ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، (އޭޑީބީ)ގެ ރައީސް މިސްޓަރ ޓަކަހިކޯ ނަކައޯ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 1978 ވަނަ އަހަރުން ފެށިގެން އޭޑީބީގެ އެހީތެރިކަން ރާއްޖެއަށް ލިބެމުން އަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި އޭޑީބީގެ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އޭޑީބީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި އެ ބޭންކުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީއަށް ކުރިއެރުންތައް ލިބެމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އޭޑީބީގެ ރައީސް ވަނީ އޭޑީބީއާ ރާއްޖެއާ ދެމެދު އޮތްގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި ރާއްޖޭގެ އެންމެ މުހިންމު ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތައް ތަރައްޤީކުރުމުގައި ސްމޯލްގްރާންޓް އަދި ލޯނުގެ އެހީތެރިކަން ހޯދުމާބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި އޭޑީބީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ނަފާ ވީހާވެސް ގިނަ ރައްޔިތުންނަށް ބެހިގެންދާނެ ގޮތެއްގެ މަތީން ކަންކަން އިންތިޒާމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހިމެނޭ ގެސްޓްހައުން ވިޔަފާރި މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމު ކަންވެސް އޭޑީބީގެ ރައީސް ފާހަގަކުރެއްވިއެވެ.
ދެބޭފުޅުންގެ ވާހަކަފުޅުގައި، ކުރިޔަށްހުރި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޒިންމާދާރުކަމާއެކު ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަންކަން ކުރިޔަށްގެންދެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޭޑީބީގެ ރައީސް ވަނީ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތު ބައްޓަންކުރެވި ހަރުދަނާ ގޮތެއްގައި ކުރިއަށް ދާކަން ފާހަގަކުރައްވާފައެވެ.