އިޖްތިމާޢީ ޞިއްޙީ އިންޝޫރެންސްގެ ނިޒާމު ހަރުދަނާ ކުރެވިގެންދާއިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން އެނިޒާމުގެ ތެރެއިން ލިބޭނެ އިންތިޒާމު، ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ 10 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޙަފުލާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާސަންދަ އާއި އެންސްޕާއިން މިހާރު އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެ އެކަމުގައި ޓައިނީ ހާޓްސްގެ ލަފަޔާއި މަޝްވަރާ ވެސް ހޯއްދަވާނެ ކަމަށެވެ.
ބައެއް ކުދިން އުފަންވާއިރު، ހިތުގެ ބަލި ހުރުމަކީ ހުރިހާ ޤައުމެއްގައިވެސް ކުރިމަތިވާ ކަމެއްކަން ފާހަގަކުރައްވައި އެފަދަ ބަލިތަކުގައި މިރާއްޖޭގެ ކިތަންމެ ކުދިންނެއްގެ ފުރާނަ ގެއްލިފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ 10 އަހަރު ކުރިން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އުފެދުމާ ހަމައަށް، ތުއްތު ކުދިންނަށް މި ޙާލަތު މެދުވެރިވަނީ، ކޮންޖެނިޓަލް ހާޓް ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުންކަން، ގިނަ ބަޔަކަށް ނޭނގި އޮތްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިކަމަށް ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އުފައްދައިގެން ކުރި މަސައްކަތުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ ޖަމްޢިއްޔާ ފެށިގެން އައި ގޮތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން އެ ޖަމްޢިއްޔާ އުފެއްދުމަށް މަސައްކަތްކުރެއްވި ދެމަފިރިންގެ ހިތްވަރާއި އެ ޖަމްޢިއްޔާގެ މަސައްކަތާއެކު އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި، ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި، އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވާކަމުގައި ވިދާޅުވިއެވެ. މިގޮތުން އެދެމަފިރިންގެ މި ޚިދުމަތް ރައީސް ސިފަކުރެއްވީ ޤައުމީ ޚިދުމަތެއްގެ ގޮތުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ހަށިހެޔޮ ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމުގައި ޓައިނީ ހާރޓްސްއިން ކުރިޔަށްގެންދާ ތަފާތު އެކި ޕްރޮގްރާމުތައް ފާހަގަކުރައްވައި ރައްޔިތުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ޙަރަކާތްތެރި ދިރިއުޅުމަށް ބާރުއެޅުމަށް، އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ހިންގާ މިފަދަ ކޮންމެ ޙަރަކާތަކަށް ސަރުކާރުގެ އެއްބާރުލެއްވުން އަބަދުވެސް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސްގެ ދެއްވިއެވެ.
މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ 10 އަހަރުގެ މަސައްކަތުގެ ދިރާސާ އިފްތިތާޙް ކޮށްދެއްވާފައެވެ.