بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّـدنـا محمـد وعلى آلـه وأصحـابه أجمعـين.

އާދެ! މިއުފާވެރި ޖަލްސާއަށް އައުމުން، އަޅުގަނޑަށް މަރްޙަބާ ވިދާޅުވެ ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކެއް ފާޅުކުރެއްވި ހުރިހާ ބޭފުޅުންނަށް އެންމެ ފުރަތަމަ ޝުކުރު ދަންނަވަން. އަލްފާޟިލާ އާމިނަތު ރަޝީދާ އަދި ޑޮކްޓަރ ލޫނާ. ހަމައެހެންމެ، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމް އަދި ޑޮކްޓަރ ނާއިލާ ފިރުދައުސް. މިހުރިހާ ބޭފުޅުން ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދެން އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އެހެން ބޭފުޅުންނެކޭ އެއްފަދައިން، އަޅުގަނޑުގެވެސް އެންމެ އުފާވެރި ވާޖިބެއް ކަމަށް ދެކެނީ، ތިޔަ ހުރިހާ ބޭފުޅުންނަށް، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ތަހުނިޔާ ދެންނެވުން. ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، އަދި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޞިއްޙީ ދާއިރާގައި ޚިދްމަތް ކުރައްވާ ހުރިހާ ބޭފުޅުންނަށާއި، އަދި ޞިއްޙީ ހޭލުންތެރިކަން އުފެއްދެވުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި، އަދި ޢާންމުކޮށް ޞިއްޙީ ޚިދްމަތްތައް ލިބިގަންނަން ތިބި ރާއްޖޭގެ އެންމެންނަށް، މިމުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން.

އާދެ! މިޙަފްލާގައި، ވަރަށް ޚާއްޞަ އިނާމުތަކެއްވެސް ބައެއް ފަރާތްތަކުންނާއި ބައެއް ބޭފުޅުން ޙާޞިލު ކުރައްވައިފި. އެހެންވީމާ، އެ އިނާމުތައް ޙާޞިލު ކުރެއްވި ފަރާތްތަކަށާއި ބޭފުޅުންނަށް، އަޅުގަނޑު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން. އޭގެތެރޭގައި، ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރައްވައިގެން އިނާމު ޙާޞިލު ކުރެއްވި ހައްދުންމަތީ ރީޖަނަލް ހޮސްޕިޓަލާއި، އަރިއަތޮޅު ދެކުނުބުރީ ހޮސްޕިޓަލާއި، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ޞިއްޙީ މަރްކަޒާއި، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ހެލްތް ޕޯސްޓް ހިމެނޭ. މިހުރިހާ ފަރާތްތަކަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

ހަމައެހެންމެ، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން، އެންމެ ރަނގަޅު ފޮތެއް ލިޔުއްވި އަލްފާޟިލް މުޙަންމަދު އިސްމާޢީލްފުޅަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އާދެ! އޭނާއަކީ ޞިއްޙީ ހޭލުންތެރިކަން އުފެއްދުމާބެހޭ ވަރަށްގިނަ ފޮތްތައް، މީގެކުރިންވެސް ލިޔުއްވާފައިވާ ބޭފުޅެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު 8 ފޮތް ލިޔުއްވައި ޝާއިޢު ކުރައްވާފައިވޭ. އަދި އޭނާ އެކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، ސަރުކާރުން އޭނާއަށްވަނީ މީގެކުރިންވެސް އިނާމު އަރުވާފައި. ދިގު މުއްދަތެއްގައި ޚާއްޞަ ޚިދްމަތެއް ކުރެއްވުމުގެ ރޮނގުން ޢާންމު ޚިދްމަތަށް ހިތްވަރު ދިނުމުގެ އިނާމު، 1992 ވަނަ އަހަރު އޭނާއަށްވަނީ ލިބިވަޑައިގެންފައި. އަދި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، 2002 ވަނަ އަހަރު އެންމެ ރަނގަޅު ފޮތެއް ޝާއިޢު ކުރެއްވި ބޭފުޅަކަށް، ސަރުކާރުންދޭ ޚާއްޞަ އިނާމުވެސް ވަނީ އޭނާއަށް ލިބިވަޑައިގެންފައި. އެހެންވީމާ، މިދާއިރާގައި އަލްފާޟިލް މުޙަންމަދު އިސްމާޢީލްފުޅު އެކުރައްވާ ޚިދްމަތްތަކުގެ އަގު ވަޒަންކޮށް، އަދިވެސް އެއްފަހަރު އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިއަދުގެ މިއުފާވެރި ޙަފްލާގައި، އަޅުގަނޑަށް ލިބުނު އެންމެބޮޑު އުފަލަކީ، ދިވެހިރާއްޖޭގެ ޞިއްޙަތާބެހޭ 10 އަހަރު ދުވަހުގެ ދެވަނަ ޤައުމީ މަޝްރޫޢު އިފްތިތާޙުކޮށްދިނުން. 2006 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޞިއްޙީ ދާއިރާގެ ކަންތައްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ހެދިފައިވާ ޤައުމީ މަޝްރޫޢު، މާސްޓަރ ޕްލޭން، މިއަދު މާތް اللّهގެ އިސްމުފުޅުގެ ބަރަކާތުން މި އިފްތިތާޙު ކުރެވުނީ. އެއީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. މިކަމުގެ ވާހަކަ، މިއަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދަންނަވާލާފައިވާނެ. އެއީ، ކޮންމެ ކަމެއްވެސް، ކުރިއަށް އޮތް އަހަރުތަކަށް ރާވައިގެން، ވަކި ހަމަތަކެއްގެ މަތިން، ވަކި އުޞޫލުތަކެއްގެ މަތިން، އެކަންތައްތައް ގެންދިޔުމަކީ، އޭގެ އެންމެބޮޑު ފައިދާ ލިބޭގޮތް ކަމަށްވާތީ، ހުރިހާ ދާއިރާއެއްގައިވެސް އެކިއެކި މާސްޓަރ ޕްލޭންތައް ތައްޔާރު ކުރެވި، އެއަށް ޢަމަލު ކުރެވެމުން މިދަނީ. އެގޮތުން، ހެލްތް މާސްޓަރ ޕްލޭން މިހެދުނީ، މިމުހިންމު މަޤްޞަދުގައި. އެހެންވީމާ، އެ މާސްޓަރ ޕްލޭންގައިވާ ކަންތައްތަކުގެ އަލީގައި، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކަންތައްތައް ތަރައްޤީކޮށް ކުރިއަރުވައި ހެދުމުން، އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާނެ.

އާދެ! މިޙަފްލާގައި އެމް.އެމް.އާރު ވެކްސިން ފަށައިދިނުމަކީވެސް، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިވެކްސިންގެ ވާހަކަ ޑޮކްޓަރ ނާއިލާ ފިރުދައުސް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އެހެންވީމާ، ދެން ކޮންމެހެން އަޅުގަނޑު އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަންނޭނގެ. ކޮންމެއަކަސް މިވެކްސިންގެ ސަބަބުން އަޅުގަނޑުމެންގެ ތުއްތު ކުދިންނަށާއި، ޒުވާނުންނަށާއި، ބޮޑެތި މީހުންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމާމެދަކު ޝައްކެއްނެތް. މީގެކުރިންވެސް ތަފާތު ވެކްސިންތައް ދިނުމުގެ ސަބަބުން، އަޅުގަނޑުމެންގެ ރައްޔިތުންނަށްވަނީ، މާތްﷲގެ ވާގިފުޅާއެކު ވަރަށް ބޮޑެތި ރައްކާތެރި ކަންތައްތަކެއް ލިބިފައި. އެގޮތުން، މިވެކްސިންގެ ސަބަބުންވެސް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން.

އާދެ! މިއަދުގެ ޝިޢާރުގެ ވާހަކަ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވެސްވެއްޖެ. އެއީ، ”ޞިއްޙަތަށްކުރާ ހޭދަ – ރައްކާތެރި ކުރިމަގެއް ބިނާކުރުން“ މި ޝިޢާރުން ވަރަށްބޮޑު އެއްޗެއް އަޅުގަނޑުމެންނަށް އެބައަންގައިދޭ. އެއީ، ޞިއްޙަތަށްޓަކައި އަޅުގަނޑުމެން ކުރާ ހޭދައަކީ، އޭގެ ސަބަބުން ރައްކާތެރި ކުރިމަގެއް ޙާޞިލު ކުރުމަށް އެޅޭ ވަރަށް މުހިންމު ބާރެކޭ. އެއީ، މިއަދު އަޅުގަނޑުމެން އެކިއެކި ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރްކަޒުތަކާއި، ހެލްތް ޕޯސްޓްތައް ޤާއިމުކޮށް، އަދި ޑަކްޓަރުންނާއި ނަރުހުންނާއި، މިދާއިރާގެ އެހެން ފަންނުވެރިން ތަމްރީނުކޮށް، ޚިދްމަތް ދެވޭނެ ވަސީލަތްތައް އެމީހުންނަށް ޤާއިމުކޮށްދީ، މިކަމަށް ކުރާ ހޭދައަކީ، އެއީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ރައްކާތެރި ކުރިމަގަކަށް ވާޞިލުވެވޭނެ ހޭދައެއްކަން، މިޝިޢާރުން އަންގައިދެނީ. އެހެންވީމާ، މިދާއިރާގައި ކުރެވޭ ކޮންމެ ހޭދައަކީ، އިރާދަކުރެއްވިއްޔާ އޭގެ ފައިދާ އަޅުގަނޑުމެންނަށް ލިބިގެންދާނެ ހޭދައެއް. މިކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ.

އާދެ! ޞިއްޙީ ދާއިރާ ހަރުދަނާކޮށް ތަރައްޤީ ކުރުމަށް، ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިގޮތުން، އެކިއެކި ޞިއްޙީ ޚިދްމަތްތަކަށް ބޭނުންވާ މީހުންނަށް، ވީހާވެސް ފަސޭހަކަމާއެކު ޞިއްޙީ ޚިދްމަތް ލިބިދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ.

އާދެ! ޞިއްޙީ ޚިދްމަތް ލިބިދިނުމަކީ، ހަމައެކަނި ބަލިވީމާ ބޭސްކޮށްދިނުމެއް ނޫން. އޭގެކުރިން ބަލިބަލިން ދިފާޢުވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން އެއީ، އަޅުގަނޑު ހިތުން ޞިއްޙީ ޚިދްމަތުގެ ވަރަށް މުހިންމު ބައެއް. އަޅުގަނޑު ކިޔަވަން އުޅުނުއިރު، އަޅުގަނޑު ކިޔަވަން އުޅުނު ޤައުމުގައި. އާދެ! މިޞުރުގައި އަޅުގަނޑުމެންނަށް ކިޔައިދޭ ވަރަށްރީތި ހަރުބަހެއް އޮވޭ. ޢަރަބިބަހުން ދަންނަވަންޏާ، އޭގައި ބުނަނީ، ”الصحة تاج على رؤوس الأ صحة لا يراه إلاّالمرض“ މާނައަކީ: ”ފުރިހަމަ ޞިއްޙަތަކީ ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ މީހާގެ ބޮލުގައި އަޅާފައި ހުންނަ، އެކަމަކު ބަލިމީހުންނަށް ނޫނީ ނުފެންނަ ތާޖެކޭ.“ އެއީ، އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބޭއިރު، ޞިއްޙަތުގެ މަތީން ހަނދާނެއް ނުހުރޭ. އަޅުގަނޑުމެން ޞިއްޙަތުގެ މަތިން ހަނދާން ކުރަނީ ނުވަތަ ހަނދާންވަނީ ބަލިވީމަ.

އެކަމަކު އެއެއް ނޫންކަންނޭނގެ، އެކަން އޮންނަންވީ ގޮތަކީ. ފުރިހަމަ ޞިއްޙަތުގައި ހުންނައިރު އެގޮތަށް ދެމިތިބުމަށް، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް، ބަލިބަލިން ދިފާޢުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ. އެއީކަންނޭނގެ މިކަމުގައި އެންމެ މުހިންމު ކަމަކީ. ބަލިވީމާ ބޭސްކުރުމަކީއެއް ނޫން. އޭގެކުރިން ބަލިނުވެވޭތޯ ބެލުން.

އާދެ! އެގޮތުން އެކިއެކި ވެކްސިންތައް ދިނުމުގެ ކަންތައްވެސް ހިނގަމުން މިދަނީ. އަދި ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި އަޅުގަނޑުމެން އަމިއްލައަށްވެސް ވަރަށްގިނަ ކަންތައްތަކެއް ކުރަން އެބަޖެހޭ. އޭގެތެރޭގައި، ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، އަދި އެކަށީގެންވާ ކަސްރަތު ހަށިގަނޑަށް ލިބިދިނުމާއި، އެކަށީގެންވާ މިންވަރަކަށް އަރާމުކުރުމާއި، ޞިއްޙަތަށް ގެއްލުންހުރި އެކިއެކި އާދަތަކުން ދުރުހެލިވުމާ މިކަންކަން ހިމެނޭ.

އާދެ! ދެންމެ މިޖަލްސާ ފެށުނުއިރު، އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުންވެސް މިކަން އަޅުގަނޑުމެންނަށް އެބައެނގޭ. އޭގައި އެބައާދޭ. ”ތިމަންކަލޭގެފާނަށް ކެއުން ދެއްވަނީ އަދި ބުއިން ދެއްވަނީ މާތް اللّه އޭ. ތިމަންކަލޭގެފާނު އާލާސްކަންފުޅާ ވެއްޖިއްޔާ ޝިފާ ދެއްވަނީ މާތް اللّه އޭ. ތިމަންކަލޭގެފާނަށް ދިރުން ދެއްވަނީ އަދި މަރުގަންނަވަނީ މާތްރަސްކަލާނގެއޭ.“

މިއީ، އަޅުގަނޑުމެން މުސްލިމުން، މުއުމިނުން ގަބޫލުކުރާ ގޮތް. އަޅުގަނޑުމެންގެ އިޢުތިޤާދު. އެއީ، ހަމަ އެންމެ ޞައްޙަ އިޢުތިޤާދު. ޝައްކެއްވެސްނެތް. އަޅުގަނޑުމެން ދުނިޔެއަށް އަންނަނީވެސް، ދުނިޔެ ދޫކޮށްފައިދަނީވެސް މާތް اللّه އިރާދަކުރައްވާ، މިންވަރުކުރައްވާ ގޮތެއްގެ މަތިން. އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު، އަޅުގަނޑުމެންނަށް އެކިއެކި އުފާތަކާއި ނިޢުމަތްތައް ލިބެނީވެސް، އެކިއެކި ހިތާމަތަކާއި ހިތްދަތި ކަންތައްތައް ކުރިމަތިވަނީވެސް، اللّـه سبحـانـه وتعـالـى ތަދުބީރު ކުރައްވާ، މިންވަރު ކުރައްވާ ގޮތެއްގެ މަތިން.

އެކަން އެހެން އޮތް ނަމަވެސް، ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް އަންގަވާފައި އެބައޮތް. ”ތިޔަބައިމީހުންގެ އަމިއްލަ އަތުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށޭ.“ އަދި ކީރިތި ރަސޫލާވެސް އަޅުގަނޑުމެންނަށް ތަފާތު ގޮތްގޮތުން އިރުޝާދު ދެއްވާފައި އެބަހުރި. އެކިއެކި ބަލިބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް. އިންސާނާގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް. ތިމާގެ ހަށިގަނޑާއި، ތިމާ ލާ ފޭރާމާއި، ތިމާ އުޅޭ ގޯއްޗާއި، ގެއާއި، މަގުމައްޗާ ހުރިހާ ތަންތަން ސާފުކޮށް ބެހެއްޓުމަށް.

ހަމަ އެއާއެކީގައި، ބަލިބަލިން ދިފާޢުވުމަށް ”އެއްވެސް ބައްޔެއް ތިމާ ހުރި ތަނެއްގައި ފެތުރިއްޖެއްޔާ ފުރައިގެންނުދާށޭ. އަދި ބައްޔެއް އުޅޭ ތަނެއް އެނގިއްޖިއްޔާ އެތަނަކަށް ނުދާށޭ.“ އެހެން އަންގަވާފައި އެބައޮތް. އެއީ ރައްކާތެރިވުމަށްޓަކައި. އެއީ ބަލިވެ އުޅޭ ތަނެއްގައި ބައްޔެއް ފެތުރިފައިވާ ތަނަކުން މީހުން ފުރަފުރައިގެން ދަންޏާ، އެމީހުންގެ ސަބަބުން އެހެން ތަންތަނަށް އެބަލި ވާރުތަވާނެ. ހަމަ އެހެންމެ، ނުރައްކާތެރި ބައްޔެއް އުޅޭ ތަނަކަށް، އަޅުގަނޑުމެން ހިނގައްޖިއްޔާ، އެބަލީގެ ސަބަބުން އަޅުގަނޑުމެން ބަލިވެދާނެ. އެހެންވީމާ، މިކަންކަމަށް ރައްކާތެރިވާން رســول اللّـه صـلّى الله علـيـه وسـلّم ވަނީ އަންގަވާފައި.

އެހެންވީމާ، މިއީ އަޅުގަނޑުމެން މުސްލިމުން މިކަން ކުރަންވީ ގޮތަކީ. އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތު ރައްކާތެރި ކުރުމަށްޓަކައި، އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަންވާނީ. އޭގެފަހުންވެސް ސަބަބެއް ދިމާވެގެން ބަލިވެއްޖިއްޔާ، އެބަލިން ފަރުވާ ލިބިގަންނަންވާނެ. އެއީވެސް ހަމަ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި އޮތް ކަމެއް. ”ތިޔަބައިމީހުން ބަލިވެއްޖިއްޔާ، ބޭސްފަރުވާ ކުރާށޭ.“

މިހެން މިދަންނަވަނީ، ބައެއް މީހުންނަށް ހީވެދާނެކަންނޭނގެ، ބަލިވުމަކީ اللّه މިންވަރު ކުރައްވާ ގޮތެއްގެ މަތިންވާކަމެކޭ. އެހެންވީމާ، ބަލިވެއްޖިއްޔާ ކޮންމެހެން ބޭސްކުރާކަށް ނުޖެހޭނެއޭ. އެހެން ހީކުރެވޭނަމަ އެއީ ވަރަށްބޮޑު ކުށްހީއެއް. ދީނުގައި އަންގަވާފައި އޮންނަނީ އެހެނެއް ނޫން. ބަލިވެއްޖިއްޔާ ބޭސްކުރާށޭ އަންގަވާފައި އެބައޮތް. ޝިފާ ލިބޭތޯ މަސައްކަތް ކުރާށޭ. އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ ނަތީޖާ، މާތް اللّه ގެ ވާގިފުޅުން އަޅުގަނޑުމެންނަށް ފެނިގެންދާނެ. އެހެންވީމާ، މިކަންކަމަށް އަޅުގަނޑުމެން ސަމާލުކަން އެބަދޭންޖެހޭ.

ދެން މިދެންނެވި އުޞޫލުން ސަރުކާރުން ރާއްޖޭގެ ޞިއްޙީ ޚިދްމަތްތައް ފުޅާކޮށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، ދެންމެ މިނިސްޓަރ އޮފް ހެލްތް ވިދާޅުވި ފަދައިން، ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއްވަނީ ޤާއިމުކޮށްފައި. އަދި ރަށްރަށުގައި ޞިއްޙީ ޚިދްމަތްދޭ ތަންތަންވަނީ ބިނާކޮށްފައި. އަދި ޑަކްޓަރުންނާއި ނަރުހުންވަނީ ތަމްރީނުކޮށްފައި. އަދި ތަމްރީނު ކުރަމުންވެސް އެބަގެންދޭ.

މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިދާއިރާގައިވެސް އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރުވަނީ އެކަށީގެންވާ ކާމިޔާބީއެއް ލިބިފައި. އާދެ! މިއަހަރުގެ މާޗްމަސް ނިމުނުއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 680 މީހަކަށް ޑަކްޓަރަކު އެބަހުރި. މިއީ ދުނިޔޭގެ ނިސްބަތުގައިވެސް ވަރަށް ރަނގަޅު އަދަދެއް. އެހެން މިދެންނެވީ، މިސާލަކަށް ސިންގަޕޫރުގައި 2005 ވަނަ އަހަރު ހުރީ، އާބާދީގެ ކޮންމެ 640 މީހަކަށް ޑަކްޓަރެއް. އަދި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމު، އެމެރިކާގައި 2004 ވަނަ އަހަރު ހުރީ، އާބާދީގެ ކޮންމެ 610 މީހަކަށް ޑަކްޓަރެއް. އެހެންވީމާ، ރާއްޖެވެސް މިއުޅެނީ، މިދެންނެވި ކުރިއަރާފައިވާ ޤައުމުތަކާ ވަރަށް ކައިރިކުރާ ހިސާބެއްގައި. އެހެންވީމާ، އޭގެ މާނައަކީ، އިރާދަކުރެއްވީތީ މިކަމުގައި އެކަށީގެންވާ ކާމިޔާބީއެއް، މާތް اللّه ގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް މިވަނީ ލިބިފައޭ.

އާދެ! ދެން އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ އުޞޫލުން ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ދުނިޔޭގެ އެހެން ތަންތާނގައި ފެތުރެމުންދާ ނުވަތަ ފެތުރިފައިވާ ގައިން ގަޔަށް އަރާ ބަލިތައް މިވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި. އޭގެ ސަބަބުން، މިހާރު ރާއްޖޭގެ ގިނަމީހުން އެބަލިތަކުގެ އުނދަގޫ އެންމެ ބޮޑަށް އިޙްސާސް ކުރަން ޖެހިފައިވާ ބަލިބައްޔަކީ، ގައިންގަޔަށް ނާރާ ބަލިބަލި. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން، މިހާރު މެދުވެރިވަމުންދާ ބަލިތައް. އެބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެން ރަނގަޅު އާދަތަކެއް އެބަ ދަސްކުރަންޖެހޭ. އެ އާދަތަކުގައި ހިފަހައްޓަންޖެހޭ. އެއީ ރަނގަޅު ކާނާ ކެއުމާއި، އަރާމު ކުރުމާއި، އަޅުގަނޑުމެންނަށް ކަސްރަތު ލިބޭފަދަ ކަންތައްތަކެއް ކުރުމާއި، ގެއްލުންހުރި ނުބައި އާދަތަކުން ދުރުހެލިވުމާ މިކަންތައްތައް.

އޭގެތެރޭގައި، ދުންފަތުގެ އިސްތިޢުމާލު ކުރުން އެއީ ދެން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް ގޯސްކަމެއް. އެކަންވެސް އަޅުގަނޑުމެން އެބަ ހުއްޓުވަންޖެހޭ. ނުވަތަ މަދުކުރަންޖެހޭ. އަދި އެއަށްވުރެ ނުރައްކާތެރިކަން ބޮޑު އެއްޗަކީ މަސްތުވާތަކެތި. މަސްތުވާތަކެތީގެ ނުރައްކަލުން އަޅުގަނޑުމެން އެންމެން ސަލާމަތްވާން އެބަޖެހޭ. އެއީ ހަމައެކަނި ކުޑަކުދިންނެއް ނޫން. ކުޑަކުދިންނާއި، ޒުވާނުންނާއި، ހަރުމީހުންނާއި، ބޮޑެތި މީހުންނާއި، މުސްކުޅިންނާއި، އެންމެންވެސް މިބޮޑު ނުރައްކަލުން ސަލާމަތްވާން އެބަޖެހޭ. މިކަމަށްޓަކައި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިއަދުވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.

އާދެ! މިކަންތައްތަކުގެ އިތުރުން، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ އެހެން ކަންތައްތަކެއްވެސް އެބަހުރި. މިސާލަކަށް، މަދަރުސާތަކުގަޔާއި، ތަޢްލީމީ މަރްކަޒުތަކުގައި، ޞިއްޙީ ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމްތަކެއް ހިންގުން. ޝައްކެއްނެތް. އެވާނެ ވަރަށްބޮޑު އަސާސަކަށް. އަޅުގަނޑުމެންގެ ޅަދަރިންނަށް، ކުޑަކުދިންނަށް، ޞިއްޙަތަކީ ކޮބައިކަމާއި، ޞިއްޙަތު ރައްކާތެރި ކުރެވޭނީ ކިހިނެއް ކަންތައް ކޮށްގެންކަމާއި، އަޅުގަނޑުމެން ބަލިވަނީ ކީއްވެގެންކަމާއި، މިހުރިހާ މަޢްލޫމާތުތަކެއް ކުޑަކުދިންނަށް ދިނުމަކީ، އޭގެ ނަތީޖާ އެންމެ ރަނގަޅު ގޮތަކަށް ފެނިގެންދާނެ ކަންތައް. ހަމައެހެންމެ، އެނޫން ދާއިރާތަކުގައިވެސް ޢާންމު ރައްޔިތުންގެ ތެރޭގައިވެސް ޞިއްޙީ ހޭލުންތެރިކަން ފެތުރުމުގެ މުހިންމުކަން ވަރަށްބޮޑު. ހުރިހާ ދާއިރާއެއްގައިވެސް ޞިއްޙީ ހޭލުންތެރިކަން އިތުރުކޮށްފިނަމަ، އަޅުގަނޑު ހިތުން މުސްތަޤްބަލުގައި ރާއްޖޭގައި ދުޅަހެޔޮ މީހުންގެ ޢަދަދު ވަރަށްބޮޑުތަން އިތުރުވެގެންދާނެ.

އާދެ! ޞިއްޙީ ޚިދްމަތް ދިނުމަށް، މިދެންނެވީ އެއީ ބަލިވީމާ ބޭސްކުރުމުގެ ޚިދްމަތް ދިނުމަށްވެސް އަޅުގަނޑުމެން ސަމާލުކަންދޭން އެބަޖެހޭ. އެގޮތުން ހޮސްޕިޓަލްތައް ޤާއިމުކުރުމާއި، ހެލްތް ޕޯސްޓްތަކާއި، ހެލްތް ސެންޓަރުތަކާއި، އަދި އެނޫނަސް ބަލިމީހުންނަށް ފަރުވާކޮށްދޭނެ ޑަކްޓަރުންނާއި، ނަރުހުންނާއި، އެފަންނުގެ އެހެން މީހުން ތަމްރީނު ކުރުމާއި، އެމީހުންނަށް އެޚިދްމަތް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ވާޞިލުކޮށްދެވޭފަދަ މާޙައުލެއް ޤާއިމުކޮށްދިނުމާއި، އެމީހުންނަށް އެކަށީގެންވާ މުސާރައެއް ދިނުމާއި، މިކަންކަން ކުރުމަކީވެސް ރާއްޖޭގައި ޞިއްޙީ ޚިދްމަތް ފުޅާކޮށް، ތަރައްޤީކޮށް. ހަރުދަނާ ކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް.

މިގޮތުން ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގައި އެކަށީގެންވާ ފެންވަރެއްގައި ޞިއްޙީ ޚިދްމަތް ދިނުމަށް ބޭނުންވާ ޑަކްޓަރުން ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މިދާއިރާގެ ފަންނީ އަދި ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުން، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ޑަކްޓަރުންގެ މުސާރައާއި އޮނިގަނޑު މިހާރުވަނީ އިޞްލާޙު ކޮށްފައި ކަމަށް. މިއޮނިގަނޑަށް މިގެނެވުނު އިޞްލާޙުގެ ސަބަބުން، ތަޖުރިބާހުރި މޮޅު ޑަކްޓަރުންގެ ޚިދްމަތް، ގިނަދުވަހަށް ލިބުމުގެ ފުރުޞަތު، އިރާދަކުރެއްވިއްޔާ ކުރިއަށްވުރެ މިހާރު މާބޮޑުވެގެންދާނެ.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިދާއިރާއަށް ޚިދްމަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން ބޭނުން. އެގޮތުން، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އިލްޔާސް އިބްރާހީމް، މިދާއިރާ ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށްޓަކައި ކޮށްދެއްވަމުން އެގެންދަވާ މިންނެތް މަސައްކަތްތަކަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މީގެކުރިން ރާއްޖޭގެ ޞިއްޙަތާބެހޭ ވުޒާރާ ހިންގަވައިދެއްވި ހުރިހާ ވަޒީރުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރެއިން، ބައެއް ބޭފުޅުން މިތާ އަޅުގަނޑުގެ ކުރިމަތިން ފެންނަންވެސް އެބަތިއްބެވި. އަލްފާޟިލް ޢަބްދު اللّه ޖަމީލު، އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ، އަލްފާޟިލާ އަނީސާ އަޙްމަދު މިތާ އެބަތިއްބެވި. އަދި އެނޫންވެސް ބޭފުޅުން، އާދެ! މިތާ ވަޑައިގެން ނެތް ނަމަވެސް، އަލްފާޟިލް އަޙްމަދު ޢަބްދުاللّه ވެސް، މިދާއިރާއަށް ވަރަށްބޮޑު ޚިދްމަތްތަކެއް ކޮށްދެއްވި. މިހުރިހާ ބޭފުޅުންނަށް އަދި އެބޭފުޅުންގެ ބެއްލެވުމުގެ ދަށުން، ޞިއްޙީ ދާއިރާގައި މަސައްކަތް ކޮށްދެއްވި އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށްވެސް، މިފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މީގެއިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް، އ.ދ.ގެ އޭޖެންސީތަކުން ކޮށްދެއްވާ މަސައްކަތްތަކަށްޓަކައި، ޚާއްޞަކޮށް ޑަބްލިޔޫ.އެޗް.އޯ. އާއި، ޔުނިސެފާއި، ޔޫ.އެން.އެފް.ޕީ.އޭ.އިން ކޮށްދެއްވާ މަސައްކަތްތަކަށްޓަކައި އަދި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި، އެޖަމްޢިއްޔާތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެފަދައިން، ރާއްޖޭގެ އަމިއްލަ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ޞިއްޙީ ރޮނގުން ކުރައްވަމުން ގެންދަވާ ޚިދްމަތްތަކަށްޓަކައި، އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، އަމިއްލަ ހޮސްޕިޓަލްތަކާއި، ކްލިނިކްތައް ހިންގަވާ ފަރާތްތަކަށާއި، އެފަރާތްތަކުން އެދެއްވާ ޚިދްމަތްތަކަށްޓަކައި، އެހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ އަދި މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން، ކަންތައްތައް ކުރަމުން ގެންދާ އަދި ދީނުގައި ކަނޑައަޅުއްވައިދެއްވާފައިވާ މަގުން، އެކިއެކި ކަންކަމުގައި ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންގެންދާ އަދި އަޅުގަނޑުމެން އެކުރާ މަސައްކަތެއްގެ ސަބަބުން، މާތްﷲގެ ވާގިފުޅާއެކު ހެޔޮ ރަޙްމަތާއި ސަވާބާއި ދުޅަހެޔޮކަން ލިބޭނެ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުން އެދި اللّـه سبحـانـه وتعـالـى ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.