بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! މިރޭގެ މިއުފާވެރި ޙަފްލާގައި، އަޅުގަނޑުގެ އެންމެ އުފާވެރި އަދި އެންމެ އިސް ވާޖިބަކީ، ސިފައިންގެ 115 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ނާއިބު އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވެރިންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހުރިހާ އޮފިސަރުންނަށާއި، އެކި ރޭންކުތަކުގައި ތިއްބެވި ބޭކަލުންނަށާއި ބޭކަނބަލުންނަށާއި، ސިފައިންގެ ޢާއިލާތަކަށް ތަހުނިޔާ ދަންނަވައި، އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުން.

އާދެ! ސިފައިންނަކީ ވަރަށް މުހިންމު ޤައުމީ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް، އެމީހުންގެ ކޮނޑުގައި އެޅިފައިވާ ބަޔެއް. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމުގެ ޤައުމީ ވާޖިބާ ކެރިގެން ކުރިމަތިލައި، އިޖާބަދީގެން ތިބި ބަޔެއް. ހަމައެހެންމެ، ސިފައިންނަކީ ޤައުމީ ޚިދްމަތުގައި ނަފްސަށްވުރެ ވާޖިބަށް އިސްކަންދީގެން، ރެޔާދުވާލު މަސައްކަތް ކުރާ ޤައުމީ ޚިދްމަތުގެ ކުރީސަފު. އާދެ! ޤައުމާއި ރައްޔިތުންގެ ޚިދްމަތުގައި ދެމިތިބި ޚާދިމުން. މިދެންނެވި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ދިވެހި ސިފައިން އަދާކުރަމުން ގެންދަނީ، ވަރަށް އިޚްލާޞްތެރިކަމާއި، ވަރަށް ތެދުވެރިކަމާއި، ވަރަށް މުރާލިކަމާއި، ވަރަށް ހީވާގިކަމާއެކު އެތައް ޤުރްބާނީތަކެއްވަމުން. އަދި ޢަމަލީ މައިދާނުގައި ސިފައިން ގެންދަނީ މިކަން ވަރަށް ރީތިކޮށް ސާބިތުކޮށްދެމުން. އެކަމަށްޓަކައި ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ފަޚުރުވެރިވާ ވާހަކަ އުފަލާއެކު ދަންނަވަން.

އާދެ! ދިވެހި ސިފައިން ޤައުމަށްޓަކައި، ދިވެހިރާއްޖެއަށްޓަކައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށްޓަކައި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި، ދިވެހި ރައްޔިތުންނަށް އަމާން ބާއްޖަވެރި ވެށްޓެއް ޤާއިމުކޮށްދިނުމަށްޓަކައި ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތަކުގެ ވަރަށްރީތި މިސާލުތަކެއް، އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަން އެބަހުރި. އަދި ތާރީޚުގެ ތެރެއިންވެސް މިކަން ވަރަށް ރީތިކޮށް، އެއްވެސް އޮޅުމެއްނެތް ގޮތުގައި އަޅުގަނޑުމެންނަށް ފެންނަން އެބަހުރި.

އާދެ! ދާދިފަހުން 1988 ވަނަ އަހަރު، އަޅުގަނޑުމެންގެ ރާއްޖެއާ ކުރިމަތިވި ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައި، ދިވެހި ސިފައިން ސާބިތުކޮށްދިން ހަރުދަނާކަމާއި ކެރުމާއި ޤާބިލިއްޔަތާއި، އެމީހުން ޤައުމަށްޓަކައިވީ ޤުރްބާނީ، މިކަމުގެ ހެތްކެއް ކަމުގައި ފުދޭ. އާދެ! އެޙަމަލާގައި ސިފައިންގެ ވަރަށް އަގުހުރި 8 ބަޠަލަކު ވަނީ މިދުނިޔެ ދޫކޮށް ގޮސްފައި. އެބޭކަލުންގެ ފުރާނައަށް، މާތް اللّـه، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. އަދި އެ އަބްޠާލުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ސަވާބު އިތުރުކުރެއްވުން އެދި ދުޢާ ދަންނަވަން.

އާދެ! މީގެއިތުރުންވެސް ސިފައިން އެކޮށްދެމުން ގެންދާ ޚިދްމަތްތަކުގެ މިސާލުތައް، ހެކިތައް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ދާދިފަހުން އާދެ! މީގެ ގާތްގަނޑަކަށް ތިންއަހަރެއްހާ ދުވަސް ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައިވެސް މިކަންވަނީ ދިވެހި ސިފައިން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި. އެމީހުންގެ ކެރުމާއި ހިތްވަރާއި، އެމީހުންގެ ޚިދްމަތާއި، އެމީހުންގެ ޤުރްބާނީތައް، އަޅުގަނޑުމެންނަށް ވަނީ ވަރަށް ރަނގަޅަށް ފެނިފައި. މީގެއިތުރުން، ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނަށް އެހީތެރިކަން ފޯރުވައިދިނުމާއި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް، ސިފައިން ކުރާ ބުރަ މަސައްކަތްތައްވެސް އަޅުގަނޑުމެންނަށް ހަމަ ކޮންމެ ދުވަހަކުވެސް މިދަނީ ފެންނަމުން. ހަމައެހެންމެ، އަލިފާނުގެ ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ކުރާ މަސައްކަތްވެސް އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން.

މިހުރިހާ ކަމެއްގެ އިތުރުން، ޤައުމީ ފެންވަރުގަޔާއި އަތޮޅު ފެންވަރުގަޔާއި އަދި ރަށު ފެންވަރުގައި ހިންގާ ކަންކަމުގައިވެސް ބައިވެރިވެ، ޖަމާޢަތުގެ ރޫޙު ދިރުވުމާއި، ޤައުމިއްޔަތުގެ ބިންގާތައް ވަރުގަދަ ކުރުމަށް، ކުރަމުން ގެންދާ މަސައްކަތްތައް، އަޅުގަނޑުމެންނަށް ހަމަ ކޮންމެ ދުވަހަކުވެސް ފެނިގެން އެބަދޭ. މިފަދަ މަތިވެރި ޤައުމީ ޚިދްމަތްތަކެއް އަދާކުރާ ބަޔަކީ، އެބައިމީހުންނަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ވަރުގަދަ ފަޚުރުވެރިކަމެއް، ވަރަށް ވަރުގަދަ ލޯތްބެއް އުފެދިފައިވާނެ ބަޔެއްކަން ކަށަވަރު. އެކަމަށްޓަކައި އަދި ދިވެހި ސިފައިން އެކުރައްވަމުން ގެންދަވާ މަތިވެރި ޚިދްމަތްތަކަށްޓަކައި، ސިފައިންގެ ހުރިހާ ރޭންކުތަކުގެ އޮފިސަރުންނަށާއި، ސިފައިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވާހަކަފުޅުގައި، މި ކުރިއަށް އޮތް އަހަރު ސިފައިންގެ ޝިޢާރަކަށްވާނެ އެއްޗަކާ ދޭތެރޭގައި ވަނީ ވާހަކަފުޅު ދައްކަވާފައި. އަޅުގަނޑުވެސް އެކަމާ ބެހޭގޮތުން ކުޑަ އެއްޗެއް ދަންނަވާލަން ބޭނުންވޭ.

އާދެ! ސިފައިންގެ މިއަހަރުގެ ޝިޢާރަކީ، ”ސިފަވަންތަކަން ކުރިއަށް ނެރެ، ޤާބިލުކަން އިތުރުކުރާށެވެ.“ މީގައި ވަރަށް މުހިންމު ދެބައެއް އެބަހިމެނޭ. އެއްބަޔަކީ، ސިފައިންގެ ސިފަވަންތަކަން ހަރުދަނާ ކުރުން، އިތުރުކުރުން. ސިފައިންގެ ސިފަވަންތަކަން ބިނާވެފައިވަނީ، ސިފައިންގެ ކޯޑް އޮފް އެތިކްސް ނުވަތަ ސުލޫކީ މިންގަނޑުގެ އަސާސްތަކުގެ މައްޗަށް. މި އަސާސްތަކުގެ ތެރޭގައި ހިމެނެނީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބުމާއި، ޤައުމީ ޚިދްމަތުގައި ނަފްސަށްވުރެ ޤައުމު އިސްކުރުމާއި، އަދި ޤާނޫނީގޮތުން އުފެދިފައިވާ ވެރިކަމަށް ކިޔަމަންވެ އެހީތެރިވުން. އެހެންކަމުން، ސިފައިންގެ ކޮންމެ މީހަކީވެސް، މިދެންނެވި ސުލޫކީ މިންގަނޑު ދަންނަ، އޭގައިވާ އަސާސްތައް ޤަބޫލުކުރާ، އެއާ އެއްގޮތަށް ޢަމަލުކުރާ މީހަކަށްވާން ޖެހޭނެ. މިގޮތުން ސިފައިންނަކީ، ދީނީ ވާޖިބުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް، އެމީހުންގެ އަޚްލާޤާއި ސުލޫކު ބައްޓަންކުރާ ބަޔަކަށްވާން ޖެހޭނެ. މާތްاللّـه އަށް ބިރުވެތިވުން، ތެދުވެރިވުން، އަމާނާތްތެރިކަން، ވަފާތެރިކަން، އިޚްލާޞްތެރިކަން، އިންޞާފުވެރިކަން، ހިތްވަރާއި ކެރުން އަދި މަސްއޫލިއްޔަތު އުފުލުންފަދަ މަތިވެރި ސިފަތަކުން ފޭރާންލެވިފައިވާ ބަޔަކަށް ވާންޖެހޭ. ދިވެހި ސިފައިންގެ ސިފަވަންތަކަމަކީ މިދެންނެވީ.

މިއަހަރުގެ ޝިޢާރުގެ ދެވަނަ ބަޔަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރާ ރައްޔިތުންގެ އައްޑަނައެއްގެ ގޮތުގައި ފަސްނުޖެހި ޙަރަކާތްތެރިވުމުގެ ކުޅަދާނަކަން ލިބިފައިވާ ހަރުދަނާ ބާރެއް ކަމުގައި ސިފައިންވުން. މިކަމަށްޓަކައި މިއަހަރުގެ ތެރޭގައިވެސް އިތުރު މަސައްކަތްތަކެއް ކުރެވޭނެ.

ޝައްކެއްނެތްގޮތުގައި، ކޮންމެ މީހަކަށްވެސް އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކުރެވޭނީ، އަދި ކޮންމެ ބަޔަކަށްވެސް އެބަޔެއްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އުފުލޭނީ، އެމީހަކު ނުވަތަ އެބަޔަކު އެކުރާ ކަންތައްތައް ރަނގަޅަށް ދަސްކޮށްގެން. އެކަމުގެ ހުނަރުތައް ޙާޞިލުކޮށްގެން. އެކަމުގެ ޤާބިލިއްޔަތު އިތުރުކޮށްގެން. އެކަމަށްޓަކައި ދިވެހި ސިފައިންގެ ޚިދްމަތް ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދީގެން މަސައްކަތް ކުރަމުން އެބަގެންދޭ. މިކަމުގެ ނަތީޖާ ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވަމުން އެބަދޭ.

އާދެ! ދިވެހި ސިފައިން ކުރީ ޒަމާނުގައި ތިބި ގޮތާއި، އޭގެފަހުން ތިބިގޮތާއި، އަދި މިހާރު އެމީހުން ތިބިގޮތާ، މިކަންތައްތައް އަޅާ ބަލައިލައިފި ކޮންމެ މީހަކަށް، މިދެންނެވި ޙަޤީޤަތް ވަރަށް ރަނގަޅަށް ފެނިގެންދާނެ. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މިހާރަށްވުރެވެސް ދިވެހި ސިފައިންގެ ޚިދްމަތް ހަރުދަނާވެ، އަދި ސިފައިންނަކީ ޤައުމަށާއި ރައްޔިތުންނަށާއި ސަރުކާރަށް ވަފާތެރި އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރާ ބަޔެއްކަން މިހާރަށްވުރެ ބޮޑަށް ހާމަވެގެންދާފަދަ ހުނަރުތަކާއި ވަސީލަތްތައް ސިފައިންނަށް ލިބިގެންދާނެ.

އާދެ! މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރިއަށް އޮތް 5 އަހަރަށް ކަނޑައަޅުއްވާފައިވާ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ޙާޞިލު ކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ހުއްޓާނުލައްވާ ކުރައްވައި، އެ އަމާޒަށް ވާޞިލުވުމަށް މަސައްކަތް ކުރެއްވުމަށް، މިރޭ އަޅުގަނޑު ގޮވާލަން.

އާދެ! މިފުރުޞަތުގައި ދިވެހި ޤައުމުގެ އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އަގު، އަޅުގަނޑު ވަޒަންކުރާ ވާހަކަ އަޅުގަނޑު ދަންނަވާލަން. އާދެ! ސިފައިންނާއި ފުލުހުންނަކީ، މީގެކުރިން އެއްބަޔެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ބަޔެއް. މިހާރު މިދެބައި ވަނީ ވަކިވެފައި. އެހެން ނަމަވެސް ދެބައިމީހުން އިދާރީގޮތުން ވަކިވެފައިވިޔަސް، ދެމިނިސްޓްރީއަކަށް ނިސްބަތްވިޔަސް، އެދެބައިމީހުންނަކީ ވަރަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ބަޔެއް. ސިފައިންނާއި ފުލުހުންގެ ދެމެދުގައި އޮންނަނީ މިދެންނެވިފަދަ ވަރަށް ވަރުގަދަ ހަރުދަނާ ގުޅުމެއް. ޤައުމުގެ އަމަންއަމާންކަމާއި މަޞްލަޙަތު ރައްކާތެރި ކުރުމުގައި، އެދެބައިމީހުންގެވެސް ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް އެބަހުރި. ސިފައިން، އެމީހުންގެ ވާޖިބު އަދާކުރަމުން ގެންދާ ފަދައިން، ދިވެހި ފުލުހުންވެސް، އެމީހުންގެ ވާޖިބުތައް އަދާކުރަމުން ގެންދާކަން އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ. އެކަން ޤަބޫލުކުރަން ޖެހޭ. ޚާއްޞަކޮށް، މިފަދަ ދުވަސްވަރެއްގައި ފުލުހުންނަށް ދިމާވާ ދަތިތަކާ، އެމީހުން ވަރަށް ސާބިތުކަމާއެކު ކުރިމަތިލައި، ހުނަރުވެރި ޤާބިލު ބަޔެއްގެ ގޮތުގައި ތިބެގެން، ޤައުމާއި ރައްޔިތުން ސަލާމަތްކޮށް، ޤައުމުގައި އަމަންއަމާންކަމާއި މަޞްލަޙަތު ހަމަޖެއްސުމަށްޓަކައި އެ ކުރަމުން ގެންދާ ވަރުގަދަ މަސައްކަތް އަޅުގަނޑުމެން އެންމެން އެބަދެކެން. އެކަމަށްޓަކައި ދިވެހި ފުލުހުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ދިވެހި ސިފައިންގެ ކަންތައްތައް ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް، އެކިބޭފުޅުން، އެކިފަރާތްތަކުން ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާލަން ބޭނުންވޭ. އެގޮތުން، މިހާރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ނާއިބު އަލްފާޟިލް އިސްމާޢީލް ޝަފީޢު އެކޮށްދެއްވާ ޚިދްމަތަކީ، ވަރަށްވެސް އިޚްލާޞްތެރި، މަތިވެރި ޚިދްމަތެއް ކަމުގައި އަޅުގަނޑު ދެކޭތީ، އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި އެމަނިކުފާނުގެ ކުރިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ފުރުއްވި އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ޢަންބަރީ ޢަބްދުއްސައްތާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެދެބޭފުޅުންނަކީ، މިމަގާމުގައި ވަރަށްގިނަ ދުވަހު، ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ދެބޭފުޅުން. ސިފައިންގެ ކަންތައްތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި އަޅުގަނޑަށް ވަރަށްބޮޑު އެހީތެރިކަމެއް ދެއްވި ދެބޭފުޅުން. އެހެންވީމާ، އެދެބޭފުޅުން ކޮށްދެއްވި ޚިދްމަތުގެ އަގު ވަޒަންކޮށް، އެދެބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! ހަމައެހެންމެ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރު އެކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވެސް އަޅުގަނޑު ވަޒަން ކުރަން. ރެޔާދުވާލު ސިފައިންގެ ކަންތައްތައް ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް، ވަރަށް ގިނަގުނަ މަސައްކަތްތަކެއް އޭނާ ކުރައްވާ. ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރައްވާ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އެއްދުވަހުން އަނެއް ދުވަހަށް ފެންނަމުން އެބަދޭ. އެހެންވީމާ، މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރަށާއި، އަދި އޭނާގެ ބެއްލެވުމުގެ ދަށުން ސިފައިންގެ އެކިއެކި ކަންތައްތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ ބޭކަލުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިބޭފުޅުންގެ އިތުރުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުގައި ކުރިން ހުންނެވި އަލްފާޟިލް އިބްރާހީމް މުޙަންމަދު މަނިކުގެ ނަންފުޅު އަޅުގަނޑު ހަނދާން ކުރަން. އޭނާއަކީ، ޑިފެންސް މިނިސްޓްރީއަށް ވަރަށް ދިގު މުއްދަތެއްގައި ޚިދްމަތް ކުރެއްވި ބޭފުޅެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގާތްގަނޑަކަށް 44 އަހަރު ދުވަހުގެ ޚިދްމަތް އޭނާ ވަނީ މިދާއިރާއަށް ކޮށްދެއްވާފައި. އެހެންކަމުން، މިފަދަ މުނާސަބަތެއްގައި، އޭނާ އެކުރެއްވި ޚިދްމަތުގެ އަގު ވަޒަންކޮށް، އޭނާއަށް ޝުކުރު ދެންނެވުމަކީވެސް، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ! މީގެއިތުރުން، މިރޭގެ މިޖަލްސާގައި، ޚިދްމަތުގެ ހަނދާނީ އައްޑަނައާއި، އަދި ހަނދާނީ ފިލާ ލިބިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. އަދި އެބޭފުޅުންގެ ތެރޭގައި އަޅުގަނޑުމެންނާ މިހާރު ވަކިވެވަޑައިގެންފައިވާ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާތީ، އެބޭފުޅުންގެ ފުރާނަފުޅަށް މާތް اللّـه ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

އާދެ! ސިފައިންގެ ޚިދްމަތަކީ، މިހާރު މެދުނުކެނޑި 115 އަހަރު ވަންދެން ދިވެހި ޤައުމަށް ލިބިފައިވާ ޚިދްމަތެއް. ދިވެހި ސިފައިން، މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ސާބިތުކޮށްދީފައިވަނީ، ވަރަށް އިޚްލާޞްތެރި ޤައުމީ ލޯތްބެއް. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި، ދިވެހި ސަރުކާރުގެ ސަލާމަތާއި، ޤާނޫނީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް، ސިފައިންގެ ހިތުގައި ވަރަށްބޮޑު ޝައުޤުވެރިކަމެއް އޮވެގެން، އެކަންތައްތައް މިދިޔަ 115 އަހަރު ދުވަހުގެ ތެރޭގައި ވަނީ ވަރަށް ރަނގަޅަށް ކޮށްފައި. އެކަމަކީ ވަރަށް ފަޚުރުވެރިކަމާއެކު އަޅުގަނޑުމެން މިރޭ ހަނދާން ކުރަންޖެހޭނެ ކަމެއް. އެހެންކަމުން، ދިވެހި ސިފައިން މިވޭތުވެދިޔަ 115 އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށާއި، ދިވެހިރާއްޖެއަށް ކޮށްދީފައިވާ އަގުބޮޑު ޚިދްމަތުގެ މަތިން ހަނދާންކޮށް، ސިފައިންގެ އެންމެންނަށް، ކުރީގައި ސިފައިންގެ ތެރޭގައި އުޅުނު މީހުންނަށާއި، މިހާރު އުޅެމުންދާ މީހުންނަށް، އަޅުގަނޑުމެން އެންމެންގެ ހިތުގައި އުފެދިފައިވާ ތަޢުރީފުގެ ޝުޢޫރުތައް ބަޔާންކޮށް، ސިފައިންނަށް ޝުކުރު އަދާކުރުމަކީ، މިރޭ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި އަބަދުމެ ލެއްވުން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ޤާއިމު ކުރުމުގެ ކެރުމާއި ހިތްވަރާއި ތައުފީޤު، އަޅުގަނޑުމެންނަށް އެކަލާނގެ ދެއްވުން. ދިވެހި ސިފައިންނަށާއި، ދިވެހި ޤައުމަށް މިއަދަށްވުރެ އުޖާލާ ބާއްޖަވެރި މުސްތަޤްބަލެއް މާތް اللّـه ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.