بسـم اللَّـه الرّحمٰـن الرّحيـم

الحمـد لِلّـهِ ربّ العَـالمين ، والصّـلاة والسّـلام على أشرف المرسـلين ، سيدنا محمّد ، وَعلى آله وأصحَابِه أجمعـين.

އާދެ! ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ބައްދަލުވުން، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މިއަދު ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއީ މިފަދަ ބައްދަލުވުމެއް ބޭއްވޭ ފުރަތަމަ ފަހަރު. މިބައްދަލުވުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ބައްދަލުވުމެއް. މިއަދު ދުނިޔެއަށް އަންނަމުންމިދާ ބަދަލުތަކާއި، އަދި ރާއްޖެއާއި ބޭރު ދުނިޔެއާ އޮންނަ ގުޅުން ތަރައްޤީވަމުންދާ ދިޔުމުގައި، އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުޅުއްވަންޖެހޭ ދައުރު ވަރަށް ބޮޑު. ވަރަށް މުހިންމު. ވަރަށްފުޅާ. އެ ދައުރާ ދޭތެރޭގައި، މިޝަންތަކުގެ އިސްވެރިން ބައްދަލުވެވަޑައިގެން ވާހަކަފުޅުދައްކަވައި، މަޝްވަރާކުރައްވައި، ދިމާވާ މައްސަލަތައް ޙައްލުކުރައްވައި، އަދި ކުރިއަށްއޮތް ތަނަށް ސިޔާސަތު ކަނޑައަޅުއްވައި، ގެންދަވާނެ އުސޫލުތަކާ ދޭތެރޭގައި ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގަތުމަކީ، އަޅުގަނޑު ދެކޭގޮތުގައި، ވަރަށް މުހިންމު ކަމެއް. ކޮންމެހެންވެސް ހަމަ ކުރައްވަންޖެހޭނެ ކަމެއް.

ހަމައެއާއެކީގައި، އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް މިޝަންތަކުން ކަންތައްތައް ކުރައްވާ ގޮތާއި، ދެއްވާ ޚިދުމަތްތަކާއި، މިކަންތައްތައް އެއްއުސޫލަކުން، އެއްހަމައަކުން ހިނގަމުން ދިޔުމަކީވެސް، ވަރަށް ބޭނުންތެރި އެހާމެ މުހިންމު ކަމެއް. މިކަންވެސް ކުރެއްވޭނީ، އެޚިދުމަތް ދެއްވަން ތިއްބަވާ ހުރިހާ ބޭފުޅުން އެއްތަނަކަށް ވަޑައިގެން، އެއްތަނެއްގައި ތިއްބަވައިގެން ވާހަކަފުޅު ދައްކަވައިގެން، ކަންތައްތައް ގެންދަވާނެ ގޮތެއް ހަމަޖައްސަވައިގެން.

މިގޮތުން ބަލާއިރު، މިބައްދަލުވުމަކީ، ވަރަށް މުހިންމު ބައްދަލުވުމެއް. އާދެ! ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބާއްވަމުންދާކަހަލަ ބައްދަލުވުމެއް. މިދެންނެވީ، ކޮންމެ ޤައުމެއްގެވެސް ސަފީރުން ވަޑައިގެން، އެޤައުމެއްގެ ވެރިކަންކުރާ ރަށުގައި ބައްދަލުވުމެއް ބާއްވަވައި، މިދެންނެވި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައި ހައްދަވަމުން ގެންދަވާ. އެގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިފަދަ ބައްދަލުވުމެއް ބާއްވައި، މިގޮތަށް ކަންތައްތައް ކުރިޔަށް ގެންދިޔުމަކީ، އެ މިޝަންތަކުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުމުގައި، އަދި އެބޭފުޅުން އެޚިދުމަތް ކުރައްވަމުން ގެންދަވާ ޤައުމުތަކުގެ ސަރުކާރުތަކާއި ދިވެހި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރެއްވުމުގައި، ވަރަށް ބޭނުން ހިފޭ ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމެއް.

އާދެ! ރާއްޖެ މިއަދު މިދަނީ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިޔަށް އަޅަމުން. އަދި ރާއްޖެއާއި ބޭރު ދުނިޔެއާ ދޭތެރޭގައި މިއޮންނަ ގުޅުންވެސް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ފުޅާވަމުން، ބަދަހިވަމުން. މިފަދަ ދަނޑިވަޅެއްގައި ބޭރުޤައުމުތަކުގައި ތިއްބަވާ ރާއްޖޭގެ ސަފީރުންނަކީ، ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ރައްކާތެރިކުރައްވަން ތިއްބަވާ ބޭފުޅުންކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. އަދި އެ ބޭފުޅުންނަކީ، ރާއްޖެއާއި ބޭރުޤައުމުތަކާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރައްވައި، ކުރިޔަށް ގެންދަވަންވެސް ތިއްބެވި ބޭފުޅުން. ހަމައެއާއެކު، ރާއްޖޭގެ ތަރައްޤީއަށްޓަކައި ބޭރުގެއެހީ ހޯދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ތިއްބެވީވެސް ހަމަ އެބޭފުޅުން.

ބޭރުގެ ގުޅުންތައް އިތުރަށް މުހިންމުވާ ސަބަބުތަކެއްވެސް މިހާރު އެބަހުރި. އެއީ ދެންމެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، ދިވެހިން ރާއްޖެއިން ބޭރަށްދާ މިންވަރާއި، ރާއްޖެއިން ބޭރުގައި ހޭދަކުރާ ދުވަސްތަކާއި، މިކަންތައްތައް މިދަނީ ވަރަށް ބޮޑަށް އިތުރުވަމުން. މިހާރުވެސް ވަނީ ވަރަށްބޮޑަށް އިތުރުވެފައި. ދިވެހި ޢާއިލާތައް އެކިބޭނުންތަކުގައި ރާއްޖެއިން ބޭރުގައި ދިރިއުޅެމުން އެބަގެންދޭ. އާދެ! މަތީ ތަޢުލީމު ޙާޞިލުކުރުމަށް، ނުވަތަ ވިޔަފާރީގެ ބޭނުމަށް، ނުވަތަ ބޭސްފަރުވާ ހޯދުމަށް، ނުވަތަ ޗުއްޓީ ހޭދަކޮށްލުމަށްނަމަވެސް، ވަރަށްގިނަ އަދަދަކަށް މިހާރު ރާއްޖެއިން ބޭރަށް ދިވެހިން އެބަދޭ. މިހުރިހާ އެންމެންނަށް ބޭނުންވާ ޚިދުމަތްތަކެއް ހުންނާނެ. ބޭރުޤައުމުތަކުގައި އެމީހުން ދިރިއުޅެމުންދާއިރު، އެމީހުންނަށް ދިމާވާ މައްސަލަތަކެއް ހުންނާނެ. އެމީހުން ބޭނުންވާ އެހީތަކެއް ހުންނާނެ. މިކަންތައްތަކަކީވެސް، އަޅުގަނޑުމެންގެ މިޝަންތަކުން ދެއްވަންޖެހޭނެ ޚިދުމަތްތަކެއް. މިހާރުވެސް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުންނާއި، ކޮންސިއުލޭޓްތަކުން މިޚިދުމަތްދެއްވަމުން އެބަގެންދަވާ. އެހެންނަމަވެސް، އެގޮތުން ދެއްވާ ޚިދުމަތްތަކަކީވެސް ހުރިހާ މިޝަންތަކަކުން އެއްއުސޫލަކުން، އެއްހަމަޔަކުން ދެއްވާ ޚިދުމަތްތަކަކަށްވުމުގެ ބޭނުންތެރިކަން ވަރަށްބޮޑު.

މީގެއިތުރުން، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރުމުގައި، އިތުރު ރޮނގުރޮނގުންވެސް މިހާރުވަނީ ވިސްނަން ޖެހިފައި. އޭގެތެރެއިން އެއްރޮނގަކީ، ވިޔަފާރިއާއި އިޤުތިޞާދުގެ ރޮނގުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހިކުރުން. ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓުތައް އިތުރަށް ހޯދަން މަސައްކަތް ކުރުން.

ޝައްކެއްނެތް. ބޭރުގެ އިންވެސްޓްމަންޓަކީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އެއްޗެއް. ދުނިޔޭގައި ކުރިއަރަމުންދާ ކޮންމެ ޤައުމެއްވެސް، ކުރިއަރަމުން އެދަނީ، ބޭރުގެ އިންވެސްޓްމަންޓްތައް ލިބިގެން. ބޭރުގެ އެކިއެކި ފަރާތްތަކުން އެޤައުމުތަކުގައި މުހިންމު އިޤުތިޞާދީ އެކި މަސައްކަތްތަކުގައި އިންވެސްޓުކޮށްގެން. މިކަމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންވީމާ، މިދެންނެވި އުސޫލުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކާ ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، އިޤުތިޞާދީ ގުޅުން ބަދަހިކުރުމާއި، އަދި ރާއްޖެއަށް އިންވެސްޓްމަންޓް ލިބޭނެގޮތެއްގެ މަތިން މަސައްކަތް ކުރުމަކީ، މިއަދު އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް މިޝަންތަކުން ހަމަ އިސްކަންދެއްވާފައިވާ ކަމެއްކަމުގައި ދަންނަވާލަންޖެހޭ.

ހަމައެހެންމެ، ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރެއްވުން އެއީވެސް މިއަދު ހަމަ ވަރަށް މުހިންމު ކަމެއް. ރާއްޖެއާ ބެހޭ ޙަޤީޤީ މަޢްލޫމާތު، ބޭރުގެ ފަރާތްތަކަށް ދެއްވުން. ރާއްޖޭގައި މިހިންގާ އިޖްތިމާޢީ އަދި އިޤުތިޞާދީ މަސައްކަތްތަކުގެ ވާހަކަ، އޭގެ މަގުސަދު، އޭގެ ތަފުސީލު، ބޭރުގެ ސަރުކާރުތަކަށް އަންގަވައިދެއްވުން. ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކުގެ ވާހަކަ ވިދާޅުވެދެއްވުން. މިއީ، ހަމަ ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުންވެސް ކުރައްވަންޖެހޭނެ ކަމެއް.

މިކަންކަން ކުރެއްވުމުގައި، ސަފީރުން ނުވަތަ ސަފީރުންގެ ބަދަލުގައި ތިއްބަވާ ބޭފުޅުން ގުޅުއްވަންޖެހޭނީކީ ހަމައެކަނި އެތަންތާނގެ ސަރުކާރަކާ ނޫން. ޝައްކެއްނެތް. އެތަންތާނގެ ސަރުކާރާ ގުޅުއްވައިގެން، މިދެންނެވި މަސައްކަތްތައް ކުރެއްވުމަކީ، ވަރަށް އިސްކަންދެއްވަންޖެހޭނެ ކަމެއް. އެހެންނަމަވެސް، އެހިސާބުން ފުއްދަވާލައްވައިގެން ފަރުޖެހޭކަށް ނޯންނާނެ. އޭގެ އިތުރުން، އެޤައުމުތަކުގެ ޕާލަމެންޓުގެ މެންބަރުންނާއި، ނޫސްވެރިންނާއި، އަދި އެކިއެކި އަމިއްލަ ޖަމާޢަތްތަކުގެ މީހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވައި، ގުޅުން ބަދަހިކުރެއްވުންވެސް އެއީ ހަމަ ކުރައްވަންޖެހޭނެ ކަމެއް. ޚާއްޞަކޮށް، ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރެއްވުމުގައި، މިދެންނެވި ގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވަނީނަމަ، އެބޭފުޅުންނަށް އެކަން ކުރައްވަން ފަސޭހަފުޅުވާނެކަމާމެދަކު ޝައްކެއްނެތް.

ހަމައެފަދައިން، ރާއްޖެއަކީ މިހާރު ވަރަށްގިނަ އަދަދެއްގެ ފަތުރުވެރިންނަށް މަރުޙަބާ ކިޔާ، އަދި ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލަން އަންނަ ޤައުމަކަށްވާތީ، މިގޮތުންވެސް ވަރަށްގިނަ މަސައްކަތްތަކެއް މިޝަންތަކުންވެސް ކުރައްވަންޖެހޭކަމަށް އަޅުގަނޑު ދެކެން.

އޭގެތެރެއިން އެއްމަސައްކަތަކީ، މިދެންނެވި ގޮތަށް ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރެއްވުން. ރާއްޖެއާބެހޭ ޙަޤީޤީ މަޢުލޫމާތު ދެއްވުން. މިހާރު ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، އެނގިވަޑައިގަންނަވާނެ، ތަފާތު ފަރާތްތަކުން ރާއްޖެއާބެހޭ ނުރަނގަޅު ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުން ގެންދޭ. ރާއްޖޭގެ ސަރުކާރާބެހޭގޮތުން، ރާއްޖޭގައި ހިނގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން، އަދި ރާއްޖޭގެ ސިޔާސީ ޙާލަތާ ބެހޭގޮތުން.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަޖެހޭ މިކަމުގެ ޙަޤީޤަތް، ބޭރު ޤައުމުތަކަށް އަންގައިދޭން. ހަމައެކަނި ބޭރުޤައުމުތަކުގެ ސަރުކާރުތަކަކަށް ނޫން. އޭގެއިތުރުން، ބޭރުޤައުމުތަކުގައި މިކަންކަމާ ގުޅޭގޮތުން މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް، މިކަންކަމުގެ ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށްވެސް، ރާއްޖޭގެ ޙަޤީޤަތް އަޅުގަނޑުމެން ބަޔާންކޮށްދޭން އެބަޖެހޭ. ރާއްޖެއާ ބެހޭގޮތުން އެދެކެވޭ ނުވަތަ ބަޔަކު ފަތުރާ ނުރަނގަޅު ވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަން އަޅުގަނޑުމެން ބަޔާންކޮށްދޭން އެބަޖެހޭ. އެތަންތާނގެ ސަރުކާރަށާއި، އެތަންތާނގެ ޕާލަމެންޓުގެ މެންބަރުންނަށާއި، އެކިއެކި އަމިއްލަ ޖަމާޢަތްތަކުގެ މެންބަރުންނަށާއި، އަދި ނޫސް މަޖައްލާތަކަށާއި، ޓީ.ވީ ސްޓޭޝަންތަކަށާއި، ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކަށް އަޅުގަނޑުމެން މިމަޢުލޫމާތު ދޭން އެބަޖެހޭ. އެގޮތަށް އަޅުގަނޑުމެން ކަންތައްކުރުމުގެ މުހިންމުކަން ވަރަށްބޮޑު. އެއީ ރާއްޖޭގެ ތަޞައްވުރު ގޯސްވެގެންދާކަމަށްވަންޏާ، ރާއްޖެއާދޭތެރޭގައި ބޭރު ޤައުމުތަކުން ދެކޭގޮތް ބަދަލުވެގެންދާނެ. ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް އެ އަސަރުކުރާނެ. ރާއްޖެއަކީ، އެއްވެސްކަހަލަ ހަމައަކުން، އުސޫލަކުން ހިނގާ ތަނެއް ނޫންކަމާއި، އިންސާނީ ޙައްޤުތަކަށް ފަރުވާތެރިކަން ކުޑަކުރާ ތަނެއްކަމާއި، މިނިވަންކަމެއް ނެތް ތަނެއްކަމަށް ބޭރު ދުނިޔޭގައި ޚަބަރު ފެތުރިގެންދާކަމުގައިވަނީނަމަ، ރާއްޖޭގެ ފަތުރުވެރިކަމަށް، ރާއްޖޭގެ ކުރިއެރުމަށް މިކަންކަމުން ވަރަށްބޮޑެތި އަސަރުތަކެއް ކުރާނެ.

އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭން އެބަޖެހޭ. އެއީ، ޙަޤީޤަތެއް ނޫންކަން އަންގަވައިދެއްވައި ރާއްޖޭގައި މިހާރު މިހިންގާ ސިޔާސީ އިޞްލާޙީ ޕްރޮގްރާމްގެ ވާހަކަ، އޭގެ ތަފުސީލުތައް، ސަފީރުން ބޭރުޤައުމުތަކަށް ދެއްވަންޖެހޭ. ރާއްޖެއަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން އެބޭފުޅުން ހާމަކޮށްދެއްވަންޖެހޭ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ތަޢާރުފުކުރުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވެމުންދާކަން އެބޭފުޅުން ހާމަކޮށްދެއްވަންޖެހޭ. އޭގެތެރޭގައި، މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް އުފެދިފައިވާކަމާއި، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ހިނގަމުންދާކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ފުޅާދާއިރާއެއްގައި ލިބިފައިވާކަމާއި، އަދި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ޤާނޫނީގޮތުން އުފެދިފައިވާ ހިޔުމަން ރައިޓްސް ކޮމިޝަނެއް، ރާއްޖޭގައި މަސައްކަތް ކުރަމުންދާކަމާއި، ރާއްޖޭގައި ޖިނާއީ ޢަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފުރިހަމަކުރުމަށްޓަކައި ވަރަށް ބޮޑެތި އިޞްލާޙުތަކެއް އަންނަމުންދާކަމާ، މިކަންކަން ރާއްޖޭގެ ސަފީރުން، ނުވަތަ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިން ބޭރުޤައުމުތަކަށް ވަރަށް ރަނގަޅަށް އަންގަވައިދެއްވަން އެބަޖެހޭ.

އާދެ! މިކަންކަމާ ބެހޭގޮތުން ތިޔަބޭފުޅުންގެ މިބައްދަލުވުމުގައި މަޝްވަރާކުރައްވައި، މިކަންކަން ގެންދަވާނެގޮތަކާމެދު އެއްބަސްވެވަޑައިގަތުމަކީ، އަޅުގަނޑު ދެކޭގޮތުގައި މިޖަލްސާގެ އެންމެ މުހިންމު އެއްމަގުސަދު.

އާދެ! މިވޭތުވެދިޔަ ތާނގައި ރާއްޖެއާއި ބޭރުޤައުމުތަކާއި އަދި ބައިނަލްއަޤްވާމީ ޖަމާޢަތާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރެއްވުމަށްޓަކައި، ވަރަށްގިނަ ބޭފުޅުން ގިނަގުނަ ޚިދުމަތްތަކެއްވަނީ ކޮށްދެއްވާފައި. އެގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަރަށްގިނަ މަސައްކަތްތަކެއް ކޮށްދެއްވާ. ހަމައެހެންމެ، ރާއްޖޭގެ މިޝަންތަކުގައި ތިއްބަވާ ބޭފުޅުންވެސް އެމަސައްކަތް ވަނީ މީގެކުރިންވެސް ކޮށްދެއްވާފައި. އަދި މިހާރުވެސް ތިޔަ ގެންދަވަނީ ކޮށްދެއްވަމުން.

މިގޮތުން، ވަރަށްދިގު މުއްދަތެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ކުރެއްވި އަލްއުސްތާޛު ފަތުޙުﷲ ޖަމީލު، މިދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ މަތިން ހަނދާން ކުރަމުން، އެމަނިކުފާނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު، ރާއްޖޭގެ ޚާރިޖީދާއިރާ ތަރައްޤީކުރައްވައި، ބޭރުދުނިޔޭގައި ރާއްޖޭގެ ނަމާއި ޤަދަރު އުފުއްލެވުމަށް އެކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށްވެސް ޝުކުރު ދަންނަވަން. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު ކޮށްދެއްވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށްވެސް ޝުކުރު ދަންނަވަން.

އާދެ! މިދާއިރާއަށް ތަފާތު ދުވަސްވަރު ގިނަބޭފުޅުންތަކެއްވަނީ ޚިދުމަތް ކޮށްދެއްވާފައި. ތަފާތު މުއްދަތުތަކުގައި، ތަފާތު ދުވަސްވަރު، ތަފާތު ރޮނގުރޮނގުން. އެހުރިހާ ބޭފުޅުންގެ ނަންފުޅުތައް ވަކިން ނުދެންނެވި ނަމަވެސް، އެހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ވާހަކަ އަޅުގަނޑު ދަންނަވާލަން. އަދި ޚާއްޞަކޮށް، މިހާރު ބޭރުދުނިޔޭގައި ރާއްޖެ ތަމްސީލުކޮށްދެއްވުމަށް ތިޔަބޭފުޅުން ތިޔަކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި، ތިޔަބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން ތިޔަ ޚިދުމަތް ކޮށްދެއްވަމުން ގެންދަވަނީ، ވަރަށްގިނަ ދަތިތަކާ ކުރިމަތިލައްވައިގެން، އެދަތިތައް ގިރާކުރައްވަމުންކަން.

އާދެ! އަޅުގަނޑަކީވެސް ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، މީގެ ތިރީސް އެތައް އަހަރެއް ކުރިން ތިޔަދާއިރާގައި ޚިދުމަތްކުރި މީހެއް. ރާއްޖެއިން ބޭރުގައިވެސް ހުންނަން ޖެހުނު. އޭރު ކަންތައްތައް ހުރިގޮތާއި މިހާރާ އުޑާ ބިމާހާ ތަފާތުކަންނޭނގެ. އެހެންނަމަވެސް، މިހާރުވެސް ތިޔަބޭފުޅުން ކުރިމަތިލައްވަންޖެހޭ ވަރަށްގިނަ ދަތިތަކެއް އެބަހުރި. އޭގެތެރޭގައި، އަޅުގަނޑުމެންގެ ބަޖެޓުގެ ދަތިކަން. ޤާބިލު މީހުންގެ ދަތިކަން. މުވާޞަލާތުގެ ދަތިކަން. މިކަހަލަ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް އެހެން ހުރިނަމަވެސް، އެހުރިހާ ދަތިތަކެއް އެއީ ހުރަހަކަށް ނުބައްލަވައި، ތިޔަބޭފުޅުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވަމުން ގެންދަވާތީ، އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަކީ މިދާއިރާގައި ތަންކޮޅެއް ކުރިން އުޅުނު މީހެއް. މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ކަމާބެހޭ ދާއިރާގައިވެސް އުޅުނިން. އަދި ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި، އޭރު ކިޔާގޮތުންވިއްޔާ އެމްބަސީ، އެތާނގެ ޑެޕިއުޓީ އެމްބެސެޑަރަކަށްވެސް އަޅުގަނޑު ދުވަސްކޮޅެއް ވަންދެން ހުރިން. އެތާނގައި އަޅުގަނޑާ އެކީގައި އަލްފާޟިލްއަހްމަދު ޢަބްދުﷲއާއި، ޑޮކްޓަރ ލަޠީފް އޭރު މަސައްކަތް ކުރެއްވި. އަދި އ.ދ. މަޖިލީހުގައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުގެ ހައިސިއްޔަތުންވެސް އެތާނގައި އަޅުގަނޑު މަސައްކަތްކުރިން. އަލްފާޟިލް އަޙްމަދު ޢަބްދުﷲވެސް އެތާނގައި ކޮންމެވެސް ދުވަސްވަރެއްގައި އުޅުއްވި. މިކަހަލަ ކަންތައްތަކެއްގައި އަޅުގަނޑަށްވެސް އުޅެންޖެހިފައިވުމާއެކީގައި، ޚާރިޖީ ދާއިރާއާއި އަޅުގަނޑާ އޮންނަ ގުޅުމަކީ، އަޅުގަނޑު ދަންނަވާނީ އަބަދުވެސް މެދުނުކެނޑި އޮންނަ ގުޅުމެކޭ.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، މިހާރުގެ ދުނިޔޭގައި ޤައުމެއްގެ އެންމެމަތީ ވެރިޔަކީ، އެޤައުމެއްގެ ޚާރިޖީ ސިޔާސަތުވެސް ބަލަހައްޓާ އެންމެ އިސްވެރިޔާ. އެގޮތުންވެސް މިދާއިރާއަށް އަޅުގަނޑު ދޭންޖެހޭ މުހިންމުކަން ވަރަށްބޮޑު. އެއާއެކީގައި ވަރަށްގިނަ ބައިނަލްއަޤްވާމީ ޖަލްސާތަކަކީ، ސަމިޓް ފެންވަރުގައި ބޭއްވޭ ޖަލްސާތަކަކަށްވާތީ، އެޖަލްސާތަކުގައި ބައިވެރިވުމާއި، ތަޤްރީރުކުރުމާއި، ތައްޔާރުވުމާއި، އަދި އެޖަލްސާތަކުގައި ބަހުސްކުރެވޭ މައްސަލަތަކުގައި ވާހަކަދެއްކުމާއި، މިކަންކަން ކުރުމަކީވެސް އަޅުގަނޑަށް މިހާރު ކުރަންޖެހޭ ކަމަކަށްވާތީ، ޚާރިޖީ ދާއިރާއާ އަޅުގަނޑާ އޮންނަ ގުޅުން މިހާރުވެސް އިރާދަކުރެއްވީތީ ވަރަށް ހަރުދަނާގޮތެއްގައި އޮތް ވާހަކަ ދަންނަވާލަން. މިކަންތައްތައް މިހެން އޮތުމާއެކީގައި، ތިޔަބޭފުޅުންގެ މިޖަލްސާ މިއަދު އިފްތިތާޙުކޮށްދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއްކަމުގައި އަދިވެސް އެއްފަހަރު ދަންނަވާލަން.

އާދެ! މިއަދަކީ މިއަހަރުގެ ތިމާވެށިދުވަސް. އެހެންވީމާ، މިމުނާސަބަތުގައި ތިޔަހުރިހާ ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. އަދި ރާއްޖޭގެ ނާޒުކު ތިމާވެށީގެ މިހާރުގެ ޙާލަތާއި، އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކާއި، އަދި މުސްތަޤުބަލުގައި ދިމާވާނެކަމަށް މިހާރު ލަފާކުރެވޭ ނުރައްކާތަކާ، މިހުރިހާ ކަމެއް ތިޔަބޭފުޅުން އެޤައުމުތަކެއްގައި ދިވެހިރާއްޖެ ތަމްސީލުކޮށްދެއްވަމުން ތިޔަގެންދަވާ ޤައުމުތަކުގެ ވެރިންނަށާއި، ކަމާބެހޭ ފަރާތްތަކަށާއި، އާންމު ރައްޔިތުންނަށް އަންގަވައި ދެއްވުމަކީ، އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުން މިހާރު ކުރައްވަންޖެހޭ ވަރަށްބޮޑު މަސައްކަތެއް. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަށް އަދި ރާއްޖެފަދަ ކުދިޖަޒީރާ ޤައުމުތަކަށް ނުވަތަ ފަސްގަނޑުތިރި ޤައުމުތަކަށް ނުވަތަ ސަރަހައްދުތަކަށް މިހާރުވެސް ކުރިމަތިވެފައިވާ އަދި ކުރިއަށް އޮތްތާނގައި ކުރިމަތިވާނެކަން އެނގޭ ނުރައްކާތަކަކީ، ވަރަށް ބޮޑެތި ނުރައްކާތަކެއް. އެކަމުން ރާއްޖެ ސަލާމަތްކުރުމަށް، އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

މިމަސައްކަތަކީ، މީގެ ބަރާބަރު 20 އަހަރު ކުރިއްސުރެ ފެށިގެން ސަރުކާރުން ފަށައިގެން ކުރަމުން ގެންދާ މަސައްކަތެއް. އާދެ! 1987 ވަނަ އަހަރު މިމަސައްކަތްފެށީ. ބޭރު ދުނިޔޭގައި ތަފާތު ޖަމްޢިއްޔާތަކުން ބާއްވަވާ ތަފާތު ޖަލްސާތަކުގައި، ރާއްޖެވަނީ މިހާތަނާ ޖެހެންދެން މިކަމަށް ވަކާލާތުކޮށްފައި. މުޅި ދުނިޔޭގެ ސަމާލުކަމަށް މިމައްސަލަ ގެނެވޭތޯ ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި. އޭގެ ނަތީޖާއެއްގެގޮތުން އިރާދަކުރެއްވީތީ މިހާރު މިމައްސަލައަކީ، ދުނިޔޭގެ ސަމާލުކަމުގެތެރޭގައި ހިމެނޭ ވަރަށް މުހިންމު މައްސަލައަކަށް މިއޮތީ ވެފައި. އެކަމާބެހޭގޮތުން ފިޔަވަޅުތަކެއްވެސް އެޅެމުން އެބަގެންދޭ. އެހެންވީމާ، މިކަން އިތުރަށް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެން މިހާރު ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، މިދެންނެވި އުސޫލުން ތިޔަބޭފުޅުން މިކަން ކުރިއަށް ގެންގޮސްދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމަކަށްވާތީ، އެވާހަކަވެސް މިފުރުޞަތުގައި ދަންނަވާލީ.

އާދެ! ތިޔަބޭފުޅުންގެ މިޖަލްސާއަށް ކާމިޔާބީއަށް އެދެމުން، އަދި ތިޔަބޭފުޅުން ތިޔަ ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެކުރިން އިނގިރޭސި ބަހުންވެސް ދެތިން ޖުމްލައެއް ދަންނަވާލުމުގެ އިޒުނައަށް އެދެން. އެއީ މިތާ ވަޑައިގެން ތިއްބެވި ބޭރުގެ ބައެއް ބޭފުޅުންނަށް އަޅުގަނޑު މިދައްކާ ވާހަކައެއް އެނގިވަޑައިގަތުމުގެ ފަސޭހައަކަށް ވެދާނެތީ.

It is my pleasure today to welcome heads of all our diplomatic missions abroad. A special word of welcome goes to Mr. Marc Limon, Mr. Patrick McMullen and Mr. Edward Cameron, who represent us in Geneva, Brussels and Washington, respectively.

Also, I welcome Dr. Alex Trigona, former Minister of Foreign Affairs of Malta and Lecturer at the Diplo Foundation, and Professor S. D. Muni, former Indian Ambassador to Laos and Executive Director at the Observer Research Foundation in New Delhi.

Ladies and Gentlemen and Friends:

Foreign affairs is a sector to which I have a fond attachment, having served, more than thirty years ago, as the Head of the Department of External Affairs, Deputy Ambassador to Sri Lanka and Permanent Representative to the United Nations. As a number of diplomatic activities today take place at the summit-level, even now a lot of my time is spent on foreign affairs.

For all countries in the world today, foreign relations are very important, and they are vitally so for small countries such as the Maldives. Our diplomats represent our interests abroad. As such, you have a vital role to play in presenting to the outside world a true picture of the Maldives and the social, economic and political developments taking place in the country, as well as fostering our ties with other countries. Your role in mobilising the external assistance required for our development is also of paramount importance.

Furthermore, the Maldives is a country that relies heavily on tourism, which again requires maintaining not only good relations with other countries, but a good image as well.

As our people are becoming more affluent because of our steady economic growth, more and more of our people are travelling abroad for study, trade, medical treatment and leisure. Our diplomatic missions must gear themselves to serving the demands of the new age. I am happy that our missions have recently begun offering a number of services designed to extend their outreach.

Our missions must also focus more on commercial diplomacy - promoting trade and investment in the Maldives. One important aim of this meeting is to find ways to further develop and expand this function.

Having served in the Ministry of Foreign Affairs, I am aware that the life of a diplomat is a harrowing one. Residing away from home is never easy. Travelling is a hassle, and keeping up with time zones can be quite taxing.

Serving at the headquarters is not easy either. Midnight calls, working on Fridays, and serving diplomats from Tokyo to New York can be quite demanding.

All this requires that the Ministry and our missions abroad have high efficiency, good capacity, good discipline, enough resources and efficient coordination. These are some of the issues that I am sure you will discuss today and tomorrow.

Today being the World Environment Day, I extend my good wishes to all of you.

I want you, Heads of our diplomatic missions abroad, to work even harder to bring the grave environmental threats facing our country today, and that we will face in the future, to the attention of the governments and peoples of the countries you are serving in.

I wish the meeting every success.

Thank you.