بســم اللّـه الرّحمـن الرّحيــم.

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ! މިރޭގެ މިއުފާވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ދިވެހި ފުލުހުންގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށާއި، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރަށާއި، ފުލުހުންގެ ހުރިހާ އޮފިސަރުންނަށާއި، ދިވެހި ހުރިހާ ފުލުހުންނަށާއި، ފުލުހުންގެ ޢާއިލާތަކަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރުން.

އާދެ! ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަކީ، އަޅުގަނޑު ވަރަށް ބައިވެރިވާހިތްވާ ޖަލްސާއެއް. އެހެން ނަމަވެސް، ބައެއްފަހަރަށް ކަންދިމާވާގޮތުން މިފަދަ ޖަލްސާތަކަށް އަޅުގަނޑަށް ނާދެވި އެބަދޭ. މިފަހަރު މިޖަލްސާއަށް އަޅުގަނޑު އަންނަން ބޭނުންވާތީ، އެވާހަކަ ދަންނަވާލުމުން، މިނިސްޓަރ އޮފް ހޯމްއެފެއާޒާއި އަދި ކޮމިޝަނަރ އޮފް ޕޮލީސް ވަރަށް ހިތްޕުޅުހެޔޮކަމާ އެކީގައި، ޖަލްސާ ފަސްކޮށްދެއްވާފައިވަނީ، އަޅުގަނޑަށް ފަސޭހަ ތާރީޚަކަށް. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިޖަލްސާގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯ ކްލިޕުން ފުލުހުންގެ ޑިޔުޓީގައި އުޅުއްވަނިކޮށް މިދުނިޔެ ދޫކުރެއްވި އަލްމަރްޙޫމް ލާންސްކޯޕްރަލް ޢަލީ ނާޒިމާއި އަދި އަލްމަރްޙޫމް ކޮންސްޓަބަލް ޔޫސުފް ޒަމީރު، ފުލުހުންގެ ޚިދްމަތުގައި ކޮށްދެއްވި ކަންތައްތައް އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެދެބޭފުޅުންނަކީވެސް ވަރަށް އިޚްލާޞްތެރިކަމާއި ވަރަށް ފަރުވާތެރިކަމާ އެކީގައި، އެދެބޭފުޅުންގެ ވާޖިބު އަދާކޮށްދެއްވަމުން ގެންދެވި ދެބޭފުޅުން. އެހެންކަމުން، އެދެބޭފުޅުން، އެބޭފުޅުންގެ ވާޖިބު އަދާކުރެއްވުމުގައި އުޅުއްވަނިކޮށް ދިމާވި ހިތާމަވެރި ޙާދިސާތަކެއްގައި، މިދުނިޔެ ދޫކުރައްވައި ވަޑައިގެން ކަމަށްޓަކައި، އެކަމުގެ ފުން އިޙްސާސްތައް ވަރަށް ބޮޑަށް ކުރަމުން، އަލްމަރްޙޫމް ލާންސްކޯޕްރަލް ޢަލީ ނާޒިމަށާއި، އަލްމަރްޙޫމް ކޮންސްޓަބަލް ޔޫސުފް ޒަމީރަށް، މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި އަޅުގަނޑު ދުޢާ ކުރަން. އަދި އެދެބޭފުޅުންގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި ޘަވާބު އިތުރުކުރެއްވުން އެދި ދުޢާ ކުރަން.

މިރޭގެ މިއުފާވެރި އަހަރީ ޖަލްސާގައި، އެކި ރޮނގުރޮނގުން މުހިންމު އެހީތެރިކަމެއް ދިވެހި ފުލުހުންނަށް ދެއްވައިގެން، އެކަމުގެ ހަނދާނީ ލިޔުން ލިބިވަޑައިގެންނެވި ޢާންމު ފަރާތްތަކަށާއި، އަދި މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ފުލުހުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ! ފުލުހުންނަށް އެކި ރޮނގުރޮނގުން އެހީތެރިކަން ދެއްވި އަޅުގަނޑުމެންގެ ޖަމާޢަތުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިއްޒަތްތެރި ހުނަރުވެރި ބޭފުޅުން އެކޮށްދެއްވި ޚިދްމަތަކީ، ވަރަށްވެސް މުހިންމު ޚިދްމަތެއް. ޙަޤީޤަތުގައި ފުލުހުންގެ ކަންތައްތައް ތަރައްޤީ ކުރެވޭނީވެސް ޢާންމު ރައްޔިތުންނާއި އަދި އަޅުގަނޑުމެންގެ ސިވިލް ސޮސައިޓީ ނުވަތަ މި މަދަނީ މުޖްތަމަޢުގައި ޚިދްމަތް ކުރައްވާ ތަފާތު ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ފުރިހަމައަށް ލިބިގެން. އެގޮތުން، އެކި ރޮނގުރޮނގުން ފުލުހުންނަށް ޚިދްމަތް ކޮށްދެއްވި ބޭފުޅުން، އެކޮށްދެއްވި ޚިދްމަތުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް ހަނދާނީ ލިޔުން އެރުވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އަދި އެކޮށްދެއްވި ޚިދްމަތަށް އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ފުލުހުންގެ އޮފިސަރުންނަށާއި، ފުލުހުންގެ ހުރިހާ ބޭފުޅުންނަށްވެސް، އެބޭފުޅުން އެމަގާމުގެ ކުރިއެރުން ހޯއްދެވީ، އެބޭފުޅުން، ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި، މި މުއައްސަސާއަށް އަދި ދިވެހި ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވައިގެން ކަމަށްވާތީ، އެބޭފުޅުންނަށްވެސް ތަހުނިޔާ ދަންނަވައި މުބާރިކްބާދީ އަދާކުރަން.

އާދެ! ފުލުހުންނަކީ، ދިވެހި ޤައުމީ ޚިދްމަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބަޔެއް. ވަރަށް މުހިންމު ޤައުމީ ވާޖިބުތަކަކާއި މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔެއް. އޭގެތެރޭގައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ހިމާޔަތް ކުރުން ހިމެނޭ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީހިނދު، އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ބާއްވަން ބޭނުންވާ ތަނަކަށްވާއިރު، އަޅުގަނޑުމެންގެ ފުލުހުންގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ، ރާއްޖޭގައި އިސްލާމީ ޢަޤީދާ ރައްކާތެރިކޮށް ޙިމާޔަތްކުރުންކަން އެއީ ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ގަބޫލުކުރެވޭ ޙަޤީޤަތެއް. އޭގެއިތުރުން، ފުލުހުންގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ޙިމާޔަތްކޮށް، ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީގައި ދެމިތިބުން. އަދި ދިވެހި ޤައުމުގެ އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުން. ދިވެހި ދައުލަތާއި، ވެރިންނާއި، ރައްޔިތުންނާއި، މުދާ ޙިމާޔަތް ކުރުން. އެކިއެކި ކުށްކުރާ މީހުންގެ މައްސަލަތައް ތަޙުޤީޤުކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންނާމެދު ޢަމަލުކުރުން.

އާދެ! އަޅުގަނޑުމެންގެ ފުލުހުންގެ ޚިދްމަތް މިހާރު ބިނާވެފައިވަނީ ޖަމާޢަތާ ރައްޓެހި ޚިދްމަތެއްގެ ގޮތުގައި. ފުލުހުން މިއަދު މިތިބީ ޖަމާޢަތުގެ އެހީތެރިކަން ހޯދައިގެން، ޖަމާޢަތުގެ ކުރިއެރުމާއި ލާބައަށްޓަކައި މަސައްކަތްކުރާ ބަޔެއްގެ ގޮތުގައި.

އެހެންވީމާ، އެގޮތުން ފުލުހުން ކޮށްދޭ ޚިދްމަތަކީ، ވަރަށް މުހިންމު ޚިދްމަތެއް. އޭގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބަޔަކީ، ކުށްކުރުން މަދުކުރުން. ކުށްކުރާ މީހުން ހޯދައި، އެކަމާބެހޭ ތަޙްޤީޤުތައް ހިންގައި، އެ ކުށްކުރާ މީހުންނަށް ޤާނޫނީގޮތުން ލިބެންޖެހޭ އަދަބު ލިބުމުގައި، ފުލުހުން އަދާކުރަންޖެހޭބައި އަދާކުރުން. އެއީ، ފަހަރެއްގައިވެސް ރައްޔިތުންގެ ބަޔަކަށް އަދަބު ދިނުމުގެ ބޭނުމެއްގައެއް ނޫން. ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި. އެއީ، ކުށްކުރާ މީހުންގެ ޢަމަލުތަކުން ރައްޔިތުންނަށް ދިމާވާ ނުރައްކާތެރިކަމުން ރައްޔިތުންނާއި އަދި ރައްޔިތުންގެ ޢާއިލާތަކާއި، އެމީހުންގެ ގެދޮރާއި، މުދާ ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައި ކުރަންޖެހޭ ކަމެއް. އެއީ ކޮންމެ ޤައުމެއްގައިވެސް ކުރަމުންދާ ކަމެއް. ރާއްޖޭގައިވެސް ކުރަމުން ގެންނަ ކަމެއް. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އެކަން އޮތީ އެގޮތަށް. ކުށްކުރާ މީހުން، އެކުރާ ކުށް މަދުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، އެމީހުންނަށް ޤާނޫނީގޮތުން، ޝަރުޢީގޮތުން ދޭން އޮންނަ އަދަބު ދިނުން އެއީ، ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން ޖެހޭނެ.

އާދެ! މިގޮތުން ދިވެހި ފުލުހުން މިއަދު ވަރަށް ރަނގަޅަށް ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދާކަން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ރާއްޖޭގެ ފުލުހުންގެ ތަރައްޤީއަށް، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި އެބަވޭ. އަދި ފުލުހުން، ވަކި އިދާރާއެއްގެ ގޮތުގައި ހަމަޖެހި، މޯލްޑިވްސް ޕޮލީސް ސަރވިސް، 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އުފެދުނުފަހުން، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ވަރަށްގިނަ ފިޔަވަޅުތަކެއް ވަނީ ކުރިއަށް އެޅިފައި.

އާދެ! ފުލުހުންގެ ޚިދްމަތަށް އަންނަމުންމިދާ ކުރިއެރުން އަޅުގަނޑުމެންނަށް މިއަދު މިދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ފެންނަމުން. ދިވެހި ފުލުހުން ޤައުމަށްޓަކައި، ދިވެހި ރައްޔިތުންނަށްޓަކައި މި ކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދްމަތްތަކުގެ އަގު، އަޅުގަނޑުމެން އެންމެންވެސް ވަޒަންކުރަން ޖެހޭނެ. އަދި ދިވެހި ރައްޔިތުން، އެކަން ވަރަށް ބޮޑަށް ވަޒަން ކުރައްވާވެސްމެ.

މިގޮތުން މިދާއިރާއަށް އައި އެންމެބޮޑު ކުރިއެރުމެއްގެ ގޮތުގައި ހިމެނޭ އެއްކަމަކީ، މިއަދު ފުލުހުންގެ ޚިދްމަތަކީ، ބައިނަލްއަޤްވާމީ ފެންވަރަށް ތަމްރީނު ކުރެވިފައިވާ ހުނަރުވެރި ޤާބިލް ޚިދްމަތަކަށްވާކަން. އާދެ! ޕްރޮފެޝަނަލް އަދި ޑިސިޕްލިންޓް ޚިދްމަތަކަށްވާކަން. ކަމުގެ ހުނަރުތަކާއި، ޢިލްމު ރަނގަޅަށް ދަސްކޮށްގެން، މަސްއޫލިއްޔަތު އުފުލުމުގައި، އެމީހުންގެ ތަޢްލީމާއި، ތަޖުރިބާއާއި، ޤާބިލިއްޔަތުގެ ބޭނުން ކޮށްގެން، އެންމެ އެދެވޭ ގޮތުގައި ކުރަމުން ގެންދާ ޚިދްމަތެއްގެ ގޮތުގައި، އެޚިދްމަތްވާކަން.

އާދެ! އެއީ އަޅުގަނޑުމެން މިއަދު އުފާކުރަން ޖެހޭނެ ކަމެއް. ފުލުހުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން ކުދިން. ނުވަތަ ޒުވާން ބޭކަލުން. ޒުވާން ބޭފުޅުން. މިޒުވާނުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުންދާ ޚިދްމަތަކީ، އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފަލާއެކު ޤަބޫލުކުރާ ޚިދްމަތެއް. އެއީ، ތަޢްލީމީ ޒުވާނުންތަކެއް އެމީހުން އަދާކުރަންޖެހޭ ވާޖިބު ރަނގަޅަށް ދަސްކޮށްގެން، ބައިނަލްއަޤްވާމީ ފެންވަރަށް، އެކަމުގެ ހުނަރުތައް ދަސްކޮށްގެން، ރައްޔިތުންނަށް ފައިދާވާ ގޮތެއްގައި، އެޚިދްމަތް ކޮށްދެމުން ގެންދާތީ.

އާދެ! އަޅުގަނޑުމެން ހަނދާން ކުރަން ބޭނުންވާ އަނެއްކަމަކީ، މިއަދު މޯލްޑިވްސް ޕޮލީސް ސަރވިސްގެ ފޮރެންސިކް ލެބޯރެޓަރީ ވަނީ، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯއިން ފެނިގެންދިޔަ ފަދައިން، އައި.އެސް.އޯ 9001 ގެ މިންގަނޑުތައް ޙާޞިލުކޮށްފައި. އެއީވެސް ރާއްޖެއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަން ޔަޤީން. ދިވެހިރާއްޖޭގައި ތަޙުލީލުކުރާ ލެބޯރެޓަރީއަކުން ކޮލިޓީ އެޝުއަރެންސެއްގެ ގޮތުން، އައި.އެސް.އޯ ސެޓްފިކެޓް ޙާޞިލުކުރި ފުރަތަމަ ލެބޯރެޓަރީއަކީ، ފުލުސް އޮފީހުގައި އެހުރި ލެބޯރެޓަރީ. މިގޮތުން، އެ ލެބޯރެޓަރީން ދެވޭ ފޮރެންސިކް ޚިދްމަތްތައް ވޭތުވެދިޔަތާނގައި އިތުރަށް ވަރަށް ބޮޑަށް ތަރައްޤީ ކުރެވިގެން ހިނގައްޖެ ކަމަށް އަޅުގަނޑު ދެކެން. އަދި އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އެއަށްވުރެވެސް ބޮޑަށް ތަރައްޤީ ކުރެވެމުންދާނެ.

އާދެ! މިއަދުގެ ދުނިޔޭގައި ކަންތައްތައް ހިނގަމުންދާގޮތަށް އަޅުގަނޑުމެން ވިސްނުން ބަހައްޓަން އެބަޖެހޭ. އަދި އެކަމުގެ އަސަރުތައް ރާއްޖެއަށް ކުރަމުންދާ ފެންވަރާއި މިންވަރާ ބެހޭގޮތުންވެސް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެ މިއަދު މިވަނީ، ވަރަށްގިނަ ބޮޑެތި އިޞްލާޙީ ބަދަލުތަކަކާ ކުރިމަތިލާފައި. ސިޔާސީގޮތުން ޤައުމަށް ގެންނަން ބޭނުންވާ އިޞްލާޙުތަކެއް ސަރުކާރުން މިދަނީ ގެންނަމުން. މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެވާހަކަ ވިދާޅުވެއްޖެ. މިހާރު ދުނިޔޭގެ ފެންވަރުގައި ޒަމާނީ ޑިމޮކްރަސީއެއް ރާއްޖޭގައި ޤާއިމު ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިދަނީ ކުރެވެމުން. އެމަސައްކަތްތައް އެހެން ކުރެވެމުންދާއިރު، އެކަމުގެ ނާޖާއިޒު ފައިދާ ހޯދާ ބަޔަކުވެސް ތިބޭނެ. އެއީ، ކޮންމެ ތަނެއްގައިވެސް އެކަންވާގޮތް.

އެހެންވީމާ، މިއަދު ފުލުހުން، އެބައިމީހުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު، އެމީހުންގެ ޚިދްމަތަށް ހުރަސްއަޅައި، އެކި ދޮގު އިލްޒާމްތައް، އެމީހުންގެ ބޮލުގައި އެޅުވުމަށް، ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާކަމީ، ވަރަށް ހިތާމަހުރި ކަމެއް. މިގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާއިރުވެސް ފުލުހުން، އެމީހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، އެއްވެސް ފަސްޖެހުމެއްނެތި ހިތްވަރާއި ޢަޒުމާއި ސާބިތުކަމާއެކު މަސްއޫލިއްޔަތު އަދާކުރަމުން ގެންދާކަން އެއީ، އަޅުގަނޑުމެން އެކަމަށްޓަކައި ފަޚްރުވެރިވާން ޖެހޭނެ ކަމެއް. ފުލުހުންނަށް އެކިފަރާތްތަކުން މިކުރިމަތިވާ ގޮންޖެހުންތައް ތަޙައްމުލު ކުރަމުން، ފުލުހުންގެ މައިންބަފައިންނާއި، ބެލެނިވެރިން ކެތްތެރިކަމާއެކު، އެމީހުންގެ ދަރިންނާއި ފިރިން އަދި ފުލުހުންގެ އަނބިންނާއި ފިރިން، ފުލުހުންގެ މިބުރަ މަސްއޫލިއްޔަތު އަދާކުރުމުގެ މުރާދު އިތުރުކުރުމަށްޓަކައި ހިތްވަރުދީ ހަދަމުންގެންދާކަން އެއީވެސް އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. ޙަޤީޤަތުގައި ފުލުހުންގެ ޢާއިލާތަކުން ފުލުހުންނަށް އެވެދެއްވަނީ، ވަރަށްބޮޑު އެހީތެރިކަމެއް. އެއީ، ފުލުހުންނަކީ ވަރަށް މުހިންމު ޤައުމީ ޚިދްމަތެއް އަދާކުރާ ބަޔަކު ކަމުގައިވާއިރު، އެމީހުންގެ ޢާއިލާތަކުން، އެމީހުންގެ ރަޙްމަތްތެރިންގެ ފަރާތުން، އެމީހުންނާ ގުޅޭ މީހުންގެ ފަރާތުން، އެމީހުންނަށް ލިބެންޖެހޭނީ ވަރަށް ޚާއްޞަ އެއްބާރުލުމަކާއި އެހީތެރިކަމެއްކަން ޔަޤީން.

އާދެ! ކުރިންވެސް އަޅުގަނޑު އިޝާރާތްކޮށްލި ފަދައިން، ފުލުހުންގެ ދާއިރާގައި، މިހާރު ޚިދްމަތް ކުރަމުންދާ ގިނަ ފުލުހުންނަކީ، ދާދިފަހުން ތަޢްލީމީ ދައުރު ނިންމައި، ފުލުހުންގެ ޚިދްމަތާ ކުރިމަތިލީ ވަރަށް ޒުވާން ބަޔެއް. އެހެން ނަމަވެސް، އެމީހުންގެ އަމިއްލަ އުފަލާއި އަމިއްލަ މަޖާ އެއްފަރާތަށް ޖައްސާލާފައި، ޤައުމަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަފާތެރިކަމާއެކު ޚިދްމަތް ކުރުމަށް އިސްކަންދީގެން ތިބިކަން އެއީ، ފުލުހުންގެ ޚިދްމަތަށް، އެމީހުންގެ ހިތުގައި ދީފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަން. އަދި ފުލުހުންނަކީ، އެމީހުންގެ ވާޖިބު އަދާކުރުމުގައި، އިޚްލާޞްތެރި ބަޔެއްކަން ދައްކައިދޭ ވަރަށް ފުރިހަމަ ދަލީލެއް.

އާދެ! މީގެއިތުރުން، ފުލުހުންނަކީ އިޖްތިމާޢީ އެކިއެކި މަސައްކަތްތަކުގައި އަދި ރައްޔިތުންނަށް ކުރިމަތިވާ މުހިންމު ބޮޑެތި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވަމުންގެންދާ ބަޔެއް. ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި، ފުލުހުން ވަޒީފާ އަދާކުރުމުގެ އިތުރަށް، އެއަތޮޅުތަކުގައި ނުވަތަ އެރަށްރަށުގެ ކުރިއެރުމާ ގުޅޭގޮތުން ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވަމުންދާ ބަޔެއް. އެކިމުނާސަބަތުތަކަށް، އެރަށްތައް ނުވަތަ އެއަތޮޅުތައް ތައްޔާރުވަމުންދާއިރު، އެކަމުގައި ވަރަށް ހަރުދަނާ ގޮތެއްގައި ބައިވެރިވެގެން، ރައްޔިތުންނަށް އެހީތެރިވަމުންގެންދާ ބަޔެއް. އާދެ! މިގޮތުން، މިއަހަރުގެ ޤައުމީ ދުވަހުގެ އިޙްތިފާލަށް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ތައްޔާރު ކުރުމުގެ މަސައްކަތުގައިވެސް، ފުލުހުން އަދާކުރި ދައުރު އެއީ ވަރަށް މުހިންމު ދައުރެއް ކަމުގައި އަޅުގަނޑަށް ފެންނާތީ، އެ ދައުރު އަދާކޮށްދެއްވި ހުރިހާ ފުލުހުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި ތަހުނިޔާ އަދާކުރަން.

އާދެ! މިކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އެކިއެކި މުއައްސަސާތަކުގެ މަސައްކަތް ހަމަޖެހިފައި އޮތްގޮތުން، ހަމައެކަނި އެންމެ ފަރާތަކުން ކުރާ ކަމެއް ނޫން. ސަރުކާރުގެ އެހެން އިދާރާތަކުންވެސް މިމަސައްކަތުގައި އެކަށީގެންވާ ދައުރެއް އަދާކުރައްވަމުން ގެންދަވާ. އޭގެތެރެއިން، އެއްފަރާތަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. އަދި އެތާނގެ ދަށުގައި ހިނގަމުންދާ އެމް.އެން.ޑީ.އެފް. އެފަރާތުންވެސް ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އިޚްލާޞްތެރިކަމާއެކު ބައިވެރިވެވަޑައިގެންދެއްވާ. އަދި ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި ދެމިތިއްބަވާ. އެހެންވީމާ، ދިވެހި ފުލުހުންނަށާއި، ދިވެހި ސިފައިންނަށް، މިކަމުގައި ޙައްޤުވާ ޝުކުރު، ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު އެ ދެފަރާތަށް އަދާކުރަން.

އާދެ! މިފަދަ އުފާވެރި މުނާސަބަތުގައި، ފުލުހުންގެ ކަންތައްތައް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކޮށްދެއްވަމުން ގެންދަވާ ފަރާތްތަކަށް ޝުކުރު ދަންނަވާލުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެގޮތުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ، އެކޮށްދެއްވަމުން ގެންދަވާ އިޚްލާޞްތެރި އަދި ބުރަ ޚިދްމަތްތަކަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އެމަނިކުފާނަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރު، އެކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ޚިދްމަތްތައް ފާހަގަކޮށް، އޭނާއަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! އެދެބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހި ފުލުހުންގެ ކަންތައްތައް ބެލުމުގައި އަޅުގަނޑުގެވެސް ކޮންމެވެސްވަރެއްގެ ބައެއް އޮންނާތީ، އާދެ! ޤާނޫނު ހަމަޖެހިފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާއަކީ ފުލުހުންގެވެސް އެންމެމަތީ ވެރިޔާ. އެހެންވީމާ، އަޅުގަނޑުގެ މަސްއޫލިއްޔަތުގެ ތެރޭގައި އެބަހިމެނޭ، ފުލުހުންގެ ކަންތައްތައް ވަމުންދާގޮތް، ދުވަހުން ދުވަހަށް ބަލައި ހެދުން. އަދި ފުލުހުންގެ ވާޖިބު އަދާކުރުމުގައި، އެމީހުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ބަލައި، އެދަތިތައް ޙައްލުކޮށްދެވޭތޯ ބެލުމާއި، ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އެމީހުންކުރާ މަސައްކަތް، ދުވަހުން ދުވަހަށް ބެލުން އެއީ، އަޅުގަނޑު ކުރަންޖެހޭ އަދި ކުރަމުން ގެންދާ ކަމެއް. މިނިސްޓަރ އަޙްމަދު ތަސްމީން ޢަލީއަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކޮންމެ ދުވަހަކު އެތައްފަހަރަކު އަޅުގަނޑު އެދެބޭފުޅުންނަށް ފޯނުން ގުޅައި، ކަންތައްތައް އޮޅުންފިލުވައި ހަދަން. އެއީ، ޚާއްޞަކޮށް، މިފަދަ ދުވަސްވަރެއްގައި ރާއްޖޭގެ ކަންތައްތައް ހިނގަމުންދާއިރު، އަޅުގަނޑުމެން ނޭދޭ ގޮތްގޮތަށް ބައެއް ކަންތައްތައް ހިނގަމުންދާތީ، އެކަންތައްތައް ވަމުންދާގޮތް ބަލައި، ރައްޔިތުންގެ ސަލާމަތަށްޓަކައި، ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރެވެމުންދާގޮތް ބަލައިލުމަށްޓަކައި، އަޅުގަނޑު އެބޭފުޅުންނާ ގުޅާ ގުޅުމެއް.

އެހެންވީމާ، މިކަންވެސް އިރާދަކުރެއްވީތީ، ކުރަމުން ގެންދާއިރު، އެ ދެބޭފުޅުން ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށާއި، ރައްޔިތުންގެ ޙައްޤުތަކަށާއި، ރާއްޖޭގައި ކުށްކުރުން މަދުކުރުމަށާއި، އަދި ކުށްކުރާ މީހުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ އުނދަގޫތައް އެއްކިބާކުރެއްވުމަށް ކުރައްވާ ގިނަ މަސައްކަތްތަކެއް އަޅުގަނޑަށް ދުވަހުން ދުވަހަށް އެނގޭ. އެކަމަށްޓަކައި، އެދެބޭފުޅުންނަށް، އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ފުލުހުންގެ ދާއިރާ ތަރައްޤީ ކުރުމުގައި، މީގެކުރިން އެކަމާ ހަވާލުވެވަޑައިގެން ތިއްބެވި މިނިސްޓަރުންވެސް ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައި. އޭގެތެރެއިން، އެމަގާމު ފުރުއްވި އަލްފާޟިލް ޢުމަރު ޒާހިރު މިރޭ މިތާނގައި ވަޑައިގެން އެބައިންނެވި. އެމަނިކުފާނުގެ ދައުރުގައި، ފުލުހުންގެ ތަރައްޤީއަށާއި، އަދި ފުލުހުންގެ ޚިދްމަތް ތަރައްޤީ ކުރައްވައިގެން، ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ފަސޭހަތަކާއި ޙިމާޔަތް ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށްވެސް ޝުކުރު ދަންނަވަން. އަދި އޭގެއިތުރުން، ފުލުހުންގެ ކަންތައްތައް، ވޭތުވެދިޔަތާނގައި ބަލަހައްޓަވައިދެއްވި ހުރިހާ ވަޒީރުންނަށާއި، ފުލުހުންގެ އެހެން އޮފިސަރުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! ދެންމެ މިތަނުން އަޅުގަނޑުމެން ބެލި ވީޑިޔޯއިން ފެނުނު ގޮތުގައި، ފުލުހުންގެ ޝިޢާރަކީ، "To Protect and Serve" ”ރައްޔިތުންނާއި ޤައުމު ޙިމާޔަތް ކުރުމާއި، ރައްޔިތުންނާއި ޤައުމަށް ޚިދްމަތް ކޮށްދިނުން“. މިއީ ވަރަށް މުހިންމު ޝިޢާރެއް. ރައްޔިތުން ޙިމާޔަތް ކޮށްދޭންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، އަޅުގަނޑުގެ ވާހަކައިގައި މިއިޝާރާތްކުރި ކުށް ކުރުމުގެ ކަންތައް. ކުށް ކުރުމަކީ، ރާއްޖޭގައި ފަހަކަށްއައިސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމެއް. އާދެ! ބޭރު ދުނިޔެއަށް ރާއްޖެ މާބޮޑަށް ހުޅުވާލެވި، ބޭރުގެ ނުފޫޒުތައް ރާއްޖެއަށް އައުމާއި، ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށްދާ ދިޔުމާއި، މީހުންގެ އަތްމަތި ތަނަވަސްވުމާއި، މިކަހަލަ ކިތަންމެ ކަމެއްގެ ސަބަބުން، ކުށް ކުރުން ގިނަވާނެ. ކޮންމެ ޤައުމެއްގައިވެސް އެކަން އެހެން ވަމުންދަނީ.

އެހެންވީމާ، ރާއްޖޭގައިވެސް ފަހަކަށް އައިސް ކުށްކުރުން މިއޮތީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި. އޭގެތެރޭގައި އެކިއެކި ނުރައްކާތެރި މާރާމާރީ ހިންގުމާއި، ބޮޑެތި ވައްކަންތައް ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، މިކަހަލަ ވަރަށްގިނަ ނޭދެވޭ ކަންތައްތައް ވަމުންދޭ. މިފަދަ މާޙައުލެއްގައި، ފުލުހުން ކުރާ މަސައްކަތަކީ ވަރަށްދަތި، ވަރަށް އުނދަގޫ މަސައްކަތެއް. އެހެން ނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، މިވޭތުވެދިޔަތާނގައި ފުލުހުން އެކޮށްދެއްވި ޚިދްމަތްތަކުގެ ސަބަބުން، މިއަދު އިރާދަކުރެއްވީތީ، މީގެ އަހަރެއް، ދެއަހަރެއް ކުރިއާ އަޅާބަލާއިރު، ރާއްޖޭގައި މިދެންނެވި ކަންތައްތައް ވަނީ މަދުވެފައޭ. އެއީ، އަޅުގަނޑު ހިތުން އެ ފުލުހުން އެކޮށްދެއްވާ ޚިދްމަތުގެ ނަތީޖާ ވަރަށް ފުރިހަމަކޮށް އަޅުގަނޑުމެންނަށް ފެންނަ ކަމެއް.

އެހެންވީމާ، ރައްޔިތުންނާއި، ޤައުމާއި، ސަރުކާރާއި، ރައްޔިތުންގެ މުދަލާއި، މިހުރިހާ އެއްޗެއް ޙިމާޔަތް ކުރުމަކީ، ފުލުހުންގެ މަސްއޫލިއްޔަތެއް. އަދި ހަމައެހެންމެ، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަކީ، ފުލުހުންގެ މަސްއޫލިއްޔަތެއް. އެ ޚިދްމަތް ކޮށްދެނީ، ރައްޔިތުންނާ ގުޅިގެން. ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން. މިއީ ވަރަށްދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތެއް. ފުލުހުން އުފުލަން ޖެހިފައި އެވަނީ، އެ މަސްއޫލިއްޔަތު. އަޅުގަނޑުމެންގެ ފުލުހުން އެ މަސްއޫލިއްޔަތު މިއަދު އެއުފުއްލަވައިދެއްވަނީ، ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ޤާބިލްކަމާ އެކީގައި. ވަރަށް ތަޖުރިބާހުރި، ކަމަށް އެކަށީގެންވާ ބަޔެއްގެ ގޮތުގައި. މިކަމަކީ އަޅުގަނޑު އެކަނި ދަންނަވާ ވާހަކައެއް ނޫން. އަޅުގަނޑާ ބައްދަލުކުރާ ރާއްޖެއިން ބޭރުގެ މީހުންވެސް ބުނޭ މިހާރު ރާއްޖޭގެ ފުލުހުންނަކީ، ހާދަ ޕްރޮފެޝަނަލްކޮށް، ހާދަ ރަނގަޅަށް، ހާދަ ހަރުދަނާކޮށް ކަންތައްކުރާ ބަޔެކޭ. އެހެންވީމާ، އެކަމަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމަކަށްވާތީ، އެވާހަކަ ދަންނަވާލީ. އަދި އެކަމަށްޓަކައި، ފުލުހުންގެ ހުރިހާ ބޭކަލުންނަށް، އަޅުގަނޑު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކީ، އެކަލާނގެ ވަޖުހަފުޅަށްޓަކައި، އިސްލާމްދީނުގެ ތެދުމަގުގައި ކުރާ ޚިދްމަތްތަކެއް ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެން އެންމެންނަކީ، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތާ، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ކަމޭހިތައި، އެގޮތަށް ޢަމަލުކުރާ ބަޔަކު ކަމުގައި ލެއްވުން. އަދި ދިވެހި ފުލުހުންނަކީ، އަބަދުވެސް، އެމީހުންގެ ވާޖިބު އަދާކުރުމުގައި، އެއްވެސް ފަސްޖެހުމެއްނެތި، ހިތްވަރާއި، ކެރުމާއި، ޤާބިލްކަމާ އެކީގައި ޤައުމަށާއި ރައްޔިތުންނަށްޓަކައި ޚިދްމަތްކޮށްދޭ ބަޔަކު ކަމުގައި މާތްﷲ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه