بسـم اللَّـه الرّحمٰـن الرّحيـم

الحمـد لِلّـهِ ربّ العَـالمين ، والصّلاة والسّلام على خاتم الأنبياء وسيّدالمرسلين ، وعلى آله وأصحابه أجمعين.

އާދެ! މިއަދު އަސާސީ ތަމްރީނު ކޯހުގެ ދެބުރެއް ނިންމަވައި ސިފައިންގެ ޚިދުމަތާ ތިޔަ ގުޅިވަޑައިގެން ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި މި ދެކޯހުގެ ދަރިވަރުން ސިފައިންގެ ޚިދުމަތާ ތިޔަ ގުޅުނީ ތިޔަ ދަރިވަރުންގެ ހިތްތަކުގައި، ތިޔަ ޚިދުމަތަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް އޮވެގެން. ތިޔަކުދިންގެ އަމިއްލަ އިޚްތިޔާރުގައި. އެއީ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް.

ޤައުމީ ވާޖިބު އަދާކުރުމަށް ކުރިމަތިލާ ޒުވާނުންނަކީ، ޤައުމަށް ވަރަށްބޮޑެތި ޚިދުމަތްތަކެއް އަދާކޮށްދެވިދާނެ ބައެއް. އަޅުގަނޑުމެން އެންމެންގެ މަސައްކަތުން އަޅުގަނޑުމެންގެ މިލޮބުވެތި ދިވެހި ޤައުމު، ދިވެހިރާއްޖެއަކީ، އަމާން، ޞުލްޙަވެރި، ތަރައްޤީގެ މަގުގައި ކުރިއަށްދާ، ބާއްޖަވެރި މުޖްތަމަޢެއް ދިރިއުޅޭ ޤައުމަކަށް ހެދިދާނެ. އެކަމުގައި ސިފައިންގެ ބައިވެރިވުން ވަރަށް މުހިންމު.

އާދެ! ޤައުމީ ޚިދުމަތުގެ ތަފާތު ރޮނގުރޮނގު ހުރޭ. އޭގެތެރެއިން ސިފައިންގެ ޚިދުމަތަކީ، ވަރަށް ޝަރަފުވެރި، ވަރަށް މަތިވެރި ރޮނގެއް. މިނިވަން އެއްވެސް ޤައުމަކަށް މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮވެވޭނީ، އެޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވިގެން. އެޤައުމަކަށް ކުރިމަތިވާ ނުރައްކާތަކުން ދިފާޢު ވެވިގެން. އެނުރައްކާތަކުގެ ތެރޭގައި، ބޭރުން އަންނަ ނުރައްކާތަކާއި އެތެރެއިން އަންނަ ނުރައްކާތައް ހިމެނޭ. ދެންމެ ތިޔަ ދަރިވަރުން ކުރި ހުވާގައި އެކަން އެބަ ބަޔާންކުރޭ. ދުޝްމަނުންނާއި ބަޣާވަތްތެރިންގެ ނުރައްކަލުން ޤައުމާއި، ރައްޔިތުންނާއި، ވެރިން، ސަލާމަތްކުރުމުގެ ވާހަކަ، އެ ހުވާގައި ވަނީ އައިސްފައި.

އާދެ! ދުޝްމަނުންނަކީ ބޭރުން އަންނަ ބައެއް. ދުނިޔޭގައި ކަންތައްތައް ހިނގަމުންދާ ގޮތުން ދުޝްމަނުންގެ ބަޔަކު ދިވެހިރާއްޖެއާ ދިމާނުކުރާނެ ކަމަކަށް ހީކުރާކަށެއްނުވާނެ. މީގެކުރިން، އާދެ! ތިޔަ ދަރިވަރުން ހަނދާންވެސް ނުހުންނާނެކަންނޭނގެ. 1988 ވަނަ އަހަރު، މީގެ އޮނަވިހި އަހަރު ކުރިން ރާއްޖެއަށް ދިމާވި ވަރަށް ނުރައްކާތެރި ޢުދުވާނީ ޙަމަލައެއް. ހަތިޔާރު އެޅި ބޭރުގެ ޓެރަރިސްޓުންގެ ބަޔަކު މާލެ އަރާ، ސިފައިންގެ މި މައި މަރުކަޒަށް ޙަމަލާދީ، އެމީހުން ކުރި ހަނގުރާމައިގައި ސިފައިންގެ އެތައް ބަޔަކު ޝަހީދުވެގެންދިޔަ. އަދި ޢާންމު ރައްޔިތުންގެވެސް އެތައްބަޔަކު ޝަހީދުވެގެންދިޔަ. އަދި އެތައްބަޔަކަށް އެކި ގެއްލުންތައް ލިބުނު. އެއީ، މުޅި ޤައުމަށް ދިމާވި ވަރަށް ނުރައްކާތެރި ދަނޑިވަޅެއް. އެހެންނަމަވެސް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން، ދިވެހި ސިފައިންނާއި ދިވެހިރައްޔިތުންގެ ހިތްވަރުގަދަކަމާއި ސާބިތުކަމުން، އެ ޢުދުވާނީ ޙަމަލަ އަޅުގަނޑުމެންނަށް ބަލިކޮށްލެވުނު. މިކަންކުރުމުގައި އިންޑިޔާ ސަރުކާރުގެ ދީލަތި އެހީވެސް އަޅުގަނޑުމެންނަށް ލިބުނު.

ދަންނަވަން މިއުޅޭ ވާހަކައަކީ، އެފަދަ ވަގުތުތަކުގައި އަޅުގަނޑުމެންގެ ސިފައިން ވާންޖެހޭނީ ވަރަށް ހުށިޔާރު ބަޔަކަށޭ. ކަމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވާ އަދި ކެރުމާއި، ސާބިތުކަމާއި، ހިތްވަރާއެކު ޤައުމީ ދިފާޢުގައި ކޮންމެފަދަ ނުރައްކަލަކަށްވެސް ކުރިމަތިލާން ކެރޭ ބަޔަކަށޭ. އެފަދަ ބަޔަކު ޤައުމުގައި ތިބެގެންނޫނީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައެއް ނޯންނާނެ.

ހަމައެހެންމެ، ބައެއްފަހަރަށް ޤައުމުގެ އެތެރެއިންވެސް އެކިއެކި ބަޣާވަތާ ކުރިމަތިލާންޖެހޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިކަން ދިމާވޭ. ރާއްޖޭގައިވެސް ބައެއްފަހަރު އެފަދަ ކަންތައްތައް ދިމާވެފައި އެބަހުރި. އެފަދަ ކަމެއް ދިމާވެއްޖެ ނަމަވެސް، ޤައުމާއި ރައްޔިތުންނާއި ސަރުކާރުގެ ސަލާމަތަށްޓަކައި، ސިފައިން ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ. އެހެންވީމާ، ސިފައިންގެ ޚިދުމަތަކީ، ކޮންމެ ވަގުތެއްގައިވެސް ޤައުމަށް ވަރަށް ބޭނުންތެރި، ވަރަށް ވަރުގަދަ، ވަރަށް މަތިވެރި ޚިދުމަތެއް.

އާދެ! ދިވެހިރާއްޖޭގެ ކަންތައްތައް އޮންނަ ގޮތުން ސިފައިންގެ ޚިދުމަތަކީ، ހަމައެކަނި މިދެންނެވި ދެ ދާއިރާއަށް ހަނިވެފައިވާ ޚިދުމަތެއް ނޫން. އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ސިފައިން ޚިދުމަތް ކުރަމުން ގެންދޭ. ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާން ތިބޭ ބަޔަކީ ސިފައިން.

އާދެ! އަޅުގަނޑުމެންގެ މި ޤައުމަށް ދިމާވެފައިހުރި މިފަދަ ބޮޑެތި ކަންތައްތަކުގެ ވާހަކަ ދައްކާއިރު، ސުނާމީ ކާރިސާގެ މަތިން އަޅުގަނޑުމެން ހަނދާން ހުންނާނެ. އަދި ރާޅުއެރުމާއި، ފެންބޮޑުވުމާއި، ވިއްސާރައިގެ ކަންތައްތަކާއި، މިނޫންވެސް ޤުދުރަތީ އެކިއެކި ހާދިސާތަކާއި އަދި ތަންތާނގައި އަލިފާންރޯވުންފަދަ ކަންތައްތަކާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ، މިހުރިހާ ކަމަކުން ދިވެހިރައްޔިތުންގެ ފުރާނައާއި، ދިވެހިރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރަންޖެހޭ ޖެހުމުގައި ސިފައިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް. އެކަމަށްޓަކައި ދިވެހި ސިފައިންނަށް ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށްބޮޑަށް ފަޚުރުވެރިވޭ. ވަރަށް އުފާކުރޭ.

އެންމެ ފަހުން އާދަޔާ ޚިލާފަށް އުދައެރުމާ ވިދިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް އަޅުގަނޑު ޒިޔާރަތް ކުރުމުން، އެރަށްރަށުގެ ރައްޔިތުންވެސް ސިފައިން ކޮށްދިން ޚިދުމަތުގެ ވާހަކަބުނި. އެކަމަށްޓަކައި އެމީހުން ވަރަށް އުފާކުރާ ވާހަކައާއި، ސިފައިންނާއި ފުލުހުންނަކީ ތިމަންނަމެންނާ އެކީގައި މަސައްކަތްކުރާ، ރައްޔިތުންގެ ޚިދުމަތުގައި ތިބި ބައެއްކަން ތިމަންނަމެންނަށް މިއަދު ވަރަށް ރަނގަޅަށް ހާމަވެއްޖެއޭ.

އެހެންވީމާ، ސިފައިންގެ ޚިދުމަތަކީ މިދެންނެވި ގޮތަށް އޮތް ޚިދުމަތެއް. ކޮންމެ ޚިދުމަތެއްގައިވެސް، ސާބިތުވެ ދެމިތިބުމަށްޓަކައި އަދި ކުރިއަށް ދިޔުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ބޭނުންވޭ. އޭގެތެރެއިން އެއްކަމަކީ، މަސްއޫލިއްޔަތު އަދާކުރުން. އެބައެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އިޚްލާޞްތެރިކަމާއެކު އަދާކުރަމުން ގެންދިޔުން. އަނެއްކަމަކީ، އެ ދާއިރާއަކަށް ހެދިފައި އޮންނަ ގަވާއިދުތަކާއި ހަމަތަކަށް ބޯލެނބުން. ސިފައިންނަކީ ވަރަށް ޚާއްޞަ ބައެއް. ސިފައިންގެ ތެރޭގައި ކަންތައްތައް ކުރަންވީ ގޮތުގެ އުސޫލުތަކާއި ގަވާއިދުތައް ވަނީ ހަމަޖެހިފައި. އެ އުސޫލުތަކާއި ގަވާއިދުތަކަށް ސިފައިންގެ އެންމެންވެސް ޙުރުމަތްތެރިކޮށް ހިތަންޖެހޭނެ. ތިންވަނަކަމަކީ، އަޅުގަނޑުމެންގެ ޢަމަލާއި ސުލޫކަކީ އަޅުގަނޑުމެންނަށް ރީތި ނަމެއް ލިބޭފަދަ ޢަމަލަކާއި ސުލޫކަކަށްވުން.

އާދެ! ސިފައިންގެ އަޚްލާޤީ ސުލޫކީ މިންގަނޑެއްވެސް މިހާރުވަނީ ކަނޑައެޅިފައި. އެ މިންގަނޑުގައި އެ އޮތީ ސިފައިންގެ މީހުން ކަންތައް ކުރަންވީ ގޮތް. އެމީހުންގެ އަޚުލާޤާއި ސުލޫކު ބައްޓަން ކުރަންވީ ގޮތް. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން އަހަންމިއްޔަތުދީގެން މަސައްކަތް ކުރަމުން ގެންދާ ކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ކުރިއެރުން ލިބުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމެއް.

އެހެންވީމާ، ސިފައިންގެ ތެރެއަށް އަލަށް މިގުޅުނު ހުރިހާ ޒުވާން ފިރިހެންކުދިންނަށާއި އަންހެންކުދިންނަށް މިއަދު އަޅުގަނޑު މިގޮވާލަނީ، ތިޔަކުދިންނަކީ ސާބިތުކަމާއި ހިތްވަރާއެކުގައި ޤައުމީ ދިފާޢުގައި، ޤައުމީ ޚިދުމަތުގައި، ދެމިތިބޭ ބަޔަކު ކަމުގައިވާށޭ. ތިޔަކުދިންނަކީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރާ ބަޔަކުކަމުގައިވާށޭ. ތިޔަކުދިންނަކީ، ތިޔަކުދިންގެ އަޚްލާޤް މަތީފެންވަރެއްގައި ބަހައްޓާ، އޭގެ ސަބަބުން ތިޔަކުދިންނަށާއި ތިޔަކުދިންގެ ޢާއިލާތަކަށް އަދި ދިވެހި ޤައުމަށް ރީތި ނަމެއް ލިބޭފަދަ ބަޔަކަށްވާށޭ. މިގޮތުގައި، ތިޔަކުދިން ނުވަތަ ތިޔަދަރިވަރުން ނުވަތަ ތިޔަބޭކަލުންނާއި ބޭކަނބަލުން، ތިޔަބޭކަލުންނާއި ތިޔަބޭކަނބަލުންގެ ޚިދުމަތުގައި ދެމިތިއްބަވާ ކަމުގައިވަންޏާ ތިޔަބޭކަލުންނަށާއި ތިޔަބޭކަނބަލުންނަށް އަބަދުވެސް ކުރިއެރުން ލިބޭނެ. އިތުރު ތަރައްޤީ ލިބޭނެ. ކުރިއަށް ދިޔުމުގެ މަގުފަހިވެގެންދާނެ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މިއަދު ސިފައިންގެ ޚިދުމަތާ ތިޔަ ގުޅުނު ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް، ތިޔަބޭކަލުންނާއި ބޭކަނބަލުން ތިޔަ ޚިޔާރު ކުރި ރޮނގުގައި ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު މާތްﷲ ތިޔަބޭކަލުންނަށާއި ބޭކަނބަލުންނަށް ދެއްވުން އެދި ދުޢާ ކުރަމުން. އަދި ތިޔަ ހުރިހާ ދަރިވަރުންގެ ޢާއިލާތަކަށާއި، އަދި ސިފައިންނަށް މާތްﷲ ހެޔޮ ގޮތްތައް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރަމުން. ދިވެހިރާއްޖެއަކީ، މިނިވަން، މުސްތަޤިއްލު އަދި ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ލިބިފައިވާ، ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާ ޤައުމެއް ކަމުގައި މާތްﷲ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.