بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين

އަޅުގަނޑު، ހުވަދުއަތޮޅު އުތުރުބުރީ މީހުން އުޅޭ ރަށްރަށަށް ކުރަމުން މިދާ ދަތުރުގައި، ތިޔަބޭފުޅުންގެ ލޮބުވެތި ރަށް ކޮލަމާފުށްޓަށް މިއަދު އައުމުން، ކޮލަމާފުށީގެ ވެރިންނާއި ރައްޔިތުންނާއި ކޮމިޓީތަކުގެ މެންބަރުންނާއި، އަދި މިރަށުގެ ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުންނާއި، ލޮބުވެތި ހުރިހާ ރައްޔިތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު، ވަރަށް އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިރަށަށް އައުމުން، ރަށުގެ ވަރަށްގިނަ އަދަދެއްގެ ރައްޔިތުން އަޅުގަނޑާ ބައްދަލުކުރައްވަން ނުކުމެވަޑައިގެން ތިއްބެވި. ގަދަ އަވީގައި، ވަރަށް ހޫނު ވަގުތެއްގައި. އެހެން ނަމަވެސް، އެބޭފުޅުން އެތިއްބެވީ، އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އެބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކުރެއްވުމަކަށްކަންނޭނގެ. ކޮންމެއަކަސް އަޅުގަނޑު މިރަށަށް އައިސް، އެހުރިހާ ބޭފުޅުންނާ ބައްދަލުކޮށް ސަލާންކޮށް ވާހަކަ ދައްކާލުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވަން. އަދި އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން، އެކީ ލަވައިގައި ބުނާ އެއްޗަކީ، އަޅުގަނޑުމެން ތިޔަ ރައީސަށް މަރްޙަބާ މިކިޔަނީ ލޯބިންނޭ. އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑު ކޮލަމާފުށީ ރައްޔިތުންނަށް ޝުކުރު މިދަންނަވަނީ ހަމަ ލޯބިންނޭ.

އާދެ! މިއީ މިމަގާމުގައި ހުރެގެން އަޅުގަނޑު ކޮލަމާފުށްޓަށް ކުރާ ތިންވަނަ ދަތުރު. އެންމެ ފުރަތަމަ، ރައީސް ކަމުގެ މަގާމުގައި ހުރެގެން މިރަށަށް އަޅުގަނޑަށް އާދެވުނީ، 1980 ވަނަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު. އޭގެފަހުން، އަޅުގަނޑު މިރަށަށް ޒިޔާރަތްކުރީ، 1993 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު. މިދެދަތުރުގެ ކުރިން 1974 ވަނަ އަހަރުގެ ފަހުކޮޅުގައި އަޅުގަނޑު މިރަށަށް އައިން. އޭރު އަޅުގަނޑު ހުރި މަގާމުގެ ގޮތުން. އެއީ، އޭރުގެ ވަޒީރުލްއަޢުޒަމްގެ ޚާއްޞަ ވަކީލުގެ ޙައިސިއްޔަތުން. މާލެއިން ދެކުނުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ވަޒީރުލްއަޢުޒަމް ފޮނުއްވައިގެން ކުރި ދަތުރެއްގައި އަޅުގަނޑު މިރަށަށްވެސް އައިން. އެކަމަކު އެއީ، މީގެ 33 އަހަރު ކުރިން. އެހެންވީމާ، އެދަތުރުގެ ހަނދާން ހުންނާނެ ބޭފުޅުން މިތާނގައި ވަރަށް މަދުވާނެ. ކޮންމެއަކަސް މިތާ މިތިއްބެވި ގިނަ ޒުވާނުންނަކީ، އޭރު ދުނިޔޭގައިވެސް ނޫޅުއްވާނެ ނުވަތަ ދުނިޔޭގައި އުޅުއްވިނަމަ ވަރަށް ޅަޢުމުރެއްގެ ބޭފުޅުން ކަމަށްވާނެ. އެހެން ނަމަވެސް، ޙަޤީޤަތެއްވީމާ ދަންނަވާލީ. 1974 ގައިވެސް އަޅުގަނޑު އައިން. އަދި އޭގެފަހުން މިދެންނެވިހެން 1980 ވަނަ އަހަރާއި 1993 ވަނަ އަހަރުވެސް އަޅުގަނޑަށްވަނީ މިރަށަށް ޒިޔާރަތް ކުރެވިފައި.

އާދެ! ދެންމެ މިތާނގައި ވާހަކަފުޅު ދެއްކެވި މިރަށުގެ ކަތީބު ވިދާޅުވިފަދައިން، އަދި އޭގެކުރިން ޖަލްސާ ތަޢާރުފު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކުވެސް ވިދާޅުވިފަދައިން، މިއަދަކީ ރާއްޖޭގެ ފަޚްރުވެރި ޤައުމީ ދުވަސް. އެހެންވީމާ، މިއުފާވެރި މުނާސަބަތުގައި ކޮލަމާފުށީ ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި މުބާރަކްބާދީ އަދާކުރަން.

އާދެ! ޤައުމީ ދުވަހަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ވަރުގަދަ ޢަޒުމްތަކެއް ކަނޑައަޅަންޖެހޭނެ ދުވަހެއް. އަޅުގަނޑުމެންނަށް ލިބިފައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ހިމާޔަތް ކުރުމުގެ ވަރުގަދަ ޢަޒުމްވެސް ކަނޑައަޅަންވީ ދުވަހެއް. އެހެން މިދެންނެވީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތާ ދޭތެރޭގައި ވަރަށްބޮޑު ގުޅުމެއްވާތީ. އަޅުގަނޑުމެންގެ ރާއްޖެ، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި، މިހާ ކުދިކުދި ޖަޒީރާތަކެއްގައި، ދުނިޔެއާ ވަކިން އަދި އެހެން ނަމަވެސް އިންޑިޔާ ކަނޑުގެ ހަލަބޮލި ރާޅުތަކުގެ ތެރޭގައި ވަރަށް ބޮޑެތި ޤައުމުތަކުގެ ނުފޫޒު ފޯރާގޮތަށް އޮތް ޤައުމަކަށް، އެތައް ސަތޭކަ އަހަރަކު ނުވަތަ އެތައްހާސް އަހަރަކު މިނިވަންކަންމަތީ ދެމިއޮވެވޭނީ، ވަރަށް ވަރުގަދަ ކަންތައްތަކެއް، ވަރަށް ވަރުގަދަ އީމާނެއް، އެޤައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި އޮވެގެން.

އާދެ! އެ އީމާނަކީ މާތްވެގެންވާ އިސްލާމްދީނަށް އަޅުގަނޑުމެން ވެގެން މިތިބަ އީމާން. اللّـه سبحـانـه وتعـالىގެ އެއްކައުވަންތަކަމަށާއި، އެކަލާނގެ ފޮނުއްވި މާތްރަސޫލާއަށް ކިޔަމަންވެ އީމާންކަންމަތީ ދެމިތިބުމުގެ ސަބަބުން. ހަމައެހެންމެ، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ޙުކުމްތަކަށާއި، ޢަޤީދާތަކަށާއި އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތައި، އެކަންތައްތައް ކުރަމުން އައިސްފައިވާ ބަޔަކަށްވާތީ.

އެހެންވީމާ، އަޅުގަނޑުމެންގެ މާތް ދީނާއި ދިވެހި ޤައުމިއްޔަތާ ދޭތެރޭގައި ވަރަށްބޮޑު ގުޅުމެއް އެބައޮތް. އަޅުގަނޑުމެންގެ ރާއްޖެ، ބޭރު ބަޔެއްގެ އަތްދަށަށްދިޔަ ކޮންމެ ފަހަރަކުވެސް ގޮސްފައިވަނީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ. އަދި އަޅުގަނޑުމެންގެ މިނިވަންކަން އަނބުރާ އަޅުގަނޑުމެންނަށް ގެނެވިފައި މިވަނީ، އަޅުގަނޑުމެން އިސްލާމީ ޢަޤީދާގައި ހިފަހައްޓާލެއް ވަރުގަދަކަމުން. އަޅުގަނޑުމެންގެ ކާބަފައިން އިސްލާމްދީން ދޫކޮށްފައި އެހެން ދީނަކަށް ބޭނުންނުވާތީ. އަދި ހަމަ އެޔާއެކީގައި ދިވެހިރާއްޖޭގައި ބޭރުބަޔަކު ވެރިކަންކުރާތަން ދުށުމަކީ، އެމީހުން އެއްގޮތަކަށްވެސް ރުހޭ ކަމަކަށްނުވާތީ. އެހެންވީމާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތާ ދޭތެރޭގައި މިއޮތް ގުޅުމަކީ އަބަދަށްޓަކައި ނުވަތަ އަޅުގަނޑުމެން އަދި އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ދުނިޔޭގައި ތިބިހާ ދުވަހަކު ދަމަހައްޓަންޖެހޭނެ ގުޅުމެއް.

އާދެ! ކޮލަމާފުށީ ރައްޔިތުން ކުރައްވާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން. މިރަށަކީ މިއަތޮޅުގައި މަސްވެރިކަން އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތެރެއިން އެއްރަށް. މިދިޔަ އަހަރު ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރެވުނީ މިރަށުގައި. އޭގެ ހަނދާންތައް އަދި މަންޒަރުތައް މިހާރުވެސް ފެންނަން އެބަހުރި. އަޅުގަނޑު އައިއިރު ދުށިން ތޮށިގަނޑު މަތީގައި، މިރަށުގެ ރައްޔިތުން ވަރަށް ރީއްޗަށް ހައްދަވާފައިވާ މަހެއް. އެ ރަމްޒުކޮށްދެނީ، އަޅުގަނޑު ދެކޭގޮތުގައި މިރަށަކީ މަސްވެރިންގެ ރަށަކަށްވާތީ އެކަމަށް. އަދި މިރަށުގައި މިދިޔަ އަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބޭއްވިފައިވާތީ އެކަމަށްޓަކައި.

ކޮންމެއަކަސް މިރަށުގެ ރައްޔިތުން އެދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި. އެހެން ނަމަވެސް، އެދުވަހު އަޅުގަނޑަށް ހުރެވުނީކީ ރާއްޖެއަކު ނޫން. ރާއްޖެއިން ބޭރުގައި ހުރީ. އެހެންވީމާ، ވިދިގެން އައި ހޮނިހިރު ދުވަހު އެއީ ބަންދު ދުވަހެއްވެސްމެ. އެހެން ނަމަވެސް، އަޅުގަނޑު އޮފީހަށް ނުކުމެ މިރަށުގެ ރައްޔިތުންނާ ފޯނުގެ ޒަރީޢާއިން ވާހަކަ ދައްކައި، އަޅުގަނޑުގެ ހެޔޮއެދުމާއި ތަހުނިޔާ ވާނީ ރައްދުކޮށްފައި. އަދި އަޅުގަނޑާ ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް، މަސްވެރިންގެ ދުވަހުގެ ކަންތައްތައްދާލެއް ފުރިހަމަކަމުގެ ވާހަކަ ވިދާޅުވި. އަދި ހަމައެއާއެކީގައި އަޅުގަނޑު މިރަށަށް ޒިޔާރަތެއް ކުރުމަށްވެސް އެދިވަޑައިގެންނެވި. އެދުވަހު އަޅުގަނޑު ދެންނެވިން. އަޅުގަނޑަށް ވަގުތުވީ އެންމެ އަވަހަކަށް ތިޔަރަށަށް ޒިޔާރަތް ކުރާނަމޭ. އެހެންވީމާ، އަޅުގަނޑު މިއަދު އައިސް މިހިރީ އެދުވަހު އަޅުގަނޑު ތިޔަބޭފުޅުންނަށް ކުރި ވަޢުދު ފުއްދުމުގެ ގޮތުން.

އާދެ! ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް ފުރިހަމަ އިތުބާރާއި ޔަޤީންކަން މިއަދުވެސް ފެނިގެން ހިނގައްޖެ. މިކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކޮލަމާފުށްޓަކީ ވަރަށް އެކުވެރި އެއްބައިވަންތަ ރައްޔިތަކު ދިރިއުޅުއްވާ ރަށެއް. މަސްވެރިންގެ ދުވަހަށް ރަށް ތައްޔާރު ކުރުމުގަޔާއި އަދި އެދުވަހުގެ ކަންތައްތައް ގެންދިޔުމުގައި ކޮލަމާފުށީ ރައްޔިތުންވަނީ އެކަން ވަރަށް ރީތިކޮށް ދައްކަވައިދެއްވާފައި. އަދި މިރަށަކީ ޢުމްރާނީ ގޮތުންވެސް މިއަތޮޅުގައި ކުރިއަރާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް.

އަޅުގަނޑުމެންގެ ކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި އަމިއްލަ ކްލަބް ޖަމްޢިއްޔާތަކުގެ ދައުރުވެސް ވަރަށްބޮޑު. އެގޮތުން މިރަށުގެ ދެޖަމްޢިއްޔާއެއް، އެއްޖަމްޢިއްޔާއަކީ "ކޮލަމާ". އަނެއް ޖަމްޢިއްޔާއަކީ "ސްކައި". މިދެޖަމްޢިއްޔާގެ ފަރާތުން ރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށްޓަކައި، މިދެޖަމްޢިއްޔާގެ މަސްއޫލުވެރިންނަށާއި ހުރިހާ މެންބަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިރަށަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ އަތޮޅުވެރިންވެސް އަޅުގަނޑު ގާތު އޮތީ ވިދާޅުވެފައި. އަދި މިރަށުގެ ވެރިންގެ ފަރާތުންވެސް އެކަން އަޅުގަނޑަށްވަނީ އެނގިފައި. އޭގެތެރޭގައި އެބަހުރި ސަރުކާރުން ކުރަންޖެހޭ ވަރަށްގިނަ ބޮޑެތި މަސައްކަތްތަކެއް. އެކަންކަން އިރާދަކުރެއްވިއްޔާ ކުރަމުން އެބަގެންދަން. އޭގެ ނަތީޖާ މާލަހެއްނުވެ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

މިއަދު އަޅުގަނޑު މިރަށަށް އައިސް ބައްދަލުކުރި ކުރުމުގެ ތެރޭގައި ބައެއް ބޭފުޅުން ދެކަމެއްގެ ވާހަކަ ވިދާޅުވި. އެއްކަމަކީ މިރަށުގައި އެކަށީގެންވާ ފެންވަރެއްގެ މިސްކިތެއް ނެތް ވާހަކަ. އަދި މިސްކިތް އިމާރާތް ކުރުމަށް، އެކިފަހަރުމަތިން އެކިބޭފުޅުން ވިދާޅުވެފައިވާއިރުވެސް، އަދިވެސް މިރަށުގައި އެފެންވަރަށް މިސްކިތެއް ހެދިފައިނުވާ ވާހަކަ. އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ދެންމެ މިނިސްޓަރ މުޙަންމަދު ވަޙީދުއްދީންވެސް އެމީހުންނާ ވާހަކަ ދައްކަވަމުން ވިދާޅުވިފަދައިން، އިރާދަކުރެއްވިއްޔާ މިއަހަރު އެމިސްކިތް އިމާރާތް ކުރަން ފެށޭނެ.

މީގެއިތުރުން، ހަމަ އެބޭފުޅަކު އެތާނގައި ވިދާޅުވި. ކިޔަވާ ކުދިންނަށް ނަމާދު ކުރެވޭ ގޮތެއްވެސް ސްކޫލަކު ހަމަޖެހިފައެއްނެތޭ. ރައީސް ތިޔަ ބުނަނިއްޔޭ އަހަރުމެން ފަޚްރުވެރިވަމޭ ރާއްޖޭގައި މިއޮތް އިސްލާމީ ޙަޟާރަތަށްޓަކައި. ރާއްޖެއަކީ އިސްލާމީ ޤައުމެކޭ. އެހެން ރައީސް ބުނާއިރުވެސް، ކިޔަވާ ކުދިންނަށް ނަމާދު ކުރެވޭނެ ގޮތެއް ސްކޫލަކު ހަމަޖެހިފައެއް ނުހުރެއޭ. އެއީ އަޅުގަނޑު ވަރަށް ހިތާމަކުރި ކަމެއް. އެހެން މިދެންނެވީ، މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް ވަރަށްގިނަ ސްކޫލްތަކުގައި ނަމާދު ކުރެވޭގޮތް ހަމަޖެހިފައި އޮވޭ. އަދި ގަޑިން ގަޑިއަށް ކުދިން ނަމާދަށްވެސް އަރާ. އެކަން މިރަށުގައި ހަމަޖެހިފައި ނެތްކަން އެއީ ވަރަށް ދެރަ ކަމެއް. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ކޮށްދޭނެ ވާހަކަ ވަރަށް އުފަލާއެކު ދަންނަވާލަން.

އާދެ! މިރަށުގެ ރައްޔިތުންނަކީ، އަދި މިއަތޮޅުގެ ރައްޔިތުންނަކީ، ތަޢްލީމަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބަޔެއް. އެކަން އަޅުގަނޑުދާ ކޮންމެ ތާކުންވެސް ފެނޭ. ޝައްކެއްނެތްގޮތުގައި، ތަޢްލީމަކީ އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމެއް. ދުނިޔޭގައި ކުރިއަރައި ތަރައްޤީވެވޭނީ، އަޅުގަނޑުމެންނަށް ތަޢްލީމު ޙާޞިލު ކުރެވިފައިވާ މިންވަރަކުން. އެހެންވީމާ، އެކަމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން މާލެއާއި ހުރިހާ އަތޮޅެއްގައި ކުރިއަށްގެންދާ ކަމެއް ކަމަށް ދަންނަވާލަން ބޭނުންވޭ. އެގޮތުން އަތޮޅުތަކުގެ ރަށްރަށުގައި އެކިފެންވަރަށް ތަޢްލީމު ޙާޞިލު ކުރެވޭ ތަންތަން މިހާރުވަނީ ހެދިފައި. އަދި ހަދާ ނިމޭއިރަށް އެތަން އޮންނަނީ ކުޑަވެފައި. އެއީ،ކުދިންވެސް ގިނަވުމާ އެކީގައި. އިތުރު ކްލާސްރޫމް ހަދާ އިތުރު ތަންތަން ހަދަން އަބަދު އޮންނަނީ ޖެހިފައި. ވަސީލަތްތައް ތަންދިން މިންވަރަކުން މިކަންތައްތައްވެސް ދަނީ ކުރަމުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ މިސްކޫލަށްވެސް ސްޓާފްރޫމެއް ވަނީ ބޭނުންވެފައި. އެކަމަށް މިފަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައެޅިފައިވާ ކަމުގެ މަޢްލޫމާތު އަޅުގަނޑަށްވަނީ ލިބިފައި. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ މިއަހަރު ކުރެވޭނެ.

އާދެ! ކިޔެވުމުގެ ވަރަށް މުހިންމު ބައެއް ކީރިތި ޤުރްއާން. ޤުރްއާން ކިޔެވުމާއި ޤުރްއާން ކިޔަވަން ދަސްކުރުމާއި، ތަޖުވީދުގެ މަގުން ޤުރްއާން ކިޔެވުމާއި، މިކަންކަމަކީ މުސްލިމުންގެ ޙައިސިއްޔަތުން އަޅުގަނޑުމެން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަންތައްތަކެއް.

މިކުރި ދަތުރުން އަޅުގަނޑަށް އެނގުނުގޮތުގައި މިއަތޮޅުގެ ރައްޔިތުން މިކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާ. އަދި މިއަތޮޅުގެ ދަރިވަރުން ޤުރްއާން ކިޔަވާލެއް ވަރަށްރީތި. އަޅުގަނޑަށް މިހާތަނަށް އިވުނުގޮތުގައި. މިއަދު މިތާނގައި ޤުރްއާން ކިޔަވައިދިން ގްރޭޑް 10ގެ ދަރިވަރު ނާޖިހު ޝަރީފްވެސް ވަރަށް ރީތިކޮށް ކިޔަވައިދީފައިވަނީ. އަދި، ގެމަނަފުށިން މަސަދުﷲ ރާޝިދު، ވަރަށް ކުޑަކުޑަ ކުއްޖެއް، ޖަލްސާ ފެށުމުގައި ވަރަށް ރީތިކޮށް ޤުރްއާން ކިޔެވި. އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމުގައި ދަންނަވަން. އަދި ކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވާ ހުރިހާ މުދައްރިސުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިއަދު ރާއްޖެ ދެކެމުން މިދަނީ، ސިޔާސީ ވަރަށް މުހިންމު ބަދަލުތަކެއް. ރާއްޖެއަށް ފުރިހަމަ ދީމުޤްރާތީ ނިޒާމެއް ގެނައުމަށްޓަކައި، 2004 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޕްރޮގްރާމެއް ރާވައި އިޢްލާނުކޮށްފައި. އަދި އޭގައި ހިމެނިގެންވާ ކަންތައްތައް މިގެންދަނީ ކުރަމުން. އޭގެތެރޭގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނޭ. އެކަންތައްތަކުގެ ވާހަކަ ތަފްޞީލުކޮށް ދެންނެވުމަކީ، އަޅުގަނޑު ހިތުން މިއަދު އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ނޫން. އެވާހަކަތައް ތިޔަބޭފުޅުންނަށް އަބަދާއި އަބަދު ޓީ.ވީ އާއި ރޭޑިޔޯގެ ޒަރީޢާއިން އިވިވަޑައިގެން ފެނިވަޑައިގަންނަވަމުންދާނެ.

އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙު ދީމުޤްރާޠީ ވެށްޓަކަށް ބަދަލުކުރުމުގައި، އެންމެ އިސްކަންދޭ އެއްކަމަކީ، ރާއްޖޭގައި ތަފާތު ޕާޓީތަކެއް އުފެދުމަށް ފުރުޞަތު ދިނުން. އެގޮތުން މިހާރު ރާއްޖޭގައި ރަސްމީގޮތުން ސިޔާސީ 5 ޕާޓީ އުފެދި، އެޕާޓީތަކުގެ ޙަރަކާތްތައް ހިނގަމުން އެބަދޭ. އެކަމަކީ ސަރުކާރުން މަރްޙަބާކިޔާ ކަމެއް. އެއީ، އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި ސަރުކާރުގެ ކަންތައްތައް ކުރިޔަށް ގެންދަން. ތަފާތު އިޚްތިޔާރުތަކެއް ލިބިފައި އޮންނަން. ރައްޔިތުން ސަރުކާރެއް އިންތިޚާބު ކުރާއިރު، އެއިންތިޚާބު ކުރަނީ، ރަނގަޅަށް ވިސްނާފައި. އެމީހުންނަށް ފެންނަގޮތުގައި ރައްޔިތުންނަށް އެންމެ ބޮޑަށް ޚިދްމަތް ކޮށްދެވޭނެ ފަރާތް ކަމަށްވާ ފަރާތަކަށް ހެދުމަށްޓަކައި ކޮންމެ ޤައުމެއްގައިވެސް، ތަފާތު ސިޔާސީ ޕާޓީތަކެއް ހެދިފައި ހުންނަނީ. އެގޮތުން ރާއްޖޭގައިވެސް ސިޔާސީ ޕާޓީތަކެއް އުފެދިގެން ކުރިއަށް މިދަނީ.

ސިޔާސީ ޕާޓީތައް އުފެއްދުމުގެ ބޭނުމަކީ ޤައުމު ބައިބައިކުރުމެއް ނޫން. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމެއްވެސް ނޫން. އެކަން ކޮންމެވެސްވަރަކަށް ރާއްޖޭގައި ހިނގަމުން އެދަނީ، އަޅުގަނޑުމެންނަށް މިއީ އަދި އާ ނިޒާމަކަށްވާތީ. މިކަމުގެ ޙަޤީޤީ މަޤްޞަދާއި ބޭނުމާއި، ސިޔާސީ ޕާޓީތަކުން ޙަރަކާތްތެރިވާގޮތް، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އަދި ނޭނގިވާތީ. މިކަންތައްތައް އެބަޖެހޭ އަޅުގަނޑުމެން ދަސްކުރަން.

ދުނިޔޭގެ އެހެން ތަންތާނގައިވެސް ސިޔާސީ ޕާޓީތައް އުފެދި ރަނގަޅަށް ހިނގަމުންދާ ތަންތާނގައި މިދެންނެވި ކަހަލަ ކަންތައްތަކެއް އެއްގޮތަކަށްވެސް ނުހިނގާ. އެތަންތާނގެ އެކިޕާޓީތަކުގެ ޒަޢީމުންނަކީ ހަމަ ރަޙްމަތްތެރިން. އެއްތަނެއްގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވައި ހުރިހާ ކަމެއްވެސް ކުރައްވާ ބޭފުޅުން. ހަމައެހެންމެ، ޕާޓީތަކުގެ މެންބަރުންނަކީވެސް އެއްޕާޓީގެ މެންބަރުންނާއި އަނެއް ޕާޓީގެ މެންބަރުންނާ ދޭތެރޭ އެކުވެރިކަމާއެކު ވާހަކަ ދައްކަވައި، ކަންތައްތައް ކުރައްވާ ބައެއް. އެގޮތް އަޅުގަނޑުމެން ވެއްޖެ ދަސްކުރަން.

ތަފާތު ޕާޓީތަކެއް ހުރި ނަމަވެސް އެޕާޓީތަކެއްގެ މެދުގައި އޮންނަންޖެހޭނީ، އެކުވެރިކަމުގެ ގުޅުން. އަޅުގަނޑުމެން އެންމެންނަކީވެސް ދިވެހިން. އަޅުގަނޑުމެން އެންމެންނަކީވެސް މުސްލިމުން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވެގެން މިއުޅެނީ ޤައުމު އިޞްލާޙު ކުރަން. އެހެންވީމާ، އެއީކީ އަޅުގަނޑުމެން އަރާރުންވެ އަދި އެނޫންވެސް ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތަކެއްކޮށް، އެއްބަޔަކު އަނެއްބަޔެއްގެ އަގު ވައްޓާލަން މަސައްކަތްކޮށް، އެއްބަޔަކު އަނެއްބަޔަކު ފަޟީޙަތްކޮށް ނުވަތަ އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް ގާއުކައި، ތަންތަން ހަލާކުކޮށް، މީހުންނަށް ގެއްލުންދީ، މިހެން ހަދަންވީ ކަމެއް ނޫން.

މިއަދު އަޅުގަނޑު މިރަށަށް އައުމުން، ރާއްޖޭގައި އުފެދިފައިވާ ޕާޓީތަކުގެ ތެރެއިން ދެޕާޓީއެއްގެ ޙަރަކާތްތައް ފެނުނު. އެއްޕާޓީއަކީ ޑީ.އާރު.ޕީ. ދިވެހި ރައްޔިތުންގެ ޕާޓީ. އަނެއް ޕާޓީއަކީ އެމް.ޑީ.ޕީ. އެދެބައިމީހުންގެ ޝުޢޫރުތައްވެސް ފާޅުކުރަމުން ގެންދިޔަ. އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އެގޮތަށް ސުލްހަމަސަލަސްކަމާ އެކީގައި، އަމަންއަމާންކަމާ އެކީގައި ޝުޢޫރުފާޅުކުރުމަކީ މައްސަލައެއް ނޫނޭ.

މިއަދު އަޅުގަނޑު ފޭބިތަނުން އެތާ އެމް.ޑީ.ޕީ.ގެ ބައެއް ރައްޔިތުން ތިއްބެވިތަން ފެނުނީމާ، އަޅުގަނޑު އިސްވެ އެބޭފުޅުންގެ އަރިހަށް ދިޔައީ. ގޮސް އެބޭފުޅުންނާ ސަލާން ކޮށްފައި ދެންނެވިން. ކޮބައިހޭ ތިޔަބޭފުޅުން ވިދާޅުވާން ބޭނުންފުޅުވާ އެއްޗަކީ. ދެން އެބޭފުޅުން ވަރަށްގިނަ ވާހަކަ ދެއްކެވި. މިރަށަށް ބޭނުންވާ ބައެއް ކަންތައްތަކުގެ ވާހަކަ. ވަރަށް ރަނގަޅު ވާހަކަ ދެއްކެވި. އަޅުގަނޑު ދެންނެވިން ތިޔަ ހުރިހާ ކަމަކާ ދޭތެރޭގައިވެސް ސަރުކާރުން ވިސްނާނަމޭ. މިހާރުވެސް މިދަނީ ވިސްނަމުންނޭ. އަދި ތިޔަ ކަންތައްތައް ޙައްލުކޮށްދިނުމަށް އެޅެންހުރި ފިޔަވަޅެއްވިއްޔާ އަޅަމުން ގެންދާނަމޭ. އެހެންވީމާ، މިއަކު ނެތް މައްސަލައެއް.

ދެން އެތަނުން އެއްބޭފުޅަކު ވިދާޅުވި ތިމަންނަމެން މި އިސްތިޢުފާއަށް ގޮވުމަކީ ނުވަތަ މިހެން ލިޔެފައި ހުރުމަކީ މަނާކަމެއްހޭ. އަޅުގަނޑު ދެންނެވިން، ނޫނެކޭ މަނާކަމެއް ނޫނޭ. އެއީ ތިޔަބޭފުޅުންގެ ޚިޔާލޭ ތިޔަފާޅުކުރައްވަނީ. އެހެންވީމާ، ތިޔަބޭފުޅުން އަޅުގަނޑުގެ އިސްތިޢުފާއަށް އެދިވަޑައިގަންނަވަންޏާ އެހެން ވިދާޅުވާށޭ. އެއަކު މައްސަލައެއް ނެތޭ. އަދި އެހެން ލިޔުއްވާފައި ހުއްޓަކަސް އަޅުގަނޑު މައްސަލައެއް ނުޖައްސަމޭ. މިއަދުވެސް އެހުރީ ނޫންތޯއޭ. އެއީ މައްސަލައެއް ނޫނޭ.

ދެން މައްސަލައަކަށްވަނީ ހަމައެކަނި ހަމަނުޖެހުން އުފެދުން. ދެބައެއްގެ ދޭތެރޭގައި. ކުރިންވެސް ދެންނެވިހެން ތަޅާފޮޅުމާ، މިކަހަލަ ކަންތައްތައް ހިނގުން. އަދި ބައެއް ތަންތާނގައި، އަޅުގަނޑު ކުރިން ދެންނެވި ޕާޓީގެ ނިޒާމް ރަނގަޅަށް ނުހިނގާ ތަންތާނގައި، އެއަށްވުރެ ދެރަވަރުކޮށް ހިނގާ ތަންތާނގައި، ޕާޓީތަކުގެ މެދުގައި ހަނގުރާމަ އޮންނަނީ. އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދެނީ. މިދެންނެވީ، ރާއްޖޭގައި މިދާ ފެންވަރަށްވުރެ މާ މަތީ، ނުރައްކާތެރި ފެންވަރަކަށް އެކަންތައްތައް ގެންދޭ. މިސާލަކަށް ބޮން އުކުމާއި، އެހެންގޮސް މީހުން މެރުމާއި، ތަންތާނގައި ހުޅުޖެހުމާއި، މިކަހަލަ ވަރަށް ގޯސް ކަންތައްތަކެއް ކުރޭ. އެއެއްނޫނޭ ޙަޤީޤަތުގައި ޕާޓީ ނިޒާމް ތަޢާރުފު ކުރުމުގެ ބޭނުމަކީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކަންތައްތައް ކޮށްގެންނެއް ނުވާނެ.

އަމަންއަމާންކަމާ ސުލްހަމަސަލަސްކަމާ އެކީގައި އަޅުގަނޑުމެން ޚިޔާލުފާޅުކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. އެކަން އެގޮތަށް ކުރަންވީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެން އެބަޖެހޭ އެކަކު އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވާން. އެކަކު އަނެކެއްގެ އަބުރަށް، ޝަރަފަށް، ޢިއްޒަތަށްވެސް ރައްކާތެރިވާން. އެއީ، އަބުރާ ބެހުމަކީ، ދީނުގައި ހުއްދަ ކުރައްވާފައި އޮތް ކަމެއް ނޫން.

އެހެންވީމާ، އެއްވެސް މާނައެއްގައި، އެއްވެސް ނަމެއްގައި، ޕާޓީގެ ނަމުގައިވެސް ނުވަތަ އެނޫން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައިވެސް، އެހެން މީހެއްގެ އަބުރާ ބެހިގެނެއް ނުވާނެ. އެހެން މީހަކު ނުކުރާ ކަމެއްގެ އިލްޒާމު، އެމީހެއްގެ ބޮލުގައި އަޅުވައިގެނެއް ނުވާނެ. ދޮގުވާހަކަތައް ފަތުރައިގެނެއް ނުވާނެ. މިކަންކަން ކުރީމަ އަޅުގަނޑު މިދެންނެވި ހިސާބަށް ދެކޮޅުނުޖެހޭ ނުވަތަ ހިތްހަމަނުޖެހޭ ހިސާބަށް ނުވަތަ ނުރައްކާތެރި ހިސާބަށް ކަންތައްތައް ވަމުންދަނީ. އެހެން ނަހަދާ ގަވާއިދާއި ޤާނޫނާ އެއްގޮތަށް ރަނގަޅަށް ޢަމަލު ކުރަމުން ދަންޏަކާ އެއީކީ ތަފާތު ޕާޓީ ހުރި ކަމުގައިވިޔަސް، ޤައުމުގައި ހަމަނުޖެހުން އުފެދޭނެ ކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ މިވާހަކަތައް ދަންނަވާލާނަމޭ. އެއީ، އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ، ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނުގެއްލޭފަދަ ގޮތަކަށް، އަޅުގަނޑުމެންގެ ޚިޔާލުފާޅުކޮށް އަޅުގަނޑުމެން ބޭނުންވާ ސިޔާސީ އިޞްލާޙީ ބަދަލުތައް ގެނައުމަށޭ. އަދި ހުރިހާ ބަދަލެއްވެސް އަންނަންވާނީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން. ރާއްޖޭގައި އެބައޮތް ޤާނޫނުއަސާސީއެއް. އަދި އެހެން ޤާނޫނުތައްވެސް ހެދިފައި އެބަހުރި. މިހުރިހާ ޤާނޫނެއް ހެދިފައި މިހުންނަނީ، ރައްޔިތުންގެ ސަލާމަތަށްޓަކައި. ރައްޔިތުންގެ ޙިމާޔަތަށްޓަކައި. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށްޓަކައި. އެޤާނޫނުތަކަށް ތަބާވުމަކީ، އަޅުގަނޑުމެންގެ ވާޖިބެއް. އޭރުން އަޅުގަނޑުމެންނަށް އެކަކު އަނެކެއްގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނީ. އެންމެންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބިދެވޭނީ. ޤާނޫނު ކަމުނުދަންޏާ ޤާނޫނު ބަދަލުކުރުން އެއީ އަދި އެހެން ކަމެއް.

އެހެންވީމާ، ޤާނޫނު، ޤާނޫނެއްގެ ގޮތުގައި ދެމިއޮތްހާ ހިނދަކު އެއަށް އެންމެން ޢަމަލު ކުރަން ޖެހޭނެ. އެޤާނޫނަކީ، ތިމާއަށް އަދި ފުރިހަމަ ޤާނޫނެއް ކަމަށް ނުފެނުނަސް، އެއީ ފާސްވެ ތަޞްދީޤު ކުރެވިފައިވާ ޤާނޫނަކަށްވަންޏާ، ތިމާ އެއަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. ޤާނޫނުގައި އުނިކަމެއް ހުރީވިއްޔާ އެކަމެއްވީ އިޞްލާޙު ކުރަން. އިޞްލާޙުކޮށްގެން އާ ޤާނޫނެއް ފާސްވީމާ، އެއަށްވެސް އެންމެންވީ ތަބާވާން. އަޅުގަނޑުމެންގެ ތެރެއިން ބައެއް ޤާނޫނުތަކަކީ، ރަނގަޅު ޤާނޫނުތަކެއް ނޫނޭ، އެހެން ކިޔާފައި އެއްވެސް މީހަކު އަމިއްލައަށް އެޤާނޫނާ ޚިލާފަށް ޢަމަލު ކުރުމަކީ، އެމީހެއްގެ އިޚްތިޔާރުގައިވާ ކަމެއް ނޫން. އެގޮތަށް ޢަމަލު ކުރަންޏާ ވަރަށްދެރަ ކަންތައްތަކެއް ވެގެންދާނެ.

އެހެންވީމާ، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތަން. ޤާނޫނާއި ގަވާއިދުގައި އަޅުގަނޑުމެން ނޭދޭގޮތަށް ކަންތައްތަކެއް ހުރިނަމަ، އަޅުގަނޑުމެންގެ މެންބަރުން މެދުވެރިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، އެޤާނޫނު ބަދަލުކުރުމަކީ، އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް. އެޤާނޫނު އެއަށްވުރެ ފުރިހަމަކުރުމަކީ، ކުރެވެން އޮތް ކަމެއް. މިއީ، އަޅުގަނޑުމެން މިހާރު ކުރަމުންގެންދާވެސް ކަމެއް. މިދެންނެވީ ޤާނޫނުތަކަށް އަބަދުވެސް މިދަނީ އިޞްލާޙު އަންނަމުން.

އެންމެބޮޑު ޤާނޫނު އެއީ، ޤާނޫނުއަސާސީ. އެއަށްވެސް އިޞްލާޙު ގެންނަންވެގެން މިމަސައްކަތް މިކުރަނީ. އެވެސް މިހާރު އޮތް ޤާނޫނުއަސާސީގައި ބަދަލުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް އަޅުގަނޑުމެންނަށް ފެންނާތީ. އެމަސައްކަތް މިހިނގަނީ. އަދި އެހެން ޤާނޫނުތައްވެސް ބަދަލުކުރުމުގެ މަސައްކަތްތަކެއް، ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން ގެންދަވާ. އޭގެތެރޭގައި ސަރުކާރުން ހުށަހަޅާ ބިލްތަކާއި، އަމިއްލަ މެންބަރުން ހުށަހަޅާ ބިލްތައްވެސް އެބަހުރި. އޭގެބޭނުމަކީ، މިހާރު އެޤާނޫނު އޮތްވަރަށްވުރެ ފުރިހަމަކުރުން.

އެމަސައްކަތަކީ ހިނގަމުންދާ މަސައްކަތެއް. ރާއްޖެއަކު އެކަންޏެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް، އަބަދުވެސް އެމީހުންގެ ޤާނޫނުތަކަށް ބަދަލުގެންނާނެ. އެއީ، ދުނިޔެއަކީ ބަދަލުވަމުންދާ އެއްޗެއް. އެއްދުވަހު ކަންތައްތައް އޮތްގޮތަކަށް ނޫން އަނެއް ދުވަހު ކަންތައްތައް އޮންނާނީ. އެހެންވީމާ، އެ ބަދަލުވަމުންދާ ބަދަލުވުމާ ގުޅިގެން ގެންނަންޖެހޭ އިޞްލާޙުތަކެއް ހުންނާނެ. އެ އިޞްލާޙުތައް ހުރީމަ، އެ އިޞްލާޙުތައް ޤާނޫނަށް ގެނެވޭތޯ ކޮންމެ ޤައުމަކުންވެސް މަސައްކަތް ކުރަމުން މިގެންދަނީ. އެގޮތަށް އަޅުގަނޑުމެންވެސް މަސައްކަތް ކުރަމުން މިގެންދަނީ.

އާދެ! އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުވެސް ވެއްޖެކަންނޭނގެ. އެހެން ނަމަވެސް، ކޮލަމާފުށްޓަށް އައުމުން، ކޮލަމާފުށީ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ކޮލަމާފުށީ ކަތީބު ދެންމެ ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ހެޔޮބަސްފުޅުތަކަށްޓަކައި، އޭނާއަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެންތިބި، އެދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލެއްވުން. މާތްﷲ ރުއްސަވާވޮޑިގެންވާ ގޮތަށް އަޅުގަނޑުމެންގެ ޢަމަލުތަކާއި، އަޚްލާޤާއި، ހުރިހާ ކަމެއްވެސް ބަހައްޓާ ބަޔަކު ކަމުގައި އަޅުގަނޑުމެން ލެއްވުން. އަދި ރާއްޖޭގެ ތަރައްޤީއަށް، ރައްޔިތުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް، ސަރުކާރާ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތް ލެއްވުން. އަދި ދިވެހިރާއްޖެއަކީ، ދިވެހިރާއްޖޭގައި މީހުން ދެމިތިބިހާ ދުވަހަކު މިނިވަން، މުސްތަޤިއްލު، އަމިއްލަ ވެރިކަމެއް ލިބިގެންވާ، ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމާއި އެކުވެރިކަން ޤާއިމުވެފައިވާ ޤައުމެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.