بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އަޅުގަނޑު މާޅޮސްމަޑުލު ދެކުނުބުރީ ބައެއް ރަށްރަށަށް އިއްޔެނޫން އިހަށްދުވަހު، ކުރަން ފެށި ދަތުރުގައި، މިއަދު އަޅުގަނޑަށް އެންމެ ފުރަތަމަ މި ޒިޔާރަތް ކުރެވުނީ، ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް. އާދެ! މާޅޮހަށް. އަޅުގަނޑު މާޅޮހަށް ފޭބުމާއެކު، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް މުޙަންމަދު މާހިރާއި، އަދި މިރަށުގެ ވެރިންނާއި، ރައްޔިތުންނާއި، ކިޔަވާކުދިންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު، ވަރަށް އިޚްލާޞްތެރި މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

1979 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު، މިރަށުގައި ތިއްބެވި ރައްޔިތުންގެ ތެރެއިން ކިތައް ބޭފުޅުން މިއަދު މިތާނގައި އެބަތިއްބެވި ބާވައޭ އަޅުގަނޑު ހިތަށްއަރާ. އާދެ! މިދަންނަވަނީ ވަރަށް ކުރީގެ ތާރީޚެއް. ގާތްގަނޑަކަށް މީގެ 28 އަހަރުކުރީގެ ތާރީޚެއް. 1979 އޮކްޓޯބަރު 24. އެދުވަހަކީ އަޅުގަނޑު ރައީސްކަމާ ހަވާލުވެގެން ރާއްޖޭގައި މީހުން އުޅޭ ރަށްރަށަށް ޒިޔާރަތްކުރުމަށް ފެށި ޕްރޮގްރާމްގެ ތެރެއިން މާޅޮހަށް އައި ދުވަސް. އާދެ! އަޅުގަނޑުގެ ހިތާމައަކީ، އޭގެފަހުން މިރަށަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ލިބިފައިނުވާކަން. އެކަން އެހެން އޮތްނަމަވެސް، އަތޮޅުތައް ތަރައްޤީކުރުމަށާއި، ރަށްރަށަށް ބޭނުންވާ ޚިދުމަތްތައް ހޯދައިދިނުމަށް މެދުނުކެނޑި މިދިގު މުއްދަތުގެ ތެރޭގައި ސަރުކާރުން މިއައީ މަސައްކަތް ކުރަމުން.

ޙަޤީޤަތުގައި، އަޅުގަނޑު އަތޮޅުތަކަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ، ރައްޔިތުންގެ ހާލުއަހުވާލު ބަލާލުމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކަކީ ކޮބައިތޯ ދެނެގަތުމާއި، ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ ކޮބައިތޯ ބަލައިލުމާއި، އެކަންކަމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކޮށްދެވެން އޮންނާނެ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުވުން.

ކޮންމެ ކަމެއްވެސް ކާމިޔާބުކަމާއެކީ ގެންދެވޭނީ، އެކަމަކީ ރައްޔިތުންނާއި ވެރިންނާއި ސަރުކާރާ ގުޅިގެން ކުރާ މަސައްކަތެއްކަމުގައި ވަންޏާ. އެހެންވީމާ، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް އަޅުގަނޑު މީގެ 28 އަހަރު ކުރިއްސުރެ ފެށިގެން ޒިޔާރަތް ކުރަމުން ދިޔުމުގެ ބޭނުން، އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު މިދަނީ ފުދެމުން. އެދަތުރުތަކުގެ ނަތީޖާއެއްގެ ގޮތުންނާއި، އަދި އަޅުގަނޑު ފިޔަވައި ސަރުކާރުގެ އެކިއެކި ވުޒާރާތައް ހިންގަވަން ތިއްބެވި ވަޒީރުންނާއި، އެކި ފެންވަރުގެ ވެރިން، އަތޮޅުތަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު ހޯއްދަވައި، ރަށްރަށަށް ބޭނުންވެފައިވާ ކަންތައްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައި އޭގެމައްޗަށް ބިނާކުރައްވައި، ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އެބަގެންދޭ. އެހެންވީމާ، މިކަމުގެ ނަތީޖާ އަޅުގަނޑުމެންނަށް މިއަދު ފެންނަމުންދާކަމީ ޝައްކެއްއޮތްކަމެއްނޫން.

އާދެ! މާޅޮހަކީ، ވަރަށް ޚާއްޞަ ރަށެއް. މިއަތޮޅަށް ނަންދެވިފައި މިވަނީވެސް މިރަށުގެ ނަމުން. މާޅޮސްމަޑުލު. އޭގެ އުތުރުބުރިއާއި ދެކުނުބުރި. މާޅޮސްމަޑުލު ދެކުނުބުރިއަކީ، ޔަޤީނުންވެސް މާޅޮހަށް ނަން ނިސްބަތްވެގެންވާ އަތޮޅެއް. އެހެންކަމުން އެނގެނީ، މާޅޮހަކީ ތާރީޚުގައި ވަރަށް ޚާއްޞަގޮތެއްގައި ފާހަގަ ކުރެވިފައިވާ ރަށެއްކަން. މިރަށުގައި އާސާރީ ކޮންމެވެސް ތަނެއް ހުރިކަމުގެ މަޢުލޫމާތު ލިބިފައިވޭ. ގާތަކެއް، ވަރަށް މުސްކުޅި އިހުޒަމާނުގެ ގާތަކެއް، ކޮންމެވެސް ޢިމާރާތެއްގެ ތަރަހައެއް ހުރިކަމާއި، އެތާކައިރީގައި ގާތަކެއް ހުރިކަމަށް އޮތީ އަޅުގަނޑު އަހާފައި. އެކަންކަމަކީ، ތާރީޚީގޮތުން ބަލަންޖެހޭނެ ކަންތައްތަކެއް. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި ރާއްޖޭގެ ކަމާބެހޭ ދާއިރާއިން އެކަމާބެހޭގޮތުން އިތުރަށް ވިސްނާވަޑައިގެން އެތަންތާނގެ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރައްވާނެ.

މިހެން މިދެންނެވީ ތާރީޚަކީ ވަރަށް މުހިންމު އެއްޗަކަށްވާތީ. ދާދި މިދާކަށްދުވަހު މާލޭގައި ފެށިގެން ހިނގަމުން އެދިޔައީ، އަދި މިހާރު މިނިމުނީ، ރާއްޖޭގެ ތާރީޚާއި އާސާރީ ތަންތަން ރައްކާތެރިކުރުމާބެހޭ ޤައުމީ ސެމިނާރު. އެތާނގައި ވާހަކަ ދެކެވުނީވެސް މިފަދަ ތަންތަން ބަލައި، ދިރާސާކޮށް، ރައްކާތެރިކޮށް، އެއިން އަޅުގަނޑުމެންނަށް ލިބެންހުރި މަޢުލޫމާތުތަކެއް އެއްކުރުމުގެ މައްޗަށް. އެހެންވީމާ، މިރަށުގައި އެގޮތަށްހުރި ތަންތަނުގެ މަޢުލޫމާތުވެސް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ހޯއްދަވައި އެކަންތައް ކުރައްވާނެ.

އާދެ! ދެންމެ މިރަށުގެ ބޮޑުކަތީބު އަބޫބަކުރު ކަލޭފާނުގެ ވާހަކަފުޅުގައި އަޅުގަނޑަށް އިޝާރާތް ކުރައްވާ ވަރަށް ހިތްހެޔޮ ބަސްފުޅުތަކެއް ވިދާޅުވެއްޖެ. އެކަމަށްޓަކައި އަބޫބަކުރުކަލޭފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މިވޭތުވެދިޔަ ދިގުމުއްދަތުގެ ތެރޭގައި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތަކުގެ ވާހަކަވެސް އޭނާ ވިދާޅުވެއްޖެ. އެކަމަށްޓަކައިވެސް އޭނާއަށް އަޅުގަނޑު މިފުރުޞަތުގައި ޝުކުރު ދަންނަވަން.

އާދެ! އޭނާގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، މިރަށަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ ރަށެކޭ. ރަށުގެ ތަރައްޤީގައި މިރަށުގެ ރައްޔިތުން ވަރަށް ހީވާގިކަމާއި މުރާލިކަމާއެކު ގެންދަވަނީ މަސައްކަތްކުރައްވަމުންނޭ. އޭގެ މިސާލުތަކެއްވެސް ދެއްކެވި. އެވާހަކަ ވިދާޅުވެފައި ދެން ވިދާޅުވި ވާހަކަފުޅަކީ، އަޅުގަނޑުވެސް ކުޑަކޮށް ވިސްނާލަންޖެހުނު ވާހަކަފުޅެއް. އެކަމާދޭތެރޭގައި އެއްޗެއް ދަންނަވާލަންވެސް ބޭނުން. އޭނާ ވިދާޅުވިގޮތުގައި މިރަށުގައި ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް އެބައުޅޭ. ކުރިންއޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙަށް އުނިކަން އަންނަ ފަދަ ގޮތަކަށް ބައެއްކަންތައްތައް މިރަށުގައި ވަމުންއެބަދާކަމަށް އޭނާ އެވިދާޅުވީ.

މިގޮތަށް ކަންތައްވުމަކީ، ވަރަށް ދެރަ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ، ސައްތައިންސައްތަ މުސްލިމު ޤައުމެއް. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. އިސްލާމްދީނުގައި އަންގަވާފައިވަނީ އެންމެހާ މުއުމިނުންނަކީ، އަޚުންތަކެއް ކަމުގައި. އަދި މުސްލިމުންގެ ތެރޭގައި އޮންނަންޖެހޭނީ އެކުވެރިކަމުގެ ގުޅުން ކަމުގައި. އެއްބަނޑުއެއްބަފާކަމުގެ ގުޅުން ކަމުގައި. އެކަކު އަނެކަކަށް ކަމޭހިތަންޖެހޭނެ ކަމުގައި. އެކަކު އަނެކަކަށް އިޙްތިރާމްކުރަންޖެހޭނެ ކަމުގައި. ކޮންމެމީހަކުވެސް އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ ކަމުގައި. އަދި އެންމެންގެ މެދުގައި އޮންނަން ޖެހޭނީ އެކުވެރިކަމާއި އެއްބާރުލުމާއި ލޯބީގެ ގުޅުމެއް ކަމުގައި. މިހެން މިކަން އޮތުމާއެކީގައި މިކަމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއްދޭން އެބަޖެހޭ. އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާޞިލުވެވޭނީވެސް، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮވެގެން. އެއްވެސް ސަބަބަކާހުރެ ރައްޔިތުންގެ މެދުގައި ބައިބައިވުމެއް ނުވަތަ ހަމަނުޖެހުމެއް އުފެދުމަކީ، ރައްޔިތުން ބޭނުންވާ މަޤްޞަދުތައް ޙާޞިލުކުރަން އެޅޭ ވަރަށްބޮޑު ހުރަހަކަށްނޫނީ ނުވެނުދާނެ. މިކަމާދޭތެރޭގައި މާޅޮހުގެ ރައްޔިތުން ވަރަށް ފުންކޮށް ވިސްނާވަޑައިގަތުން އަޅުގަނޑު އެދެން.

އާދެ! މިހާރު ރާއްޖޭގެ ބައެއް އަތޮޅުތަކުގައި، ބައެއްރަށްރަށުގައި އެކަހަލަ ކަންތައްތައް އެބަ ހިނގާ. އެހެންނަމަވެސް، އެއީ ހިނގައިގެންވާނެ ކަމެއްނޫން. ބަޔަކު މީހުން އެބައިމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދުމަށްޓަކައި ނަމަވެސް، ރައްޔިތުން ބައިބައިކުރަން އެބަ މަސައްކަތް ކުރޭ. ސަރުކާރާ ދޭތެރޭގައި ރައްޔިތުންގެ ހިތްތައް ނުބައިކުރަން މަސައްކަތްކުރޭ. ދޮގު މަޢުލޫމާތު ފަތުރާ، އެކަންތައްތައް އޮޅުވާލެވޭތޯ ވަރަށް ބާރަށް މަސައްކަތް ކުރަމުން އެބަގެންދޭ.

މިއީ ޙަޤީޤަތުގައި ކޮށްގެންވާނެކަމެއްނޫން. މިއީ، ކޮންމެހެން ސިޔާސީ ޕާޓީތަކެއް އުފެދުނީމާ ވާގޮތެއްނޫން. ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދާ ވަރަށްގިނަ ޤައުމުތަކުގައި ޕާޓީތަކުގެ މެދުގައި އޮންނަނީ ރަނގަޅު ގުޅުމެއް. ކަންކަމުގައި ޚިޔާލުތަފާތުވިޔަސް އަދި އެކިއެކި ކަންކަމުގައި އެކި ޕާޓީތަކުން ގެންގުޅޭ ސިޔާސަތު ނުވަތަ އެޕާޓީތަކުން ޤަބޫލުކުރާ މައިގަނޑު އުޞޫލުތައް ތަފާތުވި ކަމަށްވިޔަސް، އަޅުގަނޑުމެންނަށް މިފެންނަ ކަހަލަ އަރާރުންތަކެއް އެޕާޓީތަކުގެ މެދުގައި ނުހިނގާ.

ޚިޔާލަކީ ތަފާތު އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައިވެސް ޚިޔާލު ތަފާތުވުމަކީ، އެކަށީގެންވާ ކަމެއް. އެއީކީ އަދި ގޯސްކަމެއްނޫން. ގޯސްވާކަމަކީ، އެ ޚިޔާލުތަފާތުވާ ތަފާތުވުން، ބައިބައިވުމަކަށް ވެގެންދިޔުން. ފިތުނައަކަށް ވެގެންދިޔުން. އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުންކުރުމާއި، ގޯނާކުރުމާއި، ދަތިކުރުމާއި، ބަހާއި ޢަމަލުން މަސައްކަތްތަކެއް ކުރަމުން ގެންދިޔުން. މިއީ، އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއްނޫން. އެހެންވީމާ، މާޅޮހުގެ ރައްޔިތުން މިކަމަށް ވަރަށްބޮޑަށް ވިސްނާވަޑައިގެން ރައްޔިތުންގެ މެދުގައި ކުރިއްސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން.

އާދެ! ސަރުކާރުން ފަށައިގެން ކުރިއަށް މިގެންދާ އިސްލާޙީ ޕްރޮގްރާމުގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިފައި އެބަހުރި. އެކަންތައްތަކުގެ ބޭނުމަކީ، ދިވެހިރާއްޖެއަކީ ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުވެފައިވާ ޤައުމަކަށް ހެދުން. ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ ޤައުމުތަކުގައި އެ އޮންނަ ފަދައިން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ސިޔާސީ މިނިވަންކަން ލިބިފައިވާ އަދި ރައްޔިތުން މިނިވަންކަމާއެކު ޙަރަކާތްތެރިވުމަށް ފުރުޞަތު ލިބިފައިވާ ޤައުމަކަށް ހެދުން. އެއީ ސިޔާސީ ޕާޓީތައް އުފެދުމުގެ ބޭނުމަކީވެސް.

މީގެއިތުރުން، ވަރަށްގިނަ އެހެންކަންތައްތައްވެސް އިޞްލާޙީ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ކުރަމުން އެބަގެންދޭ. މިސާލަކަށް ޝަރީޢަތުގެ ނިޒާމް ހަރުދަނާކުރުން. އިންސާނީ ޙައްޤުތަކާބެހޭ މުއައްސަސާއެއް ޤާއިމްކުރުން. ޚަބަރު ފަތުރާ ވަސީލަތްތަކަށް މިނިވަންކަން ދިނުން. އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި މަންފާކުރަނިވި ގޮތެއްގެ މަތިން އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމާ މިބާވަތުގެ ވަރަށްގިނަ ކަންތައްތައް ހިނގަމުންދޭ. އޭގެ ބޭނުމަކީ، ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ ރާއްޖެއަކީވެސް މިހާރު ދުނިޔޭގައި ކުރިއަރަމުންދާ ޤައުމަކަށް ހެދުން. ދުނިޔޭގެ އެހެން ތަންތާނގައިވެސް އެ އޮންނަ ކަހަލަ ސިޔާސީ ނިޒާމެއް ރާއްޖެއަށް ތަޢާރުފުކޮށްގެން އޭގެ ފައިދާއާއި މަންފާ ރައްޔިތުންނަށް ހޯދައިދިނުން.

އާދެ! ތަރައްޤީގެ ގޮތުގައި އަތޮޅުތަކުގައި ސަރުކާރުން ވަރަށްގިނަ މަސައްކަތްތައް ކުރަމުން އެބަގެންދޭ. މިރަށުގައިވެސް ވަރަށް ގިނަ ކަންތައް މިހާރު ވަނީ ހިނގާފައި. އޭގެތެރޭގައި އަޅުގަނޑުމެން މިޖަލްސާ ކުރަމުންދާ މަދަރުސާވެސް ހިމެނޭ. މިރަށުގައި ހެދިފައިވާ ރަށުކޯޓާއި، ރަށުއޮފީހާއި، ރަށްވެހިގެއާއި، މިސްކިތާއި، މިހުރިހާ ތަނެއްވެސް އޭގެ ހެއްކަކަށް ފުދޭ. އަދި ބަނދަރުވެސް ހެދިފައިވާތީ އެކަންވެސް އޭގެ ހެއްކަކަށް ފުދޭ.

މިކަހަލަ ވަރަށްގިނަ ކަންތައްތައް އަތޮޅުތަކަށް އަދި ރަށްރަށަށް ސަރުކާރުން ކޮށްދެމުން އެބަގެންދޭ. އެއީ، ރައްޔިތުންނަށް އޭގެ ލުއިފަސޭހަ ހޯދައިދިނުމަށްޓަކައި. މިކަން މިހެން ކުރިނަމަވެސް، އެއްފަހަރާ ހުރިހާ ކަމެއް ނުކުރެވޭނެތީ ބައެއް ރަށްރަށުގައި އިތުރަށް ކުރަންޖެހިފައިވާ ކިތަންމެ ކަމެއް އެބަހުރި. އެއީ ހަމައެކަނި މާޅޮހަކުނޫން. މާޅޮހަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދެންމެ ބޮޑުކަތީބުގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. އަޅުގަނޑު ޤަބޫލުކުރަން އެއީ މާޅޮހުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއްކަން. އެހެންނަމަވެސް، މާޅޮހުގެ ރައްޔިތުންވެސް ވިސްނާވަޑައިގަންނަވަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށްކުޑަކުޑަ ޤައުމެއްކަން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ވަސީލަތްތައްވެސް މަދުކަން. ސަރުކާރުގެ ބަޖެޓަކީވެސް ވަކި މިންވަރެއްގެ ބަޖެޓެއްކަން.

ރާއްޖޭގައި 190 އެތައް ރަށެއްގައި މީހުން ދިރިއުޅެމުންދާތީ އެހުރިހާ ރަށަކަށްވެސް އަސާސީ ޚިދުމަތްތައް ބޭނުންވޭ. ކޮންމެ ރަށެއްގައިވެސް ބަނދަރު އޮންނަންޖެހޭނީ ހެދިފައި. ކޮންމެ ރަށެއްގައި ކަރަންޓުގެ ޚިދުމަތް ފުދޭވަރަކަށް ރައްޔިތުންނަށް ލުއިފަސޭހަގޮތެއްގައި ލިބިދެވެންޖެހޭ. ތަޢުލީމާއި ޞިއްޙަތުގެ ކަންތައްވެސް ފުރިހަމަވެފައި ހުންނަންޖެހޭ. ވަޒީފާގެ ފުރުޞަތުވެސް އޮންނަންޖެހޭ. ނަރުދަމާގެ ނިޒާމާއި ފެނުގެ ނިޒާމުވެސް ޤާއިމު ކުރެވިފައި ހުންނަންޖެހޭ.

މިހުރިހާ ކަމެއް އަދި މިއަށްވުރެވެސް އިތުރުކަންތައްތައް ހަމަ ހުރިހާ ރަށަކަށްވެސް ބޭނުންވޭ. އެހެންނަމަވެސް، އެހުރިހާ ރަށަކަށް އެއްފަހަރާ ކަންތައްތައް ކޮށްދިނުމަކީ ކުރެވޭވަރުގެ ކަމެއްނޫން. އަދި އަމުދުން އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ ފަހުން މިދިމާވި ކަހަލަ ސުނާމީ ކާރިސާފަދަ ބޮޑުކަމެއް ދިމާވެގެން ވަރަށްގިނަ ރަށްރަށުގެ މިދެންނެވިފަދަ ޚިދުމަތްދޭ ތަންތަނަށް ގެއްލުން ލިބިފައި އޮތުމާއެކީގައި، އެތަންތަން މަރާމާތުކޮށް ކުރިން ހުރި ފެންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅު ފެންވަރަކަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް އެހާ ބޮޑު. އަނެއްކާ އެކަމަށް ހިނގާ ޚަރަދުވެސް އެހާ ބޮޑު.

މިހުރިހާ ކަމެއް މިހެންހުރީމާ، ރައްޔިތުން އެދޭހާ ހަލުވިކޮށް ބައެއްކަންތައްތައް ނުދިޔުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، ރައްޔިތުން އެކަންކަން ވާގޮތް ގަބޫލުކުރައްވަންވާނެ. އަދި ސަރުކާރުން އިޚްލާޞްތެރިކަމާއެކު، މަސައްކަތްކުރަމުން މިގެންދަނީ އެކަންތައްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހޯދާދޭންކަން ރައްޔިތުން ގަބޫލުކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް.

އާދެ! މިރަށުގެ ބަނދަރުގެ ވާހަކަ ބޮޑުކަތީބު ވިދާޅުވި. ބަނދަރު އަލުން މަރާމާތުކުރުމަށް މިހާރުވަނީ ރޭވިފައި. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި، އެ މަސައްކަތް ފެށޭނެ.

އާދެ! މިއަދު އަޅުގަނޑުގެ ޕްރޮގްރާމް ހަމަޖެހިފައިވާގޮތުން އެހެން ބައެއް ރަށްރަށަށްވެސް ދާން އޮތުމާއެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. އަޅުގަނޑުގެ އިލްތިމާސަކީ، މާޅޮހުގެ ރައްޔިތުން އަޅުގަނޑު ދެންމެ މިދެންނެވި ވާހަކަތަކަށް ވިސްނާވަޑައިގަތުން. ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރެއްވުމަށް މަސައްކަތް ކުރެއްވުން. އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި އިޚްލާޞްތެރިކަމާއެކު ބައިވެރިވެވަޑައިގެން ދެއްވުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަށް ތަރައްޤީއާއި ކުރިއެރުން ޙާޞިލުކުރުމަށް، ސަރުކާރާއި ރައްޔިތުން ގުޅިގެން މިކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން. މާޅޮހު ރައްޔިތުންނަށާއި މިއަތޮޅުގެ ރައްޔިތުންނަށާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަބަދުވެސް އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، އުފާ ފާގަތިކަމާއި، ބާއްޖަވެރިކަން މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه