بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصحـابه أجمعـين.

އާދެ! ދެންމެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެނަރޖީ އެންޑް ވޯޓަރ އަލްފާޟިލް އަޙްމަދު ޢަބްދުﷲ ގެ އެދިވަޑައިގަތުމުގެ މަތިން މިއަދު، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން ރާއްޖޭގައި "ޕްލާންޓް ފޮރ ދަ ޕްލެނެޓް: ބިލިޔަން ޓްރީޒް ކެމްޕޭން" ފަށައިދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި، މުޅިދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އަދި މިކަންކަން ޙައްލުކުރުމަށްޓަކައި ފިޔަވަޅު އަޅަންޖެހޭނެކަމާ، އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، ގަސް އިންދާ ބެލެހެއްޓުން ކަމުގައި ވިދާޅުވި. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރާ ވާހަކަފުޅެއް.

ޝައްކެއްނެތް. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ އަދި ވަރަށް ނާޒުކު ގޮތަކަށް ޤުދުރަތީ ގޮތުން އުފެދިފައިވާ ރާއްޖެއެއް. ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ. މިހާރުވެސް ދަނީ ކުރަމުން. މިކަމަށް އަޅުގަނޑުމެން ސަމާލުވެ، ޤައުމީ ފެންވަރުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއްކަން ކަށަވަރު. އެއީ، މިއަދުގެ ޖީލުގެ ސަލާމަތަށާއި، އަންނަން ހުރި ޖީލުތަކުގެ ސަލާމަތަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. މުޅި ޤައުމުގެ ސަލާމަތަށްޓަކައި ކުރަންޖެހޭނެ ކަމެއް.

އާދެ! ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތައް އެހެން ގޮތަކަށް ބަދަލުކޮށްލުމަކީ، އަޅުގަނޑުމެންނަށް އެކަނި ކުރެވޭނެ ކަމެއްނޫން. އެއީ، މުޅި ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން އެއްބާރުލައިގެން މަސައްކަތްކޮށްގެން ކުރެވޭނެ ކަމެއް. އެކަމަށް ދުނިޔޭގެ އެކި ފަރާތްތަކުން، ޚާއްޞަކޮށް އ.ދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއިން މަސައްކަތް ކުރައްވަމުން އެބަގެންދަވާ. އެމަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް އަދި ފެނިފައި ނުވިނަމަވެސް، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި އިތުރު ހިތްވަރަކާއި، އިތުރު ޢަޒުމަކާ އެކީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވިއްޖިއްޔާ އެމަސައްކަތްތަކުގެ ނަތީޖާ އިރާދަކުރެއްވިއްޔާ މާލަހެއްނުވެ އަޅުގަނޑުމެންނަށް ފެނިގެންދާނެ.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން ތިމާވެށި ރައްކާތެރިކުރުމަށް، ނުވަތަ ތިމާވެށީގެ ހާލަތު މިހާރު އޮތް ފެންވަރަށްވުރެ ނުރަނގަޅު ފެންވަރަކަށް ދިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް އެންމެ ބޮޑު އެއް މަސައްކަތަކީ، ގަސްއިންދައި ގަސް ބެލެހެއްޓުން.

އާދެ! އަޅުގަނޑުމެންގެ ރާއްޖޭގައި ގަސްއިންދުމުގެ ތަފާތު ޕްރޮގްރާމްތަކެއް މިހާރުވަނީ ހިންގާފައި. އަޅުގަނޑު ހަނދާންވާ ގޮތުގައި 1980 ވަނަ އަހަރު، އެ އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި، އުތީމުގައި ވާހަކަ ދައްކަމުން ކޮންމެ މީހަކު ރުކެއް އިންދުމަށް އަޅުގަނޑު އިލްތިމާސްކުރިން. އެއަހަރު ރާއްޖޭގައި ކޮންމެ މީހަކު ރުކެއް އިންދި. އަދި 1983 ވަނަ އަހަރަކީ ރާއްޖޭގައި ގަސް އިންދުމުގެ އަހަރެއް ކަމުގައި ފާހަގަ ކުރެވިގެންދިޔަ. އޭގެފަހުންވެސް، ރާއްޖޭގައި ވަރަށްގިނަ ޕްރޮގްރާމްތައް ވަނީ ހިންގިފައި. އޭގެތެރެއިން، ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމާއި، އަދި މިލިޔަންގަސް ޕްރޮގްރާމް 1996 ވަނަ އަހަރު ފަށައިގެން ވަރަށް ކާމިޔާބުކަމާ އެކީގައި ހިންގުނު. އެއީ، ތިން އަހަރަށް ފުރަތަމަ ކަނޑައެޅި މަޝްރޫޢެއް. އެކަމަކު އެއްއަހަރު ދުވަސްވީއިރު ނުވަލައްކަގަސް އިންދިފައިވުމާއެކީގައި، ދެމިލިޔަން ގަހުގެ ޕްރޮގްރާމަށް އެޕްރޮގްރާމް ބަދަލުކުރަން އަޅުގަނޑުމެންނަށް ޖެހުނު. ޝައްކެއްނެތް. އެޕްރޮގްރާމަކީ، ވަރަށްބޮޑު ކާމިޔާބީއެއް. އަދި މިހާރުވެސް މާލެ ފެހިކުރުމުގެ ޕްރޮގްރާމަކާއި، ރާއްޖޭގައި މޭވާގަސް އިންދުމުގެ ޕްރޮގްރާމަކާ، މިކަހަލަ ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގަމުން އެބަގެންދެވޭ.

އޭގެތެރެއިން، ނުވަތަ އޭގެ އިތުރުން ފެށޭ އެއް ޕްރޮގްރާމެއް މިއަދު އަޅުގަނޑުމެން މިފަށަނީ. އެއީ، އ.ދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާގެ ނިންމެވުމެއްގެ މަތިން މުޅި ދުނިޔޭގައި އެއްބިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ޙިއްސާ ފެށުން.

އާދެ! ދުނިޔޭގެ އާބާދީއަކީ ހަބިލިޔަނަށްވުރެ ބޮޑު އަދަދެއް. އެހެންކަމުން އެއްބިލިޔަންގަސް އިންދުމަކީ، މުޅިދުނިޔޭގެ ނިސްބަތުގައި މާ ބޮޑުކަމެއްނޫން. އެހެން މިދެންނެވީ، އަޅުގަނޑުމެން ކޮންމެ ދިވެއްސަކު ގަހެއް ނުވަތަ ރުކެއް އިންދުމުގެ ޕްރޮގްރާމްތަކެއް ކާމިޔާބުކަމާއެކީ ހިންގިފައި އޮތުމާއެކީގައި، މުޅި ދުނިޔޭގައި އެއްބިލިޔަން ގަހެއްނޫން ހަބިލިޔަންގަސްވެސް އިންދަންވާނެ. އެކަމަކު އެނގިވަޑައިގަންނަވާނެ ފަދައިން ދުނިޔޭގެ އެހެންތަންތާނގައި އެމަސައްކަތްތައް އެވަރަށް ކުރެވޭނެ ކަމަށް ނުފެންނާތީ، ޔުނެޕުން މިއަދަދު ދަށްކޮށްލާފައި އެއޮތީ އެންމެ އެއްބިލިޔަނަށް ހަމަޖައްސާފައި.

އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެން ހަމަކޮންމެ މީހަކަށްވެސް ގަހެއް އިންދިދާނެހެން. ނުވަތަ ރުކެއް އިންދިދާނެހެން. މިކަން އަޅުގަނޑުމެންވަނީ މީގެކުރިން ކޮށްފައި. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މިއަދު މިފަށާ ޕްރޮގްރާމްގައިވެސް، ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ގަހެއް އިންދަމާތޯއޭ! ކޮންމެ ރައްޔިތަކުވެސް ރުކެއް އިންދަމާތޯއޭ! އަދި ކޮންމެ ރައްޔިތަކުވެސް އަޅުގަނޑުމެންގެ ތެރެއިން ކެނޑެމުންދާ ގަހަކަށް ގަހެއް، ކެނޑެމުންދާ ރުކަކަށް ރުކެއް އިންދަމާތޯއޭ! އެއީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ދަތިކަމަކަށް ނުވާނެ.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ތަރައްޤީގެ އެކި ބޭނުންތަކަށް ގަސްތައް ކެނޑެމުންދާ ވާހަކަ. ވަރަށްބޮޑު ޙަޤީޤަތެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ގެދޮރު އެޅުމަށްވެސް އެބަ ގަސް ކަނޑަންޖެހޭ. އަދި އެކިއެކި ޢިމާރާތްތައް ކުރުމަށްވެސް، ސްކޫލްތައް، މަދަރުސާތައް، ހަސްފަތާލުތައް، އިންޖީނުގެތައް، އިޖްތިމާޢީ މަރުކަޒުތައް، ކޯޓުތައް، އޮފީސްތައް، މިތަންތަން ޢިމާރާތްކުރުމަށް ވަރަށްގިނަ އަދަދަކަށް ރުއްގަސް ކަނޑަން އެބަޖެހޭ. އޭގެ އިތުރުން، ބައެއް ކަހަލަ އިޖްތިމާޢީ ބޭނުންތަކަށްވެސް އެބަ ކަނޑަންޖެހޭ. މިސާލަކަށް ބޯޅަދަނޑު ހަދަން. ރާއްޖޭގެ ކޮންމެ ރަށެއްގައި ބޯޅަ ދަނޑެއްވެސް އޮންނަންޖެހޭ. ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގު ތަނަވަސްކުރަންޖެހޭ. ބޯޅަދަނޑު ހެދުމަށްވެސް ބިންސާފުކުރުމަށްޓަކައި ވަރަށްގިނަ އަދަދަކަށް ރުކާއި ގަސް ކަނޑަންޖެހޭ. ހަމައެހެންމެ، އަޅުގަނޑުމެންގެ އެއަރޕޯޓުތައް ތަރައްޤީކުރަން، އެކި ރަށްރަށުގައި ރަންވޭ ހަދަން، ވަރަށްގިނަ އަދަދަކަށް ރުއްގަސް ކަނޑަންޖެހޭ. އަދި ރިޒޯޓުތައް ތަރައްޤީކުރާއިރުވެސް ރުއްގަސް ކަނޑަން ޖެހޭ. މިހެންގޮސް، ތަރައްޤީގެ އެކިއެކި މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ވަރަށްގިނަ އަދަދަކަށް ރުކާއި ގަސް ކަނޑަން އަޅުގަނޑުމެން އެބަޖެހޭ.

މިކެނޑޭ ރުއްތަކާއި، ގަސްގަހުގެ ބަދަލުގައި އިތުރު ރުކާއި އިތުރު ގަސް ނީންދޭ ކަމަށްވަންޏާ އެއީ، އަޅުގަނޑުމެންނަށްލިބޭ ވަރަށްބޮޑު ގެއްލުމަކަށް ވެގެންދާނެ. އާދެ! އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ތިމާވެށްޓަށް އެއިން ކުރާނެ ނޭދެވޭ އަސަރު ވަރަށް ބޮޑުވާނެ. އޭގެ އިތުރުން، އަޅުގަނޑުމެންގެ ރާއްޖޭގެ ފެހިކަން ގެއްލޭނެ. ރާއްޖޭގެ ރީތިކަންވެސް ގެއްލޭނެ. ރާއްޖޭގެ ފެހިކަމާއި ރީތިކަމަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންވެސް ވަރަށްބޮޑަށް ފާހަގަކުރާ ކަމެއް. އެހެންވީމާ، މިކަންކަން މިހެންހުރުމާ އެކީގައި އަޅުގަނޑުމެން ވެއްޖެ އިތުރު ސަމާލުކަމެއްދޭން، ރާއްޖޭގައި އިތުރު ގަހާއި ރުއް އިންދުމަށާއި، އަދި ކެނޑޭ ކޮންމެ ގަހަކަށް، ރުކަކަށް އިތުރު ރުކެއް ނުވަތަ ގަހެއް އިންދުމަށާއި، ރާއްޖޭގެ ފެހިކަން ދެމެހެއްޓުމަށްޓަކައި. މިގޮތުގެ މަތިން އަޅުގަނޑުމެން މަސައްކަތް ކޮށްފީވިއްޔާ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ރާއްޖެއަށް ތިމާވެށީގެ ގޮތުންވެސް ވަރަށް ރަނގަޅު ފައިދާތަކެއް ކުރަމުންދާނެ.

އާދެ! މިއަދުގެ މިހޫނު ވަގުތުގައި މާގިނަ ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ބޭނުމެއްނޫން. އެހެންނަމަވެސް، މިފުރުޞަތުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރެއްވުމަށް ތަފާތު ފަރާތްތަކުން ކުރައްވާ މަސައްކަތްޕުޅުތަކަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ތިމާވެށްޓާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އަޙްމަދު ޢަބްދުﷲއާއި، އެމިނިސްޓްރީގެ ވެރިންނާއި، މުވައްޒަފުން ކުރައްވާ މަސައްކަތްޕުޅުތަކަށް އެހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ތިމާވެށްޓާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުން ކުރައްވާ މަސައްކަތްޕުޅުތަކަށް އެމަޖިލީހުގެ މެންބަރުންނަށާއި، ހަމައެހެންމެ، ކޮންމެ ވުޒާރާއަކުންވެސް ހަމަ އެވުޒާރާއެއްގެ ޕްރޮގްރާމްގެ ތެރޭގައި މިކަން ހިމެނިގެން އެބަދޭ. އެއީ، ގަސްއިންދުމާއި ބެލެހެއްޓުން ކަމަށްވިޔަސް، ނުވަތަ އެކަމުގެ ހޭލުންތެރިކަން އުފެއްދުން ކަމަށްވިޔަސް، އަދި އެކަމުގައި ކަމާބެހޭ ފަރާތްތަކަށް އެހީވެދެއްވުން ކަމަށްވިޔަސް، މިހުރިހާ ފަރާތްޕުޅުތަކުންވެސް އެމަސައްކަތް ކުރައްވަމުން ގެންދަވާތީ ހުރިހާ ވަޒީރުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އޭގެ އިތުރުން، ރާއްޖޭގެ ސްކޫލް މަދަރުސާތަކަށްވެސް، އެޑިޔުކޭޝަން މިނިސްޓްރީއަށްވެސް، އަދި އިންފޮމޭޝަން މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ އަޑާއި، ޓީވީ މޯލްޑިވްސްއާއި، އަދި ނޫސްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އެހުރިހާ ފަރާތްތަކުން އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށްޓާބެހޭ ހޭލުންތެރިކަން އުފެއްދެވުމުގެ މަސައްކަތް ކޮށްދެއްވަމުން ގެންދަވާތީ. އަދި އެމަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުންދާތީ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ މާތްﷲ، އަޅުގަނޑުމެންނަށް ރާއްޖެ ޙިމާޔަތްކުރުމުގެ މަގު ތަނަވަސް ކޮށްދެއްވުން އެދި ދުޢާ ކުރަމުން. އަޅުގަނޑުމެންގެ ރާއްޖެއަކީ، ތިމާވެށީގެ ގޮތުންވެސް، އަދި އެހެންގޮތުންވެސް ރައްކާތެރި، އަދި ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން ލިބެމުންދާނެ ޤައުމެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމުން. އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައިވެސް އެކަލާނގެ ބަރަކާތް ލައްވައި އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ ގޮތްތައް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.