بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه واصحابه أجمعـين

އާދެ! މިއަދު އަޅުގަނޑުމެން އައިސް މިތިބީ ވަރަށް އުފާވެރި ބައްދަލުވުމެއްގައި. މިއީ، މިދިޔަ އަހަރުގެ ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ. އަދި އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވި ރާއްޖޭގެ ކިޔަވާކުދިންގެ ތެރެއިން އެކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ތިޔަ ދިހަ ދަރިވަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކޮށް، މުބާރަކްބާދީ ރައްދުކުރުމާއެކުގައި އަޅުގަނޑު ދޭ ހަނދާނީ ހަދިޔާއެއް ދިނުމުގެ ބައްދަލުވުން.

އާދެ! ޝައްކެއްނެތްގޮތުގައި ތިޔަކުދިން ރާއްޖެއަށް ތިޔަ ހޯދައިދިނީ ވަރަށްބޮޑު ޝަރަފެއް. ވަރަށްރީތި ނަމެއް. އެހެންވީމާ، ތިޔަކުދިން ތިޔަކުރި ހިތްވަރާއި މަސައްކަތުން ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް، ތިޔަހޯދައިދިން ރީތި ނަމަށްޓަކައި ތިޔަހުރިހާކުދިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން. އަދި ޚާއްޞަކޮށް ބައޮލޮޖީއިން މިއިމްތިޙާނުގައި މުޅި ދުނިޔެއިން އެއްވަނަ ހޯދި ދެކުދިންގެ ތެރޭގައި ހިމެނުނު އަމީނިއްޔާ ސްކޫލްގެ ދަރިވަރު ފާޠިމަތު ނާޒިޔާ ޢަބްދުﷲއަށް ވަރަށް ބޮޑަށް ސާބަސްދީ ތަހުނިޔާ އަދާކުރަން.

އާދެ! އަޅުގަނޑުގެ މިތަހުނިޔާގައި ދަރިވަރުންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިން ހިމަނަން. އަދި އެކުދިންގެ ޢާއިލާތައްވެސް ހިމަނަން. ހަމައެހެންމެ، އެކުދިން އެތަމްސީލުކުރި ތިން ސްކޫލްކަމަށްވާ އަމީނިއްޔާ ސްކޫލާއި، ދަރުމަވަންތަ ސްކޫލާއި، މުޙިއްބުއްދީން ސްކޫލާއި، އެސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، އެހެން ވެރިންނާއި، އެކުދިންގެ ހީވާގި މުދައްރިސުންވެސް ހިމަނަން.

އާދެ! ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ.އާއި އޯ ލެވެލް އިމްތިޙާނުގައި އެކި ޤައުމުތަކުން ބައިވެރިވި އެތައް ހާސް ކުދިންނެއްގެ ތެރެއިން އާދެ! ދެންމެ އަޙްމަދު ޝަކީބު ވިދާޅުވިގޮތުގައި އެއްލައްކަ ފަންސާސް ހާސް ކުދިންގެ ތެރެއިން މުޅި ދުނިޔޭގެ އެންމެ މޮޅު ކުދިންގެ ތެރޭގައި ތިޔަ ލޮބުވެތި ދަރިވަރުން ހިމެނުނުކަމީ، މުޅި ރާއްޖެ އެކަމަށްޓަކައި ފަޚުރުވެރިވާ ކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. ކުރިންވެސް ދެންނެވި ފަދައިން ޙަޤީޤަތުގައި ތިޔަކުދިން ތިޔަ ހޯދައިދިނީ ރާއްޖެއަށް ވަރަށް ރީތިނަމެއް. ވަރަށްބޮޑު ޝަރަފެއް.

އަޅުގަނޑުގެ ނަސޭހަތަކީ، ކުރިއަށްއޮތް ތާނގައިވެސް ތިޔަފަދަ ޢަޒުމަކާއި ހިތްވަރަކާ އެކީގައި ތިޔަހުރިހާ ކުދިން މަސައްކަތް ކުރަމުން ގެންދިޔުން. އަދި ކުރިއަށް އޮތްތާނގައިވެސް ތިޔަކުދިންނަށާއި، ތިޔަކުދިންގެ ޢާއިލާތަކަށާއި، ދިވެހިރާއްޖެއަށް ރީތިނަމަކާއި ޝަރަފެއް ހޯދައިދިނުމަށް މަސައްކަތްކުރުން.

އާދެ! ރާއްޖެއިން ބޭރުގައި ދިވެހި ކުދިން ރާއްޖެއަށް ވަރަށް މަތީ ވަނަތަކެއް، ރީތި ނަންތަކެއް ހޯދައިދެމުން ގެންގޮސްފައިވޭ. އެ ހޯދައިދޭ ކާމިޔާބީގެ އަގު ވަޒަންކޮށް ދިވެހި ސަރުކާރުން އެކުދިންނަށް މިދަނީ އިނާމު ދެމުން. މިކަން 1985 ވަނަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން ސަރުކާރުންވަނީ ކޮށްފައި.

އާދެ! ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލާ ޒާހިޔާ ޒަރީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަޢުލީމު ކުރިއަށްދާ ގޮތުގެ ވާހަކަ ވިދާޅުވެއްޖެ. ހަމައެހެންމެ، ރާއްޖޭގެ ތަޢުލީމު އިތުރަށް ތަރައްޤީވެ، ފުޅާވެ، ކުރިއަށް ދިޔުމުގައި އަޅުގަނޑު ކުރިކަމަށް އެކަމަނާއަށް ފެނިވަޑައިގަންނަވާ ބައެއް ކަންތަކުގެ ވާހަކަވެސް ވިދާޅުވި. އެހެންވީމާ، ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި ޒާހިޔާ ޒަރީރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އަޙްމަދު ޝަކީބުގެ ވާހަކަފުޅުގައިވެސް، އެކަމަށް އިޝާރާތް ކުރެއްވީތީ، އޭނާއަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި އަޅުގަނޑަކީވެސް މުދައްރިސެއް. އެހެންވީމާ، ތަޢުލީމުގެ ކަންތައްތަކަށް އަޅުގަނޑު ހިތުގައި އޮންނަ ލޯބި އެހެން ކަންތައްތަކަށްވުރެ ވަރަށްބޮޑުތަން އިތުރުވެފައިވާނެ ކަމަށް ހުރިހާ ބޭފުޅުންނަށްވެސް ޤަބޫލުފުޅު ކުރެއްވޭނެކަން ނޭނގެ. އަޅުގަނޑު އެންމެ ފުރަތަމަ ރާއްޖެއައިސް މިދެންނެވީ، އަޅުގަނޑުގެ ތަޢުލީމީ ދައުރު ނިންމާފައި ރާއްޖެއައިސް ކުރަންފެށި މަސައްކަތަކީ ކިޔަވައި ދިނުން. އޭރު އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި އަޅުގަނޑު ކިޔަވައިދެމުން ގެންދިޔައިން. އަދި އަމިއްލަ ބައެއް މަދަރުސާތަކަށްވެސް ކިޔަވައިދެމުން ގެންދިޔައިން. އަދި މިހާރުވެސް އަޅުގަނޑުގެ ކަށީގައި ހިފާފައިވާ ކަމަކަށްވާތީކަންނޭނގެ އެކަން މިހާރުވެސް މިދަނީ ކުރަމުން. މިހާރުވެސް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި އަޅުގަނޑު މިދަނީ މާއްދާއެއް ނަގައިދެމުން. ހަފްތާއަކު އެއްފަހަރު ކުއްލިއްޔާއަށް ގޮސް އަޅުގަނޑު ކިޔަވައި ދެމުން އެބަގެންދަމު.

ކޮންމެއަކަސް ކިޔަވައިދިނުމަކީ، ކުދިންނަށް ތަޢުލީމު ހާސިލުކޮށް ދިނުމަކީ އަޅުގަނޑު ކުރާހިތްވާ، އަދި އެކަމުގައި ވަރަށް ޚާއްޞަ އުފަލެއް އަޅުގަނޑަށް އިޙްސާސް ކުރެވޭ ކަމަކަށްވާތީ، ރާއްޖޭގެ ތަޢުލީމީ ދުވެލި ހަލުވި ކުރުމުގައި އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއްވާނީ ކޮށްފައި. އަދި މިހާރުވެސް މިދަނީ ކުރަމުން.

އަޅުގަނޑު ދަންނަވާލާ ހިތްވޭ އަޅުގަނޑު ކިޔަވައިދެމުން ގެންދިޔައިރު އަޅުގަނޑާ އެކީގައި މުދައްރިސެއްގެ ގޮތުގައި އަލްފާޟިލް މޫސާ ޢަލީވެސް ހަމަ އެއްމަދަރުސާއެއްގައި އުޅުއްވި. އެހެންވީމާ، އެއީ އަޅުގަނޑު ވަރަށް އުފަލާއެކު މިއަދު ދަންނަވާލާ ވާހަކައެއް. ހަމައެއާއެކީގައި، މޫސާ ޢަލީގެ ބޭފުޅަކު މިއަދު މި އިނާމު ހާސިލުކުރެއްވިކަން އެއީވެސް، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބުނުކަމެއް. އެކަމަށްޓަކައި މޫސާ ޢަލީއަށާއި އޭނާގެ ދަރިކަލުންނަށް، އަދިވެސް އެއްފަހަރު އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ! ރާއްޖޭގެ ތަޢުލީމީ ނައު، ދެންމެ މިނިސްޓަރ ވިދާޅުވި ފަދައިން އޭގައި އެންމެ އިންޖީނެއް ނޫން، ބައިވަރު އިންޖީނުތަކެއް އެޅިގެން ވަރަށް ބާރަށް ކުރިއަށްދާ ދުވެލީގައި، ހުންގާނުގައި މިހާރު ތިއްބެވި ބޭފުޅުން އެކުރައްވާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ. އޭގެތެރެއިން، އަލްފާޟިލާ ޒާހިޔާ ޒަރީރު، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން އެކުރައްވާ މަސައްކަތާއި، އަދި އެކަމަނާގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގެ އެހެން ބޭފުޅުން އެކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކީގައި، ތަޢުލީމީ ވުޒާރާ މިހާތަނަށް ހިންގަވައި ދެއްވި ތަފާތު ބޭފުޅުންނަށް، އެކި ވަޒީރުންނަށްވެސް، އަޅުގަނޑު މި މުނާސަބަތުގައި ވަރަށް އިޙްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެއީ، މިއަދު އަޅުގަނޑުމެން މިދެކޭ ނަތީޖާއަކީ، އެ ހުރިހާ ބޭފުޅުން އެތައް ޒަމާންތަކެއް ވަންދެން ކުރެއްވި ވަރަށް ބުރަ، މިންނެތް މަސައްކަތްތަކުގެ ނަތީޖާ ކަމަށްވާތީ. އަޅުގަނޑުމެންނަށް މިފެނުނު ނަތީޖާއަކީ، ހަމައެކަނި މިއަދު އަޅުގަނޑުމެން ކުރި މަސައްކަތެއްނޫން. ނުވަތަ އެޑިޔުކޭޝަން މިނިސްޓްރީ ހިންގަވާ ބޭފުޅުންނާއި، ސްކޫލުތައް ހިންގަވާ ބޭފުޅުންނާއި، ޓީޗަރުން ކުރެއްވި މަސައްކަތެއްނޫން. މިއަދު އަޅުގަނޑުމެން މިދެކޭ ނަތީޖާއަކީ، ވަރަށް ދިގު ޒަމާންތަކެއް ވަންދެން ދިވެހި ސަރުކާރުން، ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާގެ ބޭފުޅުން، އަދި ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ހިންގުންތެރިންނާއި، ޓީޗަރުންނާއި، މުދައްރިސުން، އަދި ޚާއްޞަކޮށް ބެލެނިވެރިން ކުރައްވާފައިވާ މަސައްކަތްތަކުގެ ނަތީޖާ. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށް މިމުނާސަބަތުގެ ޝުކުރު ޙައްޤުވާތީ، އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ކުއްޖެއްގެ، ދަރިވަރެއްގެ ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދާއިރު ކާމިޔާބު ގޮތެއްގައި ގެންދެވޭނީ، ވަރަށްގިނަ ބައެއްގެ އެއްބާރުލުން ލިބިގެން. އޭގެތެރޭގައި، އެންމެ ފުރަތަމަ އެކުއްޖެއްގެ މަންމައާއި ބައްޕަ ނުވަތަ ބެލެނިވެރިން، ޢާއިލާ ހިމެނޭ. ޢާއިލާގައި ކުއްޖަކަށް ތަޢުލީމީގޮތުން ކުރިއަށް ދެވޭ ކަހަލަ ރަނގަޅު ވެށްޓެއް ޤާއިމްކުރެވިފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް. އެކުއްޖަކަށް އެއްވެސް ކަމެއްގައި އަދި ޚާއްޞަކޮށް ތަޢުލީމީ ޙަޔާތުގައި ކާމިޔާބާ ހަމައަށް ދެވޭނީ، މަންމައާއި ބައްޕަގެ ލޯތްބާއި އެހީތެރިކަމާއި، އަދި އެނޫންވެސް ޢާއިލާގެ މީހުންގެ އެހީތެރިކަން އެކުއްޖަކަށް ލިބިގެން. ރާއްޖޭގެ ކުދިންނަށް މިލިބޭ ކުރިއެރުން، ދުނިޔޭގެ ނިސްބަތުގައި މިލިބުނު ރީތިނަންވެސް، އަޅުގަނޑު ހިތުން ރައްދުވާ އެންމެ ޚާއްޞަ އެއްފަރާތަކީ މިކުދިންގެ މައިންބަފައިން، ބެލެނިވެރިން، ތިޔަ ތިއްބެވި ބޭފުޅުން. އެހެންވީމާ، ތިޔަ ހުރިހާ ބޭފުންނަށް މިމުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ ވަރަށްބޮޑަށް ޙައްޤުވާކަމަށް ފެންނާތީ، ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އަދި އޭގެ އިތުރުން، އެކުދިންނަށް ތަޢުލީމީ ޙަޔާތުގައި އެކަށީގެންވާ ކާމިޔާބީއެއް ހޯދޭނީ ސްކޫލްތައް ހިންގަވާ ބޭފުޅުން އާދެ! ޕްރިންސިޕަލުން، ހެޑްމާސްޓަރުން، ސްޕަވައިޒަރުން، އަދި އެކުދިންނަށް ކިޔަވައި ދެއްވާ ޓީޗަރުން، މުދައްރިސުން އެކުރައްވާ މަސައްކަތުގެ ސަބަބުން. އެހެންވީމާ، މިމުނާސަބަތުގައި ތިޔަ ހުރިހާ ކުދިންގެ އަދި ތިޔަކުދިން ފިޔަވައި ރާއްޖޭގައި މިހާރު ކިޔަވަމުންދާ ހުރިހާ ކުދިން އެ ކިޔަވަމުންދާ ސްކޫލުތަކުގެ ވެރިންނަށާއި، މުދައްރިސުންނަށާއި، އަދި އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިއަދު ވަރަށް މުނާސަބުކޮށް މިދިމާވަނީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހާ. އެހެންވީމާ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ތިޔަ ހުރިހާ ލޮބުވެތި ދަރިވަރުންނަށާއި، ތިޔަ ދަރިވަރުންގެ ޢިއްޒަތްތެރި މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، އަދި ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ވަރަށް ލޯތްބާއެކު އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ކުޑަކުދިންނަށް ފާގަތި މުސްތަޤްބަލެއް. އެކުދިންނަށް އެކަށީގެންވާ ރަނގަޅު ތަރުބިޔަތަކާއި، ތަޢުލީމެއް ލިބި އަދި އެކުދިންގެ ސަބަބުން އެކުދިންގެ ޢާއިލާތަކަށާއި، މުޅި ޤައުމަށް ފައިދާއާއި މަންފާ ލިބޭނެ ދުވަހެއް މާތްﷲ މިންވަރު ކުރެއްވުން.

އާދެ! ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުޑަކުދިންނަށާއި، އެކުޑަކުދިންގެ މައިންބަފައިންނަށާއި، ޤައުމުގެ ރައްޔިތުންނަށް މަރުޙަބާ ދަންނަވަމުން، މިތަނަށް ހާޒިރުވެ ތިޔަ ތިބި ކުދިން ރާއްޖެއަށް ތިޔަ ހޯދައިދިން ރީތިނަމާއި ޝަރަފަށްޓަކައި ތިޔަކުދިންނަށް އަދިވެސް އެއްފަހަރު ތަހުނިޔާ އަދާކުރަމުން، އަދި ތިޔަކުދިންގެ ފަހަތުގައި ތިއްބެވި ބެލެނިވެރިންނަށާއި މައިންބަފައިންނަށްވެސް ތަހުނިޔާ އަދާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسلام عليكم ورحمة اللّـه وبركاته.