بسـم اللّه الرّحـمٰـن الـرّحيـم

ألحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وعلى آلـه واصحابه أجمعـين

އާދެ! މިއަދު ވިލިނގިލީގައި ތިޔަބޭފުޅުން ތިޔަ ކުރިއަށް ގެންދަވާ ބަގީޗާ އަވަށުގެ ޕްރޮގްރާމް ބަލައިލުމަށް އަޅުގަނޑަށާއި ނަސްރީނާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި، އެކަމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މި ޕްރޮގްރާމް ބަލައިލުމަށް އައުމަކީ އަޅުގަނޑުމެންނަށް މިއަދު ލިބުނު ވަރަށްބޮޑު އުފަލެއް. އަދި ވިލިނގިލީގެ ރައްޔިތުންނާއި، އަދި ސްކޫލްކުދިންނާއި، މިކަމުގެ ޝައުޤުވެރިކަން ހުރި ބޭފުޅުން މިކަން އެ ކުރައްވާލެއް ފުރިހަމަކަމަށްޓަކައި، އަދި އެކަމަށް ދެއްވާ އަހަންމިއްޔަތަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރާ ވާހަކަ ދަންނަވާލަން.

އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި މަޝްރޫޢު ފެށިގެން މި އައީ ވިލިނގިލީ ޒުވާނުންގެ ތެރެއިން. ދެންމެ އަޙްމަދު ޒާހިރު އެ ވިދާޅުވި ފަދައިން ވާހަކައެއްގެ ތެރެއިން ޚިޔާލެއްގެ ތެރެއިން އުފަންވި މަޝްރޫޢެއް. އެހެންވީމާ، މި މަޝްރޫޢު މި އުފަންވީ ވަރަށް ރަނގަޅު ގޮތަކަށް. އެކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ޝުކުރު ދަންނަވަން. އޭގެތެރޭގައި ވިލިނގިލީގެ މިކަމާ ގުޅޭ ހުރިހާ ބޭފުޅުން، ވިލިނގިލީގެ ޒުވާނުން، އަދި މިމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން ހިމަނަން. އަދި މިމަޝްރޫޢު ކާމިޔާބުވުމަށް އެންމެބޮޑު އެހީއަކަށްވިކަމަކީ، މާލޭ މުނިސިޕަލްޓީގެ ފަރާތުން މިކަމަށް ބިމެއް ދެއްވާ އަދި ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެދެއްވުން. އެހެންވީމާ، މާލޭ މުނިސިޕަލްޓީގެ ރައީސް އަލްފާޟިލް ޢަލީ ޙުސައިން ދީދީއަށާއި، މުނިސިޕަލްޓީގެ އެހެން ވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންނަށް ދެންމެވެސް ފެނިގެން މިދިޔަ ފަދައިން މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރައްވާ ބޭފުޅަކީ އަލްފާޟިލް ޙުސައިން މުޙަންމަދު ދީދީ. އާދެ! އޭނާއަކީ، ގަސްއިންދުމާއި މިކަމާގުޅޭ ހުރިހާ ކަމަކަށް ވަރަށް ޝައުޤުވެރިކަން ހުންނަ ބޭފުޅެއް. އެކަމުގެ މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެފަދަ ބޭފުޅަކު މިކަހަލަ ޕްރޮގްރާމެއް ހިންގަވަން ހުންނެވި ކަމީ ޝައްކެއްނެތްގޮތުގައި ޕްރޮގްރާމް ކާމިޔާބުވުމަށް އެޅޭ ވަރަށް މުހިންމު ބާރަކަށްވާނެ. އެހެންވީމާ، އަލްފާޟިލް ޙުސައިން މުޙަންމަދު ދީދީ މި ކޮށްދެއްވާ އިޚްލާޞްތެރި މަސައްކަތަށްޓަކައި އޭނާއަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެން ކިޔަނީ ޙުސައިންދީ. ޙުސައިންދީއަކީ ވަރަށް މަސައްކަތްތެރި ބޭފުޅެއް. ވަރަށް ހީވާގި ވަރަށް މުރާލި ބޭފުޅެއް. ކޮންމެ ދުވަހަކު 6 ޖަހާއިރު އެ ވަޑައިގަންނަވަނީ މިކަމަށް. ނުވަތަ ވަޑައިގަންނަވަންޖެހޭ ދުވަސްދުވަހު. އަދި އެއަށްވުރެ މާ ފަތިހާ ތެދުވެވަޑައިގެން ބެޑްމިންޓަން ކުޅުއްވާ ދެން މިކަހަލަ ވަރަށްގިނަ ބޭނުންތެރި ކަންތައްތަކެއްވެސް ކުރައްވާ. އަދި ދުވާލު ހަތަރުދަމު މަސައްކަތުގައި އުޅުއްވަނީ. ސަރުކާރުގެ މަސައްކަތާއި އޭގެ އިތުރުން އަމިއްލަފުޅު ބައެއް މަސައްކަތުގައި އުޅުއްވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އޭނާއަކީ، މަސައްކަތްތެރިކަމުގެ ރޮނގުންވެސް އަޅުގަނޑުމެން އެންމެން ވަރަށް ދަންނަ ބޭފުޅެއް. ހަނދުމަފުޅު ހުންނާނޭ ފަދައިން 1990 ވަނަ އަހަރު އޭނާއަށް ވަނީ މަސައްކަތްތެރިކަމާބެހޭގޮތުން ދައުލަތުގެ އިނާމެއް ލިބިވަޑައިގެންފައި. އެކަމަށް ހިތްވަރު ދިނުމުގެ އިނާމު. އެހެންވީމާ، އެފަދަ ބޭފުޅަކު މިކަން މިހާ ރަނގަޅަށް ގެންގޮސް ދެއްވާތީ އަޅުގަނޑު އުފާކުރާ ވާހަކަ ދަންނަވާލަން.

އާދެ! ވިލިނގިލީގައި މި ހިންގަވާ މަޝްރޫޢުގެ ވިލަރެސް ވެރިޔާއަކީ، އަލްފާޟިލް އަޙްމަދު ޒާހިރު. އެހެންވީމާ، އަޙްމަދު ޒާހިރު އެކުރައްވާ މަސައްކަތަށްވެސް އަޅުގަނޑު އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިކަމުގެ ތެރޭގައި މިމަޝްރޫޢުގެ ހިންގާ ކޮމިޓީގެ ބޭފުޅުން ކުރައްވާ މަސައްކަތާއި، އަދި ޚާއްޞަކޮށް ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ ބޭފުޅުން ކުރައްވާ މަސައްކަތާއި، ވިލިނގިލީ އަވަށު އޮފީހުން ކުރައްވާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކޮށް އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ޝުކުރު އަދާކުރުމަކީ، ވަރަށް އެހެންކަހަލަ ކަމެއް ދޮގެއްތޯ! ފަހަރެއްގައި ކުރިން ބޭފުޅަކު ވިދާޅުވިފަދައިން، މިކަން ކުރަމުން ދަނިކޮށް ގެއްލުމެއްވެސް ލިބިދާނެ. އެއީ، ފަހަރެއްގައިވެސް މުހިންމު ބޭފުޅެއްގެ ނަންފުޅު ހަނދާންނެތިގެން ނުވަތަ ވާހަކައިގައި އަޅުގަނޑަށް ނުގެނެވިއްޖިއްޔާ، ފަހުން މާ ރަނގަޅެއް ނުވާނެކަންނޭނގެ. އެހެންވީމާ، އެހެންނުވާނެ ކަމަށް އުންމީދު ކުރަމުން، އެއްވެސް ބޭފުޅެއްގެ ނަންފުޅު އަޅުގަނޑު ނުބުނެ، ޝުކުރު އަދާނުކޮށް ހުރިއްޔާ އަތްޕުޅު އުފުއްލާލައްވަނިކޮށް އެބޭފުޅަކަށް އަޅުގަނޑު ޝުކުރު ދަންނަވާނަން.

އާދެ! ކޮންމެއަކަސް މިއީ ވަރަށް މުހިންމު މަޝްރޫޢެއް އިނގޭތޯ. އަޅުގަނޑު ވަރަށް އުފާކުރަން މިކަހަލަ ކަމެއް ކުރިއަށް ގެންދަވާތީ. އެއީ، ބަގީޗާ އަވަށެއްގެ ގޮތުގައި ވިލިނގިލި ހެއްދެވުމަކީ، އަޅުގަނޑު ހިތުން ވިލިނގިއްޔަށް ހަމަ ވަރަށް ރީތި ނަމެއް ލިބިގެންދާނެ ކަމެއް. އެހެން ރަށްތަކަށް، އެހެން އަވަށްތަކަށް ނަމޫނާއަކަށްވާނެ ކަމެއް.

ބަގީޗާ ހެއްދުމަކީ ވަރަށް ރީތި ފަންނެއް ދޮއެއްތޯ. އެކަމާ ބެހޭގޮތުން އަޅުގަނޑަށް މާގިނަ މަޢުލޫމާތު ލިބިފައި ނެތްނަމަވެސް، އަޅުގަނޑުވެސް ބަގީޗާތައް ވަރަށް ބަލާހިތްވޭ. މިދެންނެވީ އޭގެ މަންޒަރު ފެނުނީމާވެސް ހިތަށް ވަރަށް ބޮޑަށް އުފާ ލިބޭކަމެއް އެއީ. ދެން ގަސް އިންދުމަކީ ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް އަޅުގަނޑުމެންގެ ރާއްޖެއަށް، ރާއްޖެފަދަ ތަނަކަށް. އެއީ، ތިމާވެށީގެ ގޮތުންވެސް ވަރަށްގިނަ ނުރައްކާތަކާ އަޅުގަނޑުމެން މިދަނީ ކުރިމަތިލަމުން. އަދި މުސްތަޤްބަލްގައި ކުރިމަތިލާންވެސްޖެހޭނެ.

އެހެންވީމާ، ރަށްރަށުގެ ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ގަސް އިންދުން. މިކަމަކީ، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭކަމެއް. ރާއްޖެ ފެހިކުރުމަށްވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރޭ. އަދި މި ހުސްވި މެއި މަހުގެ 8 ވަނަ ދުވަހު މިކަހަލަ އެހެން ޕްރޮގްރާމެއް ފަށާ ދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. އާދެ! އެއީ ޕްލާންޓް ފޮރ ޕްލެނެޓް: ބިލިޔަން ޓްރީސް ޕްރޮގްރާމްގެ ދަށުން އެއީ، އދ.ގެ ތިމާވެށްޓާ ބެހޭ ޖަމްޢިއްޔާއިން މުޅި ދުނިޔޭގައި ހިންގަވާ މަޝްރޫޢެއް. އެ މަޝްރޫޢު ރާއްޖޭގައި ފަށާ ދިނުމުގެ އުފާ އަޅުގަނޑަށްވަނީ ލިބިފައި. މިގޮތުން ރާއްޖޭގައި ގަސްއިންދުން ގިނަކުރުމަށާއި ރާއްޖެ ފެހިކުރުމަށް ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެން އެބަ ކުރަމު.

ދެން ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަކީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ވަރަށް ރަނގަޅު ނަސީބެއް ލިބިފައިވާ ބައެކޭ. އެއީ، ރާއްޖެ މިއޮންނަ ތަނުގެ ގޮތުން. ރާއްޖެ މިއޮންނަނީ އަބަދު އަވި ލިބޭ ގޮތެއްގައި. އެއީ ޚައްތުއިސްތިވާ މަތީގައި. އެހެންވީމާ، އަތްވަކީ ގަސްއިންދާ ހެއްދުމަށް ވަރަށްބޭނުންތެރި އެއްޗެއްކަމަށްވާތީ އަޅުގަނޑުމެންނަށް ލިބިފައިވާ ނަސީބު ވަރަށް ބޮޑު. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މާއަޅާ ގަސްގަހުގައި މާއެޅުމަށްވެސް ކޮންމެވެސް ވަރަކަށް އަތްވާއި އަދި ހޫނުކަން ބޭނުންވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެއަށް މިކަމުންވެސް ވަރަށްބޮޑު ފައިދާއެއް ލިބޭނެ. ދެން ގަސް އިންދުމުގެ ހުރި ފައިދާތަކުގެ ވާހަކަ ދައްކާ ކޮޅަކުންނުލާނެ. އެހެންވީމާ، އެވާހަކަ ކޮންމެހެން އަޅުގަނޑު ދައްކާކަށް ނެތިން.

ކޮންމެއަކަސް ދެންމެ މިތާނގައި މި ބައްދަލުވުން ފެށިގެން ދިޔައިރު އަލްޤާރީ ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ކިޔަވައިދެއްވި އާޔަތްތަކުންވެސް އެކަން އަޅުގަނޑުމެންނަށް ކީރިތި ޤުރްއާނުން އަންގަވާފައިވާ އެންގެވުމުގެ ބައެއް އެބަ އެނގޭ އާދެ! މާތްﷲ ވާރޭ ވެއްސެވިކަމާއި، އެވާރޭފެނުން ވަރަށްގިނަ ބާވަތްތަކުގެ ގަސްގަހާގެހި އުފެއްދެވިކަމާއި، އެގަސްގަހާގެހިން ލިބޭ މޭވާއާއި، ކާނާގެ ވާހަކަ. ތަފާތު ކުލަކުލައިގެ ތަފާތު ރަހަލާ، ތަފާތު ފައިދާތައް ހަށިގަނޑަށް ލިބޭ އެކިއެކި ކާނާ ލިބޭކަން މިއާޔަތުން އަޅުގަނޑުމެންނަށް އެބަ އެނގޭ.

އެހެންވީމާ، ޝައްކެއްނެތްގޮތުގައި ގަހަކީ، އިންސާނީ ދިރިއުޅުމަށް، އިންސާނުން އެކަންޏެއްނޫން ދޮއެއްތޯ. އިންސާނުންނާއި ޖަނަވާރުންގެ ދިރިއުޅުމަށް ވަރަށް ބޭނުން އެއްޗެއް. އެއީ އަޅުގަނޑުމެންގެ ކާނާގެ ވަރަށްބޮޑު ބައެއްވެސް މިއަންނަނީ ގަހުގެ ތެރެއިންލާފައި. އެއީ، ގަސްގަހާގެހި ނުވަތަ ދަނޑުގޮވާން ކުރާ ބާވަތްތަކުން ކާނާގެ އެންމެ މުހިންމު ބައިތައް މިއަންނަނީ. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑުމެން ގަސްގަހާގެއްސަށް ދޭންޖެހޭ ސަމާލުކަން ވަރަށްބޮޑު. އަދި ގަސް އިންދާ ހެއްދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ވަރަށް މުހިންމު.

އާދެ! ދެން އަޅުގަނޑާ މާބޮޑަށް ގުޅުންހުރި ކަމެއް ނޫންކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގަސްގަހަށް މިބޭނުންވާ ކާނާއާއި ބޭސް ބޭނުން ކުރައްވާއިރު ޤުދުރަތީގޮތުން ލިބެން ހުންނަ ތަކެތި ބޭނުން ކުރެއްވުން ވަރަށް މުހިންމު. އާދެ! އެއީ ގަހުގެ ބައިތައް ފީވެ ހަލާކުވެގެން ދިޔައިމާ އެބައިތަކުގެ ބޭނުން ކުރެއްވުމާއި އަދި އަޅުގަނޑުމެންގެ ރާއްޖެއިން ލިބެން ހުންނަ މަސްކުނޑި، ކަށިކުނޑިފަދަ އެއްޗެތީގެ ބޭނުން ކުރެއްވުމާއި، އަދި ގަހުގެ އެކިއެކި ބާވަތްތައް އަންދައިގެން ލިބޭ އަޅި ޚާއްޞަކޮށް ބޮނބިއަޅި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބޮނބިއަޅީގައި އެހެން ހުރިހާ އަޅިއެއްގައި ހުންނަ ވަރަށްވުރެ ޕޮޓޭސް ދިހަގުނަ އިތުރަށް ހުރެޔޭ ބުނާތީ އަހަން. އެހެންވީމާ، އެއީވެސް ތެދެއްކަމަށްވަންޏާ އެއީވެސް ވަރަށް މުހިންމު އެއްޗެއްކަންނޭނގެ ދޮގެއްތޯ.

އެހެންވީމާ، މިގޮތަށް ޤުދުރަތީ ގޮތުން ލިބެން ހުންނަ ތަކެތި ބޭނުންކުރުމުގެ މުހިންމުކަން ވަރަށްބޮޑު. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމެއްގައިވެސް، އަދި ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިހާރު ޤުދުރަތީ އެއްޗެތި ބޭނުން ކުރުމަށް، މިދެންނެވީ ގަސްގަހާގެހީގެ ކާނާއަށާއި ބޭހަށް ޤުދުރަތީ އެއްޗެތި ބޭނުން ކުރުމަށް ވަރަށްބޮޑަށް ބާރު އަޅަމުން ގެންދަނީ. އެހެންވީމާ، އަޅުގަނޑުމެންވެސް އެކަން ކުރަންޖެހޭނީ އެހެން ކަމަށް އަޅުގަނޑު ދެކެން.

ދެން އަޅުގަނޑު މިއަދު އެންމެ އުފާވިކަމަކީ، އަޅުގަނޑުމެންގެ މިތިބަ ކުޑަކުދިން މިކަމުގައި ބައިވެރިވާކަން. ޝައްކެއްނެތް. ކުޑަކުދިންގެ ހިތްތަކުގައި ގަސް އިންދާ ހެއްދުމަށް ޝައުޤުވެރިކަން އުފެދުމަކީ، އަޅުގަނޑުމެންގެ ކުރިމަގަށް އޮތް ވަރަށް ބޮޑު ހެޔޮ ފާލެއް. އެމީހުންނަކީ، އެކަން ކުރާ ބަޔަކަށްވެއްޖިއްޔާ ބޮޑެތިވީމާވެސް ކުރާނެ. އަދި އޭގެފަހުންވެސް އެހެންމީހުންނަށް ދަސްވެސްކޮށްދޭނެ. ދެން އެކަން އަޅުގަނޑު ވަރަށް އުފާކުރާ ކަމެއްގެ ގޮތުގައި ދަންނަވާލަން.

އެހެންވީމާ، މި ދުވަހަކީ ވަރަށްރީތި މޫސުމް ރީތި ދުވަހެއް. އެހެންނަމަވެސް ވަރަށް އަވިގަދަ ވަރަށް ހޫނު ދުވަހެއް. އަދި ތިޔަބޭފުޅުން ތިޔަ ތިއްބެވީވެސް ވަރަށް އެހެންގޮތަކަށް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ މާދިގު ކުރާކަށްނެތިން. އަދިވެސް އެއްފަހަރު އަޅުގަނޑާއި ނަސްރީނާ މިތަނަށް އައުމުން، ތިޔަބޭފުޅުން ތިޔަ ހިންގަވާ މަޝްރޫޢު ބަލައިލުމުގެ ފުރުޞަތު ދެއްވީތީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ތިޔަ ކުރައްވާ މަސައްކަތަށް ވަރަށްބޮޑަށް ހިތްވަރު އަރުވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތްލެއްވުން. އަދި ވިލިނގިއްޔަކީ، ބަގީޗާ އަވަށެއްގެ ގޮތުގައި ފެނިގެން ދިޔުން. ވިލިނގިލީ ރައްޔިތުންނަށް އަބަދުވެސް ކުރިއެރުމާއި ތަރައްޤީއާއި ބާއްޖަވެރިކަން މާތްﷲ މިންވަރު ކުރެއްވުން.

والسلام عليكم ورحمة اللّـه وبركاته.