بســم اللّـه الرّحمـن الرّحيــم.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އިއްޔެއާއި ރޭ، ވަދެގެން އުޅުނު ހަތިޔާރު އެޅި ބޭރުގެ ބޯޓު، އަޅުގަނޑުމެންގެ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ދަށަށް ގެނައުމަށް ކުރެވުނު ބުރަ މަސައްކަތްތަކުން، މާތްﷲގެ ވާގިފުޅުން ރާއްޖެއަށް ލިބުނު ކާމިޔާބީއަށްޓަކައި، އެންމެ ފުރަތަމަވެސް އަޅުގަނޑު، اللّـه سبحـانـه وتعـا لـٰى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އެއަށްފަހު، މިމަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެ ތެރޭގައި، ތިޔަ ވިދާޅުވިހެން އެންމެ ފުރަތަމަ މިބޯޓު ފެނުނު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ޓޫނާ މަސްދޯނިން އެ ކުރި މަސައްކަތްތައް އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. ބޯޓުގެ މަޢްލޫމާތު ކޯސްޓް ގާޑަށްދީ، އަދި ބޯޓު ދަތުރުކުރަމުންދާގޮތުގެ މަޢްލޫމާތުވެސް ކޯސްޓް ގާޑަށް ވަގުތުންދީ، ބޯޓު އަތުލުމުގައި ވެދިން އެހީތެރިކަމަށްޓަކައި ޓޫނާ މަސްދޯނީގެ ކެޕްޓަނަށާއި އެހެން ފަޅުވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރްޙަބާ ކިޔައި ވަރަށްބޮޑަށް ސާބަސްދީ ޝުކުރު އަދާކުރަން. އެބޯޓުން ބަޑި ޖެހުމުންވެސް އެއްވެސް ބިރެއް ނެތި، ޓޫނާ މަސްދޯނީގެ ކެޕްޓަނާއި ފަޅުވެރިން ބޯޓު ހަދާނަހަދާ ގޮތް ބަލަމުން ގެންދިޔަކަން އެއީ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރާކަމެއް.

ބޯޓުން ބަޑީގެ ހަމަލާތަކެއް ދީފައިވާތީ، މިބޯޓު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ދަށަށް ގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދެވީ ބޯޓާ ސުލްހަވެރިކަމާއެކު ފުރަތަމަ ވާހަކަ ދައްކަވައިގެން. އެހެންނަމަވެސް، ދިފާޢީ ބާރުތަކުން ދެއްވި ނަސޭހަތުގެ އަޑު ބޯޓުން ނާހައި، އެމީހުން ކަންތައް ކުރި ގޮތުން އަޅުގަނޑުމެންގެ ދިފާޢީ ބާރުތަކުން، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އެބޯޓަށް ހަމަލާ ދޭން ޖެހުނީ އެހެން އެއްވެސް ގޮތެއް ނެތިގެން.

އަޅުގަނޑުމެންގެ ޤައުމީ ދިފާޢީ ބާރުގެ ދަށަށް ބޯޓު ގެންނެވުމަށް އެ އޮޕަރޭޝަން ހިންގެވީ ވަރަށް ފަރުވާތެރިކަމާއި ޙިކްމަތްތެރިކަމާއެކުގައި. އިރާދަކުރެއްވީތީ އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބި، މިއޮޕަރޭޝަން ނިމިގެން މި ދިޔައީ ވަރަށް ކާމިޔާބު ގޮތެއްގައި.

މިކަމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެވެޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އޭގެ ތެރޭގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަލްފާޟިލް އިސްމާޢީލް ޝަފީޢާއި، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރާއި، ކޯސްޓް ގާޑުގެ ޑިރެކްޓަރ ޖެނެރަލް ކާނަލް ޒަކަރިއްޔާ މަންޞޫރާއި، އަދި އެމް.އެން.ޑީ.އެފް.ގެ އެހެން އޮފިސަރުންނާއި، ކޯސްޓް ގާޑުގެ އޮފިސަރުންނާއި، ކޯސްޓް ގާޑުގައި ޚިދްމަތް ކުރައްވާ ހުރިހާ ސިފައިން އަޅުގަނޑު ހިމަނަން.

ދެން އިތުރު ބޯޓެއް މިސަރަޙައްދުގައި އިތުރު ބޯޓެއް އުޅޭތޯ ބެލުމަށް ނޭވީ މަތިންދާބޯޓެއް ފޮނުއްވައި ދެއްވުމަށް އިންޑިޔާ ސަރުކާރުގައި ދެންނެވުމުން، ވަގުތުން ނޭވީ މަތިންދާބޯޓެއް ފޮނުއްވައި ދެއްވިކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރަށާއި ސަރުކާރަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އިންޑިޔާއަކީ، އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި އަބަދުވެސް ވަގުތުން އެހީތެރިވެދޭ ޤައުމެއް. މިކަމުގައިވެސް ވަރަށް ބޮޑަށް އެހީތެރިވެ ދެއްވި. ރޭގައި އިންޑިޔާ ސަރުކާރުގައި ހަމަ ދެންނެވިއިރުން ފެށިގެން ވަރަށް އަވަހަށް އެކަން ކޮށްދެއްވައިފި. އެއީ، މެންދަމުގެ ވަގުތު. މެންދަމުން އަލިވި ފަހުން އިންޑިޔާގެ ނޭވީ މަތިންދާބޯޓެއް ހުޅުލެއަށް އައިސް އަޅުގަނޑުމެންގެ ސިފައިންގެ އިސް އޮފިސަރުންނާ ބައްދަލުކޮށް ވާހަކަދައްކައި، މިކަން ގެންދާނެ ގޮތް ރާވާފައި، ފަތިހުގެ އެންމެ ފުރަތަމަ އައްޔާއެކު އެބޯޓު ފުރައިގެންގޮސް އަޅުގަނޑުމެންނަށް ބަލައިދިން އެ ސަރަޙައްދުގެ ތެރޭގައި މިކަމާ ގުޅުން ހުރި އެހެން އެއްވެސް ބޯޓެއް އުޅޭތޯ! އެހެން އެއްވެސް ނުރައްކަލެއް އޮތްތޯ! އެކަން ވަރަށް ފުރިހަމަ ގޮތެއްގައި އިންޑިޔާގެ ނޭވީ ބޯޓުން އަދި އެބޯޓުގެ އޮފިސަރުންނާއި އޭގައި ތިބި ސިފައިން އަޅުގަނޑުމެންނަށް އެކަން ކޮށްދިނީ. އެހެންވީމާ، އަޅުގަނޑު އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިކަމުގައި އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޝަހީދުވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވި ބޭރުގެ ސަރުކާރުތަކާ ގުޅުއްވަން. އަދި މިކަމުގެ މަޢްލޫމާތު އިންޑިޔާގެ އިތުރުން، ސްރީލަންކާ ސަރުކާރަށްވެސް އަޅުގަނޑުމެން ދިނިން. މިކަމުގައި އިސްވެ ޑޮކްޓަރ ޝަހީދު އުޅުއްވައިދެއްވީތީ ޑޮކްޓަރ ޝަހީދަށްވެސް ޝުކުރު ދަންނަވަން. އަދި ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޢަންބަރީ ޢަބްދުއްސައްތާރު، ދިއްލީގައި ހުންނަވައިގެން މިކަމަށް ކޮށްދެއްވި މަސައްކަތް އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކޮށް ޢަންބަރީއަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ރޭގައި ޢަންބަރީއާ ފޯނުން ގުޅައި މިވާހަކަ ދަންނަވާވެސްލިން.

އެހެންވީމާ، މިހުރިހާ ބޭފުޅުން މިކޮށްދެއްވި ޚިދްމަތަކީ، ޙަޤީޤަތުގައި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި، އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށްޓަކައި ކޮށްދެއްވި ވަރަށް ބޮޑު ޚިދްމަތެއް. ވަރަށް ބޮޑު ނުރައްކަލަކުން އަޅުގަނޑުމެން ސަލާމަތްވީ މާތްﷲގެ ވާގިފުޅާއެކީގައި، މިދެންނެވި ބޭފުޅުންނާއި އެހުރިހާ ފަރާތްތަކުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން. އެހެންވީމާ، އެހުރިހާ ފަރާތްތަކަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ﷲގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަނީ، ރާއްޖެއަށް މިފަދަ އެއްވެސް ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިޔުމުގައި އެކަލާނގެ މަތިވެރި ތައުފީޤަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރާއްޖެއަކީ، އަބަދުވެސް އަމަންއަމާންކަން ލިބިގެންވާ މިނިވަން، މުސްތަޤިއްލު އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަން ޤާއިމުވެފައިވާ ޤައުމެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ މާތްﷲ ލައްވާނެ.