ކިރިބާސްގެ ކުރީގެ ރައީސް އަދި އދ ގައި އެޤައުމު ތަމްޞީލުކުރައްވާ ސަފީރު ހިޒް އެކްސެލެންސީ ޓެބުރޯރޯ ޓީޓޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ކިރިބާސްގެ ކުރީގެ ރައީސް ވަނީ ރާއްޖެއާ ކިރިބާސް ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ދެޤައުމު ފަދައިން އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭއޯސިސް)ގައި ހިމެނޭ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލި އަޅުއްވައިލެއްވިއެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ތަރައްޤީގެ ކަންކަމުގައި ދެޤައުމުން އިސްކަންދޭ ބައެއް ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ހިންގުމުގެ ދާއިރާއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއާ އަންހެނުން ބާރުވެރިކުރުވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ކިރިބާސްގެ ކުރީގެ ރައީސްގެ ވާހަކަފުޅުގައި ކިރިބާސްއާ ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.