހުރި މަގާމާ ހަވާލުވީއްސުރެ، މިކަމަށް މިއަންނަނީ ވަރަށް ބޮޑު އަހަންމިއްޔަތެއް ދެމުން. 1978 ވަނަ އަހަރު ސަރުކާރުގެ ސްކޫލުގެ ގޮތުގައި ހުރީ 4 ސްކޫލް. އެއީ، މާލޭގައި ކުރިންވެސް ހިނގަމުންދިޔަ އަދި މިހާރުވެސް ހިނގަމުންދާ 3 ސްކޫލަކާއި، ބ. އަތޮޅުގެ ތަޢުލީމީ މަރުކަޒު. މިހާރު ރާއްޖޭގައި ހުރި ސަރުކާރުގެ ސްކޫލްތަކުގެ ޢަދަދު 210އަށް އަރައިފި. ޝައްކެއްނެތް. 4 ން 210 އަކަށް ބަދަލުވެގެން ދިޔަދިޔުން އެއީ ވަރަށްބޮޑު ކުރިއެރުމެއް. އަދި 1979 ވަނައަހަރު ނިމުނުއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރައިމަރީ ސްކޫލެއް ހުރި. އޭގެފަހުން، ވޭތުވެދިޔަ އަހަރުތަކުގައި، ކޮންމެ އަހަރަކުވެސް އެތައް ސްކޫލެއް އިތުރުވަމުން އިތުރުވަމުން އައިސް މިހާރު މިހިރީ 210 ސްކޫލަށް ވެފައި. އަދި ދެންމެ ތަޢުލީމާބެހޭ ވަޒީރާގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން އޭރު ސާނަވީ ތަޢުލީމުދޭ ހުރީ 2 މަދަރުސާ. އެކަމަކު މިހާރު އޭނާ އެވިދާޅުވިގޮތުގައި 170 އެތައް މަދަރުސާއަކަށް ބަދަލުވެގެން ހިނގައްޖެ. ތަޢުލީމީ ފުރުޞަތުތައް ރާއްޖޭގެ ދަރިވަރުންނަށް އިތުރުވެގެންދިޔަ މިންވަރު، މިއިންވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭނެ.

އާދެ! ތަޢުލީމީ ދާއިރާގެ ވާހަކަ ދައްކާއިރު، އެދާއިރާއަށް ޚިދުމަތްކޮށްދެއްވާ ބޭފުޅުންގެ ވާހަކަވެސް ދައްކަންޖެހޭ. ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ޕްރިންސިޕަލުންނާއި، ހެޑްމާސްޓަރުންނާއި، ސްޕަވައިޒަރުންނާއި، މުދައްރިސުންނާ، މިހުރިހާ ފަރާތްތަކަކުން އެގެންދަވަނީ ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވަމުން. އެހެންވީމާ، މިހުރިހާ ފަރާތްތަކެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ރަނގަޅުގޮތްތައް ހަމަޖައްސައިދިނުމަކީވެސް ވަރަށް ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކެން.

މިގޮތުން މިހާރަށްވުރެ ބޮޑަށް އެމީހުންގެ ކޮލިފިކޭޝަނާއި ތަޖުރިބާއާއި ޚިދުމަތުގެ އަގު ވަޒަންކުރެވޭނެ އާ އޮނިގަނޑެއް ތަޢާރުފުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ކުރައްވަމުން ގެންދަވާ ވާހަކަ ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވާލަން. އިރާދަކުރެއްވިއްޔާ، މިއަހަރުގެތެރޭގައި އެ އާ އޮނިގަނޑަށް ޢަމަލުކުރަންފެށޭނެ.

މީގެއިތުރުން، ސަރުކާރުން ޤަބޫލުކުރާ ފެންވަރެއްގައި ތަޢުލީމު ދިނުމުގެ ޚިދުމަތް ދެއްވާ އަމިއްލަ މަދަރުސާތަކުގައި ޚިދުމަތް ކުރައްވާފައިވާ، ސަރުކާރުގެ ވަޒީފާއަށް ބަދަލުވެވަޑައިގެންފައިވާ ދިވެހި މުދައްރިސުން، އަމިއްލަ މަދަރުސާތަކުގައި ކިޔަވައިދެއްވުމަށް ޚިދުމަތް ކުރައްވާފައިވާ މުއްދަތާއި، އެމުދައްރިސުންގެ މުސާރައާއި، މުދައްރިސްކަމުގެ މަގާމުގެ ދަރަޖަ ހަމަޖެއްސުމުގައި ސަރުކާރުން އެކަން ބަލައިގަންނަ ގޮތަށް ހަމަޖައްސަން ގަސްދުކުރާ ވާހަކަވެސް ވަރަށް އުފަލާއެކު ދަންނަވާލަން. މިގޮތަށް މިކަން ބަދަލުކުރުމުން މިކަމުގެ ފައިދާ ލިބިވަޑައިގަންނަވާނެ މުދައްރިސުން، މަދްރަސަތުލް އިފްތިތާޙުގައިވެސް ތިއްބަވާނެކަމަށް އަޅުގަނޑު ދެކެން.

އާދެ! މިފަދަ ޚިދުމަތްތެރިންގެ އަގު ވަޒަންކުރަންޖެހެނީ ހަމައެކަނި ތަޢުލީމީ ދާއިރާއަކުންނޫން. އެހެންދާއިރާތަކުގައިވެސް ޚިދުމަތްކުރައްވާ ބޭފުޅުންގެ ޚިދުމަތުގެ އަގު، ސަރުކާރުން އިރާދަކުރެއްވިއްޔާ ވަޒަންކުރާނެ. އެގޮތުން ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ ޑަކްޓަރުންނާއި، އަދި އެނޫން ބޭފުޅުން އެކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގައިވެސް ކުރިން މިދެންނެވިފަދަ އުސޫލެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ގެންގުޅޭނެ ވާހަކަ ދަންނަވާލަން.

ހަމައެއާއެކީގައި، ރާއްޖޭގެ ތަޢުލީމަށް ވަރަށް ދިގު މުއްދަތެއް ވަންދެން އަމިއްލަ މަދަރުސާތަކުންވަނީ ޚިދުމަތްކޮށްދެއްވާފައި. އެ ޚިދުމަތަކީވެސް ސަރުކާރުން އުފަލާއެކު ބަލައިގަންނަ ޚިދުމަތެއް. މިސާލަކަށް: ޢާލިޔާ ސްކޫލް، އީ.ޕީ.އެސް.އެސް، އެމް.އީ.އެސް، މިކަހަލަ އަމިއްލަ ވަރަށް ގިނަ މަދަރުސާތަކުން ވަރަށްގިނަ ޒަމާންތަކެއް ވަންދެން ދިވެހިތަޢުލީމަށް ޚިދުމަތްތަކެއްވަނީ ކޮށްދެއްވާފައި. އެހެންވީމާ، އެސްކޫލްތައް ހިންގަވާ ފަރާތްތަކަށް އެކަމަށްޓަކައި އަޅުގަނޑު ވަރަށް އުފަލާއެކު ޝުކުރާއި މުބާރަކުބާދީ ދަންނަވަން. އޭގެއިތުރުން، ކޮލެޖް ފެންވަރުގެ އެކިއެކި ކޯސްތައް ހިންގަވާ މަޢުހަދުތަކާއި، އަދި އެނޫންވެސް ކޯސްތައް ހިންގަވާ ފަރާތްތައްވެސްވޭ. އެހެންވީމާ، އަމިއްލަ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ޚިދުމަތް ދެއްވާ މިދެންނެވިފަދަ ހުރިހާ ފަރާތްތަކަކަށް މިއަދުގެ މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ނައިފަރަކީ، އާބާދީ ވަރަށް ގިނަ ރަށެއް. އަތޮޅުވެރިން ވިދާޅުވާގޮތުގައި މިހާރު ގާތްގަނޑަކަށް 4600 މީހުން މިރަށުގެ އާބާދީގައި ހިމެނޭ. އަދި މިރަށަކީ، މަސްވެރިރަށެއް. އުފެއްދުންތެރި ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. ވަރަށްގިނަ ގޮތްގޮތުން މަތީ ކާމިޔާބީތައް ހޯއްދަވަމުން ގެންދަވާ ރަށެއް.

އާދެ! އެގޮތުން ސަރުކާރުންދޭ ޢާންމު ޚިދުމަތުގެ އިނާމު މިރަށުގެ 21 ބޭފުޅަކަށް ތަފާތު ރޮނގުރޮނގުން ލިބިވަޑައިގެންފައިވާކަން އެއީ، އަޅުގަނޑު މިދެންނެވި ބަހުގެ ހެއްކަކަށް ފުދޭނެ. ތިޔަބޭފުޅުންގެ ތެރެއިން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ދެބޭފުޅެއްގެ ނަންފުޅު މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

އެއްބޭފުޅަކީ، އަލްމަރްޙޫމް ޢަބްދުލްޙަކީމް ކާންނާކަލޭގެފާނު. އޭނާއަށް ދިވެހިބޭސްވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމުވަނީ ލިބިވަޑައިގެންފައި. އަދި މިނިވަން 25ގެ އިނާމުވެސް އޭނާއަށްވަނީ ލިބިވަޑައިގެންފައި.

އަނެއް ބޭފުޅަކީ، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުގައި މިހާރު ހުންނެވި ފަޟީލަތުލް އުސްތާޛުއްޝައިޚް މޫސާ ފަތުޙީ. އެމަނިކުފާނަށް ދިވެހި ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު، އަދި މިނިވަން 25ގެ އިނާމުވެސްވަނީ ލިބިވަޑައިގެންފައި. އެމަނިކުފާނަކީ، މިމަދަރުސާގެ އާދެ! އިފްތިތާޙުގެ ކުރީގެ ދަރިވަރެއް. އަދި މަދަރުސާއިން ނެރުއްވާ ބައެއް މަޖައްލާތަކަށް މިހާރުވެސް މިއަދާ ޖެހެންދެންވެސް އޭނާ މަޒްމޫނުފަދަ ތަކެތި ލިޔުއްވައި ހައްދަވާ. އޭނާއަކީ، ވަރަށް މަތީ ތަޢުލީމެއް ހާސިލުކުރައްވާފައި ހުންނެވި ބޭފުޅެއް. އެކިއެކި މަތީ މަގާމުތަކުގައި ހުންނަވައިގެން ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް، އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އަދި އަޅުގަނޑު ކުޑައިރު، މިސުރުގައި ކިޔަވަން ހުރިއިރު އަޅުގަނޑުމެން ކިޔަވާ ކުދިންގެ ވެރިއަކަށްވެސް ކުޑަދުވަސްކޮޅެއް ވަންދެން ހުންނެވި ބޭފުޅެއް. އެގޮތުން އަޅުގަނޑާއި އެމަނިކުފާނާ ދޭތެރޭގައި އުފެދިފައިވަނީ ވަރަށްބޮޑު ގާތް ގުޅުމެއް. އާދެ! އެމަނިކުފާނު މިމަދަރުސާގެ ދަރިވަރަކަށް ވެވަޑައިގަތުމުގެ އިތުރުން، މިމަދަރުސާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ތިޔަބޭފުޅުންގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ފަޟީލަތުލްއުސްތާޛުއްޝައިޚް މޫސާ ފަތުޙީއަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިވާހަކަ ދައްކާއިރު، އެމަނިކުފާނު ރާއްޖެއަކު ވަޑައިގެންނެތް. އާލާސްކަންފުޅާ ޞިއްޙީ ފަރުވާއެއް ހޯއްދެވުމަށްވަނީ ސިންގަޕޫރަށް ވަޑައިގެން. މިއަދުވެސް އަޅުގަނޑު އެމަނިކުފާނުގެ ހާލު ބަލައިލިން. އަދި އަޅުގަނޑުމެން ހިތްއެދޭ ރަނގަޅު ފެންވަރަކަށް އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ދާކަމަކަށް ނުފެނޭ. އެހެންކަމުން، ތިޔަބޭފުޅުންގެ ނަންފުޅުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި اللّـه سبحـانـه وتعـالى ޙަޟްރަތުގައި ދުޢާ ދަންނަވަނީ، ފަޟީލަތުލްއުސްތާޛުއްޝައިޚް މޫސާފަތުޙީއަށް އަވަސް މަގަކުން ޝިފާދެއްވައި، ފުރިހަމަ ޢާފިޔަތު ދެއްވުން އެދި.

އާދެ! މިއަދުގެ މިޖަލްސާގައި ޑީންސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް އަޅުގަނޑު ތަހުނިޔާ އަދާކުރަން. އަދި އެކުދިންނަށް މިފުރުޞަތު ދެއްވިކަމަށްޓަކައި، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ވަޙީދުއްދީނަކީ، ތިޔަބޭފުޅުންނަށް އާ ބޭފުޅެއްނޫން. މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނަވައިގެން ފާދިއްޕޮޅަށާއި ރާއްޖޭގެ އަތޮޅުތަކަށް ވަރަށް ގިނަ ޚިދުމަތްތަކެއް އޭނާވަނީ ކޮށްދެއްވާފައި. މިވަގުތު އެހެން މަގާމަކަށް ބަދަލުވެވަޑައިގެންފައި ހުންނެވި ނަމަވެސް އޭނާއަކީ، ރައްޔިތުންނަށް ވަރަށްގިނަ ރޮނގުރޮނގުން، ރަސްމީ ގޮތުންނާއި ނުރަސްމީގޮތުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އޭނާ މިއަދު މިޖަލްސާގައި ވަޑައިގެން ނެތްކަމީ މިޖަލްސާއަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް. އަޅުގަނޑު މިދަތުރަށް ފުރުމުގެ ކުރިން އިއްޔެނޫން އިހަށްދުވަހު ވަޙީދުއްދީނާ ފޯނުން ގުޅާލާފައި ދަންނަވާލިން، އިފްތިތާޙުގެ އަލިމަސްޔޫބީލުގެ ޖަލްސާއަށް ވަޑައިގެންދެއްވަންވާނެ ނޫންތޯއޭ! ވިދާޅުވި ތިމަންނާ މިހުންނެވީ ވަރަށް ބޮޑަށް ވަޑައިގަންނަވާ ހިތްޕުޅުންނޭ. އެހެންނަމަވެސް، ތިމަންނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން މިވަގުތު އެފަދަ ދަތުރެއް ކުރައްވަން ދަތިފުޅޭ. އެހެންވީމާ، ވަޑައިނުގެންނެވުނީ. އެމަނިކުފާނަށްވެސް ވަރަށް އަވަސް ޝިފާއަކަށް އެދި ﷲގެ ޙަޟްރަތުގައި އަޅުގަނޑު ދަންނަވަން.

އާދެ! ވަޙީދުއްދީނަކީ، ދިވެހިރާއްޖޭގެ އިޖްތިމާޢީ ދާއިރާގައި ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އެގޮތުން، ޑީންސް ސްކޮލަރޝިޕްގެ ނަމުގައި ސްކޮލަރޝިޕް ޕްރޮގްރާމެއް ކަނޑައަޅުއްވައި، އޭގެތެރެއިން ދިވެހި ދަރިންނަށް ތަޢުލީމީ ރަނގަޅު ފުރުޞަތުތަކެއް އެގެންދަވަނީ ދެއްވަމުން. އެކަމަށްޓަކައި އޭނާއަށް އަދިވެސް އެއްފަހަރު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އިފްތިތާޙުގެ 75 އަހަރުގެ ހަނދާނީ ބިނާ އިފްތިތާޙުކޮށްދިނުންވެސް މިއަދުގެ ޖަލްސާގައި އެބައޮތް. އެއީވެސް، އަޅުގަނޑަށް ލިބޭނެ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވާލަން.

ދެން ދަންނަވާލަން އޮތީ، މިމަދަރުސާގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާ ގުޅިގެން މިމަދަރުސާގެ އެދިވަޑައިގަތުމަކަށް އަޅުގަނޑު ލަވައެއް ހަދައިދިން ވާހަކަ. އާދެ! އެލަވަ ތިޔަބޭފުޅުންވާނީ އައްސަވާފައި. އެލަވައަކީ، މާރީތި ލަވައެކޭ ދަންނަވަނީކީ ނޫން. އެހެންނަމަވެސް، ތިޔަބޭފުޅުން އަޅުގަނޑު ގާތުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަކަށް އިޖާބަދިނުމުގެ ގޮތުން ކޮންމެވެސް އެއްޗެއް އަޅުގަނޑު ހަދާލާފައި ފޮނުވައިދިނީ. އެއީ ރަނގަޅު އެއްޗެއް ކަމަށް ތިޔަބޭފުޅުން ހީފުޅުކުރައްވަންޏާ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ހިތުން އަޅުގަނޑުގެ ވާހަކަ ފެށިފަހުން އަދި 75 މިނެޓެއްނުވޭ. އެހެންވީމާ، ދެން މިހާރު ވަރަށް އަވަހަށް ކުރިއަށް އޮތް ދެތިން މިނެޓުގެ ތެރޭގައި ނިންމާލަން އަޅުގަނޑު ޚިޔާލުކުރަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑު މިދެންނެވި ލަވައިގައި އަޅުގަނޑު ބުނެފައިވާ ފަދައިން، "އަދު އިފްތިތާޙުގެ އުފަލުގައި މުޅި އުންމަތޭ ބައިވެރިވަނީ، ތަދުބީރުގައިވާ ޙިކުމަތުން ހުރިހާ އުފާ ޙާޞިލުވަނީ" "ނައިފަރުގެ ޢިލްމީ އުދަރެހުން ބަބުޅާ ވިދާ ތިޔަ ތަރިޔަކީ ނައިފަރުގެ ހައިބަތު ޤައުމުގައި އުފުލައިލި ދިދަކަމުގައިވަނީ". މިހެން ދަންނަވާލަމުން، އިފްތިތާޙަށް އިތުރު ކުރިއެރުމާއި ތަރައްޤީ ދެއްވުން އެދި اللّـه سبحـانـه وتعـالى ގެ ޙަޟްރަތުގައި ދުޢާކުރަމުން. އަދި އަޅުގަނޑުމެން ދިވެހިރާއްޖެއަށް، ޚާއްޞަކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުމާއި، އިތުރު ކާމިޔާބީތައް މިންވަރު ކޮށްދެއްވުން އެދި، އަދި އަޅުގަނޑުމެންގެ ދިވެހި ދަރިންގެ ހިތްތަކުގައި ތަޢުލީމަށް އޮންނަ ލޯބި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، ތަޢުލީމީގޮތުން ދުނިޔޭގެ މަތީ ވަނައަކަށް ވާޞިލުވާ ޤައުމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން އެދި اللّـه سبحـانـه وتعـالى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه