بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشرف المرسلين، سـيّدنا محمّد وعلى آلـه وأصحـابه أجمعـين.

އާދެ! އަޅުގަނޑު ހުވަދުއަތޮޅު އުތުރުބުރިއަށާއި، ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރަން ފަށާފައި މިވާ ދަތުރުގައި މިއަދު މިއާދެވުނީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް. ދެއްވަދުއަށް. މިރަށަށް އައުމާއެކު މިރަށުގެ ވެރިންނާއި، މިރަށުގެ ކޮމިޓީތަކުގެ މެންބަރުންނާއި، އަދި ސްކޫލްގެ ހިންގުންތެރިންނާއި، ދަރިވަރުންނާއި، ލޮބުވެތި ރައްޔިތުންގެ ކުދިބޮޑު އެންމެންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވީ ވަރަށްވެސް ހޫނު މަރްޙަބާއެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ދެންމެ މިރަށުގެ ބޮޑުކަތީބު އަލްފާޟިލް މުޙަންމަދުދީދީގެ ވާހަކަފުޅުގައި އަޅުގަނޑަށް އިޝާރަތް ކުރައްވައި ދެއްކެވި ވާހަކަފުޅުތަކަށްޓަކައިވެސް އޭނާއަށް ޝުކުރު ދަންނަވަން.

އާދެ! މިއަދަކީ، މިއަހަރުގެ ރަބީޢުލްއައްވަލްމަހުގެ ދެވަނަދުވަސް. އިއްޔެއަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަސް. ޤައުމީ ދުވަސް މިއަހަރު ރަސްމީގޮތެއްގައި ފާހަގަކުރަމުން މިދަނީ މިއަތޮޅު ވެރިކަންކުރާ ރަށުގައި، ވިލިނގިލީގައި. އެކަމަށްޓަކައި އަޅުގަނޑު ވިލިނގިއްޔަށް އައިސް އެރަސްމިއްޔާތުގެ މުހިންމު ބައެއް ކަންތައްތަކުގައި ބައިވެރިވިން. އެކަމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި ދިވެހިރާއްޖޭގެ އުފާވެރި އަދި ފަޚްރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވަދޫ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

މިއީ، އަޅުގަނޑު ރައީސްކަމުގެ މަގާމުގައި ހުރެގެން މިރަށަށް ކުރާ ދެވަނަ ދަތުރު. ފުރަތަމަ އައީ ދެންމެ އެވިދާޅުވިފަދައިން 1980 ވަނަ އަހަރުގެ މާޗްމަހުގެ 13 ވަނަދުވަހު. އޭގެކުރިން 1974 ވަނަ އަހަރު. އޭރު އަޅުގަނޑަކަށް ނޭނގެ މުޙަންމަދު ދީދީ ހުންނެވީ މިރަށުގައި ކަމެއް ނުވަތަ ނޫންކަމެއް. 1974 ވަނަ އަހަރުގެ ފަހުކޮޅު އަޅުގަނޑު މިރަށަށް ޒިޔާރަތެއްކުރިން. އެއީ، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް އާދެ! އެއީ، އުތުރާއި ދެކުނުގެ ހުރިހާ ރަށަކަށް ވަފުދުތަކެއް ފޮނުއްވަން އޭރުގެ ވަޒީރުލްއަޢްޒަމް ކަނޑައަޅުއްވައި، ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށްރަށަށް ދިޔަ ވަފުދުގެ ތެރޭގައި އަޅުގަނޑު ހިމަނުއްވާފައިވާތީ، އެގޮތުން އަޅުގަނޑު މިރަށަށް ކުރި ދަތުރެއް.

އެދަތުރުގެ ހަނދާންތައްވެސް އެބަހުރި. އޭރުވެސް އަދި މިހާރުވެސް ދަންނަވަންޖެހެނީ ދެއްވަދުއަކީ ވަރަށް ޚާއްޞަ ރަށެކޭ. އޭގެ އެއްސަބަބު ދެންމެ މުޙަންމަދު ދީދީގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ. އެއީ، ރާއްޖޭގެ ތަޚުތުގައި ރަސްކަންކުރެއްވި ބަޠަލެއް އާދެ! ވަރަށް ތާރީޚީ ބޭފުޅެއް. އެއީ ދެއްވަދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށްވިކަން. އެބޭފުޅަކީ، އައްސުލްޠާން މުޙަންމަދު ޙާޖީ ޢަލީތުއްކަލާ ސިރީކުލަރަންމަނި މަހާރަދުން. ނުވަތަ މަޝްހޫރު ނަމުން ދަންނަވަންޏާ ދެއްވަދޫ ރަސްގެފާނު.

ދެއްވަދޫ ރަސްގެފާނު އުފަންވެވަޑައިގެންފައިވަނީ މިރަށަށް. އާދެ! ދެއްވަދޫ ރަސްގެފާނަކީ ތާރީޚު ބުނާގޮތުން ވަރަށް ޢިލްމުވެރި ބުއްދިވެރި ބޭފުޅެއް. ނިކަމެތިންނަށް އަޅާލެއްވި އިޙްސާންތެރި ބޭފުޅެއް. ދީނީ ކަންތައްތަކަށް ލޯބިކުރެއްވި ބޭފުޅެއް. ވަރަށްގިނަ ރަށްރަށުގައި އަލަށް މިސްކިތް އިމާރާތްކުރައްވައި އަދި ހަލާކުވެ ވީރާނާވަމުންދިޔަ މިސްކިތްތައް މަރާމާތުކޮށްދެއްވި ރަސްކަލެއް. އެރަސްގެފާނު ރަސްކަންކުރެއްވީ 7 އަހަރާއި 5 މަސްދުވަހު. މުއްދަތަކީ މާދިގު މުއްދަތަކަށް ނުވިޔަސް، އެރަސްގެފާނުގެ ޚިދްމަތްތައް ރާއްޖޭގެ ވަރަށް ގިނަ ތަންތަނުން ފެންނަން އެބަހުރި. އެހެންކަމުން، ދެއްވަދޫ ރަސްގެފާނު ދިވެހިރާއްޖެއަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ އަގުވަޒަންކުރަމުން މިމުނާސަބަތުގައިވެސް، އެރަސްގެފާނުގެ ފުރާނަފުޅަށް މާތްاللّه ހެޔޮރަޙްމަތް ދެއްވުން އެދި އަޅުގަނޑު ދުޢާ ކުރަން. މިރަށުގައި ވަރަށްގިނަ އާސާރީ ތަންތަންވެސް އެބަހުރި. އޭގެ ވާހަކަ އަޅުގަނޑު ނުދެންނެވިޔަސް ތިޔަ ހުރިހާ ބޭފުޅުންނަށް އެކަންތައްތައް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

މިރަށަށް ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހޭ ދެވަނަ ސަބަބަކީ، މިރަށަކީ މަސްވެރިކަމަށް ކުރިއަރާފައިވާ ރަށަކަށްވާކަން. އަޅުގަނޑުގާތު މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ސަޢީދު ވިދާޅުވިގޮތުގައި، މިފަހަރު އަޅުގަނޑު ގޮސް މިނިމުނު ގއ.ގެ ހަތަރު ރަށަކީވެސް، މިއަތޮޅުގައި މަސްވެރިކަމަށް އެންމެ މަޝްހޫރު ހަތަރު ރަށް. އެހެންވީމާ، އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމުގައި ދަންނަވަން. އެހެން މިދަންނަވަނީ މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު ބިންގަލެއްކަމަށްވާތީ. ފަތުރުވެރިކަން ރާއްޖެއަށް ތަޢާރުފްވުމުގެކުރިން ރާއްޖޭގެ މުހިންމު ހަމައެކަނި އިޤްތިޞާދީ މަސައްކަތެއްގެ ގޮތުގައި އޮތީ މަސްވެރިކަން. މަސްވެރިކަމަކީ މިހާރުވެސް ރާއްޖޭގެ ވަރަށް މުހިންމު އިޤްތިޞާދީ މަސައްކަތެއް. ވަރަށްގިނަ ބަޔަކަށް އޭގެ ފައިދާ ކުރަމުންދާކަމެއް. ރާއްޖޭގެ އިޤްތިޞާދަށްވެސް ނުހަނު ބޮޑެތި ފައިދާތަކެއް ކޮށްދެމުން ގެންދާކަމެއް. އެހެންވީމާ، މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރެއްވުމަށް މިރަށުގެ ރައްޔިތުން އެކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް އުފަލާއެކު އަޅުގަނޑު ހަނދާންކޮށް އެ މަސައްކަތްތަކަށްޓަކައި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމެއް.

މަސްވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއްދެމުން އަންނަކަމެއް. މިގޮތުން ޒަމާނީ ބަދަލުތަކާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ތަރައްޤީކުރުމަށް މިއަހަރުވެސް މުހިންމު މަސައްކަތްތަކެއް ކުރަން ގަސްދުކުރާ ވާހަކަ ރައްޔިތުންގެ މަޖިލިސް ހުޅުވައިދެމުން މިއަހަރު އިއްވި ރިޔާސީބަޔާނުގައި އަޅުގަނޑު ދަންނަވާފައިވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންތައްތައް ސަރުކާރުން ކުރިއަށްގެންދާނެ.

އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާގޮތުގައި ދެއްވަދޫ ރައްޔިތުންނަކީ ތަޢްލީމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ރައްޔިތެއް. އެކަމަށްޓަކައި މިރަށުގެ ވަރަށް ގިނަ ދަރިވަރުން ނުވަތަ ކިޔަވާކުދިންވަނީ ރަށުން ބޭރަށް ފޮނުއްވާފައި. މާލެއަށާއި އަދި ރާއްޖޭގެ އެހެން ރަށްރަށަށް. އަދި މިރަށުގެ ބައެއް އާއިލާތައްވެސް އެކަމަށްޓަކައި މާލެއަށް ވަޑައިގެން މާލޭގައި ދިރިއުޅުއްވާކަމުގެ މަޢްލޫމާތުވެސް އަޅުގަނޑަށް ލިބިފައިވޭ.

ކޮންމެއަކަސް ތަޢްލީމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމެއް. ތަޢްލީމީ ޒުވާނުންތަކެއް އުފެއްދުމަކީ، ރަށުގެ ކުރިއެރުމަށާއި ތަރައްޤީއަށް އަދި މުޅި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެގޮތުން މިމަދަރުސާ، މަދަރުސަތުލް ޞުލްޠާން މުޙަންމަދު މިއީވެސް، އަޅުގަނޑު ހިތުން ތަޢްލީމީ ދާއިރާގައި މިރަށަށް އިތުރު ޚިދްމަތްތަކެއް ކޮށްދެމުން ގެންދާ ތަނެއް.

އާދެ! ދެންމެ ކަތީބު މުޙަންމަދުދީދީގެ ވާހަކަފުޅުގައި، މިރަށަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތަކެއްގެ ވާހަކަ ވިދާޅުވި. އޭނާ އެވިދާޅުވި ހުރިހާ ކަމަކީވެސް، ހަމަ ޙަޤީޤީ ދަތިތައްކަން އަޅުގަނޑުވެސް ގަބޫލުކުރަން. އަދި އެއީ ހަމައެކަނި ދެއްވަދުއަކަށްނޫން. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ދަތިތަކެއް ކަމަށްވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އަޅުގަނޑު ޒިޔާރަތްކުރާ ކޮންމެ ރަށަކުންވެސް ފަޅުގެ ދަތިކަމުގެ ވާހަކައާއި، ފަޅުފުންކުރަން ބޭނުންވާ ވާހަކައާއި، ފަޅުހަދާފައި އޮތް ރަށެއްނަމަ ފަޅު ހެދުމަށްފަހުގައި، ބަނދަރުހެދުމަށްފަހުގައި ބަނދަރު ވީރާނާވެގޮސްފައިވާ ވާހަކައާ، މިހުރިހާ ވާހަކައެއް ރައްޔިތުން އަޅުގަނޑު ގާތުގައި ވިދާޅުވޭ. އެއީ ހަމަ ޙަޤީޤީތެދު. އަޅުގަނޑަށްވެސް އެމަންޒަރު ހަމަ ލޮލަށްވެސް ފެނުނު.

މިރަށުގެ ޙާލަތުވެސް އޮތީ އެހެން. މި ރަށުގެ ބަނދަރުވެސް މިވަނީ އޭރު ހެދެންހުރި އެންމެ ރަނގަޅު ފެންވަރަށް ހަދާފައި. އަދި މިވީ ވަރަށް މަދު އަހަރުތަކެއް. އެހެންނަމަވެސް، މިހާރު ބަނދަރުގެ ކަނޑުތޮށްޓާއި އެއްގަމުތޮށިވެސް ވަރަށް ބޮޑަށް ވެއްޓިފައިވާ ވާހަކަ އެ ވިދާޅުވީ. އަދި މިހާރު ދޯނިފަހަރު ބޮޑުވުމުގެ ސަބަބުން، ބަނދަރުގެ ސަރަޙައްދު ކުޑަވެގެން އެކަމުގެ ދަތިކަން، މަސްވެރިންނާއި އުޅަނދުތައް ގެންގުޅޭ މީހުން ތަޙައްމުލުކުރަންޖެހޭ ވާހަކަވެސް އޭނާ އެވިދާޅުވީ. މިއީވެސް، ޙަޤީޤަތެއް. މިކަމަށްވެސް އަޅުގަނޑުމެން ޙައްލެއް ހޯދަންއެބަޖެހޭ.

އަޅުގަނޑަށް އެނގިފައިވާގޮތުގައި މިރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިހާރުވަނީ ކުރާގޮތަށް ހަމަޖެހިފައި. އެމަސައްކަތަށް ބޭރުގެ އެހީ ލިބޭ. އެކަމުން އިރާދަކުރެއްވިއްޔާ މިރަށަށް އިތުރު ކުރިއެރުންތަކެއް ލިބެމުންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

ހަމައެހެންމެ، ދެން އެ ވިދާޅުވީ ކަރަންޓުގެ ވާހަކައާއި އަދި ބޯފެނުގެ ވާހަކާއާ މިހުރިހާކަމަކީވެސް، ހަމައަޅުގަނޑުވެސް ގަބޫލުކުރާ ކަންތައްތަކެއް. މިރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން އަމިއްލަފުޅުގޮތުން ހަދިޔާކުރެއްވި ޖަނަރޭޓަރެއްގެ ވާހަކަ ދެންމެ ކަތީބު ވިދާޅުވެއްޖެ. އެހެންވީމާ، އެކަމަކީ އޭނާ ކުރެއްވި ވަރަށް ރަނގަޅު ހެޔޮ ޚިދްމަތެއް ކަމަށްވާތީ، އަޅުގަނޑުވެސް ތިޔަބޭފުޅުންގެ ނަމުގައި އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިއަތޮޅުން މިދާ ކޮންމެ ރަށެއްގައިވެސް، އަޅުގަނޑަށް ފެންނަނީ ޤުރްއާން ކިޔަވައިދެއްވާ ބޭފުޅުން ވަރަށް ރަނގަޅަށް ކިޔަވައި ވިދާޅުވެދެއްވާތަން. އެއީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. ޤުރްއާން ކިޔަވައިދެނީ ސްކޫލުގެ ދަރިވަރަކު ކަމުގައިވިޔަސް ނުވަތަ ޓީޗަރަކު ކަމުގައިވިޔަސް އަޅުގަނޑަށް އިވެމުންދިޔައީ ވަރަށް ރީތިކޮށް ޤުރްއާން ކިޔަވަމުންދާ އަޑު. އެގޮތުން މިއަދު، މިޖަލްސާ ފަށްޓަވައި ދެއްވަމުން މިމަދަރުސާގެ އެކްޓިންގ ސްޕަވައިޒަރ އަލްފާޟިލް މުޙަންމަދު ޖިހާދު، ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވި އަޑު އިވުނީމާ އެކަމަށްޓަކައި ވަރަށް އުފާކޮށް އޭނާއަށް ވަރަށް ބޮޑަށް ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރަން.

އާދެ! މިރަށުގެ ފެނުގެ ވާހަކަ ދެންނެވިއިރު އަޅުގަނޑަށް ލިބިފައިވާ މަޢްލޫމާތުކޮޅެއް ދަންނަވާލާނަން. އެއީ، ކަޅުހަމުގެ ކަންތަކުގައި. މިހާރު ރާއްޖޭގެ ރަށްރަށަށް އޭގެ ކަޅުހަން ފޮނުވައިދިނުމުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ނުފޮނުވި ހުރި ރަށްރަށަށް ދެވަނަ ފިޔަވަހީގައި ފޮނުވައިދޭގޮތަށްވަނީ ހަމަޖެހިފައިކަމާއި އަދި ޔުނިސެފުގެ އެހީގައި މި ހަންތައް މިހާރު ލިބޭގޮތަށް ހަމަޖެހިފައިވާކަމަށް އަޅުގަނޑަށް ވަނީ މަޢްލޫމާތު ލިބިފައި. އެކަމުގެ މަޢްލޫމާތު ދެއްވަނީ ތިމާވެށްޓާއި ފެނާއި ހަކަތައާބެހޭ ވުޒާރާއިން. އެހެންނަމަވެސް، މިރަށާ ހަމައަށް އައުމަށް އަދި ހައެއްކަމަސް ދުވަސް ވާނެކަމަށް ވިދާޅުވަނީ. އެއީ، އެ އެއްޗެއްސަށް އޯޑަރުކޮށްގެން ލިބުނީމާ ފޮނުއްވާގޮތަށް. އެހެންވީމާ އިރާދަކުރެއްވިއްޔާ މާލަހެއްނުވެ މިރަށަށް ކަޅުހަން ލިބޭނެ ވާހަކަ ދަންނަވާލުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން މިރަށުގެ ވަރަށް ހުނަރުވެރި މަސައްކަތްތެރިއެއްގެ ވާހަކަވެސް ދަންނަވާލަން ބޭނުންވޭ. އޭނާއަކީ، ދެއްވަދޫ ކަންމަތީވިލާ އަލްފާޟިލް މުޙަންމަދު ރަޝާދު. އޭނާއަކީ، އަތްތެރިމަސައްކަތުގެ ރޮނގުން ޢާންމު ޚިދްމަތުގެ އިނާމު 1996 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެހެންވީމާ، މިފުރުޞަތުގައިވެސް އޭނާއަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި އެފަދަ ހުނަރުވެރި މަސައްކަތްތެރިއަކު އެއީ މިރަށުގެ ރައްޔިތަކަށްވީތީ މިރަށުގެ ރައްޔިތުންނަށްވެސް އެކަމުގެ އުފަލުގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! ދެއްވަދުއަކީ މިއަތޮޅުން މިފަހަރު އަޅުގަނޑު ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން އެންމެފަހު ރަށް. އިރާދަކުރެއްވިއްޔާ މިރަށުން ފުރައިގެން އަޅުގަނޑު ދެން ދާން ގަސްދުކުރަނީ ހުވަދުއަތޮޅު ދެކުނުބުރިއަށް، އެއީ ގދ.އަތޮޅަށް. އެހެންވީމާ، މިދަތުރުގެ ހުރިހާ ކަންތައްތަކެއް ވަރަށް ރަނގަޅަށް ރާއްވަވައި، އިންތިޒާމް ކޮށްދެއްވައި އަދި އަޅުގަނޑާ އެކީގައި ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރަށުގެ މަޢްލޫމާތު އަޅުގަނޑަށް ދެއްވައި، މިކަންތައްތައް ކޮށްދެއްވި ކަމަށްޓަކައި މިރަށުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ސަޢީދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑަށް ފެނުނުގޮތުގައި ޢަބްދުﷲ ސަޢީދަކީ، ކަމަށް ވަރަށް އެކަށީގެންވާ ޤާބިލު ޒުވާނެއް. ވަރަށް ހިންމަތާއެކު އަތޮޅުގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ބޭފުޅެއް. އޭނާއާ ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުންވެސް ވަރަށް ރަނގަޅު ކަމަށް އަޅުގަނޑަށް ފެނިފައިވަނީ. އެހެންވީމާ، މިފަދަ އަތޮޅުވެރިންތަކެއް ތިއްބަވައިގެން އަތޮޅުގެ ކަންތައްތައް ހުރިހާ އަތޮޅުއްގައިވެސް ކުރިއަށް ގެންދަވާކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި ރައްޔިތުންނަށް އިތުރު ލާބައާއި މަންފާ ލިބިގެންދާނެ.

ހަމައެއާއެކީގައި، މީގެ ކުރިންވެސް ދެންނެވި ފަދައިން މިއީ، އަޅުގަނޑު މިފަހަރު ޒިޔާރަތްކުރާ މިއަތޮޅުގެ އެންމެ ފަހުރަށް. އެހެންވީމާ، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، ރާއްޖޭގެ އަތޮޅުތަކުގެ ތަރައްޤީއަށާއި، ކުރިއެރުމަށާއި، އަދި އަތޮޅުތަކުގެ ރައްޔިތުންނަށް ފައިދާ ހޯއްދަވައި ދެއްވުމަށްޓަކައި ކޮށްދެއްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެފަދައިން މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް ނުވަތަ އޭގެ ކުރިން ކިޔާގޮތުގައިވިއްޔާ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ހިންގަވަމުން ގެންދެވި ހުރިހާ ވަޒީރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި އެ މިނިސްޓްރީ އެންމެ ގިނަ ދުވަހު ހިންގަވައިދެއްވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ނަންފުޅު ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ! ހުރިހާ ވަޒީރުންވެސް، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ވުޒާރާގެ ކަންތައްތައް ހިންގަވަމުން ގެންދަވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު. އެހެންވީމާ، ވަޒީރުންގެ މަޖިލީހުގައި މިހާރު ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންވެސް، ކޮންމެ ބޭފުޅަކުވެސް، އަޅުގަނޑަށް އެހީތެރިވެ ދެއްވުމުގެގޮތުން އެބޭފުޅެއްގެ ދާއިރާގައި އެކޮށްދެއްވާ އިޚްލާޞްތެރި ޚިދްމަތްތަކަށްޓަކައި އެހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މިފުރުސަތުގައި ޝުކުރު ދަންނަވަން.

ދެންމެ މުޙަންމަދުދީދީގެ ވާހަކަފުޅުގައި މި ސްކޫލަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރަނީ މި އަންނަ މެއިމަހުގެ 1 ވަނަ ދުވަހު ކަމުގައި ވިދާޅުވެ، މިރަށަށް އައުމަށް އަޅުގަނޑަށް ދަޢްވަތު ދެއްވައިފި. އެކަމަށްޓަކައި އޭނާއަށާއި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

މިކަމުގައި ދަންނަވާލަން އޮތީ ތިޔަބޭފުޅުންގެ ވިސްނާވަޑައިގަތުމަށް ދަންނަވާލަން ބޭނުންވާކަމެއް. އެއީ އަތޮޅުތަކުގެ ވަރަށް ގިނަ ތަންތާނގައި 25 އަހަރު ފުރޭތީ އަޅުގަނޑަށް ވަރަށް ގިނަ ފަހަރު އެކިރަށްރަށުން ވަނީ ދަޢްވަތު ދީފައި. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުން އޭގެ ތެރެއިން ދެވިފައިވަނީ ވަރަށް މަދު ތަނަކަށް. ވަރަށް ގިނަ ތަންތަނަށް ވަނީ ނުދެވި. އެހެންވީމާ، މެއިމަހުގެ 1 ވަނަ ދުވަހު މި ރަށަށް އާދެވޭނެކަން ކަނޑައެޅިގެން ނޭނގޭތީ ކުރިއްސުރެ އެވާހަކަ ދަންނަވާލީ. އާދެވޭގޮތް ވެއްޖިއްޔާ އެއީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކަށްވާނެ. އެހެންނަމަވެސް، ކުރިން ދެންނެވިހެން އެހެން ރަށްރަށުންވެސް ދަޢްވަތު ދިނީމާ، ހަމަ އެމުއްދަތު ފާއިތުވެގެން އަޅުގަނޑަށް ނުދެވިވާތީ، އެ ވާހަކަވެސް ތިޔަބޭފުޅުންގެ މަޢްލޫމާތަށްޓަކައި ދަންނަވާލިން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދެއްވަދޫ ރައްޔިތުންނަށް ހުރިހާވެސް ކުރިއެރުމަކާއި ތަރައްޤީއަށް އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް ހަމަޖެހުމާއި ސުލްހަމަސަލަސްކަމާއި އަދި ރައްޔިތުންނަށް މަންފާއާއި ލާބައަށް އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިލާވަމުން. އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކޮށް އަޅުގަނޑުމެންނަކީ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަދަދާއި ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން. އަދި އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބިބަޔަކު ކަމުގައި އަދި ތިބޭ ބަޔަކު ކަމުގައި ލެއްވުން އެދި اللّـه سبحانه وتعالى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

والسّـلام عليـكم ورحـمة اللّـه وبـركاتـه.