بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ! ދިވެހިރާއްޖޭގެ ފަޚުރުވެރި އަދި އުފާވެރި ޤައުމީދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަން. މިއަހަރުގެ ޤައުމީދުވަހުގެ އިޙްތިފާލުތައް މިބޭއްވެނީ މިރަށުގައި. އާދެ! ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކަމަށްވާތީ، ވިލިނގިލީގެ ލޮބުވެތި ރައްޔިތުންނަށާއި، އަތޮޅުގެ އެންމެހާ ރައްޔިތުންނަށް، ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ދަންނަވަން. އަދި މިއިޙްތިފާލަށް ވަޑައިގެން ތިއްބެވި އެންމެހާ އަޚުންނާއި އުޚުތުންނަށްވެސް ތަހުނިޔާ ދަންނަވަން.

މިއަހަރުގެ ޤައުމީދުވަހުގެ އިޙްތިފާލަށް، މިރަށް އާދެ! ވިލިނގިލި ތައްޔާރުވެފައި މިވަނީ، ވަރަށް ޒީނަތްތެރި، ވަރަށް ފުރިހަމަގޮތެއްގައި. މިހާ ފުރިހަމަ ގޮތެއްގައި މިރަށް ތައްޔާރުކޮށްދެއްވި ކަމަށްޓަކައި، މިކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ! އެބޭފުޅުންގެ ތެރޭގައި، މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޢަބްދުﷲ ސަޢީދު ހިމެނިވަޑައިގަންނަވާ. އަދި އަތޮޅުއޮފީހުގެ އެހެން ވެރިންނާއި، ވިލިނގިލީގެ ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ މެންބަރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި، ލޮބުވެތި ރައްޔިތުންނާއި އަދި ޚާއްޞަކޮށް، މި އިޙްތިފާލަށް ތައްޔާރުވުމުގައި ކަންތައްތައް ރާއްވަވައި އިންތިޒާމު ކުރެއްވި ކޯޑިނޭޓިންގ ކޮމިޓީގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވާ. އަދި އެ ހުރިހާ ބޭފުޅުން ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތައް އަޅުގަނޑުމެންނަށް މިހިރީ ފެންނަން.

އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އަޅުގަނޑުމެން މިޖަލްސާ ކުރާ ހޯލް، ވިލިނގިލީ ރައްޔިތުން ތައްޔާރުކުރައްވާފައި މިވަނީ، އެންމެ ދޮޅުމަސްދުވަހުގެ ތެރޭގައި ހަމަ މިއިޙްތިފާލަށް. އަދި މިނޫނަސް މިމުހިންމު މުނާސަބަތު ފާހަގަކުރުމަށްޓަކައި، މިރަށުގައި ވަރަށްގިނަ ކަންތައްތަކެއް، ވަރަށް ރީތިކޮށް ޒީނަތްތެރިގޮތެއްގައި ކުރައްވާފައި އެބަހުރި. އެހެންވީމާ، އެހުރިހާ ކަމަކަށްޓަކައި، މިދެންނެވި ހުރިހާ ފަރާތްތަކަށާއި ބޭފުޅުންނަށް، އަޅުގަނޑުގެހިތުގެ އެންމެ ފުންމިނުން ޝުކުރު ތަކުރާރުކުރަން.

މިއަހަރުގެ ޤައުމީދުވަސް، މިއަތޮޅުގައި ފާހަގަކުރެއްވުމަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، މިނިސްޓަރ އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީއަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޤައުމީދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވުމަށް، ތިޔަބޭފުޅުންގެ ލޮބުވެތި ރަށަށް، އާދެ! ވިލިނގިއްޔަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި އަދި އެހާމެ ބޮޑު އުފަލެއް.

ހުވަދޫބަހުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު

”މަ މިރަޓަށް އާމާއި ވިލިނގިއްލޭގެ ކުދެބޮޑެ ތެއްޔަހައި ރައްޔިތުނެ ބެހެއްޓީ ގާތެކަމާއި ފައޮޅެކެރީ އިޚުލާސްތެރި ޝުޢޫރެތަކަށްޓަކައި އަދި ދިނެ ހޫނެ ތަރުޙީބަށްޓަކައި، މިރަޓުގެ ތެއްޔަހައި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރި ކަމާއެކު ޝުކުރެ ދަންނަވަން. ވިލިނގިއްލާއްކޫ މާއި ޢާއިލީގޮތުން ގުޅީފައިވެނެ ރަޓެކެ. އަދި ގާތެތިމާގެ މީހެނެ މިކަލެސް ދިރިވޮންނާ ރަޓެކެ. އެހެންކަމުން، މާއްކޫ މިރަޓާއި ގުޅީފައިވެނެ މީހަކަށްވެނެތީ މިރަޓުގެ ރައްޔިތުންނެގެ ރުހުމާއި ލޯބި އަބަދުވެސް މަންލެބެއި. ކުރިޔަށްއޮތްތާސް މަ އެދެންނޫ ތި ތެއްޔަހައި ރައްޔިތުންނެގެ ލޯތްބާއި ރުހުމެ އަބަދުވެސް މަން ލެބެމުން ގެޔައުން.“ ޝުކުރިއްޔާ!

އާދެ! އަޅުގަނޑުމެން މިއަދު ރާއްޖޭގެ ޤައުމީދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖެއަކީ ވޭތުވެދިޔަ ދިގު ޒަމާންތަކުގައި، ޤައުމީ އަބްޠާލުންތަކެއް އުފެއްދި ޤައުމެއްކަން ހަނދާންކުރަން އެބަޖެހޭ. ދިވެހި ތާރީޚުގެ އެކިފަތްފުށްތަކުން، އެކި ޞަފްޙާތަކުން މިކަން ވަރަށް ކުލަގަދަގޮތެއްގައި އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. އެހެންވީމާ، އެ ޤައުމީ އަބްޠާލުންގެ ޒިކުރާ އާކޮށް، އެ އަބްޠާލުންނަށްވެސް މަތިވެރި ނިޢުމަތާއި ޘަވާބު ދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

އާދެ! ދިވެހިރާއްޖޭގެ ޤައުމީދުވަހަކީ، ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަސް. މި މާތް މައްސަރަކީ، މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މާތް މައްސަރު. އަދި މިމަހަކީ، އެމަހެއްގައި އަޅުގަނޑުމެންގެ މިނިވަންކަމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް، މާޒީގައި ލިބިފައިވާ މަހެއްވެސްމެ. އެހެންވީމާ، ދިވެހިރާއްޖޭގެ ޤައުމީދުވަހަކީ، ދިވެހިންގެ ޤައުމިއްޔަތާއި ދީނީ އެއްބައިވަންތަކަން ރަމްޒުވެގެންވާ ދުވަހެއްކަން ކަށަވަރު. މިކަމަކީ، އަޅުގަނޑުމެން އަބަދުވެސް ވަރަށް ބޮޑަށް ހަނދާންކުރަންޖެހޭނެ ކަމެއް. އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެހިތުން ފިލައިގެން ގޮސްގެންވާނެ ކަމެއް ނޫން. ދިވެހި ޤައުމިއްޔަތާއި މާތްވެގެންވާ އިސްލާމްދީނާހުރި ގުޅުމަކީ، ތާރީޚު ގުޅުވައިދީފައިވާ ވަރަށް ވަރުގަދަ، ދުވަހަކުވެސް މޮހެވިގެން ނުދާފަދަ ވަރުގަދަ ގުޅުމެއް. އެހެންވީމާ، އެގުޅުން ދެމެހެއްޓުމަކީ، ރާއްޖޭގެ މިއަދަށާއި ކުރިމަގުގެ ތަރައްޤީއަށާއި ބާއްޖަވެރިކަމަށް އަދި ހަމަޖެހުމަށް ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! ދެންމެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، މިއަހަރުގެ ޤައުމީދުވަހުގެ ޝިޢާރަކީ، ”ދިވެހީންނަށްވީތީ ފަޚްރުވެރިވަމާ“ މިޝިޢާރު. ދިވެހީންނަށްވީތީ އަޅުގަނޑުމެން ފަޚުރުވެރިވާންވީ ސަބަބުތައް އެމަނިކުފާނުވެސް ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވައިފި. އެހެންވީމާ، އެމަނިކުފާނު އެދެއްކެވި ވާހަކަފުޅަށް ތާއީދުކުރުމުގެގޮތުން، އަޅުގަނޑުވެސް ކުޑަ އެއްޗެއް ދަންނަވާލާނަން.

އަޅުގަނޑުމެން ދިވެހިން، ދިވެހިންނަށްވީތީ ފަޚުރުވެރިނުވާންވީ ސަބަބެއްނެތް. އެންމެ ފުރަތަމަ ދިވެހިންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކަށްވީކަން. މި މާތް ދީނުގައި ދިވެހިން ދިރިއުޅޭތާ އެތައް ސައްތަ އަހަރެއް ވެއްޖެ. އަދި ދިވެހިންގެ ތެރެއިން އެންމެންނަކީ، މިމާތް ދީނުގެ އަހުލުވެރިން. މީގެއިތުރުން، ދިވެހިންގެ އަމިއްލަ ބަހެއް އެބައޮތް. ދިވެހިންގެ އަމިއްލަ އަކުރެއް އެބައޮތް. ދިވެހިންގެ އަމިއްލަ އަދަބިއްޔާތެއް، އަމިއްލަ ޅެންވެރިކަމެއް އެބައޮތް. ދިވެހިންގެ ރީތި އާދަކާދަތަކަކާއި ޘަޤާފަތެއް އެބައޮތް. ދިވެހިންނަކީ، އަމިއްލަ ތަހުޒީބާއި ތަމައްދުނެއްގެ ވެރިބަޔެއް.

މިހުރިހާ ކަމެއްގެ އިތުރުން، ދިވެހިންނަކީ، އެތައް ސައްތަ އަހަރެއް ވަންދެން އަމިއްލަވަންތަކަމާއި މިނިވަންކަން ދިފާޢުކޮށް، މުސްތަޤިއްލު، ފުރިހަމަ ސިޔާދަތު ލިބިފައިވާ ޤައުމެއްގެ ގޮތުގައި ދިރިދެމިތިބުމުގެ ޝަރަފު ހޯދާފައިވާ ބަޔެއް. އެތައް ސައްތަ އަހަރެއްވެސްނޫން. އެތައްހާސް އަހަރެއް. އެހެން މިދެންނެވީ، ރާއްޖެއަކީ އާބާދީގެ ގޮތުން ކިތަންމެ ޒުވާން ޤައުމެއްކަމުގައިވިޔަސް، ތާރީޚީގޮތުން ބަލާއިރު، ރާއްޖެއަކީ މާ ޒުވާން، މާ ޅަ ޤައުމެއްނޫން. ބައެއް ހޯދުންތެރިން ބުނާގޮތުގައި، އަޅުގަނޑުމެންގެ ތާރީޚު، ތިންހާސް އަހަރަށްވުރެ ދިގު.

އެހެންކަމުން، މިވޭތުވެދިޔަ އެތައްހާސް އަހަރެއްގެތެރޭގައި، ދިވެހިން މިތިބީ، އަމިއްލަވަންތަ ބަޔެއްގެ ގޮތުގައި، ޝަރަފުވެރި ދިރިއުޅުމެއް، ދިރިއުޅެމުން އައި ބަޔެއްގެ ގޮތުގައި. މިހުރިހާ ކަމެއް މިހެން ހުރުމާއެކު، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދިވެހިވަންތަކަމަށް ފަޚުރުވެރިނުވާންވީ ކީއްވެތޯ؟ ފަޚުރުވެރިނުވާންވީ އެއްވެސް ސަބަބެއްނެތް. އަޅުގަނޑުމެންގެ ދިވެހިވަންތަކަމަށް އިޙްތިރާމާއި ޤަދަރު ނުކުރަންވީ ކީއްވެތޯ؟ ނުކުރަންވީ އެއްވެސް ސަބަބެއްނެތް. އަޅުގަނޑުމެން ދިވެހިންނަށްވީތީ ފަޚުރުވެރިވަމާތޯ! އަޅުގަނޑުމެންނަކީ ދިވެހިވަންތަ ބަޔަކަށްވީތީ ފަޚުރުވެރިވަމާތޯ!

އާދެ! މިއަދު އަޅުގަނޑުމެންގެ ޤައުމީދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި، ޤައުމީ ރޫޙު އިތުރަށް ދިރުވައި އާލާކުރުމުގެ ޢަޒުމް އާކުރުމަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތަށް ލިބޭނެ ވަރަށްބޮޑު ދިރުމަކާއި ކުރިއެރުމެއްކަން ޔަޤީން. ޒަމާނުއްސުރެ ދިވެހިންނަކީ، ދިވެހިންގެ ޤައުމިއްޔަތަށް، އަދި ދިވެހިންގެ ހިތްތަކުގައި މިއޮންނަ ޤައުމީ ރޫޙަށް އިސްކަންދެމުން އައިސްފައިވާ ބަޔެއް. އަޅުގަނޑުމެން ދިވެހިން، ދިވެހިވަންތަކަމަށް ދިވެހި ޤައުމިއްޔަތަށް ދެމުން މިގެނައި ސަމާލުކަމާއި އަހަންމިއްޔަތު، އަޅުގަނޑުމެންގެ ތާރީޚުގެ ޞަފްޙާތަކުން ވަރަށް ރަނގަޅަށް ފެންނަން އެބަހުރި. އަޅުގަނޑުމެންގެ ތާރީޚު އެކަމަށް ހެކިވޭ.

މިދެންނެވި ޤައުމީ ރޫޙު، އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުމެ އާކޮށް އާލާކުރުމަކީ، ވަރަށް މުހިންމު ކަމެއް. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޅަދަރިންނާއި، ތުއްތު ކުދިންނާއި، ޒުވާނުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވައި އާލާކުރުމަކީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. މިކަމުގެ އެންމެބޮޑު ޒިންމާއެއް އުފުލަންޖެހިފައިވާ ފަރާތަކީ، ހަމަ އަޅުގަނޑުމެން. އާދެ! އަޅުގަނޑުމެންގެތެރޭގައި ހިމެނޭ މައިންބަފައިން، ބެލެނިވެރިން، ސްކޫލްތައް ހިންގަވާ ފަރާތްތައް، މުދައްރިސުން، އެދުރުން، ޢިލްމީ އެކިއެކި ދަރަޖަތައް ޙާޞިލު ކުރައްވާފައި ތިއްބެވި ބޭފުޅުން، މުފައްކިރުން، ނޫސްވެރިން، ޅެންވެރިން، އަދަބިއްޔާތުގެ ރޮނގުގައި މަސައްކަތް ކުރައްވާ ބޭފުޅުން. މިހުރިހާ ބޭފުޅުން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން، އަޅުގަނޑުމެންގެ ޅަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ޤައުމީ ރޫޙު އިތުރަށް އަށަގަންނަވައި، އެ ޤައުމީ ރޫޙު ދިރުވުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންގެ މިއަދުގެ ހަމަޖެހުމާއި، ޞުލްޙަވެރިކަމާއި، ކުރިއެރުމަށް އަދި ކުރިމަގުގެ ތަރައްޤީއާއި، ހަމަޖެހުމާއި، ކުރިއެރުމަށްވެސް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް.

އާދެ! މިދެންނެވި ޤައުމީ ރޫޙު އަޅުގަނޑުމެންގެތެރެއިން ނެތިގެން ގޮސްގެނެއް ނުވާނެ. އެރޫޙު އާކޮށް އާލާކުރުމުގެ ޢަޒުމަކީ، މިފަދަ ކޮންމެ ޤައުމީ މުނާސަބަތެއްގައި، އަޅުގަނޑުމެން އާކުރަންޖެހޭނެ ޢަޒުމެއް. މިފަދަ ޤައުމީ މުނާސަބަތުތަކުގައި، އެ ޢަޒުމް އާކުރުމުން އެކަންޏަކު ނުފުދޭނެ. އަޅުގަނޑުމެން ޖެހޭނެ، އެ ޢަޒުމާ އެކީގައި ދިރިއުޅެން. އަޅުގަނޑުމެން ވޭތުކުރާ ކޮންމެ ދުވަހަކީ، ވޭތުކުރާ ކޮންމެ ހިނދުކޮޅަކީ، އެ ޤައުމީ ރޫޙު ދިރުވުމަށްޓަކައި ނުވަތަ އެ ރައްކާތެރިކުރުމަށްޓަކައި، ވޭތުކުރާ ދުވަހަކަށް ނުވަތަ ހިނދުކޮޅަކަށްވާން ޖެހޭނެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި ޤައުމީ ރޫޙު އިތުރަށް ދިރުއްވައި އާލާކުރައްވައި، ޤައުމީ ޖޯޝާއި ފޯރި އިތުރަށް ވަރުގަދަކުރެއްވުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް، މިއަދު އާދެ! ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން. އަދި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަކީ، ދިވެހިންނަށްވީތީ ފަޚުރުވެރިވާ ރައްޔިތުންތަކަކަށްވުމަށް، އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ! މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ރާއްޖެ ތަރައްޤީގެ މަގުގައި މިދަނީ، އެއްދުވަހުން އަނެއް ދުވަހަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން. އާދެ! މިތަރައްޤީ އަޅުގަނޑުމެންނަށް ޙާޞިލުކުރެވިފައި މިވަނީ، އަދި މިހާރުވެސް ޙާޞިލުކުރެވެމުން މިދަނީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި ދިވެހި ސަރުކާރާ ގުޅިގެން ކުރާ މުހިންމު ބޮޑެތި މަސައްކަތްތަކެއްގެ ސަބަބުން. ހަމައެހެންމެ، ރާއްޖޭގައި މިއޮތް ހަމަޖެހުމާއި، އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަމުގެ ސަބަބުން.

ކޮންމެ ޤައުމެއްވެސް ކުރިއަށްދާނީ، ވަރަށް މުހިންމު ދެޝަރުޠެއް، އެޤައުމުގައި އަށަގެންފައި އޮވެގެން. އާދެ! އެއް ޝަރުޠަކީ، ހަމަޖެހުމާއި، އަމަންއަމާންކަމާއި، ސުލްހަމަސަލަސްކަން. ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން. ރައްޔިތުންނާއި ސަރުކާރާ ދޭތެރޭ އޮންނަ ގުޅުމުގެ ވަރުގަދަކަން. އަނެއް ޝަރުޠަކީ، ހިންމަތާއެކު އެންމެން ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔުން. ކޮންމެ މުވާޠިނަކުވެސް އެމުވާޠިނެއްގެ ރޮނގުގައި ކުރިއަށްދިޔުން. އަދި ކޮންމެ ރައްޔިތަކުވެސް، އެރައްޔިތަކު ކުރާ މަސައްކަތެއް، މުރާލިކަމާއި ހީވާގިކަމާއެކުގައި ކުރަމުން ގެންދިޔުން. ފަރުދުންގެގޮތުގައި، އަދި ޖަމާޢަތުގެގޮތުގައި އަޅުގަނޑުމެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދިޔުން. މިމުހިންމު ދެޝަރުޠާ ނުލައި ނުވަތަ އޭގެތެރެއިން ޝަރުޠެއް އުނިވާގޮތަށް، އެއްވެސް ޤައުމެއްގައި ކަންތައްތައް ކުރަމުންދަނީ ކަމުގައިވާނަމަ، އެޤައުމެއް ކުރިއަކަށް ނުދާނެ. މީގެ ދިރިހުރި މިސާލުތަކެއް، އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ކައިރިންވެސް، ދުރުންވެސް. މިހާރުވެސް އަދި މާޒީގައިވެސް. މިކަން މުސްތަޤްބަލުގައިވެސް އޮންނާނީ މިހެން. އެހެންވީމާ، އަޅުގަނޑު މިދެންނެވި ދެޝަރުޠަށް ދިވެހި ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރައްވައި، އެ ދެޝަރުޠު އަބަދުވެސް ރާއްޖޭގައި ފުރިހަމަވެފައި އޮންނާނެ ގޮތެއްގެ މަތިން މަސައްކަތް ކުރައްވަމުން ގެންދެވުމަކީ، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންޖެހޭނެ ކަމެއް.

އާދެ! ރާއްޖެއަކީ ބޮޑު ޤައުމެއް ނޫން. މުއްސަނދި ޤައުމެއް ނޫން. މިވާހަކަ އަޅުގަނޑުމެން އަބަދުވެސް އެބަދައްކަމު. އާދެ! ރާއްޖެއަކީ ކުޑަ ޤައުމަކަށްވީތީ، އަދި އެހެން ޤައުމުތަކާ ތަންކޮޅެއް ދުރުގައި އެކަހެރިގޮތެއްގައި އޮންނަ ޤައުމަކަށްވީތީ، އަޅުގަނޑުމެން ކުރިއަށް މިދަނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ކުރަމުންގެންދާ މިންނެތް މަސައްކަތުގެ އިތުރުން، ބޭރުގެ ރަޙްމަތްތެރި ޤައުމުތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އެހީވެސް ލިބިގެން. މިއީ، އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ ކަމެއް. އެހެންކަމުން، ތަރައްޤީގެ މަގުގައި ކުރިއަށް ދިޔުމުގައި ރަޙްމަތްތެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން، އަޅުގަނޑުމެންނަށް އެ ދެމުންގެންދާ އެހީތަކަށްޓަކައި، އަޅުގަނޑުމެން އެފަރާތްތަކަށް ޝުކުރުވެރިވާންޖެހޭނެ.

މިގޮތުން، ޤައުމު ބިނާކުރުމުގައި، ބޭރުގެ ބައެއް ފަރާތްތަކުގެ ޙިއްޞާ ވަރަށްބޮޑު. އެހެންނަމަވެސް، މިނުކުތާގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ވަރަށްބޮޑު ކަމެއް އެބައޮތް. ބޭރުގެ އެހީ އަޅުގަނޑުމެން ހޯދަންވާނީ، ވަކިދާއިރާތަކެއްގެ ތެރޭގައި. ބޭރުގެ އެހީއަކީ، ނުވަތަ ބޭރުގެ ނުފޫޒަކީ، ރާއްޖޭގެ ހުރިހާ ދާއިރާއަކަށް، ހުރިހާ ކަމަކަށް ފޯރައިގެންވާނެ ނުފޫޒެއް ނޫން. އަދި ޙިއްޞާއެއްވެސް ނޫން.

މިސާލެއް ދަންނަވަންޏާ، އަޅުގަނޑުމެންގެ ސިޔާސީ ބަޙުޘަކީ، ދިވެހިންގެ ބަޙުޘެއް. މިބަޙުޘްގެ ތެރެއަށް، ބޭރުބަޔަކު ވަދެގެނެއް ނުވާނެ. މިބަޙުޘްގެ ތެރެއަށް، ބޭރުގެ ނުފޫޒެއް ފޯރައިގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެން ތިބެންޖެހޭނީ، ދިވެހިންގެގޮތުގައި. އަޅުގަނޑުމެން ބޭނުންވަނީ، ދިވެހިރާއްޖޭގައި މިއޮތް ދިވެހިވަންތަކަމާއި، ދިވެހި ޤައުމީ ރޫޙާއި، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނާއި، އަޅުގަނޑުމެންގެ ޘަޤާފަތާއި، ރީތި އާދަކާދަތައް، އެގޮތުގައި ދަމަހައްޓަން. އަދި އެކަންތައްތައް ކުރިއަރުވައި ތަރައްޤީކުރަން. ބޭރުގެ ނުފޫޒުތައް، ދިވެހިރާއްޖޭގެ ސިޔާސަތު ބައްޓަން ކުރުމުގެ ބަޙުޘަށް ވަނުމަށް، އަޅުގަނޑުމެން ފުރުޞަތު ދީފިއްޔާ، އަޅުގަނޑު މިދެންނެވި ކަންތައްތަކަށް، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ.

އެހެންވީމާ، ބޭރުގެ އެހީއާއި ބޭރުގެ ޙިއްޞާކުރުން އޮންނަންޖެހޭނީ، ހަމައެކަނި އަޅުގަނޑުމެން އިޚްތިޔާރުކުރާ، އަޅުގަނޑުމެން ހުއްދަދޭ، އަޅުގަނޑުމެން ފުރުޞަތުދޭ ދާއިރާތަކެއްގެ ތެރޭގައި އެކަނި. އޭގެ ބޭރުން އެހެން އެއްވެސް ދާއިރާއަކަށް އެ ނުފޫޒެއް، އެ ޙިއްޞާ ކުރުމެއް ފޯރައިގެނެއް ނުވާނެ. ދިވެހިންގެ ސިޔާސީ ބަޙުޘް ބާއްވަން ޖެހޭނީ، ދިވެހިންގެ އަތްމަތީގައި.

މީގެއިތުރުން، އަޅުގަނޑުމެންގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ މިނިވަންކަންވެސް އޮންނަންޖެހޭނީ، ދިވެހި ޤައުމިއްޔަތާއި، މާތްވެގެންވާ އިސްލާމްދީނާ، މި ދެދާއިރާގެ ތެރޭގައި ހިފެހެއްޓިފައި. އަޅުގަނޑުމެންގެ ޚަބަރުފަތުރާ ވަސީލަތްތަކަކީ، ނޫސް މަޖައްލާތަކަކީ، ރޭޑިޔޯ، ޓީ.ވީ.އަކީ، ކިތަންމެ މިނިވަންކަމާއެކު ޙަރަކާތްތެރިވުމަށް މަގުފަހިވެފައިވާ ވަސީލަތްތަކެއް ކަމަށްވިޔަސް، އެހުރިހާ ވަސީލަތްތަކަކުންވެސް ދިވެހިރާއްޖޭގެ ދީނަށާއި، ދިވެހި ޤައުމިއްޔަތަށާއި، ދިވެހި ޘަޤާފަތަށާއި، ދިވެހި އާދަކާދަތަކަށް ޙުރްމަތްތެރިކޮށް ހިއްތަވަންޖެހޭނެ.

ނޫސްވެރިކަމަކީ، ކިތަންމެ މިނިވަންގޮތެއްގައި އޮތް އެއްޗަކަށްވިޔަސް، އެއީ ބޭރުގެ ޚިޔާލުތަކާއި ނުފޫޒުތައް، ދިވެހި ރައްޔިތުންގެ ތެރެއަށް ޚާއްޞަކޮށް، ސިޔާސީ ދާއިރާއަށް ވައްދާ އެއްޗަކަށް ވެގެންނުވާނެ. އަދި ދިވެހި ނޫސްވެރި ގެންގުޅުއްވަން ޖެހޭނެކަމަށް އަޅުގަނޑު ދެކޭ މައިގަނޑު ހަމަތަކަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވާ މައިގަނޑު އަސާސްތައް.

އާދެ! އިސްލާމްދީނުގައި، އެކަކު އަނެކެއްގެ އަބުރާ ބެހުމަކަށް ހުއްދައެއް ނުދޭ. އެކަކުގެ އަގު ވެއްޓޭގޮތަށް، އަނެކަކު ވާހަކަ ދެއްކުމަކަށް ހުއްދައެއް ނުދޭ. ކޮންމެ ރައްޔިތަކީ، ކޮންމެ ފަރުދަކީ، އަދި އިސްލާމީ މުޖުތަމަޢުގެ ކޮންމެ މީހަކީ، އިސްލާމްދީން ދެކޭގޮތުގައި، އެމީހެއްގެ އަމިއްލަ ޝަރަފަކާއި އަމިއްލަ ޤަދަރަކާއި، އަމިއްލަ ޢިއްޒަތަކާއި، އަމިއްލަ އަބުރެއް އޮންނަ މީހެއް، ނުވަތަ އޮންނަ ފަރުދެއް.

އެހެންވީމާ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ އަޚުންތަކެއްގެ ނުވަތަ އުޚުތުންތަކެއްގެ އަބުރު ނަގާލައި ފަޟީޙަތްކުރާ ބަޔަކަށް އެއްވެސް ހާލެއްގައި ވެގެނެއް ނުވާނެ. އެފަދަ ދޮގު މަޢުލޫމާތު ފަތުރާ ބަޔަކަށްވެސް ވެގެނެއް ނުވާނެ. ނޫސްވެރިކަމުގެ މިނިވަންކަންވެސް އޮންނަންޖެހޭނީ، މިދެންނެވި ދާއިރާގެ ތެރޭގައި.

ރާއްޖޭގެ ފައިދާއަށްޓަކައި، ޤައުމު ބިނާކުރުމުގެ ގޮތުން އޮއްޓަރު ހުރި، ބިނާކުރަނިވި ޚިޔާލުތައް ފާޅުކުރުމަކީ، ނޫސްވެރިން ކުރަންޖެހޭނެ ކަމެއް. އެކަމަކަށް އެއްވެސް ފަރާތަކުން ހުރަހެއް ނާޅާނެ. އެހެން ނަމަވެސް، ނޫސްވެރިކަންވެސް ކުރަން ޖެހޭނީ، ޒިންމާދާރުގޮތެއްގައި. މިއަދުގެ ދުނިޔޭގައި ކޮންމެ މީހަކީވެސް، ކޮންމެ ބަޔަކީވެސް، ޒިންމާދާރު މީހަކަށް ނުވަތަ ބަޔަކަށްވާންޖެހޭނެ. އެއީ ސިޔާސީ ޒަޢީމަކަށްވިޔަސް، ނުވަތަ އަމިއްލަ ޖަމުޢިއްޔާއެއްގެ ވެރިޔަކަށްވިޔަސް، މެންބަރުން ކަމަށްވިޔަސް، ނުވަތަ އެހެން ވަސީލަތްތަކެއްގައި ޚިދްމަތްކުރާ ބަޔެއް ކަމަށްވިޔަސް، ކޮންމެ މީހަކުވެސް، ކޮންމެ ބަޔަކުވެސް، އެއީ ޒިންމާދާރު މީހަކަށް ނުވަތަ ބަޔަކަށްވާންޖެހޭ. އެމީހަކު އެކުރާ ކަމެއްގެ މަސްއޫލިއްޔަތު އުފުލާ މީހަކަށްވާންޖެހޭނެ. އެހެންވީމާ، މިނުކުތާއަކީވެސް، އަޅުގަނޑުމެން މިއަދު ވަރަށްބޮޑަށް ހަނދާންކުރަންޖެހޭނެ ނުކުތާއެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! މިއަދު ދިވެހިރާއްޖެ ވަރަށް މުހިންމު ބަދަލުތަކަކާ މިދަނީ ކުރިމަތިލަމުން. ދިވެހި ޤައުމަށް އިޞްލާޙީ ބަދަލުތަކެއް މިދަނީ އަންނަމުން. އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެން ބޭނުންވާ އިޞްލާޙުތައް، ކިތަންމެ ހަލުވިކޮށް، ކިތަންމެ ބާރަށް ގެނައިކަމުގައިވިޔަސް، އޭގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް އުފެދިގެނެއް ނުވާނެ. ޚިޔާލު ތަފާތުވިޔަސް، އެއީކީ ޤައުމުގައި ހަމަނުޖެހުން ނުވަތަ ބައިބައިވުން އުފެދުމަށް އޮތް ސަބަބެއް ނޫން. މިކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަންވާނެ. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދި، ދެކޮޅުވެރިކަން އުފެދި، އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުމުގެ ސިޔާސަތެއް ނުވަތަ އުޞޫލުތަކެއް ގެންގުޅޭކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ފައިދާއެއް، އަޅުގަނޑުމެންނަކަށް ނުފެންނާނެ. އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަކަށް ކުރިއެރުމެއް ނުލިބޭނެ.

މިއީވެސް މާދިގުކޮށް ދައްކަން ބޭނުންވާ ވާހަކައެއް ނޫން. އެއީ، މިކަމުގެ ޙަޤީޤަތް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތީ. އެއީ، ދުނިޔޭގެ ކޮންމެ ދިމާއަކުންވެސް ފެންނަ މަންޒަރުތަކުން އެނގޭގޮތުގައި، އެއްވެސް ޤައުމެއްގައި ބައިބައިވުމާއި، ދެކޮޅުވެރިކަމާއި، ފިތުނަވެރިކަން އުފެދިއްޖިއްޔާ، އެޤައުމެއް ކުރިއަކަށް ނުދޭ. އެޤައުމެއްގެ ރައްޔިތުން ބަރުދާސްތު ކުރަންޖެހެނީ، ވަރަށް ބޮޑެތި ހިތާމަތަކެއް. އަދި އެޤައުމެއްގެ މުސްތަޤްބަލް އޮންނަނީ ވަރަށް ބަނަކޮށް. އެހެންވީމާ، އަޅުގަނޑުމެންނަކީ، މިހާތަނަށް މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އެއްބައިވަންތަ އެކުވެރި ރައްޔިތަކު ދިރިއުޅޭ ޤައުމަކަށްވީތީ، އަޅުގަނޑުމެންގެ މެދުގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަކީ، އަޅުގަނޑުމެން މިއަދަށްޓަކައި އަދި އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް.

އާދެ! ކުރިންވެސް ދެންނެވި ފަދައިން، ޤައުމީދުވަހުގެ ރަސްމީ އިޙްތިފާލުގައި ބައިވެރިވުމަށް، ވިލިނގިއްޔަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ވިލިނގިއްޔާ ބެހޭގޮތުން އެއްޗެއް ދަންނަވާލާކަމަށްވަންޏާ، އާދެ! ވިލިނގިއްޔަކީ މުޅި ރާއްޖެއިން މަސްވެރިކަމަށް ފާހަގަކޮށްލެވޭ ރަށެއް ކަމުގައި ދަންނަވާލަންޖެހޭ. އަދި މަސްވެރިކަމަށް ރަނގަޅު ކުރިމަގެއް އޮތް ރަށެއް ކަމުގައިވެސް ދަންނަވާލަންޖެހޭ. އެހެންކަމުން، ވިލިނގިލީގެ ރައްޔިތުން، މަސްވެރިކަން ދިރުވައި ތަރައްޤީ ކުރެއްވުމަށްޓަކައި، އަދި މަސްވެރިކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ހޯއްދަވައިދެއްވުމަށްޓަކައި، އަދި މަސްވެރިން، އެ މަސްވެރިންގެ ޢާއިލާތަކުގެ ދިރިއުޅުން ތަނަވަސް ކުރެއްވުމަށާއި، ރަށުގެ ތަރައްޤީއަށްޓަކައި އެ ކުރައްވާ އަގުހުރި މަސައްކަތަށްޓަކައި، ވިލިނގިލީ ރައްޔިތުންނަށް، އަދި ޚާއްޞަކޮށް، ވިލިނގިލީ މަސްވެރިންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ވިލިނގިއްޔަކީ، ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއް. އާދެ! ހަނދުމަފުޅު ހުންނާނެ ފަދައިން، މީގެ ދެއަހަރެއްހާދުވަސް ކުރިން، އަޅުގަނޑު މިރަށަށް އައިސް، މިރަށަށް ލިބިފައިވާ ގެއްލުންތައް ބަލައިލިން. އެދުވަހު އަޅުގަނޑަށް ވަރަށްބޮޑު ހިތާމައެއް އިޙްސާސްކުރަންޖެހުނު. އެއީ، ލިބިފައިވާ ގެއްލުންތައް ބޮޑެތިކަމުން. އެކަން ރަނގަޅުކުރެވޭތޯ، އާދެ! ހަމައެކަނި ވިލިނގިއްޔެއް ނޫން. ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް، ސުނާމީ ކާރިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިގެއްލުންތައް ފޫބެއްދޭތޯ ނުވަތަ އޭގެކުރިން އަޅުގަނޑުމެން ދިރިއުޅުނު ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް އަޅުގަނޑުމެންނަށް ދެވޭތޯ ސަރުކާރުން މިގެންދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން. އެމަސައްކަތްތަކަށް، ބޭރުގެ އެހީވެސް ލިބެމުން އެބަދޭ. އެހެން ނަމަވެސް، އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް، ބޭނުންވާހާ ގިނައިން، އެ އެހީ ލިބެމުން ނުދާތީ، އަދި މިގެއްލުންތައް ފޫބައްދައި، އަޅުގަނޑުމެން އިހުތިބި ހާލަށްވުރެ ރަނގަޅު ޙާލަތަކަށް ގެންދިޔުމަކީ، އަޅުގަނޑުމެންގެ ފައިސާގެ ތަނަވަސްކަންހުރިގޮތުން، އަޅުގަނޑުމެންނަށް އެކަނި ކުރެވޭވަރުގެ ކަމަކަށް ނުވާތީ، ކަންތައްތައް ތަންކޮޅެއް ލަހުން ކުރިއަށް މިދަނީ. އެހެން ނަމަވެސް، ވިލިނގިލީ ރައްޔިތުން، ސުނާމީ ކާރިސާގެ ހިތާމަތައް ތަޙައްމުލު ކުރައްވަމުންވެސް، އަދި މިރަށަށް ލިބެންޖެހޭ އެހެން ޚިދްމަތްތައް ލިބުން ދަތިވެފައިވަނިކޮށްވެސް، މިހާރުވެސް ވަރަށް އެކުވެރިގޮތެއްގައި ސަރުކާރާ އެއްބާރުލައްވައިގެން، މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް.

ވިލިނގިއްޔަކީ، އަތޮޅުގެ އެންމެބޮޑު އާބާދީ އޮތް ރަށް. ހަމައެހެންމެ، މިއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށްވެސްމެ. އެހެންވީމާ، މިހާރުވެސް ރައްޔިތުން ތިޔަ ޢަމަލުކުރައްވަމުން ގެންދަވާގޮތަށް އަދި އެހެން ރަށްރަށުގެ މީހުންނަށް ފަހި މާޙައުލެއް ކަމުގައި، ވިލިނގިލީގެ މާޙައުލު އަބަދުވެސް ބޭއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

މިރަށަށް މިހާރު ދިމާވެފައިވާ ދަތިތަކުގެ ވާހަކަ، މިރަށުގެ ބޮޑުކަތީބު އަލްފާޟިލް ޢަބްދުލްމަޖީދު އަޅުގަނޑަށް ވަނީ ވިދާޅުވެދެއްވާފައި. އެކަންކަމަކީ، ސަރުކާރުގެ ވިސްނުމުގައި ބަހައްޓާނެ ކަންތައްތަކެއް ކަމުގައި ދަންނަވާލަން. އޭގެތެރެއިން، ވަރަށްގިނަ ކަންތައްތަކަކީ، އެހެން ރަށްރަށަށްވެސް ދިމާވެފައިވާ ދަތިތަކެއް ކަމަށްވާތީ، ސަރުކާރުން ހުރިހާ ރަށަކަށްވެސް އެއްހަމައަކުން ޚިދުމަތްދޭން ޖެހޭނެތީއާއި، އަދި އެހީތެރިކަން ފޯރުވައިދޭންޖެހޭނެތީ، އިރާދަކުރެއްވިއްޔާ އެގޮތުގެ މަތިން، އެކަން ގެންދާނެ ވާހަކަ ދަންނަވާލަން.

މިރަށަކީ، މަސްވެރިކަމަށް މަޝްހޫރު ރަށަކަށްވާތީ، މިރަށުގެ ދެބޭފުޅަކަށް މަސްވެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތުމަކީ، އަޅުގަނޑުމެން ޙައިރާންވާންވީ ކަމެއް ނޫން. އާދެ! މިރަށުގެ ދެބޭފުޅަކަށް، އެއީ، ވިލިނގިލީ ކަނޑުއޮޅި އަލްފާޟިލް އިބްރާހީމް ޝިހާބަށާއި، ވިލިނގިލީ ނަރުގިސްވިލާ އަލްފާޟިލް މުޙަންމަދު ޒަޢީމަށް ވަނީ، މަސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައި. އެހެންވީމާ، އެދެބޭފުޅުންނަށާއި އަދި ވިލިނގިލީ ރައްޔިތުންނަށް، އަޅުގަނޑު މިމުނާސަބަތުގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! މިރަށަށް އަޅުގަނޑު މިކުރާ ދަތުރުގައި، އެހެން މުހިންމު ކަމެއްވެސް، އަޅުގަނޑުގެ ޕްރޮގްރާމުގައި މިރޭ ހަމަޖެހިފައި އެބައޮތް. އާދެ! އެއީ ހުވަދުއަތޮޅު އުތުރުބުރީގައި، އެސް.ޓީ.އޯ.އިން ޤާއިމު ކުރައްވާ ވިޔަފާރި މަރްކަޒު، މިރަށުގައި ހުޅުވައިދިނުން. އަތޮޅުތަކުގައި އެސް.ޓީ.އޯ.އިން ހިންގަވާ ފިހާރަތަކަކީ، ރައްޔިތުންނަށް އިތުބާރުހުރިގޮތެއްގައި ކާޑުގެ ބާވަތްތައް ފޯރުވައިދެއްވުމަށާއި، ގެދޮރުއެޅުމަށާއި، ޢާންމު ދިރިއުޅުމަށް ބޭނުންވާ މުދާ، ލުއިފަސޭހަގޮތެއްގައި ލިބިދެއްވުމަށް ހިންގަވާ ފިހާރަތަކެއް.

އެހެންވީމާ، ވިލިނގިލީގައި އިރާދަކުރެއްވިއްޔާ މިރޭ މިފިހާރަ ހުޅުވުމުން، މިރަށުގެ ރައްޔިތުންނަށާއި، މިއަތޮޅުގެ ރައްޔިތުންނަށް، ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. ސަރުކާރުގެ މަޤްޞަދަކީވެސް ހުރިހާ ކަމެއްގައިވެސް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުން.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، ޤައުމީދުވަހުގެ މުނާސަބަތުގައި، ވިލިނގިލީ ރައްޔިތުންނަށާއި، މިއަތޮޅުގެ ރައްޔިތުންނަށާއި، އަދި ޢާންމުކޮށް، ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުންނަށް، ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަން. އަދި އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކޮށް ހިމާޔަތްކުރުމަށް، އަދި ދިވެހިރާއްޖެއަކީ، އަބަދުވެސް މިނިވަން މުސްތަޤިއްލު ޤައުމެއްގެގޮތުގައި ބޭއްވުމަށް، މާތްﷲ، އަޅުގަނޑުމެންނަށް، އެކަލާނގެ މަދަދާއި ތައުފީޤު ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން. އަދި އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، އަޅުގަނޑުމެންގެމެދުގައި ހަމަޖެހުމާއި، އަމާންކަމާއި، ސުލްހަމަސަލަސްކަން ޤާއިމުވެފައިވާ އަދި ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުންދާ ބަޔެއްގެގޮތުގައި ލެހެއްޓެވުން އެދި ﷲގެ ޙަޟުރަތުގައި އިބްތިހާލުވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.