• މި ބަސްދީގަތުމުގައި ދިވެހިރާއްޖޭގެ އަޑުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވީ، މިދަތުރުގައި ބައިވެރިކުރެއްވި އަޑުގެ އެޑިޓަރ އަލްފާޟިލް މުޙަންމަދު ޖަމީލެވެ.

ސުވާލު 1: އިންޑިޔާގެ ބޮޑުވަޒީރާއެކު މަނިކުފާނު ކުރެއްވި މަޝްވަރާތަކުގައި، އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައިވާ ގޮތުން ކަމަށްވަނީވިއްޔާ، މިސާލަކަށް، މިދެންނެވީ ރާއްޖެއިން ހިލަވެލި އެތެރެކުރުމުގައި، ކޯޓާގެ ކަންތައް ހަމަޖެހުމުގައި ރާއްޖެއަށް މިހާރު ދިމާވެފައިވާ ބައެއް ދަތިތައް ޙައްލުކުރުމާ ބެހޭގޮތުންނާއި، އަދި އިންޑިޔާގެ މާކެޓް ރާއްޖެއަށް ހުޅުވާލުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ. ކޮބައިތޯ މިވާހަކަފުޅުގެ ނަތީޖާއަކީ؟

ރައީސުލްޖުމްހޫރިއްޔާ
ތިޔަ ވިދާޅުވިހެން އަޅުގަނޑު އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްއާ ބައްދަލުކޮށް، އިއްޔެ ވާހަކަ ދެއްކިއިރު، ރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ގުޅުމާ ބެހޭގޮތުން ވަރަށްގިނަ ވާހަކަ ދެއްކުނު. އަދި ރާއްޖެއަށް އިންޑިޔާއިން ވެދޭ އެހީތަކާއި، އިންޑިޔާގެ އެއްބާރުލުން ލިބޭތީ، އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެސް ދެންނެވިން. ދެން އަޅުގަނޑުމެން ވާހަކަ ދެއްކި ކަންތައްތަކުގެ ތެރޭގައި، ރާއްޖެއަށް ދިމާވެފައި ހުރި ބައެއްކަހަލަ ދަތި ކަންތައްތަކުގެ ވާހަކަވެސް ދަންނަވާލިން. ތިޔަ ވިދާޅުވި ކަންތައް އެއީ، ހިލައާއި ހިލަވެލި ރާއްޖެއަށް އެތެރެކުރުމުގައި، އިންޑިޔާއިން ކޯޓާ ސިސްޓަމް ގެންގުޅޭތީ އަދި މިހާރު ރާއްޖޭގައި ވަރަށްގިނަ ރިޒޯޓްތައް ހެދުމާއި އަދި އިމާރާތް ކުރުމުގެ އެހެންވެސް މަސައްކަތްތައް ހިނގާތީ، އަޅުގަނޑުމެންނަށް މިހާރު ލިބިފައި އޮންނަ ކޯޓާއިން ނުފުދޭ ވާހަކަ ދަންނަވާލިން. އަދި އަޅުގަނޑުމެން އެދޭގޮތަކީ، ކޯޓާ އިތުރުކޮށްދެއްވުން ކަމުގައި އަޅުގަނޑު ދެންނެވިން. އެހެންވީމާ، އެކަމާ ވަރަށް ބޮޑަށް ވިސްނާވަޑައިގެން، ރަނގަޅު ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވި.

ދެން މުދާ އިތުރުކުރުމުގެ ކަންތަކުގައި، އިންޑިޔާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވި، ސާކް ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ މުދާ، އިންޑިޔާއިން އެތެރެކުރުމުގައި އެއްވެސްކަހަލަ ހުރަހެއް ނުވަތަ ޑިޔުޓީ ނެގުމެއް ނޯންނާނެއޭ. މިއަހަރު ފަހުކޮޅު އެގޮތަށް ހަމަޖައްސަވާނަމޭ. ”ޒީރޯ ޓެރިފް“ އޭގެ މާނައަކީ އެއްވެސްކަހަލަ ޑިޔުޓީއެއް ނުނެގޭ ގޮތަށް. އޭރުން ރާއްޖެއާއި ބޫޓާނާ މިކަހަލަ ޤައުމުތަކުގެ މުދާ އިންޑިޔާއަށް އެތެރެކުރުމުގައި، އެމުދަލުގެ އަގު އެތަންތާނގައި ހެޔޮވީމާ، އެއަށް ބާޒާރު ލިބުން ފަސޭހަވާނެ. އެވާހަކަ ވިދާޅުވި.

ސުވާލު 2: ސާކް ސަމިޓާ ބެހޭގޮތުން އަޅުގަނޑު ސުވާލެއް ދަންނަވާލާނަން. ސާކް ސަމިޓުގައި ނިންމާފައިވާ ނިންމުންތަކުގައި، ރާއްޖެއަށް މިކަމުގެ ފައިދާ ލިބެންހުރީ ކޮންކަހަލަ ކަންތައްތަކަކުންތޯ؟

ރައީސުލްޖުމްހޫރިއްޔާ
މިފަހަރު ސާކް ސަމިޓުން ނިންމި ހުރިހާ ކަންތައްތަކުގައިވެސް، ހަމަ ހުރިހާ ޤައުމަކަށްވެސް ފައިދާކުރާނެ. އޭގެތެރޭގައި، ރާއްޖެއަށްވެސް ހަމަ ހުރިހާ ކަމަކުންވެސް ފައިދާ ކުރާނެ. މިސާލަކަށް، ސައުތު އޭޝިއަން ޔުނިވަރސިޓީ އުފައްދަން ނިންމާފައި މިއޮތީ. ޔުނިވަރސިޓީ އުފެއްދީމާ، ރާއްޖޭގެ ކުދިންނަށް އެތާނގައި ތަޢްލީމު ޙާޞިލު ކުރުމުގެ ފުރުޞަތު ލިބޭނެ. ދެން ހަމަ އެހެން ފުޑް ބޭންކެއް އުފައްދަން މިނިންމީ. ފުޑް ބޭންކް އުފެއްދީމާވެސް ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެއްޖީވިއްޔާ، އެ ފުޑް ބޭންކުން އަޅުގަނޑުމެންނަށް އެހީ ލިބޭނެ. ހަމަ އެފަދައިން، ސައުތު އޭޝިއަން ޑިވެލޮޕްމަންޓް ފަންޑް، އެނަމުގައި ފަންޑެއް އޮވޭ. އެ ފަންޑު މިހާރު ޙަރަކާތްތެރި ކުރުވަން ނިންމީ. އެފަންޑުގެ ފައިސާއިންވެސް އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކަށް، މިދެންނެވީ ދެޤައުމެއް ބައިވެރިވާ އެއްވެސް ޕްރޮޖެކްޓަކަށްވިއްޔާ، އެފަންޑުން ފައިސާ ލިބޭނެ. އެހެންވީމާ، ރާއްޖެއާއި އެހެން ޤައުމަކާ ގުޅިގެން އެއް ޕްރޮޖެކްޓެއް ހިންގާ ކަމަށްވަންޏާ، އެއަށް ފައިސާ ލިބޭނެ.

އަދި އޭގެއިތުރުން، އަޅުގަނޑުމެން އިއްޔެ ނިންމިން ހަތަރު ދާއިރާއެއްގައި ރައްކާތެރިކަން ހޯދުމަށް. އެއީ، ފުޑް ސެކިއުރިޓީ / ކާބޯތަކެތީގެ ރައްކާތެރިކަމާއި، ވޯޓަރ ސެކިއުރިޓީ/ފެނުގެ ރައްކާތެރިކަމާއި، އެނަރޖީ ސެކިއުރިޓީ/ހަކަތައިގެ ރައްކާތެރިކަމާއި، އަދި އެންވަޔަރަންމަންޓަލް ސެކިއުރިޓީ/ތިމާވެށީގެ ރައްކާތެރިކަމާ، މިހަތަރު ދާއިރާއިން އަޅުގަނޑުމެން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި، ރިޕޯޓެއް ތައްޔާރުކޮށްފައި، އެކިއެކި ޕްރޮޖެކްޓްތައް އޭގައި ދެނެގެންފައި، އަޅުގަނޑުމެން ބޭނުންވަނީ ވާރލްޑް ބޭންކް، އޭ.ޑީ.ބީ. ޔޫ.އެން.ޑީ.ޕީ ކަހަލަ މާލީ އެހީވެދޭ ތަންތަނަށް އެ ހުށަހަޅަން. ހުށަހަޅައިގެން އެތަންތަނުން ފައިސާ ލިބުނީމާ، މިޕްރޮޖެކްޓްތައް ހިންގަން. ހުރިހާ ބޭފުޅުންވެސް ވިދާޅުވި، އެތަންތަނުން ތިބީ ސާކްގެ މިކަހަލަ ޕްރޮޖެކްޓްތަކަށް ފައިސާ ދެއްވަން ތައްޔާރަށޭ. އެހެންވީމާ، މިހުރިހާ ކަމަކުންވެސް ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ.

ސުވާލު 3: އާދެ! ސާކް ޤައުމުތަކަށް އަބަދުވެސް ފާޑުކިޔުންތައް ކުރިމަތިކުރޭ. ސާކަކީ ނިންމުންތައް ނިންމައި، އެކަމަކު ޢަމަލީ ފިޔަވަޅު އެޅުމުގައި ތަންކޮޅެއް ފަހަތުގައި އޮންނަ ޖަމާޢަތެކޭ. ދެން މިފަހަރު ސާކްގެ ލީޑަރުން ވިދާޅުވި، ނިއުދިއްލީ ސަމިޓަކީ މިޞްރާބު ބަދަލުކޮށްލަން ރަނގަޅު ވަގުތެކޭ. މަނިކުފާނު ދެކެވަޑައިގަންނަވަންތޯ ކުރިން ކިޔަމުން އައި ފާޑުކިޔުންތަކަށް ވަކިބަދަލެއް އަންނަފަދަ ކަންތައްތަކެއް، ކުރިއަށް އޮތް ތާނގައި ފެނިގެންދާނެ ކަމަށް؟

ރައީސުލްޖުމްހޫރިއްޔާ
އާދެ! ކުރިއަށް އޮތް ތާނގައި ފެނިގެންދާނެ. މިފަހަރު އަޅުގަނޑުމެން ރިޓްރީޓްގައި ވާހަކަ ދެއްކިއިރު، ތިޔަވާހަކަ ވަރަށް ބޮޑަށް ދެއްކިން. ޙަޤީޤަތުގައި އަޅުގަނޑު އެންމެބޮޑަށް އެވާހަކަ ދެއްކީވެސް. އަޅުގަނޑު ދެންނެވިން. އަޅުގަނޑު ކޮންމެ ސަމިޓެއް ނިންމާފައި ރާއްޖެ ދިޔައީމާ، ރާއްޖޭގެ ނޫސްވެރިންނާ މީހުން އަޅުގަނޑާ ސުވާލުކުރެޔޭ ކޮންކަހަލަ ކަންތައްތަކެއްތޯ ނިންމީ؟ ކޮންފައިދާއެއްތޯ ލިބޭނީ؟ ދެން އަޅުގަނޑު ކޮންމެފަހަރަކުވެސް އެފަހަރަކު ނިންމާ މުހިންމު ކަންތައްތަކުގެ ވާހަކަ ބުނަމޭ. އެކިއެކި ރިޒޮލިއުޝަންތައް ފާސްކޮށްފައި ހުންނަ ވާހަކައާއި، އެކިއެކި ޤަރާރުތައް ފާސްކުރި ވާހަކައާއި، މިކަންތައްތަކުން ހުރިހާ ޤައުމަކަށްވެސް އަދި ރާއްޖެއަށްވެސް ފައިދާ ލިބޭނެ ކަމަށް ބުނަމުންނޭ މިގެންދަނީ. އެހެން ނަމަވެސް، އޭގެފަހުން މާބޮޑު ކަމެއްވާތަނެއް މީހުންނަކަށް ނުފެނެޔޭ. އެހެންވީމާ، ކޮންމެފަހަރަކު އަޅުގަނޑު މިވާހަކަ ދައްކަންޖެހޭތީ، އަޅުގަނޑު މިހާރު ލަދުވެސްގަނެޔޭ. މިފަހަރުދާއިރުވެސް ސުވާލު ކުރާނެޔޭ، ކޮންކަމެއްހޭ ނިންމީ؟ އެހެންވީމާ، އަޅުގަނޑު ބޭނުމޭ މިފަހަރު ހަމަ ކޮންމެވެސް ކަހަލަ ކަންތައްތަކަކަށް އެއަށް ޢަމަލީ ސިފަ އަންނަތަން އަވަހަށް ފެނުން. މިގޮތަށް ވާހަކަ ދެއްކީމާ، ވަރަށްގިނަ ބޭފުޅުން އެގޮތަށް ތާއީދު ކުރައްވައި ދެއްކެވި ވާހަކައިގެ ނަތީޖާއެއްގެ ގޮތުން، ކުރިން މިދެންނެވި 6 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކަންތައްތަކެއް ކޮށްފައި، އޭގެ ނަތީޖާ ފެންނަގޮތަށް މިހަމަޖެއްސީ. އެހެންވީމާ، އަޅުގަނޑު ހިތުން އިރާދަކުރެއްވިއްޔާ މިފަހަރު އެހެންފަހަރު ފަހަރާ ތަފާތުވާނެ. މިފަހަރު ހަމަ 6 މަސްދުވަހުގެ ތެރޭގައި، ކޮންމެވެސްކަހަލަ ކަންތައްތަކެއް ފެނިގެންދާނެ. އަދި އޭގެފަހުން އަދި އިތުރަށް ވަރަށްގިނަ ކަންތައްތައް ހިނގާނެ ކަމަށް އަޅުގަނޑު ހަމަ އުންމީދު ކުރަން.

ސުވާލު 4: ސަޕްޓާ އަކީ ރާއްޖެއަށް އެހެން ޤައުމުތަކުން ލިބޭފަދަ ބޮޑު ފައިދާ ލިބޭ އެއްޗަކަށް ނުވެދާނެ ކަމަށް މަނިކުފާނު އިޝާރާތް ކުރައްވާފައިވޭ. ހަމަ އެޔާއެކީގައި ވިޔަފާރި ޕްރޮމޯޓް ކުރުމާއި، މިބާވަތުގެ ކަންތައް ރާއްޖެއަށް ބޭނުންވާ ކަމަށް. އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވޭ ސަމިޓްގެ ދުވަސްވަރުގެ ތެރޭގައި ވިޔަފާރިވެރިންގެ ފޯރަމެއް ބާއްވަވަން. މިޚިޔާލުފުޅަށް ލީޑަރުންގެ ފަރާތްޕުޅުން ކޮންކަހަލަ އިޝާރާތެއްތޯ ލިބިވަޑައިގަތީ؟

ރައީސުލްޖުމްހޫރިއްޔާ
ބިޒްނަސް ފޯރަމަކީ މިހާރުވެސް ބާއްވާ ފޯރަމެއް. އެކަމަކު މިހާރު މިބޭއްވެނީ ސާކް ސަމިޓުގެ ކުރިން. އަޅުގަނޑު ހުށަހެޅީ، އޭގެ ފައިދާ ބޮޑުވާނެ ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ، ސާކް ސަމިޓުގެ ދުވަސްވަރު ވިޔަފާރިއާބެހޭ ފޯރަމްވެސް ބޭއްވުން ކަމަށް. އެގޮތަށް ހުރިހާ ބޭފުޅުންވެސް ހަމަ ތާއީދު ކުރެއްވި. ދެން ވިޔަފާރީގެ ވާހަކަ ދައްކަން މިޖެހޭ ސަބަބަކީ، ޙަޤީޤަތުގައި އަޅުގަނޑުމެން ސާކްގެ ޙަރަކާތްތައް ކުރިއަށްގޮސް، އޭގެ ސަބަބުން އާދައިގެ މީހުންނަށް ފައިދާއެއް ކުރާނީ، ވިޔަފާރިއާއި އަދި އިޤްތިޞާދީ ދާއިރާގެ ކަންތައްތަކެއް ކުރެވިގެން. އޭރުން މީހުންނަށް އާމްދަނީ ލިބޭނެ ފުރުޞަތުތައް އިތުރުވެގެންދާނީ. އެހެންވީމާ، ވިޔަފާރިއާބެހޭ ފޯރަމް ”ބިޒްނަސް ފޯރަމް“ ވެސް ސާކް ސަމިޓާ ގުޅިގެން ހަމަ އެއްދުވަސްވަރެއްގައި ބޭއްވިއްޖިއްޔާ، އެއިން ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ފެންނާތީ، އެގޮތަށް އަޅުގަނޑު ހުށަހެޅިން. ހުށަހެޅީމާ އެގޮތަށް ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގަތީ.

ސުވާލު 5: އަދިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ދިވެހިރާއްޖޭގައި މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވެމުން މިދަނީ ހިލައާއި ހިލަވެލީގެ މައްސަލައިގެ ކަންތަކުގައި. ދެން ރާއްޖެއަށް މިލިބޭ ކޯޓާ އިތުރުކުރެވޭނެތޯ ނުވަތަ ނޫންތޯ މިއީ ހަމަ ވިޔަފާރިވެރިންގެ މެދުގައިވެސް ދައްކާ ވާހަކައެއް. ދެން މިއަށް އެއްވެސްކަހަލަ އިތުރު ކުރިއެރުމެއް ލިބިދާނެކަހަލަ އެއްޗެއް ވިދާޅުވިތޯ؟

ރައީސުލްޖުމްހޫރިއްޔާ
ކުރީގައިވެސް ތިޔަ ސުވާލުގެ ޖަވާބު ދެންނެވިން ދޮއެއްތޯ. މިވާހަކަ އަޅުގަނޑު ވަރަށް ތަފްޞީލުކޮށް، އިންޑިޔާގެ ބޮޑުވަޒީރާ އިއްޔެ ވާހަކަ ދެއްކިއިރު ދެއްކީމޭ. ދެން އޭނާ ވިދާޅުވިޔޭ ތިޔަކަމާ ތިމަންނަމެން ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ގޮތެއް ހަމަޖައްސަވައިދެއްވާނަމޭ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން ވަރަށް އަވަހަށް އެގޮތް ހަމަޖެހިގެންދާނެ ކަމަށް. އެއީ މިހާރު އޮތް ކޯޓާއަށްވުރެ ހިލައާއި ހިލަވެލީގެ ކޯޓާ އިންޑިޔާއިން އަޅުގަނޑުމެންނަށް އިތުރުކޮށްދެއްވާނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާކުރެވޭ.

ސުވާލު 6: ކުރިއަށް އޮތް ސާކް ސަމިޓް ބާއްވަން އޮތީ ރާއްޖޭގައި. މަނިކުފާނު ކީކޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ
ކުރިއަށް އޮތް ސާކް ސަމިޓް ރާއްޖޭގައި ބާއްވަން ނިންމީ، އަޅުގަނޑުމެންގެ ހުށަހެޅުމަކަށް. އަޅުގަނޑުމެންގެ އެދުމަކަށް. އެއީ ގަވާއިދުން އަޅުގަނޑުމެންނަށް ޖެހެނީ. އެހެންވީމާ، އަޅުގަނޑުމެން މީގެކުރިންވެސް ދެސަމިޓް ވަނީ ބާއްވާފައި. ތިންވަނަ ސަމިޓްވެސް ހަމަ ރާއްޖެއަށް ޖެހޭ ފަހަރު ބާއްވަން. މިއީ ރާއްޖޭގެ ދައުރު. ރާއްޖެއިން ބާއްވަން ބޭނުންވާތީ، އެކަން އަޅުގަނޑު ހުށަހަޅައިގެން، ހުރިހާ ބޭފުޅުންގެ ތާއީދު ލިބިގެން އެގޮތަށް މިފާސްވީ.

ދެން ރާއްޖޭގައި މިސަމިޓް ބޭއްވުމަކީ، ރާއްޖެއަށް ލިބޭނެ ވަރަށްބޮޑު ފަޚްރެއް. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، 15 ވަނަ ސާކް ސަމިޓް ރާއްޖޭގައި މިއަންނަ އަހަރު ބޭއްވޭއިރު، އެއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އެންމެ ކުލަގަދަ ސާކް ސަމިޓް ކަމަށް ވެގެންދިޔުން. އަޅުގަނޑަށް ހީވަނީ، ހުރިހާ ދިވެހި ރައްޔިތުންވެސް މިގޮތަށް އެދިވަޑައިގަންނަވާނެހެން. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން. ސަރުކާރާއި އަދި އަމިއްލަ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތަކާއި، ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ފަރާތްތަކާއި، އިޖްތިމާޢީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ފަރާތްތަކާއި، ޚަބަރުފަތުރާ ވަސީލަތްތަކާއި، ސިޔާސީ ޕާޓީތަކާ މިހެންގޮސް ރާއްޖޭގެ ހަމަ ހުރިހާ ފަރާތްތަކަކުން މިކަމުގައި އެއްބާރުލައްވައިގެން ބައިވެރިވެގެން، ރާއްޖެއަށް ރީތި ނަމެއް، ފަޚްރެއް ލިބޭފަދަ ގޮތަކަށް، ކާމިޔާބު ސަމިޓެއްގެ ގޮތުގައި މިއަންނަ އަހަރު ރާއްޖޭގައި އިރާދަކުރެއްވިއްޔާ ބޭއްވޭ 15 ވަނަ ސާކް ސަމިޓް ނިމިގެންދިޔުން. އެއީ، އަޅުގަނޑުގެ އެދުމަކީ. އަދި އަޅުގަނޑު ރައްޔިތުންގެ އަރިހުން އެދެނީ، މިކަމަށް ވަރަށް ރަނގަޅު އިޖާބައެއް ދެއްވައި، ސަރުކާރާ ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވައި، މިކަން މިގޮތަށް ފުރިހަމަކޮށްދެއްވުން.

ސުވާލު 7: މިފަހަރު ސާކަށް އަލަށް މިއިތުރުވީ އާ މެންބަރެއް. އަފްޣާނިސްތާން. އަފްޣާނިސްތާނަކީވެސް ވަރަށް މައްސަލަ ބޮޑު ޤައުމެއް. ޓެރަރިޒަމްގެ ވާހަކަ ދެކެވޭއިރު، އަފްޣާނިސްތާނުގައި ހިނގާ ޓެރަރިޒަމާއި، ސްރީލަންކާގެ މައްސަލަ، ސަމިޓްގައިވެސް ފާހަގަކުރެވިގެންދިޔަ. މިބާވަތުގެ މައްސަލަތައް އަދި ސަރަޙައްދީ މައްސަލަތަކާއި، ދާޚިލީ މައްސަލަތައް މިހާބޮޑުއިރު، ލީޑަރުން އެކަމާ ދޭތެރޭ އެއްގޮތަކަށްވެސް ފިކުރު ނުކުރައްވާތޯ؟

ރައީސުލްޖުމްހޫރިއްޔާ
ހުރިހާ ލީޑަރުންވެސް އެކަމާ ދޭތެރޭ ފިކުރުކުރައްވާ. އަދި ބައެއް ބޭފުޅުން މިވާހަކަ ވަރަށް ބޮޑަށް ދެއްކެވި. އަޅުގަނޑުވެސް މީގެކުރީގެ ސަމިޓް ޖަލްސާތަކުގައި ހުންނާނެ ޓެރަރިޒަމްގެ ވާހަކަވެސް ދައްކާފައި. ދެން މިފަހަރު ޚާއްޞަ ގޮތެއްގައި ސްރީލަންކާގެ ރައީސް އެވާހަކަ ވިދާޅުވި. އަދި އިއްޔެ ބޭއްވުނު ރިޓްރީޓްގައި މިވާހަކަ ވަރަށް ބޮޑަށް ދެކެވުނު. އަޅުގަނޑުމެންގެ ސަރަޙައްދުން ޓެރަރިޒަމް ނައްތާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުރިހާ ޤައުމުތަކުންވެސް އެއްބަސްވި. އެގޮތަށް ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގެން. އަދި އެކަމާ ބެހޭގޮތުން ޤައުމުތަކުގެ މެދުގައި އިތުރަށް އެއްބާރުލުން އިތުރުކޮށްގެން އެމަސައްކަތް ކުރުމަށް އެއްބަސްވެވުނު.

ސުވާލު 8: ތިމާވެށީގެ މައްސަލަތަކަކީ އަބަދުވެސް ރާއްޖެއިން ހައިލައިޓް ކުރާ މައްސަލަތަކެއް. މިފަހަރު ތިމާވެށީގެ މައްސަލަތަކުގައި ކަނޑައެޅޭ ވަކި ދާއިރާތަކަކުން ފިޔަވަޅު އެޅުމަށް ކަނޑައަޅުއްވާފައި އޮތް ކަމަށް އަޅުގަނޑުމެންނަށް ޑިކްލަރޭޝަނުން ފެނިގެން ގޮސްފައިވޭ. މެންބަރު ޤައުމުތަކުގެ ތެރޭގައި މިހިނގާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖެއަށް މިކަމުގެ ސަބަބުން ލިބެނީ ކޮންކަހަލަ އެހީތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ
މީގެކުރިންވެސް ތިމާވެށީގެ ދާއިރާގައި ސާކުން އެބަހުރި ކަންތައްތަކެއް ކޮށްފައި. އޭގެތެރޭގައި، ޤުދުރަތީ ޙާދިސާތަކާބެހޭ ދިރާސާއެއް، ކޮންމެ ޤައުމަކުން ކޮށްފައި އޮންނާނެ. ހަމައެހެންމެ، ދުނިޔެ، ޖައްވު ހޫނުވުމާ ގުޅިގެން މިއަންނަ މައްސަލަތަކުގެ ދިރާސާވެސް ކޮންމެ ޤައުމަކުން ކޮށްފައި އޮންނާނެ. މިކަންތައް ކޮށް ނިމުނުތާ މިހާރު 15، 16 އަހަރު ވެއްޖެ. އެހެން ނަމަވެސް، އޭގެ މައްޗަށް ބިނާކޮށް، މިއޮތީ އަދި އެއްވެސްކަހަލަ މަޝްރޫޢުތަކެއް ނުރޭވި. މިފަހަރު ވާހަކަ ދެއްކިން. ހަމަ އަޅުގަނޑުވެސް ވަރަށް ތަކުރާރުކޮށް ރިޓްރީޓްގައި އިއްޔެ ދެންނެވިން އެވާހަކަ. މިކަންތައްތަކަށް ޢަމަލީ ފިޔަވަޅު އަޅަން އެބަޖެހެޔޭ. ދެން ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވި މިކަންތައްތައް ކުރަން. އެއީ މިހާރު އެބައޮތް ދިއްލީގައި އުފެއްދިފައި ތިމާވެށްޓާބެހޭ ސާކްގެ މަރްކަޒެއް. އެ މަރްކަޒު އުފައްދާފައި އެހުރީ. އެ މަރްކަޒުގެ މަސައްކަތް އަދި އެހާ ރަނގަޅަށް ހިނގަމުން ނުދަނީ. މިމަރްކަޒަށްވެސް ބޭނުންވަނީ އިތުރު ވަސީލަތްތައް. އެއީ މީހުންނާއި ފައިސާއާ. ދެން އެގޮތަށް ވާހަކަ ދެކެވުނު. ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅައިގެން، އެކަމަށް ބޭނުންވާ ފައިސާ ހޯދައިގެން، ތިމާވެށި ރައްކާތެރި ކުރުމާބެހޭ މަޝްރޫޢުތަކެއް ރާވައިގެން ހިންގޭތޯ ބެލުމަށް. އެހެންވީމާ، މިކަމުންވެސް ހަމަ ރާއްޖެއަށް ވަރަށްބޮޑު ފައިދާއެއްވާނެ ދޮއެއްތޯ. އެއީ ތިމާވެށީގެ ގޮތުން އެންމެ ނާޒުކު އެއްޤައުމަކީ، ރާއްޖެ. ރާއްޖެއާއި ބަންގްލަދޭޝްއާ. އަދި އެހެން ހުރިހާ ޤައުމުތަކަށްވެސް ނޭޕާލް، ބޫޓާން މިތަންތަނަށްވެސް ތިމާވެށީގެ އެކިއެކި ނުރައްކާތައް މިހާރުވެސް ކުރިމަތިވަމުން އެބަދޭ.

އެހެންވީމާ، އަޅުގަނޑު މިދެންނެވި ސެންޓަރުގެ މަސައްކަތް، އިތުރަށް ހަރުދަނާކުރެވި، އެ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ލިބިގެން، އެކުރަންޖެހޭ ދިރާސާތައްކޮށް އަދި އޭގެ މައްޗަށް ބިނާކޮށް، މަޝްރޫޢުތަކެއް އެކުލަވާލެވުނީމާ، އޭގެ ސަބަބުން ހުރިހާ ޤައުމަކަށްވެސް މަންފާ ލިބޭނެ.

ސުވާލު 9: ކޮލަމްބޯ ސަމިޓަށް މަނިކުފާނު ހުށަހެޅުއްވި ސޯޝަލް ޗާޓަރ އަދިވެސް މުޅިން އެންމެ ފުރިހަމައަށް ހިނގައިގަންނަގޮތެއް ނުވޭ. މިފަހަރު މިސަމިޓުގައި، މަނިކުފާނު އެކަންތަކާމެދު ކިހާވަރަކަށް އިސްކަންދެއްވައި ލީޑަރުންނަށް، އެ އިޝޫ ގެންދެވިންތޯ؟

ރައީސުލްޖުމްހޫރިއްޔާ
ސޯޝަލް ޗާޓަރަކީ، ތިޔަ ވިދާޅުވިހެން ދިވެހިރާއްޖެއިން ހުށަހަޅައިގެން ފާސްވެފައި އޮތް ޗާޓަރެއް. އެޗާޓަރުގައި ވަނީ ސޮއިވެސް ކޮށް، ހުރިހާ ކަމެއް ނިމިފައި. އެހެން ނަމަވެސް، ސާކްގެ ބައެއް އެހެން ކަންތައްތަކެކޭ އެއްފަދައިން، މިކަންތައްވެސް މިއޮންނަނީ މާބޮޑަށް ހިނގައިނުގަނެ. އެހެންވީމާ، މިފަހަރު އަޅުގަނޑު ދެއްކި ވާހަކައިގައި، އިފްތިތާޙީ ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކައިގައިވެސް އޮންނާނީ ބުނެފައި، ސޯޝަލް ޗާޓަރަށް އަވަހަށް ޢަމަލުކުރަން ޖެހޭނެއޭ. އޭރުންނޭ އޭގެ ފައިދާ ލިބޭނީ. ހަމަ އެވާހަކަ އިއްޔެ ރިޓްރީޓްގައި، ނުރަސްމީ ބައްދަލުވުމުގައިވެސް ދެކެވި، ހުރިހާ ބޭފުޅުންވެސް އެގޮތަށް އެއްބަސްވެވަޑައިގެންނެވި. ސޯޝަލް ޗާޓަރަށްވެސް ވަރަށް އަވަހަށް ޢަމަލީ ސިފަ ގެނައުމަށް.

ސުވާލު 10: އަންނަ އަހަރު މިފާހަގަކުރަނީ ސާކްގެ ހިންގުން ހަރުދަނާ ކުރުމުގެ އަހަރުގެ ގޮތުގައި. ”ގުޑް ގަވަރނަންސް“ އަހަރުގެ ގޮތުގައި. މިއީ ކިހިނެއް ފާހަގަކުރަން ރޭވިފައި އޮތް ކަމެއްތޯ؟ އޭގެ ކުޑަ ތަފްޞީލެއް ދެއްވަފާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ
މިއަންނަ އަހަރަކީ ސާކް ޤައުމުތަކުގެ ގުޑް ގަވަރނަންސް އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ހުރިހާ ބޭފުޅުން ނިންމެވީ، އަޅުގަނޑުގެ ހުށަހެޅުމަކަށް. އަޅުގަނޑު އެޚިޔާލު އިއްޔެ ރިޓްރީޓްގައި ހުށަހެޅީ. އަދި އޭގެކުރިން އިންޑިޔާގެ ބޮޑުވަޒީރާ އަޅުގަނޑު ބައްދަލުކޮށް ދެއްކި ވާހަކައިގައިވެސް އަޅުގަނޑު މިގޮތަށް ބޭނުންވާ ކަމަށް ދަންނަވާލީމާ، އޭނާ އެކަމަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި. ދެން އަޅުގަނޑު އެހެން މިހުށަހެޅި ސަބަބަކީ، މިހާރު ސާކްގެ ޤައުމުތަކުގައި އެތަންތާނގެ ދީމުޤްރާޠީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުންއެބަދޭ. އަދި 2008 ވަނަ އަހަރު ވަރަށްގިނަ ތަންތާނގައި އެކަންތައްތައް ވަރަށް ބޮޑަށް ފުރިހަމަވެގެންދާނެ ކަމަށް ފެނޭ. އޭގެތެރޭގައި، އެއްތަނަކީ ދިވެހިރާއްޖެ. ދިވެހިރާއްޖޭގައި ސަރުކާރުން މިހިންގާ ސިޔާސީ އިޞްލާޙީ ޕްރޮގްރާމްގެ ދަށުން ވަރަށްގިނަ ކަންތައްތަކެއް މިހާރުވަނީ ކުރެވިފައި. އަދި ކުރިއަށް އޮތް ތާނގައިވެސް ކުރެވެން އޮތީ. އަދި މިއަންނަ އަހަރު އަޅުގަނޑު އުންމީދު ކުރަނީ، ރާއްޖޭގައި ސިޔާސީ ޕާޓީތަކެއް ވާދަކުރާ ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ކަމަށް. އެހެންވީމާ، މިހިރީ ގުޑް ގަވަރނަންސްއަށް މަގުފަހިކޮށްދޭ ކަންތައްތައް.

ހަމައެގޮތަށް ބުޓާންގައިވެސް މިހާރު ސިޔާސީ ޕާޓީ އުފައްދަން ނިންމައި، އެކަންތައް ހިނގަމުން އެބަދޭ. ބަންގްލަދޭޝްގައިވެސް މިހާރު މިއޮތީ ވަގުތީ ސަރުކާރެއް. އެއީ ކުރިން އޮތް ދެސަރުކާރު ދޭތެރޭ ދެފަހަރު އަންނަ ދެސަރުކާރު ދޭތެރޭގައި ހަމަނުޖެހުން ބޮޑުވެގެން. ދެން މިހާރު ޙައްލެއްގެ ގޮތުން ވަގުތީ ސަރުކާރެއް އައިސްފައި އިންޞާފުވެރި އަދި ޓްރާންސްޕޭރަންޓް ހާމަކަންބޮޑު އިންތިޚާބެއް ބާއްވަން މިއޮތީ ނިންމަވާފައި. އެހެންވީމާ، އެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، އެތާނގެ ދީމުޤްރާޠީ ނިޒާމު ހަރުދަނާ ކުރުމުގެ ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. އެތާނގެ ޗީފް އެޑްވައިޒަރ ފަޚުރުއްދީން އަޙްމަދު މިވާހަކަ އަޅުގަނޑު ގާތު ދެއްކެވި. އެހެންވީމާ، އެބޭފުޅުންވެސް، މާނައަކީ ގުޑް ގަވަރނަންސްއާ ދިމާއަށް އެ ދަތުރުކުރައްވަނީ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުވާނީ ބަންގްލަދޭޝްގައިވެސް ގުޑް ގަވަރނަންސްގެ އަހަރެއްގެ ގޮތުގައި.

އެހެންވީމާ، މިހުރިހާ ޤައުމެއްގައިވެސް މިމަސައްކަތް މިހާރު ހިނގަމުންދާތީ، އަޅުގަނޑަށް ފެނުނީ، 2008 ވަނަ އަހަރު އެއީ ގުޑް ގަވަރނަންސް އަހަރެއްގެ ގޮތުގައި ފާހަގަކޮށްފީވިއްޔާ، މިކަމަށް ދެވޭ އަހަންމިއްޔަތު ބޮޑުވެގެންދާނެ ކަމަށް. ސާކް ސަރަޙައްދުގެ ތެރޭގައިވެސް އަދި ބައިނަލްއަޤްވާމީ ޖަމާޢަތުގެ ތެރޭގައިވެސް. މިއީވެސް ހުރިހާ ބޭފުޅުންނަށް ވަރަށް ކަމުދިޔަ ޚިޔާލަކަށްވެގެން، އެގޮތަށް ނިންމައި، މިހާރު މިއޮތީ 2008 ވަނަ އަހަރަކީ، ސާކް ޤައުމުތަކުގެ ގުޑް ގަވަރނަންސް އަހަރުގެ ގޮތުގައި ފާހަގަކުރާ ގޮތަށް ހަމަޖެހިފައި.

ސުވާލު 11: (މިސުވާލު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވީ، ޓީ.ވީ މޯލްޑިވްސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ނިއުސް އެންޑް ކަރަންޓް އެފެއާޒް އަލްފާޟިލް އިބްރާހީމް ޚަލީލެވެ.)

އިންޑިޔާގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މާލޭ ގޮފިން ރާއްޖޭގެ ވިޔަފާރިވެރިންނަށް، ކިޔަވާ ކުދިންނަށް ލިބޭ ލޯނުގެ މިންވަރު މިހާރަށްވުރެ އިތުރުކުރެއްވުމަށް ވާހަކަފުޅު ދެއްކެވި ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވަނީ. ކޮބައިތޯ ނަތީޖާއަކީ؟

ރައީސުލްޖުމްހޫރިއްޔާ
ތިޔަވިދާޅުވީ ތެދުފުޅެއް. ތިވާހަކަ ދެއްކިން. އެއީ މިހާރު ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން އެދޭ ކްރެޑިޓް ލައިން މިހާރު އޮތް ވަރަށްވުރެ ގާތްގަނޑަކަށް 400 މިލިޔަން ޔޫ.އެސް. ޑޮލަރުގެ މައްޗަށް ޖައްސައިފީވިއްޔާ، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ވާހަކަ ދެންނެވިން. އެއީ ރާއްޖޭގައި ވަރަށްގިނަ މަޝްރޫޢުތައް ހިންގޭތީ. ޚާއްޞަކޮށް، ޓޫރިޒަމް ސެކްޓަރގައި މިހާރު ވަރަށްގިނަ ރިޒޯޓުތައް އެއްފަހަރާ ހަދަމުން މިގެންދަނީ. އެތަންތަނަށް ބޭނުންވާ ފައިނޭންސް ލިބުމުގައިވެސް ދަތިތަކެއް މިހާރު އެބައުޅޭ.

ދެން އޭގެއިތުރުން، އަޅުގަނޑުމެން ކިޔަވާ ކުދިންނަށް ލޯން ދިނުމުގައި މިހާރު އިންޑިޔާގައި އޮންނަ ނިޒާމެއް އެއީ. ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކުން އިންޑިޔާގެ ކުދިންނަށް އެބަދޭ ސްކޮލަރޝިޕް ލޯންސް. ސްކޮލަރޝިޕް ލޯން ދިނީމާ، އެމީހުން އެ ސްކޮލަރޝިޕް ފުރިހަމަކޮށްފައި އައިސް، އަނބުރާ އެފައިސާ ދައްކަނީ. އަޅުގަނޑު ދެންނެވިން ރާއްޖޭގައިވެސް ހަމަ އެކަން އެގޮތަށް ހިނގާނެއޭ. މިހާރު ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން އެކަހަލަ ލޯނުދޭގޮތަށް ހަމަޖެހިއްޖިއްޔާ. އަދި ރާއްޖެއިން ބޭރަށް ކިޔަވަންދާ ކުދިންނަށް، ވަރަށްބޮޑު ފަސޭހައަކަށްވެގެންދާނެއޭ. މިހާރުވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވާރލްޑް ބޭންކުގެ ދަށުންވެސް ދިވެހި ސަރުކާރު މެދުވެރިވެގެން ވަރަށްގިނަ ލޯނު ދީގެން ކުދިން އެބަދޭ ކިޔަވަން. ގޮސްފައި އައިސް، އަނބުރާ އެފައިސާ ދައްކަނީ.

އެހެންވީމާ، މިދެމައްސަލަ އަޅުގަނޑު ދެންނެވިން. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ވިޔަފާރިއަށް މިހާރު ދޫކުރާ ކްރެޑިޓަށްވުރެ ބޮޑު ޢަދަދަކަށް، މިހާރަށްވުރެ ގާތްގަނޑަކަށް 400 މިލިޔަން ޔޫ.އެސް.ޑޮލަރު ބޮޑުވާ ގޮތަކަށް އެކަން ކޮށްދެއްވާތޯއާއި، ދެން އަދި މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ރާއްޖޭގެ ކުދިންނަށް، ރާއްޖެއިން ބޭރަށް ތަޢްލީމު ޙާޞިލު ކުރަން ދިޔުމަށް ލޯނުގެ ފައިސާ ލިބޭގޮތެއްވޭތޯ! މިވާހަކަ ދެންނެވީމާވެސް ވަރަށް ބޮޑަށް އެކަން އަޑުއައްސަވައި، އެކަމާމެދު ވަރަށް ރަނގަޅަށް ވިސްނާވަޑައިގެންފައި، ގޮތެއް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވި.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިކަހަލަ ވާހަކަތަކަކީ އެއްޗެއް ދެންނެވީމާ، ވަގުތުން އާއެކޭ ވިދާޅުވާނެ ވާހަކަތަކެއް ނޫން. އެބޭފުޅުންވެސް ޖެހޭ ބެއްލެވުންތަކެއް ބައްލަވަން. އެބޭފުޅުންވެސް މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އަދި ބޭންކާ ގުޅުއްވައި، މިކަން ގެންދާނީ ކިހިނެއްތޯ ބައްލަވައި، މިހުރިހާ ކަމެއް ކުރައްވަން ވަގުތުކޮޅެއް ބޭނުންވާނެ. އެއްވެސް ކަމެއްގައި ހަމަ ވަގުތުން ދަންނަވާއިރު އާއެކޭ ތިކަން ކޮށްދެއްވާނަމެކޭ އެހެނެއް ވިދާޅެއްނުވާނެ. އެކަމަކު ދެއްވި ޖަވާބުން އެނގެނީ، އިރާދަކުރެއްވިއްޔާ ހަމަ އެކަންވެސް ވެދާނެ ކަމުގެ އުންމީދުވެސް ވަރަށްބޮޑު ކަމަށް.