بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على خاتم الأنبياء وسـيّد المرسـلين، وَعلى آلـه وأصـحَابِه أجمـعـين

އާދެ! އަޅުގަނޑު ހައްދުންމަތީގެ ބައެއް ރަށްރަށަށް މިއަދު މިކުރާ ދަތުރުގައި މިހާރު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށުގައި. އާދެ! ފޮނަދޫގައި. މިއަތޮޅަށް އައުމުންނާއި އަދި މިރަށަށް އައުމުން، މިއަތޮޅުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށާއި، އަދި މިތާނގައި ވަޑައިގެންނެތްނަމަވެސް އަޅުގަނޑަށް މަރުޙަބާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ކައްދޫ އެއަރޕޯޓަށް އައިސް ފޭބުމާއެކު، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ވަޙީދާއި، އަދި އަތޮޅުއޮފީހުގެ އިސްވެރިންނާއި، ރަށްރަށުގެ ވެރިންނާއި، އަދި ކޮމިޓީތަކުގެ މެންބަރުންނާއި، ދަރިވަރުންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނީ ވަރަށްވެސް ހޫނު ތަރުޙީބެއް. އެކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑު މިދަތުރުކުރަން ފުރަތަމަ ގަސްދުކޮށްގެން ހުރީ މިދިޔަ ހަފްތާގެ ތެރޭގައި. މިދިޔަ ހަފްތާގައި އަޅުގަނޑު ޕްރޮގްރާމް ރޭވިއިރު މިއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރަން އޭރުވަނީ ގަސްދު ކުރެވިފައި. އެހެންނަމަވެސް، ދަތުރު ފަށަން ބެލިއިރު ރާއްޖޭގެ ވަރަށްގިނަ ތަންތަނަށް އާދަޔާ ޚިލާފަށް އުދައަރާ، ވަރަށްގިނަ ތަންތަނަށް ވިއްސާރަވެ، ވިއްސާރައިގެ ގެއްލުންތައް ލިބި މިކަހަލަ ހާލަތެއްގައި ވަނިކޮށް އަޅުގަނޑު މިކަހަލަ ދަތުރެއް ކުރުމަކީ، ރަނގަޅު ކަމަކަށް ނުވާނެތީ، އަޅުގަނޑު އެދަތުރު މިހަފްތާއަށް ފަސްކޮށްލީ. އަދި މިހަފްތާއަށް ފަސްކޮށްލުމަށްފަހުގައިވެސް، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން ކުރިން ޚިޔާލުކުރި ގޮތަށް ތިންދުވަހުގެ ދަތުރަކަށް ހަދާފައި، އެހެން ބައެއް ރަށްރަށަށް ޒިޔާރަތް ކުރާގޮތަށް ހަދަން ފުރުޞަތު ނުލިބުނީ. އެހެންވީމާ، މިއަދު އަޅުގަނޑު މިއަތޮޅަށް އައިސް ފުރަތަމަ ޒިޔާރަތް މިކުރީ ގަމަށް. އޭގެފަހުން، ފޮނަދުއަށް އައިސް މިރޭވެސް އޮންނަ ޖަލްސާއެއްގައި ބައިވެރިވެފައި، މާދަމާ އަޅުގަނޑު އެބަޖެހޭ މާލެދާން. އެހެންވީމާ، މިކަން މިވީގޮތް ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާލީ.

ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި މިއަތޮޅުގެ އެހެން ރަށްރަށަށް އަޅުގަނޑު ޒިޔާރަތްކުރަން އެރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ވާހަކަ ވިދާޅުވި. އެކަމަށްޓަކައި އަތޮޅުވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އެރަށްރަށުގެ ރައްޔިތުންނަށްވެސް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އިރާދަކުރެއްވިއްޔާ އެރަށްރަށަށްވެސް އަޅުގަނޑު ޒިޔާރަތްކުރާނަމޭ. ޙަޤީޤަތުގައި އަޅުގަނޑު ބޭނުމޭ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ޒިޔާރަތް ކުރަން. ހުރިހާ އަތޮޅަކަށްވެސް ޒިޔާރަތް ކުރަން. މީގެކުރިންވެސް، އަޅުގަނޑުވާނީ ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް، މިމަގާމުގައި ހުރެގެން ދަތުރުކޮށްފައި. އަދި ބައެއް ރަށްރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑަށް ވާނީ ޒިޔާރަތްކުރެވިފައި. އެހެންވީމާ، އެއީ އަބަދުވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަމުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި، މިއަތޮޅުގެ އެހެން ރަށްރަށަށާއި، އަދި ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްރަށަށްވެސް ޒިޔާރަތް ކުރަން ގަސްދުކުރާ ވާހަކަ ދަންނަވާލަން.

އާދެ! ފޮނަދުއަކީ، މިއަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށް. މިރަށަށް ވަރަށްގިނަ ފަހަރު އަޅުގަނޑަށްވަނީ ޒިޔާރަތް ކުރެވިފައި. ހަނދާންވާގޮތުގައި މިއީ، މިމަގާމުގައި ހުރެގެން މިރަށަށް އަޅުގަނޑަށް އާދެވޭ 13 ވަނަ ފަހަރު. މިމަގާމާ ހަވާލުވުމުގެ ކުރިންވެސް، މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށްރަށަކަށް، އޭރުގެ ސަރުކާރުން ފޮނުއްވައިގެން އަޅުގަނޑު ޒިޔާރަތް ކުރިން. އެދަތުރުގައި ފޮނަދުއަށްވެސް އައިން. އެހެންވީމާ، ފޮނަދުއަށް މިއާދެވުނީ ސާދަފަހަރު.

ކޮންމެއަކަސް ފޮނަދުއަށް އައުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއްކަން އަޅުގަނޑު ދަންނަވަން. އަދި ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަކީވެސް، އަޅުގަނޑަށް ލިބޭ އެހާމެބޮޑު އުފަލެއް ކަމުގައި ދަންނަވަން. އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވިފައިވަނީ، ސުނާމީ ކާރިސާއާ ގުޅިގެން. އާދެ! 2005 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17ވަނަ ދުވަހު. އެދުވަހު އައިސް، މިރަށަށާއި އަދި މިއަތޮޅުގެ ބައެއް އެހެން ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ބަލައިލިން. އިރާދަކުރެއްވިއްޔާ މިހާރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނާއި، އަދި ބޭރުގެ އެހީދޭ ބައެއް ފަރާތްތަކުގެ އެހީގައި، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްރަށަށް މިދަނީ ރަނގަޅު ގޮތްތަކެއް ހަމަޖެހެމުން. އެފަހަރު ގެދޮރު ގެއްލުނު މީހުންނަށް، ގެދޮރު އަލުން ޢިމާރާތްކޮށްދެމުން އެބަގެންދެވޭ. ގެދޮރު ހަލާކުވި މީހުންގެ ގެދޮރު މަރާމާތު ކޮށްދެވެމުންވެސް އެބަގެންދެވޭ. އަދި އެހެންނޫނަސް ރަށްރަށަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި ކުރެވެންހުރި ވަރަށްގިނަ މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ.

އާދެ! ރާއްޖޭގެ އަތޮޅުތައް ތަރައްޤީ ކުރުމަކީ، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެމުން އަންނަކަމެއް. އެގޮތުން ލ. އަތޮޅަކީ، ވަރަށް ފާހަގަކޮށްލެވޭ އަތޮޅެއް. މިއަތޮޅުގައި ސަރުކާރުގެ ތަރައްޤީގެ ވަރަށްގިނަ މަސައްކަތްތަކާއި ބޮޑެތި މަސައްކަތްތައްވަނީ ހިންގިފައި. އަދި މިހާރުވެސް ހިނގަމުން އެބަދޭ. މިރަށުގައިވެސްވަނީ މިފަދަ މަޝްރޫޢުތަކެއް ހިންގިފައި. އަދި މިހާރުވެސް ރޭވިފައި ހުރި ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރި. އެގޮތުން މި ސްކޫލުގައި އާދެ، މިއަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރސް ރިސޯސް ސެންޓަރެއް ޢިމާރާތް ކުރުމަށްވެސްވަނީ ހަމަޖެހިފައި. އެއީ، ޔުނިސެފުގެ އެހީގައި. ހަމައެހެންމެ، ވާރލްޑް ބޭންކުގެ އެހީގައި، މިތާނގައި ހޯލަކާއި ލައިބްރަރީ ޢިމާރާތެއް ބިނާކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައި. އަދި ފޮނަދޫ ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރުދަނީ ހިނގަމުން. އެއީ، ޖަރުމަނުގެ ޗެރިޓީ އޯގަނައިޒޭޝަނެއްގެ އެހީގައި. އިރާދަކުރެއްވިއްޔާ އެމަސައްކަތް ވަރަށް އަވަހަށް ނިމޭނެ.

ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި މިއަތޮޅަށްވެސް ވަރަށްގިނަ ކަންތައްތައް ބޭނުންވާ ވާހަކަ ވިދާޅުވި. މިއަތޮޅުގެ ރަށްރަށަށްވެސް ވަރަށްގިނަ ކަންތައް ބޭނުންވާނެކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އަދި ރާއްޖޭގެ އެހެން ހުރިހާ ރަށްރަށަށްވެސް ކަންތައްތައް ހަމަ ބޭނުންވާނެ. މިސްކިތްތައް ޢިމާރާތް ކުރުމާއި އަދި އެނޫންވެސް އެހެން ކަންތައްތައް. މަދަރުސާގެ ފެންވަރު މަތިކުރުން، ނަރުދަމާގެ ނިޒާމު، ބޯފެނުގެ ނިޒާމު، ބަނދަރު ހެދުން މިހެންގޮސް މިހުރިހާ ޚިދުމަތްތަކަކީ، ކޮންމެ ރަށަކަށްވެސް ހަމަ އަސާސީ ޚިދުމަތްތަކެއް. ކޮންމެރަށަކަށްވެސް ވަރަށް ބޭނުންތެރި ޚިދުމަތެއް.

އެހެންނަމަވެސް، ދިވެހި ސަރުކާރަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ވަރަށް ކުޑަކުޑަ ޤައުމެއްގެ ސަރުކާރެއް. ވަރަށް މީސްކޮޅު މަދު ޤައުމެއް. އަޅުގަނޑުމެންގެ އާބާދީ އަދި ކިރިޔާ މިވަނީ 3 ލައްކައަށް އަރާ ހަމަވެފައި. އަޅުގަނޑުމެންގެ ވަސީލަތްތަށްވެސް މަދު. އާމްދަނީ ލިބޭނެ ގޮތްތައްވެސް މަދު. އެހެންކަމުން، ސަރުކާރުގެ ޚަޒާނާގައިވެސް އަޅުގަނޑުމެން ބޭނުންވާހާ ގިނަ ކަންކަމަށް ޚަރަދުކުރާކަށް ފައިސާއެއް ނުހުރޭ. އެހެންނަމަވެސް، މިދިޔަ އަށާވީހަކަށް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ވަރަށްގިނަ ކުރިއެރުންތަކެއް އަޅުގަނޑުމެންނަށްވަނީ ލިބިފައި. އާދެ، އެއީ ހަމަ ރައްޔިތުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ. ރައްޔިތުންގެ ހިންމަތާއި މިންނަތުގެ ފައިދާ. ސަރުކާރުގެ ބަޖެޓަށް ބެލިނަމަވެސް މިއަހަރަށް ކަނޑައެޅިފައި މިވާ ބަޖެޓަކީ، ދިވެހި ތާރީޚުގައި އަދި ކަނޑައެޅިފައި ނުވާވަރުގެ ބޮޑު ބަޖެޓެއް. މީގެ 28 އަހަރު ކުރިއާ އަޅާ ބަލާއިރު އެތައް ސަތޭކަ ގުނައެއް އިތުރު ބަޖެޓެއް. މިފައިސާ މިޚަރަދުކުރަނީ ކިހިނެއްތޯ! މިފައިސާގެ ބޮޑުބައެއް މިލިބެނީވެސް އަޅުގަނޑުމެންކުރާ މަސައްކަތުން. ދެން ބޭރުގެ އެހީގައި ލިބޭ ބައިތަކެއްވެސް އެބަހުރި. ބޭރުގެ ލޯނުގެ އެހީއާއި ހިލޭ އެހީގެ ގޮތުގައި އަވަށްޓެރި ޤައުމުތަކުންނާއި، ރަޙްމަތްތެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުން އަޅުގަނޑުމެންނަށް ވެދެއްވާ އެހީތައް އެބަހުރި. އެހެންނަމަވެސް، މިއެހީތައް މިލިބެނީވެސް އަޅުގަނޑުމެންގެ ރާއްޖެއަކީ، ތަރައްޤީގެ މަގުގައި ކުރިއަށްދާ ޤައުމެއްގެ ގޮތުގައި އެތަންތަނަށްވެސް ރަނގަޅަށް އެނގި ސާބިތުވެގެން. އަޅުގަނޑުމެންނަށް ލިބޭ ފައިސާ މިޚަރަދުކުރަނީ ރަނގަޅަށްކަން އެމީހުންނަށް ޔަޤީންވާތީ. އެހެންނޫނިއްޔާ ފައިސާއެއް ނުދޭނެ. އަޅުގަނޑުމެންނަށް މިލިބޭ ލޯނުތައް ލިބެނީވެސް، އިތުރު އެހީ ލިބެނީވެސް، ބޭރުންލިބޭ ކޮންމެ އެހީއެއް، ކޮންމެ ލާރިއެއް، ކޮންމެ ރުފިޔާއެއް އެ ޚަރަދުކުރެވެނީ، އޭގެ ޙައްޤުގޮތުގައިކަން އެފަރާތްތަކަށް ގަބޫލުކުރެވޭތީ.

ދަންނަވަން މިއުޅޭ ވާހަކައަކީ، ދިވެހި ރައްޔިތުން އެކުރައްވާ އިޚްލާޞްތެރި ބުރަ މަސައްކަތާއި، އެއާއެކީގައި ސަރުކާރުން އެމަސައްކަތްތަކަށް މަގުފަހިކޮށްދީ، އެކަށައަޅާ ސިޔާސަތުތަކާއި ހިންގާ އުސޫލުތަކާއި، މިކަންކަން ހަރުދަނާވުމުގެ ސަބަބުންނޭ އަޅުގަނޑުމެންނަށް ކުރިއަށް މިދެވެނީ. އެހެންވީމާ، މިގޮތުގައި އަޅުގަނޑުމެން ތިބެމާތޯއޭ! މިގޮތުގައި ހިންމަތާއި މިންނަތާއެކު މަސައްކަތް ކުރަމާތޯއޭ! އެންމެން އެކުވެރިވެގެން އެކަތިގަނޑަކަށްވެގެން ތިބެ، ރަށުގެ ތަރައްޤީއަށާއި، އަތޮޅުގެ ތަރައްޤީއަށާއި، މުޅި ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރަމާތޯއޭ! އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާކަމުގައިވަނީނަމަ ޝައްކެއްނެތް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ. ތަރައްޤީގެ އިތުރު އުސްމިންތަކަށް އަޅުގަނޑުމެންނަށް ވާޞިލުވެވޭނެ.

އާދެ! މިރަށުގައި އަލަށް މިސްކިތެއް އިމާރާތް ކުރުމަށްވެސް މިހާރުވަނީ ހަމަޖެހިފައި. އަދި މިއަހަރުގެ ބަޖެޓުގައި އެކަމަށް ފައިސާވެސްވަނީ ހަމަޖެހިފައި. އަޅުގަނޑު އުންމީދުކުރާ ގޮތުގައި ލަހެއްނުވެ އެމިސްކިތުގެ މަސައްކަތްވެސް ފެށޭނެ.

އާދެ! ތަރައްޤީގެ ކޮންމެ މަސައްކަތެއްވެސް ކާމިޔާބުވާނީ، އެކަމުގައި ހިމެނޭ އެންމެން އެކުވެރިވެގެން، އެންމެން އެކުގައި މަސައްކަތްކޮށްގެން، އެންމެން އެއްބާރުލައިގެން. ސަރުކާރާއި، ވެރިންނާއި، ރަށްރަށުގެ ވެރިންނާއި، އަތޮޅުތަކުގެ ވެރިންނާއި، ރައްޔިތުންނާއި، ކޮމިޓީތަކާ، މިއެންމެން ގުޅިގެން މަސައްކަތްކޮށްގެން.

މިއާ ޚިލާފަށް އެކިއެކި ބައިބައިވުންތަކާއި ފިތުނަތައް އުފެދި އެކަންތައްތައް ކުރިއަށްދާނަމަ، އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ. އެއީ، ޝައްކެއްހުރި ކަމެއްނޫން. އެއީ، ބަލާލި ކޮންމެ ދިމާއަކުން އޭގެ ހެކިތައް ފެންނަންހުރި ކަމެއް. އެހެންވީމާ، އެފަދަ ކަންކަމުން އަޅުގަނޑުމެން ޢިބުރަތް ޙާޞިލުކޮށްގެން، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓަން އެބަޖެހޭ. އަޅުގަނޑުމެންނަކީ ކިތަންމެ ގޮތަކުން އެއްބަނޑުއެއްބަފާ ބަޔެއް. އެންމެ ފުރަތަމަ އަޅުގަނޑުމެންނަކީ މުސްލިމުން، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. މުސްލިމުންނަކީ އަޚުންތަކެއް. މިއީ، ކީރިތި ޤުރުއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވާ ގޮތް. "إِنّماالمؤمنون إخوة" "މުއުމިނުންވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ."

އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށް ނަސީބުވެރި ރާއްޖެއެއް. މާތްﷲގެ ތަނަވަސް ރަޙްމަތްފުޅު ވަރަށް ފުޅާކޮށް ލިބިފައިވާ ރާއްޖެއެއް. އެއީ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ. އޭގެއިތުރުން، އަޅުގަނޑުމެންނަކީ އެއް ތާރީޚެއް ޙިއްސާކުރާ، އެއް ސަޤާފަތެއްގެ އަހުލުވެރި ބަޔެއް. އެއްބަހަކުން ވާހަކަދައްކާ ބަޔެއް. މިހުރިހާ ކަމެއް މިހެން ހުރުމާ އެކީގައި އަޅުގަނޑުމެންނަކީ، އެއްބަނޑުއެއްބަފާ ބަޔެއް ކަމުގައިވާން މަޖުބޫރު.

ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާލާއިރު މިކަންތައްތައް އޮތީ ތަފާތުކޮށް. ބައެއް ތަންތާނގައި ތަފާތު ދީންތަކުގެ އަހުލުވެރިން އެބައުޅޭ. ތަފާތު ނަސްލުތަކުން އައިސްފައިތިބި މީހުން އެބަތިބި. ތަފާތު ސަގާފަތްތަކުގެ އަހުލުވެރިން އެބަތިބި. އެމީހުންގެ މެދުގައި ވަކިވަކިވުމާއި ބައިބައިވުން އުފެދުމަށް ބާރުއަޅައިދޭ ކިތަންމެ ސަބަބެއް އެބަހުރި. އެއާ ޚިލާފަށް މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖެއަކު އެފަދަ އެއްވެސް ކަމެއްނެތް. އެހެންވީމާ، މިއީ އަޅުގަނޑުމެން އެންމެންވެސް އެނިޢުމަތަކަށްޓަކައި، اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް އަބަދުވެސް ޙަމްދާއި ޝުކުރު ކުރަންޖެހޭނެ ވަރަށްބޮޑު ނިޢުމަތެއް.

އާދެ! އަޅުގަނޑުމެން އެކިއެކި މަސައްކަތް ކުރާއިރު، ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބައި އެންމެން އެއަށް ކިޔަމަންވާން އެބަޖެހޭ. ޤާނޫނާއި ގަވާއިދު ހެދިފައި އެހުންނަނީ، އެންމެންނަށް ހަމަހަމަ ގޮތެއްގައި ކަންތައްތައް ލިބިދިނުމަށްޓަކައި. އެންމެންނާމެދު ހަމަހަމަ އުސޫލަކުން ކަންތައްތައް ކުރުމަށްޓަކައި. އެންމެންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި. އެންމެންގެ ފުރާނައާއި، އެންމެންގެ ގެދޮރާއި، އެންމެންގެ މުދަލާއި، ބިމާއި، ޙައްޤުތަކާއި، މިހުރިހާ އެއްޗެއް ސަލާމަތް ކުރެވޭނީ ކަނޑައެޅިފައިވާ ޤާނޫނުތަކެއް ހުރެގެން. އަދި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކެއްވެސް ހުރެގެން.

މިހުރިހާ އެއްޗަކަށް އަޅުގަނޑުމެން އެންމެން ބޯލަނބަން އެބަޖެހޭ. އެންމެން ކިޔަމަންވާންޖެހޭ. އެއްވެސް ރައްޔިތަކީ، ޤާނޫނުގެ މަތީގައި ހުރި މީހެއް ނޫން. ހުރިހާ ރައްޔިތުންނަކީވެސް، ޤާނޫނުގެ ދަށުގައިވާ ބަޔެއް. ޤާނޫނަށް ބޯލަނބަންޖެހޭ ބަޔެއް. އެކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ.

ޤާނޫނާއި ގަވާއިދަށް ބޯނުލެނބުމުގެ ސަބަބުން ނުކުންނަ ވަރަށް ހިތާމަހުރި ކަންތައްތަކެއްވެސް އެބަހުރި. އަޅުގަނޑުމެން ދިރިއުޅޭ މާޙައުލުގެ އަމާންކަން ގެއްލިގެން ދިޔުން. ނުރައްކާތަކުގެ ތެރެއަށް އަޅުގަނޑުމެން ދާންޖެހުން. އެކިއެކި ގެއްލުންތައް އަޅުގަނޑުމެންނަށް ލިބުން. މީހުންގެ ފުރާނައަށް، ގެދޮރަށް ތަފާތު ގެއްލުންތައް ލިބެމުން އެބަދޭ. އެއީ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޢަމަލުނުކުރާތީ. މިހެން ދަންނަވާފައި ވަކި ނުދަންނަވާނެ ކަމެއްނެތް. އެންމެ ކުޑަވެގެން މަގުމަތީގެ އެކްސިޑެންޓްތައްވެސް މިހިނގަނީ އަޅުގަނޑުމެންނަށް ގަވާއިދަށް ބޯނުލެނބޭތީ. މަގުމަތީގައި އެއްޗެހި ދުއްވާއިރު، ދުއްވަން ޖެހޭ ގަވާއިދުތަކެއްވެސް ހުރޭ. ޤާނޫނުތަކެއް އެބައޮވޭ. ޚާއްޞަކޮށް، އިންޖީނުލީ އެއްޗެހި. އިންޖީނުލީ އެއްޗެއްސަކީ، ވަރަށްބޮޑު ފަސޭހަތަކެއް އަޅުގަނޑުމެންނަށް ގެނެސްދޭ އެއްޗެއް. އޭގެ ސަބަބުން، އަޅުގަނޑުމެންނަށް ވަރަށްގިނަ ކަންތައްތައް ފަސޭހަވެގެންދޭ. އެހެންނަމަވެސް، އެތަކެތި ބޭނުން ކުރުމުގައި ވަރަށް ބޮޑެތި ނުރައްކާތަކެއްވެސް އެބަހުރި. އެކަން އަޅުގަނޑުމެން ދަންނަން އެބަޖެހޭ. ގަވައިދާ ޚިލާފަށް އެއްޗެހި ދުއްވުމުގެ ސަބަބުން އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަހަލަ އެކްސިޑެންޓްތައް ވަމުން އެބަދޭ. ޒުވާން ޅަކުދިންގެ ފުރާނަ ގެއްލެމުން އެބަދޭ. މިއަތޮޅުގައިވެސް އެހެން އެބަވޭ. އަދި މާލޭގައިވެސް އަދި ރާއްޖޭގެ ބައެއް އެހެން ދިމަދިމާގައިވެސް އެކަން އެބަ ހިނގާ. މިއިން ގެއްލުން މިލިބެނީކީ ސަރުކާރަކަށްނޫން. ތެދެއްމެ، ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭ ގެއްލުމަކީ، ސަރުކާރަށްވެސް ލިބޭ ގެއްލުމެއް. އެހެންނަމަވެސް، އެންމެ ފުރަތަމަ އެގެއްލުން އެލިބެނީ އެމީހަކަށް. އެމީހެއްގެ ޢާއިލާއަށް. މިކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންއެބަޖެހޭ.

އާދެ! ސަރުކާރުގެ އެކިއެކި ދާއިރާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާއި، އެދާއިރާތަކުން ދޭ ޚިދުމަތްތައް އިތުރުކޮށް، އެޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްވެސް ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދޭ. ހަމައެއާއެކީގައި، ސަރުކާރު މުވައްޒަފުންނާ ބެހޭކަންތައްތައްވެސް މިގެންދަނީ ހަރުދަނާކޮށް އިޞްލާޙު ކުރަމުން. ސަރުކާރުގެ މުވައްޒަފުންނާ ގުޅޭގޮތުން ޢަމަލު ކުރަމުންގެންދާ ބައެއް ގަވާއިދުތަކަށާއި އުސޫލުތަކަށް، އެވަގުތަކަށް ގެންނަން ފެންނަ އިޞްލާޙެއް މިދަނީ ގެންނަމުން. މިގޮތުން ސަރުކާރުން މުވައްޒަފުންގެ ކަންތައްތަކާ ބެހޭގޮތުން މިހާރު އަޅަން ނިންމާފައިވާ ވަރަށް މުހިންމު ދެފިޔަވަޅެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ސަރުކާރުގެ ވަގުތީ މުވައްޒަފުންނާބެހޭ ގަވާއިދަށާއި، ސަރުކާރުގެ ވަގުތީ މަގާމުތަކާބެހޭ ގަވާއިދަށް ބަދަލުގެނެސް، ސަރުކާރުގެ ވަގުތީ މުވައްޒަފުންގެ ގޮތުގައި ވަޒީފާ އަދާކުރަމުންދާ ދިވެހި މުވައްޒަފުން، އެމުވައްޒަފުން ސަރުކާރަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމުވައްޒަފުން، ސަރުކާރުގެ ވަޒީފާގައި މެދުނުކެނޑި ހޭދަކޮށްފައިވާ ދުވަސްތަކަކީ، ޕެންޝަންގެ މުއްދަތު ބެލުމުގައި ހިމެނޭ ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މިހާރު ނިންމާފައިވާ ނިންމުން.

ދެވަނަކަމަކީ، އެދިގެން ވަޒީފާއިން ވަކިވެފައިވާ މީހުންނާއި، އެކި ސަބަބުތަކާހުރެ ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރެއިން، ސަރުކާރުގެ ވަޒީފާ އަލުން ހަމަޖެހިފައިވާ މުވައްޒަފުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ޚިދުމަތް ކޮށްފައިވާ މުއްދަތާއި، އަލުން ސަރުކާރުގެ ވަޒީފާ ހަމަޖެހިގެން ޚިދުމަތް ކުރަމުންގެންދާ ދުވަސްތަކާ ގުޅުވައިގެން، އެމުވައްޒަފުންގެ ޕެންޝަންގެ މުއްދަތު ގުނާގޮތަށް ހަމަޖެއްސުން.

އާދެ! މިއީ ވަރަށްގިނަ މުވައްޒަފުން އެދެމުންދާ ކަމެއް. ވަކި އަހަރުތަކެއް ވަންދެން ޚިދުމަތް ކޮށްފައި، ކޮންމެވެސް ސަބަބަކާހުރެ މެދުކެނޑިފައި ހުރެދާނެ. އެއީ، ދެން އަނެއްކާވެސް ޕެންޝަންގެ މުއްދަތު މިގުނެނީ އަލުން ވަން ތާރީޚުން ކަމަށްވާތީ. އަނެއްކާ 20 އަހަރު ހޭދަކުރަން އެބަޖެހޭ. އޭގެކުރިން އޮވެދާނެ 10 އަހަރު ނުވަތަ 15 އަހަރު ނުވަތަ 5 އަހަރު ހޭދަކޮށްފައި. އެހެންވީމާ، އެގޮތަށް ކުރިން ޚިދުމަތްކޮށްފައި، ވަކިކަމެއް ދިމާވެގެން ވަޒީފާއިން ވަކިވެފައި، އަލުން ސަރުކާރުގެ ޚިދުމަތާގުޅޭ މީހުންނަށް، އެމުއްދަތު ގުޅުވައިދޭ ގޮތަށް އިރާދަކުރެއްވީތީ މިހާރު މިހަމަޖެއްސީ. އެހެންވީމާ، އެމީހެއްގެ ވަޒީފާ ފެށުނުއިރުން ފެށިގެން މެދުކެނޑިގެންދިޔަ ބައި ގުޅުވާލަދިނީމާ، 20 އަހަރު ހަމަވުމުން، އިރާދަކުރެއްވިއްޔާ އެމީހަކަށް ޕެންޝަން ލިބޭނެ.

ވަގުތީ ވަޒީފާގައި ތިބޭމީހުން، ވަގުތީ ވަޒީފާގައި ތިބޭ ދުވަސްތައް ޕެންޝަންގައި ނުގުނާ ގޮތަށް، މީގެކުރިން އޮންނަނީ. އެހެން އޮތީމާ، ބައެއް މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ. އެއީ، ވަރަށްގިނަ މީހުން ޝަކުވާކުރާ ކަމެއް. ވަގުތީ ވަޒީފާގައި ބައެއް މީހުން އެބަތިބޭ 5 އަހަރު، 6 އަހަރު، 10 އަހަރު. ތިބެފައި ދާއިމީވަނީ. ދާއިމީވީމާ އެހިސާބުން ފެށިގެން ޕެންޝަނަށް ގުނަން މިފެށެނީ. އެހެން އޮތީމާ، ކުރިން އެ ވަގުތީ ވަޒީފާގައި ޚިދުމަތްކުރި މުއްދަތުގެ ބައި ގެއްލިގެން އެދަނީ. އެހެންވީމާ، އެއީވެސް ހަމަޖެހޭ ގޮތަކަށް ނުވާތީ، އިރާދަކުރެއްވިއްޔާ އެކަންވެސް މިހާރު މިހަމަޖެއްސީ، އެމީހާގެ ވަގުތީ ވަޒީފާ ފެށުނު ދުވަހުން ފެށިގެން ގުނައިގެން ޕެންޝަން ލިބޭގޮތަށް.

މިދެންނެވި އުސޫލުން ވަގުތީ މުވައްޒަފުން ޚިދުމަތުގެ މުއްދަތު ޕެންޝަނަށް ގުނުމާއި އަދި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން އަލުން ވަޒީފާ ހަމަޖެހިފައިވާ މުވައްޒަފުން ކުރިން ޚިދުމަތްކުރި މުއްދަތު ޕެންޝަނަށް ގުނޭގޮތަށް ހަމަޖެއްސުމުގައި، މުވައްޒަފުން ޢަމަލު ކުރަންވީގޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރުގެ އޮފީސްތަކަށް އަންގާނަން.

އާދެ! ދެން ދަންނަވާލަން އޮތީ، މިއަތޮޅުގެ ތަޢުލީމީ މަރުކަޒު، އާދެ! އަޅުގަނޑުމެން މިޖަލްސާ ބާއްވަމުން މިދާ މަދަރުސާ، މި ތަޢުލީމީ މަރުކަޒުގެ ވަރަށް މުހިންމު މުނާސަބަތެއް ކުރިމަތިވާ ވާހަކަ. އެއީ، މިތަނަށް ފަންސަވީސް އަހަރުވާ މުނާސަބަތު. ފަންސަވީސް އަހަރު ހަމަވަނީ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއަންނަ އަހަރު. އެހެންނަމަވެސް، މިހާރުން ފެށިގެން މި ތަޢުލީމީ މަރުކަޒުން އެވަޑައިގަންނަވަނީ އެކަމަށް ތައްޔާރުވަމުން. ފަންސަވީސް އަހަރު ފާހަގަކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނެގޮތް މިހާރު ގެންދަވަނީ ރާއްވަވަމުން. އެހެންވީމާ، މިއަތޮޅުގެ އަތޮޅު ތަޢުލީމީ މަރުކަޒަށް ފަންސަވީސް އަހަރު ފުރުމުގެ އުފަލުގައި އަޅުގަނޑުވެސް ބައިވެރިވާ ވާހަކަ ވަރަށް އުފަލާއެކު ދަންނަވާލަން. އަދި މިމުނާސަބަތުގައި މިތަޢުލީމީ މަރުކަޒުގެ ލޮބުވެތި ދަރިވަރުންނަށާއި، މިތަން ހިންގަވާ ވެރިންނަށާއި، ޓީޗަރުންނަށާއި، އަދި ދަރިވަރުންގެ ބެލެނިވެރިންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމައެފަދައިން މިތަޢުލީމީ މަރުކަޒަށް އެކި ދުވަސްވަރު، އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަދު ހަމަޖައްސަވާފައި މިއޮތީ، މިމަރުކަޒަށް ފަންސަވީސް އަހަރު ފުރުމާ ގުޅިގެން، ފަންޑެއްވެސް ހުޅުވާ ގޮތަށް. އެހެންވީމާ، ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ހުޅުއްވަން ގަސްދުކުރައްވާ ފަންޑު ހުޅުވައިދިނުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންފައިވާތީ، އެފަންޑު މިއަދު ހުޅުވައިދިނުމަކީ، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން.

އާދެ! އަޅުގަނޑު އެދެނީ، ލ. އަތޮޅަށާއި، ލ އަތޮޅުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީ. މުޅި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށްވެސް އަޅުގަނޑު އެދެނީ، އިތުރު ކުރިއެރުމާއި ތަރައްޤީ. އަދި ރައްޔިތުން އެކުރައްވާ މަސައްކަތްތަކުގައި މާތްﷲ ބަރަކާތްލެއްވުން. އަޅުގަނޑުމެންނަށް އިތުރު ކުރިއެރުމާއި، އިތުރު ހިތްހަމަޖެހުން ލިބޭނެ ގޮތްތައް، އެކަލާނގެ މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަކީ، އަބަދުވެސް މިނިވަން މުސްތަޤިއްލު ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ހެޔޮ ނަޞީބު މާތްﷲ ދިވެހިރާއްޖެއަށް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه