1. ސުވާލު: އިބްރާހީމް ޚަލީލު
މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިއަދު ނިމިގެން މިދިޔަ 14 ވަނަ ސާކް ސަމިޓުގެ މައިގަނޑު ކާމިޔާބީތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ
މިއަދު ނިމިގެން މިދިޔަ 14 ވަނަ ސާކް ސަމިޓަކީ، އަޅުގަނޑު ދެކޭގޮތުގައި ކުރީގެ ސަމިޓުތަކާ އަޅާބަލާއިރު، މާ ކާމިޔާބު ސަމިޓެއް. އެހެން މިދެންނެވީ، މިއަދު ރީޓްރީޓްގައި ޤައުމުތަކުގެ ހުރިހާ ވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަޅުގަނޑުވެސް ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވިން. އެތާނގައި ވަރަށް ސާފުކޮށް، ވަރަށް ޞަރީޙަކޮށް ހުރިހާ ބޭފުޅުން ވާހަކަފުޅު ދައްކަވާފައި، ކަންތައްތަކަށް އެއްބަސްވެވުނު. އަދި 6 މަސްދުވަހުގެ ތެރޭގައި، އޭގެ ނަތީޖާ ފެންނަކަހަލަ ގޮތަކަށް އެއްބަސްވެވުނީ. މިދެންނެވީ، މިސާލަކަށް: ކާބޯތަކެތީގެ ރައްކާތެރިކަމާއި، ފެނުގެ ރައްކާތެރިކަމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، އަދި ހަކަތައިގެ ރައްކާތެރިކަމާއި، މިކަންކަމާ ބެހޭގޮތުން. އަދި އެއީ އަޅުގަނޑުމެން އެކަމާ ބެހޭގޮތުން ދިރާސާކޮށްފައި، ހުރިހާ ޤައުމުތަކަށް ފައިދާވާ ގޮތަށް ޕްރޮޖެކްޓްތަކެއް ހަދައިފިއްޔާ، ބޭރުގެ ބައެއް މާލީ އިދާރާތަކުން އެއަށް އެހީ ލިބޭނެ ކަމުގެ ޔަޤީންކަން އޮތީމަ. މިސާލަކަށް، އޭ.ޑީ.ބީ ނުވަތަ ވާރލްޑް ބޭންކް، ޔޫ.އެން.ޑީ.ޕީ. މިތަންތަނުން ތިބީ މިކަހަލަ ކަންތައްތަކަށް އެހީދޭން ތައްޔާރަށް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިފަހަރުގެ ކާމިޔާބީތައް ވަރަށް ފާހަގަކޮށްލެވެއޭ އިނގޭތޯ.


2. ސުވާލު: އިބްރާހީމް ޚަލީލު
ސާކްގެ ޙަރަކާތްތަކުގެ ތެރޭގައި ސީދާ މަނިކުފާނު އިސްނަންގަވައިގެން، މަނިކުފާނު ހުށަހަޅުއްވާފައިވާ ވަރަށްގިނަ ޙަރަކާތްތައް މިހާރުވެސް އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. މިއަދު 14 ވަނަ ސަމިޓް ނިމިގެންދިޔައިރު، އިޢްލާނު ކުރެވިގެން މިދިޔައީ، 2008 ވަނަ އަހަރަކީ، ގުޑް ގަވަރނަންސް އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރެއްގެ ގޮތުގައި. މިއީވެސް ހަމަ މަނިކުފާނު ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔައީ. ހަމައެޔާއެކު، މިނިވަން ވިޔަފާރީގެ ތެރެއިން ވިޔަފާރި ތަރައްޤީ ކުރެއްވުމަށާއި، ތިމާވެށީގެ ދާއިރާގެ އިތުރަށް މިބައި ހަރުދަނާ ކުރެއްވުމަށް. އަދި ސޯޝަލް ޗާޓަރ. އެއީވެސް ހަމަ މަނިކުފާނު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމެއް. މީގެތެރޭގައިވެސް ޕީޕަލްސް ސާކްގެ ގޮތުގައި މިބައި މިއޮތީ އިތުރަށް ހުށަހަޅުއްވާފައި. އެހެންވީމާ، މިކަންކަން އަޅުގަނޑު އެއްފަހަރާ މިދަންނަވާލީ. މިކަންކަމުގެ ތަފްޞީލު ދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ
އާދެ! ތިޔަ ވިދާޅުވީ ތެދުފުޅެއް. ޤައުމުތަކުގެ ވެރިން އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް ހިތްޕުޅުހެޔޮ. ވަރަށް ރަނގަޅަށް ކަންތައްތައް ކުރައްވަނީ. އެހެންވީމާ، އަޅުގަނޑުމެން ހުށަހަޅާ ޚިޔާލުތަކަށް އެބޭފުޅުން ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި ތާއީދު ކުރައްވާ. އެގޮތުން ތިޔަ ވިދާޅުވިހެން 2008 ވަނަ އަހަރަކީ، ގުޑް ގަވަރނަންސްގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް މި ނިންމުނީ އަޅުގަނޑު ހުށަހެޅި ހުށަހެޅުމަކަށް. އަޅުގަނޑު އެހުށަހެޅުން ހުށަހެޅީ، އެއީ ރާއްޖޭގައިވެސް މިހާރު ސިޔާސީ އިޞްލާޙުގެ ޕްރޮގްރާމެއް ހިނގަމުންދާތީ. އަދި އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އެޕްރޮގްރާމްގެ ކާމިޔާބީތައް ރައްޔިތުންނަށް ފެންނާނެތީ. އަދި ރާއްޖޭގެ އިތުރުން، ބޫޓާންވެސް މިހާރު ހަމަ ހިނގަނީ އެމަގުން. އެމީހުންވެސް ހަމަ ވަރަށް އަވަހަށް އެމީހުންގެ އެހުރިހާ ނިޒާމުތަކެއް މިހާރަށްވުރެ ބޮޑަށް ޑިމޮކްރެޓިކްކޮށް އެކަންތައްތައް ކުރިއަށް އެބަގެންދޭ. އަދި ޕާޓީތަކެއް އުފައްދައި، އިންތިޚާބުތަކެއް ބާއްވާ ވާހަކަވެސް އެމީހުން ދައްކާ. އެގޮތަށް އެބަ ކުރިޔަށް ގެންދޭ. ހަމައެހެންމެ، ބަންގްލަދޭޝްގައިވެސް މިހާރު މިއޮތީ ވަގުތީ ސަރުކާރެއް. ދެޕާޓީ ދޭތެރޭގައި ކުރިން ހަމަނުޖެހުންތައް ބޮޑުވެގެން، މުޅި ޤައުމުގައިވެސް އެކިއެކި ހަމަނުޖެހުން އުފެދިގެން ދިޔައީ. މިހާރު އިންތިޚާބަށް ތައްޔާރު ކުރުމުގެ ގޮތުން މިހާރު ޙަވާލުވެވަޑައިގެން ހުންނެވި ޗީފް އެޑްވައިޒަރ ކިޔާ ބޭފުޅަކު މަސައްކަތް މިކުރައްވަނީ، ވީ އެންމެ އަވަހަކަށް އެތެރޭގެ ކަންތައްތައް ރަނގަޅަށް ހަމަޖައްސަވާފައި، ވާދަވެރި އިންތިޚާބެއް ބޭއްވެވުމަށް. ޢަދުލުވެރި، އިންޞާފުވެރި، ވާދަވެރި އިންތިޚާބެއް. ކުރިންދިޔަގޮތަކަށް ނޫން. އޭނާ ހަމަ އަޅުގަނޑު ގާތުގައިވެސް ވިދާޅުވި. ކުރިން މުޅިން ހަމަ ފައިސާއަށޭ ހުރީ. އެކިމީސްމީހުން ފައިސާ ޚަރަދުކޮށްގެން ވޯޓް ހޯދައިގެން އަންނަނިއްޔޭ. ދެން ސަރުކާރު ހިންގުމަށް އައުމަށްފަހުގައި ބޭނުމެއް ނޫނޭ ސަރުކާރު ދޫކޮށްލާފައިދާކަށް. ނާޖާއިޒު ފައިދާ ނަގަން ތިބެނިއްޔޭ. ތިމަންނަ ބޭނުންފުޅީ މިކަންތައްތައް މުޅިން އިޞްލާޙު ކުރައްވާށޭ! އިސްލާޙު ކުރައްވާފައި، އިންތިޚާބުގައި މީހުން ވޯޓުދެނީ އެމީހަކަށް ފެންނަ އެންމެ ރަނގަޅު މީހަކަށް ކަމަށްވާށޭ. އެމީހެއްގެ ވޯޓު ގަންނަ މީހަކަށް ނޫނޭ ވޯޓުދޭންވީކީ. އެހެންވީމާ، އެއުޞޫލުން ކަންތައްތައް ރާއްވަވާ ހިންގަވާފައި މިއަންނަ އަހަރު އިންތިޚާބެއް ބާއްވަވާނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާކުރެވޭ.

އެހެންވީމާ، މިގޮތްގޮތުން ބަލާއިރު، މިއަންނަ އަހަރަކީ ހަމަ ގުޑް ގަވަރނަންސްގެ އަހަރެއް. މުޅި ސާކް ސަރަޙައްދު އެންމެ ފުރަތަމަފަހަރަށް ދެކޭ.

ދެން އޭގެއިތުރުން ހުރި ޤައުމުތަކަކީ އެތަންތާނގައި މިހާރުވެސް ހަމަ ޕާޓީ ސިސްޓަމްވެސް މަސައްކަތް ކުރަމުންދާ ތަންތަން. އެހެންވީމާ، އެޚިޔާލަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި މިހާރު މިނިންމެވީ، މިއަންނަ އަހަރަކީ ސާކްގެ ގުޑް ގަވަރނަންސް އަހަރުގެ ގޮތުގައި ހަމަޖެއްސުމަށް.

ދެން ތިޔަ ވިދާޅުވިހެން ސޯޝަލް ޗާޓަރގެ ކަންތަކުގައިވެސް އެއީ ދިވެހިރާއްޖެއިން ހުށަހެޅި ހުށަހެޅުމެއް. ސޯޝަލް ޗާޓަރ އެއޮތީ ހަދާ ނިމިފައި. ސޮއިވެސް ކޮށްފައި. އެކަމަކު އެއަކަށް ޢަމަލެއް ނުކުރެވޭ. އަޅުގަނޑު ހުށަހެޅި ހުށަހެޅުމަކަށް މިހާރު ވަރަށް އަވަހަށް އޭގެ ޙަރަކާތްތައް ކުރިއަށް ގެންދާގޮތަށް އެއްބަސްވެވުނު.

ވިޔަފާރީގެ ކަންތައްތަކުގައިވެސް ހަމަ ތިޔަ ވިދާޅުވިހެން އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ޤައުމަކަށްވިޔަސް، ރަނގަޅު އެއްޗެއް ހުށަހަޅައިފިއްޔާ ގިނަމީހުން އެގަބޫލުކުރޭ. އެގޮތުން، ސާކްގެ ހުރިހާ ޤައުމުތަކުގެ ވެރިންވެސް އެގޮތް ގަބޫލުކުރައްވައި، އެކަންވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާ ގޮތަށް މިހާރުވަނީ ހަމަޖެހިފައި.

މިގޮތުން އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް މިސަމިޓުން ވަރަށްބޮޑު ކާމިޔާބީތަކެއް ލިބުނު. އަޅުގަނޑަށް ވަރަށްބޮޑު ފަޚްރަކަށްވި، އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުންތައް، ހުރިހާ ބޭފުޅުން ގަބޫލުކުރައްވައި، އެއަށް ޢަމަލު ކުރައްވަން އެއްބަސްވެވަޑައިގެންނެވިކަން.

3. ސުވާލު: އިބްރާހީމް ޚަލީލު
މިހާރު ރާއްޖޭގައި މަނިކުފާނު ހުށަހަޅުއްވައިގެން، އިޞްލާޙީ ޕްރޮގްރާމެއް އެބަ ކުރިއަށްދޭ. ދަނިކޮށް ސަރަޙައްދީ ފެންވަރުގައި ގުޑް ގަވަރނަންސް ޕްރޮގްރާމެއް ނުވަތަ މިކަމަށް އިސްކަންދީގެން 2008 ވަނަ އަހަރު ކަންތައްތަކެއް ހިންގަން ރޭވުނީމާ، ރާއްޖޭގައި މިހިންގާ ޕްރޮގްރާމަށް، އޭގެ ސަބަބުން ލިބޭނެ ފައިދާތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ
އަޅުގަނޑަށް ހީވަނީ ރާއްޖެއަށް ވަރަށްބޮޑު ފައިދާ ކުރާނެހެން. އެއީ މުޅި ސަރަޙައްދު އެގޮތަށްދާ ކަމަށްވަންޏާ، ރާއްޖެވެސް އޭގެތެރެއަށް ވަދެގެން، އެގޮތަށް ކަންތައް ކުރުމަކީ، ރާއްޖެއަށް ވަރަށް ފަސޭހަ ކަމަކަށްވާނެ. އަދި އެހެން ފަރާތްތަކުގެ އެހީވެސް ލިބޭނެ. މިހާރުވެސް އަޅުގަނޑުމެން ބޭނުންވާ ދާއިރާތަކުގައި އެކިއެކި ޓެކްނިކަލް އެހީ ދެއްވަން ގިނަ ޤައުމުތަކުން ތިއްބެވީ ތައްޔާރަށް. އެވާހަކަ އަޅުގަނޑު ކައިރީ ވިދާޅުވެސްވި. އެހެންވީމާ، އެގޮތުން މިސަރަޙައްދުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭނެ އަޅުގަނޑުމެން ރާއްޖޭގައިވެސް މިކަން ކުރަން. މިގޮތަށް، 2008 ވަނަ އަހަރަކީ، ގުޑް ގަވަރނަންސް އަހަރުގެ ގޮތުގައި ފާހަގަކުރެވެމުންދާ ކަމަށްވަންޏާ.

4. ސުވާލު: އިބްރާހީމް ޚަލީލު
މިއަދު އިންޑިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއިން މިއަންނަ އަހަރު 15 ވަނަ ސަމިޓް ބޭއްވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ފާހަގަކުރެއްވި. އަދި ރާއްޖޭގައި 15 ވަނަ ސަމިޓް ބޭއްވުމަށް މިކަނޑައެޅުއްވީ. ހަމައެޔާއެކު، އަންނަ އަހަރަކީ ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބުވެސް ބޭއްވޭ އަހަރު. ވަރަށްބޮޑު ދެކަމެއް މިބޭއްވެނީ. އެހެންވީމާ، މިކަމާ ދޭތެރޭ ކީކޭތޯ ވިދާޅުވަނީ؟

ރައީސުލްޖުމްހޫރިއްޔާ
އާދެ! މިއަންނަ އަހަރު ރާއްޖޭގައި ސާކްގެ 15 ވަނަ ސަމިޓް ބޭއްވޭކަން އަޅުގަނޑު ހިތުން އެއީ، އަޅުގަނޑުމެން އެންމެން ވަރަށް އުފާކުރަންޖެހޭނެ ކަމެއް. ވަރަށް ފަޚްރުވެރިވުން ޙައްޤު ކަމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަރަށް ކުޑަކުޑަ ޤައުމެއް. އެހެން ނަމަވެސް، ސާކްގެ ދާއިރާގައި ވަރަށް ރަނގަޅަށް ޙަރަކާތްތެރިވަމުންދާ ޤައުމެއް. މީގެކުރިން ރާއްޖޭގައިވަނީ ވަރަށް ކާމިޔާބު ދެސަމިޓް ބާއްވާފައި. އެހެންވީމާ، މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ހަމަ ކާމިޔާބު ސަމިޓެއް ބޭއްވޭނެ. ދެން މިއަންނަ އަހަރު ރިޔާސީ އިންތިޚާބު އޮތުމަކާ، މިސަމިޓް ބޭއްވުމަކާ އެއްވެސް ފުށުއެރުމެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ސަމިޓް އޮންނާނީ އޭޕްރިލް، މެއިހާ ތާނގައި. ރިޔާސީ އިންތިޚާބު އޮންނާނީ އޭގެފަހުން. އެހެންވީމާ، އެއަކުން މައްސަލައެއް ނުޖެހޭނެ.

ދެން ތިޔަ ސުވާލު ކުރެއްވީމާ، ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން. މިއަންނަ އަހަރު މިބޭއްވޭ ސަމިޓަކީ، މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު، އެންމެ ކުލަގަދަ ސަމިޓް ކަމުގައި ދިވެހިރާއްޖެއިން ހަދަމާތޯއޭ. އެކަމުގައި އަޅުގަނޑު ބޭނުމޭ ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން. ދިވެހި ރައްޔިތުންނޭ ދަންނަވާއިރު، ދިވެހި ސަރުކާރުގެ އެކިއެކި އިދާރާތަކާއި، އަދި އޭގެއިތުރުން، ސިޔާސީ ޕާޓީތަކާއި، އަދި އަޅުގަނޑުމެންގެ އިޤްތިޞާދީ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ފަރާތްތަކާއި، އިޖްތިމާޢީ ދާއިރާއާއި، ކްލަބް ޖަމްޢިއްޔާތަކާއި، ޢާންމު ރައްޔިތުންނާ، މިހުރިހާ ފަރާތަކުން ވަރަށް ބޮޑަށް އެކުވެގެން އެކުވެރިވެގެން، އެއްބާރުލައިގެން މަސައްކަތް ކުރަމާތޯއޭ! މިއަންނަ އަހަރު ރާއްޖޭގައި ބޭއްވޭ ސާކް ސަމިޓަކީ، މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ސަމިޓް ކަމުގައި ހެދުމަށް. އެހެން ހަދައިފިއްޔާ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚްރަކަށްވާނެ އިނގޭތޯ.

ދެން އަނެއްކާ މިހާރު މިސަމިޓް ބޭއްވެނީ، އެހެންޏާ ބޭއްވޭގޮތާ ވަރަށް ތަފާތު ގޮތަކަށް. އެ ސަމިޓާ އެކީގައި އެބައާދޭ ތަފާތު އެހެން އަމިއްލަ ފަރާތްތަކުގެ ބައްދަލުވުންތައްވެސް. އަމިއްލަ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައްދަލުވުން. އަދި ނޫސްވެރިންގެ ބައްދަލުވުން. ވިޔަފާރިވެރިންގެ ބައްދަލުވުން.

އަޅުގަނޑު މިފަހަރު ހުށަހެޅިން، ވިޔަފާރިވެރިންގެ ބައްދަލުވުން ނުވަތަ ބިޒްނަސް ފޯރަމް އެއީ ސާކް ސަމިޓާ ގުޅިގެން އެއްފަހަރާ ބޭއްވޭ އެއްޗަކަށް ހެދުމަށް. އެގޮތަށްވެސް މިފަހަރު ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި. އެހެންވީމާ، މިއަންނަ އަހަރު ރާއްޖޭގައި ސާކް ސަމިޓް ބޭއްވޭއިރު، އިރާދަކުރެއްވިއްޔާ މިދެންނެވި ބިޒްނަސް ފޯރަމް ނުވަތަ ވިޔަފާރިވެރިންގެ ބައްދަލުވުމެއްވެސް ހަމަ އެޔާއެކީގައި ބޭއްވޭނެ. އެއީ ވަރަށް ބޮޑެތި ކަންތައްތައް. މިހުރިހާ ކަމެއްވެސް ވަރަށް ކާމިޔާބުކޮށް ގެންދަން އަޅުގަނޑުމެން ބޭނުންވޭ.

އެހެންވީމާ، އަޅުގަނޑު ހަމަ މިރޭވެސް މިއެދެނީ، ދިވެހި ރައްޔިތުން މިކަމާ ދޭތެރޭގައި ވިސްނާވަޑައިގެން، ސަރުކާރާ އެހީތެރިވެވަޑައިގެންދެއްވައި، މިއަންނަ އަހަރު ރާއްޖޭގައި ބޭއްވޭ ސާކް ސަމިޓަކީ، ވަރަށް ކާމިޔާބު، އެންމެންވެސް އެއާ ދޭތެރޭގައި ވަރަށް ފަޚްރުވެރިވާކަހަލަ ސަމިޓަކަށް ހެދޭތޯ ހުރިހާ ބޭފުޅުން އެއްބާރުލައްވައިގެން މަސައްކަތް ކޮށްދެއްވުމަށް.

ޝުކުރިއްޔާ.