بســم اللّـه الرّحمـن الرّحيــم.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން:

الســّلام عليــكم ورحـمــة اللّـه وبـركاتـه،

މިރޭ ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް، ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިއީ، މިގޮތަށް އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލާ ފުރަތަމަފަހަރު. އަޅުގަނޑު ގަސްދުކުރަނީ، މާތްﷲގެ ވާގިފުޅާއެކު، ކުރިއަށް އޮތް ތާނގައި މަހަކު އެއްފަހަރުހެން ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް، ތިޔަ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލަން. ބޭނުމަކީ، ދިވެހިރާއްޖޭގެ ޙާލަތާއި، ރާއްޖޭގައި އިޞްލާޙަށާއި ތަރައްޤީއަށް ކުރެވޭ ބޮޑެތި މަސައްކަތްތަކާ، ރާއްޖެއަށް ކުރިމަތިވާ ކަންތައްތަކާ، އެކަންކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ވިސްނުން ސީދާ އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުން. އެއީ، ރާއްޖެއަށް އަންނަމުންމިދާ އިޞްލާޙީ ހެޔޮ ބަދަލުތަކާއި އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަރަމުންމިދާ ދިޔުމުގެ ސީދާ ފައިދާ ލިބޭ ފަރާތަކީ، ތިޔަ ލޮބުވެތި ރައްޔިތުން ކަމަށްވާތީ.

މިގޮތުން، މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވަރަށް މުހިންމު ދެވާހަކައެއް އެބައޮތް.

އެއްވާހަކައަކީ، މިމަހުގެ 15 އިން 18 އަށް ރާއްޖޭގެ ގިނަ ރަށްތަކަކަށް އާދަޔާ ޚިލާފަށް އުދަ އެރުމުގެ ސަބަބުން، އެރަށް ރަށަށާއި، އެރަށްރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، މުޅި ޤައުމަށް ލިބުނު ގެއްލުންތަކާ ހިތްދަތިކަމުގެ ވާހަކަ.

އެނގިވަޑައިގަންނަވާނެ ފަދައިން، އެންމެ ފުރަތަމަ އުދަ އަރަން ފެށީއްސުރެ ސަރުކާރުން ގެންދިޔައީ، އެކަންތައް ވަރަށް ގާތުން ބަލަމުން. ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދުތައް، ވަގުތުން އެރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު އަހުވާލު ބައްލަވާ، އެވަގުތަށް ވެދެއްވެން އޮތް އެހީތަކެއް ވެދެއްވި. އަދި ޚުދު އަޅުގަނޑުވެސް އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް ޒިޔާރަތް ކުރިން. އަދި އެރަށްރަށުގެ ރައްޔިތުންގެ ގެދޮރަށާއި، މުދަލަށާއި، ރުއްގަހަށާއި، އެރަށްރަށުގެ ގޮނޑުދޮށްތަކަށާއި ބިންގަނޑަށާއި، ތާޒާ ފެން ފަށަލައަށާއި، އެކިއެކި ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތައް، އަޅުގަނޑު އަމިއްލައަށް ބެލިން. އަދި އެރަށްރަށުގެ ރައްޔިތުންގެ ހާލު އަހުވާލު ބަލާ، އެރައްޔިތުންގެ ހިތްދަތިކަމުގެ ޝުޢޫރުތައް އަޅުގަނޑުގެ ކަންފަތުން އެހިން.

މިހުރިހާ ވާހަކައެއް، އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އަޅުގަނޑު ވާނީ ދަންނަވާފައި. އަދި އެމަޖިލީހުން ލަފާދެއްވި ގޮތުގެ މަތިން، މިފަހަރު އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ރަނގަޅަށް ވަޒަންކޮށް، އެގެއްލުންތަކުގެ ބާވަތާއި މިންވަރު ފުރިހަމައަށް ދެނެގަތުމަށްޓަކައި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ކަމާބެހޭ މާހިރުން އެރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. އަދި އެބޭފުޅުން އެކަންތައްތައް ބައްލަވާފައި ހުށަހަޅުއްވާ ތަފްޞީލީ ރިޕޯޓުގެ މައްޗަށް ބަލައި، މިހިނދުން މިހިނދަށް ކުރެވެންހުރި ކަންތައްތަކާ، މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިކަން ލިބިގަތުމަށްޓަކައި، ދާއިމީ ޙައްލެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ސަރުކާރުން ވަނީ ޢަޒުމް ކަނޑައަޅާފައި. އިރާދަކުރެއްވިއްޔާ މާލަހެއްނުވެ މިކަންކަމުގެ ނަތީޖާ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ.

މިކަންކަން ކުރުމުގެ ތެރޭގައި އުޅެނިކޮށް، މިވޭތުވެދިޔަ ދެތިންދުވަހުގެ ތެރޭގައި، ވިއްސާރައިގެ ސަބަބުންވެސް، ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަނީ ގެއްލުންތަކެއް ލިބިފައި. އެ ރަށްތަކުގެ ޚަބަރު އަޅުގަނޑު މިގެންދަނީ ބަލަމުން. އަދި މި ވިއްސާރައިގެ ސަބަބުން ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ބެއްލެވުމަށް، ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއްވެސް، މިހާރުވާނީ އުތުރުގެ ބައެއް އަތޮޅުތަކަށް ފޮނުވާފައި. މި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްރަށުގެ ރައްޔިތުންނަށްވެސް ފޯރުވައިދެވެން ހުރި ހުރިހާ އެހީއެއް، އިރާދަކުރެއްވިއްޔާ ސަރުކާރުން ފޯރުވައިދޭނެ.

މިރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ދެވަނަ ވާހަކައަކީ، ދިވެހިރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމު ކުރުމަށްޓަކައި ހިންގަމުން މިގެންދާ އިޞްލާޙީ ޕްރޮގްރާމް މިހާރު ގޮސްފައިވާ މަރްޙަލާގެ ވާހަކަ.

ތިޔަ ލޮބުވެތި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މި އިޞްލާޙީ ޕްރޮގްރާމުގެ ދަށުން، އިޞްލާޙީ ތަފާތު މަސައްކަތްތަކެއް، ތަފާތު ފުރާޅުތަކުގެ ދަށުގައި، ތަފާތު މަރްޙަލާތަކުގައި، ތަފާތު ފަރާތްތަކުން ގެންދަވަނީ ކުރައްވަމުން. ސީދާ ސަރުކާރުން ގެނެވެންހުރި އިޞްލާޙުތައް މިދަނީ ސަރުކާރުން ގެންނަމުން. ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ނޫނީ ގެނެވެން ނެތް އިޞްލާޙީ ބަދަލުތައް ގެނައުމަށްޓަކައި، އެކުލަވާލަން ބޭނުންވާ ބިލުތައް، މިދަނީ ތައްޔާރު ކުރަމުން. އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވަމުން.

އެހެން ނަމަވެސް، އިޞްލާޙީ މަސައްކަތުގެ އެންމެ މުހިންމު އެއް ތަނބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ކުރުން.

ޤާނޫނުއަސާސީއަށް އިޞްލާޙީ ބަދަލުތަކެއް ގެންނަންވެފައި ހުރިކަމަށް އަޅުގަނޑަށް ފެނިގެން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށް، މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވީ، 2004 ޖުލައި 19 ވަނަ ދުވަހު.

ޤާނޫނުއަސާސީއަށް ގެންނަން ފެންނަ އިޞްލާޙުތައް ކަމަށް، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ފޮނުއްވި ޚިޔާލުތަކުގެ އަލީގައި، އަޅުގަނޑު އެކުލަވާލި 31 ނުކުތާއެއްގެ މައްޗަށް ހިމެނޭ އިޞްލާޙުތަކެއް، އަޅުގަނޑުވާނީ، 2005 ފެބްރުއަރީ 14 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުވާފަ. ދިވެހި ރައްޔިތުން އަޅުގަނޑަށް ފޮނުއްވި އިޞްލާޙުތަކާއި ޚިޔާލުތަކާއި ލިޔުންތައްވެސް، އުނިއިތުރެއް ގެނައުމަކާ ނުލައި، އެލިޔުންތައް ހަމަ ހުރިގޮތަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އަޅުގަނޑު ވާނީ ފޮނުވާފަ.

ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރިފަހުން ހިނގާ މިދިޔަ ދެއަހަރާ ދިހަވަރަކަށް މަސްދުވަހުގެ ތެރޭގައި، އެމަޖިލީހުގެ މަސައްކަތް ހަލުވިކަމާއެކު ކޮށްދެއްވުމަށާއި، ވެވަޑައިގެން އެންމެ އަވަހަކަށް ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ނިންމަވައި ދެއްވާތޯ ތަފާތު 17 މުނާސަބަތެއްގައި، އަޅުގަނޑުވާނީ ދަންނަވާފައި.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމަކީ، ދިވެހިންގެ އިޞްލާޙީ އުންމީދުތައް ޙާޞިލު ކުރުމަށް އޮތް އެންމެ ތަނަވަސް ފުރުޞަތު. އެފުރުޞަތުގެ ބޭނުން އަވަހަށް އަދި ފުރިހަމަގޮތުގައި ހިފުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެއް.

ހިނގަމުންމިދާ ޤާނޫނުއަސާސީ އަވަހަށް ބަދަލުނުކުރެވި، އާ ޤާނޫނުއަސާސީއަކަށް ޢަމަލުކުރުމަށް އަވަހަށް ނުފެށޭނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލާން އަޅުގަނޑުމެންނަށް ޖެހޭނީ، ހިނގަމުންމިދާ ޤާނޫނުއަސާސީގެ ދަށުން. ގިނަ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާދަކުރެވިގެން ބޭއްވޭ، ވާދަވެރި ޒަމާނީ އިންތިޚާބަކަށް ދިވެހިން މިއެދޭ އެދުން ޙާޞިލުނުވެ، ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާފަދަ ފުރިހަމަ އާ ޤާނޫނުއަސާސީއެއް، ދުނިޔޭގެ އަލިކަމަށް ނައިސް، 2008 ވަނަ އަހަރުގެ އިންތިޚާބާ ދިވެހިން ކުރިމަތިލުމަކީ، އަޅުގަނޑު ދެކޭގޮތުގައި، އިޞްލާޙީ މަސައްކަތުގެ ފުރިހަމަ މޭވާ ނުލިބުން. މިވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، މިކުރެވުނު ބުރަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ނުފެނުން. އެއީ އަޅުގަނޑު އެދޭގޮތެއް ނޫން. އަދި ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާނެ ގޮތެއްވެސް ނޫން.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް، މިހިނގާ މެއި މަހުގެ 31 އަށް ނިމޭނެ ކަމަށް އުންމީދުކޮށްގެން، އެތާރީޚު މަގުޗާޓުގައި ކަނޑައަޅާފައިވަނީ، ގިނަ ސަބަބުތަކެއް ހުރެގެން. ޤާނޫނުއަސާސީ އިޞްލާޙުވެ ނިމުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ޤާނޫނުއަސާސީ ހުށަހަޅައި، ރައްޔިތުން އެބަލައިގަންނަ ގޮތެއްގެ މަތިން، ޤާނޫނުއަސާސީ ތަޞްދީޤު ކުރުން. އަލަށް އެކުލަވާލެވޭ އިންތިޚާބީ ނިޒާމުގެ ދަށުން ހަދަންޖެހޭ ޤާނޫނުތައް، ރައްޔިތުންގެ މަޖިލީހުން ފާސްވުމަށް ވަގުތުދިނުން. އަލަށް ފާސްކުރެވޭ އިންތިޚާބީ ނިޒާމާއި އިންތިޚާބީ ޤާނޫނުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ އިންތިޚާބީ ޗާޓު އަލުން ކުރަހާ، އިންތިޚާބީ ދާއިރާތައް އަލުން އެކުލަވާލުން. އަލަށް ޤާއިމުކުރެވޭ އިންތިޚާބީ އުޞޫލުތަކަށް ދިވެހި ރައްޔިތުންނާއި ސިޔާސީ ޕާޓީތައް ފަރިތަވުމަށް ފުރުޞަތު ދިނުން. މިކަންކަން ކުރުމަށާއި، މިކަންކަންވުމަށް، އެކަށީގެންވާ ވަގުތު ބޭނުންވާނެ. މިއީ ދެމީހަކު ދެބަސްވާނެ ކަމެއް ނޫން.

އެހެންކަމުން، މިއަދުވެސް އަޅުގަނޑު ކުރަން ބޭނުންވާ އިޚްލާޞްތެރި އިލްތިމާސަކީ، މިދެންނެވި ކަންކަމުގެ މައްޗަށް ބައްލަވާލައްވައި، ޤާނޫނުއަސާސީ އިޞްލާޙު ކުރައްވައި، ވެވަޑައިގެން އެންމެ އަވަހަކަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ ފާސްކޮށްދެއްވުން.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަރުޙަލާގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީން އެކުލަވާލައްވައި ނިމުމަކާ ކައިރިވެފައިވާ ޤާނޫނުއަސާސީގެ ދެލިކޮޕީގެ މައްޗަށް ބަޙުސްކޮށް، ޚިޔާލު ބަދަލުކޮށްލުމުގެ ފުރުޞަތެއް، ރާއްޖޭގައި ޤާއިމުވެފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ލިބި، އެ ޕާޓީތަކުގެ ޚިޔާލުވެސް ހިމެނިގެން، ޤާނޫނުއަސާސީ އިޞްލާޙުވުމުގެ ބޭނުންތެރިކަން ބޮޑުކަމަށް އަޅުގަނޑު ދެކެން. މިގޮތުން، އިޞްލާޙު ކުރެވޭ ޤާނޫނުއަސާސީގެ މައްޗަށް މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ބާއްވާ، ހުރިހާ ސިޔާސީ ޕާޓީތަކުގެ ޚިޔާލުވެސް ހިމެނިގެން، އެބައްދަލުވުމުގައި ކަންކަން ނިމިގެން ދިޔުމަކީ، އެ ޤާނޫނުއަސާސީ ދިވެހި ރައްޔިތުން ބަލައިގަތުމުގެ ފުރުޞަތާއި ޖާގަ އިތުރަށް ފުޅާވެ ކަށަވަރުވެގެންދާނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެހެންކަމުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީއިން އާ ޤާނޫނުއަސާސީގެ ދެލިކޮޕީއެއް އެކުލަވާލައްވައި ނިމުމުން، ލަސްނުކޮށް އެފަދަ ބައްދަލުވުމެއް ބާއްވަން ސަރުކާރުން ގަސްދުކުރާ ވާހަކަ މިފުރްޞަތުގައި ދަންނަވާލަން.

މިދެންނެވި ބައްދަލުވުން، އާދެ! ދުސްތޫރީ ޖަލްސާ ބާއްވަން ސަރުކާރުން ގަސްދުކުރަނީ، ވަރަށް ހަރުދަނާ ގޮތެއްގައި. އެޖަލްސާގެ މަޤްޞަދު ޙާޞިލުވުމަށް މަގުފަހިވާފަދަ ގޮތަކަށް ޖަލްސާގެ ހުރިހާ ކަމެއް އިންތިޒާމު ކޮށްގެން. އަދި ކޮމަންވެލްތާ އީ.ޔޫ. ފަދަ ރާއްޖެއަށް އެހީތެރިވެދޭ ބޭރުގެ ބައެއް ޖަމާޢަތްތަކުގެ މަންދޫބުންގެވެސް ހާޒިރުގައި.

މިކަން މިގޮތަށް ހިނގަމުންދާއިރު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގައި، އާ ޤާނޫނުއަސާސީގައި ހުންނަންވާނެ އަސާސީ އުޞޫލުތަކާއި ސިފަތަކެއްވަނީ ނިންމަވާފައި. އޭގެތެރޭގައި ބައެއް މުއައްސަސާތައް މުސްތަޤިއްލު ކުރުން ހިމެނޭ. ޤާނޫނުއަސާސީ އިޞްލާޙުކޮށް ނިމުމުގެ ކުރިންވެސް، އެމިޞްރާބުން ސަރުކާރަށް ކުރެވެންހުރި ކަންކަން މިދަނީ ކުރަމުން.

މިގޮތުން، އޮޑިޓަރ ޖެނެރަލްގެ މަގާމު މުސްތަޤިއްލުކޮށް ހަރުދަނާ ކުރުމަށް ބޭނުންވާ ޤާނޫނު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ އަޅުގަނޑު ތަޞްދީޤުކޮށް، ހިންގަން ފަށާފައި. ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމު މުސްތަޤިއްލުކޮށް، ހަރުދަނާ ކުރުމަށް ބޭނުންވާ އޮނިގަނޑު ވަނީ އެކުލަވާލާ ނިމިފައި.

ޝަރުޢީ ދާއިރާ މުސްތަޤިއްލު ކުރުމަށް ބޭނުންވާ ދެޤާނޫނެއްގެ ދެލިކޮޕީ، ބޭރުގެ އެހީއާއެކު ވަނީ އެކުލަވާލާ ނިމިފައި. އެންޓި-ކޮރަޕްޝަން ބޯޑުގެ މަސައްކަތްވެސް މުސްތަޤިއްލުކޮށް ހަރުދަނާ ކުރުމަށްޓަކައި، އ.ދ.ގެ ކަމާބެހޭ މުޢާހަދާގައި ރާއްޖެ ވަނީ ބައިވެރިވެފައި. އަދި ހަދަންޖެހޭ ޤާނޫނީ އޮނިގަނޑު މިދަނީ އެކުލަވާލަމުން.

އަޅުގަނޑުމެންގެ ޤައުމަށް މާނަހުރި، އިޞްލާޙީ ހެޔޮ ބަދަލު ގެނައުމަށް ލިބިފައިވާ މިފުރުޞަތު، އަޅުގަނޑުމެންގެ އަތުން ބީވެގެންދިޔަ ނުދެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އަޅުގަނޑު އިލްތިމާސް ކުރަން. އެންމެން އެކުގައި މަސައްކަތްކޮށްގެން، އިޞްލާޙާއި ކުރިއެރުމާއި ހެޔޮބަދަލަށް އަޅުގަނޑުމެން އެންމެން މިއެދޭ އެދުންތައް ޙާޞިލުކޮށް، ކާމިޔާބީގެ މަންޒިލަށް ވާސިލުވުމަށް އަޅުގަނޑު ގޮވާލަން.

ނާއުންމީދާއި ނާކާމިޔާބީއާއި، ބައިބައިވުމާއި، ފިތުނައިގެ ތެރެއަށް އަޅުގަނޑުމެން ނުގެނބި، ހަރުދަނާ ބިންގާތަކެއްގެ މަތީގައި، މަތިވެރި ހަމަތަކެއްގެ މަތީގައި، މިލޮބުވެތި ދިވެހި ފަސްގަނޑުގައި އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަން ބިނާކުރަމާތޯ! އާ އުންމީދުތަކާއި އާ ފުރުޞަތުތަކަކުން ހުޅުވާލެވިގެންވާ، އިންސާނީ ޤަދަރަށް ޙުރްމަތް އަދާކުރެވިގެންވާ، މިނިވަން ޢަދުލު އިންޞާފުވެރި ވެށްޓެއް ޤާއިމު ކުރުމަށް އޮތް ފުރުޞަތު ބޭނުންކުރަމާތޯ!

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތަށް، އާރޫޙަކާއި، އާ ޢަޒުމަކާއެކު ކުރިމަތިލައި، އެމަސައްކަތް ކޮށް ނިންމާލަމާތޯ! ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތަށް ދާދި އަވަހަށް އަލްވަދާޢު ކިޔޭތޯ ބަލަމާތޯ! ހިނގަމުންދާ އަޑު އިވެމުންމިދާ ގަޑީގެ ކަށްޓަށް ސަމާލުވަމާތޯ!

والسـّلام عليـكم ورحمـة اللّـه وبـركاتـه.