بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! މިއަދަކީ، ވަރަށް ތާރީޚީ މުނާސަބަތެއް އަޅުގަނޑުމެން ފާހަގަކުރާ ދުވަހެއް. ދުނިޔޭގެ ސްކައުޓް ހަރަކާތަށް 100 އަހަރު ފުރުން ފާހަގަކުރާ ދުވަސް. މިކަން މިކުރަނީ ހަމައެކަނި ދިވެހިރާއްޖެއަކު ނޫން. ސްކައުޓް ހަރަކާތުގެ ކަންތައްތައް ހިނގާ ކޮންމެ ޤައުމެއްގައި، ސަތޭކަ އެތައް ޤައުމެއްގައި، މިއަދު ކޮންމެ ޤައުމަކުން، ކޮންމެ ޤައުމެއްގައިވެސް އެތާނގެ ގަޑިން ހެނދުނު 8 ޖަހާއިރު މިމުނާސަބަތު ފާހަގަކުރަނީ ސްކައުޓުގެ ވަޢުދު އާ ކުރުމުން.

އާދެ! މިފަދަ ތާރީޚީ މުނާސަބަތެއްގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިކަމުގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ވެރިންނަށާއި، މިކަމުގައި ބައިވެރިވެވަޑައިގެންދެއްވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި ތާރީޚީ މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖޭގެ ސްކައުޓް ކައުންސިލްގެ ރައީސް ޑޮކްޓަރ މަޙްމޫދު ޝައުޤީއަށާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރަށާއި، ދުނިޔޭގެ ސްކައުޓް ޖަމުޢިއްޔާގެ އޭޝިޔާ ޕެސިފިކް ރީޖަނަލް އޮފީހުގެ ރީޖަނަލް ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ރަޝީދަށާއި، ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކަމިޝަނަރ އަލްފާޟިލް އަޙްމަދު ޢަލީމަނިކަށާއި، ސްކައުޓް ކައުންސިލްގެ އެންމެހާ މެންބަރުންނަށާއި، ހުރިހާ ދިވެހި ސްކައުޓުންނަށާއި، ލީޑަރުންނަށާއި، ސްކޫލްތަކުގެ ވެރިންނަށާއި، މުދައްރިސުންނަށާއި، ސްކައުޓް ހަރަކާތުގައި ކުރިން އުޅުއްވި ބޭފުޅުންނަށާއި، ދިވެހި ސްކައުޓުންގެ މައިންބަފައިންނަށާއި، ބެލެނިވެރިންނަށް އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަން.

އާދެ! މިއުފާވެރި މުނާސަބަތުގައި، ދިވެހި ސްކައުޓުން މިއަދު އަޅުގަނޑަށް ތިޔަ ހަދިޔާކުރެއްވި ހަނދާނީ ފިލައަށްޓަކައި ހުރިހާ ސްކައުޓުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިތާނގައި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ޢިއްޒަތްތެރި ބޭފުޅުން އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހިތްޕުޅު ހެޔޮ އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި އެބޭފުޅުންނަށް ޝުކުރު ދަންނަވަން. އާދެ! އެއްބޭފުޅަކީ، ޑޮކްޓަރ މަޙްމޫދު ޝައުޤީ. އަނެއް ބޭފުޅަކީ، އަލްފާޟިލާ ޒާހިޔާ ޒަރީރު. މިދެބޭފުޅުންވެސް ސްކައުޓް ހަރަކާތާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި، ޗީފް ސްކައުޓެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރެވޭ މަސައްކަތާއި ނުވަތަ އަޅުގަނޑު މިކަން ބަލަމުންދާ ބެލުމާބެހޭގޮތުން ވަރަށް އިޚްލާޞްތެރި ބަސްފުޅުތަކެއް އަޅުގަނޑަށް ހަދިޔާ ކުރައްވައިފި. އޭގެތެރެއިން ބައެއް ކަންކަމަކީ، އަޅުގަނޑަށް ޙައްޤުވާ ކަންކަން ނޫން ކަމަށްވެސް ވެދާނެ. އެހެންނަމަވެސް، އެބޭފުޅުން އެވިދާޅުވި ވަރަށް އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި، އެ ދެބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ދުނިޔޭގެ ސްކައުޓް ހަރަކާތަށް 100 އަހަރު ފުރޭއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި މި ހަރަކާތް ހިނގަމުންދާތާ މިވީ ބައިޤަރުނު. އާދެ! 50 އަހަރު. މި 50 އަހަރުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ދިގު މުއްދަތެއްގައި ޗީފް ސްކައުޓުގެ މަގާމުގައި ހުރުމުގެ އުފަލާއި ޝަރަފު އަޅުގަނޑަށް ލިބިފައިވާތީ އެކަމަށްޓަކައި اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން.

އާދެ! 50 އަހަރަކީ، ރާއްޖަފަދަ ޤައުމެއްގައި ކުރު މުއްދަތެއްނޫން. ދިގު މުއްދަތެއް. މި ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށިގެން، ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވޭ. އާދެ! ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން އެންމެ ފުރަތަމަ މި ހަރަކާތަކީ، ހަމައެކަނި މާލެއަށް ޚާއްޞަ ކުރެވިފައި އޮތް ހަރަކާތަކަށް ވެގެންދިޔަ. އަދި ޚާއްޞަކޮށް މަޖީދިއްޔާ ސްކޫލްގައި އެކަނި މިކަން ކުރިއަށް ދިޔަކަމަށް އެވަނީ. އޭގެފަހުން، އެހެން ސްކޫލްތަކުގަޔާއި، މާލޭގަޔާއި، އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް މިހާރު މި ހަރަކާތް ހިނގަމުން އެބަދޭ. އެހެންވީމާ، މީގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަން އެއީ، އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް.

ރާއްޖޭގައި، މި ހިނގާ ސްކައުޓް ހަރަކާތް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރެއްވި ހުރިހާ ބޭފުޅުންނަށް، އެބޭފުޅުން އެކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރަމުން އެބޭފުޅުންނަށް އަޅުގަނޑު ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، މިހާރު ދުނިޔެ ދޫކުރައްވައި ވަޑައިގެންފައިވާ ބޭފުޅުންވެސްވާތީ، އެ ބޭފުޅުންގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ! ދުނިޔޭގެ ސްކައުޓް ހަރަކާތަށް 100 އަހަރުފުރުން ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ހުރިހާ ސްކައުޓުން، ސްކައުޓް ވަޢުދު އާ ކުރުން. ރާއްޖޭގެ ސްކައުޓުން އަދި ޚާއްޞަކޮށް މާލޭގައި މިވަގުތު ތިބި ސްކައުޓުން އެކަން ކުރިތަން އަޅުގަނޑުމެންނަށް ދެންމެ ފެނިގެން ހިނގައްޖެ.

އަޅުގަނޑު އެދޭ އެދުމަކީ، ދެންމެ ތިޔަ ހުރިހާ ސްކައުޓުން ތިޔަކުރި ވަޢުދަށް ހުރިހާ ސްކައުޓުންވެސް އިޚްލާޞްތެރިވުން. އެ ވަޢުދަށް ޙުރުމަތްތެރިކޮށް ހިތުން. އެ ވަޢުދުގައި އެ ބުނާ ކަންތައްތައް ކުރަމުން ގެންދިޔުން. ސްކައުޓް ކުދިންގެ ވާޖިބު ހުރިހާ ކުދިންވެސް ރަނގަޅަށް ދަނެ، ކޮންމެ ކުއްޖަކުވެސް އެވާޖިބު އަދާކުރެވޭތޯ ހިންމަތާއެކު މަސައްކަތްކުރުން.

އާދެ! މިފަދަ ހަރަކާތްތައް ދުނިޔޭގެ އެތަން މިތާނގައި ހިނގަމުންދާއިރު، އެ ހަރަކާތްތައް އަޅުގަނޑުމެންގެ ރާއްޖެއާ ހަމައަށްވެސް އާދޭ. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި އެކަންތައްތައް ކުރިއަށް އެބަގެންދަމު. މިގޮތުން ބޭރުން އަންނަ އެކިއެކި ކަންތައްތަކާބެހޭގޮތުން އަޅުގަނޑުމެންގެ ތެރޭގައި ބައެއް ފަހަރަށް ތަފާތު ޚިޔާލު އުފެދޭ. އެކަމެއް ފެށިގެން އައީ މުސްލިމު ޤައުމަކުން ނޫން ކަމަށްވާނަމަ އެކަމަކީ، އަޅުގަނޑުމެން މަރުޙަބާ ކިޔަންޖެހޭ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދެކެފާނެ.

އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަން ޖެހެނީ އެއީ އެކަން އޮންނަންވީ ގޮތެއްނޫނޭ. އަޅުގަނޑުމެން ބަލަންވީ ކަމުގެ ޙަޤީޤަތަށް. އެކަމަކީ، އަޅުގަނޑުމެންނަށް ފައިދާހުރި، ރަނގަޅު ކަމެއްކަމަށް ވަންޏާ، އެކަމެއް އައީ ކޮންމެ ފަރާތަކުން ކަމަށްވިޔަސް އެކަމަކަށް އަޅުގަނޑުމެން މަރުޙަބާ ކިޔަންޖެހޭނެ. އެކަމަކީ، ނުރަނގަޅު ކަމަކަށްވާނަމަ އެކަމެއް އެ އައީ ކޮންމެފަރާތަކުން ކަމަށްވިޔަސް، އެކަމަށް އަޅުގަނޑުމެން ފުރުޞަތެއް ދީގެނެއް ނުވާނެ.

އާދެ! ސްކައުޓް ހަރަކާތުގެ މަޤްޞަދުތަކަށާއި، ސްކައުޓުންނަށް ދަސްކޮށްދޭ ހުނަރުތަކަށާއި، ސްކައުޓުންގެ ވާޖިބުތަކަށް ވިސްނާލާއިރު، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި ވަރަށް ތަފްޞީލުކޮށް އެ ވާހަކަ ވިދާޅުވެދެއްވައިފި. އެއިން އެނގޭގޮތުގައި ސްކައުޓް ހަރަކާތުގައި ހިމެނޭ ކަންތައްތަކަކީ ޙަޤީޤަތުގައި މާތްވެގެންވާ އިސްލާމްދީންވެސް ގޮވާލާކަންތައް.

އާދެ! ސްކައުޓް ހަރަކާތް ބިނާވެފައި މިއޮތީ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްޗަށް. މުޅި މުޖުތަމަޢަށް ޚިދުމަތް ކުރުމުގެ މައްޗަށް. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މައްޗަށް. މިއީ އަޅުގަނޑުމެންގެ މާތް ދީން އަޅުގަނޑުމެންނަށް ގޮވާލާ ކަމެއް. މިކަންކަމަށް ސަމާލުކަން ދިނުމަށް ކީރިތި ޤުރުއާނުގައިވެސް މާތްﷲ ވަޙީކުރައްވާ އަންގަވާފައިވާ ކަމެއް. އާދެ! އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވޭ އާޔަތެއް ދަންނަވާލާނަން. "وَتَعَاوَنُواْ عَلَى الْبِرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ" (المائدة: 2) "ތިޔަބައިމީހުން ހެޔޮކަން ކުރުމުގަޔާއި، ތަޤުވާވެރިވުމުގައި އެކަކު އަނެކަކަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވާށޭ. އަދި ފާފަކުރުމުގަޔާއި، ޙައްޤުތަކަށް އަރައިގަތުމުގައި އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރި ނުވާށޭ"

ޝައްކެއްނެތް. ސްކައުޓް ހަރަކާތް ބިނާވެފައި މިއޮތީ ހެޔޮކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްޗަށް. އެންމެ ފުރަތަމަ، ސްކައުޓް ކުދިންގައި ވަރަށް ރަނގަޅު އަޚްލާޤީ ސިފަތަކެއް އުފެއްދުމަށް ނުވަތަ އަށަގެންނެވުމަށް ސްކައުޓް ހަރަކާތުން މަސައްކަތްކުރޭ. ކޮންމެ ސްކައުޓަކީ، އެހެންމީހުންނަށް އިޙްތިރާމްކުރާ، ކަމޭހިތާ ކުއްޖަކަށް، މީހަކަށް ވާންޖެހޭ. ޖަމާޢަތަށް ޚިދުމަތްކުރާ މީހަކަށް، ކުއްޖަކަށް ވާންޖެހޭ. މުޅި ޤައުމަށް، އިންސާނިއްޔަތަށް ޚިދުމަތްކުރާ މީހަކަށް ނުވަތަ ކުއްޖަކަށް ވާންޖެހޭ.

މިކަންކަމަކީ، އަޅުގަނޑުމެން މަރުޙަބާ ކިޔަންޖެހޭނެ ކަންކަން. ޚާއްޞަކޮށް ދިވެހިރާއްޖަފަދަ ޤައުމެއްގައި އަޅުގަނޑުމެންގެ މެދުގައި ޒަމާނުއްސުރެ އެކުވެރިކަމާއި އެއްބާރުލުން އުފެދިފައިވާ، އަޚްވަންތަކަމުގެ ގުޅުންތަކުން އަޅުގަނޑުމެން އެންމެން ބަނދެވިފައިވާ ޤައުމެއްގައި މިފަދަ ކަންކަމަށް އިސްކަންދިނުމަކީ، އަޅުގަނޑުމެން ކުރަންޖެހޭނެކަމެއް.

ހަމައެއާއެކީގައި، ސްކައުޓް ހަރަކާތުން އެ އުނގަނައިދޭ ހުނަރުތަކަކީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއް. އަޅުގަނޑުމެންގެ ޖަމާޢަތަށްވެސް އޭގެ ސަބަބުން ފައިދާ ކުރާނެކަމެއް. އެހެންވީމާ، ސްކައުޓް ހަރަކާތުގެ މި މަޤްޞަދުތަކަށާއި، ވާޖިބުތަކަށާއި، އަދި މުޅި ހަރަކާތަށް އަޅުގަނޑުމެން މަރުޙަބާ ކިޔުމަކީ، އަޅުގަނޑުމެން ހަމަ ކުރަންޖެހޭނެކަމެއް.

މިފަދަ ސްކައުޓް ހަރަކާތް ހިނގަމުން މިދަނީ ވަކި ޤައުމުތަކެއްގައެއް ނޫން. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް، އިސްލާމީ ހުރިހާ ޤައުމެއްގައިވެސް މި ހަރަކާތް ހިނގަމުންދޭ. އެހެންކަމުން، މިއީކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ސަޤާފަތާއި، ތާރީޚާއި ނުވަތަ ދީނާއި، ތަޢާރުޟުވާ ނުވަތަ ފުށުއަރާ ހަރަކާތެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެއްވެސް އެއްޗެއް ބުނާނެ ޖާގައެއްނެތް.

އާދެ! އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. މިއަދުގެ މިވަގުތުގައި އެއީ މިތަނަށް ޙާޟިރުވެތިބި ސްކައުޓުންނަށްވެސް މާ ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑު ހަމައެކަނި ދަންނަވާލަން ބޭނުންވަނީ، ތިޔައިގެ ތެރެއިން ކޮންމެ ސްކައުޓަކީ ތެދުވެރި، ޤައުމަށް ވަފާތެރި، ކިޔަމަންތެރި، އަޚްލާޤީގޮތުން ރަނގަޅު ނަމޫނާއަކަށް ވާންޖެހޭނެއޭ. އާދެ! ރާއްޖޭގެ ޗީފް ސްކައުޓްގެ ހައިސިއްޔަތުން ރާއްޖޭގެ ސްކައުޓުން، ސްކައުޓް ވަޢުދަށާއި، ސްކައުޓް ޤާނޫނަށް ފުރިހަމައަށް ބޯލަނބާ، ސްކައުޓުންގެ ޢަމަލުތައް އެގޮތުގައި ދެމެހެއްޓުމަށް އަޅުގަނޑު މިއަދު ގޮވާލަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކޮށް، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދައި، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު، އަދި މުޅި ޖަމާޢަތަށް ޚިދުމަތް ކުރުމާއި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޫޙު، އަޅުގަނޑުމެންގެ ހިތްތަކުގައި އަށަގަންނުވައި، އެކަމުގައި ކުރިއަށް ދިޔުމުގެ މަގު އެކަލާނގެ އަޅުގަނޑުމެންނަށް ފަހިކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه