بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ މައި މަޝްރޫޢާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އިން މި ބާއްވަވާ މަހާސިންތާ، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުން ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، މިމަޝްރޫޢަކީ ވާރލްޑް ބޭންކާއި، ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ، އެފް.އޭ.އޯ.ގެ އެހީގައި އެކުލަވާލެވުނު މަޝްރޫޢެއް. އެހެންކަމުން މިފުރުޞަތުގައި ވާރލްޑް ބޭންކަށާއި، އެފް.އޭ.އޯ.އަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިމަޝްރޫޢު އެކުލަވާލުމުގެ މަސައްކަތާބެހޭ ތަޢާރުފެއް މަޝްރޫޢުގެ ޕްރޮގްރާމް މެނޭޖަރ، އަދި ވާރލްޑް ބޭންކުގެ ދެކުނު އޭޝިޔާގެ ސީނިއަރ ނެޗުރަލް ރިސޯސަސް މެނޭޖްމަންޓް ސްޕެޝަލިސްޓް މިސްޓަރ ގްރާންޓް މިލްނެ ދެންމެ ދެއްވައިފި. އެކަމަށްޓަކައި އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިމަޝްރޫޢުގެ ދެލިކޮޕީ ދެންމެ ހުށަހަޅުއްވައިދެއްވި މިމަޝްރޫޢުގެ ދިރާސީ ފަންނީ ޓީމުގެ ވެރިޔާ ޑޮކްޓަރ އާތަރ ނީލަންޑަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

މިމަޝްރޫޢު އެކުލަވާލުމުގެ ދިރާސާއާއި ތަޙުލީލުތައް ކުރެވުނީ، މަސްވެރިންނާއި މަހުގެ އުފެއްދުންތެރިންނާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާއާއި ލަފަޔާއެކުގައި. އަދި މަސްވެރިކަމުގެ ޞިނާޢަތުގެ ތަޖުރިބާ ހުރި ދުނިޔޭގެ އަދި ރާއްޖޭގެ ތަޖުރިބާކާރުންނާއި، ފިޝަރީޒް މިނިސްޓްރީއާއި މެރިން ރިސަރޗް ސެންޓަރުގެ ފަންނީ މުވައްޒަފުން ގުޅިގެން. އެހެންކަމުން، މިހުރިހާ ފަރާތްތަކުން މިކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މަސްވެރިކަމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ދާއިރާ. ވަރަށް ކުރީ ޒަމާނުއްސުރެ ފެށިގެން ރާއްޖޭގެ ގިނަ ޢަދަދެއްގެ ބަޔަކު ކުރަމުން އައި މައިގަނޑު މަސައްކަތް. ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ދިޔުމުގައި މިވޭތުވެދިޔަތާނގައި، ވޭތުވެދިޔަ އެތައް ޤަރުނެއްގެ ތެރޭގައި، އެންމެ ބޮޑަށް ޙިއްސާކުރި މަސައްކަތް. އެހެންކަމުން، ރާއްޖޭގެ މަސްވެރިކަން، ކުރިޔަށް އޮތްތާނގައި ދެމެހެއްޓެނިވި ގޮތެއްގައި، އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ތަރައްޤީ ކުރުމަކީ، ވަރަށް މުހިންމު ކަމެއްކަން ކަށަވަރު. އަދި ރާއްޖޭގެ ކަނޑުގެ ޞަރަޙައްދުތަކުގެ މާޙައުލުގައިވާ ދިރުން ހުރި ނުވަތަ ދިރުމެއްނެތް ޠަބީޢީ ހުރިހާ ބާވަތެއްގެ ނަސްލުތަކާއި، އެއާ ގުޅުންހުރި ކަނޑުގެ ވެށްޓާއި، ވެށީގެ ނިޒާމާއި، މަސްވެރިކަމުގެ މުއްސަނދިކަން ދެމެހެއްޓުމާއި ރައްކާތެރިކުރުމަކީ، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެ ކަމެއް.

މަސްވެރިކަމުގެ 15 އަހަރުގެ މައި މަޝްރޫޢު އެކުލަވާލުމުގައި އިސްކަންދީފައިވާ ސިޔާސަތަކީ މިހާރު މިއޮތް ޖީލާއި، އަންނަން އޮތް ޖީލުތަކުގެ ބޭނުންތަކާއި އުންމީދުތައް ހާސިލުކުރެވޭ ގޮތަށް ރާއްޖޭގެ މަސްވެރިކަމާއި، ކަނޑާއި މޫދުގެ ވެށީގެ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމާއި، ތަރައްޤީކުރުމާއި، އެނިޒާމުތައް ހިންގާ ބެލެހެއްޓުން. މިމަހާސިންތާގައި މަޝްވަރާކޮށް، ފާސްކުރެވޭ މަސްވެރިކަމުގެ ދާއިރާގެ މައި މަޝްރޫޢަށް ރައްޔިތުންނާއި ސަރުކާރާ ގުޅިގެން އަދި މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ގުޅިގެން ޢަމަލީ ސިފަ ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަންޖެހޭނެކަމަށް އަޅުގަނޑު ދެކެން.

އާދެ! އަޅުގަނޑުމެންނަށް މިއަދު އިވިގެން މިދިޔަ ފަދައިން މަސްވެރިކަމުގެ ދާއިރާގެ މައި މަޝްރޫޢު އެކުލަވާލުމަށްޓަކައި ކުރެވުނު ތަފާތު 14 ދިރާސާއިން ދައްކާ ގޮތުގައި ދިވެހި މަސްވެރިކަމާއި، މަހުގެ އުފެއްދުންތެރިކަން ޞިނާޢީ ފެންވަރުގައި އާ ހަރުފަތްތަކަކަށް ގެންދިޔުމުގެ ފުރުޞަތުތައް ރާއްޖެއަށް ވަރަށް ބޮޑު. އަދި ދިވެހި މަސްވެރިކަމުގެ ޞިނާޢަތަކީ ވަރަށް ފަހި މުސްތަޤްބަލެއް އޮތް ސިނާޢަތެއްކަން 2004ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖޭގެ އިޤްތިޞާދަށް މިޞިނާޢަތުން ކުރި ޙިއްސާއިންވެސް ދައްކާ.

އާދެ! މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި އަޅުގަނޑުމެންގެ މަސްވެރިކަމުގެ ތާރީޚުގެ މައްޗަށް ދެންމެ ބައްލަވާލެއްވި. ވަރަށްކުރީ ޒަމާންތަކަށްވެސް ވަޑައިގެންނެވި. އަޅުގަނޑު ކޮންމެހެން ކޮއިމަލާގެ ޒަމާނަކަށް ދާކަށްނޫން. އެހެންނަމަވެސް، އަޅުގަނޑުވެސް މިދާއިރާގެ ކޮންމެވެސް ކަމެއްގައި ތަންކޮޅެއް ކުރިން ބައިވެރިވެވުނު ހަނދާން ހުރީމާ އެވާހަކަ ދަންނަވާލަންކަމަށް.

އާދެ! 1974 ވަނަ އަހަރު، މީގެ 33 އަހަރު ކުރިން އަޅުގަނޑު ވަޒީފާ އަދާކުރީ އޭރުގެ ވަޒީރުލްއަޢުޡަމްގެ އޮފީހުގައި. ވަޒީރުލްއަޢުޡަމް އަލްފާޟިލް އަލްމަރްޙޫމް އަޙްމަދު ޒަކީގެ ޚާއްޞަ ވަކީލެއްގެ ގޮތުން މަސައްކަތް ކުރީ. އެދުވަސްވަރު ވަޒީރުލްއަޢުޡަމް ރާއްޖޭގެ މަސްވެރިކަން ކުރިއަށް ގެންދެވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވި. ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި. އޭގެ ތެރެއިން އެއްމަސައްކަތެއްގައި އަޅުގަނޑުވެސް ބައިވެރިކުރެއްވި.

އާދެ! އަޅުގަނޑުގެ ގާތުން އެދިވަޑައިގަތީ ރާއްޖޭގައި، މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރަން. އެދަތުރު އަޅުގަނޑު ކުރީ 1974 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން 1975 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހާ ހަމައަށް. އާދެ! 46 ދުވަހުގެ ދަތުރެއް. އަޅުގަނޑު އެކަންޏެއްނޫން، އަޅުގަނޑާއި އެކީގައި އެހެން ދެބޭފުޅަކުވެސް ވަޑައިގެންނެވި. މިދަތުރު ކުރީ މާލެއިން ދެކުނުގައި މީހުން އުޅޭ 94 ރަށަށް. އެއިން ކޮންމެ ރަށަކަށް ގޮސްވެސް އަޅުގަނޑަށް ދައްކަން ޖެހުނު ވާހަކައަކީ، ދޯނިފަހަރުގައި އިންޖީނު އެޅުމުގެ މުހިންމު ކަމުގެ ވާހަކަ. އޭގެކުރިން، ރާއްޖޭގައި މަސްވެރިކަން ކުރަމުން އައީ މުޅިން ރިޔާ ދޯނި ފަހަރުގައި. އެހިސާބުން ފެށިގެން އިންޖީނު ދޯނިތަކަށް ބަދަލުވުމުގެ މަގުމަތީގައި ރާއްޖެ އޮތީ. އެހެންނަމަވެސް، އޭރު މަސްވެރިންނަކަށް އިންޖީނު އެޅި ދޯނީގެ ބޭނުމެއް ރަނގަޅަކަށް އޮޅުމެއް ނުފިލާ. އެމީހުންނަށް އޭރު ހީވެފައި އޮތީ ދޯނިފަހަރުގައި އިންޖީނު އެޅީމާ، މަސްވެރިކަމަށް އެއިން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް. އެހެންވީމާ، އެޚިޔާލު ބަދަލުކޮށްލުމަށް ސަރުކާރުން ބޭނުންފުޅުވެގެން މީހުންނަށް އެކަން އަންގައި ދިނުމަށް އޭރުގެ ވަޒީރުލްއަޢުޡަމް އަލްފާޟިލް އަޙްމަދު ޒަކީ ފޮނުއްވީމާ، މިދެންނެވި ދަތުރު އަޅުގަނޑު ކުރީ. ކޮންމެ ރަށަކަށްގޮސް އެރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް، މަސްދޯނިފަހަރުގައި އިންޖީނު އެޅީމާ ކުރާނެ ފައިދާގެ ވާހަކަ އަޅުގަނޑު ދެއްކިން.

ކޮންމެއަކަސް މިއަދު މިއޮތީ ޒަމާން ބަދަލުވެފައި. ރިޔާ ދޯނިފަހަރުގައި އަޅުގަނޑުމެން މިހާރު މަސްވެރިކަމެއް ނުކުރަމު. ދެންމެ މިނިސްޓަރ ވިދާޅުވި ފަދައިން އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދުގެ ސަތޭކަ މޭލު ބޭރަށް، ނުވަތަ ސަތޭކަ ސާޅީސް މޭލު ބޭރަށް އިންޖީނު ދޯނިފަހަރުގައި، ވަރަށް ބޮޑެތި ދޯނިފަހަރުގައި މިހާރު ގޮސްގެން އެއް ރެއަށްވުރެ ގިނަ ރޭ، ދެތިން ހަތަރު ދުވަސް، ނުވަތަ އެއަށްވުރެވެސް ގިނަ، ދިގު މުއްދަތެއްގައި މަސްވެރިކަން ކުރަމުން މިގެންދަނީ. އެހެންވީމާ، ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ރާއްޖެއަށް މަސްވެރިކަމުގެ ދާއިރާއިންވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ. މިވޭތުވެދިޔަ ތިރީހަކަށް ނުވަތަ ތިރީސްފަސްއަހަރު ދުވަހުގެ ތެރޭގައި.

އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ ކުރިއަށް އޮތްތާނގައި މަސްވެރިކަން ތަރައްޤީކުރާނީ ކިހިނެއްތޯ؟ ކުރިންވެސް މިދެންނެވި ފަދައިން، އަޅުގަނޑުމެން މިމަސައްކަތް ކުރަން ބޭނުންވަނީ، އަދި ކުރަންޖެހޭނީވެސް ދެމެހެއްޓެނިވި ގޮތެއްގައި. އެއީ، އަޅުގަނޑުމެން މިހާރު މިކުރާ މަސައްކަތުން އަންނަން އޮތް ޖީލުތަކަށް އެއިން ގެއްލުމެއް ނުލިބޭފަދަ ގޮތަކަށް، އަދި ރާއްޖޭގެ މަސްވެރިކަމަށްވެސް މުސްތަޤްބަލްގައި އުނިކަމެއް ނާންނަ ގޮތަކަށް. ހަމައެހެންމެ، އަޅުގަނޑުމެންގެ ތިމާވެށްޓާ ރައްޓެހި ގޮތަކަށް. ތިމާވެށްޓަކީ ވަރަށް މުހިންމު އެއްޗެއް. ތިމާވެށީގެ ރައްކާތެރިކަމާއި ސަލާމަތަކީ، އެއަށް މިއަދު އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއްދޭން ޖެހިފައިވާ ކަމެއް.

އާދެ! މިހާރު ދިމާވެގެން އުޅޭ މައްސަލަ އެއީ ދުނިޔެ ހޫނުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން. ތިމާވެށީގެ ގޮތުން މުޅި ދުނިޔެއަށް ކުރިމަތިވަމުން އަންނަ މައްސަލަތަކެއް. އެފަދަ މައްސަލަތަކުގައި އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވާނެ ދަތިތަކާއި ގޮންޖެހުންތައް އެހެންތަންތަނަށްވުރެ މާބޮޑުކަންނޭނގެ. އެހެންވީމާ، މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގައި ދުނިޔޭގެ ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ކަނޑުތަކުގެ މުއްސަނދިކަމަށާއި، އެމުއްސަނދިކަމުގެ ވެށްޓާއި، ވެށީގެ ނިޒާމްތަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތަކަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވާން އެބަޖެހޭ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ފަރުތަކުގެ ދިރުމަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ މުހިންމު ދެ މަސައްކަތް ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ބިންގަލަށްވުމުގެ އިތުރުން، އަޅުގަނޑުމެންގެ މިކުޑަކުޑަ ޖަޒީރާ ޤައުމުގެ ރަށްރަށުގެ ސަލާމަތްކަމާއި ޙިމާޔަތަށްވެސް މުހިންމު ވަސީލަތެއް. އެހެންކަމުން، އަޅުގަނޑުމެން މަސްވެރިކަން ކުރާއިރު އަޅުގަނޑުމެންގެ ކަނޑާއި މޫދާއި އަދި ކަނޑާއި މޫދުގައި ހިމެނިފައިވާ ފަރުތަކާއި، އެފަރުތަކުގެ ސަލާމަތާއި، ކަނޑާއި މޫދުގެ ވެށްޓާއި، އެވެށީގެ ނިޒާމުތަކަށް ރައްކާތެރިވުމަކީ ވަރަށް މުހިންމު ކަމެއް.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް އެކި ފަރާތްތަކުން ކުރައްވަމުން ގެންދަވާ އަދި ކޮށްދެއްވާފައިވާ މަސައްކަތްތައް ހަނދާންކޮށް އެހުރިހާ ފަރާތްތަކަކަށް މިމުނާސަބަތުގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެ ތެރޭގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އެމިނިސްޓްރީގެ ހީވާގި ވެރިންނަށާއި، މުވައްޒަފުންނަށާއި، މީގކުރިން އެމިނިސްޓްރީ ހިންގަވައި ދެއްވި ހުރިހާ ވަޒީރުންނަށާއި، ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަހުގެ އުފެއްދުންތެރިންނަށާއި، އަދި މިޞިނާޢަތު ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އަމިއްލަ ފަރާތްތަކަށާއި، މިފްކޯއާއި ޞިނާޢީ ފެންވަރުގައި މަހުގެ އުފެއްދުންތެރިކަމުގައި ޙަރަކާތްތެރިވާ ކުންފުނިތަކުގެ ހީވާގި ވެރިންނަށާއި، މުވައްޒަފުންނަށާއި، މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އެހީވެދެއްވާ ބޭރުގެ އެކި ފަރާތްތަކަށް، ޚާއްޞަކޮށް ވާރލްޑް ބޭންކަށާއި، އެފް.އޭ.އޯއަށާއި، އަދި ވާރލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު މިސްޓަރ ރިޗަޑް ސްކަރފީލްޑަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އ.ދ ގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާގެ މަސްވެރިކަމުގެ ސިޔާސަތާބެހޭ އިސް މުޝީރު ޑޮކްޓަރ މައިކަލް އާބަކަލްއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިމަހާސިންތާއަށް ހުރިހާވެސް ކުރިއެރުމަކަށާއި ކާމިޔާބީއަކަށް އަޅުގަނޑު އެދެން. މިމަހާސިންތާގެ ސަބަބުން މަސްވެރިކަމުގެ މައި މަޝްރޫޢަށް އިތުރު ފުރިހަމަކަން ލިބި، އޭގެ ސަބަބުން މަސްވެރިކަމަށް އިތުރު ކުރިއެރުމާއި ފަހިކަން ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ މަސްވެރިކަމަށާއި، އިޤްތިޞާދަށް ހުރިހާވެސް ލާބައަކާއި، މަންފާ ލިބެނިވި ގޮތެއްގެ މަތިން މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވުން.

އާދެ! މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ކޮށްޓަވާ ދެއްވި މަގުން އަޅުގަނޑުވެސް ދެތިން ފިޔަވަޅެއް ކުރިއަށް އަޅަންކަމަށް. އެހެންވީމާ، މިތާ ވަޑައިގެން ތިއްބެވި ބޭފުޅުންނާއި، ޚާއްޞަކޮށް ދިވެހިބަހުން ވާހަކަފުޅު ނުދައްކަވާ ބޭފުޅުންނާ މުޚާޠަބުކޮށް ދެތިން ބަހެއް އިނގިރޭސިން ދަންނަވާލަންކަމަށް.

بســم اللّـه الرّحمـن الرّحيــم.

For the benefit of our esteemed guests here, I would like to say a few words in English.

It gives me a lot of pleasure today to inaugurate the National Consultation on the Fisheries Sector Master Plan.

I wish to thank the World Bank and FAO for their assistance to the project. I thank the World Bank Special Representative to the Maldives, Mr. Richard Scurfield, and the FAO Senior Fisheries Policy Advisor, Dr. Michael Arbuckle, for joining us here today.

I would also like to thank the Programme Manager and World Bank South Asia Senior Natural Resources Management Specialist Mr. Grant Milne, for the comprehensive introduction he has just given about the project, and Dr. Arthur Neiland for presenting the draft master plan.

The Master Plan was researched and developed with input from our fishermen and people involved in different aspects of the fisheries industry.

The staff at the Ministry of Fisheries, Agriculture and Marine Resources and the Marine Research Centre have made important contributions to the master plan. I thank all of them.

As we have heard today, the fourteen separate surveys that were conducted in compiling the master plan show that there is a bright future for the fishing industry in the Maldives. The surveys indicate that there is vast potential for growth in both fish catch, fish processing and the export of fisheries products.

For many centuries, fishing and related industries had been the mainstay of our economy, before tourism achieved that status some years ago.

Therefore, developing fisheries in a sustainable and environment-friendly manner is an issue of high priority. The preservation and protection of our marine habitats is also of the utmost importance, not only for the development of the fisheries industry but also for the future well-being of the Maldives, as a country and as a nation.

I hope this consultation goes a long way towards achieving those objectives.

Thank you.