بسـم اللَّـه الرّحمـٰن الرّحيـم

الحمد للَّـه ربّ العـالمـين، والصّـلاة والسّـلام على رسوله الأمين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

الســّلام عليـكم ورحـمـة اللّـه وبـركاتـه،

މިރޭ އަޅުގަނޑު އެންމެފުރަތަމަ ދަންނަވާލާނީ، މިމަހުގެ 24 ވަނަ ދުވަހު ވަޒީރުކަމުގެ ބައެއް މަގާމުތަކަށް، އަޅުގަނޑު ގެނައި ބަދަލާ ގުޅިގެން ދަންނަވާލަން ބޭނުންވާ ވާހަކައެއް.

އެނގިވަޑައިގަންނަވާނެ ފަދައިން، ވަޒީރުންގެ މަޖިލީހަކީ ދައުލަތް ހިންގުމުގެ ކަންތައްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވުމުގައި މުހިންމު ވާޖިބުތަކެއް އަދާކުރައްވާ މަޖިލީހެއް. އެމަޖިލީހުގެ މެންބަރުންނަކީ، ދިވެހި ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި ހިންގުމުގަޔާއި، ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި، އަޅުގަނޑާއެކު އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން.

މިކަން މިހެން އޮތުމާއެކު، އެވަގުތަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ވަޒީރުންގެ މަގާމުތަކަށް ބަދަލުގެނައުމަކީ، އަޅުގަނޑު ކުރަން ޖެހޭނެ ކަމެއް ކަމުގައި ދެކެން.

މިފުރުޞަތުގައި، ވަޒީރުންގެ ތެރެއިން މިފަހަރު މަގާމު ބަދަލުވި ބޭފުޅުންނާއި އަދި ވަޒީރުންގެ މަޖިލީހުގެ އެހެން މެންބަރުން ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ކޮށްދެއްވަމުން އެ ގެންދަވާ އަގުބޮޑު ޚިދްމަތްތަކަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ވަޒީރުންގެ މަޖިލީހަށް މިގެނެވުނު ބަދަލުތަކުގެ ސަބަބުން، އެއްވެސް ދާއިރާއެއްގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކަށް ބަދަލެއް ނާންނާނެ. ސަރުކާރުގެ ސިޔާސަތުތަކަކީ، ވަރަށް ފުންކޮށް ވިސްނާފައި، ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ކަނޑައަޅާފައި ހުންނަ ސިޔާސަތުތަކެއް.

މިގޮތުން ދަންނަވާލަން ބޭނުންވާ އެއްވާހަކައަކީ، ސަރުކާރުން މިހާރު އިޢްލާންކޮށްފައިވާ، އަދި އަޅުގަނޑުގެ އިޞްލާޙީ ޕްރޮގްރާމުގައި ހިމެނިފައިވާ، ލާމަރުކަޒީ އުސޫލުން ރަށްރަށާއި އަތޮޅުތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް، މިހާރުވެސް އެކަންކަން ކުރުމަށް ރޭވިފައިވާ ގޮތުގެ މަތިން، މާތްﷲގެ ވާގިފުޅާއެކު، ކުރިޔަށް ގެންދާނެ ވާހަކަ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ދެވަނަ ވާހަކައަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފާސްކުރައްވާ ނިންމެވުމަށް، މި ހިނގާ ޖޫންމަހުގެ 11 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމެވި މުހިންމު ނިންމެވުމަށް އަޅުގަނޑު ވަރަށްބޮޑަށް މަރްޙަބާކިޔާ ވާހަކަ. އެކަން އެގޮތަށް ނިންމެވި ކަމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަށާއި، ހުރިހާ މެންބަރުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމަވާދެއްވައިފިނަމަ، 2008 ވަނައަހަރު، ސިޔާސީޕާޓީތަކުގެ މެދުގައި ވާދަކުރެވިގެން ރާއްޖޭގައި ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ފުރްޞަތު ހުޅުވި، ރައްޔިތުންގެ އުންމީދު ފުރިހަމަވެގެންދާނެ.

ލޮބުވެތި ރައްޔިތުން!

ތިންވަނަ ވާހަކައަކަށް މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަރަށް ހިތާމަވެރި، އަދި ދިވެހި ރައްޔިތުންގެ ހިތްތަކަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ގެނެސްދިން ކަމެއްގެ ވާހަކަ.

އާދެ! މާފުށީ ޖަލުގައި މިމަހުގެ 5 ވަނަ ދުވަހުގެރޭ ހިނގާދިޔަ ހަމަނުޖެހުމުގައި، ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ދިވެހި ޒުވާނަކު ނިޔާވިކަން އެއީ، ވަރަށް ހިތާމަހުރި ކަމެއް. މިފުރްޞަތުގައި، އެރޭ ނިޔާވި އަލްމަރްޙޫމް މުސްލިޙު ޢައްބާސްގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާ ކުރަން. އަދި އޭނާގެ މަންމައަށާއި ބައްޕައަށާއި ޢާއިލާގެ އެންމެންނަށް ކެތްތެރިކަން ދެއްވައި، ސަވާބު އިތުރުކުރެއްވުން އެދި ދުޢާ ކުރަން.

މިމަހުގެ 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ކަންތައްތަކާ ގުޅިގެން، ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ މީހުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ހިންގި. މިއީވެސް، ވަރަށް ހިތާމަހުރި ކަމެއް.

ދިވެހިންގެ މެދުގައި ހަމަނުޖެހުން ހިންގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހިންގުމަކީ، ދިވެހިންގެ ސުލްހަވެރި ސިފަތަކުގެ ތެރޭގައި ނެތް އާކަމެއް ތަޢާރުފު ކުރުން.

ޖަލުގައި މިހިނގާދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކީ، ޖަލުގައި ތިބި ބަޔަކު ލައްވާ، މާލޭގައި ތިބި ބަޔަކު ސިޔާސީ ބޭނުމެއްގައި ކުރުވި ކަމެއް. އެފަދަ ހަމަނުޖެހުންތަކާއި ހަޅުތާލުތައް ހިންގުވުމާއި އެފަދަ ޤާނޫނާ ޚިލާފު ކަންކަމަށް ހިތްވަރުދިނުމަކީ، ފިތުނައަށް މަގު ހުޅުވިގެންދާނެ ވަރަށް ނުރައްކާތެރިކަމެއް. އެފަދަ ކަމެއް އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް އަދި އެއްވެސް ބަޔަކުވެސް ކޮށްގެނެއް ނުވާނެ.

އެއްވެސް ރައްޔިތަކަށް އަދަބެއް ދިނުމަކީ، ނުވަތަ އެއްވެސް ރައްޔިތަކު ބަންދު ކުރުމަކީ، އެއްވެސް ސަރުކާރަކުން ބޭނުންވާނެ ކަމެއް ނޫން. އެއީ، ކުށްކުރުން މަދުކުރުމަށާއި، ކުށްކުރާ މީހުން އިސްލާޙު ކުރުމަށާއި، މުޅި މުޖްތަމަޢުގެ އަމާންކަމާއި ސަލާމަތަށްޓަކައި، ކޮންމެ ސަރުކާރަކަށްވެސް ކުރަން މަޖުބޫރުވާ ކަމެއް.

މާފުށީ ޖަލުގައި ތިބިމީހުން ސަރުކާރާ މުޢާމަލާތު ކުރުމުގައި ހުށަހަޅާފައިވާކަންކަމަކީ، މިހާރުވެސް ސަރުކާރުގެ ސަމާލު ކަމުގައި ބަހައްޓައިގެން، ސަރުކާރުން ކޮށްދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަންތައްތަކެއް. ނުވަތަ ކުރުމުގެ މަގުމަތީގައިވާ ކަންތައްތަކެއް.

ޖަލުގެ ގަވާއިދާއި ޖަލުގައި ތިބޭ މީހުންނާ މުޢާމަލާތު ކުރުމުގެ އުސޫލުތައް އިތުރަށް އިސްލާޙުކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް.

ޖަލުގެ ބަންދުގައި ތިބި މީހުންނަށް އެކިއެކި މަސައްކަތް ދަސްކޮށްދީ، އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްގެން، ދާދިފަހުން ޖަލުގައި ވަކި އިމާރާތެއްވެސް ހެދި. އެކަމަކު، އެ ޚިދްމަތް ދޭން ފެށުމުގެ ކުރިން، އާދެ! މީގެ ދެމަހެއްހާ ދުވަސް ކުރިން، ޖަލުގައި ތިބި ބަޔަކު އެ އިމާރާތުގައި ރޯކޮށްލުމުން، އެޚިދްމަތް ދޭން ނުފެށުނީ. މިހާރު އަނެއްކާ، އެމަސައްކަތް ފެށްޓެވުމަށް، ޑީ.ޕީ.އާރ.އެސް އިން މަސައްކަތް ކުރައްވަމުން އެބަގެންދަވާ.

ޖަލުގައި ތިބި ވަރަށްގިނަ މީހުންނަކީ، މަސްތުވާތަކެތީގެ އެކިކުށްކުށުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން. އެފަދަ މީހުންނަށް ފަރުވާދީ، އިސްލާޙުކޮށް، މުޖްތަމަޢަށް އަނބުރާ ގެނައުމުގެ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ.

މިހެން ދަންނަވާއިރު، އިއްޔެއަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބައިނަލްއަޤްވާމީ ދުވަސްކަން އަޅުގަނޑު ހަނދާން ކުރަން. އެހެން ވުމާއެކު، މި މުނާސަބަތުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި، ރާއްޖޭގައި އުފެދިފައިވާ އަމިއްލަ ޖަމާޢަތްތަކަށާއި، ރާއްޖޭގައި މުހިންމު އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ފަރާތްތަކަށާއި، ހުރިހާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި، އާ ޢަޒުމަކާ އާ ހިތްވަރަކާއެކު އެންމެން އެކުގައި މަސައްކަތް ކުރުމަށް.

ލޮބުވެތި ރައްޔިތުން!

މިވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފައިސާގެ ގޮތުން އެކަނި ބެލިނަމަވެސް، ޖަލާގުޅުން ހުރި ކަންކަމަށްވަނީ ސަރުކާރުގެ ބަޖެޓުން ވަރަށްގިނަ އަދަދެއްގެ ފައިސާ ޚަރަދު ކުރެވިފައި. ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، އަދި އާމްދަނީގެ ވަސީލަތްތައް ފުޅާކުރުމުގައި ބޮޑެތި ދަތިތަކެއް ހުރި ޤައުމެއް ނަމަވެސް، ހުރިހާ ކަމަކަށްވެސް އިސްކަންދޭން ބޭނުންވޭ. ހުރިހާ ކަންކަމަކީވެސް، އެންމެ މުހިންމު ކަންތައްތައް. ތަޢްލީމުވެސް، މަދަރުސާވެސް، ޞިއްޙަތުވެސް، ހޮސްޕިޓަލްވެސް، ކަރަންޓުވެސް، ބަނދަރުވެސް، އިޤްތިޞާދީ ފުރްސަތުތައްވެސް، ވަޒީފާގެ ފުރްޞަތުތައްވެސް، ހަމަކޮންމެ ރަށަކަށް، ކޮންމެ އާބާދީއަކަށް މުހިންމު.

ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، ބައެއް ކަންކަން، މީހުން އުންމީދު ކުރާހާ ބާރަކަށް ނުދާނެކަން އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލު ކުރެވޭނެ. އެކަމަކު، ތަޞައްވުރެއް އޮވެގެން، ޢަޒުމެއް އޮވެގެން، ކަށަވަރުކަމާއެކު މިދަނީ، ކުރިއަށް ފިޔަވަޅުތަކެއް އަޅަމުންނޭ ދަންނަވާލަން އަޅުގަނޑު ބޭނުންވޭ.

ލޮބުވެތި ރައްޔިތުން!

އެންމެފަހު ވާހަކައަކަށް މިރޭ މިދަންނަވާލަނީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އުންމީދުތަކަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ވާހަކައެއް.

އާދެ! އިޤްތިޞާދީ ހަރަކާތްތެރިކަން އިތުރުކޮށް، ޤައުމުގެ ކުރިއެރުމާއި ތަނަވަސް ކަމުގައި ވަކިވަކި ފަރުދުންނަށް ހިއްސާވެވޭފަދަ ގޮތަކަށް އިޤްތިޞާދީ ސިޔާސަތު ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް މިދަނީ އަޅަމުން. މިވާހަކަ މިރޭ މިދަންނަވާލީ، 5 އަތޮޅެއްގައި ސަރަޙައްދީ ވައިގެ ފަސް ބަނދަރު ހެދުމާއި، އެއިން ކޮންމެ ވައިގެ ބަނދަރަކާ ގުޅިގެން، ރިޒޯޓު ހޮޓާހެދުމުގެ މަސައްކަތް ކަނޑައެޅިފައިވާ ކުރު މުއްދަތެއްގެ ތެރޭގައި ފެށުމަށް މިހާރު ހަމަޖެހިފައިވާތީ.

މިކަމާއި، އަދި މިހާރު އަލަށް ހެދެމުންދާ ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި، އެނޫންވެސް ތަފާތު ބޮޑެތި އިޤްތިޞާދީ މަޝްރޫޢުތައް، ކުރިއަށް އޮތް ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމުމުން، އިރާދަކުރެއްވިއްޔާ، ދިވެހިންގެ ގިނަބަޔަކަށް ވަޒީފާގެ ފުރްޞަތުތައް އިތުރުވެގެންދާނެ. ގިނަބަޔެއްގެ ޖީބުގެ ތަނަވަސްކަން، މިހާރަށްވުރެ ރަނގަޅު ވެގެންދާނެ. ރަނގަޅު އާމްދަނީއެއް ލިބޭ އާއިލާތައް އިތުރުވެގެންދާނެ.

އަޅުގަނޑުމެން ދިވެހިން މިއަދު ދެކެމުންމިދަނީ، ބަދަލުވަމުންދާ ދިވެހިރާއްޖެއެއް. ބަދަލުވަމުންމިދާ ހާލަތުގެ ފުޅާމިނަށާއި ފުންމިނަށް އަޅުގަނޑުމެން އެންމެންވެސް ފުރިހަމައަށް އަހުލުވެރިވާންޖެހޭ. އާ އުސޫލުތަކާއި އާ ވިސްނުންތައް އިޚްތިޔާރު ކުރަންޖެހޭ. ރައްޔިތުންގެ އުންމީދުތަކަށް އިޖާބަދެވޭނީ އޭރުން.

ލޮބުވެތި ރައްޔިތުން!

މަހަކު އެއްފަހަރު ލޮބުވެތި ދިވެހި ރައްޔިތުންނާ މުޚާޠަބު ކުރުމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް، މިފުރުޞަތު ބިނާކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން. އޭރުން މިފުރުޞަތަކީ، ޤައުމުގެ މުހިންމު އެކިކަންކަމުގައި އަޅުގަނޑުގެ ވިސްނުން ހުރިގޮތް ރައްޔިތުންނަށް ދަންނަވާލެވޭ ފުރުޞަތަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން.

އެހެންވުމާއެކު، ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިދެއްވުމަކީ، ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެދޭ އިޚްލާޞްތެރި އެދުމެއް. އަޅުގަނޑު ބޭނުންވަނީ، ދިވެހި ރައްޔިތުންގެ ޝުޢޫރުތަކުގެ މައްޗަށް، އަދި ރައްޔިތުންގެ މަޞްލަޙަތުގެ މައްޗަށް ބިނާކޮށްގެން، ސަރުކާރުން އަބަދުވެސް ކަންތައްތައް ރާވާ ހިންގަމުން ގެންދިޔުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ދިވެހިރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހިން އެކަތިގަނޑެއްގެ ގޮތުގައި މިހާތަނަށް ހިފަހައްޓައިދިން އަގުތަކާއި ހަމަތައް، ދޫވެދިޔަނުދީ، އެއަގުތަކާއި ހަމަތަކުގައި އިތުރު ބާރަކާއެކު އަލުން ހިފަހައްޓަންވެއްޖެ ވާހަކަ.

އާދެ! ސިޔާސީ ތަފާތުތަކުގެ ސަބަބުން، ނުވަތަ ދީނީ އެކިއެކި ވިސްނުމުގެ ސަބަބުން، އެކި ބިތްބިތަށް މީހުން ކެހިގެން ދިޔުމަކީ، އަޅުގަނޑުމެންނަށް ފުރުޞަތު ދެވެން އޮތް ކަމެއްނޫން. އެފަދަ ދުވަހެއް އައުމަކީ، އަޅުގަނޑުމެން ދިވެހިންގެ ޤައުމިއްޔަތަށް، އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެގެންދާނެ ކަމެއް.

ކޮންމެ ދިވެއްސަކީ ޒިންމާ އުފުލާ، ތިމާގެ މަސްއޫލިއްޔަތުތަކުގެ އިޙްސާސް ފުރިހަމައަށްކުރާ މީހަކަށް ވާންވެއްޖެ. ތިމާގެ މުޖުތަމަޢަށާއި ތިމާގެ ޤައުމަށް، ތިމާގެ ޒިންމާއެއް އެބައޮތްކަމުގައި، ކޮންމެ ދިވެއްސަކުވެސް ގަބޫލުކުރަންވެއްޖެ. އަދި އެ ޒިންމާ ދިވެހި ކޮންމެ ރައްޔިތަކުވެސް އަމާނަތްތެރިކަމާއެކު އުފުލަންވެއްޖެ.

މާތްﷲ، އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށި! ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ކަންތައްތައް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން.

والسـّلام عليـكم ورحمـة اللّـه وبـركاتـه.