بســم اللّـه الرّحمـن الرّحيــم

اَلْحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّـلام على أشرف المرسـلين، سـيدنا محـمَّدٍ، وَعلى آلـه وأصـحَابِه أجمـعـين

އާދެ، މިއަދަކީ މި އަހަރުގެ ޒުވާނުންގެ ދުވަސް. ކޮންމެ އަހަރަކުވެސް މާޗް މަހުގެ އެއްވަނަދުވަސް، އަޅުގަނޑުމެން ފާހަގަކުރަމުން މި ގެންދަނީ ޒުވާނުންގެ ދުވަހުގެ ގޮތުގައި. އެހެންވީމާ، މިއަދުގެ މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާއާ މުބާރަކްބާދީ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި މި ތަހުނިޔާގައި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް ޙުސައިން ޙިލްމީއާއި، އެ މިނިސްޓްރީގެ އެންމެހައި ވެރިންނާއި، މުވައްޒަފުންނާއި، އަދި ޒުވާނުންގެ ބޯޓުގައި ދަތުރުކުރި ހުރިހާ ޒުވާނުންނާއި، މި އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް ސަޢުދު ޢަބްދުﷲ އާއި، އަތޮޅު އޮފީހުގެ އިސްވެރިންނާއި، އަތޮޅުގެ ރަށްރަށުގެ ވެރިންނާއި، ރައްޔިތުންނާއި، ޒުވާނުންނާބެހޭ އެކިކަންކަމުގައި ޙަރަކާތްތެރިވާ ކްލަބް ޖަމުޢިއްޔާތައް އަޅުގަނޑު ހިމަނަން.

އާދެ، މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އުނގޫފާރުގައި މި ބާއްވާ ކަންތައްތަކުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑު މިއަދު އުނގޫފާރަށް އައުމުން އުނގޫފާރުގެ ލޮބުވެތި ރައްޔިތުންނާއި، އަދި އުނގޫފާރުގައި ދިރިއުޅުއްވާ ކަނދޮޅުދޫ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި މި ފުރުޞަތުގައިވެސް ތިޔަހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މި އަހަރުގެ ޒުވާނުންގެ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމޖެހިފައިވަނީ އުނގޫފާރުގައި ކަމަށްވާތީ، މި ދުވަހަށްޓަކައި މި ރަށް ތައްޔާރު ކޮށްދެއްވާފައިވާލެއް ފުރިހަމަކަމަށްޓަކައި، މި ކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، އާދެ، އުނގޫފާރުގެ ލޮބުވެތި ރައްޔިތުންނާއި، ވެރިންނާއި، އަތޮޅުވެރިންނާއި، އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި، އެ މިނިސްޓްރީގެ ވެރިންނާއި، މި ކަމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަން.

އާދެ، މިއަދަށްޓަކައި މި ރަށް ތައްޔާރުކުރައްވާފައި މިވަނީ ވަރަށް ފުރިހަމަކޮށް. މި ރަށް ފެނިގެންދަނީ ވަރަށް ޒީނަތްތެރިގޮތެއްގައި. އެހެންވީމާ، މި ކަހަލަ ކަންތައްތައް ކުރުމުން ރަށަށް ލިބޭ ތަރައްޤީއާއި ކުރިއެރުން އެއީ، އަޅުގަނޑު ހިތުން ރަށުގެ ހުރިހާ ބޭފުޅުންވެސް ވަޒަން ކުރައްވާނެ ކަމެއް. މި ކަންތައްތައް ކުރައްވާފައި މިވަނީ ވަރަށްބޮޑު ހިތްވަރަކާއި ފަންވަރެއް ލައްވައިގެން. ވަރަށްކުޑަ މުއްދަތެއްގެ ތެރޭގައި. އެހެންނަމަވެސް، ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވައިގެން. އެކަން އަޅުގަނޑު ގަބޫލުކޮށް، ތިޔަ ކުރެއްވި މަސައްކަތްތަކަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މި އުފާވެރި ބައްދަލުވުމުގައި މި އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި 6 ބޭފުޅުންނަށާއި، ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ އިނާމު ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަދާކޮށް، މުބާރަކްބާދީ ދަންނަވަން. އަދި ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ ރޮނގުން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑު ހިތްވަރު އަރުވަން. އެ ބޭފުޅުން އެ ކޮށްދެއްވި ޚިދުމަތްތަކުގެ ވީޑިއޯ ދެންމެ ބަލަމުން ގެންދިޔައިރު، އަޅުގަނޑަށް ވަރަށް ފުން އިޙްސާސްތަކެއް ކުރެވުނު. އޭގެތެރެއިން ކޮންމެ ބޭފުޅަކީ، އެ ބޭފުޅެއްގެ ރޮނގުގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޒުވާނެއްކަން މި ވީޑިއޯތަކުން ފެނިގެންދިޔަ.

އާދެ، މިފަދަ ޒުވާނުން ރާއްޖޭގައި ތިބޭކަމީ، ރާއްޖޭގެ ވަރަށްބޮޑު ނަސީބެކޭ އަޅުގަނޑު ދަންނަވާނީ. އެ ބޭފުޅުންގެ ޚިދުމަތުން، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތްޕުޅުން އަޅުގަނޑުމެންގެ ޒުވާނުންނަށް އިތުރު ކުރިއެރުމާއި، ތަރައްޤީ ލިބެމުން އެދަނީ ހީވެސްނުކުރާހާ އަވަހަށް. ހަމައެކަނި ޒުވާނުންނަކަށް ނޫން. އެ ބޭފުޅުން އެ ކުރައްވާ ޚިދުމަތުގެ ފައިދާ އެ ބޭފުޅުންގެ ރަށްރަށަށާއި، މުޅި ޤައުމަށް ލިބެމުންދާތަން އަޅުގަނޑުމެން އެންމެންވެސް މިތިބީ ބަލަން.

އެހެންވީމާ، މިރޭ މި އިނާމު ހާސިލު ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަދިވެސް އެއްފަހަރު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، ޒުވާނުންގެ ތަރައްޤީއަށް އެންމެ ރަނގަޅަށް ޚިދުމަތްކުރާ ކްލަބް ޖަމުޢިއްޔާއަކަށް މި އަހަރުން ފެށިގެން އިނާމު ދޭގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން، ފުރަތަމަ ފަހަރަށް މި އަހަރު އިނާމު ހާސިލުކުރި ވެލިދޫ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ، އެ ޖަމުޢިއްޔާގެ ޗެއަރޕަރސަން މި ތަނަށް ވަޑައިގެން އިނާމާ ހަވާލުވެވަޑައިގެންނެވިއިރު އޭނާއަށް އަޅުގަނޑު ދެންނެވި ފަދައިން، އެ ޖަމުޢިއްޔާއަކީ ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އާދެ، އެ ވީޑިއޯއިން ފެނުނު ގޮތުގައިވިއްޔާ 2004 އިން ފެށިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމުޢިއްޔާއެއް. އެއިންވެސް އަޅުގަނޑުމެންނަށް އެނގެނީ ހިތްވަރާއި ޢަޒުމާއެކީގައި މަސައްކަތްކޮށްފިއްޔާ ކިތަންމެ ކުޑަދުވަސްކޮޅެއްގެ ތެރޭގައިވެސް ވަރަށްބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވިދާނެކަން. އެކަމަށްޓަކައި އެ ޖަމުޢިއްޔާއަށް ތަހުނިޔާ ދަންނަވައި، އެ ކުރައްވަމުން ގެންދަވާ މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމަށް އަޅުގަނޑު ހިތްވަރު އަރުވަން.

އާދެ، މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިޢާރަކީ، "އެހީތެރިވެ އަޅާލާ މުޖުތަމަޢަކަށް ޒުވާނުން" މި ޝިޢާރު. މި ޝިޢާރުގެ ދަށުން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ވަރަށް މުހިންމު ޙަރަކާތެއްވަނީ ހިންގަވާފައި. އެއީ ޒުވާނުންގެ ބޯޓުގައި ޒުވާނުން މިކުރި ތާރީޚީ ދަތުރު. މި ދަތުރުގައި ބައިވެރިވި ޒުވާނުންނާ ބައްދަލުކޮށްލުމުގެ އުފާ އަޅުގަނޑަށްވެސް ވަނީ ލިބިފައި. އަދި ޒުވާނުންނާ ވާހަކަ ދައްކާލައި، އެމީހުންގެ ޝުޢޫރުތައް އަޑުއަހާލުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ވަނީ ލިބިފައި.

އާދެ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ ފަދައިން އެކަކު އަނެކަކަށް އަޅައިލުމަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ކުރިއްސުރެ އަޅުގަނޑުމެން ދަންނަ ނުވަތަ އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައިވާ ވަރަށްރީތި އާދައެއް. އަދި އެއީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް. މިގޮތުން އަޅުގަނޑުމެން ދިވެހިން، ދިވެހިންގެ ގޮތުގައި ތިބުމަށް މި ޝިޢާރުގައި އެ ބުނާގޮތަށް އެންމެންނަކީ އެކަކު އަނެކަކަށް އަޅައިލާ ބަޔަކަށްވުމަކީ ވަރަށް މުހިންމުކަމެއް. ހަމައެކަނި ދިވެހިންގެ ގޮތުގައި ތިބުމަކަށްނޫން. މުސްލިމުންގެ ގޮތުގައި ތިބުމަށްވެސް އަޅުގަނޑުމެންނަށް ބޭނުންވާ އެންމެބޮޑު އެއްކަމަކީ، އެކަކު އަނެކަކުގެ ޙާލު ދެނެގަނެ، އެކަކު އަނެކަކަށް އެހީތެރިވެ، ހަމްދަރުދީވެ، އެކަކު އަނެކަކަށް އަޅައިލުން. އެއީ، އާއިލާގެ ތެރޭގައި ކަމަށްވިޔަސް، ޖަމާޢަތުގެ ތެރޭގައި ކަމަށްވިޔަސް، ރަށްރަށުގެ މެދުގައި ކަމަށްވިޔަސް މި ރޫޙު ދިރުވާ އާލާކުރުމަކީ މުޅި ޖަމާޢަތުގެ ފައިދާއަށާއި، މުޅި ޤައުމުގެ ތަރައްޤީއަށާއި، ހަމަޖެހުމަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންވީމާ، ދިވެހި ޒުވާނުން މިރީތި ސިފަ ދިރުވައި އާލާކުރުމަކީ، އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމެއް.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް މި ވާހަކަ ދައްކާ. ދިވެހިންނަކީ، ވަރަށް ހިތްހެޔޮ ބަޔެކޭ ބުނޭ. ގިނަމީހުން ތިބެނީ އަބަދު ހިނިތުންވެފައޭ ބުނޭ. އެކަކު އަނެކަކަށް އަޅާލައޭ، އެހީތެރިވެޔޭ، އެ ކަންކަން އެމީހުންނަށް ފެންނަ ވާހަކަ ބުނަމުންގެންދޭ. އެހެންވީމާ، މިއީ އަޅުގަނޑުމެން ވަރަށްބޮޑަށް ހިފަހައްޓަންޖެހޭ ވަރަށް ރީތި އާދައެއް. ހަމައެކަނި އާދައެއްނޫން އެއީ. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއާއި، ކުރިއެރުމަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް. ދިވެހި ޒުވާނުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ އަޅައިލާ ބަޔަކަށް ހަދައި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެގޮތުން ޒުވާނުން ހޭލުންތެރިކުރުވުމުގެ ޚާއްޞަ މަސައްކަތްތަކެއް، މި އަހަރުގެ ތެރޭގައި ކުރެވޭނެކަމަށް ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވައިދެމުން އަޅުގަނޑު ވާނީ ދަންނަވާފައި. އެ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމާއި، ތާއީދު ސަރުކާރަށް ލިބުން ބޭނުންވާ ވާހަކަ ވަރަށް އިޙްތިރާމާއެކު އަޅުގަނޑު ދަންނަވާލަން.

އާދެ، ޒުވާނުންގެ ބޯޓުގައި ދަތުރުކުރި ބައިވެރިން އަޅުގަނޑާ ބައްދަލުކުރި ދުވަހު ނުވަތަ އަޅުގަނޑު އެމީހުންނާ ބައްދަލުކުރި ދުވަހު އެ ތަނުން އެއްކުއްޖަކު، އެއްޒުވާނަކު ބުނި ހަނދާން އަޅުގަނޑު އެބަހުރި. ތިމަންނަ އެންމެ ބޮޑަށް އަޖައިބުވި އަދި އުފާވި އެއްކަމަކީ ސަރުކާރުން އަދި ރައީސްވެސް ތިމަންނަމެންނާ ދޭތެރޭ ތިޔަ ބަހައްޓާ އިޙްތިރާމޭ. ތިމަންނަމެންނަށް ތިޔަކުރާ އިޙްތިރާމޭ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިޙްތިރާމަކީ، އެމީހަކު އެހެންމީހުންނަށް ދިންވަރަކަށް އެމީހަކަށް ލިބޭނެ އެއްޗެކޭ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެމީހަކުވެސް، އެހެންމީހުންނަށް ކަމޭހިތާ، އިޙްތިރާމްކުރި ވަރަކަށް އެމީހުން އަޅުގަނޑުމެންނަށް ކަމޭހިތާ، އިޙްތިރާމްކުރާނީ. އެހެންވީމާ، ދިވެހި ޒުވާނުންނަށް އަދި ޚާއްޞަކޮށް، އެ ދަތުރުގައި ބައިވެރިވި މީހުންނަށް ދިވެހި ސަރުކާރުން އެ ކުރި އިޙްތިރާމަކީ، އެކަކު އަނެކަކަށް ކުރި އިޙްތިރާމްގެ ނަތީޖާ. އެމީހުން ދިވެހި ސަރުކާރަށް ކުރާ އިޙްތިރާމުގެ ނަތީޖާ. އެހެންވީމާ، މި އާދަ، އާދެ، އެއީ މިދިޔަ އަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ރާއްޖޭގައި ޢަމަލުކުރެވުނު ޝިޢާރުވެސްމެ. "އިޙްތިރާމް ކުރާށެވެ. އިޙްތިރާމް ލިބިގަންނާށެވެ." މި ޝިޢާރުގައި އެބުނާގޮތަށް އަޅުގަނޑުމެން އެކަކު އަނެކަކަށް ކަމޭހިތައި އިޙްތިރާމް ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި އެއީ، މިއަދުގެ ޒުވާނުން ދަސްކުރަންވީ ވަރަށް މަތިވެރި ފިޅާވަޅެއް ކަމުގައިވެސް އަޅުގަނޑު ދެކެން.

އާދެ، ރާއްޖެއަށް މއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލަ. މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ޒުވާނުންނާއި ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ވަރަށްބޮޑެތި މަސައްކަތްތަކެއް މިވަނީ ކުރަން ޖެހިފައި. ރާއްޖޭގެ ޒުވާނުންނަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން މި ކުރާ މަސައްކަތްތައް، މި އަހަރު އިތުރަށް ހަރުދަނާކުރާނެ ވާހަކަ އަޅުގަނޑު ވާނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ދަންނަވާފައި.

އާދެ، އެ ދެންނެވި ދެންނެވުމަށް ޢަމަލުކުރުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު، މަސްތުވާތަކެތިގެ ބޭނުންކުރުން ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު ވަރުގަދަ ކުރުމަށާއި، ހަރުދަނާކުރުމަށް މި އަހަރުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުންވަނީ ލަފާދެއްވާފައި. މިގޮތުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ބައެއް ފިޔަވަޅުތައް އެޅުމަށް މިހާރު މިވަނީ ނިންމާފައި. އެ ފިޔަވަޅުތަކުގެ ތެރޭގައި ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއަށް ލަފާދިނުމަށް ވަޒީރުންގެ ލަފާދޭ ކައުންސިލެއް އުފެއްދުން ހިމެނޭ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީތަކުގެ މެދުގައި ވިލަރެސްކުރުން، ވަރުގަދަކުރުން ހިމެނޭ. ބޭރުގެ ފަންނީ މާހިރުން ގެނެސްގެން އެމީހުންގެ އެހީއާއެކު ފިޔަވަޅުތައް އެޅުން ހިމެނޭ. ހަމައެއާއެކު، ނޭޝަނަލް ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއަކީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނޭ.

މި ފިޔަވަޅުތައް މިގޮތަށް އެޅުމުން އަޅުގަނޑު ދެކޭގޮތުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށާއި، އަދި އެ ތަކެތީގެ ނުރައްކަލުން ދިވެހިން ސަލާމަތް ކުރުމަށާއި، އެ ވަބާގައި ޖެހޭ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ. އެހެންވީމާ، އަޅުގަނޑު އެދެނީ ދިވެހިރާއްޖޭގެ ހުރިހާ އެންމެން، އާދެ، މައިންބަފައިންނާއި، ބެލެނިވެރިންނާއި، ސްކޫލުތަކުގެ މުދައްރިސުންނާއި، އަދި ޒުވާނުންގެ ކަންތަކާ އުޅުއްވާ ބޭފުޅުންނާއި، ކްލަބް ޖަމުޢިއްޔާތަކާއި، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއި، މި ހުރިހާ ފަރާތެއް ގުޅިވަޑައިގަންނަވައިގެން މި މަސައްކަތުގައި ފުރިހަމައަށް ބައިވެރިވެވަޑައިގެން ދެއްވުން.

ހަމައެއާއެކީގައި، ޒުވާނުންނަކީ އެކި ކުށްތައް ކުރުމުން ދުރުހެލިވެފައިވާ ބަޔަކަށް ހެދުމަށާއި، ޒުވާނުންނަކީ ޤައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށް ޤައުމުގެ ކޮންމެ ފަރުދަކަށްވެސް އެމީހެއްގެ ފަރާތުން ކުރެވިދާނެ މަސައްކަތްތަކެއް ހުންނާނެކަން ގަބޫލުކުރެއްވުން އަޅުގަނޑު އެދެން. ކޮންމެ މީހަކުވެސް އެމީހަކު އެ ޙަރަކާތްތެރިވާ ދާއިރާގައި އެމީހަކަށް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، މި ދެންނެވި ކަންތައްތަކަށް ސަމާލުކަންދީގެން އެމީހެއްގެ ޙިއްޞާ އަދާކުރެވޭތޯ ބަލައިފިނަމަ އަޅުގަނޑު ހިތުން އޭގެ ޖުމުލަ ނަތީޖާއަކަށްވާނީ އަޅުގަނޑުމެން މި ކުރާ މަސައްކަތްތައް ކާމިޔާބުވުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޒުވާނުންނާބެހޭ ވުޒާރާ އެކި ދުވަސްވަރު ހިންގަވައިދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި އަލްފާޟިލާ ރާޝިދާ ޔޫސުފް، ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން، އަލްފާޟިލް ސަމަރުބުލޫ އިބްރާހީމް މަނިކު ހިމެނިވަޑައިގަންނަވާ. އެއިން ކޮންމެ ވަޒީރަކުވެސް، އެ ބޭފުޅެއްގެ ދައުރުގައި ޒުވާނުންގެ ކަންތައްތައް ތަރައްޤީ ކުރެއްވުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައި. އެހެންވީމާ، އެ ހުރިހާ ބޭފުޅުންނަށް މިއަދުގެ މުނާސަބަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. އަދި މިއަދުގެ ޒުވާނުންނާބެހޭ ޒުވާން ވަޒީރު އަލްފާޟިލް ޙުސައިން ޙިލްމީއާއި، އެ މަނިކުފާނުގެ ބެއްލުވުމުގެ ދަށުން އެ މިނިސްޓްރީ ހިންގަވަން ތިއްބެވި އެހެން ވެރިންނާއި، މުވައްޒަފުން ޒުވާނުންގެ ކަންތައްތައް ތަރައްޤީ ކުރައްވައި، ޒުވާނުންނަށް ހެޔޮގޮތްތައް ހޯއްދަވައިދެއްވުމަށް އެ ކުރައްވާ މަސައްކަތްތަކަށްޓަކައި ޙުސައިން ޙިލްމީއަށާއި، އެ މިނިސްޓްރީގެ އެހެން ހުރިހާ ވެރިންނަށާއި، އެހެން މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ޒުވާނުންނަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކުރެއްވުން. ޒުވާނުންނަށް އިތުރު ތަޢުލީމު ލިބިދެވޭނެ ގޮތްތަކާއި، އެމީހުންގެ ޤާބިލުކަން އިތުރުކުރެވޭނެ ގޮތްތަކާއި، އެމީހުންނަކީ މުޖުތަމަޢަށް ފައިދާކުރާނެ އުފެއްދުންތެރި ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތްތައް އެއީ ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ލެއްވުމަށާއި، އަދި އަޅުގަނޑުމެން ހުރިހާ ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވުމަށާއި، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުމަށާއި، ދިވެހިރާއްޖެއަށް ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއި، ތަރައްޤީއާއި، ކުރިއެރުން ގެނެސްދިނުމަށް މި ކުރާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ލެއްވުމަށް اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. މި ދުޢާގައި ތިޔަ ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންދެއްވާކަން ޔަޤީން. އެހެންކަމާއެކު، ދިވެހިރާއްޖެއަށް އަބަދުވެސް ފުރިހަމަ ކުރިއެރުމާއި، ތަރައްޤީއާއި، ބާއްޖަވެރިކަން ލިބުމަށް އަޅުގަނޑު އެދޭތީ އަދި ތިޔަބޭފުޅުންވެސް އަޅުގަނޑުގެ މި އެދުމުގައި ބައިވެރިވެވަޑައިގެންދެއްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމުން، މާތްﷲ އަޅުގަނޑުމެންގެ މި އުންމީދުތައް ހާސިލުކޮށްދެއްވުން އެދި ދުޢާ ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والسّـلام علـيكم ورحمة اللَّـة وبركاتة.