بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه واصحابه أجمعـين

އާދެ! މިރޭ މި ބޭއްވޭ ޖަލްސާއަކީ، ކީރިތި ޤުރްއާން ކިޔެވުމުގެ 22 ވަނަ ޤައުމީ މުބާރާތުން އެކިއެކި އިނާމުތައް ޙާޞިލުކުރާ ދަރިވަރުންނަށާއި ފަރާތްތަކަށް އިނާމު ދިނުމަށާއި، އަދި ރާއްޖޭގައި ބޭއްވުނު 12 ވަނަ ދީނީ މަޒުމޫނު ލިޔުމާއި، ދީނީ ޅެން ހެދުމުގެ މުބާރާތުންވެސް އެކި މަގާމުތައް ޙާޞިލު ކުރެއްވި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވޭ ޖަލްސާ.

އާދެ! މިޖަލްސާގެ ތަޢާރުފުގައި، އަދި ތިޔަބޭފުޅުންނަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ނާއިބު ރައީސް ފަޟީލަތު އަލްއުސްތާޛުއްޝައިޚު އަޙްމަދު ފާރޫޤު މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑަށް ވިދާޅުވި މަރްޙަބާއަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިފަދަ ފުރުޞަތެއް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ ރައީސް ފަޟީލަތު އަލްއުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމަށާއި، ނާއިބު ރައީސަށާއި، އަދި އެ މަޖިލީހުގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިރޭގެ މިއުފާވެރި ޖަލްސާގައި، ކީރިތި ގުރްއާން ކިޔެވުމުގެ 22 ވަނަ ޤައުމީ މުބާރާތުން އިނާމު ޙާޞިލުކުރާ ހުރިހާ ދަރިވަރުންނަށާއި، ސްކޫލް މަދަރުސާތަކަށާއި، ޤުރްއާން ކްލާސްތަކަށާއި، އަމިއްލަ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. ހަމައެޔާއެކު، ދީނީ މަޒުމޫނު ލިޔުމާއި، ދީނީ ޅެން ހެދުމުގެ 12 ވަނަ މުބާރާތުން އެކިއެކި މަތީ މަގާމުތައް ޙާޞިލުކުރާ ދަރިވަރުންނަށާއި ސްކޫލްތަކަށާއި އަމިއްލަ ފަރާތްތަކަށްވެސް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަން.

އާދެ! މި މުބާރާތަކީ، ވަރަށް މުހިންމު މަޤްޞަދެއްގައި ސަރުކާރުން ބާއްވަމުން ގެންދާ މުބާރާތެއް. އެއީ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރުކުރުން. އެކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުން. ކީރިތި ޤުރްއާނަށް އިޙްތިރާމްކުރާ ކުރުން އިތުރުކުރުން. ކީރިތި ޤުރްއާނަށް އަޅުގަނޑުމެން ޢަމަލުކުރާ ގޮތް ފުރިހަމަކުރުން. މި މުހިންމު މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި، މި މުބާރާތް ސަރުކާރުން ބާއްވަމުން ގެންދާތާ މިހާރު މިވީ 22 އަހަރު.

އާދެ! މި މުބާރާތް އިންތިޒާމް ކުރައްވައި މި ބާއްވަވަނީ އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހާއި، މިހާރަކަށް އައިސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ދެފަރާތް ގުޅިގެން. އެފަރާތްތަކުން މި މުބާރާތް އިންތިޒާމު ކުރައްވައި ބާއްވަވާލެއް ފުރިހަމަކަމަށްޓަކައި، އެދެފަރާތަށްވެސް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރުކުރުމަށާއި، ތަޖުވީދުގެ ހަމަތަކަށް ޤުރްއާން ކިޔަވައިދެއްވުމަށް މައިންބަފައިންނާއި ބެލެނިވެރިންނާއި، ސްކޫލްތައް ހިންގަވާ ފަރާތްތަކާއި މުދައްރިސުން ދެއްވާ އަހަންމިއްޔަތަށްޓަކައި، އެހުރިހާ ފަރާތްތަކަށާއި ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ޝައްކެއްނެތް. ކީރިތި ޤުރްއާނަކީ، މާތްﷲގެ ކަލާމްފުޅު. އިލާހީ ޤާނޫނު. އިލާހީ ދުސްތޫރު. އިލާހީ ދުސްތޫރަށް އަޅުގަނޑުމެން ބޯލަނބަންޖެހޭ. ކިޔަމަންވާންޖެހޭ. އިޙްތިރާމް ކުރަންޖެހޭ. އަދި އިލާހީ ދުސްތޫރުގައިވާ ކަންތައްތައް ދެނެގަނެ، އަޅުގަނޑުމެންގެ އަޚްލާޤާއި ސުލޫކާއި ޢަމަލުތައް އެއާ އެއްގޮތަށް ބަހައްޓަންޖެހޭ. މިފަދަ މާތް ފޮތެއް އަޅުގަނޑުމެންގެ އަތްމަތީގައި އޮންނައިރު، އެފޮތަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް ދިނުމަކީ، ހަމަ ކޮންމެ މުސްލިމެއްގެވެސް ވާޖިބު. އެހެންވީމާ، ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމުންވެސް މިމަޤްޞަދު ޙާޞިލުވަމުންދާކަން އެއީ، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. މިކަން ފުރިހަމަގޮތުގައި ކުރެއްވުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތަކުންނާއި، އަދި އަމިއްލަ މަދަރުސާތަކާއި ސްކޫލްތަކުންނާއި، އަދި ކިޔަވާ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން މި ކުރައްވާ މަސައްކަތްތަކުގެ އަގު އަޅުގަނޑު ވަޒަން ކުރަން. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި، ވަރަށް ޅަޢުމުރުގެ ކުދިންނާއި، އެއަށްވުރެ ތަންކޮޅެއް ދޮށީ ކުދިންނާ ޒުވާނުން ހިމެނޭ. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަށްވެސް، އެފަރާތްތަކުން މިކަމުގައި އެ ކުރަމުންދާ މަސައްކަތް ބޮޑުކަމާއެކުގައި އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ.

މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި ވަރަށް ޅަޢުމުރުގެ ކުދިންވެސް ހިމެނޭ. އެކުދިން މިތަނަށް ޙާޒިރުވެ ތިބުމާ އެކީގައި މިފަދަ ޖަލްސާއެއް މާދިގު ކުރުމަކީ، ރަނގަޅު ކަމަކަށް ނުވާނެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅުވެސް މާދިގެއް ނުކުރާނަން.

ކުޑަކުދިންނަށް ނަޞޭޙަތުގެ ގޮތުން އަޅުގަނޑު ބުނަން އޮތް ވާހަކައަކީ، ތިޔަކުދިންނަށް ލިބިފައިމިވާ އަގުހުރި ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފާށޭ. މާތްﷲގެ ފަޟުލުވަންތަވެރިކަމުން ތިޔަކުދިންނަކީ، ހާދަ ނަޞީބުވެރި ބަޔެކޭ. އެހެން މިދެންނެވީ، މީގެ ކުރީ ޖީލުތަކަށް ބަލާއިރު، އެޖީލުތަކަށް ލިބިފައި ނުވާފަދަ ފުރިހަމަ ފުރުޞަތެއް، މިއަދުގެ ދަރިވަރުންނަށް މިވަނީ ލިބިފައި. މިއަދުގެ ކިޔަވާ ކުދިންނަށާއި، ޒުވާނުންނަށް ލިބިފައިމިވާ ފުރުޞަތަކީ، ރާއްޖޭގެ ތާރީޚުގައި މީގެކުރިން ދުވަހަކުވެސް ލިބިފައިނުވާފަދަ ތަނަވަސް ފުރުޞަތުތަކެއް.

އާދެ! ތަންކޮޅެއް ކުރީގެ ޖީލުތަކުގެ ކުދިން ޤުރްއާން ކިޔަވާއިރު، އެކުދިންގެ އެދުރުންގެ ގޮތުގައި، ނުވަތަ އެކުދިންނަށް ޤުރްއާން ކިޔަވައިދޭން ތިބެނީ، އެކުދިންގެ މައިންބަފައިން. ނުވަތަ ކޮންމެވެސް އެދުރު ބޭކަލެއް. ނުވަތަ ކޮންމެވެސް އެދުރު ދައިތައެއް. އޭރުގައި އެބޭފުޅުން އެކުރެއްވި މަސައްކަތް ކިތަންމެ އިޚްލާޞްތެރި ކަމުގައިވިޔަސް، ކިތަންމެ ބުރަ ކަމުގައިވިޔަސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ތިއްބެވި ޤުރްއާން މުދައްރިސުންނާއި، ޤާރީން އެކަމަށް ތައްޔާރުވެވަޑައިގެންފައި ތިއްބެވި ފެންވަރަކަށް ނުވަތަ އެކަމުގެ ތަޢްލީމާއި ހުނަރު ޙާޞިލު ކުރައްވާފައިވާ ފެންވަރާ ގާތަށްވެސް، ކުރީގެ މިދެންނެވި ބޭފުޅުންނަކަށް ތަޢްލީމު ޙާޞިލު ކުރެއްވިފައެއް ނުހުންނާނެ. އެއީ ހަމަ ޠަބީޢީ ކަމެއް. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި މި ތިއްބެވި ޤުރްއާން މުދައްރިސުންނާއި ޤާރީންނަކީ، ދުނިޔޭގެ ފެންވަރުގައި އެކަމުގެ ހުނަރާއި ތަޖުރިބާއާއި މަޢްލޫމާތާއި ޤާބިލިއްޔަތު ޙާޞިލު ކުރައްވާފައިވާ ބޭފުޅުންކޮޅެއް. ބޭރު ދުނިޔޭގައި ބޭއްވޭ އެކިއެކި މުބާރާތްތަކުގައި ރާއްޖޭގެ ޤާރީން މަތީ މަގާމުތައް ޙާޞިލުކުރާކަމީ، މިދެންނެވި ބަހުގެ ފުރިހަމަ ހެތްކެއް ކަމުގައި ނުވެއެއް ނުދާނެ.

އާދެ! މިފަދަ ތަނަވަސް ފުރުޞަތެއް، މިއަދު ތިޔަ ކުދިންނަށް ލިބިފައިވާކަން ތިޔަކުދިން ހަނދާން ކުރަންޖެހޭނެ. އެހެންވީމާ، މިފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ކީރިތި ޤުރްއާނަށް ބަހައްޓަންޖެހޭ އިޙްތިރާމް ތިޔަކުދިން ބަހައްޓަންޖެހޭނެ. ތިޔަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް އޮންނަންޖެހޭ ޤަދަރު، ތިޔަކުދިން އިތުރުކުރަން ޖެހޭނެ. ކީރިތި ޤުރްއާނަކީ، ކޮންފަދަ މާތް، ކޮންފަދަ މުޤައްދަސް ފޮތެއްކަން ތިޔަ ހުރިހާ ކުދިން ރަނގަޅަށް ދަންނަން ޖެހޭނެ. އަދި މި ލިބުނު ފުރުޞަތުގެ ބޭނުން ކޮށްގެން، ތިޔަކުދިން ކީރިތި ޤުރްއާން ކިޔެވުމުގެ ހުނަރު އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރަންވެސް ޖެހޭނެ.

އާދެ! ޝައްކެއްނެތްގޮތުގައި ރާއްޖެ މިދަނީ ކުރިއަށް. ރާއްޖޭގެ ތަޢްލީމުވެސް މިދަނީ ކުރިއަށް. ރާއްޖޭގެ ތަޢްލީމުގެ ފުރުޞަތުތައް، އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ތަނަވަސްވަމުން. އެހެންވީމާ، ރާއްޖޭގައި ހަމައެކަނި ދޭ ރަސްމީ ތަޢްލީމެއް ނޫން. އޭގެއިތުރުން، ރާއްޖެއަށް ބޭނުންވާ ޒަމާނީ އެކިއެކި ހުނަރުތަކުގެ ތަޢްލީމުވެސް ރާއްޖޭގައި މިހާރު މިދަނީ ދެވެމުން. މީގެތެރޭގައި، އަދި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، އިސްލާމީ ތަޢްލީމު ރާއްޖޭގައި މިހާރު ކުރިއަށްވުރެ މާ ތަނަވަސް ގޮތެއްގައި ދެވެމުން އެބަދޭ. މިއީވެސް އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ކަމެއް. މިހާރު ރާއްޖޭގައި މަތީ ފެންވަރަށް ކިޔަވައިދޭ އިސްލާމީ ތަޢްލީމީ މުއައްސަސާތަކެއް އެބަހުރި. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ އެބަހުރި. އަދި އަލްމަދަރުސަތުލް ޢަރަބިއްޔާ އަލްއިސްލާމިއްޔާވެސް އެބަހުރި. އަދި އެނޫން ތަންތަންވެސް އެބަހުރި. މިއީ ރާއްޖޭގައި ކުރިން ހުރި ތަންތަނެއް ނޫން.

ދީނީ ތަޢްލީމު ޙާޞިލު ކުރުމުގެ ފުރުޞަތުވެސް މިހާރު މިވަނީ ވަރަށްބޮޑުތަން އިތުރުވެފައި. އަދި އަޅުގަނޑުމެން މިދޭ ދީނީ ތަޢްލީމުގެ ފެންވަރުވެސް މިވަނީ، ކުރީ ޒަމާންތަކާ އަޅާބަލާއިރު ވަރަށްބޮޑުތަން މައްޗަށް ގެންދެވިފައި. މިފަދަ ފުރުޞަތުތައް ހުޅުވާލެވި، އޭގެ ބޭނުން ދިވެހި ކިޔަވާ ކުދިންނަށާއި ޒުވާނުންނަށް ލިބެމުންދާކަމީ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން އުފާކުރަންޖެހޭނެ ކަމެއް. އެހެންވީމާ، މި ތަޢްލީމީ ފުރުޞަތުތައް މިއަދު ލިބިފައި ތިބި ކުދިން، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ، ވަރަށް މުހިންމު ކަމެއް.

އާދެ! އަޅުގަނޑު ދެންމެ މިދެންނެވި އުޞޫލުން ކަންތައްތައް ތަރައްޤީވެ ކުރިއަރަމުންދާއިރު، ކީރިތި ޤުރްއާނާ ބެހޭގޮތުން ނުވަތަ ކީރިތި ޤުރްއާން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމާ ބެހޭގޮތުންވެސް އިތުރު ކުރިއެރުމެއް ލިބުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވާލުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

އާދެ! ކީރިތި ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށްޓަކައި މުޤައްރަރުތައް އިޞްލާޙު ކުރުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން. މި މަސައްކަތް ނިމުމުން އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި ގްރޭޑް 1 ން 7 އަށް ކިޔަވައިދޭން ފެށޭނެ. މިކަމަށް މުދައްރިސުން ބޭނުންވާނެ. މިކަމަށް ބޭނުންވާ މުދައްރިސުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިންނާއި، ކީރިތި ޤުރްއާނާބެހޭ މަރްކަޒުން މިއަހަރު ފަށްޓަވާނެ. އަޅުގަނޑު ދަންނަވާނީ މިއީވެސް ދިވެހި ކިޔަވާ ކުދިންނަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކޭ. މިފަދަ ފުރުޞަތުތަކުގެ ބޭނުން އެކުދިން ވަރަށް ރަނގަޅަށް ހިފަން ޖެހޭނެއޭ.

އާދެ! ދެން ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ޅަދަރިން، އަޅުގަނޑުމެންގެ ކުޑަކުދިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަކީ ވަރަށް މުހިންމު ކަމެކޭ. އެކަމަށް އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންވާނެއޭ. މައިންބަފައިން، ބެލެނިވެރިން، މުދައްރިސުން، މުޖްތަމަޢުގައި އުޅޭ ހަރުމީހުން. އަޅުގަނޑުމެންގެ ކުޑަކުދިންނަށް ރަނގަޅު އިސްލާމީ ތަރުބިޔަތެއް ދެއްވުމަށް މިއެންމެންވެސް މަސައްކަތް ކުރެއްވުމަކީ، ހަމަ މިއަދު ކޮންމެހެން ކުރައްވަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން.

އާދެ! މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އަޚްލާޤު އަޅުގަނޑުމެންގެ ކިޔަވާ ކުދިންނާއި ޅަދަރިންގެ ހިތްތަކުގައި އަދި އެކުދިންގެ ޢަމަލުތަކުގައި އެކުދިންގެ ސުލޫކުތަކުގައި އަށަގަންނުވަންޖެހޭނެ. އަޅުގަނޑުމެން ކުދިންދެކެ ލޯބިވުމަކީ، އެކުދިން ބޭނުންވާހާ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލުމެއް ނޫން. އެކުދިންނަށް ހެޔޮގޮތުގައި އިރުޝާދު ދިނުން. ނަޞޭޙަތްދިނުން. މަޑުމައިތިރިކަމާއި ލޯތްބާ އެކީގައި، އެކުދިންނަށް ކަންތައްތައް އޮޅުންފިލުވައިދިނުން. ރަނގަޅު މަގަކުން ހިނގުމަށް އެކުދިންނަށް ބާރުއެޅުން.

ބައެއް މައިންބަފައިންނަށްވާ ގޮތަކީ، ކުދިން ދެކެވާ ލޯބިން ކުދިން ބޭނުންހާ ކަމެއް ކޮށްދެނީ. ކުދިން ބޭނުންވާހާ ގޮތަކަށް އުޅުމުގެ ފުރުޞަތު ދެނީ. ދެން ކުދިން އިޞްލާޙު ކުރަން ބަލާއިރު އޮންނަނީ ފުރުޞަތު ފާއިތުވެގެން ގޮސްފައި. ދެން ކުރެވޭނެ މާބޮޑު ކަމެއް ނޯވޭ. މިއީ، އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެއްޖެ ނުކުތާއެއް. ކޮންމެ ޖަމާޢަތެއްގައިވެސް، ކޮންމެ ބަޔެއްގެ މެދުގައިވެސް، އަމުރުވެރި ފަރާތްތަކެއް ހުންނާނެ. ކުޑަކުދިންނާ ބެހޭގޮތުން އަމުރުވެރި އެތައް ފަރާތްތަކެއް އެބަހުރި. އޭގެތެރޭގައި އެންމެ ފުރަތަމަ މައިންބަފައިން، ބެލެނިވެރިން، ދެން މުދައްރިސުން، ސްކޫލްތަކުގެ ހިންގުންތެރިން ހިމެނޭ. މިމީހުންނަކީ، ކުޑަކުދިންގެ އަމުރުވެރިން. ކިޔަވާ ކުދިންގެ އަމުރުވެރިން.

އަޅުގަނޑު މިދެންނެވި މަސްއޫލިއްޔަތު އާދެ! ކުދިން ހެޔޮގޮތުގައި ތަރުބިޔަތު ކުރުމަކީ، މިދެންނެވި ހުރިހާ އަމުރުވެރިންގެ މަސްއޫލިއްޔަތެއް. އެފަރާތްތަކުގެ ޒިންމާއެއް. ވާޖިބެއް. އެ މަސްއޫލިއްޔަތާއި އެ ޒިންމާ އަޅުގަނޑުމެން ފުރިހަމަ ކުރަންޖެހޭނެ. އެއްވެސް ހާލެއްގައި އެއަށް އިހުމާލުވެގެނެއް ނުވާނެ. އަޅުގަނޑުމެން މިއަދު މިދައްކަނީ، އަޅުގަނޑުމެންގެ ތެރޭގައި އަޚްލާޤީ ފެންވަރު ދަށްވަމުންދާ ވާހަކަ. ކުޑަކުދިންނާއި ޒުވާނުންނާއި އެނޫން މީހުންގެވެސް ޢަމަލުތައް ހުންނަނީ ވަރަށް ހިތާމަވެރި ގޮތެއްގައި ކަމަށް އަޅުގަނޑުމެން ބުނަމުން އެބަގެންދަމު. އެކަން އެހެން އެވަނީ ކީއްވެގެންތޯ އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލު ކުރަން އެބަޖެހޭ. އެކަން އެހެންވަނީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ވާޖިބު އަދާނުކުރާތީކަން ޤަބޫލުކުރަންޖެހޭ. އަޅުގަނޑުމެން، މައިންބަފައިން، ބެލެނިވެރިން، ޓީޗަރުން، ސްކޫލްތަކުގެ ހިންގުންތެރިން، މިމަސްއޫލިއްޔަތު އަދާކުރާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ކުދިންނަކީ، މިހާރު އެފެންނަ ފަދައިން، އަޚްލާޤީ ފެންވަރު ނުރަނގަޅު ކުދިންނަކަށް ނުވާނެ. އެކުދިންވާނީ ވަރަށް ފުރިހަމަ އަޚްލާޤެއްގެ ވެރި ބަޔަކަށް. އިސްލާމީ އަޚްލާޤުން ޒީނަތްތެރިވެފައިވާ ބަޔަކަށް. އެހެންވީމާ، މިނުކުތާއަށް ހުރިހާ އަމުރުވެރިން، އާދެ! ކުޑަކުދިންނަށް އަމުރުކުރައްވަން ތިއްބެވި މަގާމުތަކުގައި، އެކުދިންނަށް މަގު ދައްކަވަން ތިއްބެވި ހުރިހާ ފަރާތްތަކަކުން އަޅުގަނޑު މިދެންނެވި ވާހަކައަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، އެކަން އެގޮތަށް ގެންގޮސް ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް ކަމުގައި ދަންނަވާލަން.

އާދެ! އަޅުގަނޑުމެން މާތް اللّـه سبحـانـه وتعـالى އަށް އަބަދުވެސް ޙަމްދާއި ޝުކުރު ދަންނަވަންޖެހޭ. އެއީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްކެވީތީ. އެހިދާޔަތުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވީތީ. ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް ހަދިޔާ ކުރެއްވީތީ. ކީރިތި ޤުރްއާނުގައިވާ އެއްޗެއް އެނގުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވީތީ. އަޅުގަނޑުމެން އުޅެންވީ މަގު، އަޅުގަނޑުމެންނަށް ދެއްކެވީތީ. މުޅި އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަޅުގަނޑުމެންގެ ހިދާޔަތަށްޓަކައި، އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށްޓަކައި، އަޅުގަނޑުމެންގެ މަތިވެރި ނަމޫނާއަކަށް ވެވަޑައިގަތުމަށްޓަކައި ފޮނުއްވައި ދެއްވީތީ. މިހުރިހާ ނިޢުމަތްތަކަކަށް اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް އަޅުގަނޑުމެން ޙަމްދާއި ޝުކުރު ދަންނަވަންޖެހޭ. އަދި މިފަދަ ކޮންމެ މުނާސަބަތެއްގައި މިކަން އަޅުގަނޑުމެން ހަނދާނަށް ގެނެސް، ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ހިތްވަރާއި ޢަޒުމް އެންމެންގެ ހިތުގައި އަށަގަންނުވަންޖެހޭ.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތްތަކަށް ޙައްޤު ގޮތުގައި ޝުކުރު އަދާކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އެކަލާނގެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ކުރުމުގެ ވާގިވެރިކަން އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންނަކީ އެކަލާނގެ ދެއްވި މަގުގައި އަބަދުވެސް ސާބިތުކަމާއެކު ކުރިއަށްދާ ބަޔަކު ކަމުގައި ލެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް އިތުރު ކުރިއެރުމާއި ތަރައްޤީއާއި އުފާ ފާގަތިކަމާއި ބާއްޖަވެރިކަން އެކަލާނގެ މިންވަރު ކުރެއްވުން.

والسلام عليكم ورحمة اللّـه وبركاته.