1. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

ރާއްޖޭގެ ރަށްރަށަށް އުދައެރުމާ ގުޅިގެން ވަރަށް ބޮޑެތި ގެއްލުންތަކެއް މިވަނީ ލިބިފައި. އުދައެރުމާ ގުޅިގެން މިލިބުނު ގެއްލުންތައް ޚާއްޞަ ގޮތެއްގައި ރައީސް ދަތުރުފުޅު ކުރެއްވި ރަށްތަކަށް ބައްލަވާއިރު ވަޒަން ކުރެއްވެނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ

މިފަހަރު އުދައެރުމުގެ ސަބަބުން ރާއްޖޭގެ ރަށްރަށަށް މި ލިބުނު ގެއްލުންތައް އަޅުގަނޑަށް ވަޒަން ކުރެވެނީ ވަރަށް ބޮޑެތި ގެއްލުންތަކެއްގެ ގޮތުގައި. ޙަޤީޤަތުގައި އުދަ އެރުމަކީ، ރާއްޖެއަށް ދޭތެރެ ދޭތެރެއިން ދިމާވާ ކަމެއް. އެހެންނަމަވެސް، މިފަހަރު މިއެރި އުދަޔަކީ އާދަޔާ ޚިލާފު އުދައެއް. މިހާރު އަޅުގަނޑުމެންނަށް އެނގިފައިވާގޮތުގައި، ރާއްޖޭގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 3500 މޭލު ދުރުގައި އުފެދުނު ވަރުގަދަ ތޫފާނެއްގެ ސަބަބުން އުފެދުނު ރާޅުބާނިތަކެއްގެ އަސަރު މިކުރީ. ދެން ފޯމަތި ދިޔަ ބޮޑުވާ ވަގުތާ ދިމާވީމާ ވަރަށްގިނަ ރަށްރަށަށް އުދަ އަރައި ވަރަށް ބޮޑެތި ގެއްލުންތައް މިވަނީ ލިބިފައި.

އަޅުގަނޑު މިކުރި ދަތުރުގައި ގދ. ގެ 8 ރަށަކަށް ޒިޔާރަތް ކުރިން. އަދި މިއަތޮޅުގެވެސް 4 ރަށަކަށް ޒިޔާރަތްކޮށް މި ލިބުނު ގެއްލުންތައް ބަލައިލިން. ވަރަށް އަސަރު ކުރުވަނިވި މަންޒަރުތަކެއް ފެނިގެން ދިޔައީ. ގޭގެއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަހުރި. ގޭގޭގައި ހިފާގެންގުޅޭ ތަކެއްޗާއި އަގު ބޮޑު އެކިއެކި ވަސީލަތްތައް، މިސާލަކަށް: ޓީ.ވީ، ވީ.ސީ.އާރު، ލަވަޖަހާ އެއްޗެހި، މިހެންގޮސް އިލެކްޓްރޯނިކް ސާމާނުތައް، ކޮމްޕިޔުޓަރު ކަހަލަ އެއްޗިއްސަށްވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި މިވަނީ. އަދި އެނޫނަސް ގޭގައި ބޭނުންކުރާ އެހެން އެއްޗިއްސަށްވެސް ގެއްލުން ލިބިފައިވަނީ. އަދި ވަރަށްގިނަ ޢަދަދަކަށް ރުއްގަހަށް ގެއްލުންލިބި ވަރަށްގިނަ ގަސްތައްވެސް މަރުވެފައިހުރީ. ބިންގަނޑުގައި ލޮނު ހުރުމުގެ ސަބަބުން ކުރިޔަށް އޮތްތާނގައި ގަސް ހެދުމަށް ހުރަހަކަށްވެސްވާނެކަން ނޭނގެ. ދެން ވަރަށްގިނަ ރަށްރަށުގެ ފެންވެސް ތަޣައްޔަރުވެފައި، ބޯން ނުކުރެވޭ ހިސާބަށް ލޮނުވެފައިވަނީ.

އެހެންވީމާ، މިގެއްލުންތަކަކީ ވަރަށް ބޮޑެތި ގެއްލުންތަކެއް. އިރާދަކުރެއްވިއްޔާ މިގެއްލުންތައް ފޫބެއްދޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާނަން.

 

2. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

ރާއްޖޭގެ ރަށްރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ސަރުކާރުގެ ތަފާތު ދާއިރާތަކުން ޓީމުތައް ވަޑައިގެން އެ ގެއްލުންތައް ބައްލަވައި މިކަންތައްތަކާ ބެހޭގޮތުން ރިޕޯޓުތަކެއްވެސް ހުށަހެޅުއްވުމަށް ހަމަޖެހިފައިވޭ. މިރިޕޯޓުތައް ބެއްލެވުމަށްފަހު، ގެއްލުން ލިބިފައިވާ ރަށްރަށަށް އެހީތެރިކަން ފޯރުވައިދެއްވުމުގައި ކޮންކަހަލަ ގޮތަކަށްތޯ ވިސްނުން ބަހައްޓަވާނީ؟

ރައީސުލްޖުމްހޫރިއްޔާ

2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާ އިން އަޅުގަނޑުމެންނަށް ވަރަށްބޮޑު ފިލާވަޅެއް ލިބުނު. އެ ކާރިސާއިން ލިބުނު ގެއްލުންތައް މިފަހަރު ލިބުނު ގެއްލުންތަކަށްވުރެ މާބޮޑު. އެހެންނަމަވެސް އެ ގެއްލުންތައްވެސް ރަނގަޅަށް ވަޒަންކޮށް ހަދާފައި، އަދި ދިވެހި ސަރުކާރުގެ ބަޖެޓުންނާއި، ބޭރުގެ އެހީއިން ލިބުނު ފައިސާއިން އެކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން މިގެންދަނީ. ގެދޮރު އާބާދު ކޮށްދިނުމާއި، ގެދޮރު މަރާމާތު ކޮށްދިނުމާއި، ދިރިއުޅުން ހަލާކުވި މީހުންނަށް އަނބުރައި ދިރިއުޅުން ހޯދައިދިނުމާ، ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން މިހާރު ކުރަމުން އެބަގެންދޭ.

އެހެންވީމާ، އެތަޖުރިބާގެ އަލީގައި މިފަހަރު އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް ކަންތައްތައް ގެންދެވޭނެ. މިފަހަރު މިލިބުނު ގެއްލުންތަކަކީވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަމިއްލަ ވަސީލަތްތަކުން ފޫބެއްދޭ ވަރަށްވުރެ މާބޮޑެތި ގެއްލުންތަކެއް. އެހެންވީމާ، އަޅުގަނޑު މިހާރުވާނީ އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ވެރިންނަށް އިލްތިމާސްކޮށް ސިޓީއެއް ފޮނުވާފައި. ރާއްޖެއަށް މި ލިބުނު ގެއްލުން ފޫބެއްދުމުގައި، އެފަރާތްތަކުން ދީލަތި އެހީއެއް ވެދެއްވުން އެދި ދަންނަވާފައިވާނީ. ބައެއްފަރާތްތަކުން މިހާރު އިޖާބަ ލިބެން ފަށައިފި. ޚަބަރުންވެސް އައްސަވާނެކަންނޭނގެ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތާނގައި އެހީ ލިބެމުންދާނެ.

އޭގެ ކުރިން، އަޅުގަނޑުމެން އެބަޖެހޭ ތިޔަ ވިދާޅުވިހެން މި ލިބުނު ގެއްލުންތައް ރަނގަޅަށް ވަޒަންކުރަން. އަދި ލޮލަށްފެންނަ ފެނުމަށްވުރެ ބޮޑެތި ގެއްލުންތައްވެސް ހުރެދާނެ. އެހެންވީމާ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ޓީމުތައް ފޮނުއްވައިގެން ވަރަށް ރަނގަޅަށް މިކަންކަން ބައްލަވައި ލިބުނު ގެއްލުންތަކުގެ މިންވަރާއި، ބާވަތާއި، އެހުރިހާ އެއްޗެއް ރަނގަޅަށް ބައްލަވާފައި، ރިޕޯޓެއް ތައްޔާރު ކުރެވިގެން، މިގެއްލުންތައް ފޫބެއްދުމަށް ކުރެވެން ހުރި މަސައްކަތްތަކެއް އެރިޕޯޓުގެ އަލީގައި ކުރެވެމުންދާނެ. އެގޮތަށް އިރާދަކުރެއްވިއްޔާ ކަންތައްތައް ގެންދާނީ.

 

3. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

ދުނިޔޭގެ މޫސުމަށް މިއަންނަމުންދާ ބަދަލުތަކާއި ޖައްވުހޫނުވުމާ، މިކަހަލަ ކަންތައްތަކަށް ބަލައިލާއިރު މީގެ ވަރަށްބޮޑު އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ތަޖުރިބާކާރުން އެބަ ވިދާޅުވޭ. އަދި ކުރިއަށް އޮތްތާނގައި އުދައެރުމާ، މިފަދަ ކަންތައްތައް ތަކުރާރުވެގެން ދިޔުމަކީވެސް، އެކަށީގެންވާ ކަމެއްކަމަށް އެފަރާތްތަކުން އެބަ ހާމަކުރައްވާ. އެހެންވީމާ، ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމާއި ޙިމާޔަތަށްޓަކައި މުސްތަޤްބަލުގައި އެޅުއްވެންހުރި ފިޔަވަޅުތަކަކީ ކޮބައި ކަމަށްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ

އެކަމާބެހޭގޮތުން މުސްތަޤުބަލްގައި އެޅެންހުރީ ކޮން ފިޔަވަޅުތަކެއްތޯވެސް ރަނގަޅަށް ޖެހޭނީ ބަލައި ދިރާސާ ކުރަން. މިކަމަކީ، ފުރަތަމަ ފަހަރަށް މުޅި ދުނިޔެއަށް ދިމާވާކަމެއް. މީގެ ކުރިއަކުން އެއްވެސް ޒަމާނެއްގައި ޖައްވު ހޫނުވެގެން ކަނޑުގެ ލޮނުގަނޑު އުފުލިގެން މޫސުމަށް ބަދަލުތަކެއް އައިސްގެން ގޮސްފައެއްނެތް. މިއީ، ފުރަތަމަ ފަހަރަށް މުޅި އިންސާނިއްޔަތު ތަޖުރިބާ ކުރާ ކަމެއް. އެހެންވީމާ، މިކަމަށް ޖެހޭނީ ޙައްލުތަކެއް ހޯދަން. ކަމާބެހޭ ވަރަށްގިނަ މާހިރުން ތަފާތު ޙައްލުތައް ހުށަހަޅުއްވާ. އެހެންނަމަވެސް، އެންމެ އަސަރުކުރުވަނިވި ނުވަތަ އެއިން ފައިދާ ފެންނާނެ ޙައްލަކީ، މިހާރު ޖައްވަށް އިތުރުވަމުންދާ ވިހަގޭސްތައް މަދުކުރުން. އެއީ، މިކިޔާ ގްރީންހައުސް ގޭސް. އެއެއްޗެހި ޖައްވަށް އަރާވަރު މަދުވެގެން ނޫނީ މުސްތަޤްބަލްގައި މިކަން ޙައްލަކަށް ގެނެވޭކަށް ނޯންނާނެ. އެކަމުގައި ރާއްޖެއަށް ކުރެވޭނެ ކަމެއް ވަރަށްނެތް. އެއީ، ރާއްޖެއަކީ އެކަހަލަ ވިހަ ގޭސްތައް ޖައްވަށް ފޮނުވާ ޤައުމެއްނޫން. ދުނިޔޭގެ ކުރިއަރާފައިވާ އެހެން ބޮޑެތި ޤައުމުތަކުން އެކަން ކުރަނީ. ވަރަށްގިނަ ޢަދަދަކަށް އެކަހަލަ ގޭސްތައް އެމީހުން ބޭރުކުރޭ ކާރުޚާނާތަކުންނާއި ތަފާތު ވަސީލަތްތަކުން. އެހެންވީމާ، އެއީ ކަންނޭނގެ އެންމެ ބޮޑު ޙައްލަކީ.

ދެން އެހެންނޫނަސް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކެއް ހުންނާނެ. އެކަހަލަ ފިޔަވަޅުތަކެއް ކޮންމެ ޤައުމަކުންވެސް އަޅަންވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ރަށްތައް ޙިމާޔަތް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އަޅަމުން މިގެންދަނީ. އެހެންވީމާ، މިއީ ތަފާތު ފެންވަރުގައި ކުރެވެން ޖެހޭނެ މަސައްކަތްތަކެއް. ޤައުމީފެންވަރުގައި ކުރެވެން ޖެހޭނެ. ސަރަޙައްދީފެންވަރުގައި ކުރެވެން ޖެހޭނެ. ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެންޖެހޭނެ.

އަޅުގަނޑުމެންގެ ރާއްޖެވަނީ ބައިނަލްއަޤްވާމީ ޖަމާޢަތުގައި، މިވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި މިކަމާބެހޭގޮތުން ވަރަށްބޮޑަށް އަޑު އުފުލާފައި. އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ޤައުމަކާ ނުބައްދަލު ގޮތެއްގައި. މުޅި ދުނިޔޭގެ ތަފާތު ބޮޑެތި ޖަލްސާތަކުގައި މިވާހަކަ ރާއްޖެއިން ވަނީ ދައްކާފައި. އަދި މިކަން ދުނިޔޭގެ ސަމާލުކަމަށް ގެނެވޭތޯވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފައި. އޭގެ ބައެއް އެދެވޭ ނަތީޖާތައްވެސް ފެންނަމުން އެބަދޭ. އެހެންނަމަވެސް، އަދި ފުރިހަމަ ޙައްލަކާ ހަމަޔަކަށް ނުދެވޭ. އެހެންވީމާ، ކުރިޔަށް އޮތްތާނގައި މުޅި ދުނިޔޭގެ ވާޖިބެއްކަމަށް އަޅުގަނޑު ދެކެނީ، ޚާއްޞަކޮށް ކުރިއަރާފައިވާ ޤައުމުތަކުގެ ވާޖިބެއްކަމަށް އަޅުގަނޑު ދެކެނީ، މުޅި ދުނިޔެއިން މިކަމަށް ޙައްލެއް ހޯދައިދިނުން.

 

4. ސުވާލު: ހީނާ ވަލީދު / ޓީ.ވީ.މޯލްޑިވްސް

ރާއްޖޭގެ ރަށްރަށަށް އުދައެރުމާ ގުޅިގެން މަނިކުފާނު ކުރައްވަމުން ގެންދަވާ ޒިޔާރަތް މިހާ ހިސާބުން ނިންމަވާލެއްވީތޯ؟

ރައީސުލްޖުމްހޫރިއްޔާ

މި ވަގުތަށް މި ނިމުނީ. އެއީ އުދައެރުމުގައި އެންމެ ބޮޑަށް ގެއްލުންވި ރަށްރަށަށް އަޅުގަނޑަށް މި ޒިޔާރަތް ކުރެވުނީ. އެއީ، އަޅުގަނޑަކީ އަބަދުވެސް ހަމަ މިކަހަލަ ކަމެއް ދިމާވެއްޖިއްޔާ އެތަނަކަށްގޮސް އެތަނެއް ބަލަން ބޭނުންވާ މީހެއް. މީގެކުރިން، ސުނާމީ ކާރިސާގައި އެންމެ ބޮޑެތި ގެއްލުން ލިބުނު ހުރިހާ ރަށަކަށްވެސް އަޅުގަނޑު ދިޔައިން. އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން ކަންތައް ކުރަމުން ގެންދާނީ. އެކަންތައްތައްވަމުންދާ ތަންތަނަށް އަޅުގަނޑަށް ވެވުނު ވަރަކުން ގޮސް، އަމިއްލައަށް ބަލައި ހަދާފައި، އެލިބޭ ގެއްލުންތައް ފޫބެއްދުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ސަރުކާރުން ކުރުމުގައި، އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ކުރާނަން.