ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހދ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެ އަތޮޅުގެ ދާއިރާތަކުގެ މަޖްލިސް މެންބަރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހދ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެއަތޮޅުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖުލިސް މެންބަރުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އިސްވެރިންނާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ. އަދި ހދ އަތޮޅުގެ ތަރައްޤީއާ ގުޅޭ އެކިއެކި ކަންކަމާބެހޭގޮތުން އަތޮޅުގެ މަޖުލިސް މެންބަރުންނާއި ކަމާބެހޭ ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިސްވެރިންނާއެކު މިފަދަ ބައްދަލުވުމެއް ބޭއްވެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ތަރައްޤީއާ ގުޅޭ ކަންކަން ރައްޔިތުންނާ ވީހާވެސް ގާތުން ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިޔަށްގެންދެވޭނެ މަގު ތަނަވަސްކޮށްދެއްވުންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
މި ބައްދައްދަލުވުމުގައި ހދ އަތޮޅުގެ އިންތިޚާބީ 6 ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ހދ އަތޮޅުގެ އިންތިޚާބީ ދާއިރާތަކުގެ މަޖުލީހުގެ މެންބަރުން ވަނީ އެ ބޭފުޅުންގެ އިންތިޚާބީ ދާއިރާތަކުގައި ކުރެވެމުންދާ ތަރައްޤީގެ އެކިއެކި މަސައްކަތްތަކާއި ދާއިރާގެ އެކިއެކި ރަށްރަށުގައި ހުރި މައްސަލަތަކާ ބެހޭގޮތުން، ސަރުކާރުގެ އެކިވުޒާރާތަކާއި އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައި މަޢުލޫމާތު ހޯއްދަވާފައެވެ. ހދ އަތޮޅުގައި ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކާއިބެހޭ ފަހުގެ މައުލޫމާތުތައް ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ވަނީ އެ މެންބަރުންނާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި އަތޮޅުގެ އެކި ރަށްރަށުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަން ހިމެނެއެވެ. އަދި ތަޢުލީމީ ދާއިރާއާއި، ބޯހިޔާވަހިކަންފަދަ ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ރޭވިފައިހުރި މަޝްރޫޢުތަކާއި އަދި އެ ދާއިރާތަކުން ހުރި ދަތިތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމާއި އަތޮޅުގައި މިހާރު ޚިދުމަތް ދެމުންދާ ދެ އެއާޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އެ ތަންތަނުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންތައްތަކާއި ބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތައް ފޯރުކޮށްދިނުމަށް މިހާރު ސަރުކާރުން ފަހިކޮށްދީފައިވާ ކަންކަން މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޒުވާނުންނާ ގުޅުންހުރި ގިނަ ގުނަ އިޖްތިމާޢީ ކުރިއެރުންތަކާއި މަޝްރޫއުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.